ނިދިފައި އޮތްއިރު މުސްކާން މައުސޫމު ކަމުން ދޫކޮށްފައި ދާހިތެއްވެސް އައިޒަން ނުވިއެވެ. އެކަމަކު އޭނާއަށް އެނގޭ އެއްޗަކީ އޭނާ އެތާ އޮވެގެން މުސްކާންއަށް ލިބެންވީ އަރާމު ނިދިކޮޅުގެ ބަދަލުގައި އެނިންޖަށް ބުރޫ އެރުން އެކަށީގެންވާ ކަމެވެ. ފަހަކަށް އައިސް ނިދަން އުދަނގޫވެގެން އުޅެން ޖެހޭ ރޭރޭ މަދެއް ނޫނެވެ. ހިތާއި ދެކޮޅަށް ނަމަވެސް އޭނާ ތެދުވެގެން އެކޮޓަރިން ނިކުތެވެ.

"ދަރިފުޅާ!" ކޮޓަރިއާ ހަމައިން މަންމަގެ އަޑު އިވިގެން އައިޒަން އިސްއުފުލާލިއިރު ހުރީ ދޮރުމަތީގައެވެ. "މަންމާ!" އޭނާ މުސްކާން ކޮޓަރިއާ ދިމާއިން އައިތަން މަންމައަށް ފެނުމުން ކަންބޮޑުވެފައި އައިޒަންއަށް ކިޔާލެވުނެވެ. މަންމަގެ އާދައިގެ މަތިން އެއައީ އޭނާ ނިދައިފިތޯ ބަލަންކަން އެނގުނެވެ. އައިޒަން ހީކުރީ މިރޭ އިޝާންމެންވެސް ތިބީތީ މަންމަ އަންނާނީ ތަންކޮޅެއް ލަހުން ކަމުގައެވެ. "މުސްކާން ނިދީތަ؟" ކައިރިވުމުން ކޮނޑުގައި ފިރުމާލައިފައި މަންމަ ސުވާލު ކުރިއެވެ. އައިޒަން ރަކިވެފައި ހުރެގެން ބޯޖަހާލުމަށްފަހު އެތެރެއަށް ވަނުމުން މަންމަވެސް ފަހަތުން ވަނެވެ. ނިދަންލާ ސޯޓާއި ޓީޝާޓް ނަގައި އަތަށް ދިނުމުން އައިޒަން ފާޚާނާއަށް ވަދެ އެއެއްޗެހި ލައިގެން އައިއިރު މަންމަ ހުރީ ނިދޭނެހެން ތަންމަތި ތައްޔާރުކޮށްފައެވެ. އަރައި އޮށޯތުމުން ގައިމަތީ ރަޖާ އަޅައިދީފައި ނިދޭންދެން މަގަތުގައި އިނދެ ބޮލުގައި ފިރުމިއެވެ. މަންމަގެ ނާނާއާ އެއަތުގައި ފިރުމުމަކީ މިހާރު އޭނާ ނިދުމުގެ ޒަރީއާއަށް ވަނީ ވެފައެވެ. އުދަނގޫވެގެން އުޅޭ ރެއެއްގައިވެސް މަންމަ އައިސް ހިމޭން ނާނާއެއް ކިޔައިދީ ބޯ މަސާޖްކޮށްދީ ހެދުމުން ނިކަން އަރާމުކޮށް ނިދެއެވެ.

"އައިޒަން ނިދީތަ؟ ކޮބާ އެހެން މީހުން؟" ސަނާ އެނބުރި އައިސް ކޮޓަރިއަށް ވަނުމާއެކު ނާޝިދުވެސް ކުރީ އެސުވާލެވެ. "އައިޒަން ނިދައިފި. އަހަރެން މިއައީ ލީވާންމެންގެ ކުޅިވަރު ހުއްޓުވައި އެމީހުންނަށްވެސް ނިދަން އަންގާފައި." ސަނާ އޮޅުންފިލުވައިދިނެވެ.

