"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތިގެއަށް ދާނަން." ސާމީ ދާންވެގެން މުސްކާން އަތަށް ބާރުކޮށްލައިފައި ވަކިވެގެން ގޮސް ސައިކަލަށް އެރިއެވެ. އޭރު ނަބާވެސް ފިހާރައިން ލުއިކާނާތަކެއް ގަނެގެން އައިސް ހުރީ ބަލާށެވެ. "ދާން ވީ ދޯ" މުސްކާން ލުއި ހީލުމަކާއެކު ވޭނުގެ ދޮރު ހުޅުވާލައިފައި އަރާ އިށީންދެއްޖެއެވެ. ސާމީގެ ތަފްޞީލު ނަބާއަށް ދިނީ ދިޔަ މަގުމަތީގައެވެ. އިސްކަންދަރުގައި ސާމީ އަބަދުވެސް މުސްކާންގެ ބޭބެއެއްހެން ހިމާޔަތް ކުރަން ހުންނަ ވާހަކައިން ނަބާވެސް ހުރީ ގަޔާވެފައެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. އެދެމެދުގައި ކުޑަ އެންމެ ސިއްރެއްވެސް ނޯންނަނީއެވެ. ސާމީގެ މަންމަ އާއި މައްސަލަ ޖެހިގެން ގޭގެ ހަމަޖެހުން ގެއްލިގެން އުޅުނު ވާހަކަވެސް ސާމީ ބުނީ މުސްކާންގެ ކައިރީގައެވެ. މުސްކާން އެކުވެރިއެއް ފަދައިން ސާމީގެ އުދަނގޫ ވަގުތުގައި ހިތްވަރުލައިދިނެވެ.

އާދީއްތަ ދުވަސް ބަންދުވެ ހެނދުނު ހޭލައިގެން އެންމެން ނާސްތާ ކުރަން މޭޒުދޮށަށް އެއްވިއެވެ. މުސްކާން ގޮނޑީގައި އިނދެފައި ދޮންބެ އަންނަތަން ފެނިގެން އަވަހަށް ތެދުވެ ގޮނޑި ދުރުކޮށްލަދިނެވެ. ޒިހާން ލުއި ހިނިތުންވުމަކާއެކު ކޮއްކޮގެ ބޮލުގައި އަތް ބާއްވާލައިފައި އެގޮނޑީގައި އިށީންއިރު ޣަފޫރާއި ރަމްލާއަށް ފެނިގެން އެކަކު އަނެކަކަށް ހިނިތުންވެލިއެވެ. ދެބެން އެކަކު އަނެކަކަށް އަޅައިލާތަން ފެނުމުން އެމީހުން ތިބީ ހިތްހަމަ ޖެހިފައެވެ. އިރުކޮޅަކުން ގޭގެ ބެލް ޖަހައިލި އަޑާއެކު ނޯކަރު ކުއްޖާ ދުވެފައި އެދިމާއަށް ގޮއްސައި އެނބުރިއައީ ސާމީގެ ފަހަތުގައި ހުރެގެންނެވެ. މުސްކާން ފަދައިން އެންމެންގެ މޫނަށްވެސް އެވަގުތު އުފާވެރިކަން ވެރިވެގެން އައެވެ. މާލޭގައި އުޅުނުއިރުވެސް ސާމީ އެގެއަށް އައިސް ހަދާތީ އެންމެންނާ އެކުވެރިއެވެ.

"ދެން ބުނެބަލަ ކިހިނެތް ވެގެން މިކޮޅަށް ޗޭންޖްވީ؟" ސައިން ނިންމާފައި ދެއެކުވެރިން އަރާ ތިބީ ޓެރެސްގައެވެ. މުސްކާން ވާހަކަދައްކަން އުޅެފައި އިސްޖަހައިލުމުން ސާމީގެ ޝައުޤުވެރިކަން އިތުރުވިއެވެ. އޭނާ މޮޅިވެރި އަޑަކުން ޒިހާންގެ ބަލީގެ ވާހަކަ ކިޔައިދީ ނިމުނުއިރު ސާމީގެ ލޯވެސް ފެންކަޅިވެއްޖެއެވެ. "އިރާދަކުރެއްވިއްޔާ މުޝްގެ ދޮންބެ އަދި ރަނގަޅުވާނެ." ސާމީގެ މަޤްސަދަކަށްވީ މުސްކާންއަށް ހިތްވަރުދީ އުންމީދު އާކޮށްދިނުމެވެ. މޫނު އަނެއްފަރާތަށް އަނބުރާލައިގެން ހުރެ މުސްކާން ރޮނީކަން އެނގުމުން ކުރާނެ ކަމެއް ނެތިގެން ކޮނޑުގައި ހިފާ ބާރުކޮށްލިއެވެ.

