"ނޯ. އިޓްސް ނޮޓް. ތިއޮތް ލޭ އަންނަނީ. ހިނގާ އަވަހަށް ބޭސް އަޅަން." ލީވާން ކަންބޮޑުވެފައި އޭނާ އަތަށް ދަމާލުމަށްފަހު މިފަހަރު ދިޔައީ ތަންކޮޅެއް ބަލައިގެންނެވެ. އިޝާން ކޮޓަރި ދޮރުމައްޗަށް ގޮސް ،ދޮރުގައި އެއްފަހަރު ޓަކި ޖަހާލައިފައި ދޮރު ހުޅުވާލުމަށްފަހު މުސްކާން ގޮވައިގެން ވަނެވެ. ބެލްކަނީގައި އިޝާން ހުރެފައި އެނބުރި ކޮޓަރިތެރެއަށް ބޯދިއްކޮށްލީ އެއަޑަށެވެ.

"މުސްކާން އައީތަ؟" އިޝާން އަތުގައި އޮތް ފޯނު ތިރިކޮށްލާފައި ވަންނަން އައިއިރު ތުންފަތަށްވެރިވެފައި ހުރި ހިނިތުންވުން ފިލަން ނެގީ މަދު ސިކުންތުކޮޅެކެވެ. "ޔޫއާ ބްލީޑިން." މުސްކާންގެ ޒަޚަމް ފެނުމާއެކު އޭނާއަށް ބުމަ ކައިރިކޮށްލެވުނެވެ. "ހޫމ އެހެންވެ މިއައީ ޑޮކް ކައިރިއަށް. ތިއްތި މުސްކާންގެ ޒަޚަމްގަ ބޭސްއަޅައި ދޭންވީނު." މުސްކާންއަށްވުރެ ކުރިން ލީވާން ރައްދުދިނެވެ. އަހަރެއް ފަހުން ދިމާވި ފުރަތަމަ ވަގުތުކޮޅުވެސް އިޝާން ފުށުން ފަރުވާ ހޯދަން ޖެހުމުން މުސްކާން ކުޑަކޮށް ރަކިވިއެވެ. އޭނާ ހެވިލާފައި ބުނީ ބޭސް ނޭޅިއަސް މަލަންގަނޑެއް ޖަހާލަނިކޮށްވެސް ރަނގަޅުވެދާނެ ކަމުގައެވެ. އެކަމަކު އިޝާން އެއަޑު ނާހައި އޭނާ އަތަށް ދަމާލައިގެން ގެންގޮސް އެނދުގައި ބައިންދާފައި ފަސްޓްއެއިޑް ބޮކްސް ނަގައިފިއެވެ. ލީވާން މަޖާވެފައި ހުރެގެން ދިމާކުރަން ފެށީ ތިއްތިގެ ފުރަތަމަ ބަލިމީހާކަށް ވުމުގެ ރެކޯޑް ގާއިމު ކުރީއޭ ކިޔައިފައެވެ. "ވަޓް ހެޕެން؟" އިޝާން ގޮނޑިއެއް ދަމާލައިގެން މުސްކާން ކުރިމަތީ އިށީންދެފައި ލޭތައް ސާފު ކުރަމުން އެހިއެވެ. އެވަގުތު އެސުވާލަށްވެސް ޖަވާބުދިނީ ލީވާންއެވެ.

"ކޮންއިރަކުން ވަޒީފާއަށް ނިކުންނަނީ؟" މުސްކާން ވާހަކަދެއްކުމާއެކު ދަތްދޮޅިއަށް ބާރުކޮށްގެން ލޭ އޮހިގަތުމާއެކު އިޝާން އަވަހަށް ޝްޝްޝް ކިޔައިލިގޮތުން އޭނާ ސިހިފައި ހިމޭންވިއެވެ. އިޝާން އިތުރު ކަފަކޮޅެއް ނަގައިގެން ލޭމަނާ ކުރިއިރު މުސްކާންގެ ލޮލަށް ފެން ގިނަވެގެން އޮހިގަންނަން ތައްޔާރުވިއެވެ. އެކަމަކު އޭނާ އިނީ ކެތްކޮށްލައިގެންނެވެ. ނަސީބަކުން ގިނައިރެއް ނުވެ އިޝާން މަސައްކަތް ނިންމާލައިފިއެވެ.ލީވާން އޭރު ހުރީ އެކޮޓަރި ފާރުގައި ހަރުކޮށްފައި ހުރި ޑާޓް ބޯޑަކަށް ތީރު އުކާށެވެ.

