"އިޝާން. ކޮންތާކު ތިހުރީ؟" މުސްކާން ބިރުން ހުރެ ކިޔާލައިފިއެވެ. "އައެމް ރައިޓް ބިސައިޑް ޔޫ މުސްކާން. އައެމް އޯލްވޭސް ހިއަރ." އިޝާން ފަހަތުގައި ހުރެފައި ޖަވާބުދިންއިރު ދެވަނަ ޖުމްލަ ބުނެލީ އެކަނި ހިތަށް އިވޭ ވަރަށެވެ. އަތުގައި އޮތް އުއްބައްތީގެ އޮރެންޖް އަލީގައި މުސްކާންގެ އޮމާން ކަނދުރާ ހާމަވަމުންދިޔަ ގޮތުން ހިއްސުތަކުގައި ހުޅު ރޯކުރިއެވެ. އިޝާން އެނަފްސް ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ ގޮތުން ފުން ނޭވައެއް ދޫކޮށްލައިފައި މުސްކާންގެ ކުރިމައްޗަށް ހުއްޓި ލޯ ހުޅުވަން އެދުނެވެ. މުސްކާން ލޯ ހުޅުވައިލީ ދެނެވެ. އިޝާން އުއްބައްތި ހިފައިގެން ހުއްޓާ ފެނުމުން އޭނާ ހީލައިފައި އަނެއްކާވެސް ދާންވެގެން އަވަސްވެގަތެވެ. ދޮރާއި ހަމައިން އިޝާން އެއުއްބައްތި މުސްކާން އަތަށް ދީފައި ބުނީ އޭނާ އެކޮޓަރިން އިތުރު އުއްބައްތި ނަގައިގެން ރޯކޮށްފާނެ ކަމަށެވެ. އެކަމަކު މުސްކާން ގޮސް ގެއްލޭންދެން ގުޑާވެސްނުލާ ހުރިގޮތަށް ހުރެވުނީ ދޮރުކައިރީގައެވެ. އެހިސާބުން ދެން ފޯނު ނަގާފައި އޭގެ އަލީގައި އައިސް އުއްޑުން އެނދުގައި އޮށޯވެލިއެވެ. ފުން ވިސްނުމެއްގައި އޮވެ ދެފަހަރެއްގެ މަތީން ހިތާއި ދިމާލުން މޭގައި މުށްކަވައިލި އަތުން މަޑުމަޑުން ތަޅައިލި ގޮތުން ހީވީ އެހިތަށް ކުށެއް ކުރެވިގެން އަދަބު ދިން ހެންނެވެ.

މުސްކާންއަށް ތިރިއަށް އާދެވުނުއިރު އެތާގައިވަނީ އުއްބައްތީގެ އޮރެންޖް އައްޔެވެ. އޭނާ އަތުގައި އޮތް އުއްބައްތި އެތަނުން ސްޓޭންޑަކަށް ޖަހާފައި ގޮސް ސަނާ ކައިރީ އިށީންއިރު އެނގުނީ ކަރަންޓް ކަނޑައިގެން ގޮސްގެން އުޅެނީ މުޅި މާލެއިން ކަމެވެ. "މުސްކާން އިހަށް މަޑުކުރޭ ކަރަންޓް އައީމަ ދާން. މިގަޑީ މަގުމަތީ މީހުން ނިކަން ގިނަވާނެ!" ސަނާ މުސްކާން އަތުގައި ހިފާލައިފައި ދެއްކި ވާހަކައަށް އެއްބަސްވުމުގެ ގޮތުން އޭނާ ބޯޖަހައިލިއެވެ. މުސްކާން މަންމައަށް އަންގަންވެގެން ފޯނު ކުރަން އިންދާ ފަހަތުން ކޮންމެވެސް މީހަކު ކޮށްޓައިލުމުން އެނބުރި ބަލައިލާފައި ހަޅޭތްލަވައިގަނެވުނެވެ. ލީވާން ހީގެންފައި މޫނުގައި އޮތް މާސްކް ދަމައިގެންއިރު ދެންތިބި މީހުންވެސް ލީވާންއާ ބައިވެރިވެގެން ހޭން ފެށިއެވެ. މުސްކާން ފާޑަކަށް އަނގަ ހަދާލައިފައި ލީވާންގެ ކޮނޑުގައި ތަޅައިގަތެވެ. އެތާގައި އަޑުގަދަވެ މަންމަ ފޯނު ނެގުމުން އޭނާ ޖެހިލީ އެއްފަރާތަކަށެވެ. އޭރު މަންމަ ހުރީ ކަރަންޓް ދިޔައިރު އޭނާ ގޭގައި ނެތިގެން ކަންބޮޑުވެފައެވެ.

