"އެހެންވީމަ ދެން ދުވަހަކުވެސް ހިތަށް ނާރުވާތީ ތީ އަހަރެންނަށް ބޭނުންތެރި ކުއްޖެއް ނޫންކަމަށް. ތެދަށް ބުނަންޏާ އަހަރެންނަށް ދިރިހުރުމުގެ އުންމީދު އާކޮށްދޭ ފަރާތަކީ ތީ. އަހަރެންގެ ފުރާނައިގެ ދިރުމަކީ ތީ. މާދަން ވާނެނަމަ މާދަންވެސް އަހަރެން މުސްކާންއާ ކައިވެނި ކުރަން ތައްޔާރު." އައިޒަން ލެޕްޓޮޕް ދުރަށް ޖައްސާލައިފައި އެނބުރި މުސްކާންގެ ދަތްދޮޅީ ހިފައިގެން އިނދެ ހަތަރުކަޅި ހަމަކޮށްފައި ބުނެލިއެވެ. މުސްކާން އެވަގުތު ބޯ ޖަހައިލީ އައިޒަން އެދެއްކި ކޮންމެ ވާހަކައެއް ޤަބޫލު ކުރާ ހާލު އެއިން ކޮންމެ ވާހަކައަކާ އެއްބަސްވަމުންނެވެ. އިރާދަކުރެއްވިއްޔާ އިންތިޒާރުގެ ނިމުން އޮތީ ދުރަކު ނޫނެވެ. އެދުވަހަކުން އައިޒަން ވާނީ ހަމައެކަނި އޭނާގެ ހައްޤަކަށެވެ.

*****

ކައިވެނީގެ ކަންކަން އެންމެ ބާރު ދުވެއްޔެއްގައި ކުރިއަށް ދާން ފެށިއިރު މުސްކާންގެ އިމްތިހާނުވެސް ނިމި ހަމަޖެހިލެވޭ ގޮތް ވެއްޖެއެވެ. ރޭގަނޑު ނިދުން ފިޔަވައި ހުރިހާ ވަގުތެއް އޭނާ ގްރީންލޭންޑްގައި ހޭދަ ކުރަން ފެށީ އައިޒަންގެ އެންމެ ގާތުގައި ވުމަށެވެ. އެހެނަސް އައިޒަންގެ ދަށަށް ދަމުން ދިޔަ ހާލަތު އެކަމަކަށް ތަނެއް ނުދެއެވެ. މުސްކާން ބޭނުން ވިއަސް އައިޒަންއާއެކު ހުރިހާ ވަގުތެއް ހޭދަ ކުރުމަށް ދަތިވާން ފެށިއެވެ. ކުރިއާ ޚިލާފަށް އައިޒަން އެކަނިމާއެކަނި ވިސްނުމުގައި ހޭދަކުރާ ވަގުތު ގިނަ ވާން ފެށިއެވެ. އެކަނިމާއެކަނި އިނދެގެން ވިސްނަނީ ކޯއްޗެއް ކަމެއް ޚުދު މުސްކާންއަކަށްވެސް ނޭނގެއެވެ. މުސްކާންއަށް އެއިން މަންޒަރެއް ފެނިގެން ސުވާލު ކުރާއިރަށް އައިޒަން ޖަވާބެއް ނުދީ ބަލަހައްޓައިގެން އިނދެފާނެއެވެ. މުސްކާންއަށް އެންމެފަހުން މަޖުބޫރު ވަނީ ހިތާއި ދެކޮޅަށް ވިއަސް މައުޟޫ ބަދަލުކޮށްލާށެވެ. އޭނާ މަންމަގެ ހުއްދަ ހޯދައިގެން އެގޭގައި ނިދަން އޮންނަ ރޭތަކުގައިވެސް އައިޒަން ކޮބައިތޯ ބަލަން އެކޮޓަރިއަށް ދާއިރު އޮންނަނީ ހުހަށެވެ. ކޮންމެ ގޮތެއްވިއަސް އައިޒަން މަންމަގެ ފުށުން ދެވޭ ފަސޭހަކަން އޭނާއަށް ނުދެވޭނެކަން މުސްކާން ޤަބޫލު ކުރެއެވެ. ހިތަށް ކެތްނުވުމުން އޭނާ ސިއްރުން ރޯލައިގެން އަމިއްލަ ހަމަޖެހުން އަނބުރާ ގެނެއެވެ. ކަރުނަތައް ބޭރުކޮށްލުމުން ހިތުގެ އުދާސްގަނޑު ވަގުތީގޮތުން ލުއިވެއެވެ.

