މުސްކާން އަތްދަބަހުން އެއްޗެހިތައް ނެގިއިރު އައިޒަންގެ ފްރޭމް ފެނިގެން އެތައް އިރަކު ބަލަން ހުރެވުނެވެ. އެފްރޭމް ހިފައިގެން ގޮސް ސައިޑު ޓޭބަލް މަތީ ބައިންދާފައި އެނދުގައި އިށީންދެ އިންދާ ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފިއެވެ. އެނބުރި ބަލާލިއިރު ކުރިމަތިން އިޝާން ފެނުމުން ފުންމައިގެން ތެދުވެވުނެވެ. އެވަގުތު އިޝާންވެސް އޭނާ ފެނިގެން ސިހިފައި ހުއްޓިއްޖެއެވެ.

"ހައި!" މުސްކާން މަޑުމަޑުން ކިޔައިލިއެވެ. ޖަވާބުގައި އިޝާންވެސް ހަމަ އެފަދައިން ބުނެލާފައި ގޮސް ޖީބުގައި އޮތް ފޯނާއި ވޮލެޓް ނަގައި ޑްރެސިންޓޭބަލް މަތީ ބާއްވައިލިއެވެ. މުސްކާން ބަލަން އިންދާ އޭނާ ގަމީހުގެ ގޮށް ނައްޓަމުން ގޮސް ހުއްޓުނީ އަލަމާރި ކުރިމައްޗަށެވެ. "ކޮންއިރަކު އައީ؟" އިރުކޮޅަކުން އިޝާން އަހާލިއެވެ. "ކުޑައިރުކޮޅެއް ކުރިން." މުސްކާން ޖަވާބުދިންއިރު އިޝާން އެނބުރި ބަލައިލުމުން ހިތް އަވަސްވިއެވެ. ހާމަވެފައިވާ އެރީތި ހަށިގަނޑު ފެނުމުން މިހާރުވެސް ހަނދާންވަނީ އިޝާންގެ އަތުތެރޭ އޭނާ ހޭދަކުރި ވަގުތުތައް މަތިންނެވެ. "ޝިޓް. މީދެން ކޮންގަޑިއެއް އެރޭމަތިން ހަނދާން ކުރަން؟" މުސްކާން އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލައިފައި އެހިޔާލުތައް ހިތުން ނެރެލެވޭތޯ ފޯނާއި ކުޅެން ފެށިއެވެ. އިޝާންގޮސް ފާޚާނާއަށް ވަންތަން ފެނުމުން އޭނާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. ދެން އިވެންފެށީ ޑްރެސިންޓޭބަލް މަތީ އޮތް އިޝާންގެ ފޯނު ރިންގް ވާން ފެށި އަޑެވެ.

މުސްކާން ފުރަތަމަ އިނީ ބަލާށެވެ. ގުޅަނީ ކާކުކަން ބެލުމުގެ ޝައުޤުވެރިކަން އުފެދުނީ ޝިފްރާ މަތިން ހަނދާންވެފައެވެ. އިޝާން ނިކުމޭތޯ މަޑުކޮށްލާފައި އޭނާ ގޮސް ހުއްޓުނުއިރު އަރާފައި އޮތީ އިޔާޒްއެކެވެ. ހީކުރިގޮތަށް ނުވުމުން މުސްކާން ނިކަން ހަމަޖެހުނެވެ. އޭނާ ނިދަން ތައްޔާރުވުމުގެ ގޮތުން ފެންޖަގެއް ބަލައި ތިރިއަށް ދިޔައިރު ހަފްނާ ބަދިގެތެރޭ އުޅޭތަން ފެނުމުން މަޑުކޮށްލިއެވެ.