"ނަސީބަކުން ފަހާވަރެއް ނުވޭ. ބޭސް ނުކެޔަސް ދެފަހަރު ޑްރެސް ކޮށްލަނިކޮށް ހީވޭ ރަނގަޅުވާނެހެން." އިޝާން ތެދުވެފައި އޮޅުންފިލުވައިދިނެވެ. "ތޭންކްސް." މުސްކާން ތެދުވެފައި ޝުކުރު އަދާކުރިއެވެ. އޭނާ ލޯގަނޑަށް ނަޒަރެއް ދީފައި ބޭސްއަޅާފައި ހުރި ތަނަށް ރަނގަޅަށް ބަލައިލިއެވެ. އިޝާން ހުރީ މާބޮޑަށް އައިބު ނުވާނެހެން ނިކަން ކުޑަ ބޭސްގަނޑަކުން ނިންމާލައިފައެވެ. މުސްކާންއަށް އެތަން ހުރި ގޮތް ކަމުދިޔައެވެ. އޭނާ ނިކުންނަން ދިޔައިރު އިޝާންއާ ލީވާންވެސް އެކުގައި ދިޔައެވެ.

"ޖޮބް ހީވޭ ވަރަށް އަވަހަށް ހަމަޖެހޭނެހެން. ދެހަފްތަވަރު ކަންނޭނގެ ވާނީ." މުސްކާން ކުރި ސުވާލުގެ ޖަވާބު އިޝާން ދިނީ ކާންތިބެފައެވެ. ތަންކޮޅެއް ދުރުގައި ނާޝިދުމެން ދެމަފިރިންނާއި ސަމީރުވެސް ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. މުސްކާން އެއާއިލާ ކުދިންނާއެކު އެކުވެރިކޮށް އުޅޭތަން ފެނިފައި ސަނާ އެތައް އިރަކު ބަލަން އިނެވެ. މިހާރުވެސް މުސްކާން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހަނދާނަށް އެންމެ ކުރިން އަންނަނީ ލޯބިވާ ދަރިފުޅެވެ. އައިޒަންއެވެ. އައިޒަން ނެތަސް އައިޒަން އެދިޔައީ މުސްކާންއާ އެއާއިލާ އުމުރު ދުވަހަށް ގުޅުވާފައެވެ. ސަނާ އެންމެ ދެރަވަނީ މުސްކާން އެހެން ޒުވާނަކާއި ގުޅިގެން އެމީހުންނާއި ދުރަށް ދާނެ ދުވަހެއް އަންނާނެއޭ ހިތަށް އަރައިފައެވެ. އެހެން ނުވެ މުސްކާން އެއާއިލާގެ ކުއްޖަކާއި ގުޅޭނެ ނަމައޭ ހިތަށް އަރާ ފަހަރުވެސް މަދެއް ނޫނެވެ. އެކަމަކު އޭނާ އެވާހަކަ އަދި އެހެން މީހެއްގެ ކަންފަތާއި ހަމައަކަށް ނުފޯރުވައެވެ.

ޖެހިގެން އައި ދުވަހު އިރު އަރައިގެން އައިއިރު ދުނިޔެމަތީގައި އަދިވެސް ވިއްސާރަ ކުލައެވެ. ހީވަނީ މިއިން ދުވަހަކު މޫސުން ރީތި ނުވާނެހެންނެވެ. އެނދުން ފުންމާލައިގެން ނިކުމެ ކޮފީ ބޯން އިނދެފައި ފެންވަރަން ދަމުން ފޯނު ޗެކްކޮށްލިއިރު މެސެޖެއް އޮތެވެ. މުސްކާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޒަޚަމްގައި ފެން ނުޖައްސަން ހަނދާން ކޮށްދީފައި ތިރީގައި އިޝާންގެ ނަން ޖަހާލައިފައި އޮތްތަން ފެނިފައެވެ. ބޭބެއަކުވެސް ކޮއްކޮއަކާމެދު އަޅައިލާނީ އެވަރަށެވެ.

