ފެންވަރާ ތާޒާ ވެލައިގެން މުސްކާން އިސްކަން ދިނީ މަޣްރިބް ނަމާދު ކުރުމަށެވެ. ނަމާދުން އަވަދިވެގެން ތެދުވެ، އަދިވެސް ތެތްކަން ހުރި އިސްތަށިގަނޑު ހިއްކަން ޑްރެސިންޓޭބަލް ކައިރީ އިންދާ މީހަކު އައިސް ލޯމަތީ އަތް އެޅިއެވެ." ކާކު؟" މުސްކާން ތެޅިގެންފައި އެމީހެއްގެ ދެއަތްތިލައިގައި ހިފާލައިފިއެވެ. "ކާކުހެން ހީވަނީ؟" ލީވާންގެ އަޑުން މުސްކާންއަށް ސިހުމެއް ގެނުވިއެވެ. ތެޅިގެންފައި އޭނާއަށް އުޅެވުނީ ފުރަމަވެސް ބޯ ނިވާކުރާށެވެ. މުސްކާން އެއަތް ނައްޓުވާލައިފައި ތެދުވެ ކޮންމެވެސް އެއްޗެއް ހޯދަމުން އެނދާއި ދިމާއަށް ދިޔައިރު ލީވާންވެސް މިވާގޮތެއް ނޭނގިފައި ބަލަން ހުއްޓެވެ.

"ވާއު!" މުސްކާންއަށް ބުރުގާ ފެނިގެން އަވަހަށް ނަގައި އަޅައިލުމާއެކު އެސިފައިގައި ފެނުމުން ލީވާންގެ އަނގައިން ނިކުތެވެ. "ހެލޯ ލީވާން!" މުސްކާން ވާހަކަދައްކަން ފެށީ ދެނެވެ. "ހެލޯއޭ؟ ލައިކް އައެމް އެ ސްޓްރޭންޖަރ. ހަނ؟ ޔޫކޭއަށް ގޮސް ކިޔެވީތަ ނޫނީ އެކްޓްކުރަން ދަސްކުރީތަ؟" މުސްކާން ވާހަކަދެއްކިގޮތުން ލީވާން މަލާމާތްކޮށްލާފައި ކައިރިއަށް އަންނަ ފެށިގޮތުން ފަހަތަށް ޖެހިލެވުނެވެ. ލީވާން އެކަމަށް ސަމާލުކަމެއް ނުބަހައްޓާ ދިޔަ ގޮތަށް ގޮސް މުސްކާން އަތުގައި ހިފާލައިފައި އަނބުރާ ގެންގޮސް ޑްރެސިންޓޭބަލް ކުރިމަތީ ބެއިންދިއެވެ. "އަހަރެން ދޭނަން ދިހަ މިނިޓް. ދިހަ މިނިޓް ތެރޭ ވާނެ ތައްޔާރެއް ވެގެން ނިކުންނަންވީ. އޭގެ ފަހުން މުޝްޕޮޓޭޓޯ ދާނީ އަހަރުމެން ގެއަށް." ލީވާން އޭނާގެ ދެކޮނޑުގައި ހިފާފައި ދެއްކި ވާހަކައިން ހިތް އަވަސްވެގެން ދިޔައެވެ. އެތައް ދުވަހަކަށްފަހު އެގެއަށް ދާ ވާހަކަ ބުނުމުން ތަފާތު އެތައް އިހްސާސްތަކެއް އެކުވެގެން އުތުރިގަތެވެ. އޭނާ ބަހަނާ ދައްކާނެ ފުރުސަތެއް ނުދީ ލީވާން ނިކުމެގެން ދިއުމުން މަޑުން އިނދެގެން ތައްޔާރުވާން ފެށިއެވެ. އޭރު ހިޔާލުތަކާއި ގުޅިފައި ހުރީ އެގޭގެ މެމްބަރުންނެވެ. ސަނާއާ ނާޝިދުއަށް އޭނާ ފެނުމުން އަމިއްލަ ދަރިއެއް ފަދައިން މަރުހަބާ ކިޔާނެއެވެ. އިފްހާމް އޭނާދެކެ ވަނީ ކޮއްކޮއަކުދެކެ ވާނެ ލޯއްބެވެ. އެއަށްފަހު ޝައިލީން އެއީ އެކުވެރިއެއް ފަދަ ގާތް ކުއްޖެކެވެ.