"މިއަދު ބަންދު ދުވަހަކެއްނު. ހިނގާ މުޝް އަހަރުމެން ގެއަށް ގޮސްލާފަ އަންނަން. މަންމަ ވަރަށް އުފާވާނެ މުޝް ފެނުނީމަ." ސާމީ ހުރެލާފައި އިރުކޮޅަކުން ހިޔާލުދިނެވެ. މުސްކާން ސިހޭގޮތްވެފައި ކުއްލިއަކަށް އެނބުރި ބަލައިލުމުން ސާމީ މަޑުމަޑުން ބޯ ޖަހައިލިއެވެ "އަންނާން މަންމަ ކައިރީ އަހާފަ." މުސްކާން އަވަހަށް ލޯ ފުހެލާފައި ތިރިއަށް ދާން ދުއްވައިގަތެވެ. ސާމީ އަނެއްފަރާތަށް އެނބުރިފައި ތިރި ބަލަން ހުރެގެން ބޮޑުވައި އިނގިލިން ލޮލުގެ ކަން ފުހެލިއެވެ. ބޭނުންވިއަސް މިއަދު އޭނާއަށް ހަމައެކަނި ކޮށްދެވެން އޮތް ކަމަކީ މުސްކާންއަށް ހިތްވަރު ދިނުމެވެ.

ހުއްދަ ލިބުމުން މުސްކާން ދިޔައީ ސާމީމެން ގެއަށެވެ. ސާމީގެ މަންމަ ޒުހުރާއަށް މުސްކާން ފެނުމުން އުފަލާއެކު ގެންގޮސް މޭގައި ޖައްސައިލިއެވެ ސާމީ ދައްތަގެ ހަތަރު އަހަރަށްދާ ތުއްތު ދަރިފުޅުގެ ޅަ ހަރަކާތްތަކާއި ހެއްވާ ވާހަކަ ތަކުން މުސްކާން މޫނަށް އުފާވެރިކަން ގެނައެވެ. މެންދުރު ކެއްކުމުގައި މުސްކާންވެސް ޒުހުރާއަށް އަތް ގާތް ކޮށްދޭން ވަނެވެ. ގޭގައި އާންމުކޮށް ބަދިގެއަށް ނުވަނަސް ކުދި ކުދި ކަންތައް ކޮށްލާ އުޅެން މަންމަ ހުރީ ދަސްކޮށްދީފައެވެ. އެކަމަކު އަންނަންވީއިރު މުސްކާން އަނެއްކާވެސް އިނީ ނެގިމަޑުވެފައެވެ. ސާމީ ތައްޔާރުވެލައިގެން ނިކުންނާނެ ވާހަކަ ބުނެފައި ދިއުމުން މުސްކާން ނިކުމެ އިނީ ގޯތިތެރޭ ހުރި ދެއުނދޯލިން ކުރެ އެއް އުނދޯލީގައެވެ. ހިޔާލަކަށް ގެއްލިފައި އިންދާ ސާމީ ފަހަތުން އައިސް ޖެހިގެން ހުރި އުނދޯލީގައި އިށީންދެ ބަލަން އިން ކަމެއްވެސް ރޭކައެއް ނުލިއެވެ.

"ކޮންކަމަކާ ތި ވިސްނަނީ؟" ސާމީގެ ޖުމްލަ އިވޭއިރަށް މުސްކާން ހަޅޭތްލަވައިގެންފައި ފުންމައިގެން ތެދުވެއްޖެއެވެ. "މީ މަށޭ. ހާދަ ބިރެއް ތިގަތީ؟" ސާމީ ކުޑަކޮށް ހީލާފައިވެސް މުސްކާންގެ މޫނުގައިވި ކުލައަކުން ސީރިއަސްވިއެވެ. އޭނާ އިށީންނަން އިޝާރާތް ކޮށްލުމުން މުސްކާން އިށީންއިރު އެއަތް އޮތީ މެއާއި ހިސާބުގައެވެ. ހީވަނީ ހިތުގެ ތެޅުން ހަމައަކަށް ނޭޅިގެން އުޅޭހެންނެވެ.

