ތިރީގައި އަޑު ގަދަވެގެން އައިޒަންއާ ސަނާ ނިކުމެ ސިޑިން ފައިބަން ފެށިއިރު ވާނެ އެއްޗެއް އޮތީ ވެފައެވެ. މާވީ އެވަގުތު ދޮރާއި ދިމާއަށް ބަލައިލާފައި ކަންބޮޑުވެގެން ޖައްސައިލި ވައްތަރު ފެނިގެން މުސްކާންވެސް އެދިމާއަށް އެނބުރުނެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ވަދެ ދޮރުމަތީ ހުރި ފަރާތުގެ މޫނަށް ބަލައިލުމުން އެނގުނީ އޭނާއަށް އެދެމީހުންގެ ހުރިހާ ވާހަކައެއް އަޑު އިވުނު ކަމެވެ.

"އިޝާން!" މުސްކާންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެވަގުތު މާވީ ކުއްލިއަކަށް ދުއްވައިގެންފައި ގޮސް ނިކުތްއިރު މުސްކާންއަށް ހުރެވުނީ ގުޑިނުލެވިފައެވެ. އެކުވެރިޔާގެ ދޫ ނުބައި ކަމުން އިޝާންގެ ކުރިމަތީވެސް އޭނާ ބޭޒާރުވެއްޖެއެވެ. އެވާހަކަތައް އިޝާން އެހެން މީހަކަށް ކިޔައިދީފިއްޔާ އެމީހުން ހީކުރާނީ ކީކޭ ހެއްޔެވެ؟

"ކިހިނެތްވީ މުސްކާން؟ ކީއްވެ މާވީ އެދިޔައީ؟" އައިޒަން އައިސް ކައިރިއަށް ހުއްޓިފައި ސުވާލު ކުރިފަހުންވެސް މުސްކާންއަށް އެނބުރި ބަލައެއް ނުލެވުނެވެ. ދެލޯ ބޮޑުކޮށްލި ގޮތަށް ކަންބޮޑުވެފައި ހުރެވުނީ އަދިވެސް އިޝާންއަށް ބަލާށެވެ.

"މުސްކާން ފްރެންޑް ކުއްލިއަކަށް ތަނަކަށް ދާންޖެހިގެން އެދިޔައީ. ދޯ މުސްކާން." އިޝާން އެވަގުތު ފޯނު ތިރިކޮށްލާފައި ބުނި އެއްޗަކުން މުސްކާން އިތުރަށް ސިހުނެވެ. އޭނާ ބަލަން ހުއްޓާ އިޝާން ނުސީދާކޮށް ލޮލުގެ އިޝާރާތެއް ދީފައި އެއްބައިވާން ބުނުމުން އެހެން ހުރެގެން ބޯޖަހާލައިފިއެވެ. "އެހެންތަ؟ އެހެންވިއްޔާ ދެން މާވީއާ މީޓް ވާން އެހެން ދުވަހެއް ހަމަޖައްސާނީ ދޯ." މުސްކާން ލަސްލަހުން އެނބުރުނުތަނާ އައިޒަން އައިސް ދަތްދޮޅީގައި ހިފާ އިސްއުފުލުވާލައިފައި ވާހަކަދެއްކިއެވެ. އެމޫނުގެ ތަފާތު ކުލަވަރުން އެމީހުންނަށް އެއްޗެއް އެނގުމުގެ ކުރިން އިޝާން އަވަހަށް ސަމާލުކަން އަނެއްކޮޅަށް އަނބުރާލީ ދެދުވަސްފަހުން ފުރަން ހަމަޖެހުނު ވާހަކަ ބުނެފައެވެ. އިޝާން މެޑިސިން ކިޔަވަމުން ކިޔެވުމުގެ މެދުތެރޭން އައިސް އުޅެނީ ކުޑަ ޗުއްޓީއެއްގައެވެ. ނަސީބަކުން ބޭނުންވި ގޮތަށް ސަނާއާ އައިޒަންގެ ހުރިހާ ސަމާލުކަމެއް އިޝާންގެ ވާހަކައަށް ހުއްޓިގެން ދިޔައެވެ. ފުރުމުގެ ކުރިން އެންމެން އެކުގައި ކޮންމެވެސް އެއްވަގުތެއްގެ ކެއުމަށް ބާއްވަން ޖެހޭނެއޭ ކިޔަމުން ސަނާ އެނބުރުނީ ރޭގަނޑުގެ ކެއުން ހާއްސަ ކުރުމަށެވެ. ކުދިން ސައިބޯން ބައިތިއްބާފައި ނޯކަރު ކައިރީގައި ބަހައްޓައިގެން އޯޑަރ ލިއުނުއިރު އިޝާން ބޭނުންވާ އެއްޗެހި ވަކި ވަކިން އެހިއެވެ.

