"އެހެންވިއްޔާ ބުނެބަލަ! ކާކުދެކެ މިހާރު ބޮޑަށް ލޯބިވަނީ؟ އައިޒަންދެކެތަ؟ ނޫނީ އިޝާންދެކެތަ؟" ލީވާންގެ ސުވާލުން އެތާގައި ބޮމެއް ގޮއްވައިލި ކަހަލައެވެ. މަޖާ މޫޑުގައި ތިބި އެންމެން ސީރިއަސް ދަރަޖައަށް ވެއްޓިގެން ދިޔައެވެ. އިޝާން ބަލައިލިއިރު މުސްކާންގެ މޫނު ހުރީ ހުދުވެފައެވެ. ޝައިލީންއަށް ނީނދެވިގެން ލީވާން އަތުގައި ވިކައިގެންފައި ސުވާލު ބަދަލު ކުރަން އިޝާރާތް ކުރީމައިވެސް ލީވާން އިނީ ގޮތުގައެވެ. އެސުވާލު އެހާލަތާއި ކިތަންމެ ނުގުޅުނަސް އިޝާންވެސް މުސްކާން ބުނާ އެއްޗެއް ބަލައިލަން ބޭނުންވިއެވެ. އެކަމަކު އޭނާ ވަކި ޖަވާބަކަށް އުންމީދެއް ނުކުރެއެވެ. މުސްކާން އެތާ ތިބި މީހުންނަށްޓަކައި އޭނާގެ ނަން ބުނި ނަމަވެސް ހިތަށް އެއިން ލިބޭނެ އުފަލެއް ނެތްކަން ޔަޤީނެވެ. އަދި މުސްކާން ބުނަން ޖެހޭނީވެސް އައިޒަންގެ ނަމެވެ. އެއީ އައިޒަން ނެތަސް އައިޒަން އެއީ މުސްކާންގެ ލޯއްބެވެ. މިއަދު އޭނާއަށް މުސްކާން ހާޞިލްވުމުގެ އަސްލަކީވެސް މުސްކާންގެ ހިތުގައި އައިޒަންއަށް އޮތް ލޯބިކަން ކަށަވަރެވެ.

"ކަނޑައެޅިފައިވާ ވަގުތު ހަމަވީއިރު މުސްކާންއަށް ޖަވާބެއް ނުދެވުނު. ދެން އެހެންވީމަ ޖެހޭނީ އަހަރުމެން ބުނާ ކޮންމެކަމެއް ކުރަން. އަދި މުސްކާން ކުރަންވީ ކަމަކީ ލީވާން ބޮލަށް ފެންޖަގެއް އަޅާލުން." ޝައިލީން ވިސްނަން އިނދެލާފައި މޮޅު ހިޔާލެއް އައިސްގެން ބުނެލިއެވެ. އެއަޑަށް ލީވާން ތެޅިގަނެފައި ބަލާލިއިރު މުސްކާން އިނީ ލާނެތްގޮތަކަށް ހިނި އައިއްސައެވެ. ޝައިލީން މިބުނި އެއްޗަކުން މާހައުލުގެ ސީރިއަސްކަން ނެތިފިލަން ނެގީ ސިކުންތުކޮޅެކެވެ. "ކީއްވެ ލަސްކުރަނީ މުސްކާން. އަވަސްކުރޭ!" އިފްހާމްވެސް ހީގެންފައި ތާއީދުކުރިއެވެ. މުސްކާން އެވަގުތު ފެންޖަގު ބަލާ ތެދުވާއިރަށް ލީވާން ފުންމައިގެން ތެދުވެފައި އެކަކަށްވެސް އަތުނުވާން ކޮޓަރިން ނިކުމެގެން ދުވެ ފިލައިފިއެވެ.

"ތޭންކްސް ދޮންބެދައްތާ!" ގެއަށް ދިއުމުގެ ކުރިން މުސްކާން ޝައިލީންކައިރީ ބުނެލިއެވެ. އެހެންމީހުން ނިކުމެ ސިޓިންރޫމްގައި ތިބިއިރު ދެއަންހެން ކުދިން ސިޑިން ފޭބީ އެންމެ ލަހުންނެވެ. "ޑޯން ވޮރީ. އައި ގޮޓް ޔޯ ބެކް." ޝައިލީން ހިނިތުންވެފައި މުސްކާންގެ ކޮނޑުގައި ފިރުމައިލިއެވެ. އޭނާ ގޮސް ކައިރިވުމާއެކު އިޝާން ތެދުވެފައި ދާންވީދޯއޭ ކިޔައިލުމުން ބޯ ޖަހައިލިއެވެ. އެއަށްފަހު ނާޝިދުއާ ސަނާގެ ހުއްދަ ލިބިގެން ދެމަފިރިން އެގެއިން ނިކުތެވެ.

