2005 ވަނަ އަހަރު ނޮވެމްބަރ މަހުގެ ދުވަސްތަކު ތެރެއިން ދުވަހެކެވެ. ގުގުރާ ވިދުމާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ގަޑީގެ ސޯނާއަޑާއެކު މުސްކާންއަށް ހޭލެވުނުއިރު އޮވެވުނީ މޭޒުގައި ބޯއެޅި ގޮތަށެވެ. މުޅި ރޭ ފިލާވަޅު ދަސްކުރުމުގައި ހޭދަކޮށްފައި އެންމެފަހުން ލޮލުފިޔަ ޖެހުނު މަދު އިރުކޮޅުވެސް އޮވެވުނީ އެހާ އުދަނގޫ ތަނެއްގައެވެ. ތެދުވެ އިށީންއިރު ބޯމަތީގައި ހީވަނީ ގަލެއް ބާއްވާފައި އޮތް ހެންނެވެ. ކުރިއަށް އަދި އޮތީ އިމްތިހާނެވެ. އޭނާ ފާހަގަކޮށްލެވެނީ އެންމެ ރަނގަޅު ނަތީޖާ ގެންނަ ކުދިންގެ ތެރެއިން ކަމަށްވިއަސް ކޮންމެ އިމްތިހާނަކާއި ކުރިމަތިލަނީ ބިރުން ހުރެގެންނެވެ. ކުރިމަގު ބިނާކުރުމަށްޓަކައި އޯލެވެލް އިމްތިހާނު އެއީ ކިހާ މުހިންމު އެއްޗެއްކަން މުސްކާން ދަނެއެވެ.

ފޫހިވެފައި ހުރެގެން މުސްކާން ގޮސް ތައްޔާރުވާން ފެށިއެވެ. ދެދުވަސް ފަހުން ކެމިސްޓްރީ އޮންނާތީ އިމްތިހާނު ނިންމާފައި ގުރޫޕް ސްޓަޑީ ހަދަން ދެވޭނެހެން ދަބަސް ތެރެއަށް ޓެކްސް ފޮތްތަކާއި ޕާސްޓްޕޭޕަރގެ އިތުރަށްވެސް ބޭނުންވާނެ އިތުރު އެއްޗެހި ހަމަކޮށްލިއެވެ. ނިކުންނަން ދިޔައިރު މާހައުލު ފިނިކަމުން އެކަމާއިވެސް އޭނާ ގަޔައެއް ނުވިއެވެ. ނިކުތްއިރު މަންމަ ހުރީ ނާސްތާ ތައްޔާރު ކޮށްފައެވެ. ވެހޭ ވާރޭގައި ޓެކްސީއެއް ހޯދަން އުދަނގޫވާނެތީވެ، ގަޑީގައި ތަން އޮތްވާވެސް އޭނާ އަވަސްކޮށްލައިގެން ތެދުވިއެވެ. ދޮރާއި ދިމާއަށް ދިޔައިރު މަންމަގެ އާދައިގެ މަތިން އެވެނި އާޔަތެއް ކިޔަވާށޭ މިވެ ދުޢާއެއް ކިޔާށޭ ގޮވައެވެ. ކޮންމެ އިމްތިހާނަކަށް ނިކުންނައިރު ހެޔޮއެއްޗެހި ކިޔަން މަންމަ އަބަދުވެސް ހަނދާންކޮށްދެއެވެ. ރުޅިގަދަވެފައި ހުރެގެން ނިކުމެ ދޮރާށި ކައިރީ ހުރިއިރު ވަޔާއެކު އައި ފެންތިކިތައް މޫނަށް ހަމަލާ ދޭން ފެށީ މުސްކާންގެ މިޒާޖު އެނގިގެން އިތުރަށް ރުޅިއަރުވަން ކަހަލައެވެ. ދެތިން ކާރަކަށް އަތް ނަގައި ނާކާމިޔާބު ވިފަހުން އަނެއްކާވެސް މަގުގެ އަނެއްކޮޅުން އެދިމާއަށް އައި ކާރު ލޮލުގައި އަޅައިގަތެވެ. އޭނާ އަވަހަށް މަގުމައްޗަށް ނިކުމެފައި އަތް ހޫރާލިއެވެ. ކާރު ހުއްޓިތަން ފެނިފައި ބަލާކަށް ނުހުރެ އޭގެ ފަހަތު ދޮރު ހުޅުވާލައިފައި އެތެރެއަށް ޖެހިގެންއިރު އެއީ ޕްރައިވެޓް އެއްޗެއްކަމެއް ކުޑަކޮށްވެސް ރޭކައެއް ނުލިއެވެ. "ދާންވީ ދަރުބާރުގޭ ކައިރިއަށް." ކޮނޑުގައި އޮތް ދަބަސް އަނެއް ސީޓުގައި ބާއްވާފައި މުސްކާން އަތުގައި ބޭއްވީ އެކަނި ޕެންސިލް ކޭހާއި ފަތްޖަހާލައިފައި އޮތް ކުޑައެވެ. އެވަގުތު އޭނާ ދާންވީ މަންޒިލް ބުނެދިނުމުން ޑްރައިވަރު ސީޓުގައި އިން ޒުވާނާ ލުއި ހީލުމަކާއެކު ކާރު ދުއްވާލައިފިއެވެ. މުސްކާން އޭރުވެސް ބުމަ ކައިރިކޮށްލައިގެން އިނީ މޫޑު ގޯސްވެފައެވެ. އިށީންދެ އިން ސީޓު އަރާމުވެފައި ހެއުވަރަކަށް ފިނިހޫނުމިން ހުރުމުން ބުރަކަށި ޖައްސާލިތަނާ ވީނުވީއެއް ނޭނގި އިރުކޮޅަކުން ނިދިޖެހިއްޖެއެވެ.