"ބުނެބަލަ. ހަމައެކަނި ޒިހާންގެ ބައްޔެއް ނޫން ދޯ މުޝްގެ ތިހިމޭންކަމުގެ އަސްލަކީ؟ އިތުރު އެހެން ސަބަބެއްވެސް އޮތީކަމަށް އަހަރެންގެ ހިތް ބުނަނީ." ސާމީ އަމިއްލަ ސިކުނޑިން ވިސްނައިގެން ދެއްކި ވާހަކައިން މުސްކާންގެ ހިތް އަވަސް ކުރުވިއެވެ. ނުވެސް ބުނަނީސް ސާމީ ދެނެގަތީ ކިހިނެތް ހެއްޔެވެ؟ މުސްކާން ޖަވާބު ދޭން އުޅޭކަމަށް ހީކޮށް ސާމީ ބަލަން އިންދާ އަނެއްފަރާތަށް މޫނު އަނބުރާލި ގޮތަށް ދެން ފެނުނީ އަނގަމަތީ އަތް އެޅިތަނެވެ. "މުޝް ރޮނީތަ؟" ސާމީއަށް އިންތާ އިންނަން އުދަނގޫވިއެވެ. އޭނާ ތެދުވެފައި ކުރިމައްޗަށް ހުއްޓުނުއިރު މުސްކާންގެ ބޮޑު ދެލޯ ވިދަމުން ދިޔައީ އެލޮލަށް ޖަމާވެފައިވާ ކަރުނައިންނެވެ. ހިތަށް ކަށްޓެއް ހަރައިލި ނަމަވެސް ނުވާނެ ވަރަށް އެވަގުތު ސާމީގެ ހިތަށް ތަދުވިއެވެ. ބޭނުންވީ މުސްކާން ގެނެސް މޭގައި ޖައްސާލުމަށެވެ.

"އޭނައަށް ކިޔަނީ އައިޒަން. އަހަރުމެން ފުރަތަމަ ބައްދަލުވީ މިދިޔަ އަހަރު މާލެއިން." ސާމީ މުސްކާންއަށް ޖަވާބުދޭން ފަސޭހަވާނެހެން ފުރަގަސްދިންވަގުތު ބުނެލި އަޑު އިވުނެވެ. ހިތަށް ލިބުނު ލޮޅުމާއެކު ސާމީއަށް ކުރެވުނުހާވެސް ކަމަކީ އަތްމުށްކަވާލައި ޖީބުތެރެއަށް ކޮށްޕާލުމެވެ. "އެންމެ ތިން ބައްދަލުވުމުގެ ވާހަކަ މިދައްކަނީ. އެކަމަކު ނުވެސް އެނގިހުއްޓާ އަހަރެންނަށް އޭނައާ ނުލާ ނޫޅެވޭ ހިސާބަށް ހިނގައްޖެ. އަހަރެންނަށް އައިޒަންދެކެ ލޯބިވެވިއްޖެ ސާމީ. މިހާރު ބޭނުމެއް ނުވޭ އެހެން ފިރިހެނަކާ ދިމާއަށް ބަލައިލާކަށް ވެސް. އެކަމަކު އަހަރެންނަކަށް ނޭނގެ އޭނަ ވީތަނެއް. ނޭނގެ އަހަރެން މަތިން ހަނދާން ހުރި ކަމެއްވެސް. ދެން އަހަރެން ކިހިނެތް ހަދާނީ؟" ކަރުނައިގެ ތެރެއިން މުސްކާން ކިޔައިދިނެވެ. ސާމީ ފުން ނޭވައެއްލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި އެނބުރުނުއިރު މުސްކާން އިނީ ކަރުނަ ފުހޭށެވެ. އޭނާ އެވަގުތު ތިރީގައި ކުޑަކަކޫ ޖަހާލައިފައި ކަކޫމަތީ އޮތް މުސްކާން އަތްތިލައިގައި ހިފައިލިއެވެ. ހަތަރުކަޅި ހަމަކޮށްލުމުން މުސްކާން ބަލަން އިނީ ސާމީ ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ.