*****

އާދައިގެމަތިން ފަތިސްގަޑިއަށް މުސްކާންއަށް ހޭލެވުނެވެ. ގަޑި ބަލާލައިފައި އިތުރު މީހަކު ތެދުވެ އުޅޭތޯ ބަލަންވެގެން ނިކުތްއިރު ސަނާގެ ކޮޓަރިން ހޮޅިބުރީގެ އަލިކަން ފެންނަން ހުއްޓެވެ. ޓަކި ޖަހަން ނުކެރިފައި ހުއްޓާ ފެނުނީ ސަނާ ދޮރު ހުޅުވާލައިފައި ނިކުތްތަނެވެ.

"އަހަ މުސްކާން! ތެދުވީތަ؟" ކުއްލިއަކަށް ކުރިމަތިން މުސްކާން ފެނުމުން ސިހިފައި ސަނާ ވާހަކަދެއްކިއެވެ. "ނަމާދުކޮށްލަން ވެގެން." މުސްކާން ބޭނުންވާ ގޮތް ބުނުމުން ސަނާ އަވަހަށް އެތެރެއަށް ވަދެފައި ނިކުތީ މުސައްލަ ހިފައިގެންނެވެ. އޭގައި ހުރި އެއްޗެހި ބޭނުންކޮށްގެން ނަމާދު ކުރަން ބުނުމުން މުސްކާން އުފަލާއެކު ބޯޖަހައިލިއެވެ. އޭނާ މުސައްލަ ރައްދު ކުރަން ދިޔަ ގަޑީގައި އައިޒަންމެން މިސްކިތަށް ގޮސްވި ވާހަކަ ބުނުމުން އެނބުރި އައިސް ހުއްޓުނީ ބެލްކަނީގައެވެ. އޭރު ބިންގަނޑު މުޅިން އަލި ނުވާތީ ގޯތިތެރެ އޮތީ ކުޑަކޮށް އަނދިރިކޮށެވެ. ޖެހެމުންދިޔަ ތެތް ވައިރޯޅިތައް މޫނުގައި ބީހެން ފެށުމުން ހިތާއި ސިކުނޑިވެސް ދިޔައީ ތާޒާ ވެގެންނެވެ. އިރުކޮޅަކުން ގޭޓު ހުޅުވާލައިފައި ވަން ތިން ޒުވާނުން ފެނިފައި ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. ކުރީގައި އިފްހާމް ހުރިއިރު ފަހަތުން އައި ތިންމީހުން ކައިރީ ލީވާން ހުރެގެން އެވަގުތުވެސް ކޮންމެވެސް ސަކަރާތެއް ޖަހާފައި ހެނީއެވެ. އަނެއް ދެމީހުން ފަދައިން އައިޒަންވެސް ކޮއްކޮގެ ވާހަކަ އަހައިގެން ހިނިތުންވެލިތަން މުސްކާންއަށް ފެނުނެވެ. އެވަގުތު ހިތަށް ލިބުނު ފިނިކަން މޫނުގައި ބީހިލި ވައިރޯޅިއަށްވުރެ ހިތްގައިމެވެ. އޭނާ ހިނިތުންވެލާފައި އައިޒަން ވަންނަން ވާއިރަށް ދުވެލާފައި ގޮސް ކޮޓަރިން ނިކުމެގެން ސިޑިން ފައިބަން ފެށިއެވެ.

"ކޮންބައެއް ކޮފީ ބޯނީ؟" އިޝާން ބަދިގެއާ ދިމާއަށް ހިނގައިގެންފައި އެހިއެވެ. އިފްހާމް ސިޑިން އަރަން ފެށިއިރު އަނެއް ތިންމީހުން ޖައްސައިލީ ސިޓިންރޫމް ސޯފާތަކުގައެވެ. "މަށެއް ނުބޯނަން. މަ ދާންވެއްޖެ އަނެއްކާ ނިދިގަނޑެއް އަޅައިލަން." ލީވާން ކުއްލިއަކަށް ތެދުވެފައި މަނާވެގަތެވެ. މިރާހް އަތް އުފުލާލައިފައި އޭނާއަށް ކޮފީއަށް އިތުރުކޮށްދޭން އެދުމުން އިޝާން އެނބުރި ބޯޖަހާލުމަށްފަހު ވަދެގެން ދިޔައެވެ. މުސްކާން ސިޑީގެ ތިރީ ހަރުފަތާއި ހަމައަށް އައިއިރު އިފްހާމްއާ ދެމީހުން އެކަކު އަނެކަކާއި ދިމާއަށް ބަލައިލާފައި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ފަހަތުން އައި ލީވާންއަށް އޭނާ ފެނުމުން މުޝްޕޮޓޭޓޯއޭ ގޮވާލި އަޑަށް އައިޒަންވެސް އެދިމާއަށް ބަލާލައިފިއެވެ.

