"އަހަރުމެންގެ އިޝާންއާ މުސްކާންއާ ގުޅެން އަހަރުމެން ބޭނުންވަނީ." ސަނާ ހާމަކޮށްލިއެވެ. ރަމްލާއަށް ލިބުނު ހައިރާންކަމާއެކު އެނބުރި ބަލައިލެވުނީ ކައިރީގައި އިން ޣަފޫރަށެވެ. އެވަގުތު އޭނާ އެއްޗެއް ބުނަން އުޅެނިކޮށް ޣަފޫރު އެއަތުގައި ހިފާ ހުއްޓުވުމުން ހިމޭންކަން އިޚުތިޔާރު ކުރިއެވެ. "ތީގަ އަހަރެމެން ވަކި ބުނާނީ ކީކޭ؟ މުސްކާންއަށް ރަނގަޅު ގޮތެއް ވަންޏާ އަހަރެމެން ތިބޭނީ އުފަލުން. އަދި އިޝާންއަކީ އަހަރެމެން ނުހަނު ހިތްހަމަޖެހޭ ޒުވާނެއް. އެކަމަކު މީގަ މައްސަލައަކީ މުސްކާން ބުނާނެ އެއްޗެއް ނޭނގޭތީ." ޣަފޫރު ދެމީހުންގެ ފަރާތުން ވާހަކަދެއްކިއެވެ. ޚުދު ރަމްލާވެސް ބަލަން އިނީ ފިރިމީހާގެ އެވާހަކައާ ހިތްހަމަޖެހިފައެވެ. ވެދިޔަ ތަނުގައި ދަރިފުޅު ކުރިމަތިލި ކަންތައްތަކަށްފަހު އެމީހުންގެ ހަމައެކަނި އެދުމަކީ މުސްކާން އުފަލުގައި ހުރުމެވެ. ޖެހިލުންވަނީ އިޝާންއާ ގުޅެންވެސް މުސްކާން ނުޤަބޫލުވެދާނެތީއެވެ.

"މުސްކާން ކައިރީ އަދި އެއްވެސް ވާހަކައެއް ބުނާނެ ކަމެއް ނެތް. އަހަރެމެން ބޭނުމެއް ނުވޭ މި ގުޅުމަކީ މައިންބަފައިން ބޭނުންވެގެން ކުރާ ކަމެއް ގޮތަށް މުސްކާންގެ ހިތުން ޤަބޫލު ކުރާކަށް. އޭގެ ބަދަލުގައި އަހަރުމެން ހަމަ އެއްވެސް ކަމެއް ނުކޮށް ބަލަން ހުންނާނީ. އަހަރެމެން އެދެނީ އިޝާންއާ މުސްކާންގެ މެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ތަރައްޤީވެ މުސްކާންއަށް އެންމެގާތުން އިޝާންގެ އިހްސާސްތައް ދެނެގަނެވުން. އެހިސާބުން މުސްކާންގެ ހިތްވެސް އިޝާންއަށް ދެވިއްޖެއްޔާ އަހަރުމެންގެ މަޤްސަދު ހާޞިލްވީ. އެކަމަކު އެހާތަނަށްވެސް މުސްކާންއާ އިޝާންއަށް އެނގިގެން ނުވާނެ އަހަރުމެން ބޭނުންވާ އެއްވެސް ކަމެއް. އޭގެ ބަދަލުގައި އެދެމީހުން އެމީހުންގެ ގުޅުމާއިގެން އަހަރުމެން ކައިރިއަށް އައުން އަހަރެމެންގެ އެދުމަކީ." ސަނާ ވިސްނަން އިނދެގެން ދެއްކި ވާހަކަ އެތާ ތިބި އެންމެންނަށްވެސް ކަމުދިޔައެވެ.