ރޭގަނޑު ކައިގެން ގެއަށް ދާން އެންމެން ބާރު އެޅުމުން މުސްކާންވެސް އެގޮތާއި ޤަބޫލުވިއެވެ. އިޝާން ފުރުމުގެ ކުރިން އޭނާވެސް އެކުގައި ވަގުތު ހޭދަ ކުރަން ބޭނުމެވެ. އައިޒަންއާ އޭނާ ގުޅިލާމެހުނު ފަދައިން އެއާއިލާ އޭނާގެ އަމިއްލަ ބަޔަކަށް ވެގެން ދިޔައިރު އިޝާންއާ މިރާހްވެސް އެއީ މިހާރު މުހިންމު މީހުންނެވެ. މިރާހް އެކުވެރިއެއްހެން އުޅޭއިރު އިޝާންއާމެދު ދެކެވެނީ ،ބޮޑަށް ހުންނަ ބޭބެއެއް ފަދައިންނެވެ.

ހަވީރުން ސައިން ނިމިގެން ޒުވާން ޖޯޑު ނިކުމެ ތިބީ ގަސްތަކުތެރޭ ހުރި ހިލަ ގޮނޑިއެއްގައެވެ. އައިޒަންގެ އައިޕޮޑް އިން އޭނާ އެންމެ ރީތިވެގެން ޖަހާ ލަވަ "ހެޔޮހާލުގާ" އިވެމުން ދިޔައިރު ހެޑްސެޓުގެ ދެކޮޅު އޮތީ ދެމީހުންގެ ކަންފަތުގައެވެ. އައިޒަންގެ ކޮނޑުގައި ބޯއަޅާލައިގެން މުސްކާން އިންއިރު އައިޒަންވެސް އިނީ އެއްފަރާތަކަށް ބޯއަރިކޮށްލައި މުސްކާންގެ ބޮލުގައި ލައްކޮށްލައިގެންނެވެ. ތާޒާ ވައިރޯޅިތައް ގަސްތަކުގައި ބީހެމުން ދިޔައިރު އޮރެންޖް ކުލައިގެ ނިކަން ރީތި ދެ ކޮކާ އުދުހިލާފައި އުޅޭ މަންޒަރަށް ލޯތައް ހުއްޓިފައި ހުއްޓެވެ.

"އައިޒަން!" އިރުކޮޅަކުން މުސްކާން ވާހަކަދައްކަން ވެގެން ފިތައިލީ އައިޒަންގެ އަތަށެވެ. "ކީކޭ؟" އައިޒަން އިންގޮތަށް އިނދެ އަހައިލިއެވެ. "ކޮންއިރަކުން އަހަރުމެން މެރީ ކުރާނީ؟" މުސްކާން ކުރި ސުވާލުން އޭނާ ކުޑަކޮށް ސިހޭގޮތްވެފައި ހެޑްސެޓް ނައްޓާލައިފިއެވެ. "ކިހިނެތްވީ؟" އައިޒަން ހަށިގަނޑު ތެދުކޮށްލާފައި މުސްކާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. "އަހަރެން ބޭނުން އައިޒަންއާ މެރީ ކުރަން." މުސްކާންޖަވާބުދިނެވެ. އައިޒަން އެވަގުތު ބަލަން ހުރެލާފައި ތުންފަތަށް ވެރިކޮށްލީ ލުއި ހިނިތުންވުމެކެވެ. ޖަވާބެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އިންދާ އެދެއަތް އުފުލާލައި މުސްކާންގެ މޫނުގެ ދެފަރާތުން ހިފަހައްޓާލައިގެން ބަލަން އިނެވެ.