މަންޒިލާ ހަމައަށް ފޯރުމުން ކާރު މަޑުކޮށްފައި ޒުވާނާ ބަލައިލިއިރު މުސްކާން އޮތީ ރީތިކޮށް ނިދާލައިފައެވެ. އަމީނިއްޔާ ޔުނީފޯމުގައި އިންއިރު ބުޅި އިސްތަށިކޮޅު ފަހަތަށް ގަތާލައިފައެވެ. ހަށިގަނޑާއި މޫނުގައި ފުށްކަމެއް ހުއްޓަސް ލޯބި ކުއްޖެކެވެ. ދިގު އެސްފިޔަތަކަކާއި ފިޔާތޮށިކުލައިގެ ތުނި ތުންފަތެކެވެ.

ބަލަން އިނދެލާފައި ޒުވާނާ ދެފަހަރަކު ގޮވާލުމުން މުސްކާންއަށް ހޭލެވިގެން ފުންމައިގެން ތެދުވިއެވެ. އޭނާ އަވަހަށް ދިހަ ރުފިޔާގެ ނޫޓެއް ނަގައި ދިއްކޮށްލުމުން ޒުވާނާ ގާތްގޮތަކަށް އަޅައިނުލާށޭ ބުނުމުން ކުޑަ ހައިރާންކަމެއް ލިބުނެވެ. އޭރުން ކަމަކުނުދާނެއޭ ބުނެފައި އަނެއްކާވެސް އެނޫޓު ދިއްކޮށްލުމުން އޭނާ އޭގައި ހިފާފައި "ގުޑްލަކް" އޭ ކިޔައިލިއެވެ. މުސްކާން ކުޑަ ހިފައިގެން ކާރުން ފޭބިއިރު ލަސަންއާ މާވީ ފެންނަ ހިސާބުގައި ތިއްބެވެ.