ވާރޭ ހުއްޓާލުމުން ނާޝިދުމެން ނިކުންނަން ދިޔަ ވަގުތު ވީ އިއްތިފާޤުން މުސްކާންވެސް އައިސް ގެއަށް ވަންނަން ދިމާކުރި ގަޑިއަށެވެ. ކުރިމަތިން އެދެމީހުން ފެނިގެން މުސްކާންގެ މޫނު އުޖާލާވެގެން ދިޔައިރު ކުޑަ ހައިރާންކަމެއްވެސް ލިބިގެން ދިޔައެވެ. "މަންމާ! ބައްޕާ! ކީއްކުރަނީ މިގޭގަ؟ ކަމަކުތަ ތިއައީ؟" މުސްކާން އެތެރެއަށް ދެމިގެންފައި އަވަސް އަވަހަށް ސުވާލު ކުރިއެވެ. ފިނީގެ އަސަރުކޮށްފައި ހުރުމުން އޭނާ ތަކުރާރުކޮށް ދެފަހަރު މަތިން ކިބިހި އަޅައިލިއެވެ. "އަލްހަމްދު ލިލާހި. މުސްކާން ކިބިހި އަޅަނީނު ތި. އިތުރަށް ގޯސް ނުވަނީސް އަވަހަށް ދޭ ފެންހިއްކަން." ސަނާ ކަންބޮޑުވީ މުސްކާންއާ މެދުގައެވެ. ބައްދަލުނުވެ ގިނަ ދުވަސް ވުމުން މުސްކާންގެ މައިންބަފައިންނާ ބައްދަލުކޮށްލަން އައީކަމަށް ބުނުމުން މުސްކާންވެސް އިތުރަށް އެމީހުން ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ތުވާލިން ފެންހިއްކަމުން އައިސް އިށީންދެލީ މޭޒުކައިރީގައެވެ. ލެޕްޓޮޕް ހުޅުވާފައި ފޭސްބުކަށް ވަދެލިއިރު މެސެޖެއް އައިއްސައި ހުއްޓެވެ. މެސެޖް ހުޅުވާލައިފައި މުސްކާންއަށް ފެންހިއްކުން ހުއްޓައިލެވުނެވެ. ހަމައެކަނި ހާލު އަހާފައި ސާމީ ފޮނުވާފައި އިން ކުރު މެސެޖަށް ބަލަން އޭނާއަށް އިނދެވުނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ހަމައެކަނި ސާމީގެ ހިތުގައި އުފެދުނު އިހްސާސަކުން އެދެމީހުންގެ ގުޅުމަށް ބުރޫ އެއެރީ ކިހާ ބޮޑަށް ހެއްޔެވެ؟

ބަލާފައި ޖަވާބު ނުފޮނުވައިފިނަމަ ސާމީ މާބޮޑަށް ދެރަވެދާނެތީ މުސްކާން "ފައިން" ޖަހާފައި ޖަވާބު ފޮނުވައިލުމަށްފަހު ތެދުވިއެވެ. ނިދާލަން ގަސްތުކޮށްގެން އޮވެ ލޯމަރައިލުމުން އިރުކޮޅެއް ވަންދެން ނިދުނެވެ. ހޭލެވުނުއިރު އިތުރަށް ކިހިބި އެޅިފައި ނޭފަތުން ފެން ފައިބަން ފަށައިފިއެވެ. ބޮލުގައިވެސް ރިއްސަނީ ނުހަނު ބޮޑަށެވެ. މުސްކާން ޓިޝޫ ފޮށްޓެއް ކައިރިކޮށްލައިގެން އެނދުގައި އޮތްއިރު ނޭފަތު ކުރިއާއެކު މޫނުގެ ބޮޑުބައެއް ހުރީ ފިޔާތޮށިކުލަ އަރާފައެވެ. އެހާލުގައި އޮތްވާ ލީވާން ސައިބޯން ބޭރަށް ދާންވެގެންނޭ ކިޔާފައި ގުޅިއެވެ. މުސްކާންގެ އަޑުން އެކަނިވެސް އައިސް ހުރި ބަދަލު ދެނެގަނެވިގެން ލީވާން ހާސްވިއެވެ. އޭނާ ކުއްލިއަކަށް ފޯން ކަނޑާލައިފައި ގިނައިރެއްނުވެ ފެނުނީ މިރާހްއާ ދެމީހުން ކޮޓަރިއަށް ވަދެގެން އަންނަތަނެވެ.

