ބަލި އެނދުގައި އޮވެ ބައްޔާއި ހަނގުރާމަ ކުރަމުން ދިޔައިރު އާއިލާ އެންމެން އައިޒަންއަށް ޚިދުމަތް ކޮށްދޭން އަބަދުވެސް ތިބެއެވެ. ފޫހިކަމެއް ވަރުބަލިކަމެއް އެއިން މޫނަކުން ނުފެނެއެވެ. އެގޮތުގައި ކިތަންމެ ދުވަހެއް ވިއަސް އެމީހުން ތިބީ އައިޒަންއަށްޓަކައި ކުރެވުނު ކޮންމެ ކަމެއް ކޮށްދޭށެވެ. ވެވުނު ކޮންމެ އެހީއެއް ވާށެވެ. ހަމައެކަނި އެދުމަކީ އިތުރަށް އެއް ދުވަސް ވިއަސް އައިޒަން ދިރި ހުރުމެވެ. އެމީހުންގެ ލޯ ކުރިމަތީ ފެންނަން ހުރުމެވެ. އެހެނަސް....

ޖެހި ގުގުރީގެ އަޑާއެކު ނިދިފައި އޮތް މުސްކާންގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ލޯ އުނގުޅަމުން ތެދުވެ ގަޑި ބަލައިލަން އިސްއުފުލާލިއިރު ފުރަތަމަ ނަޒަރު ސީދާވީ ފާރުގައި އަޅުވާފައި ހުރި ކަލަންޑަރުގައެވެ. މަސް ފެށުނީއްސުރެ ކޮންމެ އަދަދެއްގައި ރަސްގެލަމުން އައިސް މިހާރު ފެންނަން އެއޮތީ އޭނާ އެންމެ ދެކެން ބޭނުންވާ ތާރީޚުގެ ކުރިއަށް އެއް ދުވަހެވެ. ބަލަން އިނދެލާފައި މުސްކާން ތެދުވެގެން ގޮސް އެއަދަދުގައި އަތް ޖައްސާލިއިރު ކަންފަތުގައި ގުގުމައިލީ ކައިވެންޏާއި ގުޅޭގޮތުން އައިޒަން އެކި ފަހަރު މަތިން ބުނެފައިވާ ބަސްތަކެވެ. އައިޒަންވެސް އޭނާ އެއީ އަމިއްލަ ހައްޤަކަށް ހަދަން ބޭނުންވާ ކަމާއި އެކަމަކު އެކަން ވާން އޮތީ އަށާރަ ފުރުމުން ކަމަށެވެ. އެތައް އިންތިޒާރަކަށް ފަހު އެދުވަސް އައުމުން ވާންވީ އުފާކަމެއް ނޫނީ ކުރަންވީ ހިތާމަ ކަމެއް ނިންމަން ނޭނގިފައި މުސްކާންއަށް އިށީންދެވުނީ އަނެއްކާވެސް އެނދުގައެވެ. އެވަގުތު ހަނދާނާއި ގުޅިގެން ދިޔައީ ރޭގައި އޭނާ ގްރީންލޭންޑަށް ގޮސް އައިޒަންއާ ދެކެވުނު ވާހަކަ ކޮޅެވެ.