"ޕްރައިވެޓް ކާރުކޮޅުގަތަ މިހާރު ދަތުރުވެސް ކުރަނީ؟ އަހަރުންނަށް އަންގާނުލާ ބިޓެއް ނެގީދޯ؟" މުސްކާން ގޮސް ކައިރިއަށް ހުއްޓުނުތަނާ ލަސަން ބުނި ވާހަކައަކުން ހައިރާންވިއެވެ. "ޕްރައިވެޓް ކާރެކޭ؟" އޭނާ އަޅައިގަތީ އެތަންކޮޅުގައެވެ. ލޯބޮޑުކޮށްލާފައި އެނބުރި ބަލައިލިއިރު ކާރު ގޮސް ލޯމަތިން އޮބާލަނީއެވެ. ކާރުގެ ނަންބަރު ފާހަގަ ނުކުރެވުނަސް އެއީ ޕްރައިވެޓް އެއްޗެއްކަން އެނގޭވަރުވިއެވެ. އަނގައަށް ގޮތެއް ހަދާލައިގެން ހުރެ އެނބުރުނުއިރު ދެއެކުވެރިން ދިމާކޮށްފައި ހެނީއެވެ. "އެހެންނުވާނީ އަހަރެން ހުރީ ޓެކްސީއެއް ނުލިބިގެން އެހާ ކަންބޮޑުވެފަ. ދެން އަތްނެގިހާއިރުން އެކާރު ހުއްޓީމަ ނޭނގޭނެއެއްނު" މުސްކާން އޮޅުންފިލުވައިދިނެވެ. ގަޑި ކައިރިވެފައި ހުރުމުން އެތެރެއަށް ވަންނަން ހިނގައިގެންފައި މުސްކާން ނާންނަކަން އެނގިގެން މާވީމެން ހުއްޓިފައި ބަލައިލިއިރު ހުރީ ބިރެއް ފެނިގެން ހުރި ކުއްޖަކު ފަދައިން ދެލޯ ބޮޑުވެފައެވެ.

"ކިހިނެތްވީ؟" ހުރި ފިޔަވަޅުމަތީ ހުރެފައި ލަސަން އެހިއެވެ. "އަހަރެންނަށް މި ފޭބުނީ ކާރުތެރޭ ދަބަސް ބާއްވާފަ. އޭގަ ހުންނާނީ އަހަރެންގެ ހުރިހާ ފޮތެއްވެސް. ޓެކްސްޓް ފޮތާއި ޕާސްޓްޕޭޕަރާ އޯލްމައި ނޯޓްސް. އޮޓޯގްރާފް ބުކްވެސް." ޖަވާބުދިންއިރު މުސްކާންއަށް ރޮވެން ކައިރިވިއެވެ. ނުވެސް ދަންނަ މީހެއްގެ ފުށުން އެފޮތްތައް ހޯދާނީ ކިހިނެތް ހެއްޔެވެ؟ އަނެއްކޮޅުން ދެދުވަސް ފަހުން އޮތީ ކެމިސްޓްރީ އިމްތިހާނެވެ.