"ސާބަހޭ ތީ މަގޭ ފެމެލީ ޑޮކްޓަރުތަ؟" މުސްކާން އެވަރުންވެސް ހަމަޖެހިލަން މަސައްކަތް ކުރަމުން ތެދުވެ އިށީންދެލިއެވެ. "ފެމެލީ ޑޮކްޓަރ ފޮނުވައިގެންނޭ އަހަރުމެން މިއައީ. ސިސް ބަލިވީމަ އަހަރެން އަވަހަށް ގުޅީ އިޝާންއަށް. އޭނަ ހޮސްޕިޓަލުގަ ބިޒީކޮށް އުޅޭތީ ނާދެވިގެން އަހަރެން ކައިރީ ބުނީ މިއެއްޗެހި ގަނެގެން ގެނެސް ކާންދޭން." ލީވާން އަތުގައި ހުރި ކޮތަޅު ޑްރެސިންޓޭބަލް މަތީ ބެހެއްޓިއެވެ. މިރާހް އިށީންދެލީ ލިޔާމޭޒު ކައިރީ ހުރި ގޮނޑީގައެވެ. އެވަގުތު ލީވާން ކުއްލިއަކަށް ބޭރަށް ނިކުމެފައި ދެން އައީ މުސްކާން މަންމަގެ އެހީ ހޯދައިގެން ތަށްޓަކާއި ވަޅިއެއް ހިފައިގެންނެވެ. "ޕިސް ޕިސް މިއޮތް ކަމެއް. ތިއުޅެނީ ލީވާން ބަލިވާއިރަށް އަހަރެން ގެންގޮސް ކައިރީގައި ބައިންދާނެ ގޮތެއް ނޭނގިގެން ދޯ." މުސްކާން ތަށި އަތުލަން އުޅުމުން ލީވާން އަވަހަށް ފަހަތަށް ޖެހިގެންފައި ދުރަށް ދިޔައެވެ. އޭނާ ކޮތަޅުން ނެގި އޮރެންޖެއް ތޮށި ފިލުވައި ހުއްތައް ވަކިކޮށްލުމަށްފަހު ތަށީގައި އަތުރައިގެން ގެނެސް މުސްކާން މަގަތުގައި އިށީންދެފައި ހުތެއް ނަގައި ދިއްކުރިއެވެ. މުސްކާން އޭގައި ހިފަން އުޅުމުން އެގޮތާއިވެސް އެއްބަސްނުވެ ސީދާ ލެވީ އަނގައަށެވެ. އޮރެންޖް ހުތްވެ މުސްކާން އަނގައަށް ހަދައިލި ގޮތުން ދެމީހުންނަށްވެސް މަޖާވިއެވެ. އިރުކޮޅަކުން ރަމްލާ އެތެރެއަށް ވަނީ އިނގުރު ސައިތައްޓެއް ހިފައިގެންނެވެ.