އެއީވެސް އެފަދަ ރޭގަނޑެކެވެ. މުސްކާން މަންމަގެ ހުއްދަ އަތުލައިގެން ގްރީންލޭންޑްގައި މަޑުކުރީ އައިޒަންއަށްޓަކައެވެ. އެންމެން ކާންވެގެން މޭޒު ދޮށުގައި ތިބިއިރު ސަނާ ދިޔައީ އައިޒަންގެ ކާއެއްޗެހި ހިފައިގެން ކޮޓަރިއަށެވެ. މިއަދު އަނެއްކާވެސް މާބޮޑަށް ވަރުބަލި ދުވަހަކަށް ވާތީ އެހާ ދުރަށް އައިޒަން ގެންނާކަށް ސަނާ ބޭނުމެއް ނުވިއެވެ. އެއިރު މުސްކާން މަޑުކޮށްލައިގެން އިނީ ސަނާ އެނބުރި އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އިރުކޮޅެއް ފަހުން ސަނާ އައިތަން ފެނިގެން މުސްކާން އަވަސްކޮށްލައިގެން ތެދުވިއެވެ.

ގޮސް ވަންއިރު އައިޒަން އެނދުގައި އޮށޯވެލައިގެން އޮތީ ހިޔާލެއްގައެވެ. މުސްކާން ވަން އަޑަށް ބަލާލައިފައި ހިނިތުންވެލިއެވެ. ކިތަންމެ ހާލު ދެރައަސް ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ. އެއީ އެހިނިތުންވުމަކަށްޓަކައި މުސްކާން ފިދާވި ހިނިތުންވުމެވެ. އޭނާ ގޮސް އެނދުގެ މަގަތުގައި އިށީންދެ އައިޒަންގެ ދެފައިތިލައިގައި ހިފާލިއިރު ގަނޑުފެންކޮޅެއްހާ ފިންޏެވެ. ފަހަކަށް އައިސް އެދެފައި ހުންނަނީ އަބަދުވެސް އެހެންނެވެ. ކިތަންމެ ހޫނު ދުވަހެއްގައިވެސް އައިޒަން ހީކަރުވައިގަނެގެން އުޅޭތަން މުސްކާންއަށް ހުރީ ފެނިފައެވެ. ކާހިތް ނުވުމާއި ވަރުބަލިވުމުގެ އިތުރަށް މަދުމަދުން ހޮޑުވެސްލާން ފަށައިފިއެވެ. އަދިވެސް ކޮޅަށް ތެދުވެ ހިނގާ އުޅެވެނީ ނަސީބެވެ.

