"އިޝާން؟" ދޮރުމަތިން އިޝާން ފެނުމުން މުސްކާންއަށް ކިޔައިލެވުނެވެ. ދެލޯ ބޮޑުކޮށްލެވުނީ އިޝާންގެ އޮއްސިފައިވާ މޫނާއި ކަރުނަ ގިނަވެފައިވާ ދެލޯ ފެނިގެންނެވެ. މުސްކާން ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އިޝާން ކުއްލިއަކަށް އެތެރެއަށް ދެމިގެންފައި އެބާރުގަދަ ދެއަތުގެތެރޭ އޭނާ ފިއްތާލައިފިއެވެ. "އި....ޝާ...ން!" މުސްކާން ވާހަކަދައްކަން މަސައްކަތް ކުރި ނަމަވެސް އަޑު ދިޔައީ ގެނބިގެންނެވެ. އޭރު އިޝާން އޭނާ ހިފަހައްޓާފައިވާ ގޮތުން ހީވަނީ ދުވަހަކު ދުރުކޮށްލަން ބޭނުންނުވާހެންނެވެ. ކުއްލިއަކަށް މިހާވަރެއް އިޝާންއަށް މިވީ އޭނާ ވަކިވެގެން މާދުރަށް ދާން އުޅޭތީ ހެއްޔެވެ؟

"މުސްކާން އަހަރެންނަށް މުސްކާންއާ ނުލާ ނޫޅެވޭނެ. ޕްލީޒް އަހަރެން ދޫކޮށްލާފަ ނުދޭ. ބުނޭ އަހަރެން ކައިރީ އަބަދުވެސް ހުރެދޭނަމޭ. ބުނޭ އަހަރެން ނުފެންނަ ހިސާބަކަށް ނުދާނަމޭ. ޕްލީޒް މުސްކާން. ޕްރޮމިސް މީ." އިޝާންއަށް ކޮށްފައި ހުރި ފުން އަސަރުގައި އެއްފައްޗަކަށް އަމުނާލިއެވެ. އެއަތުތެރެއިން ސަލާމަތްވާން މުސްކާން ކުރިހާ މަސައްކަތެއް ބޭކާރުވުމުން ގޮތް ހުސްވެފައި ހުއްޓާ އިރުކޮޅަކުންކުއްލިއަކަށް ދުރުކޮށްލައިފިއެވެ.

"މުސްކާން ކީއްވެ އެއްޗެކޭ ނުބުނެ ތިހުންނަނީ؟ ކީއްވެ އަހަރެން މިދައްކާ ވާހަކައަށް ރައްދު ނުދެނީ؟" ހަތަރުކަޅި ހަމަވުމުން އިޝާންގެ ހިތް އެދި ގޮވައިލީ އެންމެ ކަމަކަށެވެ. ބަސް ހުސްވެފައި މުސްކާން ހުރެގެން އެމޫނަށް ބަލަމުން ދިޔަ ގޮތުން ބޭނުންވިއަސް އަމިއްލަ ނަފްސް ކޮންޓްރޯލެއް ނުކުރެވުނެވެ. ކެތްމަދުވެފައިވާ މީހަކު ފަދައިން އެރީތި މޫނުގެ ދެފަރާތުން ހިފަހައްޓާލީނުން އެދެމެދުގައި އޮތް އެންމެ ހަނި ދުރުމިންވެސް އިޝާން ނެތިކޮށްލައިފިއެވެ. މުސްކާންގެ މެއަށް ފިނިވެގެން ދިއުމާއެކު އޭނާއަށް ތެޅިގަނެފައިހިފެހެއްޓުނީ އުފުލާލެވިފައިވާ އެއަތުގެ މުލައްދަނޑީގައެވެ.އެކަމަކު އިޝާންގެ ބާރުގެ ކުރިމަތީ މިފަހަރުވެސް އޭނާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަތް ދުރުކޮށްނުލެވޭނެކަން އެނގިގެން އިޝާންގެ މޭގައި އަޅައި ދުރަށް ޖައްސަން އުޅުނުވަގުތު އިޝާން އޭނާގެ މޫނުން އެއް އަތް ވަކިކޮށްލާފައި އުނަގަނޑާއި ހިސާބުން ވަށައިލީނުން އަދިވެސް އެއްފަހަރު، ދުރުނުވެވޭނެހާ ބާރަށް ހިފެހެއްޓިއެވެ.