"އަހަރެންވެސް ބޭނުން މުސްކާންއާ މެރީ ކުރަން. ބޭނުން މުސްކާން ތީ ހަމައެކަނި އަހަރެންގެ ހައްޤަކަށް ހަދަން. އެކަމަކު ތީ އަދި ޅަކުއްޖެއް. ޔޫ އާ ސެވެންޓީން އެން ސްޓަޑީން. އެއިޓީން ވީމަ މެރީ ކުރާނީ." އައިޒަން ލަސްލަހުން އިއްވައިލި ވާހަކަތައް މުސްކާންއަށް ކަމުދިޔަ ހެނެއް ހިއެއްނުވެއެވެ. އޭނާ އެއްޗެއް ނުބުނެ އިނދެގެން އައިޒަންގެ ދެއަތް ނައްޓުވާލައިފައި ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ.

"ރުޅިއައީތަ؟" މުސްކާން ފަސްދީފައި ދާން ހިނގައިގަތް ވަގުތު އައިޒަން އަތުގައި ހިފާ ހުއްޓުވިއެވެ. ފުރަގަސްދީގެން ހުރުމުން އައިޒަން ހީކުރީ މުސްކާން ހުންނާނީ ރުޅިއައިސްފައި ކަމަށެވެ. އޭނާ ތެދުވެފައި މުސްކާންގެ ކުރިމައްޗަށް ހުއްޓުނު އިރަށް ސިހުމެއް ލިބިގެން ދިޔައެވެ. އައިޒަންއަށް ފެނުނީ މުސްކާންގެ ދެލޯ ފުރިގެން ކަރުނަ އަންނަތަނެވެ. އޭނާއަށް ފެނުމުން އަނެއް އަތްތިލައިން ލޯމަތި ނިވާކޮށްލައިފައި ދެތުންފަތް ޖައްސާ ބާރުކޮށްލައިފިއެވެ. މުސްކާންގެ ކަރުނައިން އައިޒަންގެ ހިތަށްވެސް އަސަރު ނުކޮށެއް ނުދިޔައެވެ. އެކަމަކު މުސްކާން ރުއްސަން ވިއަސް އެހާ އަވަހަށް ކައިވެންޏަށް އެއްބަސް ވާކަށް ބޭނުމެއް ނޫނެވެ. ބުނާނެ އެއްޗެއް ނޭނގިގެން އޭނާއަށް ހަމައެކަނި ކުރެވުނު ކަމަކީ މުސްކާން ގެނެސް މޭގައި ޖައްސާލުމެވެ. "ސޮރީ މުސްކާން. ވަރަށް ބޮޑަށް ސޮރީ." އައިޒަން އެއިސްތަށިގަނޑުގައި ފިރުމަމުން ކަންފަތް ދޮށުގައި ވައިއަޑުން ކިޔައިލިއެވެ. ރޮއިރޮއިފައި މުސްކާން އިރުކޮޅަކުން ކީ އެއްޗެއް ސާފު ނުވެގެން ދުރުކޮށްލާފައި ތަކުރާރު ކުރުމަށް އޭނާ އެދުނެވެ.

"އަހަރެން ބިރުގަންނަނީ އަހަރެންނަށް އެއިޓީން ވަންދެން އަޒް ދުނިޔޭގައި ނުހުރެދާނެތީ." ކަރުނުން ފޯވެފައި ހުރެގެން މުސްކާން އެޖުމްލަ ބުނެލި ގޮތުން އައިޒަންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަކިވުމުގެ ހިޔާލުން ހިތަށް ލިބުނު ކުއްލި ތަދު މެއާއި ހަމައަށް ފޯރައިފިއެވެ. އުދަނގޫވެގެން މޭގައި ފިރުމާލިތަން މުސްކާންއަށް ފެނުމުން ގަތީ އަމަށަކު ބިރެއް ނޫނެވެ. "އަޒް. ކިހިނެތްވީ؟ މެއަށް ތަދުވަނީތަ؟ ހިނގާ އަވަހަށް އެތެރެއަށް!" ސުވާލު ކުރިއިރު މުސްކާންގެ ކަރުނަތައް އިތުރުވިއެވެ.އައިޒަން ބޯ ޖަހާލައިފައި އެތެރެއަށް ވަންނަން ދިޔައިރު މުސްކާން ހުރީ އައިޒަން ވެއްޓިދާނެތީ ވިސްނައިގެންނެވެ. ނަސީބަކުން ދޮރާއި ހަމައިން އިޝާން ބައްދަލުވިއެވެ. އިޝާންއަށް އެދެމީހުން މޫނުން އެއްޗެއް ވިސްނިގެން ސުވާލު ކުރި ވަގުތު ޖަވާބުދިނީ މުސްކާންއެވެ. އައިޒަން މެއަށް ތަދުވާ ވާހަކަ ބުނުމުން އިޝާން އަވަހަށް ކައިރިވެފައި އައިޒަންއަށް އެހީވެގެން ގެންގޮސް ސޯފާގައި ބެއިންދިއެވެ. ނޯކަރަކަށް ގޮވަންވެސް ލަސްވާނެތީ އިޝާން ދުވެލާފައި ގޮސް ފެންތަށްޓެއް ހިފައިގެން އައިއިރު މުސްކާން އިނީ އައިޒަންގެ މޭގައި ފިރުމާލަ ފިރުމާލައެވެ. އައިޒަން އޭރު ސޯފާގެ ލެނގޭބައިގައި ކަނދުރާ އަޅުވާލައިގެން މަތި ބަލަން އޮތެވެ.