"މުޝް. ކަންބޮޑުނުވޭ އިރާދަކުރެއްވިއްޔާ އަދި އެދަބަސް ލިބޭނެ. އެކަމަކު މިވަގުތު ތިކަމާ ވިސްނައިގެން ބޯގޮއްވީމަ ދެރަގޮތެއް ވެދާނެ. އިހަށް ހިތްހަމަޖައްސާލާ." ލަސަން އެނބުރިގޮސް ކައިރިއަށް ހުއްޓިފައި މުސްކާންއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. "އެއީ ތެދެއް މުޝް. ނިކުމެ އަހަރުމެން ތިން މީހުންގެ ހައްލެއް ހޯދާނީ. އެއީ ރަނގަޅު މީހެއްވެއްޖެއްޔާ އޭނައަށް ފެނިގެން އަނބުރާދޭންވެސް އަތުވެދާނެ މިތަނަށް." މާވީވެސް އިތުރުކޮށްލިއެވެ. ފުން ނޭވައެއްލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން މުސްކާން ބޯ ޖަހައިލިއެވެ. މާވީ ބުނިހެން ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު އެތެރެއަށް ވަން ހިސާބުން ކަންތައްވީ އިދިކޮޅަށެވެ. އެންމެ ހިނދުކޮޅަކަށްވެސް މުސްކާންގެ ހިތުން ނުތަނަވަސްކަން ފިލާ ނުދެއެވެ. އެދަބަސް އަނބުރާ ނުލިބެނީސް އޭނާއަށް ހަމަޖެހުމެއް ނެތްކަން ކަށަވަރެވެ. ގަޑި ޖެހުމުން ކަރުދާސް ހަވާލުކޮށްފައި ނިކުތްއިރު އިމްތިހާނާއިމެދުވެސް އޭނާގެ މާބޮޑު ޔަޤީންކަމެއް ނެތެވެ. ނިކުމެ ދެކޮޅު ބަލާލައިފައި އުންމީދުކުރި ފަދަ މަންޒަރެއް ނުފެނުމުން ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެކުވެރިން ވަރަށް ވިސްނަދީގެން އޭނާ ދިޔައީ އެމީހުންނާއެކު ޤުރޫޕްސްޓަޑީ ހަދާށެވެ. މާވީގެ ފޮތުން ޕޮޓޯ ކޮޕީ ނަގައިގެން އެވަގުތަށް އެންމެ ބޭނުން ބައި ހަމަކުރިއެވެ. އެހެނަސް ގެއްލިފައިވާ ހިތްހަމަޖެހުން އަނބުރާ ގެނެވޭ ގޮތެއް ނުވިއެވެ. އަމުދުން އެއްޗެއް ދަސްކުރާހިތެއްވެސް މުސްކާން ނުވިއެވެ. އެންމެފަހުން އޭނާ އެކުވެރިންނާ ވަކިވެގެން ދިޔައީ ގެއަށެވެ. ކެތްތެރިކަން ކޮޅުންލީ ގެއަށް ވަންތަނާ އިމްތިހާނާއި ބެހޭގޮތުން މަންމަ ސުވާލު ކުރުމުންނެވެ. އެހުރިހާއިރު ހިފަހައްޓައިގެން ހުރި ހުރިހާ ކަރުނަތައް ހޯސްލައިފައި އޮހިގަތެވެ. ޅަކުއްޖެއްފަދައިން ރޮއިގަނެފައި މަންމަގެ ގައިގައި އޮޅުލައިގަނެވިއްޖެއެވެ. ވާހަކަދެއްކޭވަރު ވުމުން ދަބަސް ގެއްލުނު ވާހަކަ ކިޔައިދިންތަނާ މަންމަވެސް ނިކަން ހިތްވަރުލައިދިނެވެ.

މެންދުރު ފަސްވެގެން އައިއިރު ވާނެއް ދީފައި އަނެއްކާވެސް ވާރޭ ވެހެންފެށީ އިރު އޮއްސެން ކައިރިވެފައި ހުއްޓައެވެ. ދޭތެރެއަކުން ވިދުވަރުގެ އަލި ފެނިފައި ދުރުން ގުގުރައިގަނެއެވެ. އިޝާ ނަމާދު ކޮށްގެން މުސްކާން އިށީންދެލީ އަނެއްކާވެސް ލިޔާމޭޒު ކައިރީގައެވެ. އަނގައިގެ ހުރަހަށް ފަންސޫރެއް ހިފަހައްޓާލައިގެން އިނދެ ފޮތްތައް ހުޅުވަން ފެށިތަނާ މަންމަ އެތެރެއަށް ވަނެވެ. "ދަރިފުޅު ހޯދަން ކުއްޖަކު އައިސް އެބަހުރި." މަންމަގެ ޖުމްލަ ނިމޭއިރަށް މުސްކާން އަނގައިގައި އޮތް ފަންސޫރު ވައްޓާލެވުނީ ތިރިއަށެވެ. އޭނާ ސިހުނީ މަންމަ "ކުއްޖެކޭ" ބުނެ މުޚާތަބު ކުރީމައެވެ. ޔަޤީނުންވެސް މަންމައަށް ނޭނގޭ އޭނާގެ އެކުވެރިއަކު ނުހުންނާނެއެވެ.