ހިތް ނުފުރުނަސް ނޭވާ ކޮޅަށް ދިއުމުން އިޝާންއަށް މަޖުބޫރުވީ ދުރަށް ޖެހިލާށެވެ. އެކަމަކު ލޯ ހުޅުވައިލުމުން ހުރިހާ ކަމެއް ބަދަލުވިއެވެ. ނޭވާ އަވަސްވެފައި މުސްކާން ހުރެގެން ދެތިން އެއްޗެއް ބުނަން މަސައްކަތްކޮށް އަޑު ނުނިކުމެގެން އުޅުނުތަން ބަލަން ހުރެފައި ކުށްވެރިއަކު ފަދައިން އިސްޖަހާލެވިއްޖެއެވެ. މިކުރެވުނީ ކީއް ހެއްޔެވެ؟ މީގެ ކުރިން ދުވަހަކު ނުވި ކަމެއް މިރޭ މިވީ ކިހިނެތް ހެއްޔެވެ؟ މިހާ ދުވަހު އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދާފައި ހަމައިން ނެއްޓެން އެނގުނީ މިރޭ ހެއްޔެވެ؟ ވަކިވެގެންދާއިރު މުސްކާން އޭނާއާ ނުރުހިގެން ހިނގައްޖެނަމަ ދުވަހަކު ހަމަޖެހުމެއް ނެތެވެ.

ސިކުނޑީގައި އެނބުރިގަތް ހިޔާލުތަކުން ބުނާނެ އެއްޗެއްވެސް އިޝާންގެ ދުލަކަށް ނައެވެ. ފާޑަކަށް ބަލަން ހުރެފައި އޭނާ މުސްކާން އެކަނިދޫކޮށްލުމަށްފަހު ފެނުނީ ފުރަގަސްދީފައި އެތަނުން ނިކުތްތަނެވެ. އެހިސާބުން މުސްކާންއަށް ގޮސް އިށީންދެވުނީ އެނދުގައެވެ. ވެދިޔަ ކަންތަކަކީ ހިނގިކަމެއް ކަމަށް ޤަބޫލު ކުރަން ދަތިވެފައި ވިސްނަން އިނދެވުނެވެ. އާއެކެވެ. އިޝާންއަކީ އެކަހަލަ މީހެއް ނޫނެވެ. އެއީ ދުވަހަކުވެސް ބާރުގެ ބޭނުންކޮށްގެން އޭނާގެ ފަރާތުން ކަމެއް ހާޞިލް ކުރަން މަސައްކަތް ކުރި ފަރާތެއް ނޫނެވެ. އަދި މިރޭ، މިރޭ އެހެން އެދިމާވީ ހާލަތުގެ ގޮތުންނެވެ. އިޝާންގެ އެއަމަލުގެ ފަހަތުގައިވާ ސަބަބަކަށް ވާނީ އޭނާ ވަކިވެ ދާތީ އެހިތާމައެވެ. އެހެންނޫންނަމަ އިޝާން އެއްފަހަރުވެސް އެގޮތައް ކަންތަކެއް ނުކުރާނެއެވެ. މުސްކާން ހިމޭނުން އިނދެގެން އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ކޮންމެ ގޮތެއްވިއަސް އޭނާއަށް އިޝާންއާ ދޭތެރޭ ގޯސް ގޮތަކަށް ނުވިސްނޭނެއެވެ. އެއަށްވުރެ ބޮޑަށް އިޝާން ދަސްވެއްޖެއެވެ.