"ކޮންކަމަކާ ތިވިސްނަނީ؟" މުސްކާން އާދައިގެ ގޮތަކަށް އަހައިލިއެވެ. އައިޒަން އެވަގުތު ބަލަން އޮތީ ހީވާގޮތުން، ޖަވާބު ދޭންވީއެއް ކަމެއް ނުވަތަ ނޫންކަމެއް ނުނިންމިފައެވެ. "ހިތަށް އަރަނީ އަހަރެން ނެތަސް އަހަރެންގެ ނިޝާނެއް މިދުނިޔެއަށް ދޫކޮށްފައި ދެވޭނެ ނަމައޭ." އައިޒަންގެ ޖަވާބުން މުސްކާންގެ ހިތާއި ކުޅެލިއެވެ. ހަމައެކަނި އެލޮލުންވެސް އައިޒަން އެކަމަށް އެދޭވަރު ހާމަކޮށްދިނެވެ. "އިރާދަކުރެއްވިއްޔާ އަޒްގެ ތިއުންމީދު ފުރިހަމަ ވާނެ. ކައިވެނި ކުރެވޭއިރަށް އަހަރުމެން ފުރަތަމަވެސް މަސައްކަތް ކުރާނީ ދަރިއަކު ހޯދަން. އެއިރުން އެދަރިފުޅު ވެގެންދާނީ އަބަދުގެ އަބަދަށް އައިޒަންގެ ހަނދާން އެންމެން ހިތުގައި އާކޮށްދޭނެ ކުއްޖަކަށް." މުސްކާން ހިނިތުންވެލައިފިއެވެ. އޭނާ ކުރިއަށްވުރެ ކައިރިވެފައި މަޑުމަޑުން ގުދުވެލުމަށްފަހު އައިޒަންގެ ތުންފަތުގައި ބޮސްދީފައި ހިންދެމިލިއެވެ. އޭނާގެ މަޤްސަދަކަށްވީ ކުޑަ ނަމަވެސް ހިތްހަމަޖެހުމަކާއި އުފަލެއް އައިޒަންއަށް ހޯދައިދިނުމެވެ. ބޭރަށް ނިކުތުމުގެ ބަދަލުގައި މުސްކާން އޮށޯވެލީ އައިޒަންގެ މަގަތުގައެވެ. ސީލިންގަށް ބަލަހައްޓައިގެން ދެމީހުން ތިބިއިރު އެކަކުވެސް ބަހެއް ނުބުނެއެވެ. އެކަމަކު ދެމީހުންގެ ސިކުނޑި އޭގެ އެންމެ ހަލުވި މިނުގައި ދަތުރު ކުރަމުން ދިޔައެވެ.

އިރުގަނޑެއް ފަހުން ސަނާ އެނބުރި އައުމުން މުސްކާން ގުޑްނައިޓް ކިޔާފައި ނިކުމެގެން ދިޔައެވެ. ކޮޓަރިއާ ހަމައަށް ގޮސް ވަންނަން އުޅެފައި އެނބުރި ބަލަން ހުއްޓާ އައިޒަން މަންމައާއެކު ނިކުމެގެން އެކޮޓަރިއަށް ދިޔަތަން ފެނުނެވެ. ނުނިދިގެން އައިޒަން އުޅޭނެގޮތް ހިޔާލު ކޮށްލެވިފައި މުސްކާންއަށް ބޯޖައްސާލެވުނީ ފާރުގައެވެ. އެގޮތުގައި ހުއްޓާ ކޮންމެވެސް މީހަކު އައިސް ކޮނޑުގައި އަތް ޖައްސާލުމުން ސިއްސައިގެން ދިޔައެވެ.

"އިޝާން؟" މުސްކާންއަށް ބުނެލެވުނެވެ. "ކޮންކަމަކާ ދެރަވެފަ ތިހުރީ؟" އިޝާންއަށް އެނގިހުރެވެސް މުސްކާން ބުނާ އެއްޗެއް ބަލައިލަން ބޭނުންވިއެވެ. ޖަވާބުދިނުމުގެ ބަދަލުގައި މުސްކާން ބޯހޫރާލީ ދެފަރާތަށެވެ. އޭނާ ލުއި ހިނިތުންވުމަކާއެކު އިސްޖަހައިލި ވަގުތު އިޝާން އެއަތުގައި ހިފައިލުމުން ސިހުމެއް ލިބުނެވެ. "ހިނގާބަލަ ބުރެއް ޖަހާލަން ދާން. އިޓްސް އެ ބިއުޓިފުލް ނައިޓް." އިޝާން އޭނާ ގޮވައިގެން ތިރިއަށް ދަމުން ބުނެލިއެވެ. ޚުދު މުސްކާންވެސް އޭރު ހުރީ ތާޒާ ވައިކޮޅަކަށް ބޭނުންވެފައެވެ. އަމުދުން އިޝާން އެއީ އަބަދުވެސް އޭނާގެ ހިތްދަތި ވަގުތުގައި ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރާ އެކަކެވެ. އޭނާ ދެރަވެފައި ހުއްޓާ ފެނިއްޖެއްޔާ އައިސް އުދާސްގަނޑު ފިލުވަދޭން މަސައްކަތް ކުރެއެވެ.