"މިވެސް މިމީހުންގެ ކަންތައް ދޯ." މުސްކާން މަންމަ ކުރެން އަހައިލިއެވެ. ރަމްލާ ހިނި އައިއްސައި ބޯޖަހައިލުމުން މުސްކާން އަތްޖެހޭ ހިސާބުގައި އޮތް ކުޝަންއަކުން ލީވާން ބުރަކަށީ ޖެހިއެވެ. "މަށަކަށް ނުކެރޭނެ އިނގުރު ސައި ބޯކަށް. ލީވާން އެސައިތަށި ބޮއޭ." މުސްކާން ވަގުތުން ދެކޮޅު ހެދިއެވެ. "އެއީ ދޮގެއް ދައްތާ. ސައިތަށި ގެނޭ! އަހަރެން ތި ކޮންމެވެސް ގޮތަކުން މީނަ އަނގައިން އެތެރެ ކުރުވާނަން." ލީވާން ހީގެންފައި ތެދުވެ ރަމްލާ އަތުން ސައިތަށި އަތުލިއެވެ. އެތަން ފެނިގެން މުސްކާން އެނދުން ފުންމާލައިގެން ދުވެ ގޮސް ފާޚާނާއަށް ވަންއިރު ދެންމެ ބަލިވެ އޮތް ކުއްޖެއްހެނެއްވެސް ހިއެއް ނުވެއެވެ. އޭނާ ދޮރުފަތުގައި ލެނގިލައިގެން ހުރިއިރު މިރާހްއާ ދެމީހުން ހީހީފައި ނިކުންނާށޭ ގޮވާއަޑު އިވެއެވެ. އިރުކޮޅަކުން ދެމީހުންގެ އަޑު ކެނޑުމުން މުސްކާން ވިސްނަން ހުރީ އެދެމީހުންގެ ކޮންމެވެސް މަކަރެއްކަން ޤަބޫލު ކުރެވިގެންނެވެ.

"އޭ ކޮން ސާމީއެއްތަ މިއޮތް މެސެޖް ކުރަނީ. ރިޕްލައިކޮށްލަން ވެއްޖެ ކިޔާއެއްޗެއް ބަލައިލަން." ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ލީވާން ވާހަކަދެއްކި އަޑަށް މުސްކާންއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އޭނާ ތެޅިގަނެފައި ދޮރު ހުޅުވާލިއިރު ދެމީހުން ތިބީ މޭޒުމަތީ ހުރި ލެޕްޓޮޕް ހުޅުވައިގެން އެއަށް ބަލާށެވެ. "ރިޕްލައި ނުކުރާތި!" މުސްކާން ދުވެފައި އެދިމާއަށް އަންނަމުން ބާރުބާރަށް އަމުރުކޮށްލިއެވެ. އެތަން ފެނިގެން ލީވާން އެލެޕްޓޮޕް އަތަށް ނަގާފައި އޭނާއަށް އަތުނުވާން ދުވަން ފެށިއެވެ. މިރާހް ހީލާ ހީލާ ހުރީ ދެމީހުން އުޅޭގޮތް ބަލާށެވެ. "ރިޕްލައި ކުރަނީ މި އައި ލަވް ޔޫ ޖަހާފަ." ލީވާން މަޖާވެފައި ބުނިވާހަކައިން މުސްކާން ގޮތް ހުސްވިއެވެ. ކިތަންމެ ވަރަށް ދުވިއަސް އަތުނުވާނެކަން އެނގިގެން އޭނާ ހުއްޓުނީ ގޮތް ދޫކުރާ ގޮތަށް ނިންމާފައެވެ. "އޯކޭ ސައިތަށި ބޯނަން. އެކަމަކު ތިލެޕް ހުރިގޮތަށް ބަހައްޓާ މަތިން." މުސްކާން އެންމެ ފަހުން އެއްބަސްވިއެވެ.

"ނައު.. ދެޓްސް މައި ގާރލް." ލީވާން ބޭނުންވިގޮތް ވުމުން ލެޕްޓޮޕްއެނދުމައްޗަށް ދޫކޮށްލައިފައި ސައިތަށި ނަގައިގެން ގެންގޮސް މުސްކާން އަތަށް ދިނުމުން އޭނާ ގަދަކަމުން ކުދި ކޯވަރުތަކުން ބޯންފެށިއެވެ. ރަމްލާ ސައި ތައްޔާރުކޮށްފައި އައިސް ގޮވުމުން ތިން މީހުން ނިކުމެ މޭޒުދޮށުގައި ތިބިއިރު މުސްކާން އަދިވެސް ސައިތަށިން އަތް ދޫކޮށްނުލައެވެ. އޭނާ ތަށި ބެހެއްޓީވެސް ފަހު ކޯވަރު އަރުން އެތެރެ ވީމައެވެ. އެމީހުން އެތާ ތިއްބާ އިޝާން ގުޅުމުން މުސްކާންވެސް ކުޑަކޮށް ވާހަކަދެއްކިއެވެ.