"މުސްކާން ނެތި މިދިޔަ ދެތިން ދުވަހު ނިކަން ފަޅުވެފަ ގޭތެރެ އޮތީ. އިޝާންވެސް ގޭގައި މަޑުވާއިރެއް ނާދޭ." ހަފްނާ ހިނިތުންވެފައި ބުނެލިއެވެ. އަތުގައި ހުރި ސައިތަށި ހިފައިގެން ހިނގައިގަތުމުން މުސްކާންވެސް ނިކުންނަން އެނބުރިލިއިރު އިޝާން ދޮރުމަތީ ހުއްޓެވެ. "މުސްކާން. ކޮފީއެއް ހަދައިދީބަލަ!" އިޝާން އެދުނުގޮތުން އެކަނިވެސް ހިތް ފުރިގެން އައެވެ. މިގެއަށް އައި ފަހުން މިނޫނީ އެހާ އަމިއްލަވަންތަ ކޮށް ކަމަކަށް އެދުނު ކަމެއް ނޭނގެއެވެ. މުސްކާން ބޯޖަހާލައިފައި ވަގުތުން ޖަގު އެތަނަށް ދޫކޮށްލުމަށްފަހު ދިޔައެވެ. ހަފްނާއެކު އިޝާން ދިޔައީ ކަމަށް ހީކޮށްގެން މަސައްކަތުގައި އުޅެފައި އެނބުރިލިއިރު މޭޒުކައިރީ އިށީންދެ ބަލަން އިންގޮތުން ހިތް ދިޔައީ ފުންމަ ފުންމައިގެންނެވެ. "އިޝާން!!" މުސްކާން ސިހުނުވަރުން ކިޔާލެވިއްޖެއެވެ. "އަހަރެން ހީކުރީ އިޝާން މަންމަ ފަހަތުން ނިކުތީ ކަމަށް." މުސްކާން ހަމަޖެހިލަން މަސައްކަތް ކުރަމުން ކޮފީމަގު ދިއްކޮށްލުމުން އިޝާން އޭގައި ހިފިއިރު އިނގިލިތައް ބީހުނެވެ. "ސޮރީ." އިޝާން މަޢާފަށް އެދިފައި ދިއުމުން މުސްކާންއަށް ކަމަކުނުދިޔައެވެ. އޭނާ އަނގައަށް ގޮތެއް ހަދާލައިފައި ޖަގު ހިފައިގެން ދިޔައީ އިޝާންއަށް ކޮޓަރިއަށް ވަދެވޭހާއިރު ފަހުންނެވެ.

ކޮފީ މަގު ކައިރިކޮށްލައިގެން އިޝާން އިނީ އެނދުމަތީގައި ލެޕްޓޮޕް އުނގަށް ލައިގެންނެވެ. މުސްކާން ނިދަން ހިޔާލުކޮށްލައިފައިވެސް އިޝާން އެތާ އިންދާ އޮށޯންނާކަށް ނުކެރުނެވެ. އަމުދުން ލޮލުގައި ނިދީގެ އަސަރެއް ނުވެސް ނެތެވެ. އޭނާ ހެދުން ބަދަލުކޮށްގެން ނިކުމެ ވާހަކަފޮތެއް ހުޅުވާލައިގެން އިށީންދެލީ ސޯފާގައެވެ. އެކަމަކު އިޝާން ކުރިމަތީ ފެންނަން އިންނާތީ ފޮތަށްވުރެ ގިނައިން ބެލެންފެށީ އިޝާންގެ މޫނަށެވެ. އެއިން ކޮންމެފަހަރަކު އިޝާން ބަލައިލަން އުޅޭހެން ހީވުމުން އަވަހަށް ފޮތަށް ނަޒަރު ހުއްޓާލަނީއެވެ. މިގޮތުގައި އިރުކޮޅެއް ވެ ދިޔައިރު އިޝާން ދެފަހަރުމަތިން ވަގު ހިފައިފިއެވެ. ދެން ނުބަލަން ހުވާކޮށްގެން އިނދެފައިވެސް ފޮތަށް ޝައުޤުވެރިކަމެއް ނެތުމުން އަނެއްކާވެސް ބަލައިލެވުނީ އިޝާންއަށެވެ. ތިންވަނަ ފަހަރަށް ދެމީހުންގެ ހަތަރުކަޅި ބައްދަލުވިތަން ފެނިގެން މުސްކާން ރަކިވެގެން ހަދާނެގޮތް ހުސްވިއެވެ. އޭނާ ފޮތް ތިރިއަށް ދޫކޮށްލައިފައި ސޯފާއިން ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބެލްކަނީ ދޮރުފަތް ކައިރިއަށް ހުއްޓުނުއިރު ނޭވާ ހުރީ އަވަސްވެފައެވެ. ފިނީގައި ބޭރަށް ނުނިކުންނަން ވެގެން ފޮތިގަނޑު ކަހާލުމުން އުޑުގައި ވިދަމުންދިޔަ އެތައް ހާސް ތަރިތައް ފައުޅުވާން ހުއްޓެވެ. މުސްކާން އެތަރިތަކަށް ބަލަން ހުރެގެން އެއް އަތް ހުރަސްކޮށްލައި އަނެއްއަތުގެ މުލައްދަނޑީގައި ފިރުމަން ފެށިތަނާ ފަހަތުން އިޝާން އައިސް އެބާރުގަދަ އަތުތެރޭ ވަށާލުމުން ހީބިހި ނަގައިގެން ދިޔައެވެ.