"ކަންބޮޑުނުވެބަލަ މަންމާ އަހަރެން މިހުރީ ގްރީންލޭންޑްގައޭ. މިތާ އެބައުޅޭ އެންމެން. ކަރަންޓް އަންނައިރަށް ދާނަން. މާލަސްވަންޏާ ލީވާން ނަމަވެސް މީހަކު ގޮވައިގެން ގެއަށް ދާނީ." މުސްކާން މަންމަގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. ރަމްލާ އެގޮތާއި ރުހިގެން ފޯނު ބޭއްވުމުން އޭނާ އެނބުރުނުއިރު އެމީހުން އުޅެނީ ބިރުވެރި ވާހަކަ ކިޔަންވެގެންނެވެ. ލީވާންގެ ކަންތައް ހުންނާނެ ގޮތް އެނގޭތީ މުސްކާން އެވަގުތުވެސް އިނީ ސަނާ ކައިރީގައެވެ. ލީވާން އެތާހުރި މާވަށިގަނޑަކަށް އަތް ފޯރުވައިގެން ފަހަރަކު މާކޯނިއެއް ނަގައިގެން ކޮންމެވެސް މީހަކު ބިރުގަންނަވަން އެއްލައެވެ.

ކަރަންޓް އައީ ގަޑިއެއްހާއިރު ފާއިތުވެދިޔަ ފަހުންނެވެ. އެންމެން ނިކުންނަން ދިޔައިރު މުސްކާންވެސް ނިދިބުރަކައިފައި ހުރެގެން ދާން ތެދުވިއެވެ. "މުޝް ޕޮޓޭޓޯ މިގޭގައި މަޑުކުރަންވީނު މިރޭ. ތިހެން ނިދިފަ ހުރެގެން ގޮސް ކޮންމެވެސް މީހެއްގެ ގައިގަ ކަންނޭނގެ ސައިކަލުން ޖައްސާނީ." ލީވާން ސަމާސަ ރާގެއްގައި ދެއްކި ވާހަކައަށް ސަނާގެ ސަމާލުކަން ދެވުނެވެ. "އެއީ ތެދެއް މާލަސްވެއްޖެއެއްނު މިހާރު. މާދަން ހެނދުން ދިޔައިއްޔާ އުދަނގު ވާނެތަ؟" ސަނާ ލީވާންގެ ވާހަކައާ ގުޅުވައިގެން އިތުރުކޮށްލިއެވެ. "ނޫން މަންމާ. ހެނދުނު ޑިއުޓީއަށް ދާން ޖެހޭއިރު އުދަނގޫވާނެ. ދެން މިރެއަކު ނޫން." މުސްކާންއަށް އެގޮތެއް ކަމަކު ނުދިޔައެވެ. "ދެން އެހެންވިއަސް މޫނު ދޮވެލައިގެން ދާތި އިނގޭ!" ސަނާ ތެދުވެގެން މައްޗަށް ދަމުން ބުނެލިއެވެ. އިރުގަނޑަކު އެކަނި އޮވެލާފައި ފައިބަން އައި އިޝާންއަށް ސަނާގެ ވާހަކަ އިވިގެން މުސްކާން މޫނަށް ބަލަމުން އައެވެ މުސްކާން ބޯޖަހާލައިފައި ބަދިގެއަށް ވަދެ މޫނުގައި ފެންކޮޅެއް ހާކާލުމަށްފަހު ޓިޝޫއަކުން ހިއްކާލައިގެން ނިކުތެވެ. އޭނާ ދާން ފެށުމުން ލީވާންއާ އިޝާން އެކުގައި އައިސް ލީވާން މަޑުކުރީ އެތެރޭގައެވެ. އިޝާން ކާރު ނެރެފައިވެސް މަޑުކުރީ މުސްކާން ސައިކަލުގައި ނައްޓާލަން ދެނެވެ. މުސްކާން ހަމަޖެހިލާފައި ދިޔައިރު ފަހަތުން އިޝާން އޭނާގެ ބޯކޮޅު ބަލަމުން ގެއާއި ހަމައަށް އައިކަމެއް ރޭކައެއް ނުލައެވެ.