ކާރަށް އަރާފައި އިޝާން ފުންކޮށް ބަލައިލިކަން މުސްކާންއަށް އިހްސާސްވިއެވެ. އޭނާ މޫނު އަނބުރާލުމުން އިޝާން ވެރިކޮށްލީ ލުއި ހިނިތުންވުމެކެވެ. އެއަށްފަހު ވަކި އެއްޗެއް ނުބުނެ އިނދެގެން ކާރު ދުއްވާލައިފިއެވެ.

ގެއަށް ވަދެފައި އިޝާން ބައްޕަ އެދިގެން އެކޮޓަރިއަށް ދިއުމުން މުސްކާން އައިސް އޮތީ އެނދުގައި ބަންޑުން އޮށޯވެލައިގެންނެވެ. ކުޑައިރުކޮޅެއް ކުރިން ލީވާން ކުރި ސުވާލާއިމެދު ފުންކޮށް ވިސްނަން ފެށުނީ އެހެން އޮވެގެންނެވެ. މުސްކާން ހަނދާންވީ އޭގެ ޖަވާބު ހޯދަން އެކި މީހުން ބަލައިލި ގޮތެވެ. ހާއްސަގޮތެއްގައި އިޝާން ވިސްނީ ކިހިނެތްކަން އޮޅުންފިލުވާ ހިތް މުސްކާންވިއެވެ. ފުރޮޅިލާފައި މަގަތަށް އެނބުރިލި ވަގުތު ކުރިމަތީ ފެންނަން އިން އައިޒަންގެ ފްރޭމްގައި ލޯ އަޅައިގަތުމުން މަޑުމަޑުން ތެދުވެވުނެވެ. އޭނާ ފްރޭމް އަތަށް ލައިގެން އިންދާ އިޝާން ދޮރު ހުޅުވާލިއަޑަށް ސިހުމެއް ލިބިފައި ފްރޭމް ކުރިން އިންތާ ބަހައްޓާލެވުނެވެ. ދެކަކޫ ގެނެސް މެއާއި ކައިރިކޮށްލައިގެން ބާލީސްތަކުގައި ލެނގިލިއިރު އިޝާން ކައިރިއަށް އަންނަނީއެވެ. ޖީބުގައި އޮތް ފޯނު ނަގައި ސައިޑު ޓޭބަލް މަތީ ބާއްވާފައި އިޝާން އޮށޯވެލީ މުސްކާންގެ ދާދި ގާތުގައި އެނދު ހުރަހަށެވެ.

"ބޮލުގައި ރިހުމެއް ހިފާފަ ހުންނަނީ މިރޭ. ނިދަންވީ ކަންނޭނގެ." އިޝާން ލޯމަރައިލަމުން ކިޔައިލިއެވެ. އެއަޑު އަހާފައި މުސްކާންގެ ވިސްނުން ފުރަތަމަވެސް ދަތުރުކޮށްލީ އެއް ދިމާއަކަށެވެ. އެއީ މިރޭ ލީވާން ކުރި ސަމާސައާ އިޝާންގެ ބޮލުގައި ރިހުން ގުޅިފައި ވެދާނެ ކަމާމެދުގައެވެ. "ކިހިނެތްވީ؟" މުސްކާން ބޭނުންވީ އިޝާން ބުނާއެއްޗެއް ބަލައިލުމަށެވެ. "މިއަދު މާ ހޫނުގަދަވީމަ ކަންނޭނގެ." އިޝާން ޖަވާބުދިނީ ލޯމަރައިގެން އޮވެއެވެ. މުސްކާން ބޭސް ގެންނަންތޯ އެހުމުން އޭނާ ބުނެލީ ނިދާލުމުން ރަނގަޅުވެދާނެ ކަމުގައެވެ. އަދި މުސްކާންވެސް ވީވަރަކުން އެކަހަލަ ކުދި ކުދި ކޮންމެ ކަމަކާއި ބޭސް ކެއުމުގެ އާދަ ނުހިފެހެއްޓުމަށްލަފާ ދިނެވެ. ބަލަން އިންދާ އިޝާން އިރުކޮޅަކުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެފައި އެނބުރި އައީ ނިދާ އެއްޗެހީގައެވެ. މުސްކާން އެއިންގޮތަށް އިންދާ ގުޑްނައިޓް ކިޔާލައިފައި އަނެއްފަރާތަށް އެނބުރި ކަންނޭލުގައި ބައްދާލައިގެން ލޯމަރައިފިއެވެ. އެހިސާބުން މުސްކާންއަށް އަނެއްކާވެސް ނެގުނީ އައިޒަންގެ ފޮޓޯ ފްރޭމްއެވެ. އޭނާ އެއަށް ބަލަމުން ތެދުވެގެން ގޮސް ފޮތިގަނޑު ހިއްލާލިއިރު މިރޭވެސް ތަރިތައް ފިޔަ ޖަހަނީއެވެ. ވަގުތުން މުސްކާންގެ ހަނދާނާއި ގުޅިގެން ދިޔައީ ތަރިއާއި ހަނދުވަރަށް އައިޒަން ލޯބިކުރި ވަރެވެ. މުސްކާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން އައުމާއެކު އަތުގައި އޮތް ފްރޭމް މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. އައިޒަން ބުނެފައިވާ އެކި އެކި ޖުމްލަތައް އަދިވެސް ހީވަނީ ތަކުރާރުކޮށް އިވި އިވި ހުންނަ ހެންނެވެ.