"ގުޑް މޯނިން!" އައިޒަން އުފާވެރި ނަޒަރަކުން ބަލަން އިނދެފައި މުސްކާން އައިސް ކުރިމަތީ ހުރި ސޯފާގައި އިށީންދެލުމުން ވާހަކަދެއްކިއެވެ. "މޯނިން." ޖަވާބުދިންއިރު މުސްކާންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. މިރާހް ނެތްނަމަ އޭނާ އިށީންނާނީ އައިޒަންގެ އެންމެ ގާތުގައެވެ.

"މުސްކާން ބޭނުންތަ ކޮފީ ބޯން. ބޭނުމިއްޔާ އިޝާން ކައިރީ ބުނޭ. އޭނަ ހިނގައްޖެ އެންމެނަށް ކޮފީ ގިރަން." އައިޒަން ވާހަކަދެއްކި ވަގުތު މުސްކާން އޮޅުންފިލުވަން ބޭނުންވެގެން އެހީ އައިޒަން އެގަޑީ ބޭނުންވާ އެއްޗެކެވެ. "އަހަރެން އާންމުކޮށް ހޮޓް މައިލޯއެއް މިގަޑީ ބޯލަނީ. މަންމަ ކޮންމެ ދުވަހަކު ނަމާދުން އަންނައިރަށް ރެޑީކޮށްދޭނެ." އައިޒަން ޖަވާބުދިނެވެ. "ވެލް.. މިއަދު އަހަރެންގެ އަތުން ތައްޔާރުކުރާ ހޮޓްމައިލޯއެއް ބޯންވީނު." މުސްކާން އެހާ ގަޔާވެފައި އެހުމުން އައިޒަންވެސް ދެކޮޅެއް ނުހަދައެވެ. އެވަގުތު އައިޒަން ބޯޖަހައިލިއިރަށް މުސްކާން އަވަހަށް ފުންމައިގެން ތެދުވެފައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ. "މުޝް ޕޮޓޭޓޯ!" އިޝާން ޖޯޑަށް ކޮފީއަޅަން ހުރެފައި ފިޔަވަޅުގެ އަޑު އިވިގެން ބަލާލުމަށްފަހު އެބަސް ބޭރުކޮށްލެވުނީ ކުޑަވެސް އިޚުތިޔާރެއް ނެތިއެވެ. ދެވަނަ ސިކުންތުގައި އޭނާ އަނގައަށް ވައްތަރެއް ޖައްސާލައިފިއެވެ. "ސޮރީ. ލީވާން އަބަދު އެހެން ކިޔާ އަޑު އިވޭތީވެ އަނގައިން ބޭރުވީ." އިޝާން މަޢާފަށް އެދުނެވެ. "އެއްފަހަރެއް ކަމަށް މަޢާފަށް ކޮށްފާނަން." މުސްކާން ހަތަރުކަޅި ހަމަކޮށްލާފައި ސީރިއަސްވި ކަމަށް ހެދިގެން ހުރެ ބުނެލިއެވެ. އިޝާން ގާތަށް ހިނިއަންނަ ގޮތް ވެގެން ނޫންކަމަށް ހެދިފައި އަވަހަށް އެނބުރުނީ އަނެއް ފަރާތަށެވެ.