"މުޝް ތީ ނުލާހިކު ނައިސް ކުއްޖެއް. އަހަރެންނަށް ޔަޤީން އައިޒަންވެސް މުޝްއާ ދޭތެރޭ ހަމަ ތިގޮތަށް ވިސްނާނެކަން. ވެދާނެ އޭނައަށް އަދި މިހިސާބަށް ނުފޯރައިގެން އުޅެނީ ކަމަށް. އެހެންވީމަ މުޝް ކުރަންވީ ކަމަކީ ހަމަޖެހިލައިގެން ހުރުން. މިވަގުތަށް މުހިންމު ކަންކަމަށް ޝައުޤުވެރިކަން ބަހައްޓާފަ ތިކަމާ އެހާ ބޮޑަށް ނުވިސްނާ. ފުރަތަމަ ކިޔަވައިގެން މޮޅު ކުއްޖަކަށް ވޭ. އެހިސާބުން ދެން އޭނަގެ ޚަބަރެއް ނުވިއްޔާ މުޝްއަށް އޭނަ ހޯދަންވެސް މަސައްކަތް ކުރެވިދާނެއެއްނު." ސާމީ ބޭނުންވިއަސް އައިޒަންއާ ދެކޮޅަށް ވާހަކަ ބަހައްޓާކަށް ނުކެރުނެވެ. އެހެންވެ އޭނާ ވާހަކަދެއްކީ މުސްކާންގެ ހިތްހަމަ ޖެހުމާއި ގުޅުވާފައެވެ.

*****

ކީމޯ ދޭން ފެށި ވަރަކަށް ތަފާތު ކަންތައްތައް ކުރިމަތިވެ އެންމެ ފަހުން ޒިހާންގައިގައި ހުރިއްޔާ ހުރި އިސްތަށްޓެއްވެސް ފައިބައިގެން ހިނގައްޖެއެވެ. އެރީތި އިސްތަށިކޮޅާއި ބުމަ އަދި އެސްފިޔަތައް ނެތުމުން ހީވަނީ މުޅިން ތަފާތު މީހެއް ހެންނެވެ. ނުކެވޭތީވެ މީހާ ހިކި އަނަރޫފަ ވަމުން ދިޔައީވެސް އެހާމެ އަވަހަށެވެ. ކަޅުވެ ކުރީގެ ހުރި ކުލަ ބަދަލުވެއްޖެއެވެ. ވޭނުގައި ތެޅިފޮޅޭއިރު ޒިހާންއާއެކު އާއިލާގެ އެހެން މީހުންގެ ނިދިވެސް ވަނީ ލޮލާއި ރުޅިވެފައެވެ. ޒިހާންއަށް ނުކެވޭތީ އެކަކުވެސް ކާހިތެއް ނުވެއެވެ. ޒިހާންއަށް އެންމެ މީރު އެއްޗެހި ތައްޔާރުކޮށްގެން ކުރިމައްޗަށް ގެނަޔަސް އެ އެއްޗެއްސަށް ހިތް ނުދާތަން ފެނުމުން ކޮންމެ ލޮލެއް ކަރުން ފުރެއެވެ. ކަމެއް ބަދަލު ވާން ވެއްޖެއްޔާ ފަޅި ސިކުންތަކީވެސް ހާދަ ބޮޑު އެއްޗެކެވެ. އިއްޔެ ހިތާމައިގެ ހިޔަނިވެސް އެޅިފައި ނުވި އާއިލާ މިއަދު ގެނބެމުން އެދަނީ ކަރުނައިގެ އަޑި ނޭނގޭ ފުންކަނޑެއްގެ ތެރެއަށެވެ.