"އަދިވެސް ނުނިމޭތަ؟" މުސްކާން ނިކުންނަންވެގެން ކޮޅަށް ތެދުވިތަނާ ލީވާން ދޮރު ކުޑަކޮށް ހުޅުވާލައިފައި ޓަކި ޖަހައިލިއެވެ. "ރެޑީ." މުސްކާން އެނބުރިފައި ހާސްކަން ފޮރުވައިލީ ހިނިތުންވުމަކުންނެވެ. އޭނާ އައިސް ކައިރިވުމުން ލީވާން އަތް ދިނުމުން އެއަތުގައި ހިފާލައިފައި ދެމީހުން އެކީ ނިކުމެގެން ދިޔައެވެ.

ގެއަށް ގޮސް ވަނުމާއެކު ފުރަތަމަވެސް ކަންފަތުގައި ހަރުލީ ޒޫޝީގެ ސަކަރާތުގެ އަޑެވެ. ޒޫޝީ ހެމުން ފުމެމުން ސިޑިން ފައިބައިގެން އައިގޮތަށް ކޮންޓްރޯލެއް ނެތި މުސްކާންގެ ގައިގައި ތަތްވިއެވެ. "ދައްތަގެ ޒޫޝްކޮޅަށް ތަދުވިތަ؟" މުސްކާން އަވަހަށް އެކުއްޖާގެ ދެއަތުގައި ހިފާ ނަގާފައި ސުވާލު ކުރިއެވެ. ޒޫޝީ އެވަގުތު ޖަވާބުދޭން ނުކެރިފައި ބަލަން ހުރީ ނުދަންނަ މީހަކު ފެނިގެން ބަލާ ހެންނެވެ. ގިނަ ދުވަސްވުމުން މުސްކާން މަތިން ޒޫޝީ ހަނދާން ނެތުނީއެވެ. މުސްކާންއަށް އެކަން އެނގިގެން ސަލާމަތަށް އަތްދިއްކޮށްލާފައި އަމިއްލަ ތައާރަފް ދިނެވެ. ޒޫޝީ ބަލައިލީ ކައިރީހުރި ލީވާންއަށެވެ.

"ޒޫޝްއަށް ހަނދާންނެއްތަ މީ ޒޫޝްގެ މުސްކާންދައްތައޭ. އަވަހަށް ސަލާމްކޮށްލާ!" ލީވާން ބާރުދިނުމުން ޒޫޝީ ނުކެރިފައި ހުރެގެން ސަލާމްކޮށްލިއެވެ. މުސްކާން ހިނިތުންވެލާފައި އަތް ދަބަސް ހުޅުވާލުމަށްފަހު އެއިން ނެގި ޗޮކްލެޓެއް ދިއްކޮށްލުމުން ޒޫޝީ ތުންފަތަށް ހިނިތުންވުން ވެރިވިތަން ފެނިފައި ދެމީހުންނަށް އެކަކު އަނެކެއްގެ މޫނަށް ބަލައި ހީލެވުނެވެ.

"މަންމީ ބަލާބަ. ދައްތަ ދިން ޗޮކްލެޓެއް." ޗޮކްލެޓް ލިބުމުން ޒޫޝީ ފޮނިވެގެން ދުއްވައިގެންފައި ގޮސް އޮޅުލައިގަތީ ސިޑިން ފޭބި ޝައިލީންގެ ދެފައިގައެވެ. ޝައިލީންއަށް މަތިން ފެނުމުން ކާކުކަން ވަކިކުރަން ނޭނގިގެން އައިސް ހަމަވެފައި އެއީ މުސްކާންކަން އެނގުމުން ހުރެވުނީ އަނގަމަތީ އަތް އަޅާލައިގެންނެވެ.

"ވާއު! ޕްރިޓީ." ޝައިލީން އުފާވެފައި އަތް ހުޅުވާލުމުން މުސްކާން ހީގެންފައި ގޮސް ޝައިލީން ގައިގައި ބައްދައިލިއެވެ. ކާގެއިން ކޮފީ ތައްޓެއް ހަދައިގެން ނިކުތް ސަނާއަށް ފެނިގެން ގޮވާލިތަނާ ނާޝިދުއާ އިފްހާމްވެސް އެކި ދިމާއިން ނިކުމެގެން އައެވެ.