ހެނދުނުގެ ނާސްތާއަށްފަހު މުސްކާން އެގެއިން ނިކުތްއިރު އިޝާން ނޫން އެންމެން އައިސް ބައްދަލު ކުރިއެވެ. ވަކިވެގެން ދާއިރު އިޝާން އަމިއްލަ ނަފްސް ކުށްވެރިކޮށްގެން ހުންނާކަށް މުސްކާން ބޭނުމެއް ނުވިއެވެ. އެކަމަކު ކަންތައްވީ އެގޮތަކަށް ނޫނެވެ. އެދުވަހު ފުރާގަޑި ޖެހުނުއިރުވެސް އިޝާން އޭނައާ ބައްދަލު ކުރާކަށް ނައެވެ. އޭރު ލީވާންއާ މިރާހް އަދި އިފްހާމްމެން އައިސް އެގޭ ސިޓިންރޫމްގައި ތިއްބެވެ. ގަޑި ކައިރިވުމުން ދެކާރުގައި އެމީހުން ޖެޓީއަށް މިސްރާބު ޖެހިއެވެ. ސަނާއާއި ނާޝިދު ބައްދަލުވީ އެތަނުންނެވެ. މުސްކާންގެ ދަތުރަށް ހާއްސަވެފައިވާ ލޯންޗް ހަމަޖައްސާފައި އޮތީ ނާޝިދުއެވެ.

"ތިއްތި! ކޮބާ؟" ލޯންޗްގައި އިނދެފައި ލީވާން އިޝާންއަށް ގުޅިއަޑު މުސްކާންގެ ސަމާލުކަން ދަމައިގަތެވެ. ފޯނު ބޭއްވުމުން އޭނާ ސުވާލުކުރަން ބޭނުންވި ނަމަވެސް އެންމެންގެ ސަމާލުކަމަށް އަތުވެދާނެތީ ނުކެރުނެވެ.

މުސްކާންގެ ލޮލުން ކަރުނަ އައީ މަންމަ މާ ދެރަވެގެން އުޅެން ފެށީމައެވެ. އެހުރިހާއިރު ހަމަޖެހިފައި ހުރެފައި މަންމަ ރޯންފެށީ ބޯޓަށް އަރަން ދާންވީ ވަގުތު ޖެހުނީމައެވެ. މުސްކާންއަށް ކަރުނަތައް ނުހިފޭއްޓިގެން އަވަހަށް މޫނުގައި އަތް އަޅައިލި ވަގުތު މަންމަ އޭނާގެ ގައިގައި އޮޅުލައިގަތެވެ. ހުރިހާ ފިރިހެން ކުދިންވެސް ތިބީ އެތަން ފެނިގެން ފެންކަޅިވެފައެވެ. ސަނާ ރަމްލާ ދުރުކޮށްފައި ހިތްވަރު ދޭން ފެށިއިރު ޝައިލީން މުސްކާންގެ ކައިރީގައި ހުރެގެން އޭނާ އުފާކޮށްދޭން މަސައްކަތް ކުރިއެވެ. އޭނާ އެންމެފަހުން ހަނާ އަޅާލައިފައި ދާންވެގެން ފަސްދީ ހިނގައިގަތުމާއެކު ދެފައި ބިމުގައި ތަތްލީ ނިކަން ބާރަށް މީހަކު ގޮވާލި އަޑު އިވިގެންނެވެ. މެއަށް ފިނިވެގެން ދިއުމާއެކު ފަސްއެނބުރި ބަލައިލިއިރު ދުރުގައި ތިބި މީހުންވެސް ތިބީ އެނބުރިގެން ބަލާށެވެ. އިޝާން އޭރު ދުވެފައި ކަހަލަ ގޮތަކަށް އައީ ސީދާ މުސްކާންއާ ދިމާއަށެވެ.

"އިޝާން. ޔޫ އާ ހިއަރ." އެހެންމީހަކަށް ބެލުމެއްނެތި އިޝާން އައިސް ކުރިމައްޗަށް ހުއްޓުނުވަގުތު މުސްކާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. "މާފުކުރޭ ލަސް ކުރެވުނީމަ. އެކަމަކު އަހަރެންނަކަށް ކެތެއް ނުވާނެ މުސްކާން އަހަރެންދެކެ ރުޅިއައިސް ހުރެގެން ވަކިވެގެން ދާތަން ދެކޭކަށް." އިޝާން ނޭވާ އަވަސްވެފައި ހުރެގެން ވާހަކަދެއްކިއިރު ލޮލުގައި އަދިވެސް ހުރީ ލަދުވެތި ކަމެވެ.