މުސްކާން ކޮލެޖަށް ގޮސް އިންނަ ހިމޭންކަމުން ކުދިންގެ ސަމާލުކަން ލިބި އެންމެފަހުން އެމީހުންނަށްވެސް ކޮންމެވެސް ވަރަކަށް ހަޤީޤަތް އޮޅުން ފިލިއެވެ. އެހިސާބުން އެމީހުން މުސްކާންއަށް ދޭ އަހައްމިއްޔަތުކަން އިތުރުވިއެވެ. ކޮންމެ ކުއްޖަކުވެސް ބަލަނީ މުސްކާން ދެރަވާ ފަދަ ކަމެއް ނުކޮށް ވޭތޯއެވެ. އެކަމަކު އެމީހުންގެ އެއޯގާތެރި ކަމަކަށްވެސް މުސްކާންގެ ހިތަށް ލުއެއް ދެވޭ ގޮތެއް ނުވެއެވެ. އޯގާތެރިކަން ދައްކާފައި ގިނަ ފިރިހެން ކުދިން އޭނައާ މެދު ޝައުޤުވެރިކަން ފައުޅު ކުރުމުން މުސްކާން ދެނީ ފުރަގަހެވެ. ސާމީ ކައިރީ ބުނިހެން އޭނާ އެއިން މީހަކަށް ބަލާލާ ހިތެއްވެސް ނުވެއެވެ. ކުޑަވެސް އެފަދަ ހިޔާލެއް ދެވަނަ މީހަކާމެދު ހިތުގައި ނުއުފެދެނީއެވެ. މަދު ބައްދަލު ވުން ތަކަކަށްފަހު އައިޒަން ވަނީ އޭނާގެ މުޅި ހިތް އެކުއެކީ އަމިއްލަ ކޮށްލައިފައެވެ. ބޭނުންވިއަސް އެހިތަށް މިއަދު މުސްކާންގެ އަމިއްލަ ބާރެއް ނެތެވެ.

ހަވީރު ކޮލެޖް ނިންމާފައި މުސްކާން އައި ދުވަހަކު ދޮންބެ ކޮޓަރީގައި އަންހެންކުއްޖަކު އިންދާ ފެނުނެވެ. ދަބަސް ބަހައްޓާފައި ނިކުމެ އެއީ ކާކުތޯ މުސްކާން އެހީ މަންމަ ކުރެންނެވެ.

"އީނާލް." މަންމަ ދިން ޖަވާބުން މުސްކާން ސިހުނެވެ. އީނާލް އެއީ ދޮންބެ ނިކަން ގަޔާވި ކުއްޖެއްކަން އޭނާ ދަނެއެވެ. "އީނާލް މަންމަގެ ބޭސް ފަރުވާއަށް އައިއްސަ ޒިހާންގެ ޚަބަރު ލިބިގެން ބައްދަލު ކުރަން އައީޔޯ." މަންމަ އިތުރު ތަފްޞީލު ދެމުން ކައްކަން ހުރި ތެލިން ތަށްޓަކަށް އެތިކޮޅެއް އަޅާފައި ރަހަ ބަލަން ދިނީ މުސްކާން އަށެވެ. މުސްކާން އޭގައި ހިފައި ރަހަ ބަލާލައިފައި ރަނގަޅޭ ބުނެ ބޯ ޖަހައިލިއެވެ. އިރުކޮޅެއް ނުވެ އީނާލް ނިކުމެ މުސްކާން ފެނިގެން ހިނިތުންވެ ހާލު އަހާލުމަށްފަހު ރަމްލާއާ ވާހަކަދައްކަން ފެށުމުން މުސްކާން ވަނީ ދޮންބެ ކައިރިއަށެވެ.