"ސައިވެސް ލިބިއްޖެ. ކުރަން އައި ކަންތައްވެސް ކާމިޔާބުވެއްޖެ. ދެން ދަނީ އިނގޭ. ފަހުން އަދި ބަލާނަން ޖައްސާލެވޭތޯ. އެކަމަކު ހަނދާންކޮށް ކޮތަޅުގަ ހުރި އޮރެންޖްތައް ހުސްކުރާތި!" ލީވާން ދާންވެގެން ދޮރާއި ހަމައަށް ގޮއްސައި މުސްކާން އަތަށް ފިތާލައި ވަދާޢުގެ ސަލާމްކޮށްލިއެވެ. މިރާހްވެސް ހިނިތުންވުމާއެކު ހަނާ އަޅާލުމަށްފަހު ދެމީހުން ގޮސް ކާރަށް އެރުމުން މުސްކާން ވަދެ އިށީންދެލީ ސިޓިންރޫމް ސޯފާގައެވެ. މަންމަ ނިކުމެ ހާލު ކިހިނެތްތޯ އެހުމުން އޭނާ ބުނީ ކުރިއަށްވުރެ ރަނގަޅު ކަމަށެވެ. ކިބިހި އެޅުންވެސް ހިސާބަކަށް މަޑުޖެހި ބޮލަށް ލުއި ކަމަށް ފާހަގަކުރެވުނެވެ. އަނގައަށް ކިތަންމެ ހިތި ނަމަވެސް އެސައިތަށި ބޯލުމުން އެހާ އަވަހަށް ލުއި ވީ ކަންނޭނގެއެވެ.

އެރޭ މުސްކާން ތަންކޮޅެއް އަވަހަށް ނިދަން ޖައްސައިލިއެވެ. ހޮސްޕިޓަލުން ނިމިގެން ގެއަށް ދިޔަ މަގުމަތީ އިޝާން އެގެއާ ކައިރިކޮށްލީ އެގަޑިއަށެވެ. ނިދާބޮކި ދިއްލާފައިވާ މުސްކާންގެ ކޮޓަރިއަށް ބަލަން ކާރު މަޑުކޮށްގެން އިންނަތާ އިރުގަނޑެއް ފަހުން ކޮންމެވެސް މީހަކު ދޮރުފަތުގައި ތަޅާލުމުން ސިހިފައި ބަލާލެވުނެވެ. ކުޑައެއް ހިފައިގެން ބޭރުގައި ހުރީ ރަމްލާއެވެ. އެގާރަ ޖެހުމުގެ ކުރިން ފިހާރައިން ގަނެލަން ހުރި ބައެއް ތަކެތި ހޯދައިގެން އައިއިރު އެކާރު ދޮރުމަތީ އޮތުމުން ލޮލުގައި އަޅައިގަތީއެވެ.