"ދެން އާދޭ އަވަސްކޮށްލައިގެން. އެބަހުރި ސިޓިންރޫމްގަ." މުސްކާން ތެދުވަން ނޫޅެ އިންގޮތް ފެނިފައި މަންމަ ބުނެލިއެވެ. އޭނާ ބޯޖަހާލައިފައި ތެދުވުމުން މަންމަ ނިކުމެގެން ދިޔައެވެ. ބޭރަށް ނިކުންނަން އުޅެފައި ފުރަތަމަ ބަލައިލެވުނީ ލޯގަނޑަށެވެ. ހުރެވުނީ ނިކުންނަން ކެރޭ ކަހަލަ ސިފައެއްގައިތޯ ޔަޤީން ކުރަން ބޭނުންވީ ބޭރުގައި ހުރީ ކާކުކަމެއްވެސް ނޭނގޭތީއެވެ. ލައިގެން ހުރި ހަރުވާޅާއި ޓީޝާޓް އޭނާއަށް ފެނުނީ އެންމެ ރަނގަޅު ކަމުގައެވެ. ހޭވިފައި އޮތް އިސްތިގަނޑުގައި އަތް ފުނާއަޅާލައިފައި ސިއްރުން ބޯދިއްކޮށްލިތަނާ މޭގަނޑު ފިނިވާގޮތްވިއެވެ. އެއީ ކޮންމެވެސް ތާކުން ދެކެފައިވާ ޒުވާނެއް ކަމުގައި ހިތް ބުނެލީ ކީއްވެކަމެއް ނޭނގުނެވެ.

ދިގު އިސްކޮޅަކާއި އެކަށީގެންވާ ރޫފައެކެވެ. ފަންކަޅު އިސްތަށިކޮޅު އެންމެރީތި ވަރަށް ކޮށާފައި އޮތްއިރު މޫނުއަލިވެފައި ހިތްދަމައިގަންނަ ގޮތެއް ހުއްޓެވެ. ތެމިފޯވެގެން ހުރިއިރުވެސް މޫނުން ހަރުދަނާ ގޮތް ދައްކައެވެ. އެކަމަކު ބަލާބެލުމަށް މާ ދުވަސްވީ ސިފައެއްވެސް ނުޖަހައެވެ. ހީވާގޮތުން އުމުރުން ވާނީ ވިއްސަކަށް އަހަރެވެ. މުސްކާން ވިސްނަން ހުރެފައި ނިކުމެގެން ހިނގައިގަތްތަނާ އޭނާ އަތުގައި އޮތް ދަބަސް ލޮލުގައި އަޅައިގަތުމާއެކު ވީގޮތް ބުނެދޭންވެސް ނޭނގުނެވެ. އޭނާއަށް ވާނުވާ އެނގުނުއިރު ދުވެލާފައި ގޮސް ހުއްޓެވުނީ އެޒުވާނާގެ ކުރިމަތީގައެވެ. އެތޫނު ލޮލާއި ލޯ އަމާޒުވެ ފިޔަވަޅުތައް މަޑުޖައްސާ ނުލެވުނުނަމަ އުފަލުންގޮސް ބައްދައިގަނެވުނީހެވެ. ތެމިފޯވެގެން އޭނާ އައިސްހުރީ އެދަބަސް ރައްދުކޮށްދޭންކަން އެނގުމުން ލޮލަށް ޖަމާވީ އުފާވެރިކަމުގެ ކަރުނައެވެ. އެހާ އިހްލާސްތެރި މީހުން އަދިވެސް މިމާލޭގައި އުޅެނީ ހެއްޔެވެ؟