ގޯތިތެރެ ހުރަސްކޮށްފައި ދެމީހުން ގޮސް ސައިކަލަށް އެރިއިރު މެދު އުޑުގައި ރަނިކަން ކުރަމުންދިޔަ ބުރުހަމަ ހަނދު ހުރީ އޭގެ އެންމެ ޝާއްބަކަމާ އެކީގައެވެ. އިޝާން ސައިކަލު ދުއްވާލުމުން މޫނުގައި އައިސް ބީހެން ފެށި ފިނި ރޯޅިތަކުން މުސްކާންގެ ހިތާއި ރޫޚަށް އަރާމުވިއެވެ. ލޯމަރާލައިގެން އޭނާ އިނީ އިޝާންގެ ބުރަކަށީގައި މޫނުގެ އެއްފަޅި ޖައްސާލައިގެންނެވެ. ހުރިހާ ހިޔާލަކުން އެސިކުނޑި މިނިވަންކޮށްލައިގެން ލުއި ހޯދައިދިނުމުގައެވެ.

އިޝާން ސައިކަލު ހުއްޓިކަން އިހްސާސް ވެގެން ބަލައިލިއިރު އެއީ އޭނާ ދަންނަ ހިސާބެއް ނޫނެވެ. "ސައިކަލަށް އަރައިގެން ނައްޓައިލި ފަހުން ހަނދާންވީ އަޒްމަންމަ ކުރީ ދުވަހަކު ހަވާލު ކުރި ކަންތައް. އަޒް މަންމަ ހަވާލުކޮށްފަ އޮތީ މުސްކާން ގޮވައިގެން ވެޑިން ޑްރެސް ނަގަންއަންނަން." އިޝާން އޮޅުންފިލުވައިދިން ވަގުތު މުސްކާންއަށް ލޯ ބޮޑުކޮށްލެވުނެވެ. އެތެރެއަށް ވަދެފައި ހެދުން ފެނުމާއެކު ލޮލުގައި އަޖައިބެއްފަދަ ވިދުވަރެއް ނަށައިލިއެވެ. ގެންދިއުމުގެ ކުރިން އަދި އެއްފަހަރު ހެދުން ލާން ޖެހޭނެ ކަމަށް ފަހާ މީހާ ބުނުމުން މުސްކާން ބޯ ޖަހާލައިފައި އެތަނުން ދޮރެއް ހުޅުވާލައިފައި ވަނެވެ. އިޝާން އޭރު ތަންކޮޅެއް ދުރުގައި ހުރި ސޯފާއެއްގައި އިނީ ފޯނާއި ކުޅޭށެވެ. އެކަމަކު މުސްކާން ހެދުން ލައިގެން ނިކުތް އަޑަށް އޭނާ އިސްއުފުލާލައިފައި ކުއްލިއަކަށް ތެދުވިއެވެ.

"ވާއު! ޔޫ ލުކް..... ޔޫ ލުކް ބިއުޓިފުލް." ހުދު ކައިވެނީގެ ހެދުމުގައި މުސްކާން ފަރިކަމުން އިޝާންއަށް ޖުމްލަ ފުރިހަމަ ކުރަން އުދަނގޫވިއެވެ. ދާދި ކައިރީގައި ހިނި އައިސްފައި ހުރި ފަހާ މީހާވެސް އެއީ ތެދެއްކަން ހާމަ ކުރިވަގުތު މުސްކާން ރަކިވިއެވެ. ބަލަން ހުރެލާފައި އިޝާން އަވަހަށް ފޯނު އުފުލާލައި ފޮޓޯއެއް ނެގިއެވެ. "އަޒްއަށް ފެނިއްޖެއްޔާ މޮޔަވާނެ..." އިޝާން އިތުރަށް ބުނެލިއެވެ. މުސްކާންއަށް އެއަޑު އިވިގެން ހީގެންފައި އަވަހަށް ދިޔައީ ބަދަލު ކުރަން ވެގެންނެވެ.