"ކީއްވެ މިތާ ތިއިނީ؟ ހިނގާ އެތެރެއަށް!" އިޝާން ލޯގަނޑު ތިރިކޮށްލުމުން ރަމްލާ ދައުވަތު ދިނެވެ. "ނޫނޭ. މިހާރު މާލަސްވެއްޖެ. މުސްކާންވެސް ނިދީއެއްނު. ދެން އެހެން ފަހަރަކުން." އިޝާން ލުއި ހިނިތުންވުމަކާއެކު ދެކޮޅުހެދިއެވެ. ރަމްލާއަށް އޭނާ އެތަނުން ފެނުމުން އިޝާން އިނީ ހިސާބަކަށް ރަކިވެފައެވެ. ވައްކަމެއް ކުރަނިކޮށް ވަގު ހިފިއަސް ކަންބޮޑުވާނީ އެވަރަކަށެވެ. "ދިޔައީމައެއްނު އިނގޭނީ މުސްކާން ހޭލާވެސް އުޅެފާނެ. ރޯގާގެ ސަބަބުން އޭނާއަކަށް ރަނގަޅަކަށް ނުއެއް ނިދޭ މިރޭ. ދެފަހަރު ނިކުތް ސިޓިންރޫމަށްވެސް. ހިނގާބަލަ އެތެރެއަށް ކޮފީވެސް ހަދައިދީފާނަމޭ." އެހާ ކައިރީގައި ހުރެފައި ގެއަށް ނުވައްދާ ފޮނުވާލަން ރަމްލާގެ ހިތެއް ނުރުހުނެވެ. އެހެންނޫނަސް އިޝާން އެހާ ފިނީގައިވެސް އެއައީ މުސްކާންގެ ހާލު ދެކެން ވެގެންނެވެ. ސަނާގެ ވާހަކަ އަޑު އިވިފައި އޮތަސް އިޝާން މުސްކާންދެކެ ލޯބިވާކަމާމެދު ރަމްލާއަށް ފުރަތަމަ ފަހަރަށް ވިސްނައިލެވުނީ އެވަގުތުކޮޅެވެ. އޭނާ ގަދައެޅުމުން އިޝާންވެސް އެންމެފަހުން އެއްބަސްވެގެން ކާރުން ފައިބައިފިއެވެ.

އިޝާން ދިގުވެ ރަމްލާގެ ކުޑަދޮށުގައި އޭނާ ހުންނަން ޖެހުނީ ކުޑަކޮށް ގުދުވެލައިގެންނެވެ. އެތެރެއަށް ވަންއިރު ސިޓިންރޫމް އޮތީ ފަޅަށެވެ. ރަމްލާ ކުޑަ ބަހައްޓާފައި މުސްކާން ކޮޓަރިއަށް ވަންނަން ދިއުމުން އިޝާން ސޯފާގައި އިށީންދެލިއެވެ. "މުސްކާން ނިދިފަ އޮތީ. އެކަމަކު ދެން ގެއަށް ވަދެފަ ކޮފީ ނުބޮއި ދާނެ ކަމެއް ނެތް. އިހަށް މަޑުކޮށްލާ އިނގޭ. އަންނާނަން ކޮފީ ތައްޔާރުކޮށްގެން." ރަމްލާ އެނބުރި އައިއްސައި ވާހަކަދެއްކުމުން އިޝާން ހަމައެކަނި އެއްބަސްވެ ބޯޖަހައިލިއެވެ. އެތެރެއަށް ވަދެފައި ފޯނެއް އައިސްގެން ރަމްލާ ވާހަކަދައްކާ އަޑު އިވެން ފެށުމުން އިޝާން ދެފިކުރެއްގައި ހުރެފައި ގޮސް މުސްކާން ކޮޓަރި ދޮރު ހުޅުވައިލީ އެމޫނު ދެކެން ހިތް އެދުނު ވަރުންނެވެ. އެހާ ހިސާބަށް އައިސް ކުޑަމިނުން ދެކެނުލައި ދާން ހިތަށް ކެތްވާނެ ހެއްޔެވެ؟