މުސްކާން އެނބުރި އައިސް ކުރިންވެސް އިންތާ އިށީންދެ އިންދާ އިޝާންގެ ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ބަލައިލިއިރު ޝިފްރާ ގުޅަނީއެވެ. ފޯނު އަތަށް ނަގާފައި މުސްކާންއަށް ބަލައިލެވުނީ އިޝާންއަށެވެ. ނިދިފައި އޮތުމުން ގޮވާކަށް އޭނާ ކުޑަކޮށްވެސް ބޭނުމެއް ނުވިއެވެ. ބަލަން އިނދެލާފައި ފޯނު ނެގުނީ އިއްތިފާޤުން ކެނޑުނު ގަޑިއަށެވެ. އަނގައަށް ގޮތެއް ހަދާލައިފައި ފޯނު އޮތްތާ ބާއްވާލުމަށްފަހު ތިރިއަށް ސޮހިގެންފައި ރީތިކޮށް ބާލީހުގައި ހަމަޖެހިލިއެވެ. ނިދީގައި އިޝާން މަގަތަށް އެނބުރިލުމުން އޭނާއަށް އޮވެވުނީ ބަލަހައްޓައިގެންނެވެ. ފަނޑުއަލީގެ ތެރެއިން އެރީތި މޫނު ފެނުނުލެއް ހިތްގައިމުކަމުން ބޮސްދޭ ހިތްވިއެވެ. މުސްކާން ކުރިއަށްވުރެ ކައިރިއަށް ޖެހިލާފައި ކަނާއަތް އުފުލާލައި އިޝާންގެ ކޯތާފަތުގައި ފިރުމާލިއެވެ. އޭނާއަށް ނިދުނީ ފޫހިކަމެއްނެތި އެމޫނަށް ބަލަން އޮތްވައެވެ.

"މޯނިން ޕްރިޓީ ގާރލް." ހެނދުނު ނިދިން ހޭލައްވައިލީ އިޝާންގެ ފިރިހެންވަންތަ އަޑުންނެވެ. މުސްކާން ލޯ ހުޅުވާލިއިރު އިޝާން ދުވެލާފައި އައިސް ދަލުން ތެމިފޯވެގެން ހުރީ ފެންވަރަން ވަންނަން ތައްޔާރުގައެވެ. "ކޮންއިރަކު ހޭލީ؟ ނުވެސް ގޮވަމެއްނު އަހަރެންނަކަށް." އާފުރެމުން ތެދުވެ އިށީންއިރު ލޮލުގައި އަދިވެސް ނިދީގެ އަސަރު ހުއްޓެވެ. "މާ ލޯބިކޮށް ނިދާފައި އޮތީމަ އުދަނގޫކުރަން ނުކެރުނީ ހަމަ." އިޝާން ބަލައިލި ގޮތުން އެކަނިވެސް ހިތް ފުރިގެން އައެވެ. ޓީޝާޓް ބޮލުން ވަކިކޮށްލާފައި ދާވަށިގަނޑަށް ވައްޓާލުމަށްފަހު ގޮސް ފާޚާނާއަށް ވަނުމުން މުސްކާން އިނީ ނިދި ފިލުވާލަންވެގެންނެވެ. ޝިފްރާ ގުޅާތަން ފެނުނީ އަނެއްކާވެސް އެހެން އިންދައެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ އެނަން ފެނުމުން މުސްކާންގެ ނިދިވެސް ފިލިއެވެ. އޭނާ ބަލާކަށް ނުހުރެ ފޯނު ނަގާފައި ޖެހިލުމެއްނެތި ހަލޯއޭ ކިޔައިލުމުން އެކޮޅުން ޖަވާބެއް ނުދީ ކަނޑާލީއެވެ.