އެމީހުން ހެދުން ހިފައިގެން އައި މަގުމަތީގައި ކުއްލިއަކަށް ވާރޭ ވެހެން ފެށުމުން އެއްކައިރިއެއްގައި ސައިކަލު ޕާކްކޮށްފައި ވަގުތީ ހިޔާވަހި ކަމެއް ހޯދަން މަޖުބޫރުވިއެވެ. ފިހާރައެއްގެ އަސްކަނިދޮށުގައި ދެމީހުން މަޑުކޮށްލައިގެން ތިއްބާ ވާރޭ ވީ ހައްތަހާ ބޮލެވެ. އިޝާން އެވަގުތު އިސްތަށިގަނޑުން ފެންފޮޅަން ހުރެފައި ބަލާލިއިރު މުސްކާން ކަޅިޖަހާނުލާ ވާރެއަށް ބަލަން ހުރިތަން ފެނުނެވެ.

"ކޯއްޗެއް ފެންނަނީ؟" އިޝާން ސުވާލު ކުރިއެވެ. "ވާރޭ" މުސްކާންގެ ޖަވާބުން އިޝާންއަށް އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ އޭނާ ސުވާލު އުފެދިފައި ބުމަ ކައިރިކޮށްލައިގެން ހުއްޓާ އިރުކޮޅަކުން މުސްކާން ތަފްޞީލު ދޭން ފެށިއެވެ. "އަހަރެންނާ އަޒް އަލަށް ބައްދަލުވީ މިވާރޭގެ ސަބަބުން. އެއީ 2005ވަނަ އަހަރުގެ ނޮވެމްބަރ މަސް. އެދުވަހާއި އެރެއިން ފެށިގެން ވާރެއަކީ އަހަރެންނަށް އަޒް ހަނދާންކޮށްދޭ މެދުވެރިއަކަށް ވަނީ ވެފައި." މުސްކާން ކުރީގެ ހަނދާންތަކު ތެރެއަށް ފީނަމުން ކިޔައިދިނެވެ. ފަހަތުގައި ހުރެފައިވެސް އިޝާން ހިނިތުންވެލިއެވެ. އައިޒަންގެ ފުށުންވެސް އެވާހަކަ އޮތީ ހިސާބަކަށް އެނގިފައެވެ. އޭނާއަށް އެނގޭ އެއްޗަކީ އެދެމީހުން ވަކިވިއަސް އޭނާގެ ކުރިމަތިން އެމީހުންގެ ލޯއްބާއި މިސާލު ޖެހޭނެ ދެވަނަ ޖޯޑެއް ނުފެންނާނެ ކަމެވެ.

"ވާރޭ ހުއްޓީ." މުސްކާން ގެއްލިފައި ހުއްޓާ އިޝާން ވާހަކަދެއްކި އަޑަށް ސިއްސައިގެން ދިޔައެވެ. ތެޅިގެންފައި އޭނާ ބަލާލިއިރު ތެދެކެވެ. އިޝާން ގޮސް ސައިކަލު ނެރެ ސްޓާޓްކޮށްލުމުން އޭނާ އަރާފައި މިފަހަރު އެމީހުންގެ މިސްރާބަކަށް ވީ މުސްކާންމެން ގެއެވެ. އައިޒަންވެސް ނިދަން ދިއުމުން އެރެއަށް ދެން މުސްކާން ގަސްތުކުރީ ގޭގައި ނިދާށެވެ. އިޝާންއަށް ވަދާޢު ކިޔާފައި އޭނާ ދުވެފައި އައިސް ވަންއިރު މަންމަ އިނީ ސިޓިންރޫމްގައި ފޮތެއް ހުޅުވާލައިގެންނެވެ. އަތުގައި އޮތް ދަބަސް ފެނުމާއެކު އެމަންމަގެ ސުވާލުތަކާއި ކުރިމަތިވިއެވެ. އޭނާ ޖަވާބު ދީފައި ކޮޓަރިއަށް ވަދެ ހެދުން ދެއްކުމުން މަންމަވެސް ތައުރީފްގެ ބަސްތައް އޮއްސައިލިއެވެ. އަދި އޭނާ އެހެދުން ލައިގެން ހުއްޓާ އައިޒަންއަށް ފެނުމުން ވާނީ ކިހިނެތް ހެއްޔެވެ؟ ހަމައެކަނި އެހިޔާލުންވެސް މުސްކާންގެ ހިތް ފުރި ބަންޑުންވިއެވެ.