"ހައި. ވަރަށް ފަހުން މިދަބަސް ފަހަތުގައި އޮތްކަން އެނގުނީ. މީގަ ހުރީ މުހިންމު އެއްޗެހިތަކެއްހެން ހީވީމަ ބޭނުންވީ މިރެއިން މިރެއަށްވެސް ރައްދު ކުރަން." ޒުވާނާ ދަބަސް ދިއްކޮށްލަމުން ކިޔައިދިނެވެ. "ކިހިނެތް މިގެ ހޯދީ؟" އޭނާގެ ވާހަކައާ އެއްބައިވުމުގެ ގޮތުން ބޯޖަހައިލާފައި މުސްކާން ދަބަހުގައި ހިފިއިރު އަހައިލިއެވެ. އެއް އެޑްރެހެއްގެ ދަށުގައި ހަތަރު ބަޔަށް ބަހާފައިވާ ގޭގެ ކޮންމެ ބައެއް ފަސްބުރިއަށް ހިއްލާފައި ހުންނައިރު ހޯދަން ފަސޭހައެއް ނުވާނެއެވެ. ފުރަތަމަ އެޑްރެސް ހޯދިގޮތެއްވެސް އޮންނަން ޖެހޭނެތާއެވެ. ޖަވާބުގައި އޭނާ ހިނިތުންވެލާފައި ހުރެގެން، އެޑްރެސް ލިބުނީ އޮޓޯގްރާފް ފޮތުން ކަމަށާއި އަދި އެހިސާބަށް ފޯރަން އެގޭގެ އަނެއް ތިންބައިގައިވާ ކޮންމެ އެޕާޓްމެންޓެއްގެ ދޮރުގައި ޓަކިޖަހައިގެން ބެލިވާހަކަ ބުނެދިންއިރު ގައިން ހީބިހި ނަގައިގަތެވެ. މިބޯ ވާރޭގައި ތެމިފޯވުމުން އަދި ނިމުނީއެއް ނޫނެވެ. އޭނާ އެއައީ ދަބަސް ރައްދު ކުރުމުގެ ބޭނުމުގައި އެގޭގެ ހުރިހާ ބަޔަކަށް ވަދެފައެވެ. ދުލުން ކިޔާލަން ފަސޭހައެއް ކަމަކު ހާދަ ބޮޑު ކަމެކެވެ.

"ސޯ.. އަހަރެން ދެން ދަނީ އިނގޭ." މުސްކާން އެހުރިގޮތަށް ހުއްޓާ އޭނާ ދާންވެގެން ހުއްދައަށް އެދޭފަދަ ގޮތަކަށް އެޖުމްލަ ބުނެލާފައި ދެފިކުރެއްގައި ހުރި މީހަކު ފަދައިން މުސްކާންގެ ކޯތާފަތުގައި އެފިނި އަތުން ހިފާލައިފިއެވެ."ސްޓަޑީ ހާޑް އިނގޭ. އިރާދަކުރެއްވިއްޔާ އަދި ވަރަށް އަވަހަށް ބައްދަލުވާނެ." ލޮލާލޯ ގުޅުވާލަމުން، އެތައް ދުވަހެއްވީ ދެކެފަރިތަ މީހަކު ފަދައިން އޭނާ ބުނެލިއެވެ. ފިނިއަތުގެ ބީހުން މުސްކާންގެ ކޯތާފަތުން ފެށިގެން ގައިގެ އެހެން ހުރިހާ ހިސާބަކަށް ކަރަންޓްގެ ރާޅުތައް ފޮނުވާލިއިރު އެސާފު ލޮލުން އޭނާއަށް ޖެއްސީ ކޮންފަދަ ސިހުރެއް ކަމެއް ނޭނގެއެވެ. ހިތް އާދަޔާ ޚިލާފަށް ތެޅިގަތްއިރު ދޫ އޮތީ ތަޅުލެވިފައެވެ. ކަރުތެރެ ހިކި ނޭވާ ހުރީ ހިފެހެއްޓިފައެވެ. ގަނޑުވެފައި ހުރެ ބުދެއްހެން އޭނާ ބަހައްޓާފައި އެޒުވާނާ އެނބުރި ގޮސް ލޯމަތިން ގެއްލުމާއެކު ހޭވެރިކަންވީ ފަހަތުން މަންމަ ނިކުމެ އެއީ ކާކުތޯ އެހިއަޑަށެވެ.

"ނަމެއް ނޭނގެ މަންމާ. އޭނަގެ ކާރުގަ ދަބަސް ބޭއްވިފަ އޮތީމަ ރައްދުކޮށްދޭން އެއައީ." ޒުވާނާގެ ނަމާމެދު މުސްކާންއަށް ވިސްނާލެވުނީ އެހިސާބުންނެވެ. އޭނާ އެދިޔައީ ކުޑަމިނުން ނަންވެސް ނުބުނެއެވެ. އެތެރެއެނގޭ ކޮތަޅެއްގެ ތެރޭ އޮތް ދަބަސް ހިފައިގެން އެނބުރި ކޮޓަރިއަށް ވަންނަން ދިޔައިރު މަންމަ އެޒުވާނާއަށް ތައުރީފްކޮށްފައި ވާހަކަދައްކައެވެ.