މުސްކާން އެކޮޓަރި ކައިރިއަށް ދިޔައިރު ސަނާ މަގަތުގައި އިނދެގެން އައިޒަންގެ އަނގައިން އައިއްސައި ހުރި ލޭތައް ސާފުކޮށްފައި ތެދުވަނީއެވެ. ބާލީހުގައި ބޯއަޅާލައިގެން އޮތްއިރު އެމޫނުގައި ވީ ވަރުބަލި ކަމެވެ. މީހާ އަނަރޫފަވެ ކަށިކޮޅަކަށް ވެއްޖެއެވެ. ލޮލުގެ އުޖާލާ ކެނޑި ކުލަ ފަނޑުވެފައި ވެއެވެ. "ކީކޭ އަޒް؟" އައިޒަން އެވަގުތު އެއްޗެއް ބުނަން އުޅުނުހެން ހީވެގެން މުސްކާން އަހައިލިއެވެ. ފާޚާނާއަށް ދަމުން އެއަޑު އިވިގެން ސަނާ އެނބުރި ބަލާލައިފައި ވަންއިރު މުސްކާން ގޮސް މަގަތުގައި އިށީންދެފައި ގުދުވެލީ ފަސޭހައިން ދެނެގަތުމަށެވެ. "ސޮރީ މުސްކާން. މިހާލުގައި އޮވެގެން ހިއެއް ނުވޭ ކައިވެނި ކުރަން ވީ ވަޢުދު ފުރިހަމަ ކުރެވިދާނެހެނެއް." އައިޒަން ބުނި އެއްޗެއް އެނގުމުން މުސްކާން ހައިރާންވިއެވެ. އެހާލުގައި އޮވެވެސް އައިޒަން އެވިސްނަނީ އޭނާގެ އުފަލާމެދުގައި ހެއްޔެވެ؟ އޭނާ ހިންދެމިލާފައި ސުވާލުގެ ލޮލަކުން ބަލައިލިއިރު އައިޒަން ލޮލުގެ ކަނުން ކަރުނަތިއްކެއް ވެއްޓި ކަންފަތު ވޮށީގެ ތެރެއަށް ދިޔައެވެ. މުސްކާންއަށް ކުރެވުނު އެންމެ މައްޗަށް ހިތްވަރުކޮށްފައި މަސައްކަތް ކުރީ އައިޒަން ކުރިމަތީ ކަރުނަ ނުއޮއްސުމަށެވެ. "މާދަމާ ނޫން އަނެއް ދުވަހުން އަހަރެންނަށް އަށާރަ ފުރޭތީ އެކަމާ ދޯ ތިވިސްނަނީ. ނޫން. އަޒް ނުޖެހޭނެ އަހަރެން ކައިރިން އެއްވެސް ކަމަކު މަޢާފަށް އެދޭކަށް. އެހެންނޫނަސް އަހަރެން ބޭނުމެއް ނުވެއޭ ތިހާލު އޮތްވާ އެކަން ކުރާކަށް. އަހަރުމެން ކައިވެނި ކުރާނީ އަޒްއަށް ލުއިވީމަ. ސޯ ގެޓް ބެޓަރ އިނގޭ." އުންމީދުގެ ކަނިފަށެއްހާ ހިސާބުވެސް ނެތްކަން މުސްކާންއަށް އެނގެއެވެ. އެކަމަކު އެވަގުތުވެސް އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލުމުގައި ކާމިޔާބު ހޯދައިފިއެވެ.އެހިނިތުންވުމުގެ އެހީގައިވިއަސް އައިޒަން ހިތަށް ލުއެއް ދިނުން އެހެން ހުރިހާ ކަމަކަށްވުރެ މުހިންމުވީއެވެ. ފަހަކަށް އައިސް އައިޒަންގެ ނިކަމެތި ހާލުގެ ކުރިމަތީ އޭނާ އެއްގޮތަކަށްވެސް ކަރުނައެއް ނުއޮއްސައެވެ. ބަދަލުގައި އޭނާ އަބަދުވެސް ކުރިމަތިލަނީ ހިތްވަރުގަދަ އުފާވެރި ކުއްޖެއްގެ ގޮތުންނެވެ. އެކަނި އޭނާގެ އުފާވެރިކަން ފެނިގެންވެސް އައިޒަންގެ ނުތަނަވަސްކަން އިތުރުވިޔަ ނުދޭން މުސްކާން ބޭނުމެވެ.