"މުސްކާން...! "އިޝާންއެވަގުތު ކަންފަތްދޮށުގައި ވައިއަޑުން ނަން ކިޔައިލީވެސް ކޮންފަދަ މަސްތީ ގޮތަކަށް ހެއްޔެވެ؟ ހަށިގަނޑުގައި ވާ އެންމެހާ ނާރަށް އެއިން އަސަރު ކުރުވިކަން ޔަޤީނެވެ. "މުސްކާން އަހަރެންނަށް ކީއްތިކުރަނީ؟.... އަހަރެން ބޭނުންވިއަސް އަހަރެންނަށް އަމިއްލަ ނަފްސް ކޮންޓްރޯލެއް ކުރެވޭ ވަރެއް ނޫން....... ކިތަންމެ މަސައްކަތެއް ކުރިއަސް ދެން ނުހުރެވޭނެ ދުރަކު..." ކަންފަތްދޮށުގައި ސިއްރެއް ބުނެލާފައި އިޝާން ގޯނާކޮށްލީ މުސްކާންގެ ކަންފަތު ފޫޅުގަނޑަށެވެ. ދުލުން ބޭރުކޮށްލަން އުޅުނު ބަސްވެސް އެހިސާބުން ތަށިވީ ކަރުތެރޭގައެވެ. ނޭވާ ފުންވެގެން ދިޔައިރު ވާހަކަދެއްކުމަށް ދަތިވެއްޖެއެވެ. އިޝާން ބޯގުދުކޮށްލާފައި އޭނާގެ ކަނދުރާގައި ބޮސްދޭން ފެށުމުން އެހަށިގަނޑުގެ ހުރިހާ ކޮންޓްރޯލެއް އިޝާންގެ އަތްމައްޗަށް ދޫކޮށްލެވިއްޖެއެވެ.

"މުސްކާން ޓޯކް ޓު މީ! ކޮންމެވެސް ޖަވާބެއް ދީ އަހަރެން މިދައްކާ ވާހަކައަށް!" އިޝާން ކުއްލިއަކަށް އޭނާ މަގަތަށް އަނބުރާލައިފައި ދަތްދޮޅީ ހިފާ މައްޗަށް އުފުލާލިއިރު އެލޮލުގައި ހުރި ތޫނުކަމަކުން ހިތް ޒަޚަމް ކޮށްލައިފިއެވެ. "ޑޯންޓް..." މުސްކާންއަށް ބުނެވުނީ ޖުމްލައިގެ އެންމެ ބަހެކެވެ. އިޝާންއަށް އެއިން ފުރިހަމަ މާނައެއް ނުނެގެނީސް އޭނާ ދެއަތް އުފުލާލައިފައި އެމޭގައި ތަތްކޮށްލިއިރު ހިތުގެ ތެޅުން އިހްސާސްވިއެވެ. "އަހަންނާ ދުރުގަ ހުންނަން ތިހާ އުދަނގުލިއްޔާ ދެން ޑޯންޓް." މުސްކާންގެ ޖަވާބާއިމެދު ޚުދު އަމިއްލަ ކަންފަތްވެސް ހައިރާންވާނެކަން ކަށަވަރެވެ. އަދި އިޝާންއަށް ވާނީ ކިހިނެތް ހެއްޔެވެ؟ ފެންނަމުން މިދަނީ ހުވަފެނެއް ނޫންކަން ސާބިތު ކުރުމަށްޓަކައި އިޝާން ކުރިކަމަކީ އަނެއްކާވެސް މުސްކާން ކައިރިކޮށްލުމެވެ. ނިކަން ފުންކޮށް އެތުންފަތުގައި ބޮސްދީފައި ދުރުކޮށްލިއިރު އޭނާއަށް ފެނުނީ ނޭވާ އަވަސްވެފައި ހުރެގެން އެމޫނަށް ބަލަމުންދިޔަ އޭނާގެ ލޯއްބެވެ. އެދެލޯ އެދެމުންދިޔައީ އަދިވެސް ބޮޑަށެވެ. އިތުރަށެވެ. ހިނދުކޮޅަކަށް މަޑުޖެހުނު އިޝާންގެ ހަށިގަނޑަށްވެސް އަލުން ހަރަކާތް އައީ އެހިސާބުންނެވެ. އޭނާ މުސްކާން އުރާލައިގެން ގެންގޮސް އެނދުގައި ބޭއްވިއިރު ކުރިއަށްވުރެ ބޮކީގެ އަލި ފަނޑު ކޮށްލިއެވެ.