"ދޮންބޭ." މުސްކާން ވަދެ ގޮވައިލިއެވެ. ޒިހާން ބަލަން އޮތުމުން އޭނާ ގޮސް އެނދުގެ މަގަތުގައި އިށީންދެފައި ހަތަރުކަޅި ހަމަކޮށްލިއެވެ. "އީނާލް ކީކޭ ބުނީ؟" ސުވާލު ކުރިއިރު މުސްކާންގެ ހިތަށްވެސް ތަދުވިއެވެ. ދޮންބެ އިނާލްއާމެދު ހުވަފެން ދެކުނުވަރު އެންމެ ރަނގަޅަށް އެނގެނީ އޭނާއަށެވެ. މިއަދު އޭނާ ކިތަންމެ ބޭނުންވިއަސް އެލޯބި ހަނދާން ނައްތާލުން ނޫން ގޮތެއް ނެތުމުން ހާދަ އަސަރެއް ހިތަށް ކުރާނެއެވެ. "ނުދައްކާ ގިނަ ވާހަކައެއް. ބުނީ ވަރަށް ދެރަވިއޭ ޚަބަރު ލިބުނީމަ." ޒިހާން ކަރުނަތައް ދިރުވައިލާފައި ޖަވާބުދިނެވެ. މުސްކާން ހިނިތުންވެލަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. ބަދަލުގައި ލޮލަށް ޖަމާވާން ފެށީ ހޫނު ކަރުނަ ތަކެކެވެ. އޭނާ ގަދަކަމުން ދެތުންފަތް ޖައްސާ ބާރުކޮށްލައިފައި ދޮންބެ ކައިރީ މަގަތުގައި އޮށޯވެލައިފިއެވެ. ދެބެން ބަސްމޮށުން ތެރި ކަމަކާ ނުލާ ސީލިންގަށް ބަލަން އޮތީ އަމިއްލަ ހިޔާލުގައެވެ. ލޮލުގެ ކަނުން ވެއްޓުނު ކަރުނަތިކި ކަންފަތުގެ ވޮށްޓަށް އެޅިގެން ދިޔައިރު ދެމީހުންކުރެ އެކަކުވެސް ފުހެލާކަށް މަސައްކަތެއް ނުކުރެއެވެ. ކުޑައިރުގެ އުފާވެރި ދުވަސްތައް ދެހިތުގެ ލޯގަނޑަށްވެސް އޭރު އެޅިފައި ވެއެވެ. މިހާ ހިތްދަތި ދުވަސްތަކެއް ދެކެން ޖެހޭނެ ކަމުގައި އުންމީދު ކުރީ ކާކު ހެއްޔެވެ؟ އެކަކުވެސް ނުކުރެއެވެ. ފެނުނީ އައިސް ކުރިމަތިން ބައްދަލު ކުރި ތަނެވެ. ތަޤްދީރަކީ މިކަހަލަ އެއްޗެކެވެ. އަހަރުމެން ޖެހޭނީ އެތަޤްދީރުގެ ރޭވުމަށް ތަބާ ވާށެވެ. ހެޔޮ ހިތުން ޤަބޫލު ކުރާށެވެ.

ފަހަކަށް އައިސް ޒިހާންއަށް އެންމެ ލޮލު ފިޔައެއްވެސް ނުޖެހި ވޭނުގައި ތެޅިފޮޅޭތަން ބަލަން ކެތްނުވެގެން ނިދާ އިންޖެކްޝަން ޖަހަން މަޖުބޫރުވިއެވެ. ނިދިފައި އެއޮންނަ ވަގުތުކޮޅުވެސް ހައްޓަށް ލުއެއް ހޯދަދިނުމަކީ އެންމެންގެ އެދުމެވެ. ދެން އައީ އެކަކަށްވެސް އޭގެ މައްޗަށް ބާރު ނުފޯރުވޭނެ ދުވަހެވެ. މުސްކާން ކޮލެޖްގައި އިންދާ ބައްޕަ ގުޅާފައި ބުނީ ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ދިއުމަށެވެ. ދޮންބެގެ ހާލު ވަރަށް ދެރަވެ ހޮސްޕިޓަލުގައި އޮތް ވާހަކަ ބުނުމުން ހުރެވުނުތަންވެސް ނޭނގުނެވެ. ނަބާއާ ދެކުދިން ދުވެފައި ނިކުތްއިރު ޑްރައިވަރ އައިސް ވޭން ކައިރިކޮށްލަނީއެވެ. އަވަހަށް ގޮސް ދޮރު ހުޅުވާލައިފައި ޖެހިގެންއިރު ދެހިތްވެސް ތެޅެމުން ދިޔައީ އެންމެ ބާރު މިނުގައެވެ. މުސްކާންއަށް ގޮސް ވަދެވުނުއިރު މަންމަ އަޑުގާނެތްތަނަށް ރޮމުން ބައްޕަގެ މޭގައި މޫނު ފޮރުވާލަނީއެވެ. ދެންތިބި ދެ ބޭބެ އިފްހާމްއާ ޝުހޫދުވެސް ތިބީ ރޮވެން ކައިރިވެފައެވެ. 
"މަންމާ! ބައްޕާ! ކިހިނެތްވީ ދޮންބެއަށް؟ ބުނޭ ކިހިނެތްވެގެން ތި ރޮނީ؟ ދޮންބެ ކުރިއަށްވުރެވެސް ބޮޑަށް ބަލިވީތަ؟" މުސްކާން ގޮސް ކައިރިވެފައި ވާހަކަދެއްކިއިރު އަޑު ތުރުތުރުލައެވެ. އަންހެން ދަރިފުޅުގެ އަޑަށް، ބައްޕަ ބަލައިލާފައި ޖަވާބު ނުދެވިގެން ފުރަތަމަ މޫނު އަނބުރައިލީ އަނެއްފަރާތަށެވެ. "ދަރިފުޅާ ޒިހާން...ޒިހާން ނިޔާވެއްޖެ." ބައްޕަ މަގަތަށް އެނބުރިފައި ހަޤީޤަތް ހާމަކޮށްލިއަޑު އެއީ އެވަގުތު މުސްކާންގެ ކަންފަތުގައި ހަރުލި ފަހު އަޑެވެ. މޫނުމައްޗަށް އަނދިރިވެ މީހާ އަރިއަޅާލައިގެން ވެއްޓެން ދިޔައިރު އޭނާއަށް ފެނުނީ އެންމެން އޭނާ ހިފަހައްޓަން ތެޅިގަތް މަންޒަރެވެ.