"ދަރިފުޅާ! ކިހިނެތްވެފަ ތިއިނީ؟" މަންމަގެ އަޑަށް މުސްކާން ސިހިފައި ބަލާލިއިރު ރަމްލާ ބަލަން ހުއްޓެވެ. "ކަމެއް ނުވޭ މަންމާ. މާދަމާ އަހަރެންނަށް އަށާރަ އަހަރު ފުރޭތީ އެކަމާ ވިސްނައިލީ." މުސްކާން އާދައިގެ ގޮތަކަށް ޖަވާބުދީފައި ތެދުވިއެވެ. ފާޚާނާއަށް ވަންނަން ދިޔައިރު ރަމްލާ ފެންކަޅިވެފައި ބަލަން ހުއްޓެވެ. ދަރިފުޅު ނުބުންޏަސް އެކުއްޖާގެ ވިސްނުން ގުޅިފައި ހުރީ އައިޒަންއާ ކަން އޭނާއަށް ކަށަވަރެވެ. ކުރިން އުންމީދު ކުރި ގޮތުން ވިއްޔާ މާދަމާ މީ މުސްކާންގެ ހުރިހާ ހުވަފެންތަކެއް ސީދާވެގެން ދާނެ ދުވަހެވެ.

ފެންވަރާލައިގެން ނިކުމެ މުސްކާންގެ ހަރަކާތްތައް ހުރީ އާދައިގެ އެހެން ދުވަސްތަކެކޭވެސް އެއްގޮތަށެވެ. ނާސްތާ ކުރަން އިންއިރު އޭނާ ވިސްނީ ނިމިގެން ފުރަތަމަވެސް އައިޒަންގެ މޫނު ދެކެލަން ދިއުމަށެވެ. އެހެން އިންއިރު ދެފަހަރެއްގެ މަތިން ފޯނަށް ނަޒަރު ދެވުނެވެ. އިރުކޮޅެއް ފަހުން ގެއިން ނިކުތްއިރު މަންމަގެ ހުއްދަ އަތުލިއެވެ. އާދައިގެ ހިނގުމެއްގައި ގޮސް އެގެއާ ކައިރިވީއިރު ގްރީންލޭންޑް ފެންނަން ހުރީ މީގެ އެތައް ދުވަހެއް ކުރިން އޭނާއަށް ފެނުނު ފަދައިން ދޮރުތައް ލައްޕާފައެވެ. މުސްކާން ލިބުނު ހައިރާންކަމާއެކު ތަފާތު ހިޔާލުތައް ސިކުނޑީގައި ބުރު އަޅަން ފެށިއެވެ. ހިތް ނުތަނަވަސްވެ ބިރުގަންނަން ފެށިއެވެ. ހުރި ފިޔަވަޅު މަތީ ހުރެ އައިޒަން ފޯނަށް ގުޅިއިރު ނިވާލައިފައެވެ. ދެން މުސްކާން ގުޅަން ފެށީ ލީވާން އަށެވެ.

"ބައްޕާ މިހާރު ދިހަ ވަނަ ފަހަރަށް މުސްކާން އެގުޅަނީ. އަދިވެސް ނުވޭތަ އޭނައަށް އަންގާކަށް؟" ގޮސްޕިޓަލު އައި ސީ ޔޫ ކައިރީގައި މަޑުކޮށްލައިގެން ހުރެފައި ލީވާން ސުވާލުކުރީ ބައްޕައާއެވެ. ނާޝިދު ބަލައިލިއިރު ލީވާން އަތުގައި އޮތް މޯބައިލް ނަގާފައި ދައްކައިލިއެވެ. ނާޝިދު އެވަގުތު ދެފިކުރެއްގައި ހުރެފައި މޫނު ފުހެލައިފިއެވެ. ސަނާ އައިސް ނާޝިދުގެ ކޮނޑުގައި އަތް ބާއްވާލިއިރު ލޯ ހުރީ ދުޅަވެފައެވެ. އޭރު ސަމީރުއާ އިޝާންވެސް ތަންކޮޅެއް ދުރުގައި ތިއްބެވެ. ފަތިހުގެ ވަގުތެއްގައި އައިޒަންގެ ހާލު މާބޮޑަށް ގޯސްވެގެން ގެނައިރު މުސްކާން ހާސްވާނެއޭ ކިޔާފައި ނޭންގީއެވެ. "މުސްކާން ކައިރީ ބުނަން ބައްޕަ ދާނަން." ނާޝިދު އެންމެފަހުން ބުނެލިއެވެ.