*****

"ގުޑް މޯނިން މައި ލަވް." ހެނދުނު ނިދިން ހޭލައްވައިލީ އިޝާންގެ ރީތި އަޑުން ކަންފަތްދޮށުގައި އެބަސްކޮޅު އިއްވާލުމާއެކުގައެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލައިފައި މުސްކާން ބަލައިލިއިރު އިޝާން އޮތީ ދާދި ގާތުގައި އެމޫނަށް ބަލާށެވެ. "ތެދުވޭ ދެން. މިއަދު މަސައްކަތަށްވެސް ނިކުންނަން ޖެހެއެއްނު." އިޝާން ކުރުއަތް މައްޗަށް އޮވެ އޭނާގެ ކޯތާފަތުގައި ފިރުމާލަމުން ހަނދާންކޮށްދިނެވެ. "އަޅެ އެއީ މިއަދުތަ؟" މުސްކާން އޮތީ ތެދުވާހިތް ނުވެފައެވެ. އޭނާ ގަޑި ބަލާލުމަށްފަހު ފަސް މިނިޓަށް ނަމަވެސް ލޯމަރައިލަން ގަސްތުކޮށްގެން އޮތްވާ އިޝާން ކުއްލިއަކަށް ނޭފަތުގައި ހިފާލުމުން ތެޅިގަނެވުނެވެ.

"އޯކޭ އެހެންވިއްޔާ ފުރަތަމަ އަހަރެން ދަނީ. ދެން ނުބުނާތީ އަހަރެންނާ ހެދިއޭ ލަސްވީ." އިޝާން ތެދުވާ ގޮތް ދައްކާލުމުން މުސްކާން ފުންމައިގެން ތެދުވިއެވެ. އިނދެވުނު ހާލާމެދު ވިސްނާލެވުނީ އަދި ދެނެވެ. ހޯދާލިއިރު އަންނައުނުތައް އޮތީ އަތްޖެހޭ ހިސާބަށްވުރެ ދުރުގައެވެ. މުސްކާންގައިމަތީ އޮތް ރަޖައިން އަތް ދޫނުކޮށްލާ އެއިން ހަށިގަނޑު ނިވާކޮށްގެން ތެދުވިއިރު އެއްކޮޅަށް ހުރީ ވާންވެފައެވެ. "އިޝާން!" މުސްކާން ތަންކޮޅެއް ބާރަށް ގޮވާލުމުން އިޝާން ބަލައިލިއެވެ. "ވަޓް؟" އޭނާ ނޭނގޭ ކަމަށް ހެދިފައި ސުވާލުކޮށްލިއިރު ލާނެތް ހިނިތުންވުމެއް ވެރިވެފައި ވަންހަނާ ކޮށްލިއެވެ. މުސްކާން އަތުގެ އިޝާރާތުން ދެއްކީ ވާންވެފައި އިން ރަޖައެވެ. އޭނާ ބުނީ އެއަށް ދޫ ދިނުމަށެވެ. "އޯކޭ....ބޭބީ ބޭނުން ގޮތެއް." އިޝާން ހަމަޖެހިލާފައި ގައިމަތީ އޮތް ބައި ނަގައި އެއްލުމުން މުސްކާންއަށް އެނބުރެވުނީ އަނެއްފަރާތަށެވެ. އިޝާން ހޭން ފެށުމުން އޭނާ ރަކިވެގެން ދުވެފައި ގޮސް ފާޚާނާތެރެއަށް ދެމިގެންފައި ރަޖާ ބޭރަށް ހޫރާލީ ނުފެނި ހުރެގެންނެވެ.