މުސްކާން ފާޚާނާއަށް ވަދެލާފައި ނިކުމެ ނިދަންވެގެން އެނދުގައި އޮށޯތްއިރު އިޝާން އަދި ކާރު މަޑުކޮށްގެން އޮތީ މަގުގެ އެއްފަރާތުގައެވެ. ކާރުތެރޭ ފެތުރިފައިވާ ހިތްގައިމު ލަވައިގެ އަޑާއި އިޝާންގެ ހިތުގެ އަޑު އެކުވެގެން އިވިއިވި ހުރިއިރު އެދެލޯ ހުއްޓިފައިވަނީ ދުރުން ފެންނަން ހުރި މުސްކާންގެ ކޮޓަރިއަށެވެ. މުސްކާން ރަޖާ ދަށަށް ވަންނަމުން ކޮޓަރީ ދިއްލާފައި ހުރި ބޮކި ނިވާލައި އަނދިރި ކޮށްލަންދެން އިޝާންގެ ނަޒަރު އެދިމާއަކުން ނުނެއްޓެއެވެ. "ގުޑްނައިޓް މުސްކާން." އެހިސާބުން ދެން ފުން ނޭވައެއް ދޫކޮށްލައިފައި ކާރު ދުއްވާލައިފިއެވެ.

ނިދަން އޮށޯތް ނަމަވެސް އެރޭ އިޝާންގެ ލޮލަކަށް ނިންޖެއް ނައެވެ. ލޯރައިލާއިރަށް ފެންނަނީ މުސްކާންގެ މޫނެވެ. ހީވަނީ ދާދި ކައިރީގައ ހުރެ ހީލާ ހެންނެވެ. އެނދުގައި ފުރޮޅި ފުރޮޅި ކާމިޔާބު ނުވެގެން އޭނާ ތެދުވެ ސިޑިން ތިރިއަށް ފޭބިއިރު ކޮންމެވެސް މީހަކު ސޯފާގައި އޮތުމުން ސިހުމެއް ލިބުނެވެ. އިމާރާއަށް ދޮންބެ ފެނުނުއިރަށް އަވަހަށް ތެޅިގެންފައި ތެދުވެ އަތުގައި އޮތް ފޯނު ފޮރުވައިފިއެވެ.