ޖެހިގެން އައި ދުވަހު މުސްކާން ދިޔައިރު ހުރީ ހިނިތުންވެފައެވެ. އެހިނިތުންވުން ގެއްލިގެންދިޔައީ އަނެއްކާވެސް އައިޒަންގެ ހާލު ދެކެފައެވެ. ބަނޑުގައި އެއްޗެއް ނެތިވެސް އައިޒަން ހޮޑުލާން އޯކާ ދެމިދެމި ވަރުބަލިވެފައި އޮތްތަން ފެނިގެން ރޮވެން ކައިރިވިއެވެ. ވަރުބަލިކަމުގައި އެނދުގައި އޮތްއިރު ހީވަނީ ރޯނެ ވަރުވެސް އެހަށިގަނޑުގައި ނެތީ ހެންނެވެ. ކައިރީގައި އައިޒަންގެ މަންމައާއި ބައްޕަގެ އިތުރުން ލީވާންވެސް ތިއްބެވެ. މުސްކާންއަށް ބުނާނެ އެއްޗެއް ނޭނގިގެން ބަލަން ހުރެލާފައި ނިކުމެ ހުރީ ފާރުގައި ބުރަކަށި ޖައްސާލައިގެންނެވެ. އިރުކޮޅެއް ފަހުން ލީވާން ނިކުތްތަނާ މުސްކާން ފެނިގެން މަޑުކޮށްލިއެވެ. ލީވާންގެ ލާނެތް ލޮލުގައިވެސް ކަރުނަ ވިދަ ވިދާ ހުރުމުން މުސްކާންގެ ހިތަށް ކޮށްފައިވާ އަސަރު ފުންވެގެން ދިޔައެވެ. "ތިއްތޭ ރޭވެސް ނުނިދާ. މުޅި ރޭ އެހާލެއްގައި އުޅެފައި އަނެއްކާ މިއަދުވެސް." ވާހަކަދެއްކިއިރު ލީވާންގެ އަޑުގައި ރިހުމެއް އެކުލެވުނެވެ. މުސްކާން ހަމައެކަނި ބޯޖަހާލައިފައި އެއްޗެއް ނުބުނެ ހުރުމުން ލީވާން ހިނގައިގެންފައި އެތަނުން ދުރަށް ދިޔައެވެ. ދެން އިވެން ފެށީ ނާޝިދު ވާހަކަދައްކާ އަޑެވެ. އައިޒަން އެއުޅޭ ހާލަށް ކެތް ނުވެގެން އަނެއްކާވެސް ލަންކާއަށް ގެންދަން ބޭނުންވާ ވާހަކައެވެ. އެކަމަކު އައިޒަންގެ ޖަވާބަކީ އޭގެ އިދިކޮޅެވެ. ޔަޤީންކަމެއް ނެތި އެހާ ވޭންދެނިވި ފަރުވާއެއް ކުރަން ގޮސްގެން އެންމެ ފަހު ވަގުތު އާއިލާމީހުންގެ މޫނުވެސް ނުފެންނާނީ ކަމުގައި އައިޒަން ބުނެލިއެވެ. އޭގެ ބަދަލުގައި އޭނާ އެދެނީ ފަހު ދުވަސްތައް އާއިލާއާ ދަންނަ އެންމެންގެ ކައިރީގައި އަމާން ކަމާއެކު ހޭދަކޮށްފައި ދުނިޔެ ދޫކޮށް ދިއުމެވެ. މުސްކާންގެ ކަންފަތުގައި އެއަޑުތައް ހަރުލިހިނދު ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ބަނޑި ފަޅައިގެން ހިނގައިދާނެ ކަމަށްޓަކައި އަނގަމަތީ އަތް އަޅާލައިގެން އޭނާ ދުވެފައި ދިޔައީ ގެސްޓްރޫމަށެވެ. ބާލީހަކަށް މޫނު ހަރާލައިގެން އޮވެ ރުއިމުގެ އަޑު ބޭރުވިއަ ނުދީ އެތައް އިރެއް ވަންދެން ހިފެހެއްޓިއެވެ. އެންމެފަހުން އުދާސްގަނޑު ފިލުމުން ތެދުވެ އިނީ ހުއްޓުން އަރާފައި ބުދެއް ފަދައިންނެވެ. އައިޒަން އެހާ އަވަހަށް ވަކިވުމުގެ ވާހަކަ އެދައްކަނީ ކީއްވެ ހެއްޔެވެ؟ ކައިވެނީގެ ކުރިން އައިޒަން އޭނާއަށް ވަދާޢު ކިޔަން ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟

އައިޒަންއަށް ލުއިވީ ހަވީރު ވި ފަހުންނެވެ. މުސްކާން މަންމަ ގުޅައިގެން ގޮސް ގޭގައި އުޅެލާފައި އާދެވުނީވެސް ހަމަ އެގަޑިއަށެވެ. އޭނާ ބަލާލިއިރު އައިޒަން ކޮޓަރި ތެރޭ ނެތުމުން އެހެން ތަންތަންވެސް ބެލިއެވެ. އެހިސާބުން މުސްކާންއަށް ވިސްނުނެވެ. އައިޒަން އެކަނިވެލަން ބޭނުންވެއްޖެނަމަ އެންމެ ގިނައިން އަރާ ހުންނަނީ ޓެރެސްގައެވެ. ނޫނީ ބައެއްފަހަރު އިޝާންމެންގެއަށް ވެސް ދެއެވެ. އިޝާންއަށް ފޯނު ކުރަން ނޫޅެ މުސްކާން ފުރަތަމަ ޓެރެސް ބަލަން ނިންމިއެވެ. މައްޗަށް އަރާފައި ފުން ނޭވައެއް ދޫކޮށްލެވުނެވެ. ފުރަގަސްދީގެން އައިޒަން ހުއްޓާ ފެނުމުން ބާރު ބާރަށް ގޮސް ފުރަގަހަށް ހުއްޓިފައި ދެއަތުން އެހަށިގަނޑު ވަށާލައިފިއެވެ.