"ކާކު ޝިފްރާއަކީ؟" އިޝާން ފެންވަރައިގެން ނިކުތްހާއިރުން މުސްކާން އަހައިލިއެވެ. އެއަޑަށް އިޝާން ސިހިފައި ބަލާލިއިރު މުސްކާން ހުރީ ބުމަ ކައިރިކޮށްލައިގެން އަތުގައި އޮތް ފޯނަށް ބަލާށެވެ. "ނޯވަން." އިޝާން ކުރު ޖަވާބެއް ދީފައި މުސްކާން އަތުން ފޯނު އަތުލައިގެން ގޮސް ހުއްޓުނީ ޑްރެސިންޓޭބަލް ކުރިމައްޗަށެވެ. "އަޖައިބެއް ތީ. އެއްވެސް މީހެއް ނޫންވީމަތަ ކޮންމެ ރެއަކު މެންދަން ވާ ގަޑިއަށާއި އަރާ އިރާއެކު އޭނަ އިޝާންއަށް އެގުޅަނީ. އަދި އަހަރެން ފޯނު ނެގީމަ ކަނޑާވެސްލައިފިއޭ." އިޝާން ފަސްދޭއިރަށް މުސްކާން އެދިމާއަށް އެނބުރިފައި ރުޅި އައިސްގެން އެއްފައްޗަކަށް އަމުނައިލިއެވެ. އެވަގުތު އެމޫނަށް އައި ބަދަލު އިޝާން ދެކުނީ ލޯގަނޑުންނެވެ. ލޮލުގައި ހުރި ކަރުނައާއެކުވެސް މުސްކާންގެ ލޮލުން ޝިފްރާއަށްޓަކައި ރުޅިވެރިކަން ފެނުމުން ހިތަށް ލިބުނީ އަޖައިބެއްފަދަ އުފަލެކެވެ.

"އެއީ އަހަރެންގެ އެކްސް ގާރލްފްރެންޑް." އިޝާން ޖަވާބުދިންއިރު އަދިވެސް ނަޒަރު ހުރީ ލޯގަނޑުން ފެންނަމުންދިޔަ ސޫރައަށެވެ. "އަހަންނަށް އެނގޭ ތިކަން. ފުރަތަމަ އެނަން ފެނިފަވެސް ހިތް ބުނި ދަންނަ ކުއްޖެކޭ އެއީ. މާފަހަކުން ހަނދާންވީ އަޒް އެޝިފްރާގެ ވާހަކަދެއްކިކަން." މުސްކާން ރައްދު ދީ ނިމުނުތަނާ އިޝާން އެނބުރިފައި ބަލައިލިއެވެ. "އެކްސް ވިއްޔާ ދެން މިހާރު އެގުޅަނީ ކީއްކުރަން؟ ނުބުނަންތަ މެރީކޮށްގެން އުޅޭ ވާހަކައެއް؟" އިޝާން ބަލަން ހުރުމުން މުސްކާން ހިސާބަކަށް ރަކިވެ ރާގު ބަދަލުކޮށްލައިފިއެވެ. އެވަގުތު އިޝާން އައިސް ކައިރިއަށް ހުއްޓި އެމޫނުގައި ދެއަތުން ހިފާލައިފައި ނިތުގައި ބޮސްދިނުމުން މުސްކާންގެ މެއަށް ފިނިވެގެން ދިޔައެވެ. "ޑޯން ވޮރީ. މުސްކާން ތިހުރި މަޤާމު ދުވަހަކުވެސް އެހެން އަންހެންކުއްޖަކަށް ނުލިބޭނެ. އައި ޕްރޮމިސް." އިޝާން ސާބިތުކަމާއެކު ބުނެލިގޮތުން މުސްކާންގެ ދޫ ބަންދުވީއެވެ. އިތުރު ސުވާލުތައް ކުރަން ބޭނުންވެފައިވެސް އޭނާއަށް އިޚުތިޔާރު ކުރެވުނީ ހިމޭންކަމެވެ. އިޝާން އެބުނެލި ޖުމްލައިގެ ކުރިމަތީ އެހުރިހާ ސުވާލަކީ ބޭކާރު އެއްޗަކަށް ވެގެން ހިނގައްޖެއެވެ. އޭނާ ބުދެއްހެން ހުރެލާފައި ގޮސް ފާޚާނާއަށް ވަންފަހުން ތުންފަތަށް ހިނިތުންވުން ވެރިވީ ލިބުނު ފަތަޚައިގެ މައްޗަށެވެ. އާއެކެވެ. އިޝާންގެ ލޯއްބަކީ މިއަދު އޭނާގެ އުފާ ކަމުގައި ވެގެން ހިނގައްޖެއެވެ.