އެނބުރި ގެއަށް އައިސް ފޯނު އަތަށް ލައިގެން ސޯފާގައި އިންއިރު ހުއްޓުމެއްނެތި މުސްކާން ދިޔައީ ފައިތަޅުވަމުންނެވެ. މަގުމަތިން ކާރެއް ހުރަސްކޮށްލިއަސް އޭނާ ތެޅިގެންފައި އެދިމާއަކަށް ބަލައިލައެވެ. ހިތް އޭގެ އެންމެ ބާރު މިނުގައި ތެޅެމުންދިޔައިރު މޭފަޅާފައި ނިކުންނަން އުޅޭ ކަހަލައެވެ. ގިނައިރެއް ނުވެ ނާޝިދު އައިސް ބެލް ޖަހާލުމުން ފުންމައިގެން ތެދުވެފައި އެދިމާއަށް ދިޔައެވެ.

"ބައްޕާ!" ކުރިމަތިން ނާޝިދު ފެނުމުން މުސްކާންގެ މެއަށް ފިނިވެގެން ދިޔައެވެ. ނާޝިދު އެވަގުތު ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި މުސްކާން ތަންދިނުމުން އެތެރެއަށް ވަނެވެ. "ދަރިފުޅާ. ބައްޕަ މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނަން." ނާޝިދު ވާހަކަ ފެށި ގޮތުންވެސް މުސްކާންގެ ހިތަށް ގުޑުން އަރުވައިލިއެވެ. އަތް މުށްކަވާލައިގެން އޭނާއަށް ހުރެވުނީ ނޭވާ ނުލައެވެ. ބަދިގެއިން ނިކުތް ރަމްލާއަށް އެދެމީހުން ފެނިގެން އައިސް ހުއްޓުނީ ފަހަތުގައެވެ. "އައިޒަން ވަރަށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮއްސަ ވީ. މިހާރު އޮތީ އައި ސީ ޔޫ ގަ." ނާޝިދުގެ ރާގުން އެކަނިވެސް އައިޒަންގެ ހާލަތު ސީރިއަސްކަން އަންގައިދީފިއެވެ. މުސްކާންއަށް ހީވީ އެއްފަހަރާ އެތައް ހާސް ކަށިތަކެއް މެއަށް ހަރައިލެވުނު ހެންނެވެ. ހަރަކާތެއް ނުކުރެވިފައި ދެލޯ ބޮޑުކޮށްގެން ހުއްޓާ ނާޝިދުގެ ފޯނު ރިންގްވާން ފެށުމުން އެންމެންގެ ސަމާލުކަން އެއަޑަށް ދެވުނެވެ. ލީވާން ގުޅާތަން ފެނުމުން ނާޝިދު އެފޯނު ނަގައި ކަންފަތުގައި ޖަހާލުމާއެކު އެކޮޅުން ދިން ނުބައި ޚަބަރަކުން ހަށީގައި ހުރިއްޔާ ހުރި ނާރުތަކެއް ބުރިކޮށްލެވުނުހެން ހީވިއެވެ. ނާޝިދުގެ ލޮލުން ކަރުނަ އޮހިގަތްތަން ބަލަން ހުރި މުސްކާންއަށް ކެތް ނުވެގެން ކައިރިއަށް ޖެހިލާފައި ގަމީހުގައި ދެއަތުން ހިފައިލިއިރު ސަބަބު ނޭގިވެސް ލޮލުން ކަރުނަ އަތުވެއްޖެއެވެ. "ދަރިފުޅާ. ލީވާން އެގުޅީ. ބުނީ އައިޒަން... އައިޒަން ނިޔާވެއްޖެއޭ..." ނާޝިދު ކުރެހިފައިވާ އަޑުން ޖަވާބުދީފައި އަނެއްފަރާތަށް މޫނު އަނބުރާލިއިރު މުސްކާންއަށް އިހްސާސްވީ އޭނާގެ ދެފައިކޮޅުން ވާގި ދޫވިކަމެވެ. ފައިދަށުން ބިންގަނޑު ދެމިގަތުމުން ފުންވަޅުގަނޑެއްގެ ތެރެއަށް ވެއްޓެން ދަނީ ކަހަލައެވެ. ދެއަތަށް ލެވުނުހާ ބާރެއްލައިގެން ނުވެއްޓި ވޭތޯ ކުރި މަސައްކަތް ބޭކާރުވީ ލޯމައްޗަށް އަނދިރިވެ އެދެއަތުގެ ބާރުވެސް ނެތިގެން ދިއުމުންނެވެ. ތިރިއަށް ސޮހިގެންގައި ގޮސް ޓައިލްސްމަތީ ޖެހުނުއިރު މަންމަ އާއި އައިޒަން ބައްޕަ ނިކަން ބާރަށް ހަޅޭތްލަވަވައިގަތްކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