ދޮރުން އެތެރެވުމާއެކު މުސްކާން އަވަސްވެގަތީ ދަބަސް އެތެރެ ހާވާލުމަށެވެ. ފެނުގެ އަސަރު ހުރި ކޮތަޅު ކުނިވަށިގަނޑަށް ލައިފައި އަވަހަށް ޒިބު ދަމާލައިގެން އެތެރޭ ހުރި ފޮތްތަކަށް ބަލާލުމާއެކު އުފަލުން ހެވުނެވެ. އެހުރިހާ އެއްޗެއް ނަގައި މޭޒުމަތީ އަތުރާލައިފައި އިރުކޮޅަކުން މަޑުޖެހިލެވުނެވެ އެޒުވާނާ އޭނާގެ އެޑްރެސް ހޯދަން އެފޮތްތަކުގެ އެހީ ހޯދިކަން ހަނދާންވެފައި ފުރަތަމަ ފަހަރަށް މުޅިން ތަފާތު ނަޒަރަކުން އެއެއްޗެއްސަށް ބަލަން އިނދެވުނެވެ. އޭނާ އަތްލުމުން ފޮތްތައްވެސް ހާއްސަވެއްޖެހެން ހީވިއެވެ. ނޭނގުމުގެ ތެރޭގައި ހިނިތުންވެފައި އިނދެގެން ކެމިސްޓްރީ ނޯޓް ފޮތް ނަގައި ކިޔަވަން ތައްޔާރުވުމުގެ ގޮތުން ގަނޑުތައް އުކާލުމާއެކު މެއަށް ހީވީ ފިނި ފެން އެއްޗެއް އޮއްސައިލި ހެންނެވެ. ފޮތުގައި އޭނާ ލިޔެފައިވާ ނޯޓުތަކާއި ޖެހިގެން އޮތް ހުސްގަނޑުގައި ކޮންމެވެސް އެއްޗެކޭ ލިޔެފައި އެބައޮތެވެ. ކެތްތެރިކަމެއް ނެތި މުސްކާން އެލިއުންކޮޅު ކިޔަންފެށިއެވެ.

"ހޭއި ރީތިކުއްޖާ! ރުޅިއައިއްސަ ހުންނައިރު ވަރަށް ލޯބި. ތިސިފަ އަހަރެންނަށް ވަރަށް ކަމުހިނގައްޖެ. އަދި އިމްތިހާނުގައި ކާމިޔާބަށް އެދެން. މޮޅަށް ކިޔަވައިގެން ރަނގަޅު ކުއްޖަކަށް ވާންވާނެ!

އައިޒަން"

"އައިޒަން" ލިއުންކޮޅު ކިޔައި ނިމުނުއިރު މުސްކާންގެ ދުލުގައި އޮތީ އެނަމެވެ. ދަބަސް ފެނިގެން ނުކުރެވުނު އެތައް ފޮނި އިހްސާސެއް އެލިއުންކޮޅު ކިޔާފައި އޭނާގެ ނާރުތަކުގައި ދަތުރުކޮށްލިއެވެ. މުޅި ހަޔާތުގައިވެސް މިހާރު އެތެޅޭހެން ހިތް ތެޅުނު ދުވަހެއް ހަނދާނެއް ނެތެވެ. ޔަޤީނުންވެސް އެޒުވާނާއާ ގުޅިގެން ހިތުގައި ޖަހާލި ވިންދަކީ މުޅިން އާ ވިންދެކެވެ. އެންމެ ފެނިލުމަކުން އޭނާ އެދިޔައީ މުސްކާންގެ ހިތް ވަގަށް ނަގައިގެންނެވެ. ސޯޅަ އަހަރުވަންދެން ޅަކުއްޖެއްފަދައިން އޮތް ހިތް މިއަދު ޒުވާންވެއްޖެއެވެ. އެހިތަށް ލޯބި ދަސްވެއްޖެއެވެ.