"ދޮންބެ ނުނިދަންތަ؟" އިމާރާ އިޝާންއަށްވުރެ ކުރިން އަހާލިއެވެ. ފަނޑުއަލީގެ ތެރެއިންވެސް އެމޫނުން އިޝާންއަށް ނުތަނަވަސްކަން ފެނުނެވެ. "ކާކަށް ގުޅައިގެން ތިއޮތީ؟" އިޝާން އާދައިގެ އަޑަކުން ސުވާލުކުރިއެވެ. "ފްރެންޑެއް." އިމާރާގެ އަޑުގައި ރޫރޫ އުފެދުނެވެ. "ފްރެންޑަކާ ވާހަކަދެއްކިއަސް އެހާ ލަސްވަންދެން ނުނިދާ ހުރުން ރަނގަޅެއް ނުވާނެ ދޭ ކޮޓަރިއަށް ނިދަން!" އިޝާން ޒިންމާދާރު ބޭބެއެއްހެން ލަފާ ދިނުމުން އިމާރާ އަވަހަށް ބޯޖަހާލައިފައި ސިޑިން އަރައިގެން ދިޔައެވެ. އެހިސާބުން އިޝާން ބަދިގެއަށް ވަދެ ކޯކްތަށްޓަކަށް އައިސްކިއުބް އަޅައި ކައިރިކޮށްލައިގެން އިށީންދެލީ ކާމޭޒު ކައިރީގައެވެ. އިރުއިރުކޮޅުން ކޯކް ފޮދެއް އަރުން އެތެރެކޮށްލާފައި އޭނާއަށް އަތް ހާކާލެވެނީ ނިތުގައެވެ. އޭރު މޭޒުމަތީ އޮތް ފޯނުގައި ހުރީ މީގެ އަހަރަކަށްވުރެ ގިނަދުވަސް ކުރިން މުސްކާންގެ ކައިވެނީގެ ހެދުން ނަގަން އޭނާ ގޮވައިގެން ދިޔަ ދުވަހު މުސްކާން އެހެދުމުގައި ނެގި ފޮޓޯގަނޑެވެ. ހުދު ހެދުމުގައި ޕަރީއެއްހާ ފަރިވެފައި ތުންފަތުގައިވި ރަކި ހިނިތުން ވުމުން އިތުރަށް ފުރިހަމަކަމެއް ގެނެސްދެއެވެ. އޭނާ އެކޮޅުގައި ކިޔަވަން އުޅުނުއިރުވެސް މާބޮޑަށް ހާސްވެއްޖެނަމަ ނޫނީ ކަމަކާ ދެރަވެއްޖެނަމަ މުސްކާންގެ ހިނިތުންވުން ބަލާލައިގެން ހިތްހަމަޖެހުން ލިބެއެވެ. އެހިނިތުންވުމަކީ އެހެން މީހަކަށް ޝިފާއެއްކަން މުސްކާންއަށް ނުވެސް އެނގޭނެއެވެ. ކުޑަމިނުން އޭނާގެ ހިތުގައި ހިނގާ އިހްސާސްތަކުގެ ޚަބަރެއްވެސް އެއަންހެންކުއްޖާއަކަށް ނުވާނެއެވެ. އެކަން އަންގާކަށް އިޝާން ބޭނުމެއްވެސް ނުވެއެވެ. މުސްކާންގެ ނަޒަރުގައި ލޯއްބަކީ އައިޒަންއެވެ. ކައިވެންޏާއި އުފަލަކީވެސް އައިޒަންއެވެ. ވީއިރު އޭނާގެ އެއްފަރާތު ޖަޒުބާތު ތަކުން މުސްކާން ހިތަށް އިތުރު އުދަނގުލެއް ދޭންވީ ކީއްވެ ހެއްޔެވެ؟ އޭގެ ބަދަލުގައި މުސްކާންގެ އެންމެ ކައިރީގައި އަބަދުވެސް އެހިވެވޭނެ ފަރާތެއްގެ ގޮތުގައި ހުރެ ނިމިދިއުން މާ ރަނގަޅެވެ. ނިޔާވުމުގެ ކުރިން އައިޒަން އޭނަ ކައިރީ މުސްކާންއަށް ބަލައްޗޭ ބުނި ބުނުމުގެ މާނައަކީ ބޭބެއަކު ކޮއްކޮއަކަށް ބަލާހެން މުސްކާންއަށް ބެލުމެވެ. އޭގެ މާނަ އޮޅުވާލެވުނީ ޚުދު އޭނާއަށެވެ. ނޭނގި ހުއްޓާ އެހިތް މުސްކާންއަށްޓަކައި ވިންދު ޖަހަން ފެށީ ކިހިނެތް ކޮންއިރަކު ކަމެއް ނޭނގުނެވެ. އެންމެ ކައިރީގައި އަބަދު ފެންނަ ހުއްޓަސް އެއީ ހަޤީޤަތުގައި އެންމެ ދުރުގައިވާ ފަރާތްކަން ހިތަށް އަންގަދޭން އޭނާ ހާދަ މަސައްކަތެއް ކޮށްފިއެވެ. އާއެކެވެ. މުސްކާންއަކީ ހަމައެކަނި އައިޒަންގެ ހައްޤެކެވެ. އެހައްޤަށް އޭނާ އަރައިގަތުން ވެގެން ދާނީ އައިޒަންއަށް ވެވޭ ޚިޔާނާތަކަށެވެ. އެކަން އެނގިއްޖެ ދުވަހަކުން އޭނާގެ އާއިލާ މީހުންވެސް އޭނާއަށް މަޢާފެއް ނުކުރާނެއެވެ. ދެބެންގެ ދެދަރި ކޮއްކޮގެ ލޯބިވެރިޔާއާމެދު ހިތް ގޯސްކުރި މީހަކަށް އެމީހުން މަޢާފު ކުރަންވީ ވަކި ކީއްވެ ހެއްޔެވެ؟