"އަޒް! ޓޭކް ސަމް ވޯޓަރ!" އިޝާން ކައިރިވެފައި ވާހަކަދެއްކިއެވެ. އައިޒަން ހަށިގަނޑު ތެދުކޮށްލިއިރަށް މުސްކާން ފެންތަށި އަތުލާފައި ތުނބުގައި ޖެއްސުމުން އެމޫނަށް ބަލަން އިނދެގެން ދެކޯވަރެއްވަރު ބޯލާފައި އަނެއް އަތުން ދުރުކޮށްލައިފިއެވެ. "ކަންބޮޑުނުވޭ. އައިމް ފައިން ނައު. ކޮޓަރިއަށް ގޮސް ރެސްޓްކޮށްލަނިކޮށް މުޅިން ލުއިވެދާނެ." އައިޒަން ބޭނުންވާ ގޮތް ހާމަ ކުރުމުން މުސްކާންވެސް ދެކޮޅެއް ނުހެދިއެވެ. އޭނާ ތެދުވި އިރަށް އިޝާން އެކުގައި ދާން އުޅުމުން މަނާވެގެންފައި އެކަނި ގޮސް ސިޑިން އެރިއިރު މުސްކާންއާ ދެމީހުން ކަޅިޖަހާނުލާ ބަލަން ތިއްބެވެ.

"ދެން އެހާ ވަރަށް ކަންބޮޑުނުވޭ. ހީ ވިލް ބީ ފައިން." އިޝާން ދާންވެގެން ހީކޮށްލައިފައި ކުއްލިއަކަށް ފަސްއެނބުރި އިއްވައިލިއެވެ. މުސްކާން އިސްއޮބާލައިގެން އިނދެ ކަރުނަ ފުހެމުން ބޯޖަހައިލި ނަމަވެސް މުޅިއަކުން އެވާހަކަ ޤަބޫލެއް ނުކުރެއެވެ. އައިޒަން ބޭނުން ނުވާ ކަމަކަށް މާބޮޑަށް ޕްރެޝަރ ކުރެވުނީތީ އޭނާއަށް އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. އައިޒަން ބުނީ އެހެންނޫނަސް ތެދު ވާހަކައެކެވެ. އަށާރަ އަހަރު ނުވަނީސް އޭނާ މީހަކާއި އިންނަން އާއިލާވެސް ޤަބޫލެއް ނުވާނެއެވެ.