ފަނޑު ފެހިކުލައެއް ވެރިވެފައިވާ ކޮޓަރިތެރޭގައި އެނދުގައި އޮތް މުސްކާން ފެނުމުން ދެފައި ހަރަކާތް ކުރަން ފެށީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. އިޝާން އެދޮރުން ވަދެގެން ގޮސް އެނދާއި ދާދި ގާތަށް ހުއްޓިފައި ކަޅި ޖަހާނުލާ ހުރެގެން މުސްކާންގެ މޫނަށް ބަލަމުން ދިޔައެވެ. ނިދިފައި އޮތްއިރު މައުސޫމުކަމުން ބޮސްދޭހާ ފުރިހަމައެވެ. ރޯގާގެ ސަބަބުން އުދަނގޫވެގެން އުޅޭކަން އެނގުނީ ނޭވާގައިވެސް އަޑެއް ހިފާފައި ހުރުމުންނެވެ. ހަމައެކަނި ބަލަން ހުންނަން އެވަގުތު އިޝާންގެ ހިތެއް ހުއްދައެއް ނުދިނެވެ. މަޑުމަޑުން ގުދުވެލާފައި މުސްކާންގެ ނިތުގައި ތުންފަތް ބޮސްދިނުމަށްފަހު އޭނާ ހިންދެމިލިއެވެ. އެވަގުތު އަމިއްލައަށްވެސް ހިނިތުންވެލެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ރަމްލާ މަތިން ހަނދާންވެފައި ގިނައިރު ނުކޮށް ނިކުތްއިރު ނަސީބަކުން ފެންނާކަށް ނެތެވެ. ރަމްލާ އައީ އިޝާން ނިކުމެ ސޯފާގައި ޖައްސާލިތަނާއެވެ. ކޮފީ ބޮއިގެން ދިއުމުގެ ހުއްދައަށް އެދުނުއިރު އޭނާ ތަކުރާރުކޮށް ބުނެލީ ކަމެއް ގޯސްވަންޏާ އޭނާއަށް ގުޅުމަށެވެ. އެއީ ރޭގަނޑުގެ މެންދަންވިއަސް މުސްކާންއަށް އެހީވާން އޭނާ އަންނާނެކަމާމެދު ޚުދު ރަމްލާއަށްވެސް އެވަގުތު ހިތާއި ހިތުން އެއްބަސްވެވުނެވެ.

ރޯގާގެ އަސަރު ހުއްޓަސް މުސްކާން ޖެހިގެން އައި ދުވަހު ޑިއުޓީއަށް ދާން ތައްޔާރުވިއެވެ. ހޫނު ފެނުން ފެންވަރާލައިގެން ނިކުމެ އިނގުރު ސައިތައްޓެއް ބޯލުމުން ތާޒާކަން ލިބި ބައްޔަށް ލުއިވިކަން އިހްސާސްވިއެވެ. ފޯނު ބަލާލިއިރު މިރާހްއާ ލީވާން އަދި އިޝާންވެސް ވަކި ވަކިން ހާލު އަހާފައި މެސެޖްތައް ކޮށްފައި ހުއްޓެވެ. ހެނދުނު ދޮރުހުޅުވާލުމުން ކުރިމަތިން ބައްދަލު ކުރީ "ގެޓް ވެލް ސޫން" ޖަހާފައިވާ ބުކޭ ތަކެވެ. އޭނާގެ އެކުވެރިން އޭނާއާމެދު އަޅައިލުން ބަހައްޓާވަރު ދެކެފައި މުސްކާންގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. އޭނާ މާބޮނޑިތައް އެތެރެއަށް ވައްދާފައި ވާސްތަކުގައި ޖަހަން މަންމައާ ހަވާލު ކުރުމަށްފަހު ނިކުމެގެން ދިޔައެވެ.