އަމިއްލަ ހިޔާލުތަކުން ސިކުނޑިއަށް ވާން ކުރިވަރުން އިޝާންއަށް ކޯކްތަށި ބެހެއްޓުނީ ނިކަން ބާރަށެވެ. އެއަޑަށް ޚުދު އޭނާއަށްވެސް ހޭވެރިކަންވެގެން ތެޅިގެންފައި ތެދުވިއެވެ. އޭރު ކޯކްތަށިން ބައެއް އޮތީ މޭޒުމައްޗަށް ބަންޑުން ވެފައެވެ. އިޝާން ދެކޮޅު ބަލާލައިފައި ސިންކު މަތިން ސްޕަންޖް ގަނޑެއް ގެނެސް އެތަން ސާފުކޮށްފައި ފޯނު ހިފައިގެން އަނެއްކާވެސް ކޮޓަރިއަށް ވަދެ ނިދޭތޯ އޮށޯތެވެ.

ވަޒީފާ ހަމަޖެހި ހޮސްޕިޓަލަށް ނިކުންނަން ފެށުމުން އިޝާން ހުންނަނީ ކުރިއަށްވުރެ ބޮޑަށް ހަމަޖެހިފައެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރެވުމުން އެލިބޭ އުފަލަކީ އެހެން އެއްވެސް ކަމަކާއި އަޅާ ކިޔޭވަރަށްވުރެ މަތިވެރި އުފަލެކެވެ. ހޮސްޕިޓަލުގައި ބުރަކޮށް އުޅެފައި އައިސް ރޭގަނޑު ނިދިވެސް ފަސޭހައިން ލިބެން ފެށިއެވެ. އެކަމަކު ކިތަންމެ ބޭނުން ވިއަސް މުސްކާންއާ ދުރަކު ނުހުރެވެއެވެ. ހިތުގެ ހާލު މޭގެ ތެރޭ ފޮރުވައިގެން އޭނާ ބޭރު ފުށުން އަބަދުވެސް ހުންނަނީ ހިނިތުންވެފައެވެ. މީގެ ކުރިންވެސް މުސްކާންއާ ބައްދަލު ކުރާއިރު އެބަހައްޓާ އޯގާތެރިކަމާއެކު ހުރިހާ ކަމެއް ކޮށްދެއެވެ. ބޭބެއެއްހެން މުސްކާން ބޭނުން ތަންތަނަށް ކާރުގައި ގެންގޮސްދީ ގެނެސްދީ ހަދައެވެ. އޭގެ އިތުރުން ގްރީންލޭންޑްގައި މުސްކާން އުޅޭއިރު އޭނާވެސް އެގޭގައި އެމީހުންނާއި ބައިވެރިވެގެން އުޅެއެވެ. އޭރު އިފްހާމްއާ ޝައިލީންގެ ކައިވެނީގެ ކަންތައްތައް އެންމެ ބާރު ދުވެލީގައި ކުރިއަށް ދިޔައެވެ.