އިޝާ ނަމާދުކޮށްލައިގެން މުސްކާން ގެސްޓްރޫމުން ނިކުމެ މުސައްލަ ހަވާލުކޮށްފައި ދިޔައީ އައިޒަންގެ ކޮޓަރި ކައިރިއަށެވެ. އިރު އޮއްސުނުއިރު ކޮޓަރިއަށް ވަންފަހުން އަދި ވާހަކަ ދައްކާލެވޭ ގޮތެއް ނުވެއެވެ. މަޣްރިބް ނަމާދަށް ގޮއްސައި އައިސް ނާޝިދުއާ ވާހަކައެއް ދައްކަން ސިޓިންރޫމްގައި ތިބުމުން މުސްކާންއަށް ދާކަށް ނުކެރުނެވެ. ދުރު ދުރުން ބަލާލައިގެން އޭނާ ހުރީ ދެމީހުން އެކަނިވެލާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ކައިރިއަށް ދެވުމުން ތަޅުގައި ހިފައި އަނބުރާލައިފައި ވަންއިރު އައިޒަން މޭޒުދޮށުގައި ކޮންމެވެސް މަސައްކަތެއްގައި އިނދެފައި އިސްއުފުލާލައިފިއެވެ. "ހެލޯ!" މުސްކާން ވާހަކަދެއްކި ވަގުތު އައިޒަން އެއްޗެއް ނުބުނި ނަމަވެސް ހިނިތުންވެލުމުން އޭނާއަށް ފުދުނެވެ. ކައިރިއަށް އައިސް ބަލާލިއިރު މޭޒުމަތީގައި އޮތީ އައިޒަން ކުރަހާފައިވާ ރިސޯޓެއްގެ ސްކެޗްއެވެ. މުސްކާން ބަލަން ހުރެލާފައި ވާއުއޭ ބުނެލުމުން އައިޒަން ހަތަރުކަޅި ހަމަކޮށްލިއިރު ހިނިތުންވުން ފުންވެގެން ދިޔައެވެ. ލޯބިވެރިޔާ އޭނާގެ މަސައްކަތަށް ތައުރީފް ކުރުމުން އައިޒަން ނުހަނު އުފާވިއެވެ.

"މިތާ އިށީންނަންތަ؟" ގޮނޑިއެއް ދަމާލައިފައި ކައިރިކޮށްލަމުން މުސްކާން އެހިއެވެ. އައިޒަން ހުއްދަ ދިނުމުން އޭނާ އިށީންދެއިންއިރު އައިޒަން އެކުރެހުމުގައިވާ އެކި ބައިތަކާމެދު ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބުދީ އިތުރަށް އޮޅުންފިލުވައިދިނެވެ. އާކިޓެކްޗަރުކަން ކިޔަވަން ފުރަތަމަ ފެށީއްސުރެ އައިޒަންގެ ދެކެމުން އައި ހުވަފެނުގެ ވާހަކަ ބުނުމުން މުސްކާންގެ ހިތަށް ތަދުވިއެވެ. އައިޒަން ނިންމާފައި އޮތީ ކިޔަވައިގެން އައިސް މަސައްކަތުގެ ވަކި ހިސާބަކުން އިތުރަށް ފުޅާކޮށް އަމިއްލަ އާކިޓެކްޗަރ ފާމްއެއް ހުޅުވުމަށެވެ. އެހުވަފެން ސީދާވެދާނެ ކަމާމެދު ޔަޤީންކަމެއް ނެތަސް އޭނާގެ މަސައްކަތް ގެންދަނީ ކުރިއަށެވެ. އެކުގައި ކިޔަވަން އުޅުނު ދާއިރާގެ އެކުވެރިންނާއެކު ބޮޑެތި ޕްރޮޖެކްޓްތަކުގައި މިހާރުވެސް ހަރަކާތްތެރިވެއެވެ. އައިޒަން ދެކޭ ގޮތުގައި އެއްވެސް ކަމަކާމެދު އުންމީދު ކަނޑައިލުމެއް ނުވެއެވެ. ދުނިޔޭގައި ހުރިހާ ހިނދަކު ވީވަރަކުން އޭނާ މަސައްކަތް ކުރާނެއެވެ. ކިޔެވި އެއްޗެހީގެ ބޭނުން ނުހިފި ބޭކާރު ވެގެން ދިއުމަކީ އައިޒަން ކުޑަކޮށްވެސް ރުހޭނެ ކަމެއް ނޫނެވެ.

"ކާން ދާންވީއެއްނު!" ސަނާ އައިސް ދޮރު ހުޅުވާލައިފައި ވާހަކަދެއްކިއަޑަށް ދެމީހުންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލިއެވެ. ބޯ ޖަހާލައިފައި އެމީހުން ތެދުވެގެން މަންމައާއެކު ދިޔައިރު އާއިލާގެ ބާކީތިބި އެންމެންނާއެކު އިޝާންއާ އޭނާގެ މައިންބަފައިން ކަމަށްވާ ސަމީރުއާ ހަފްނާވެސް ތިއްބެވެ. ގިނައިން ވާހަކަދެކެވިފައި ނެތަސް ދެކެފަރިތަ ވީތީ މުސްކާން އެއިން ކޮންމެ މީހަކަށްވެސް ހިނިތުންވެލިއެވެ.