"މުސްކާން؟..." އޭނާގެ ބަނޑާއި ހަމައިން ގުޅުވާލެވިފައި އޮތް ދެއަތްތިލައިގައި ފިރުމާލަމުން އައިޒަން ކިޔައިލިއެވެ. މުސްކާން ހޫމ އަޅުވާލައިފައި މޫނު ޖައްސާ ބާރުކޮށްލީ އައިޒަންގެ ބުރަކަށީގައެވެ. ދުރަށް ދާން ބޭނުން ނުވެފައި އިރުގަނޑެއް ވަންދެން އޭނާ ހުއްޓެވެ. އެއަށްފަހު އައިޒަން ދެވަނަ ފަހަރަށް ގޮވާލުމުން ދެއަތް ވަކިކޮށްލާފައި އެއް ހަމައެއްގައި ހުއްޓިލައިފިއެވެ. އައިޒަން އެވަގުތު އިޝާރާތުން ދެއްކީ ކައިރި ގެއެއްގެ ބެލްކަނީގައި ދުވެ ދުވެފައި އުޅޭ އަންހެން ކުއްޖެކެވެ. "ލޯބި ދޯ." އައިޒަން ދޯދިންއިރު ނަޒަރު ހުރީ އަދިވެސް އެކުއްޖާއަށެވެ. މުސްކާން ބަލާލިއިރު އެކުއްޖާ ފެނިގެން އައިޒަން ހުރީ ހިނިތުންވެފައެވެ. އެވަރުގެ ކަމަކުންވެސް އައިޒަންގެ ތުންފަތަށް ހިނިތުންވުން ވެރިވެފައި ހުރުމުން މުސްކާން ހިތްހަމަ ޖެހުނެވެ. "ވަރަށް ލޯބި." މުސްކާން އެއްބަސްވެފައި ކިޔައިލިއެވެ. "އަހަރުމެންނަށް ގާރލްއެއް ލިބިއްޖެއްޔާ ކިޔާނީ "އީޝް" މާނައަކީ ދިރިހުރުން. އެއީ އަހަރެން ނެތަސް އަހަރެންގެ ހަނދާން މުސްކާންއަށް އަބަދުވެސް ކޮށްދޭނެ ފަރާތަކަށް އެދަރިފުޅުވާނެ. އަދި އެހެންމެ މުސްކާންއަށް ދިރިހުރުމުގެ މަޤްސަދަކަށް ސަބަބަކަށް އެދަރިފުޅު ވާނެ." އައިޒަން ބުނެލި ވާހަކައިން މުސްކާންގެ މެއަށް ފިނިވެގެން ދިއުމާއެކު އަނެއްކާވެސް އެމޫނަށް ބަލާލެވުނެވެ. އެވަގުތު އައިޒަންވެސް މޫނު އަނބުރައިލުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. "އީޝް." ވަރަށް ރީތި. ވަރަށް ގުޅޭ." މުސްކާން މިފަހަރުވެސް ބޯޖަހައިލީ އައިޒަންގެ ވާހަކައާ އެއްބަސްވުމުގެ ގޮތުންނެވެ. އޭނާއަށް ވެގެންވިއްޔާ އައިޒަން އެދޭ ކޮންމެ އެދުމެއް ހިތުން ރުހުމުން ފުއްދަދޭނެއެވެ. އެއީ އަމިއްލަ ހިތް ނަގާފައި ދޭން ޖެހުނަސް މެއެވެ.

ރޯދަމަސް ނިމި އީދާއި ކުރިމަތިވިއެވެ. އެކަމަކު އެހެން ހުރިހާ އަހަރުތަކާއި އެއަހަރުގެ ޢީދު ތަފާތެވެ. އެއީ އެޢީދުގެ އުފާ ފައުޅު ކުރާނެފަދައެއް އެކެއްގެ ކިބައިގައިވެސް ނެތުމެވެ. އެންމެފަހުން ކޮޅަށް ހުރުމާއި ހިނގާ އުޅުމުގެ ކުޅަދާނަކަންވެސް އައިޒަންގެ ކިބައިން ނެތުނެވެ. ބަލި އެނދުގައި އޮވެ ބައްޔާއި ހަނގުރާމަ ކުރަމުން ދިޔައިރު އާއިލާ އެންމެން އޭނާއަށް ޚިދުމަތް ކޮށްދޭން އަބަދުވެސް ތިބެއެވެ. ފޫހިކަމެއް ވަރުބަލިކަމެއް އެއިން މޫނަކުން ނުފެނެއެވެ. އެގޮތުގައި ކިތަންމެ ދުވަހެއް ވިއަސް އެމީހުން ތިބީ އައިޒަންއަށްޓަކައި ކުރެވުނު ކޮންމެ ކަމެއް ކޮށްދޭށެވެ. ވެވުނު ކޮންމެ އެހީއެއް ވާށެވެ. ހަމައެކަނި އެދުމަކީ އިތުރަށް އެއް ދުވަސް ވިއަސް އައިޒަން ދިރި ހުރުމެވެ. އެމީހުންގެ ލޯ ކުރިމަތީ ފެންނަން ހުރުމެވެ. އެހެނަސް....

ކޮމެންޓް 0