އެހެން ދުވަހެކެވެ. މުސްކާން މަސައްކަތުގައި އޮފީސް މޭޒުކައިރީ އިންދާ ފޯނަށް މެސެޖެއް އައިސްގެން ވައިބްރޭޓްވިއެވެ. ބަލާލިއިރު ނާޝިދު މެސެޖް ކޮށްފައި އޮތީ ބްރޭކް ގަޑީ މެންދުރު ކާން ބަލައި އަންނާނެ ވާހަކައެވެ. އެހެން އުޅެލާފައި ނާޝިދު އޭނާ ގޮވައިގެން ބޭރަށް ކާން ދުވަސް ދުވަސް މަދެއް ނުވާނެއެވެ. ބައްޕައަކާއި އަންހެން ދަރިއެއްގެ މެދުގައި އޮތް ލޯބި ހާމަވެގެންދާ މިފަދަ ވަގުތު ތަކުގައި ނާޝިދު ނުހަނު ގާތްކޮށް މުސްކާންގެ ހުރި އުދަނގޫ ތަކުގެ ވާހަކަ އަހައި ހައްލުކޮށްދޭން މަސައްކަތް ކުރެއެވެ. މަސައްކަތުގެ ދާއިރާ ގައިވެސް މަޝްވަރާ ކޮށްލަން ކަމެއް އޮތިއްޔާ ނާޝިދުއާ މަޝްވަރާ ކުރަން އޭނާ ފަހެއް ނުޖެހެއެވެ. ފާއިތުވީ މަދު ދުވަސްކޮޅެއްގެ ތެރޭ އުފަން ބައްޕައާ އޮންނަ ގުޅުމަށްވުރެވެސް އައިޒަން ބައްޕައާ އޮންނަ ގުޅުން ކައިރިވެއްޖެހެން ހީވާ ފަހަރު އާދެއެވެ.

ބްރޭކް ގަޑި އައުމުން މުސްކާން ނިކުތްއިރު ނާޝިދު ކާރުގައި އައިސް އިނީ އޭނާ ބަލައެވެ. މުސްކާން އުފަލުން ހަނާ އަޅާލައިފައި ގޮސް އެރިއެވެ. މޭޒު ދޮށުގައި އެމީހުން އިށީންތާ މަދު ވަގުތުކޮޅެއްގެ ތެރޭ ކާއެއްޗެހި ގެނެސް އަތުރައިލިއެވެ. "ދަރިފުޅާ ވަކިން ވަހަކަދައްކާ ނުލެވޭތާ ގިނަ ދުވަސް ވީމަ އެކުން މިބައްދަލު ކުރީ." ނާޝިދު ފެށިއެވެ. މުސްކާން ހިނިތުންވެލާފައި ބޯޖަހައިލި ނަމަވެސް އެއީ ހަމައެކަނި ސަބަބު ނޫންކަމުގައި ހިތް ބުނެލިއެވެ. "ކިހިނެތްތަ ހާލު؟" ނާޝިދުގެ ދެވަނަ ސުވާލުން މުސްކާންއަށް ކެއުން މަޑުޖައްސައިލެވުނެވެ. އޭނާ ބަލައިލިތަނާ ނާޝިދު ކެއުން ހުއްޓާލައިފައި ދެއުޅަބޮށި ވިއްދާލުމަށްފަހު ދެއަތްތިލަ ވިއްދައިލީ ދަތްދޮޅީގައެވެ.