ގެއަށް ދާންވެގެން ނިކުތީ އެންމެން އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އިޝާންއާ އޭނާގެ އާއިލާ އެމީހުން އައި ކާރަށް އަރަން ދިޔައިރު އައިޒަންއާ މުސްކާން މަޑުކޮށްލައިގެން ތިބީ ޑްރައިވަރ ގަރާޖުގައި އޮތް ކާރު ނެރެންދެންނެވެ. "އިޝާން!" މުސްކާން އެވަގުތު ބަލަން ހުރެލާފައި ކުއްލިއަކަށް ގޮވާލައިފިއެވެ. އިޝާން ހުއްޓިފައި އެނބުރި ބަލައިލުމުން އޭނާ ދުވެފައި ގޮސް އިޝާން ކައިރިއަށް ހުއްޓުނެވެ. "ކިހިނެތްވީ؟" އިޝާން ސުވާލުކުރިއިރު ދުރުގައި އެދެމީހުންނަށް ބަލަން ހުރި އައިޒަންއަށް ކަޅިއެއް އެއްލިއެވެ. "މިއަދު ހަވީރު ކޮށްދިންކަންތަކަށް ވަރަށް ބޮޑަށް ތޭންކްސް. އަހަރެންނަކަށް ނުކެރުނީސް އަޒް ކައިރީ މާވީ ދެއްކި ވާހަކަ ބުނާކަށް." މުސްކާން ޝުކުރުއަދާކޮށްފައި ބުނެލިއެވެ. "އެއީ ކަމެއް ނޫން. އައެމް ގްލޭޑް އައި ކުޑް ހެލްޕް. ދެން ނޭނގެ އަވަހަށް ދިމާވާނެ ކަމެއްވެސް. އެހެންވީމަ ބަސްއަހައިގެން އުޅޭތި އިނގޭ!" އިޝާން ހިނިތުންވުމާއެކު ވަދާޢުގެ ސަލާމް ކޮށްލަން ދިއްކުރި އަތުގައި މުސްކާން ހިފިއެވެ. އެއަށްފަހު އެކަކު އަނެކަކަށް ބަދަލުކޮށްލި ލުއި ހިނިތުންވުމަކާއެކު ދެމީހުން ފުރަގަސްދީގައި ގޮސް މުސްކާން ހުއްޓުނީ އަނެއްކާވެސް އައިޒަން ކައިރިއަށެވެ.

މާވީދެއްކި ވާހަކަތަކާމެދު މުސްކާންއަށް ބޮޑަށް ހިޔާލު ކުރެވުނީ ގެއަށް ދިޔަ ފަހުންނެވެ. އެނދުގައި އޮތްއިރު އޭނާގެ ލޯ ފުރިގެން އައީ ރުޅިއާ ހިތާމައިގެ ކަރުނުންނެވެ. އައިޒަންއާ މުޚާތަބުކޮށް އެފަދަ ވާހަކައެއް ދައްކަން މާވީއަށް ކެރުނީވެސް ކިހިނެތް ހެއްޔެވެ؟ އެކަމުގައިވެސް މުސްކާންއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އޭނާ ފުރަތަމަވެސް ހަޤީޤަތް ބުނެދީފައި މާވީއާ އައިޒަން ބައްދަލުވާނެ މަގު ފަހި ނުކުރެވުނު ނަމަ މިހެނެއް ނުވީއެވެ. ބައެއްފަހަރު ގާތް މީހުންގެ ފަރާތުން މާބޮޑަށް ކަންކަމުގައި އެދެވެނީއެވެ. އޭނާ ހީކުރީ މާވީއަށް އައިޒަންއަށް ފެނުމުން ކޮންމެވެސް މިންވަރެއްގެ ހަމްދަރްދީއެއް އުފެދޭނެ ކަމަށް ހެއްޔެވެ؟ އެކަމަކު ހުރިހާ ކަމެއް މިވީ އިދިކޮޅަށެވެ. މާވީ ކުރިން އައިޒަން ކަމުގޮސްގެން އަބަދު އެވާހަކަ ދައްކާފައިވެސް ނިކަމެތި ވެފައި ހުއްޓާ ފެނުނު ދުވަހު ދިނީ ފުރަގަހެވެ.