އޭނާ ނިކުތްއިރު އިޝާން ހުރީ ނަސީބަކުން ތުވާލި އަނދެގެންނެވެ. މުސްކާން ގަޑިއަށް ނަޒަރެއް ދީފައި އަވަހަށް ތައްޔާރު ވާން ފެށިއެވެ. ދެމީހުން އެކީ ސިޑިން ފައިބައިގެން އައިއިރު މޫޑު ރަނގަޅުކަން އެންމެނަށްވެސް ފާހަގަވިއެވެ. ނާސްތާކޮށްގެން އިޝާންގެ ކާރުގައި ގޮސް އޮފީސް ކުރިމައްޗަށް މަޑުކޮށްލިއިރު މުސްކާންގެ މޫނުގައި ފަނޑުވުމެއް ނުވާ އުޖާލާކަމެއް ވިއެވެ. އޭނާ ނިކުންނަން އުޅެނިކޮށް އިޝާން ކުއްލިއަކަށް އަތުގައި ހިފެހެއްޓުމުން އެނބުރުނުތަނާ ސިއްސުވާލައިފައި ނިތުގައި ބޮސްދިނެވެ.

"ސީ ޔޫ އެޓް ލަންޗް." އިޝާން ބުނެލިއެވެ. މުސްކާން ބޯޖަހާލައިފައި އަވަހަށް ނިކުތެވެ. އެކަމަކު ގޮސް އެތެރެއަށް ވަނުމުގެ ބަދަލުގައި ވަކި ހިސާބަކުން ދެފައި ބިމުގައި ތަތްލިއެވެ. އެނބުރިފައި އިޝާން ކާރުގައި ގޮސް އޮބާލާތަން ބަލަން ހުރުމަށްފަހު ދެން އެހިނގައިގަތް ކުއްޖާ އެތެރެއަށް ވަދެވޭންދެން ނުހުއްޓެއެވެ.

ކުޑަ ޗުއްޓީ އަކަށްފަހު މަސައްކަތަށް ނިކުންނަ ފެށުމުން މުސްކާން ހުރީ ހަމަޖެހިލާފައެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތްހަމަ ޖެހުން ގުޅިފައިވަނީ އިޝާންއާއެވެ. ރަނގަޅުވާން ފަށާފައިވާ އެދެމެދުގައި އޮތް ގުޅުމާ މެދުގައެވެ. ހުސްވަގުތު ލިބުމުން ދެމީހުން މެންދުރު ކެއުމަށް އިންސާފު ކުރީ ރެސްޓޯރެންޓެއްގެ މޭޒު ދޮށުގައެވެ. ލީވާން ގުޅާފައި ރޭގަނޑު އޮތް ކެއުމަށް ދައުވަތު ދިނީ އެތާ ތިއްބައެވެ.

އިފްހާމްއާ ޝައިލީންގެ ކައިވެންޏަށް އިތުރު އަހަރެއް ފުރިގެން އެކަން ފާހަގަ ކުރުމަށް ބާއްވާ ހަފްލާއަށް ދައުވަތު ދީފައިވަނީ ހަމައެކަނި ދެއާއިލާގެ މީހުންނަށެވެ.