"މުސްކާން ބޭނުންތަ ކޮފީ؟" އިޝާން އިރުކޮޅަކުން އެހިއެވެ. "ވަރަށް މީރުވާނެތަ؟" މުސްކާންވެސް އަހައިލިއެވެ. "ތިއެއް އެނގޭނީ ޓޭސްޓް ކުރީމަ ދޯ." އިޝާން ޖަހައިލީ ހިނިގަނޑެކެވެ. "އަޅެ ތައްޔާރުކޮށްބަލަ ތީގަ ހުރިވަރެއް ބަލައިލާނަން." މުސްކާން އެންމެފަހުން އެއްބަސްވިއެވެ. އިޝާން ތަބަކުގައި ކޮފީތަށިތައް އަތުރާލުމުން ހުސްތަނަށް އައިޒަންގެ މައިލޯތަށި ލައިގެން ތަބައް ނެގީ މުސްކާންއެވެ.

"ތެންކިއު!" ދޮރާއި ހަމައިން އިޝާން ބުނެލިއެވެ. "ކޮންކަމަކަށް؟" މުސްކާން މޫނު އަނބުރާލައިފައި އެހިއެވެ. "މުސްކާން ތީ މުސްކާންއަށް ވީތީ. ތިހާ ސްވީޓް ވީމަ. ވަރަށް އުފާވޭ އަޒްއަށް މުސްކާންފަދަ ކުއްޖަކާ މީޓްވީމަ." އިޝާން އޮޅުންފިލުވައިދިން ވަގުތު މުސްކާން ހިނިތުންވެލީ އެއީ އައިޒަންވެސް ބުނެފައިވާ ވާހަކައެއްކަން ހަނދާންވެފައެވެ. އިޝާން އުޅޭ ގޮތުން ލީވާންއަށްވުރެ ބޮޑަށް ބައެއްފަހަރު ހީވަނީ އައިޒަންގެ އެއްބަނޑު އެއްބަފާ ކުއްޖަކީ އެއީހެންނެވެ. ލީވާންގެ ހުންނަނީ މާ ތަފާތު މިޒާޖެކެވެ.

ހެނދުނުގެ ނާސްތާއަށްފަހު މުސްކާން ދިޔައީ ގެއަށެވެ. މަންމަ ސުވާލު ކުރުމުން ހުރިހާ ވާހަކައެއް ތަފްޞީލާއެކު މަންމައަށް ކިޔައިދިނެވެ. މެންދުރުވާން އުޅެނިކޮށް މުސްކާން ހައިރާންކޮށްލާފައި ކުރިމައްޗަށް އައިސް ހުއްޓުނީ މާވީއެވެ. މާވީ އައިސް އުޅެނީ ދަތުރުވަރެއްގައި ބައްޕަގެ ބޭސް ފަރުވާއަށެވެ. ޑޮކްޓަރަށް ދައްކާ ނިމިގެން މިހާރު ދެން އޮތީ ފުރުންކަން އޮޅުން ފިލުވައިދިން ވަގުތު މުސްކާން ބާރު އެޅީ އެދުވަހުގެ ބާކީގައި އެގޭގައި ހޭދަ ކުރުމަށެވެ. އެހާ ދުވަސްފަހުން ބައްދަލު ވުމުން އެމީހުން ދައްކާނެ ވާހަކަތައްވެސް ގިނައެވެ. މެންދުރު ކެއުމަށްފަހު ދެމީހުން އައިސް ތިބީ މުސްކާންގެ ކޮޓަރި ތެރޭގައެވެ. އެނދުމައްޗަށް ކުރީގެ ފޮތްތަކާއި އެކި އެކި ހަނދާންތައް އަޅާލައިގެން ތިބެ ބަލަ ބަލާފައި ދެމީހުން އެދުވަސްތައް ހަނދާން ކުރަމުން ދިޔައެވެ.