ފިނީގައިވެސް ފެންވަރާލުމުން ހަށިގަނޑު ތާޒާވިއެވެ. މުސްކާން އަތްދިގު ނޫ ގަމީސްކޮޅަކާއެކު ހުދު ސްކިނީއެއް ލައިފައި އިސްތަށިގަނޑު ބޭއްވީ ރީތިގޮތަކަށް ހުޅިއެއް ޖަހާލައިފައެވެ. އިންވެސްޓިގޭޝަން ސައިޑުގައި މަސައްކަތް ކުރާތީ ޕޮލިސް ޔުނީފޯމް ލާން ޖެހެނީ ހަމައެކަނި ހާއްސަ ދުވަސްތަކުގައެވެ. އާދައިގެ މަތިން މުސްކާން ނިކުންނަން ދަމުން މަންމައަށް ގޮވާލައިފައި އަންގާލިއެވެ. ކުޑަ ހިފައިގެން ނިކުތްއިރު ދޮރުމަތިން އިޝާންގެ ކާރު ފެނިގެން ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ކަމެއް ނެތި އިޝާން އެހާ ހެނދުނާ ތެދުވެގެން އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ ބަލަހައްޓައިގެން ހުއްޓާ އިޝާން މެސެޖެއް ކޮށްލުމުން ފޯނު ނަގާފައި ބަލާލިއިރު ކާރަށް އަރަން އެދިފައި އޮތެވެ. އޭނާ އެދިމާއަށް ބަލަން ހުރެ ބޯޖަހާލައިފައި ދުވެފައި ގޮސް އެރިއެވެ.

"ގުޑް މޯނިން." އިޝާންގެ ތުންފަތުގައި ހުރީ ހެނދުނުފަދަ ތާޒާ ހިނިތުންވުމެކެވެ. އެއިސްތަށިގަނޑުގައި ތެތްކަން ހުރެފައި މުޅި ކާރުގައިވެސް އިޝާން ޖަހާފައި ހުރި ހިތްގައިމު ސެންޓްގެ ވަހެވެ. "މޯނިން އިޝާން. ކީއްކުރަންތަ މިހާ ހެނދުނާ ހޭލައިގެން ތިއުޅެނީ؟" މުސްކާން ސީޓުގައި ހަމަޖެހިލާފައި އެހިއެވެ. "ނިދި ނައިސްގެން ތެދުވެފަ ހިތަށް އެރީ ވިއްސާރަ ވީމަ މުސްކާން ޓެކްސީއެއް ނުލިބިގެން ޕްރައިވެޓް ކާރަކަށް އަރައިފާނެއޭ." އިޝާން ދިމާކޮށްލުމުން ހިނި އައި ނަމަވެސް އެވަގުތުވެސް އައިޒަންގެ ހަނދާންތައް ހިތަށް ކަށި ހަރައިލިއެވެ. އޭނާ ތުންފަތުގައި ދަތް އަޅައިލައިފައި ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.

ދިޔަ މަގުމަތީގައި މަސައްކަތާއި ބެހޭގޮތުން އިޝާން ކުރި އާދައިގެ ސުވާލުތަކަށް އޭނާ ޖަވާބުދިނެވެ. "އައެމް ޕްރައުޑް އޮފް ޔޫ މުސްކާން." ސްޓޭޝަން ކުރިމައްޗަށް ކާރު މަޑުކޮށްފައި އިޝާން އެންމެފަހުން ބުނެލިއެވެ. މުސްކާން އެމޫނަށް ބަލާލައިފައި ހިނިތުންވެލިތަނާ އަތް އުފުލާލައިފައި ކޯތާފަތުގައި ހިފަހައްޓައިލި ވަގުތު މެއަށް ފިނިވެގެން ދިޔައީ އާދަޔާ ޚިލާފް ގޮތަކަށެވެ. އޭނާ އެހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ކާރުން ފޭބުމުން އިޝާން ލޯމަތިން ގެއްލުނުތަނާ އަމިއްލައަށްވެސް އަތް ޖައްސާލެވުނީ ކޯތާފަތުގައެވެ. ހިތަށް އެރީ އިޝާންއާ އައިޒަން އެހާ އެއް ގޮތީ ކީއްވެ ހެއްޔެވެ؟ އައިޒަންވެސް އެފަދައިން ކިތަންމެ ފަހަރަކު އޭނާގެ ކޯތާފަތުގައި ހިފަހައްޓާލައެވެ. އަދި މިއަދު އިޝާން ބަލަން އިން ގޮތްވެސް ހީވީ ތަފާތު ހެނެވެ. ނޫނެކެވެ. އެއީ އޭނާއަށް ހީވި ގޮތެވެ. އިޝާންއަކީ އެކުވެރިއެކެވެ. އަދި ބޭބެއެކެވެ. އިޝާން އޭނައާމެދު އެފަދަ ނަޒަރަކުން ނުދެކޭނެއެވެ. އޭނާ އެއީ ހަމައެކަނި އައިޒަންގެ ހައްޤެއްކަން އެންމެ ރަނގަޅަށް އެނގޭނީވެސް އިޝާންއަށެވެ. މުސްކާން އަމިއްލަ ހިތަށް ވިސްނައިދިނެވެ.