"އަހަރެންވެސް މި އިންތިޒާރު ކުރީ ތިވާހަކަ ނުބުނެވިގެން. އިޓްސް އޯކޭ އިޝާން. އަހަރެންނަށް އެނގޭ ރޭގައި އެހިނގިކަމެއް ވިއްޔާ ހިނގީ ރޭގެ އެހާލަތުގެ ސަބަބުންކަން. އަހަރެންނަށް އިނގޭ އިޝާން ދުވަހަކުވެސް ވަޢުދު އުވައެއް ނުލާނެކަން. އެއަށްވުރެ ރަނގަޅަށް އިޝާން ދަންނަން އަހަރެން. އެހެންވީމަ އަހަރެން ކުރިންވެސް ބުނިހެން އެއީ އިޝާން މަޢާފަށް އެދޭވަރު ކަމެއް ނޫން. އަހަރެންގެ ހިތް ސާފު. އަހަރެންވެސް ބޭނުމެއް ނޫން އިޝާން އަމިއްލަ ނަފްސް ކުށްވެރިކޮށްގެން ހުންނާކަށް." މުސްކާން ހަމަޖެހިލާފައި ދިން ޖަވާބުން އިޝާން ހައިރާންވެ ހިނދުކޮޅަކަށް ބަސް ހުއްޓުނެވެ. މިފަހަރު ޔަޤީނުންވެސް މުސްކާން އެބުނީ އޭނާ ހީނުކުރާފަދަ ވާހަކަތަކެކެވެ.

ފަހު ފަހަރަށް، ބޯޓަށް އަރަން އިޢުލާން ކުރި އަޑާއެކު ދެމީހުންގެ މެދަށް ވެރިވި ހިމޭންކަން ނެތިދިޔައެވެ. ވަދާޢު ކިޔަންވީކަން ޤަބޫލު ކުރެވިފައި އިޝާން އަތް ދިއްކޮށްލަން އުޅެނިކޮށް މުސްކާން ބުނެލީ އަނެއްކާވެސް އޭނާ ސިއްސުވައިލި ވާހަކައެކެވެ. "ޔޫ ކެން ހަގް މީ." މުސްކާންގެ އެހިނިތުންވުމަށް ބަލަހައްޓައިގެން އިޝާންއަށް ހުރެވުނީއެވެ. އޭނާއަށް ހަރާކާތް ކުރަން އެނގުނީ މުސްކާން އިސްވެ ކުރިއަށް ފިޔަވަޅެއް އެޅީމައެވެ.

"ބަސް އަހައިގެން އުޅޭތި! ރަނގަޅަށް ކިޔަވާތި! ގަޑިން ގަޑިއަށް ކައިގެން ހުންނާތި!" އިޝާން ދެއަތް ހުޅުވާލައިފައި ނުހަނު ލޯބިން މުސްކާން ވަށާލިއެވެ. "ޔޫ ޓޫ، ޓޭކް ގުޑް ކެއަރ." ސިކުންތުކޮޅަކަށް ފަހު އިޝާން އޭނާ ދުރުކޮށްލުމުން މުސްކާންވެސް ކިޔާލިއެވެ.