އައިޒަންގެ ހަށިގަނޑު ގެއަށް ގެނެވުނުއިރު މެންދުރުވާން ކައިރިވެއްޖެއެވެ. މުޅި ގޭތެރޭގައި ހިފާފައިވާ ރުއިމުގެ އަޑާއި ލޯތައް ފުރިގެން ފައިބަމުންދިޔަ ކަރުނަ އެއީ ނިމުމެއްވާ އެއްޗެހި ހެނެއް ހިއެއް ނުވެއެވެ. ކަށުކަމައި ކެމީގެ ކަންތައް ކުރިއަށް ދިޔައިރު ތިމާގެ މީހުންނާއި ރަތްޓެހިން އަދި އަވަށްޓެރިންނާއި ދަންނަ މީހުންތަކުން ގެއާއި ގޯތިތެރެ ފުރެމުން ދިޔައެވެ. ނާޝިދުއަށް ހިތްވަރު ދޭން ހުރީ ސަމީރުއެވެ. އޭރު ސަމީރުގެ ހާލުވެސް ނާޝިދުއަށްވުރެ ވަކި ރަނގަޅެއް ނޫނެވެ. އިޝާންއަކީ ދަރިއަކަށް ވާފަދައިން އޭނާ އައިޒަންއާ ދޭތެރޭވެސް ދެކުނީ އުފަން ދަރިއެއް ފަދައިންނެވެ. އޭރު ސަނާގެ ކައިރީގައި ތިބީ ހަފްނާމެން ދެމައިންނެވެ. އައިޒަން ނިޔާވި ޚަބަރާއެކު ސަނާ ޚަބަރު ހުސްވެގެން ގެއަށް ގެނަ ފަހުން ހޭއެރީ ދާދި ދެންމެއަކުއެވެ. ލޯ ހުޅުވާލި ގޮތަށް އެލޮލުން ކަރުނަ ހިކޭ އެންމެ ވަގުތުކޮޅެއްވެސް ނާދެއެވެ. ލޮލުގެ ނޫރު ފަދައިން ގެންގުޅުނު ދަރިފުޅު ގެއްލިގެން ދިއުމުން މައިލަގޮނޑިއަށް ކެތްވާނީ ކިހިނެތް ހެއްޔެވެ؟ ތުއްތު ކުއްޖެއް ފަދައިން އޭނާގެ އުނގުގައި ބާއްވައިގެން ނިންދެވި ރޭތައް ހަނދާން ނައްތާލާނީ ކިހިނެތް ހެއްޔެވެ؟ ނުނިދިގެން އައިޒަން އުޅޭއިރު އެދަރިފުޅުގެ އިސްތަށިގަނޑުގައި ފިރުމަދެމުން ނާނާ ކިޔަމުން އަމިއްލަ ލޮލުން އޮހޭ ކަރުނަތައް ފުހުނު ރޭތައްވެސް މިއަށްވުރެ ވޭން ކުޑައެވެ.