ހަވީރު ޑިއުޓީ ނިންމާފައި އައިސް އެނދުގައި ޖައްސާލިތަނާ ނިދިޖެހިއްޖެއެވެ. އިރުކޮޅަކުން ހުވަފެނުގައި ފެނުނީ އައިޒަންއާ އޭނާ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ތަނެވެ. ވެޑިން ޑްރެސް ލައިގެން ލޯގަނޑު ކުރިމަތީ އިންދާ އޭނާގެ ދެއަތުގައި ހިފައިގެން ތިރިއަށް ގެންދިޔައީ އިމާރާ އާ ސަނާ ވެގެންނެވެ. އޭރު ގޮނޑިތަކުގައި ދެފަރާތުގެ މައިންބަފައިންގެ އިތުރުން އައިޒަންއާ ކައިވެނިކޮށްދޭ މީހުން ތިއްބެވެ. ގާޟީ ކައިވެނި ލައިދިނުމާއެކު މުސްކާންގެ ހިތް ތެޅިގަތީ އައިޒަންގެ ދުލުން އަނބި ޤަބޫލުކޮށްފީމޭ ބުނެލާ އަޑު އެހުމަށެވެ. އޭނާ ނޭވާ ހިފަހައްޓާލައިގެން އިންދާ އިރުކޮޅަކުން އެއަޑު ކަންފަތުގައި ޖެހުނެވެ. އެކަމަކު އެހެން މީހެއްގެ އަޑުންނެވެ. ތެޅިގެންފައި މޫނު އަނބުރާލިއިރު ކައިރީގައި އިނީ އައިޒަންއެއް ނޫނެވެ. އިޝާންއެވެ. ދެން ސިއްސައިގެން ގޮއްސައި ހޭލެވުނުއިރު މުޅިމީހާ އޮތީ ދާހިއްލާ ފޯވެފައެވެ.

މުސްކާން ފުން ނޭވާތަކެއް ލަމުން ތެދުވެ އިނދެގެން ދެފަރާތަށް ބޯ ހޫރިއެވެ. އެހުވަފެން އެފެނުނީ ޔަޤީނުންވެސް މިއަދު ކުރެވުނު މޮޔަ ހިޔާލެއްގެ ސަބަބުންނެވެ. ހައްތަހާވެސް ޝައިތޯނާގެ ވަސްވާހެވެ. ގަޑި ބަލަންވެގެން ފޯނު ނެގިއިރު ސަނާގެ ދެ މިސްކޯލު ހުއްޓެވެ. މުސްކާން އިންގޮތަށް އިނދެ ސަނާ ނަންބަރަށް ގުޅާފައި ކަންފަތުގައި ޖައްސައިލިއެވެ.

"ކީކޭ މަންމާ؟" ސަނާ ފޯނު ނެގުމުން މުސްކާން މުޚާތަބު ކުރީ ފުރަތަމަ ދުވަހުން ފެށިގެން މުޚާތަބު ކުރާ ގޮތަށެވެ. "ދަރިފުޅަށް މަންމަ ގުޅައިލީ މިރޭ ބިޒީ ނޫނިއްޔާ މިގެއަށް ޖައްސާލެވިދާނެތޯ އަހަންވެގެން. ހާއްސަ ކަމެއް އޮތީމަ މަންމަ ބޭނުން ދަރިފުޅުވެސް އެންމެންގެ ތެރޭގައި އިންނަން." ސަނާގެ ވާހަކައިން މުސްކާން ތުންފަތަށް ހިނިތުން ވެރިވިއެވެ. އޭނާ ވަގުތުން ބޯޖަހާލައިފައި އެއްބަސްވެ އާއެކޭ ކިޔައިލިއެވެ.