ދުރުވަމުން ދެމީހުން ދިޔައިރު ކޮންމެ ހިތެއްގައިވެސް ވީ ކުރިއަށް އޮތް ދޮޅު އަހަރާ މެދު ކުރެވޭ އުންމީދެވެ. އިޝާންގެ އުންމީދަކީ ދޮޅު އަހަރު ފަހުން މުސްކާން އެނބުރި އަންނައިރު އެހިތުން އޭނާއަށް ކުޑަ ނަމަވެސް ޖާގައެއް ލިބުމެވެ. އުންމީދަކީ އެދުވަހުން އޭނާގެ އެކަނި ހައްޤަކަށް މުސްކާން ވުމެވެ. އެކަމަކު މުސްކާންގެ އުންމީދު އޭގެ އިދިކޮޅެވެ. އޭނާއަށް ޔަޤީންވާ އެއްޗަކީ އައިޒަންއަށް ދިން މަޤާމު އިޝާންއަށް ދުވަހަކުވެސް ނުދެވޭނެ ކަމެވެ. އެހެންވެ އޭނާގެ އުންމީދަކީ ދޮޅު އަހަރުފަހުން އެނބުރި އަންނައިރު އިޝާންގެ ހިތުން އޭނާގެ ލޯބި ފުހެވިފައި ވުމެވެ. އިޝާން އޭނާ ހަނދާން ނައްތާލައިފައި ދިރިއުޅުމާއިގެން ކުރިއަށް ދިއުމެވެ.

*****

ޔޫކޭއަށް ދެވުމާއެކު މުސްކާން ފުރަތަމަވެސް ނިންމީ ކިޔެވުން ނިންމާފައި ނޫނީ އެނބުރި ރާއްޖެ ނައުމަށެވެ. ކިޔެވުމުގެ މެދުތެރެއިން ކިރިޔާ ޗުއްޓީއެއް ލިބޭއިރަށް މާލެ އަންނަން ވެއްޖެއްޔާ ކިޔެވުމަށް ބުރޫ އަރައިފާނެ ކަމަށް އޭނާ ދެކުނެވެ. ނަސީބަކުން މަންމަމެން އެންމެންވެސް މުސްކާންގެ އެނިންމުމަށް ތާއީދު ކުރިއެވެ. އެވަރުންވެސް ލީވާން ދެފަހަރެއްގެ މަތީން އޭނާ ދެކިލަން ދިޔައެވެ. މުޅި ދުވަހު ލީވާންއާއެކު އޭނާ އުޅުނުއިރު އެކި މީހުންގެ ވާހަކަ ވަކި ވަކިން އެހިއެވެ. އެކަމަކު އިޝާންއާ ބެހޭގޮތުން އަހަން ބޭނުންވި ވާހަކައެއް ނުއެހުނެވެ. އެހެންނޫނަސް އިޝާން އެހެން ކުއްޖަކު ގެންގުޅެން ފެށިއަސް އެހާ އަވަހަށް ލީވާންއަށް އަންގާނެ ކަމެއް ނޭނގެއޭ ހިތަށް އެރިއެވެ.

އޭނާ ލީވާންއާ އެގޭ އެހެން މީހުންނާއި ބައްދަލު ކުރާހެން އިޝާންއާވެސް ސްކައިޕްކޮށް ވާހަކަ ދައްކާ ހަދައެވެ. އެކަމަކު އެކަކުވެސް ތަފާތު ވާހަކަތަކެއް ނުދައްކައެވެ. އަބަދުވެސް ހާލު އަހުވާލުގެ ވާހަކައަށްފަހު ދެން މަސައްކަތުގެ ވާހަކައާ ކިޔެވުމުގެ ވާހަކައެވެ. ފަހުން ފަހުން މުސްކާން މާބޮޑަށް ބިޒީވެގެން އެއްގޮތަކަށްވެސް އެމީހުންނާ ވާހަކަ ނުދެއްކި އެތައް ދުވަހެއް ވިއެވެ. އެންމެ ފަހުން ކިޔެވުން ނިމި އެނބުރި ދާންޖެހޭ ދުވަސް އައިއިރުވެސް ގުޅުން އޮތީ ފާޑަކަށް ކެނޑިފައެވެ. މުސްކާން ދޭތެރެއަކުން ހުސްވިއަސް އެމީހުންނަށް ނުގުޅަން ފެށީ އިޝާންއާ ދެމެދު ދުރުމިނެއް ބާއްވަން ވެގެންނެވެ. އޭނާއަށް ވިސްނުނު ގޮތުގައި އަބަދު ފެނި ވާހަކަދައްކާހާ ހިނދަކު އިޝާންއަށް އޭނާ މަތިން ހަނދާން ނައްތައިލަން އުދަނގޫވާނެއެވެ. އަދި ސީދާ އިޝާންއާ ވާހަކަ ނުދެއްކުނަސް އެގޭ އެހެން މީހުންނާއި ގުޅުން ބޭއްވިއަސް އެމީހުން ފަރާތުންވެސް އިޝާންއަށް އޭނާގެ ޚަބަރުތައް ލިބޭކަށް ނޭދެއެވެ. ނަސީބަކުން އެކަކުވެސް ޝަކުވާއެއް ނުކުރެއެވެ. މުސްކާންގެ ކިޔެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމީހުން ތިބީ އެދުރުމިންވެސް ބަލައިގަނެގެންނެވެ.