މޫނު ބަލާ ވަގުތު ޖެހުމުން ފަހަރަކު މީހަކު އައިސް އައިޒަންއަށް ހިތް ހަލާލު ދީފައި އެތަން ދޫކޮށް ދާން ފެށިއެވެ. ލީވާންއާ އިޝާން އެކީ ވަންއިރު އެމީހުންގެ ކައިރީގައި މިރާހްވެސް ހުއްޓެވެ. ހުދު ކަފުނުގެ ތެރެއިން އައިޒަންގެ މޫނު އެކަނި ފެންނަން އޮތްއިރު ހީވަނީ ނިދާލައިފައި އޮތް ހެންނެވެ. ހިތްވަރުގަދަ ފިރިހެނުންނަށްވެ ތިބެވެސް އެއިން ކޮންމެ ލޮލެއް ކަރުނުން ބަންޑުން ކޮށްލީ ދެން ދުވަހަކުވެސް އައިޒަން އެމީހުންނަށް ނުފެންނާނެކަން ހަނދާންވެފައެވެ. ދެން އެދެލޮލެއް އައިޒަން ނުހުޅުވާނެއެވެ. އެމީހުންގެ މަޖަލުގައި ބައިވެރިވެ އިތުރަށް ފޯރިގަދަ ކުރާކަށް ނާންނާނެއެވެ. ބަދަލުގައި އައިޒަން ދޫކޮށްފައި އެދަނީ އެތައް ހާސް ހަނދާން ތަކެކެވެ. ބަލައިލި ކޮންމެ ދިމާއަކުން އެހަނދާންތައް އައިސް އެމީހުން ވަށައިލާނެއެވެ.

ހަށަމަށް އަރުވާފައި އޮތް އަތުގައި އަތް ބީއްސާލުމަށްފަހު ތިން މީހުން ނިކުމެގެން އައިސް މަޑުކުރީ ގޯތިތެރޭގައެވެ. ލީވާން ކަރުނަތައް ފުހެލާފައި ތުންފަތުގައި ދަތް އަޅާލިއިރު އިޝާން ހުރީ މިރާހްގެ ކޮނޑުގައި ހިފާ ބާރުކޮށްލައިގެންނެވެ. "ކޮބާ މުސްކާން؟ އަޒް ގެންދިއުމުގެ ކުރިން މުސްކާން ނާންނާނެތަ މޫނު ދެކޭކަށް؟" މިރާހް ކުއްލިއަކަށް ހަނދާންކޮށްދިނެވެ. ބައްޕަގެ ފަރާތުން ލިބުނު މައުލޫމާތުގެ ވާހަކަ ލީވާން ބުނި ވަގުތު އޭނާގެ ހިތަށް އިތުރަށް އަސަރު ކުރިއެވެ. މުސްކާން ހޭނާރައިފިއްޔާ ފަހު ފަހަރަށް އެސޫރަ ދެކެލުމުގެ ނަސީބެއްވެސް ނުލިބޭނެއެވެ. އެހެންވެއްޖެނަމަ ވޭނުން އެކުއްޖާ ކުދިކުދި ވެދާނެއެވެ. "ހިނގާ އެގެއަށް ދާން!" އިޝާން ހިޔާލު ދިނެވެ. އަނެއް ދެމީހުން ގޮތެއް ނުނިންމިފައި ތިއްބާ ނާޝިދު ގޮވާލައިފައި ވަޅުލަން އުޅޭވާހަކަ ބުނެ އެތާގައި ތިބެން ހަނދާންކޮށްދިނެވެ. ގޮތް ހުސްވެފައިވާ ގޮތަކަށް އެކަކު އަނެކަކަށް ބަލާލުމަށްފަހު ލީވާން ފޯނު ނަގައިގެން މުސްކާން ނަންބަރަށް ގުޅަން ފެށިއެވެ. އެކަމަކު އާހް! އެދެވޭ ނަތީޖާއެއް ނުފެނި ވަޅުލުމުގެ ވަގުތު އައިސް ޖެހުނީއެވެ.