"އޭދެން ކޮންއިރަކުންތަ ތިއްތޭ އަހަރުންނަށް ގުޑްނިއުސް ދެނީ؟" ކެއުން ނިންމާފައި ބޮޑެތި މީހުން ނިކުތްފަހުން ލީވާން ކޮށްލި ސަމާސާ އަހާފައި މުސްކާން ދިޔައީ ފިނިވެގެންނެވެ. އޭނާ ތެޅިގަނެފައި ބަލާލިއިރު އިޝާންވެސް އިނީ ބަލަހައްޓައިގެންނެވެ. "އެއީ ތެދެއް މުސްކާން. ކޮންއިރަކުންތަ ދެން؟" ޝައިލީންވެސް އެއްބައިވެލީ ލާނެތް ލީވާންއާއެވެ. އެތާގައި އިފްހާމްއާ ޝައިލީންގެ ދައްތަމެންވެސް ތިބުމުން މުސްކާން އިނީ އަނގައިން ބުނަން ނުކެރިފައެވެ.

"ތިހާ ބޭނުންވެގެން އުޅެންޏާ ގުޑްނިއުސް އެއް ދީފާނަމޭ ދޯ މުސްކާން... އަހަރުމެން ގެއާ ޖެހިގެން ހުރިގޭގަ އުޅޭ އަންހެންކުއްޖާ ބަނޑުބޮޑު." އިޝާން ވާހަކަ ފެށުމުން މުސްކާން ހާސްވެފައި އިންދާ ދެން ބުނި ވާހަކައިން ހިނިގަނޑު ފަޅައިގެން ދިޔައެވެ. "ތެދެއް އެބުނީ." މުސްކާންވެސް ބާރުދިނީ އިޝާންގެ ވާހަކައަށެވެ. "އައްދޭ މިހާރު ހާދަ އެއްބައިވެއޭ ދޯ ދެމީހުން" ލީވާން އަދިވެސް ހުއްޓާކަށް ނޫޅެއެވެ.

ދައުވަތުދިން ގިނަމީހުން ނިކުމެގެން ދިޔައިރު އިޝާންމެން މަޑުކުރީ ތަންކޮޅެއް ފަހުން ދާ ގޮތަށެވެ. މުސްކާން ޝައިލީންއާ ވާހަކަދައްކާލަން އިނދެފައި އިޝާން ހޯދަމުން އައިއިރު ކޮޓަރިތެރޭ ދެމީހުން ހޭވައްޓާލައިފައި ވީޑިއޯ ގޭމް ކުޅެނީއެވެ.

"ޕިސް. ޕިސް. މިއޮތް ކަމެއް ދޯ. އަޑުގަދަ ކަމުންވެސް ބޯފަޅައިގެން ދާވަރުވޭ. ތިއަށްވުރެ މަޑުކޮށްލިއްޔާ ނުވާނެތަ ހަމަ؟"ޝައިލީން ކުދި ކިޔަން ފެށުމުން ލީވާން ގޭމް ނިއްވާލިއެވެ. "ދޮންބެދައްތައަށް ކުޅެވޭ ގޭމެއް ޖެއްސިއްޔާ ބައިވެރިވާނަންތަ؟" ލީވާންގެ ސިކުނޑިއަށް ކޮންމެވެސް މޮޅު ހިޔާލެއް އައިސްގެން ތެދުވިއެވެ. އޭނާ ބިއްލޫރި ފުޅިއެއް ގެނެސް ބާއްވާފައި ބުނީ "ޓުރުތް އޯ ޑެއަރ" ކުޅެންވީ ކަމަށެވެ. ޝައިލީންއަށް މާ މަޖާ ކުޅިވަރަކަށް ވާތީ އޭނާ ބޭރަށް ނިކުމެފައި އެނބުރި އައީ އިފްހާމްއާ ދެދައްތަވެސް ގޮވައިގެންނެވެ.