ދޮޅުއަހަރު ފަސް:-

އެރައިވަލް އިން ނިކުމެގެން އައި އެތައްބައެއްގެ ތެރެއިން ޝުހާދުއަށް ކޮއްކޮ ހޯދަން ފަސޭހައެއް ނުވިއެވެ. ބަލަބަލާ ހުއްޓާ ފެނުނީ އެންމެފަހު މީހުންވެސް ނިކުމެ ހުސްވިތަނެވެ. މަންމަ ގުޅާތަން ފެނުމުން ފޯނު ނަގާފައި ކަންފަތުގައި ޖައްސާލުމާއެކު މަންމަ އެހީ ކޮއްކޮގެ ވާހަކައެވެ. "މަންމާ މުސްކާންއެއް ނުފެނުނު މަށަކަށް." މަންމަ ކަންބޮޑުވާނެ ވަރު ލަފާ ކުރެވުނަސް ޝުހާދު ހާމަ ކުރީ ހަޤީޤަތެވެ. "ނުފެނުނޭ؟" އެކޮޅުން ރަމްލާ ބާރު ބާރަށް އަހައިލި އަޑު އިވުނެވެ. ޝުހާދު ޔަޤީންކޮށްދޭންވެގެން ދެވަނަ ފަހަރަށްވެސް ހަމަ އެޖުމްލަ ބުނަން އުޅެނިކޮށް ކޮންމެވެސް މީހަކު ކޮނޑުގައި އަތް ބާއްވާލައިފިއެވެ.

"ދޮންބޭ!" އެއިވުނީ ޔަޤީނުންވެސް މުސްކާންގެ އަޑެވެ. ޝުހާދު ސިހިފައި އަވަހަށް ބަލައިލިއިރު ކައިރީ ހުރި އަންހެންކުއްޖާ ފެނިފައި ބުމަ ކައިރިކޮށްލެވިއްޖެއެވެ. ފައިގެ ތަނބިކަށްޓާއި ހަމައަށް ފޮރުވިފައި ހުރި ކުކުޅުބިސް ކުލައިގެ ހެދުމާއިއެކު މުށި ކުލައަކަށްދާ ޝޯލްއަކުން ބޮލާއިއެކު ކުރިމަތިންވެސް ބޮޑުބައެއް ނިވާކޮށްފައި ހުރި އަންހެންކުއްޖާ ވައްތަރުވީ ހިޖާބް މޮޑެލްއަކާއެވެ. އެކަމަކު އޭނާގެ ކޮއްކޮ ހުންނަނީ އެގޮތަކަށް ނޫނެވެ.

"ދޮންބޭ މީ މަށޭ. މުސްކާން." މުސްކާން ލޮލުގައި އަޅާފައި އިން އަވި އައިނު ނަގާފައި ވާހަކަދެއްކުމާއެކު އެދެލޯ ފެނިގެން ޝުހާދުއަށް އެނގިއްޖެއެވެ. އަންގާވެސް ނުލާ އެހާ ބޮޑު ބަދަލެއް ގެނެއްސައި ކޮއްކޮ ހުރުމުން ފާހަގަ ނުވީއެވެ. "ވާއު. ޔޫ ލުކް ޕްރިޓީ. މަންމައަކަށްވެސް ނޭނގޭނެ މިއަދު ފާހަގަ ކުރާކަށް." ޝުހާދު އުފަލުން ހެވިލާފައި މުސްކާންގެ އަތަށް ފިތާލައި ވާހަކަދެއްކިއެވެ. ގޭގެ އެންމެންގެ ހާލު ކިޔައިދެމުން ޝުހާދު ބެލީ އަވަހަށް ކޮއްކޮ ގޮވައިގެން ގެއަށް ދެވޭތޯއެވެ.