"އިފްހާމްގެ ކައިވެނީގެ ކަންކަން ގޭގައި ކުރިއަށް ދާތީ ބައްޕަ ވަރަށް ކަންބޮޑުވޭ އެއިން ދަރިފުޅަށް ކޮށްފާނެ އަސަރަކާމެދު ވިސްނާފަ. މަންމަވެސް އަބަދު އެވާހަކަ ދައްކާ." ނާޝިދު ބުނެލީ މުސްކާންގެ ހިތުގައި އޮތް ވާހަކައެވެ. ނާޝިދު ބުނަން އުޅުނީ އެވާހަކަހެން ކުރިންވެސް ހީވިއެވެ. އެމީހުން އޭނަގެ އިހްސާސްތަކާމެދު ވިސްނަނީ ހާދަ ބޮޑަކަށޭ ހިތަށް އެރިއެވެ. "ކަންބޮޑުނުވޭ ބައްޕާ. އައެމް ފައިން. ކުރިއަށް އޮތްތާނގައި އަދި މިއަށްވުރެވެސް ރަނގަޅު ވަމުން ދާނީ." މުސްކާން ހިނިތުންވުމެއް ވެރިކޮށްލިއެވެ. "އެހެން ވިއްޔާ ކިތަންމެހާވެސް ރަނގަޅު. ދަރިފުޅުގެ އަނގައިން ތިހެން ބުނާއަޑު އިވުނީމަ މިހާރު ހިތްހަމަޖެހިއްޖެ. އެކަމަކުވެސް ބައްޕަ ބުނެފާނަން. ދަރިފުޅަށް މަޖުބޫރެއް ނޫން މިކައިވެނީގެ ހުރިހާ ކަމެއްގަ އެންމެ ކައިރިން ބައިވެރިގެން އުޅުމެއް. ބޭނުމިއްޔާ ވީހާވެސް ދުރުން ބައިވެރި ވެވިދާނެ." ނާޝިދު އަދިވެސް ލަފާ ދިނެވެ. މުސްކާން ބޯޖަހާލައިފައި އިތުރަށް އެވާހަކަ ކުރިއަކަށް ނުގެންދިޔައެވެ.

އިފްހާމްގެ ކައިވެނި ހަފްލާ އޮތީ ދަރުބާރު ގޭގައެވެ. އާއިލާ އެންމެން އެކަމުގެ ތެރޭގައި އުޅުނުއިރު މުސްކާންއަށް އެރޭ ސަލާމަތް ވެވުނީވެސް ހަތެއް ޖަހާ ބޮޑުވިފަހުންނެވެ. އޭނާ ގެއަށް ގޮސް ފެންވަރާލައިގެން ނިކުތްއިރު ލީވާންއާ އިޝާން، މިރާހް އަދި ސަނާއާ ނާޝިދުގެ މިސްކޯލު ހުއްޓެވެ. ތައްޔާރު ވަނީ ކަމުގައި ބުނެ މެސެޖްކޮށްލީ ލީވާންއަށެވެ. ދެން ނަމާދުކޮށްގެން ނިކުމެ ހެދުން ނަގަން އަލަމާރި ހުޅުވާލައިފައި ހުއްޓުން އަރާ ގޮތްވިއެވެ. ކޮނޑުގައި އަޅުވާފައި ހުރި ހެދުން ވައްތަރީ އޭނާ ކައިވެންޏަށް ފެހި ހެދުމާއެކު އެގޮތަށް ލޭސް ބޭނުންކޮށްގެން ފަހާފައިވާ ސާދާ ހުދު ހެދުމެކެވެ. ކުޑަ ތަފާތެއް ހުއްޓަސް ވަރަށް އެއްގޮތެވެ. މުސްކާން އެހެދުމުގައި އަތްވެސް ނުލައި ގޮސް ނިދާ އެނދުން ތިރިން ފޮށިގަނޑެއް ދަމާލައިފައި ނެރެ އޭގެ ތެރެއިން ކައިވެނީގެ ހެދުން އަތަށް ނެގިއެވެ. ފޮތިގަނޑުގައި އިނގިލިތައް ބީއްސާ ލެވުނު އިރު ގައިން ހީބިހި ނަގައި މެއަށް ފިނިވެގެން ދިޔައެވެ. ތުރުތުރުލާން ފެށި އިނގިލިތަކަށް ބަލަން ހުރެ އަތް މުށްކަވާލުމަށްފަހު ހެދުން ގެނެސް ޖައްސައިލެވުނީ މޭގައެވެ. އިސާހިތަކު ލޮލުން ކަރުނައިގެ މުތީތައް އޮހިގެންފިއެވެ.