ލޯހުޅުވާލިއިރު މުސްކާންއަށް އޮވެވުނީ ހޮސްޕިޓަލުގައި ހުރި އެނދެއްގައެވެ. ކައިރީގައި ބޮޑުދައިތަ ފިއުޒާ ހުރެފައި އޭނާ ތެދުވިތަން ފެނިގެން އަވަހަށް ކައިރިވިއެވެ. "ކޮބާ މަންމަމެން؟" މުސްކާން ސުވާލު ކުރިއެވެ. ބޮޑުދައިތަ ޖަވާބުގައި ބުނީ އެމީހުން ޒިހާންގެ ކަށުކަމާ ކެމީގެ ކަންތަކުގައި އުޅޭ ވާހަކައެވެ. މުސްކާން އަވަހަށް ރޮއިގެންފައި އެދުނީ އެތަނަށް ގެންދިއުމަށެވެ. ފަހު ވަގުތު ދޮންބެގެ މޫނު ދެކި ނުލަނީސް ވަޅުލައިފިއްޔާ ދުވަހަކުވެސް ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ނަސީބަކުން އިރުކޮޅެއް ނުވެ ގެއަށް ދިއުމުގެ ހުއްދަ ލިބިއްޖެއެވެ.

އެދުވަހު ޒިހާން ވަކިވެ ދިޔަ ފަދައިން އެފަސްގަނޑާއި އެމީހުންނާ އޮތް އެހެން ހުރިހާ ގުޅުމެއްވެސް ކެނޑިގެން ދިޔައެވެ. އެނބުރި ރާއްޖެ ބަދަލުވާން ޣަފޫރު ނިންމީ އެފަސްގަނޑުގައި ތިބެގެން ޒިހާން ވަކިވުމުގެ ހިތާމަ ފިލުވައިލަން އެކަކަށްވެސް ފަސޭހަ ނުވާނެތީއެވެ. އޭލެވެލް ފުރަތަމަ އަހަރު ނިމުމަށްފަހު ދެވަނަ އަހަރުގެ މެދުތެރެއިން މުސްކާން އަނެއްކާވެސް މާލެއަށް ކިޔަވަން ދާން ފެށިއެވެ. ސީއެޗްއެސްސީއަށް ދާން ފެށި ފުރަތަމަ ދުވަހުވެސް ފިރިހެން ކުދިންގެ ސަމާލުކަން މުސްކާން ދަމައިގަތެވެ. އޭނާގެ ޝައުޤުވެރިކަން އެރޮނގުން ނެތުމުން އެކުވެރިންވެސް ދިމާ ކުރަން ފެށިއެވެ. މުސްކާން، އެހެން މީހުންނަށް ނުފެންނަ ބޯއިފްރެންޑެއް ގެންގުޅެނީއޭ ކިޔައިގެން އެމީހުން ދިމާކޮށް ހަދާއިރުވެސް އޭނާ ކަމަކަށް ނުހަދައެވެ. އަޅައި ނުލާ ތާނގައި އެމީހުންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް އޭނާ މުހިންމު ކަމަކަށް ނުދެކެއެވެ. އެމީހުންނަށް ނޭނގެނީ މުސްކާންގެ ހިތަކީ މާކުރިއްސުރެ އެހެން މީހަކަށް ހިބަކޮށް ނިމިފައިވާ އެއްޗެއްކަމެވެ.