އެތައް ދުވަހަކަށްފަހު އަނެއްކާވެސް ގްރީންލޭންޑަށް އުފާވެރިކަން އަންނަން ތައްޔާރުވީއެވެ. ސަނާ ގުޅައިގެން މުސްކާން ގެންދިޔައީވެސް އެކަމާއި ގުޅިގެންނެވެ. އެރޭ އޮތީ އިފްހާމްއާ ލޯބިވެރިޔާ ޝައިލީންގެ ކައިވެނީގެ މަޝްވަރާ ބައްދަލުވުމެވެ. ސަނާގެ އެންމެ ގާތުގައި މުސްކާން ބައިންދައިގެން އިންއިރު ކޮންމެ މީހަކުވެސް މުސްކާންގެ ލަފާ އަހައެވެ. އެގޭގައި ބަސްވިކޭ އަންހެން ދަރިއެކޭ މުސްކާންއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެކަމަކު އެއެންމެންތެރޭވެސް މުސްކާންއަށް އެކަނިވެރިކަން އިހްސާސްވިއެވެ. ކައިވެނީގެ ވާހަކައިން އުފާވެރިކަން ހާޞިލް ވުމުގެ ބަދަލުގައި އައިޒަންގެ ހަނދާނުން ހިތުގައި ކަށި ހަރަން ފެށީ ކެތް ނުވާ ވަރަށެވެ. މުސްކާން އެބަ އަންނަމޭ ކިޔައި ފޯނު ދައްކާލައިފައި ސިޑިން އަރައިގެން ގޮސް އައިޒަން ކޮޓަރިއަށް ވަދެ އެނދުގައި އިނީ އިސްޖަހާލައިގެންނެވެ. އަދިވެސް ހީވަނީ އެކޮޓަރިން އައިޒަންގެ ޖިސްމުގެ މީރުވަސް އަރަ އަރާ ހުންނަ ހެންނެވެ. އެނދުގައި އޮތް ބެޑްޝީޓަކީ އައިޒަންއަށް އެންމެ ރީތި މަޑު ނޫކުލައިގެ ބެޑްޝީޓެވެ. ފާރުގައި ހުރި ކުލައާއި ފަރުނީޗަރުތައްވެސް އަދިވެސް އެހުރީ ބަދަލު ނުކޮށެވެ.

"ދަރިފުޅާ! އިރުގަނޑެއް ފަހުން ސަނާ ގޮވާލިއަޑަށް މުސްކާން ސިހިފައި އިސްއުފުލާލިއިރު ހުރީ ދޮރުމަތީގައެވެ. މުސްކާން ނުބުންޏަސް ސަނާއަށް މުސްކާންގެ ހިތުގެ ހާލު އިހްސާސް ކުރެވިގެން އައީއެވެ. މުސްކާން އެވަގުތު ލޮލުގައި ހުރި ކަރުނަތައް ފޮރުވަން އިސްޖަހާލުމުން ސަނާ އައިސް އޭނާގެ މަގަތުގައި އިށީންދެފައި ދަތްދޮޅީގައި ހިފާ އުފުލުވިއެވެ. "ދަރިފުޅާ. މަންމައަށް އިހްސާސްވޭ ދަރިފުޅުގެ ހިތަށް ކުރާނެ އަސަރު. އެނގޭ ފަސޭހަ ނުވާނެކަން. އެކަމަކުވެސް ދަރިފުޅު ތީ މިގޭ މީހުންނަށް ހާއްސަ ކުއްޖަކަށް ވެފައި މިގޭ ކޮންމެ އުފަލެއްގައި ބައިވެރި ކުރަން އެދޭތީ ގެނައީ. އެހެންނޫނަސް ދިރިއުޅުމުގައި ކުރިއަށް ދެވޭނީވެސް ކުރިމަތި ލީމައެއްނު." ސަނާ ނުހަނު ލޯބިން ދެއްކި ވާހަކަތައް އަހައިގެން މުސްކާން ބޯޖަހައިލިއެވެ. މަންމަގެ އަތް ދުރަށް ޖައްސާލައިފައި އޭނާ ތިރިވެ ބޯއަޅައިލީ އެމަންމަގެ އުނގުގައެވެ. "އުފާ ނުވަނީއެއް ނޫން މަންމާ ވަރަށް އުފާވޭ މިއާއިލާގެ އުފަލުގައި ބައިވެރި ވެވޭތީ. އެކަމަކު ދެރަވަނީ އައިޒަންއާ އަހަރެންގެ ކައިވެނި ނުކުރެވުނީމަ. ދެރަވަނީ ކައިވެންޏަކީ އަހަރެންގެ ނަސީބުގަ ލިޔެވިފަ ނެތް އެއްޗަކަށް ވީމަ." މުސްކާންގެ ފަހު ޖުމްލައިން ސަނާގެ ހިތަށް ގުޑުން އަރުވައިލިއެވެ. އެކަމަކު އޭނާ ހަމަ އެހިނދުން ރައްދު ދޭން ބޭނުން ނުވީ މުސްކާންއަށް ލިބިދާނެ އިތުރު ނުތަނަވަސް ކަމަކަށްޓަކައެވެ. ކައިވެންޏަކީ އެންމެ މީހެއްގެ ނެތި ދިއުމުން ތިމާގެ ބޮލުން ނެގިގެންދާނެ ވާޖިބެއް ނޫންކަން ހަނދާންކޮށްދީ ދިރިއުޅޭހާ ހިނދު އެދިރިއުޅުމުގައި ކުރިއަށް ދާން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަން ވިސްނައިދޭން ބޭނުމެވެ. އެކަމަކު މުސްކާން ތަންކޮޅެއް ހަމައަކަށް އެޅިފައި ހުންނަ ވަގުތަކުން ކަމުގައި ސަނާ ނިންމިއެވެ.