"އައިޒަން! ކިހިނެތް އަހަރެން އައިޒަންއާ ނުލާ ދިރިއުޅޭނީ؟ ކިހިނެތް އަހަރެން އުފާކުރާނީ؟ ކިހިނެތް.... " މުސްކާންގެ އަޑު ބެދިގެން ވާހަކަދެއްކުން ހުއްޓުނުއިރު އެނދުގައި އިށީންދެވުނެވެ. އަދިވެސް މެޔާލައި ބޮނޑިކޮށްލެވިފައި އޮތް ހެދުމުގައި ހިފަހައްޓައިގެން އިންދާ އިރުކޮޅެއް ފަހުން ކުޑަދޮރުން ވަން ފިނި ރޯޅިއެއް އޭނާގެ މޫނުގައި ބީހިލާފައި ނޭފަތުގައި ޖެހުނު ވަހަކުން ސިއްސުވާލައިފިއެވެ. ދެވަނަ ސިކުންތުގައި އޭނާ ތެދުވެ ހުރީ ކޮޅަށެވެ. ދެން ދުވެފައި ގޮސް ކުޑަދޮރުން ތިރި ބަލާލުމާއެކު މެއަށް ފިނިވެގެން ދިޔައެވެ. މުސްކާންއަށް ފެނުނީ ގޭގެ ދޮރުން ވަން ފިރިހެނެކެވެ. ކަޅުކުލައިގެ އަތްދިގު ގަމީހާއި ފަޓްލޫނުގައި ރީތިވެލައިގެން ހުރި ޒުވާނާ ވަންލެއް އަވަސްކަމުން މޫނު ނުފެނަސް ވައްތަރުވީ އައިޒަންއާއެވެ. ހީވީ ހަމަ އައިޒަން ފެނުނު ހެންނެވެ. މުސްކާން ލޯ ބޮޑުކޮށްލައިގެން ހުރެ ދެފަރާތަށް ބޯހޫރަ ހޫރާފައި އެނބުރި ކޮޓަރި ދޮރާއި ދިމާއަށް ބަލަން ހުރީ އެމީހަކު އަންނަނީ އޭނާ ކައިރިއަށްތޯ ބަލަންވެގެންނެވެ. އިރުކޮޅެއް ނުވެ ފިޔަވަޅުގެ އަޑު އަންނަ އަޑު އިވިގެން ހިތުގެ ހިނގުން އެންމެ ބާރު ވެގެން އައެވެ. އެހިތް މޭ ފޫއަޅުވާލައިފައި ނިކުމެދާނެތީވެސް ބިރުގަތް ވަގުތުކޮޅެކެވެ. ދެން އިވުނީ އެމީހަކު ދޮރުކައިރިއަށް ހުއްޓި ތަޅުގައި ހިފާ އަނބުރައިލި އަޑެވެ. މުސްކާން ލައިލައި ހުރި ނޭވާ ކަރުތެރޭގައި ތާށިވެގެން ދިއުމާއެކު ކަޅި ޖަހާނުލާ ބަލަން ހުއްޓާ އެދޮރު ހުޅުވިއްޖެއެވެ.

 

ކޮމެންޓް 0