އެއީ މޫސުން ރީތި ދުވަހެކެވެ. ކުލާސް ނިންމާފައި ނިކުމެ މުސްކާން މަޑުކޮށްލައިގެން ހުރީ ބޭބެ އޭނަ ބަލައި އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ބައެއް ފަހަރު ޓްރެފިކަށް މަޑުކޮށްފައިދާ މީހުންގެ ނަޒަރުވެސް މުސްކާންއަށް ހުއްޓެއެވެ. އެކަމަކު އޭނާ ހީވަނީ އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ބޭބެ ހާދަ ލަސްވެއްޖެއޭ، ހިތާއި ހިތުން ކިޔަމުން ދެކޮޅު ބަލަން ހުއްޓާ ކައިރިން ދިޔަ ކާރަކަށް މުސްކާންގެ ނަޒަރު ހުއްޓޭ ގޮތްވިއެވެ. ކޮން ބައެއްކަމެއް ނޭނގުނަސް ފިރިހެން ކުދިންތަކެއް ތިބި ކާރުގައި ތިބި މީހުންވެސް އޭނާއަށް ބެލިކަން އެނގުނެވެ. އެކަން ޔަޤީންވީ އެމީހުން މުސްކާން ފަސްދީ ތަންކޮޅަކަށް ދިޔަފަހުން އަނެއްކާ ފަހަތަށް ޖައްސާލައިފައި އައިސް އޭނައާ އެއް ހަމައަކަށް މަޑުކޮށްލުމުންނެވެ. މުސްކާން ކުޑަކޮށް ނުތަނަވަސްވެފައި ބަލަން ހުއްޓާ ކާރުގެ ލޯގަނޑު ތިރިކޮށްލުމާއެކު "ގެއަށް ގެންގޮސްލަދޭނަން އަންނާށޭ" ބުނުމުން މެއަށް ފިނިވެގެން ދިޔައެވެ.

މުސްކާން އަވަހަށް ދެފަރާތަށް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. "މުސްކާން. ކަމް! ލެޓް އަސް ޑްރޮޕް ޔޫ!" ފަހަތު ސީޓުގެ ލޯގަނޑު ތިރިކޮށްލާފައި ވާހަކަދެއްކި ޒުވާނާގެ އަޑު އެއީ ދަންނަ އަޑެކެވެ. މުސްކާން ސިހިފައި ބަލާލިއިރު އެއީ އައިޒަންގެ ދެބެންގެ ދެދަރި އިޝާންކަން އެނގުމުން ވީގޮތްވެސް ނޭނގުނެވެ. ދޮޅު އަހަރުތެރޭ އިޝާންވެސް ހުރީ ބަދަލުވެފައެވެ. ތުނި ތުނބުޅި މަތިމަހުގެ ސަބަބުން ފިރިހެންވަންތަކަން އިތުރު ކަމަށް ދައްކައެވެ. އެކަމަކު އެމޫނުގައިވާ ހިތްހެޔޮކަން އެއީ ކުރިންވެސް މުސްކާން ދުށް ސިފައެކެވެ. އޭނާ ވިސްނަން ހުރެލާފައި އަދިވެސް އެއްފަހަރު ބޭބެ އާދޭތޯ ބަލާލުމަށްފަހު ފަހަތު ދޮރުފަތް ހުޅުވާލައިފައި އެރިއިރު ކުރީގައި ލީވާންއާ އަދިވެސް އެހެން ޒުވާނަކު އިނުމުން ކުޑަކޮށް ނުތަނަވަސްވިއެވެ. އެމީހުން އެއްޗެއް ނުބުނެ ތިބެފައި ކާރު ދުއްވަން ފެށި މިސްރާބުން ދާން އުޅެނީ ގެއަށް ނޫންކަން އެނގުމުން މުސްކާން ހާސްވެއްޖެއެވެ. އޭނާ ކަންބޮޑުވެފައި ތިދަނީ ކޮންތާކަށް ހޭ އެހުމުން އިޝާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ގެއްލުމެއް ނުދޭނަމޭ. ބަސްއަހައިގެން އިނދޭ އިނގޭ!" އިޝާން އިއްވައިލިއެވެ.

ކޮމެންޓް 0