މަސައްކަތުގައި ބުރަކޮށް އުޅެފައި ހަވީރު ގެއަށް އާދެވުނުއިރު މުސްކާން ހުރީ ތާޒާވެލަން ބޭނުންވެފައެވެ. އިޝާން މެސެޖްކޮށްފައި ބަލައި ނުދެވިދާނެ ވާހަކަ ބުނުމުން އޭނާ އައީވެސް ޓެކްސީއެއްގައެވެ. އަތް ދަބަސް އެނދުމައްޗަށް އެއްލާފައި ފުރަތަމަވެސް ވަނީ ފާޚާނާއަށެވެ. ފެންވަރަން ހުއްޓާ ކޮންމެވެސް މީހަކު ދޮރު ހުޅުވި އަޑު އިވުނުހެން ހީވިއެވެ. މުސްކާން މާގަނޑާއި ދުރަށް ޖެހިލާފައި ކަންފަތް ކޮޅަށް ޖަހައިގެން އިރުކޮޅަކު ހުރެގެން އަޑެއް ބަޑެއް ނީވުނެވެ. ވަހުމެއް ކަމަށް ނިންމާފައި އަނެއްކާވެސް މާގަނޑު ދަށުގައި ހުއްޓި ހުއްޓާ ފަހަތުން ކޮންމެވެސް މީހަކު އައިސް އޭނާ ވަށައިލުމުން ހަޅޭތްލަވައިގަނެވުނެވެ.

"ޝްޝްޝް... އިޓްސް މީ." އިޝާން ކަންފަތްދޮށުގައި ކިޔާލުމުން މުސްކާން ހަމަޖެހުނެވެ. އެވަގުތު އޭނާ އެނބުރިލަން އުޅުމުން އިޝާން އެފުރުސަތު ނުދީ ކުރިއަށްވުރެވެސް ބޮޑަށް ގަޔާލައި ފިއްތައިލިއެވެ. މާގަނޑުން އޮހެމުންދިޔަ ފިނި ފެންތަކު ތެރޭގައިވެސް މުސްކާންގެ ހަމުގައި އަލިފާން ހިފީ އިޝާންގެ ގޯނާތަކުގެ ސަބަބުންނެވެ. އަދިވެސް އެއްފަހަރު އިޝާންގެ އަމަލުތަކުގެ ކުރިމަތީގައި އޭނާގެ ހިތް ފިދާވުމަށް ތައްޔާރުވިއެވެ. ފެންވަރާ ނިމުމުން ތުއްތު ކުއްޖަކަށް ކަމޭހިތާނެހާ ލޯބިން އިޝާން އޭނާ ތުވާލިތެރޭ އޮޅާލައިގެން އެއަތުތެރޭގައި ކޮޓަރިއަށް ގެންދިޔައެވެ. ތެތްކަން ހުރި އިސްތަށިގަނޑު އުދަނގޫ ކުރަން ފެށުމުން އެއިސްތަށިގަނޑުގައި ވޫލްކޮޅެއް ޖަހައިދިނީވެސް ޚުދު އިޝާންގެ ދެއަތުންނެވެ. އިރުކޮޅަކުން އޭނާގެ އުނަގަނޑުގައި ދެއަތުން ހިފާ ލުއިފަތެއްހެން އުފުލާލުމަށްފަހު ބެއިންދީ އިޝާންގެ ގައިމަތީގައިގައެވެ. އެންމެފަހު ވަގުތު ހުރިހާ ކޮންޓްރޯލެއް އޭނާގެ އަތްމައްޗަށް ދީލާލަން އިޝާން ގަސްތުކޮށްފައި ވަނީ ކަހަލައެވެ. މުސްކާން އެންމެ ހައިރާންވީ އިޝާން ހިނދުކޮޅަކަށްވެސް އޭނާގެ މޫނުން ނަޒަރު ވަކިކޮށްނުލީތީއެވެ.