އިތުރަށް ފާއިތުވި ކޮންމެ ދުވަހަކީ އައިޒަން ދެކޭ ހިތުން މުސްކާން ކެތްމަދުވި ދުވަހެކެވެ. ދެން އަލުން ބައްދަލުވާނެ އިރަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެން ފެށިއެވެ. ރެއާއި ދުވާލު ހުވަފެނުގަ އާއި ހޭލާ ހުންނައިރުވެސް ހިތުގައި ވަނީ އައިޒަންގެ ސޫރައެވެ. އެކަމަކު އޭނާ ކިޔެވުމަކަށްވެސް ފަރުވާ ކުޑައެއް ނުކުރެއެވެ. އައިޒަންވެސް އެދިފައި އޮތީ އޭނާ މޮޅަށް ކިޔެވުމަށެވެ. އެހެންނޫނަސް އޭނާއަކީ އެއްވެސް އިރެއްގައި ކިޔެވުމަށް ފަރުވާކުޑަ ކުރި ކުއްޖެއް ނޫނެވެ. އަންހެން ކޮއްކޮގެ މިޒާޖަށް ބަދަލެއް އައިއްސިކަން މުސްކާންގެ އެއްބަނޑުގައި ތިބި އަނެއް ތިން ބެއިންނަށް އިހްސާސް ނުވިއަސް ހަގަށް ހުރި ޒިހާންއަށް އެނގުނެވެ. މީހަކު ބެލްޖަހާއިރަށް ކޮންމެތާކު ހުރެފައިވެސް ނިކުމެ އެއީ ކާކުތޯ ބެލުމާއި އިރުއިރުކޮޅާ ބެލްކަނިން މަގުމަތި ބެލުމުގެ އިތުރުން އަބަދުހެން އަވަސް އަރުވާލައިފައި ހުންނަކަން ފާހަގަވިއެވެ. ޒިހާން އެހާ ޔަޤީންކަމާއެކު ސުވާލު ކުރުމުން މުސްކާން ބޭނުންވިއަސް އޮޅުވައެއް ނުލެވުނެވެ. ދެބެންގެ އޮންނަ ގާތްކަމަކުން ފެށުނީއްސުރެ ހުރިހާ ސިއްރެއް ކިޔައިދެއެވެ. އޭނާ ރަކިވެފައި ހުރެގެން އައިޒަންގެ ވާހަކަ ކިޔައިދިނުމުން ޒިހާން، ރުޅިއަރުވާލައިފައި ދުވެފިލީ މަންމަ ކައިރީ ކިޔާނަމޭ ގޮވަމުންނެވެ.

އޯލެވެލް ފަހު އިމްތިހާނު ހަދަން ދިޔަ ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. ފުރަތަމަ ވަދެގެން ދިޔައިރުވެސް އެންމެންގެ ދޫތަކުގައިވީ ނިމުން ފާހަގަ ކުރަން ކުރާނެ ކަންތައްތަކެވެ. ކުލާސް ޕާޓީއާ ދަތުރު ޕްރޮގްރާމްތައް މިހާރުވެސް އޮތީ ބޮޑުބައި ރޭވި ނިމިފައެވެ. ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ކަރުދާސް ހަވާލުކޮށްފައި މުސްކާން ނިކުތްތަނާ ތަންކޮޅެއް ދުރުގައި އޮތް ކާރުން ފޭބި އައިޒަން ލޮލުގައި އަޅައިގަތެވެ. އައިޒަން ހިނިތުންވެފައި ސީދާ އޭނާއަށް ބަލަން ހުރިގޮތުން އެފޭބީ މުސްކާންގެ އިންތިޒާރުގައި އިނދެފައިކަން ދޭހަކޮށްދިނެވެ. އިރުކޮޅެއް ނުވެ ފަހަތުން އިތުރު ތިން ޒުވާނަކުވެސް ފޭބިއެވެ. ދެފިކުރެއްގައި ހުރެފައި އެމީހުން ކައިރިއަށް ދާން މުސްކާން ނެގި ފިޔަވަޅާއެކު އައި ނައިތަނެއް ނޭނގި އެކުވެރި ކުއްޖަކު ކުރިމައްޗަށް ޖެހިގެންފައި މޫނަށް އަޅައިލި ކުލައެއްޗަކުން މުޅިމީހާ ފެންވެރިގެންދިޔައެވެ.

ކޮމެންޓް 0