ހަމީހުން ވަށްކޮށްޓެއްހެން އިށީންދެފައި ފުރަތަމަ އަނބުރާލި ފުޅި ހުއްޓުނީ އިފްހާމްއަށެވެ. އިފްހާމް ޑެއަރ ނެގުމުން ޝައިލީން އެދުނީ އެއެންމެންތެރޭ ލޯބިވާ ވާހަކަ ބުނުމަށެވެ. އިފްހާމް މާ ހިތްހަމަޖެހޭ ކަމަކަށް ނުވިއަސް އެކަން ކުރިއެވެ. އެހިސާބުން ދެވަނައަށް އިޝާންއަށް ޖެހިގެން ނެގީ ޓުރުތްއެވެ. "ސުވާލު ކުރާނީ އަހަރެން." މުސްކާން ފުރުސަތުގެ ބޭނުން ހިފިއެވެ. "އިޝާން އަހަރެންނަށް ސިއްރުން އަޅެ އެއްވެސް ކަމެއް އެބަ ކުރަންތަ؟" ސަމާސައަކަށް ހަދާފައި މުސްކާން ސުވާލު ކުރީ ޝިފްރާއާ ބެހޭގޮތުންނެވެ. "ފަހަރެއްގަ ސިއްރު ފްރެންޑެއްވެސް ގެންގުޅެފާނެއެއްނު." މުސްކާން އަދިވެސް ތިލަކޮށްލިއެވެ. އެވަގުތު އެންމެން މުސްކާންއާ ދިމާ ކުރަން ފެށުމުން ބޭނުންވި ގޮތަށް ކުރިއަކަށް ނުގެންދެވުނެވެ. އިޝާންވެސް މަޖާވެފައި ބުނީ ސިއްރެއް އޮވެދާނެ ކަމުގައެވެ.

"އޯލްރައިޓް މުސްކާން. މުސްކާން ނަގާ އަވަހަށް." ލީވާން ފޮނިވެފައި ހަމަޖެހިލީ މުސްކާންއަށް ވަރުގަދަ ލަނޑެއް ދިނުމަށެވެ. ޚުދު މުސްކާންވެސް ހުރީ ތައްޔާރު ވެގެންނެވެ. ލީވާން ކޮންމެފަދަ ކަމެއްވެސް ޖައްސަފާނެއޭ ހިތަށް އަރާފައި ބިރުން އޭނާ ނެގީ ޓުރުތްއެވެ. އޭރު ކުރިމަތިވާން އުޅޭ ސުވާލުގެ ބޮޑުކަން އޭނާއަށް ކުޑަކޮށްވެސް ރޭކާ ނުލައެވެ.

"އެހެންވިއްޔާ ބުނެބަލަ! ކާކުދެކެ މިހާރު ބޮޑަށް ލޯބިވަނީ؟ އައިޒަންދެކެތަ؟ ނޫނީ އިޝާންދެކެތަ؟" ލީވާންގެ ސުވާލުން އެތާގައި ބޮމެއް ގޮއްވައިލި ކަހަލައެވެ. މަޖާ މޫޑުގައި ތިބި އެންމެން ސީރިއަސް ދަރަޖައަށް ވެއްޓިގެން ދިޔައެވެ. އިޝާން ބަލައިލިއިރު މުސްކާންގެ މޫނު ހުރީ ހުދުވެފައެވެ. ޝައިލީންއަށް ނީނދެވިގެން ލީވާން އަތުގައި ވިކައިގެންފައި ސުވާލު ބަދަލު ކުރަން އިޝާރާތް ކުރީމައިވެސް ލީވާން އިނީ ގޮތުގައެވެ. އެސުވާލު އެހާލަތާއި ކިތަންމެ ނުގުޅުނަސް އިޝާންވެސް މުސްކާން ބުނާ އެއްޗެއް ބަލައިލަން ބޭނުންވިއެވެ. އެކަމަކު އޭނާ ވަކި ޖަވާބަކަށް އުންމީދެއް ނުކުރެއެވެ. މުސްކާން އެތާ ތިބި މީހުންނަށްޓަކައި އޭނާގެ ނަން ބުނި ނަމަވެސް ހިތަށް އެއިން ލިބޭނެ އުފަލެއް ނެތްކަން ޔަޤީނެވެ. އަދި މުސްކާން ބުނަން ޖެހޭނީވެސް އައިޒަންގެ ނަމެވެ. އެއީ އައިޒަން ނެތަސް އައިޒަން އެއީ މުސްކާންގެ ލޯއްބެވެ. މިއަދު އޭނާއަށް މުސްކާން ހާޞިލްވުމުގެ އަސްލަކީވެސް މުސްކާންގެ ހިތުގައި އައިޒަންއަށް އޮތް ލޯބިކަން ކަށަވަރެވެ.

ކޮމެންޓް 0