ހިނދުކޮޅަކަށް ނިދި ޖެހިފައި އިޝާންއަށް ލޯ ހުޅުވާލެވުނުއިރު މުސްކާން ކަޅިޖަހާނުލާ އެމޫނަށް ބަލަން އޮތެވެ. "ގަޑިން ކިހާއިރެއް؟' އިޝާން އަހައިލިއެވެ. "ހައެއްޖަހަން ދަނީ." މުސްކާން ޖަވާބުދިނެވެ. "އަހަރެން ސުވާލެއް ކޮށްލަންތަ؟" އިޝާން ތެދުވަން އުޅެނިކޮށް މުސްކާން ވާހަކަދެއްކި އަޑަށް އަނެއްކާ އޮށޯތެވެ. "އަހާބަލަ!" އޭނާ މުސްކާންއާ ވީފަރާތަކަށް އަރިއަކަށް ޖެހިލާފައި އެމޫނަށް ނިވާއެޅި އިސްތަށިކޮޅެއް ކަންފަތްކައިރިއަށް ލައްވާލަދިނެވެ. "އިޝާން ކީއްވެ ނޭހީ އަހަރެންގެ ޖަވާބަކީ ކޮބާއ ކަމެއް؟ މިބުނީ އިއްޔެ ލީވާން ކުރި ސުވާލުގެ ޖަވާބުގަ އަހަރެން ބުނާނެ އެއްޗަކާމެދު ކިއުރިއަސްއެއް ނުވޭތަ؟" މުސްކާންގެ ހިތަށް އަރަމުންދިޔަ ސުވާލު އެންމެފަހުން ދުލާއި ހަމައަށް ގެނައެވެ. "ނޭހީ އޭގެ ޖަވާބު އެނގޭތީ." އިޝާން ދިނީ އެންމެ ހީނުވާ ޖަވާބެވެ. "އެހެންވިއްޔާ ކޮބާ އެޖަވާބަކީ؟" މުސްކާން ހައިރާންކަމުގައި ބަލަން އޮވެލާފައި އެހިއެވެ. "އެޖަވާބަކީ އެމީހަކީ އައިޒަން. މުސްކާންގެ ލޯއްބަކީ އައިޒަން. އަދި އަހަރެން އަހަން އެދޭ ޖަވާބަކީވެސް އެއީ." އިޝާންގެ ޖަވާބުން އަދިވެސް އެއްފަހަރު މުސްކާންގެ މޭގަނޑު ފިނިވެގެން އައެވެ. "އަހަރެންނަށް އިނގޭ މުސްކާން ތިވިސްނަނީ ކީކޭކަން. އެކަމަކު ޓްރަސްޓް މީ އެސުވާލުގެ ޖަވާބުގައި އަހަރެންގެ ނަން ބުނެގެން ނުވާނެ އުފާ އަހަރެން ވާނީ އައިޒަންގެ ނަން ބުނެގެން. އަހަރެން ބޭނުމެއް ނުވޭ އަހަރެންނަށްޓަކައި މުސްކާން އަމިއްލަ ނަފްސަށްވިއަސް ދޮގެއް ހަދާކަށް. އަހަރެންނަށް އިނގޭ އަހަރެންނަށް މުސްކާން ހާޞިލްވުމުގެ އަސްލަކީވެސް ތިހިތުގައި އޮތް އައިޒަންގެ ލޯބިކަން. އަޒްއަށްޓަކައި ނޫންނަމަ އަހަރެން ހުންނާނީ ނިމުމެއް ނެތް އިންތިޒާރެއްގައި. އޭގެ ބަދަލުގައި އަހަރެންނަށް އަހަރެން އެންމެ ލޯބިވާ އަންހެންކުއްޖާ އަންބަކަށް ހަދަން ލިބިއްޖެ. އިތުރަށް ތިހިތުންވެސް ކުޑަކަނެއް ލިބިއްޖެ. މިހާރުވެސް ފުދޭވަރަށްވުރެ އިތުރަށް ލިބިއްޖެ އަހަރެންނަށް. އެހެންވެ މިބުނަނީ ޔޫ ކެން ލަވް ހިމް ވިތް އޯލް ޔޯ ހާޓްސް ކޮންޓެންޓް. އެން އިޓް ވޮން ބީ އެ ޕްރޮބްލްމް ޓު މީ." އިޝާން ވާހަކަދައްކަމުން ފަހު ދެ ޖުމްލަ ބުނެލިއިރު މުސްކާންގެ ކޯތާފަތުގައި ހިފާލައިފައި ނިތާއި ނިތް ޖައްސައިލިއެވެ. ތެދުވަން އުޅެފައި އޭނާ މަޑުޖެހުނީ މުސްކާން އަދިވެސް އެއްފަހަރު އަތުގައި ހިފާލުމުންނެވެ.