"އެހާ ދުވަސްފަހުން ބައްދަލުވީމަ ވަރަށް ބޮޑު ވާހަކައެއް އަހައިލަން ބޭނުންވެފަ މިހުންނަނީ. ހަނދާން އެބަހުރިތަ އޯލެވެލް އަހަރު ޕްރައިވެޓް ކާރަކުން ދިމާވި ބޯއި މަތިން. އޭނައަކާ ދިމައެއް ނުވޭތަ ފަހުން؟ ބުނީމެއްނު އޭނަ ލަންކާއަށް ދިޔަ ވާހަކަ؟" މާވީގެ ހިތުގައި އޮތް ބޮޑު ސުވާލު ދުލާއި ހަމައަށް ގެނައިރު މުސްކާން އިނީ ކެމިސްޓްރީ ފޮތުގައި އައިޒަން ލިޔެފައި އޮތް ލިއުންކޮޅަށް ބަލަހައްޓައިގެންނެވެ. އެވަގުތު އޭނާ އިސްއުފުލާލުމުން މާވީ ކެތްމަދުވެފައި ޖަވާބުގެ އިންތިޒާރުގައި ބަލަން އިނެވެ.

"އައިޒަންއާ ރަތްޓެހިވެގެން މިހާރު މިއުޅެނީ." މުސްކާން ހާމަކޮށްލިއެވެ. މާވީއަށް ލިބުނު ޝޮކްގައި ފުރަތަމަވެސް އަނގަމަތީ އަތް އަޅައިލިއެވެ. "ހަމަ ތެދެއްތަ ތިބުނީ؟ ކިހިނެތް ފަހުން ދެމީހުން ދިމާވީ؟ ބަލާބަ ގޯސްކަން ނުވެސް ބުނެއޭ އެއިންނަނީ. އަހަރެން ފުރުމުގެ ކުރިން ވާނެ މީޓްކޮށްދީފަ އިންޓްރޮޑިއުސް ކޮށްދޭން!" މުސްކާންގެ އަތުގައި ހިފައިގެން މާވީ އާދޭސް ކުރަން ފެށުމުން މުސްކާން ކަންބޮޑުވިއެވެ. ހަޤީޤަތް ނުބުނެ ހިފެހެއްޓިދާނެ ކަމާމެދު އޭނާއަށް ޝައްކުވީ އެހިސާބުންނެވެ. އަދި އޭނާގެ އެކުވެރިންގެ ތެރެއިންވެސް މާވީއަކީ ލޮލަށް ފެންނަ ކޮންމެ ކަމަކަށް ފާޑުކިޔައި ނިންމުންތައް ނިންމާ އެކަކެވެ. މުސްކާން ހާސްވީ މާވީ ބުނާ އެއްޗަކުން އަމިއްލަ ހިތަށްވެސް ނުތަނަވަސްކަމެއް ލިބިގެން ހިނގައިދާނެތީއެވެ.

"މީޓް ކުރުވިދާނެ. އެކަމަކު މާވީ ނުވާނެ ޖަޖްކޮށްގެނެއް. ހާއްސަކޮށް އަޒް ކުރިމަތީ އެއްވެސް އެއްޗެއް ނުބުނާތި!" މުސްކާން ސީރިއަސްވެފައި ހުށައެޅި ޝަރުތު ވީ މާވީއަށް އަރަތަކަށެވެ. އޭނާ ތަނެއް ދޮރެއް ނޭނގި ހުރެގެން އެކަމަށް އެއްބަސްވީ ލޮލަށް ފެންނަން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ލަފާކޮށްލުމެއްވެސް ނެތިއެވެ.

މުސްކާން އެދުވަހު ގުޅާފައި އެކުވެރިއަކާ އައިޒަން ބައްދަލު ކުރުވަން އެދޭ ވާހަކަ ބުނުމުން އައިޒަން ވަރަށް ފަސޭހައިން އެއްބަސްވިއެވެ. ހަވީރުގަޑިއަށް ދެއެކުވެރިން ތައްޔާރުވެގެން ދިއުމުން ދޮރު ހުޅުވީ ގޭގައި އުޅޭ ނޯކަރެވެ. ސަނާ އައިސް ބުނީ އައިޒަން ގުޅާފައި މިހާރު އަންނަނީއޭ ބުނެ އެންގި ވާހަކައެވެ. ހަވީރު ގަޑިއަށް ހުސްކޮށް ހުރެފައި އައިޒަން ކުއްލިއަކަށް ދާން ޖެހުނީ އެކުވެރިއަކު ކުރާ މަސައްކަތެއްގައި އެހީތެރި ވެދިނުމަށެވެ. އާކިޓެކްޗަރުކަން ކިޔަވަ ކިޔަވާފައި ބަލީގެ ސަބަބުން މެދުކަނޑާލި ފަހުންވެސް އެފަދަ މަސައްކަތްތަކުގައި ބައިވެރިވުން އައިޒަން ކުރިއަށް ގެންދެއެވެ. މުޅި ދުވަހު ހުސްކޮށް އިނުމުގެ ބަދަލުގައި ވީވަރަކުން ކުރަހައި އެފަދަ މަސައްކަތް ތަކުގައި ވަގުތުގެ ބޭނުން އޭނާ ހިފައެވެ.