ޖެހިގެން އައި ހަފްތާ ބަންދަށް ގްރީންލޭންޑުން އިންތިޒާމު ކުރި އާއިލީ ދަތުރުގައި މުސްކާންވެސް ބައިވެރި ކުރަން ހަމަޖެހުނެވެ. ސަނާ އައިސް ރަމްލާއަށް ބައްދަލުކޮށްފައި ދަތުރުގެ ތަފްޞީލު ދިންއިރު މުސްކާންގެ ރައްކާތެރި ކަމާމެދު ފުރިހަމަ ޔަޤީންކަން ދިނެވެ. ސަނާ އެވާހަކަ ދައްކަން ހުއްޓާ މުސްކާންއަށް ނިކުމެވިގެން ފުރަގަހުގައި ބަލަން ހުރި ގޮތް ފެނުމުން ރަމްލާ ބޭނުންވިއަސް ދެކޮޅެއް ނުހެދުނެވެ.

"ދަރިފުޅު ބުނީމެއްނު ފެށޭ ހަފްތާގައި ނިންމަންޖެހޭ ބޮޑު އެސައިމެންޓެއްގެ ވާހަކަ." ސަނާ ދިއުމުން ރަމްލާ އައިސް ހަނދާންކޮށްދީފައި ވާހަކަދެއްކިއެވެ. މުސްކާންއަށް އެވަގުތު އިސްޖަހާލެވުނެވެ. އޭނާ މިހާރު އެމަސައްކަތުގައި އުޅޭތާ ދެތިން ދުވަހެއް ވެއްޖެއެވެ. "މަންމަ ބޭނުމެއް ނުވޭ ދަރިފުޅުގެ އުފަލަކަށް ހުރަސް އަޅާކަށް. ހާއްސަކޮށް އައިޒަންއާ ގުޅިގެން ހިނގާ އެއްވެސް ކަމަކަށް. އެހެންވެ އެއްބަސްވީ. އެކަމަކު ތި އެސައިމެންޓްވާނެ ގަޑިއަށް ނިންމަން." ރަމްލާ ދަރިފުޅުގެ ކޮނޑުގައި ހިފާފައި ކިޔައިދިނެވެ. މުސްކާން ބޯޖަހާލައިފައި ބުނީ މާދަން އިރު އަރަން ވާއިރަށް އޭނާ ހުރިހާ މަސައްކަތެއް ނިންމާނެ ކަމުގައެވެ.

ކައިގެން ކޮޓަރިއަށް ވަދެ މަސައްކަތުގައި މުޅި ރޭ ކަހަލަ ގޮތަކަށް ހޭދަ ކުރުމަށްފަހު ނިދާލާނެ ވަގުތުކޮޅެއްވީ ފަތިސް އަތަށް އެޅުނު ފަހުންނެވެ. ފުން ނިދީފައި އޭނާ އޮތްވާ ދެން ފެންނަން ފެށީ ބިރުވެރި ހުވަފެނެކެވެ. ދަތުރު ގޮސް އުޅެނިކޮށް ދިމާވި ހާދިސާއެއްގައި ކޮންމެވެސް މީހަކު އޮޔާދިޔައީއެވެ. މުސްކާންއަށް ފެނުނީ ސަނާއާ ނާޝިދު ހަޅޭތްލަވަމުން މޫދާއި ދިމާއަށް ދުވެފައި ދާތަނެވެ. ކައިރީގައި އެއްވެސް ކުއްޖަކު ނެތުމުން މޫދުގައި އޮތީ ސީދާ ކާކު ކަމެއް ނޭނގެއެވެ. ސިއްސައިގެން ގޮއްސައި ނިދިން ހޭލެވުނުއިރު ދާހިތްލާ ފޯވެއްޖެއެވެ. އަދި އޭނާއަށް އޮވެވުނީވެސް މޭޒުގައި ބޯއެޅި ގޮތަށެވެ. ތެދުވި ގޮތަށް ފުރަތަމަވެސް ނަމާދުކޮށްގެން ދުޢާ ކުރީ އެންމެންގެ ސަލާމަތަށެވެ. އެކަމަކު ހިތް މުޅިން ހަމަޖެހޭ ގޮތެއް ނުވިއެވެ.