" އަހަރެން އުފާވޭ އެވަގުތު އެންމެންތެރޭ މިސުވާލުގެ ޖަވާބު ނުދެވުނީމަ. އެއީ އޭރު ބުނިނަމަ އިޝާންއަށްވެސް ހީވާނީ އެމީހުންގެ ސަބަބުން އަހަރެންނަށް ބުނަން މަޖުބޫރުވި ބަސްތަކެއްކަމަށް. އެކަމަކު މިހާރު އަހަރެން މިބުނަނީ އަހަރެންގެ ހިތުގައި އޮތް ގޮތަށް.އިޝާން. ތިބުނީ ތެދަށް. އައިޒަންއަކީ އަހަރެންގެ ލޯބި. އަދި މުޅި އުމުރަށްވެސް އަހަރެން އައިޒަންދެކެ ލޯބިވުންމަތީ ދެމި ހުންނާނަން. އެކަމަކު އައިޒަންއަށްފަހު އަހަރެންނަށް ދިރިއުޅެން ދަސްކޮށްދިން މީހަކީ ތީ. ދެވަނަ ފަހަރަށް ދިރިހުރުމުގެ މަޤްސަދެއް އަހަރެންނަށް ދިން ފަރާތަކީ ތީ. އެހެންވެ އައިޒަންއަކީ އަހަރެންގެ ލޯބިކަމަށްވިއަސް އަހަރެންގެ ލައިފްލައިން އަކީ ތީ. އަހަރެންގެ ދިރިހުރުމުގެ އުފަލަކީ ތީ. އަދި އަހަރެންގެ ފުރާނައިގެ ދިރުމަކީވެސް ތީ. ސޯ ޕްރޮމިސް މީ ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ނުދާނެ ކަމަށް." މުސްކާންގެ ލޮލުގައި ވިދަމުންދިޔަ މުތީތަކާއެކު ކަނާއަތް ހުޅުވާލައި އިޝާންއަށް ދިއްކޮށްލިއެވެ. އިޝާން އެއަތުގައި ހިފާ ފިއްތާލައިފައި މުސްކާން އެދުނު ފަދައިން ވަޢުދުވިއެވެ. އެއަށްފަހު ގެނެސް މޭގައި ޖައްސައިލީ ދުވަހަކު ދުރުކޮށްލަން ނޭދޭ ހާލުގައެވެ.

ބަނޑުހައިވެފައި ހުރުމުން ދެމީހުން ގޮސް ސައިބޮއިގެން އައިމަގުމަތީ ޝިފްރާގެ ތަފްޞީލު އިޝާން ދިނެވެ. ޝިފްރާ ފިރިމީހާ ވަރިކުރި ފަހުން އަމިއްލައަކަށް އިޝާންއަށް ގުޅައިގެން އާދޭސް ކުރަން ފެށީއެވެ. މުސްކާންގެ ވާހަކަ ބުނިފަހުންވެސް އުދަނގޫ ނުހުއްޓުމުން އިޝާން އަޅައިނުލާން ފަހުން ފޯނުވެސް ނުނަގަނީއެވެ. އެހެން އުޅެފައި ފޫހިވެގެން ހުއްޓާލާނެކަމަށް އިޝާން ބުނުމުން މުސްކާން ހަމަޖެހުނެވެ.