"ދެން ތެދުވެގެން ހިނގާ ބޭރަށް. އަހަރުމެން މާލަސްވެއްޖެއްޔާ ބޭރުގަ ތިބި މީހުން ކަންބޮޑުވެގެން ހޯދަމުން އަތުވެދާނެ." ސަނާ އެންމެފަހުން މުސްކާން ދެކޮނޑުގައި ހިފާ ނެގިއެވެ. "މަންމަ ދޭ އަހަރެން ދާނަން މޫނު ދޮވެލައިގެން." ކަރުނަ ފުހެލާފައި މުސްކާން ޖަވާބުދިނެވެ. ސަނާ އެގޮތާއި އެއްބަސްވެ ބޯޖަހާލައިފައި ދިއުމުން އޭނާ ގޮސް ފާޚާނާއަށް ވަންއިރު ހުޅުވާފައިވާ ބެލްކަނީގައި އެމީހުންގެ ވާހަކަ ހިސާބުގައި އިޝާން މަޑުކޮށްލައިގެން ހުއްޓެވެ. ބާރަށް ތެޅެމުންދިޔަ ހިތާއި ދިމާލުގައި ފިރުމާލައިފައި ހައިރާންކަމާއެކު ލޮލުގައި އަތް ޖައްސާލެވުނީ ނޭނގުމުގެ ތެރޭ އެލޮލުން ވެއްޓުނު ކަރުނަ ތިއްކެއްގެ ސަބަބުންނެވެ. އޭނާ އެކޮޓަރިއަށް ވަދެ އިނދެފައި ފޯނެއް އައިސްގެން ބެލްކަންޏަށް ނިކުމެ ހުއްޓާ މުސްކާން އައިސް ވަން އަޑު އިވިގެން ބަލައިލާފައި ވަންނަން ނުކެރުނީ އެކަނިވެލަން ބޭނުންވެފައި އިންހެން ހީވެގެންނެވެ. އެކަމަކު މިހާރު މުސްކާންގެ ވާހަކަވެސް އަޑު އިވުނީއެވެ.