ބެލް ޖަހާލި އަޑަށް ރަމްލާ ދުވެފައި ގޮސް ދޮރު ހުޅުވިއިރު ދޮރުމަތީގައި ޝުހާދު ހުރީ އެކަންޏެވެ. "ދަރިފުޅު ކީކޭތަ އެކީ؟ މުސްކާންއެއް ނާދެއޭ؟ ކިހިނެތް އެހެން ވާނީ؟" ރަމްލާ އެއްފައްޗަކަށް ސުވާލުތައް އަމުނާ ނިމުމާއެކު ޝުހާދުގެ ފުރަގަހުން ނިކުމެ ކުރިމައްޗަށް ހުއްޓުނު މުސްކާން ފެނިފައި އަތް އަޅައިލެވުނީ އަނގަމަތީގައެވެ. "މާޝަﷲ! މަންމަގެ މުސްކާން ރީތިކަން މިހާރު." ރަމްލާގެ ލޯ ފެންކަޅިވެގެން ދިއުމާއެކު އަވަހަށް މުސްކާން ގެނެސް މޭގައި ޖައްސައިލިއެވެ. ޝުހާދު ހިނި އައިއްސައި ބަލަން ހުއްޓާ ފަހަތުން ޣަފޫރުވެސް ނިކުމެއްޖެއެވެ. މުސްކާން އެސިފައިގައި ފެނުމުން ޚުދު ޣަފޫރުވެސް ހުރީ ބަސް ހުސްވެފައެވެ.

"ރަމްލާ ދެން އެމަންޖެ ކޮޅަށް ނުބަހައްޓާ އަވަހަށް ގެނެސް ސައިދޭން އުޅޭ!" ޣަފޫރުއަށް އުދަނގޫވެގެން ވާހަކަދެއްކި އަޑަށް ރަމްލާ މުސްކާން ދޫކޮށްލިއިރު ހުރީ ކަރުނަ އައިއްސައެވެ. "މަންމަ ހިތްބަލި ކަމުންވެސް ދޯ." މުސްކާން ހެމުން އެމަންމަގެ ކަރުނަ ފުހެދިނެވެ. އެތެރެއަށް ވަދެ އެންމެން ސިޓިންރޫމްގައި ތިބެގެން ހަވީރު ސައިބުއި އިރު ހުރިހާ ސުވާލެއް ކުރިމަތިވީ މުސްކާންއާއެވެ. އާ ޚަބަރަކަށް އޭނާއަށް ލިބުނީ ޝުހާދު މީހަކާ އިންނަން ތައްޔާރުވި ވާހަކައެވެ. މުސްކާން އުފާވީ އެގޭތެރެއިން އެކުވެރިއަކު ފެންނާނެތީއެވެ. އެންމެ އަންހެންކުއްޖެއްގެ ގޮތުގައި އެގޭގައި އުޅޭތާ ކޮން ދުވަހެއް ހެއްޔެވެ؟

ފެންވަރާ ތާޒާ ވެލައިގެން މުސްކާން އިސްކަން ދިނީ މަޣްރިބް ނަމާދު ކުރުމަށެވެ. ނަމާދުން އަވަދިވެގެން ތެދުވެ އަދިވެސް ތެތްކަން ހުރި އިސްތަށިގަނޑު ހިއްކަން ޑްރެސިންޓޭބަލް ކައިރީ އިންދާ މީހަކު އައިސް ލޯމަތީ އަތް އެޅިއެވެ.

ކޮމެންޓް 0