ގޭގެ ބެލްޖެހި އަޑާއެކު ނޯކަރުކުއްޖާ ދޮރު ހުޅުވަން ދިއުމުން ސޯފާގައި ތިބި ދެއަންހެންކުދިންގެ ނަޒަރު އަވަހަށް އެދިމާއަށް ދަތުރުކޮށްލިއެވެ. އެވަގުތު މާވީއަށް އައިޒަން ފެނުމުން ފުންމައިގެން ތެދުވިއެވެ. މާވީގެ މިއަމަލުން ތަފާތުކަމެއް ފާހަގަ ކުރެވުނަނުދޭން މުސްކާންވެސް ތެދުވެއްޖެއެވެ. މާވީ އެއްޗެއް ބުނަން އުޅޭހެން ހީވެގެން އޭނާ އަވަހަށް އެކުވެރިޔާގެ އަތުގައި ހިފާލައިފައި ހިމޭނުން ހުންނަން އަންގައިލިއެވެ.

"ހެލޯ! އައިޒަންއަށް އެމީހުން ފެނިގެން ކައިރިއަށް އައިސް ހުއްޓިފައި ހިނިތުންވުމާއެކު އަތްދިއްކޮށްލީ މާވީއާ ސަލާމް ކުރުމަށެވެ. "އައިޒަން." މާވީ އެއަތުގައި ހިފައިލިއިރު އައިޒަން ތައާރަފްދިނެވެ. "މާވީ." މާވީވެސް ރައްދުގައި އިއްވައިލިއެވެ. އެވަގުތު އައިޒަން އޭނާ ހައިރާންކޮށްލީ އެނގެއޭ ބުނުމުގެ ގޮތުންނެވެ. މުސްކާންވެސް ހުރީ ބަލަހައްޓައިގެންނެވެ. އޭނާ މަދުމަދުން އެކުވެރިންގެ ވާހަކަ ދެއްކިއަސް އައިޒަން ހަނދާން ހުންނާނެ ކަމަކަށް ހިއެއް ނުކުރެއެވެ. "ބޭރުގަ ކުޑަކަމެއްގަ އުޅެފަ މިއައީ. ލަސްވާނެތަ ޗޭންޖްކޮށްލައިގެން އައިއްޔާ؟" މާވީގެ އަތާއި އަތް ވަކިކޮށްލާފައި އައިޒަން ސުވާލު ކުރީ މުސްކާންއާއެވެ. މުސްކާން އަވަހަށް ދެފަރާތަށް ބޯ ހޫރާލުމާއެކު އައިޒަންގެ އާދައިގެ މަތިން އޭނާގެ ކޯތާފަތުގައި އަތް ޖައްސާލައިފައި ސިޑިން އަރައިގެން ދިޔައެވެ.