ދެދުވަހަކު ކުރި ވިއްސާރައަށްފަހު އުޑުމަތި އޮތީ ނިކަން ރީތިކޮށެވެ. ވިލާ ރޮއްޖެއް ނެތް ތާނގައި ވައިރޯޅިއެއްވެސް ނުވެއެވެ. މުސްކާން މަސައްކަތުގައި އުޅެލާފައި ބްރޭކް ލިބިގެން ނިކުންނަނިކޮށް ފޯނަށް މެސެޖެއް އައިސްގެން ބަލާލިއިރު އިޝާންއެވެ. އިޝާން ލިޔެފައި އޮތީ ބޭރުގައި އިންތިޒާރުގައި ހުރި ވާހަކައެވެ. އިޝާންއަށްވެސް ބްރޭކް ލިބުމުން އެއައީ ސީދާ މުސްކާން ކައިރިއަށެވެ. "އަރާބަލަ!" މުސްކާން ގޮސް ކައިރިވިތަނާ އިޝާން ލޯގަނޑު ތިރިކޮށްލާފައި އެދުނެވެ. "އައެމް ޓޭކިން ޔޫ ޓު ޑިނަރ." މުސްކާން އަރާ ހަމަޖެހިލުމުން އިޝާން އޮޅުންފިލުވައިދިނެވެ. ވަކި ހާއްސަކަމެއް ރާވާފައި ނެތުމުން މުސްކާންވެސް ދެކޮޅެއް ނުހަދައެވެ. "ރަނގަޅުތަ މިހާރު؟ އިތުރު ގޮތެއް ވޭތަ؟" އިޝާންގެ އަޑުގައި އަޅާލުން ވިއެވެ. މުސްކާން ހާލަތު ހުރިގޮތް ކިޔައިދިންއިރު ފަރުވާވެ އިޝާންގެ މޫނަށް ބަލައިލެވުނެވެ.

އިޝާން އެކާރު ހުއްޓީ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ދެމީހުން ވަދެގެން ގޮސް މޭޒުދޮށުގައި އިށީނުމުން ދެތިން މިނިޓްތެރޭ ކާއެއްޗެހި ގެނެސް އަތުރާލައިފިއެވެ. މުސްކާންއަށް އިޝާން ގެނެސްދީފައި ހުރީ މީރު ސޫޕް ތައްޓަކާއެކު ފުރުޓް ސެލެޑްއެކެވެ. އަނގައިގެ ރަހައަށް ބަދަލު އައިއްސައި ހުއްޓާ އެކެއުން މުސްކާންއަށް ވަރަށް ކަމުދިޔައެވެ. އިޝާންއަށް ހީވަނީ އޭނާގެ ހުރިހާ ކަމެއް އެނގިގެން އުޅޭހެންނެވެ.

"ވަރަށް މީރު. ތޭންކްސް އިޝާން. ޔަޤީން ގެއަށް ދިޔަ ނަމަ މިއަދު ކާން ނުކެރިގެން އަންނަން ޖެހުނީހީ." މުސްކާން ކާން އިނދެފައި ޝުކުރު އަދާކުރުމުން އިޝާން ހިނިތުންވެލީ ހިތްހަމަޖެހިގެންނެވެ. އޭނާ ކުރާ ކަމަކުން މުސްކާންއަށް އުފަލެއް ލިބުމަށްވުރެ ބޮޑު ހަމަޖެހުމެއް ނެތެވެ.

"ގޭގެ ވާހަކަ ބުނާއިރަށް މަންމަ އެބަ ގުޅާ." ފޯނު ރިންގް ވާ އަޑަށް ބަލާލައިފައި މުސްކާން ބުނެލިއެވެ. އޭނާ އެފޯނު ނަގަން އަވަސްވެގަނެގެން ސަމްސާ ދޫކޮށްލެވުނު ގޮތަކުން ތަށީގައި ހުރި ހޫނު ސޫޕްއިން ބައެއް އަތަށް ބުރިއެވެ. ތަދުވެގެން އަނގައިން އަޑެއް ލައްވާލައިފައިވެސް އެތާ މީހުން ތިބިކަން ހަނދާންވެގެން ދެތުންފަތް ޖައްސާ ބާރުކޮށްލެވުނެވެ. އެވަގުތު އިޝާން އަވަހަށް ޓިޝޫއަކަށް އައިސްކިއުބްކޮޅެއް އަޅާފައި ހޫނުވިތާ ޖައްސާބާރުކޮށްލިއިރު މުށުތެރޭ އެއަތްތިލަ ފިއްތައިލިއެވެ.

ކޮމެންޓް 0