އާސަހަރާގައި އައިޒަންގެ ހަށިގަނޑު ވަޅުލާފައި އައިއިރު އަދިވެސް ވެހޭ ވާރެއަކަށް ބަދަލެއް ނާދެއެވެ. މުޅި ދުނިޔެ ކަޅުސާލު އޮޅައިގެން އޮތީ ދެން އަވަހަށް އަލިކަމެއް ނުފެންނާނެ ފަދަ ގޮތަކަށެވެ. ފަޅުވެފައިވާ ގްރީންލޭންޑްގައި ދިރޭ ފުރާނައެއްވެސް ފެންނާކަށް ނެތެވެ. ސަހަރާ އައިގޮތަށް ކޮންމެ މީހަކުވެސް ވަނީ ކޮޓަރިއަށެވެ.

ހޭވެރިކަން ވުމުން މުސްކާން އޮތީ ސީލިންގަށް ބަލަހައްޓައިގެންނެވެ. ވީގޮތެއް ހަނދާން ނުވެގެން ސިކުނޑިއަށް ބާރުލަމުން މަޑުމަޑުން ތެދުވެ އިށީންތަނާ މަންމަ ވަންތަން ފެނުނެވެ. "މަންމާ؟" މުސްކާން ތެދުވެފައި ގަޑި ބަލާލިއިރު އަދިވެސް އެއްފަހަރު ކަލަންޑަރުގައި އޮތް އަދަދުތައް ފެނުނެވެ. "މާދަން އަހަރެންގެ އުފަން ދުވަސް. އައިޒަންއާ އަހަރެންގެ ކައިވެންޏަށް ރަން ކިޔަން އޮތް ދުވަސް." މުސްކާން މަޑުމަޑުން ކިޔާލައިފިއެވެ. އޭނާގެ ސަމާލުކަން ދަމައިގަތީ މަންމަ އެއަޑުއަހާފައި ލައްވައިލި މަޑު އާހްގެ އަޑެވެ. ކުއްލިއަކަށް ސިއްސައިގެންދާފަދަ ގޮތަކަށް އެމޫނަށް ބަލައިލިއިރު މަންމަ ހުރީ ފެންކަޅިވެފައެވެ. "ކިހިނެތްވީ؟" މުސްކާން ސުވާލު ކުރިއެވެ. "ދަރިފުޅު ހަނދާން ނެތްތަ؟" ރަމްލާ ހުރީ ކިޔައިދޭންވެސް ޖެހިލުންވެފައެވެ. ދެވަނަ ފަހަރަށް އެޚަބަރު ދޭ ވަގުތު އެދަރިފުޅަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. ޖަވާބު ނުދީ ހުރެގެން ދެކޮޅަށް ކަޅި ހިންގާލައިފައި މުސްކާން އައިސް މަންމަ ކުރިމައްޗަށް ހުއްޓުނެވެ. "ހަނދާން ނެތްތަ ހެނދުނު އައިޒަންގެ ބައްޕަ އައިސް ބައްދަލު ކުރި ކަމެއް؟" ރަމްލާ އިތުރަށް އެހިއެވެ. މުސްކާން ހަނދާންވީ އެވަގުތުއެވެ. ހަމަ ކުއްލިއަކަށް ހުރިހާ ކަމެއް ހަނދާނުގެ ލޯގަނޑަށް އެޅިގެންދިއުމުން ބާރު ބާރަށް ދެފަރާތަށް ބޯ ހޫރާލައިފައި ދޮރާއި ދިމާއަށް ދުއްވައިގެންފިއެވެ.