ހަތަރުވަރަކަށް މަސް ފަހުން އިޝާން ކަށީގެ ހާއްސަ ޑޮކްޓަރަކަށް ވުމަށްޓަކައި ބޭރަށް ފުރަން ތައްޔާރުވިއެވެ. އޭރު އަނެއްކޮޅުން މުސްކާންވެސް މާސްޓަރސް ހަދަން ހުރިހާ ތައްޔާރީއެއް ހުރީ ކޮށްފައެވެ. ދުވަސްގަނޑަކަށް ވަކިވެގެން ދާތީ ގްރީންލޭންޑްގައި އެދެމީހުންނަށްޓަކައި ބޭއްވި ހާއްސަ ކެއުމުގައި ބައިވެރިވެފައި އައިމަގުމަތީ ވިއްސާރަ ކުލަ ދައްކަން ފެށިއެވެ. އާސަހަރާއާ ކައިރިވާތަން ފެނިފައި މުސްކާން ކާރު މަޑުކުރަން އެދުނުއިރު އިނީ ހިޔާލަކަށް ގެއްލިފައި އިން މީހަކު ފަދައިން ހިމޭންވެފައެވެ. ތުނިކޮށް ވާރޭ ވެހޭތަން ފެނުމުން އިޝާން ފަހަތން ސީޓުމަތިން ނަގާފައި ދިން ކުޑަ އަދިވެސް އެއްފަހަރު މުސްކާންގެ ސަމާލުކަމާއި ގުޅުނެވެ. ދުވަސްގަނޑެއް ވަންދެން ޖަވާބު ނުލިބިފައި އޮތް ސުވާލުގެ ޖަވާބުވެސް ލިބުނީ އެވަގުތުއެވެ. އެރޭ ވިއްސާރައިގައި މުސްކާންއާ ބައްދަލުވެ ކުޑަ ދިން މީހަކީ އިޝާންކަން ހާމަ ކުރިއެވެ. އިޝާން ކިޔަވައިގެން މާލެ އައުމާއެކު ފުރަތަމަވެސް ދިޔައީ މުސްކާން ދެކެންވެގެންނެވެ. އެހާ ސިއްރުން އުޅުނީ ހިތުގައި އުފެދެންފެށި ލޯބި ފަޅާއަރާފާނެ ކަމަށްޓަކައެވެ. އަދި މާކުރިން އައިޒަންގެ މަރަށްފަހު އަންނަތަރާ ހުޅުވުމުގެ ރަސްމިއްޔާތަށް ދިޔަ ދަތުރުގައިވެސް އޭނާ މުސްކާންގެ ބޯކޮޅު ބަލަމުން ފަހަތުން ދިޔަ ވާހަކަ ކިޔައިދިނެވެ. އެރޭ ގަސްތަކުތެރޭގައި ބަލަން ހުއްޓާ ފެނުނު މީހަކީ ހަމަ އިޝާންއެވެ. އައިޒަން ފަހު ވަގުތު މުސްކާންއަށް އަޅައިލާށޭ، މުސްކާން ބަލާށޭ ބުނިފަހުން އިޝާން އަމިއްލަ ޒިންމާއެއްކަމުގައި ދެކިގެން މުސްކާން އުޅޭ ނޫޅޭ ގޮތް ބަލަމުން އެންމެފަހުން ނޭނގިހުއްޓާ ލޯބިވެސް ވެވުނީއެވެ.

މުސްކާން އެކަނި ދޫކޮށްނުލާން ވެގެން އެތެރެއަށް ވަދެގެން ވަކި ހިސާބަކަށް ގޮއްސައި އިޝާން ހުއްޓުނީ ފެންނަ ހިސާބުގައި ފަހަތުގައެވެ. ވާރޭ ތުނިކަމުން މައްސަލައަކަށް ނުވިއެވެ. މުސްކާން ގޮސް އައިޒަންގެ މަހާނަ ކައިރިއަށް ހުއްޓި އިރުކޮޅެއް ވަންދެން ހުރެފައި އެނބުރި އައިސް ކައިރިވީއިރު ކުއްލިއަކަށް ވާރޭ ބޯކޮށްލިއެވެ. ވައިރޯޅި ބާރުކަމުން ކުޑަ ފުށުން ޖަހަން އުޅުނެވެ. ސަލާމަތްވީ އިޝާންގެ ކުޑައިގައި ހިފެހެއްޓުމުންނެވެ. އަނެއް އަތުން މުސްކާންގެ އަތްތިލައިގައި ހިފާލައިފައި ދެމީހުން އަވަހަށް ގޮސް ނިކުތްއިރު ވާރޭ ތިކިތައް ކުޑައިގައި ބީހެމުންދިޔަ އަޑު މިއުޒިކެއް ފަދައެވެ.

"ދާންވީ ދޯ؟" އަރައި އިށީންދެފައި އިޝާން އަވަހަށް ޓިޝޫފޮށި ނަގައި މުސްކާންގެ އުނގަށް ލައިދިނެވެ. މުސްކާން ބޯޖަހާލައިފައި މޫނު ހިއްކާލުމަށްފަހު އިތުރަށް ނެގި ޓިޝޫއަކުން އިޝާންގެ މޫނު ހިއްކާލަދިންއިރު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. "އައި ލަވް ޔޫ އިޝާން ސަމީރު." ބަލަން އިނދެފައި މުސްކާން އިއްވައިލިއެވެ. "އައި ލަވް ޔޫ." ކާރު ދުއްވާލުމުގެ ބަދަލުގައި އިޝާން އެއަތުގައި ހިފާ އުފުލާލައިފައި ބޮސްދިނެވެ. މުސްކާން ހިނިތުންވެފައި ގޮނޑީގައި ހަމަޖެހިލުމުން އޭނާ ކާރު ދުއްވާލިއިރު އަރިވެލާފައި ކޮނޑުގައި ބޯއަޅައިލިއެވެ. އޭރު ތުންފަތަށް ވެރިވެފައިވީ މަންޒިލް ލިބުމުން ލިބިފައިވާ ހަމަޖެހުމެއްގެ އުފާވެރި ހިނިތުންވުމެވެ.

ނިމުނީ

ނޯޓް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފަވާ ވާހަކަ އެކެވެ.

 

ކޮމެންޓް 0