"މުޝް މޮޔަވީތަ؟ އެއީތަ އައިޒަންއަކީ؟ އޭނައަށް ކެންސަރ ޖެހިފަތަ އެހުރީ؟" އައިޒަންހަމަ ލޮލުކޮޅަށް އޮބާލުމާއެކު މާވީ ކުއްލިއަކަށް މުސްކާންގެ އަތުގައި ހިފާފައި ނުރުހުމުގެ ރާގެއްގައި ސުވާލުތައް އަމުނައިލިއެވެ. ކައިރިން އެފަދަ މީހަކު ކުރިން ފެނިފައި ވުމުން މާވީއަށް ލަފާކޮށްލެވުނެވެ. މުސްކާން ފާޑަކަށް ހުރެގެން ހަމައެކަނި ކުރެވުނު ކަމަކީ ބޯޖަހައިލުމެވެ. އޭނާ އައުމުގެ ކުރިންވެސް ނުބުނީ ވާހަކައިގެ ގޮތުންނެވެ. އެނގިއްޖެއްޔާ މާވީ އޭނައަށް ނުބައި ނަސޭހަތް ލައިދޭން އުޅެފާނެތީ ޖެހިލުންވީއެވެ. އޭގެ ބަދަލުގައި އައިޒަންއާ ބައްދަލުވެ އޭނާގެ ހުރި ރަނގަޅުކަމާއި ޖެހިފައިވާ ހާލު ލޮލަށް ފެނުމުން މާވީ ދެކޭނެ ގޮތް ތަފާތު ވާނެ ކަމުގައި އޭނާއަށް ހީކުރެވުނެވެ. "އެންމެރަނގަޅު އެހެންވިއްޔާ ބަލި ރަނގަޅުވާނެ ކަމުގެ އެއްވެސް ގެރެންޓީއެއް އޮވެގެންތަ އޭނައާ ގުޅިގެން ތިއުޅެނީ؟" މާވީ ސުވާލު ކުރުމުން މުސްކާންއަށް ދޮގެއް ނުހެދުނެވެ. އޭނާ ހިމޭން އަޑަކުން ބުނެލީ ނެތްކަމުގައެވެ.

"މަރުވެފައި އޮތް ޤަބުރަކާ ޑޭޓް ކުރުމާ އައިޒަންއާ ޑޭޓް ކުރުމާ ކޮން ތަފާތެއް އޮތީ މުޝް؟ ދެންވެސް ހޭއަރާބަލަ. މުސްތަޤްބަލެއް ނެތެއްނު ތިހެން އުޅެގެނެއް. ކިޔަވައިގެން ތަންދޮރު އެނގެން ފެށީމަ ހައްތަހާ ބުއްދި ތިދަނީ ދަށަށް ދޯ. އަހަރެން ހަމަ ހައިރާންވެއްޖެ މުޝް ތިއުޅޭ ގޮތް ފެނިފަ.." މާވީގެ ކޮންމެ ޖުމްލައެއް ތޫނު ތީރެއް ފަދައިން މުސްކާންގެ ހިތް ތޮރުފާލުމުން ލޮލަށް ކަރުނަތައް ގިނަވެގަތެވެ. އޭނާ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަންވެގެން އަތް މުށްކަވާލައިފައި ދެފަރާތަށް ބޯ ހޫރާލުމަށްފަހު އެވާހަކަ ކުރިއަށް ގެންދިޔަ ނުދޭން މަސައްކަތް ކުރިއެވެ. "ދެފަރާތަށް ބޯ ހޫރިއަސް ހަޤީޤަތް ބަދަލެއް ނުވާނެ މުޝް. އަހަރެން މިހެން މިކިޔަނީ މުޝްއަށް ރަނގަޅަކަށް. ތެދު ހިތިވާނެ. އަޑުއަހަން އުދަނގޫވާނެ ގިނަފަހަރު. އެކަމަކު މިހާރު މިކަމުން ސަލާމަތް ވެގެން ނޫނީ ފަހުން ލިބޭ ދެރައިން ރައްކާތެރިއެއް ނުވެވޭނެ. ދެން އޭނަ މަރުވީމަ މުޝް ވީ މުޅި އުމުރު އެހިތާމައިގަ ނިމިދާން..." މާވީ ވާހަކަ ހުއްޓާނުލާ ފަށަ ފަށައިގެން ގޮސް އެންމެފަހުން އިއްވާލި ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ ފެނުނީ މުސްކާން ކުއްލިއަކަށް އަތް ދަމާލައިފައި އެމޫނުގައި ބޮނޑިއެއް އެޅިތަނެވެ. އަޑު ކިޔާލުމާއެކު މާވީ އަވަހަށް ކޯތާފަތުގައި އަތް އެޅިއިރު ލޮލުން ކަރުނަ އަންނަން ތައްޔާރުވެއްޖެއެވެ. އޭރު މުސްކާން ހުރީ މައިނޭވާ ލައިލައިއެވެ. އަދިވެސް އަތް މުށްކަވާލައިގެން ހުރިގޮތުން އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތް ދޭހަވެއެވެ.