ހެނދުނު ހެނދުނާ ޑްރައިވަރ އޭނާ ބަލާ އައުމުން މުސްކާން ދަބަސް ހިފައިގެން ދަމުން މަންމަގެ ގައިގައި ބައްދާލައިފައި ނިކުމެގެން ދިޔައެވެ. އެގެއަށް ވަންއިރު ކުދިން އަދި ތައްޔާރު ވަނީ ކަމަށް ސަނާ ބުންޏެވެ. މުސްކާން ވިސްނުމަކަށް ގެއްލިފައި ސިޓިންރޫމް ސޯފާގައި އިންދާ ލީވާން ތައްޔާރު ވެގެން ތިރިއަށް އައެވެ. ކަކުލާއި ހަމައަށް އަންނަ ސޯޓަކާއި ޓީޝާޓެއްގައިވެސް ލީވާން ހުރީ ނިކަން ތާޒާކޮށެވެ. މުސްކާން ފެނުމުން ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ފަހަތުން އައިސް މުސްކާން ކައިރިއަށް ޖެހިގެންފައި ސިއްސުވާލައިފިއެވެ. މުސްކާން ގަތްބިރުން ހަޅޭތްލަވައިގެންފައި ތެދުވެ އެތައް އިރެއް ވީއިރުވެސް ހުރީ ފުން ނޭވާތަކެއް ލާން މޭގައި އަތް ފިރުމާލަ ފިރުމާލައެވެ.

"މުޝް ޕޮޓޭޓޯ ހާދަ ބިރެއްވެސް ގަނެއޭ ދޯ." ލީވާންއަށް ވީ މަޖަލަކަށެވެ. އޭނާ ހިނިގަނޑެއް ޖަހާލައިފައި ބޯދަށަށް އަތް ލައްވާލައިގެން ސޯފާގެ ދިގު ދިގަށް އޮށޯވެލައިފިއެވެ. "މަޖަލެއް ނޫން އިނގޭ ލީވާން." މުސްކާން އަނގަ ހަދާލައިފައި މިފަހަރު އިށީންނީ ދުރުގައި ވަކިން ހުރި ސޯފާއެއްގައެވެ. އިރުކޮޅަކުން ނާޝިދުއާ އައިޒަންވެސް ދަތުރު ހެދުމުގައި ހުރެގެން ތިރިއަށް އަންނާތީ ފެނިގެން މުސްކާންއަށް ތެދުވެވުނެވެ. ބައްޕައާ ދެކެވެމުންދިޔަ ވާހަކައެއްގެ ގޮތުން އެތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފެނިފައި ހިތް ފުރިގެން އައެވެ. "ގުޑް މޯނިން!" އައިޒަން އައިސް ކައިރިވުމާއެކު މުސްކާން ކަޅިޖަހާނުލާ ހުރެގެން ބުނެލިއެވެ. "މޯނިން." ހަތަރުކަޅި ހަމަކޮށްލާފައި އައިޒަން ހިފައިލީ އެއަތުގައެވެ. ނާޝިދު އޭރު ރަމްލާ ހޯދަން މިސްރާބު ޖަހާފައި ހުރީ ބަދިގެއާ ދިމާއަށެވެ.

ފާލަން ދޮށަށް ލޯންޗް ކައިރިކޮށްލިއިރު އެއާއިލާގެ އިސްތިޤްބާލުގައި ދެމީހަކު ހުއްޓެވެ. ކުރީގައި ހުރި މީހާ ނާޝިދުއާ ސަލާމްކޮށްފައި އުފަލާއެކު މަރުހަބާ ކިއެވެ. ދެން ހުރި މީހާ އެމީހުންގެ ދަބަސްތައް ގެންދަން އެހީތެރި ވެދިނެވެ. ދޮންވެލިގަނޑުގައި ހިނގާލައިފައި ދިޔައިރު މުސްކާންގެ ހިތުގައި ވި އުފަލާއެކުވެސް ކަނެއްގައި ނުތަނަވަސްކަން ވިއެވެ. އެނުތަނަވަސްކަން އެހެންމީހުންނަށް ފާހަގަވީ މޫދަށް އެރެން ބުނި ވަގުތު އޭނާ ކުއްލިއަކަށް މަނާ ވެގަތުމުންނެވެ. "ކިހިނެތްވީ؟" އައިޒަން އައިސް ސުވާލު ކުރީ މުސްކާން އޮށޯވެ އޮތް ބީޗްގޮނޑީގެ އެއްފަރާތުގައި އިށީންދެފައެވެ.

ކޮމެންޓް 0