މުސްކާން ގެއަށް ދާން އުޅެނިކޮށް އިޝާން މެސެޖްކޮށްފައި ބޭސްގަނޑު ބަދަލު ކުރަން ހަނދާންކޮށްދިނުމުން އޭނާ ހޯދާލިއިރު އިނީ ދިމާ ކުރިމަތީގައެވެ. އެހާ ކައިރީ އިނދެ އިޝާން މެސެޖް ކުރުމުން މުސްކާން ގާތަށް ހިނިއައެވެ. އޭނާ ބޯޖަހާލައިފައި އިޝާން ތެދުވުމުން ފަހަތުން ގޮސް އެކޮޓަރިއަށް ވަންއިރު ހިތް ތެޅިލީ ފެނުނު ހުވަފެން ހަނދާންވެފައެވެ. އިޝާންއަށް އެވާހަކަ ކިޔައިދޭން އުޅެފައި ފަސްޖެހުނެވެ. އޭރުން އިޝާން ހިތަށް އަރާނެ އެއްޗެއްވެސް ނޭނގެއެވެ. މުސްކާން އަމިއްލަ ހިތަށް ވިސްނައިދީފައި ހިޔާރު ކުރީ ހިމޭންކަމެވެ.

"ކޮބާ މިހާރު ގާރލްފްރެންޑް؟" ބޭސްއަޅަން ހުއްޓާ މުސްކާން ކުއްލިއަކަށް ކުރި ސުވާލުން އިޝާން ސިހުނެވެ. "ކިހިނެތްވީ؟" ޚުދު މުސްކާންއަށްވެސް އެކަން ފާހަގަވެގެން އަހައިލެވުނެވެ. "އަޒް ކުރިން ބުނި އިޝާންގެ ގާރލްފްރެންޑެއްގެ ވާހަކަ. އެކަމަކު ގެއަކަށްވެސް ނުގެނޭވިއްޔާ އަހަރުންނަށް ދައްކާލާކަށް." މުސްކާން އެކުވެރިއެއްހެން ވާހަކަ ދެއްކުމުން އިޝާން ހިނިތުންވެލިއެވެ. "އޭނަ މިހާރު އެހެން ކުއްޖަކު ގެންގުޅެނީ. އަހަރެއް ވެއްޖެ ރުޅިވިފަހުން." އިޝާންގެ ޖަވާބު އިވުމުން މުސްކާންއަށް "އޯހ" ކިޔައިލެވުނެވެ. "އިޓްސް އޯކޭ." އިޝާންގެ ހިނިތުންވުން ފުންވިއެވެ.

މާބޮޑަށް ލަސްވުމުގެ ކުރިން މުސްކާން ގެއަށް ދާން ބޭނުންވިއެވެ. އޭނާ ގަޑިއަށް ނަޒަރެއް ދީފައި އިންތިޒާރު ކުރީ އިޝާން ނިމެން ދެނެވެ. "މާދަމާ ބޭސްއެޅީމަ ދެން ހީވޭ މަތި ބަންދުނުކޮށް އެކަނި މަތީގަ ބޭސް ހާކައިގެން ފުދިދާނެހެން. އެކަމަކު ފެން ނުޖައްސަ ވޭތޯ ބަލާތި އިހަށް. ނޫނީ އިންފެކްޓް ވެދާނެ." އިޝާން ތެދުވެފައި ކަންތައް ކުރަންވީ ގޮތް ތަފްޞީލުކޮށް ކިޔައިދިނެވެ. ބޯޖަހާލައިފައި މުސްކާން ތެދުވެ ދިއުމުގެ ހުއްދައަށް އެދުމުން އިޝާން ބޯޖަހައިލިއެވެ. ކާރުގައި ގެންދަން އެދުމުން އޭނާ ބުނީ އައީ ސައިކަލުގައި ކަމަށެވެ. ވަދާޢު ކިޔާލައިފައި ހިތްހަމަޖެހި ހުރެގެން ދޮރުން ނިކުންނަން ތަންކޮޅަކަށް ދެވުނުތަނާ މުޅިގެއިން ކަރަންޓް ކަނޑައިގެން ދިޔައެވެ. މުސްކާންއަށް ލިބުނު ސިހުމާއެކު ތޫލި އަޑަކުން ހަޅޭތްލަވައިގަނެވުނެވެ. ތަންދޮރު ވަކި ނުވެގެން ހިނގައިގަންނަން ނޭނގިފައި ހުއްޓާ އިޝާން އެދިމާއަށް އަންނަން އުޅެނިކޮށް އަތުން ޖެހި އެއްޗެއް ވެއްޓުނު އަޑަށް އިތުރަށް ސިހޭގޮތްވިއެވެ.

"އިޝާން. ކޮންތާކު ތިހުރީ؟" މުސްކާން ބިރުން ހުރެ ކިޔާލައިފިއެވެ.

ކޮމެންޓް 0