"ފުދިއްޖެ މާވީ. ފުދި އިތުރުވެއްޖެ. އަހަރެން ފުރަތަމަވެސް ބުނީމެއްނު ޖަޖް ނުކުރާށޭ. މާވީ ހީކުރީ ކިޔަން ގެންގުޅޭ ވާހަކަ ފޮތެއްގެ މެދުތެރޭން މުހިންމު ކެރެކްޓަރއެއް މަރުވީމަ ފޮތް ކިއުން ހުއްޓާލާހެން އަމިއްލަ ދިރިއުޅުމުގައިވެސް މީހަކަށް ބައްޔެއް ޖެހޭއިރަށް ގުޑުން ކަނޑައިލާފަ ބާކީކޮށްލެވޭނެ ކަމަށްތަ؟ ކޮންކަހަލަ ރަހުމްކުޑަ މީހެއް އެގޮތަށް ކަންތައް ކުރާނީ؟ އަހަރެން އައިޒަންދެކެ ލޯބިވީ އޭނަގެ ކޮންމެ އުފަލެއްގައާ ހިތާމައެއްގައި ބައިވެރިވާން. އޭގެ މާނައަކީ އޭނަ ބަލިއްޔާ އެންމެ ކައިރީގައިވެސް ހުންނާނީ އަހަރެންނޭ. އަދި އޭނަގެ ބަލި ފަސޭހަ ވާނެ ކަމުގެ އުންމީދު ނެތިފައިވާނަމަ އޭނަ ދުނިޔޭގައި އުޅޭހާ ދުވަހަކު އޭނަ އުފަލުގަ ބެހެއްޓުމަކީވެސް އަހަރެންގެ ޒިންމާއެއް. އެއީ އަހަރެން ބަލައިގަންނަން އައިޒަން އަކީ ނުރައްކާތެރި ބައްޔަކާ ހަނގުރާމަ ކުރަމުންދާ ފަރާތެއްކަން. އަހަރެން ބަލައިގަންނަން ދުނިޔޭގައި އުޅޭއިރު ދިމާވާ މިފަދަ ކިތަންމެ ކަމެއް ހުންނާނެކަން. އަހަރެން މިންވަރަށް ޝުކުރު ކުރަން. މާވީއަށް އަހަރެން އުޅޭގޮތް ކަމުނުދިޔަސް އަހަރެން ކުރާނެ ކަމެއް ނެތް. އަހަރެންނާ ގުޅުން ބާއްވަން ބޭނުމިއްޔާ ދުވަހެއްގެ ކޮޅުންވެސް އައިޒަންއާ ބެހޭގޮތުން ދެން ތިކަހަލަ އެއްވެސް އެއްޗެއް ބުނެގެން ނުވާނެ." މުސްކާން ރޮއިރޮއިފައި ރައްދުދިންއިރު މާވީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތިރީގައި އަޑު ގަދަވެގެން އައިޒަންއާ ސަނާ ނިކުމެ ސިޑިން ފައިބަން ފެށިއިރު ވާނެ އެއްޗެއް އޮތީ ވެފައެވެ. މާވީ އެވަގުތު ދޮރާއި ދިމާއަށް ބަލައިލާފައި ކަންބޮޑުގެން ޖައްސައިލި ވައްތަރު ފެނިގެން މުސްކާންވެސް އެދިމާއަށް އެނބުރުނެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ވަދެ ދޮރުމަތީ ހުރި ފަރާތުގެ މޫނަށް ބަލައިލުމުން އެނގުނީ އޭނާއަށް އެދެމީހުންގެ ހުރިހާ ވާހަކައެއް އަޑު އިވުނު ކަމެވެ.

ކޮމެންޓް 0