"މާލަސްވެއްޖެ ދަރިފުޅާ. މިހާރު މާލަސްވެއްޖެ. ދެން ދަރިފުޅު ދިޔަސް އައިޒަންގެ މޫނެއް ނުފެންނާނެ. އައިޒަންގެ ހަށިގަނޑު ވަޅުލައިފަ އަތުވެއްޖެ މިހާރު." މަންމަގެ ބަސްތަކުން މުސްކާންގެ ދެފައިގައި ކަސްތޮޅު އެޅުވިފަދައިން އޭނާގެ ދޫވެސް ތަޅުލެވުނީއެވެ. ބުދެއްހެން ފުރަގަސްދީގެން ހުރެފައި އެނބުރި އައިސް އެނދުގައި އިށީން ކުއްޖާ ދެން އިސްއުފުލައި ނުލި ތާނގައި ބަހެއް ނުބުންޏެވެ. ރަމްލާ ބަލަން ހުރެލާފައި ކަންބޮޑުވެގެން ގޮސް ވާހަކަ ދައްކަ ދައްކާ ގުޑައިވެސް ނުލިއެވެ.

ކަންބޮޑުވެގެން ރަމްލާ ގުޅީ ޣަފޫރަށެވެ. ޣަފޫރާއި މުސްކާންގެ ދެބޭބެ އައިސްވެސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ރަމްލާ އައިސް ކައިރީގައި އިނދެގެން ދަރިފުޅަށް ނަސޭހަތް ދިނީ ރުއިމަށެވެ. ހިތުގެ އުދާސްގަނޑު ބޭރު ކުރުމަށެވެ. އެކަމަކު މުސްކާންއަށް އެއިން އެއްވެސް ބަހެއް އިވޭ ހެނެއް ހިއެއް ނުވެއެވެ. އިށީންދެ އިނދެފައި އެންމެފަހުން އެނދަށް ވެއްޓިގަނެގެން އޭނާ އޮންނަން ފެށީ އަމިއްލަ ދުނިޔެއެއްގައެވެ. ރޭވީ އިރުވެސް މުސްކާންގެ މިޒާޖަށް ބަދަލެއް ނައުމުން ރަމްލާއަށް މަޖުބޫރުވީ އެހެން މީހެއްގެ އެހީ ހޯދާށެވެ. އޭނާ އެމީހަކަށް ގުޅައިގެން ހުއްޓާ ބެލް ޖަހާފައި ކުރިމަތީ ހުރި މީހާ ދިއްކޮށްލީ ކާޑެވެ. އޭގައި މުސްކާންގެ ނަން އޮތުމުން ގެންގޮސް މުސްކާން އަތަށް ދިނެވެ.

ފެންނަ ހިސާބުގައި ކާޑު ބާއްވާފައި މަންމަ ދިއުމުން އެއްލި ކަޅިއަކުން މުސްކާންގެ ނަޒަރު އޭގައި އޮތް އެޑްރެހަށް ހުއްޓުނެވެ. ދެވަނަ ސިކުންތުގައި އޭނާ ފުންމައިގެން ތެދުވެފައި އެސިޓީ އުރައިގެ ތެރޭ އޮތް އެއްޗެއް ނަގައިގެން ބަލައިލުމާއެކު މެއަށް ބާރުވެގެން އައީ މީހަކު އޭނާގެ ހިތުގައި ހިފާ ފިއްތާލިއަސް ނުވާނެ ވަރަށެވެ. އަތުގައި މިހާރު އެއޮތީ އައިޒަން ނިޔާވުމުގެ ކުރިން އޭނާ ހިއްސާވި ފަހު މަސައްކަތެވެ. އެއީ އަނަންތަރާ ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތުދީފައި އޮތް ކާޑެކެވެ. ގަނޑުވެފައި މުސްކާން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަން ދެމީހަކު ފެނުމުން ކުއްލިއަކަށް ތެދުވެފައި ބަލާކަށް ނުހުރެ ގޮސް އެތަނުން އެކެއްގެ ގައިގައި ހިފައިގެންފިއެވެ.

ކޮމެންޓް 0