އެންމެންގެ އެދުމާއި ދެކޮޅު ނުހަދަންވެގެން މުސްކާން މަޑުކުރީ ރޭގަނޑު ކައިގެން ދާ ގޮތަށެވެ. ސިޓިންރޫމް ސޯފާގައި އަނގަތަޅަން ތިބެފައި ފިރިހެންވެރިން އިޝާ ނަމާދަށް މިސްކިތަށް ދިއުމުން މުސްކާން އައީ ޒޫޝީ ގޮވައިގެން މައްޗަށެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޒޫޝި މުސްކާންއާ ގާތްކަން އުފައްދައި ނިދަންވެސް އެއްބަސްވީ މުސްކާން ކައިރީގައި ބާއްވައިގެންނެވެ. އޭނާ ޒޫޝީއަށް ކިޔައިދޭން ގެންގުޅޭ ފޮތްތަކުން ފޮތެއް ނަގައިގެން ކިޔަ ކިޔާފައި ބަލާލިއިރު އޮތީ ފުން ނިދީގައެވެ. ހިނިތުންވުމާއެކު އެމޫނަށް ބަލަން އޮވެފައި ގުދުވެ ކޯތާފަތުގައި ބޮސްދެވުނެވެ. މިކުއްޖާމަތިން އޭނާ ހާދަ ހަނދާނެއް ވިއެވެ. އިރާދަކުރެއްވިއްޔާ ދެން އަބަދުވެސް ހުންނާނީ ފެންނަ ހިސާބުގައެވެ.

މުސްކާން ފޮތް އަނބުރާ އޮތްތަނުގައި ބާއްވާފައި ކޮޓަރިން ނިކުތްއިރު މީހަކު ފެންނާކަށް ނެތެވެ. ހީވާގޮތުން ޝައިލީން ވީ ތިރީގައެވެ. މަތީގައި ހުރެގެން ގޭގެ އެކި ތަން ބަލަމުން ކުއްލިއަކަށް އައި ހިޔާލަކުން ހަރުކޮށް ހިނގާފައި ގޮސް އައިޒަން ކޮޓަރި ކައިރިއަށް ހުއްޓުނުއިރު ހިތްވަނީ އަވަސްވެފައެވެ. އެތައް އަހަރަކަށްފަހު އަދިވެސް އޭނާގެ ހިތުގައި އައިޒަންގެ ލޯބިވަނީ ހައިރާންވާ މިންވަރަށެވެ. މުސްކާން ވިސްނަން ހުރެލާފައި ތަޅުގައި ހިފާ އަނބުރާލުމާއެކު ދާދި ފަސޭހައިން ހުޅުވިއްޖެއެވެ. ލައިޓް ދިއްލާލައިފައި އެތެރެއަށް ވަނުމާއެކު ހުރެވުނީ ބަލަހައްޓައިގެންނެވެ. އެމީހުން އަދިވެސް އެކޮޓަރިއަށް ބަދަލު ގެންނާކަށް ނޫޅެއެވެ. ދުވަހަކުވެސް އައިޒަން ހަނދާނުން ފުހެވިގެންދާން ނޭދެނީ ކަމަށް ވެދާނެއެވެ.

މުސްކާން ކުދި ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީންނުމާއެކު ފުން ނޭވައެއް ދޫކޮށްލެވުނެވެ. އިރުކޮޅަކުން އުއްޑުން އޮށޯވެލުމުން ހީވީ އައިޒަންއާ ޖެހިފިތިގެން އައިޒަންގެ އަތްމަތީ ބޯއަޅައިލެވުނު ހެންނެވެ. މޫނު އަނބުރާލައިފައި ބަލައިލަން ބޭނުންނުވީ އެރީތި ހިޔާލުވެސް ވިއްސިވިހާލިވެގެން ހިނގައިދާނެތީއެވެ. އޭނާ ލޯމަރާލައިގެން އޮތްއިރު ފަންކާގެ ވައިން މޫނުގައި ބޮސްދޭއިރު ހީވަނީ އައިޒަންގެ ފިނި އަތުން ފިރުމައިދޭ ހެންނެވެ. ބަހަކުން ބަހެއްނެތި އެގޮތަށް އެކަކު އަނެކަކުގެ ހޫނު އިހްސާސްވާ ހިސާބުގައި އެތައް ދުވަހަކު ދެމީހުން ތިއްބެވެ. އަދި އެފަދަ ކޮންމެ ވަގުތެއްގައި ހޭދަވެގެންދާ ކޮންމެ މިނިޓަކީ އޭނާއަށް ރަނަށްވުރެ އަގުބޮޑު އެއްޗަކަށްވިއެވެ. ދެވަނަ ފަހަރަށް ނުލިބޭނެ އެފަދަ ނާދިރު އެންމެ ކަމަކަށް އެދެން ފުރުސަތު ލިބިއްޖެނަމަ އޭނާ ޔަޤީނުންވެސް އެދޭނީ އައިޒަންއާއެކު އިތުރު ވަގުތު ކޮޅަކަށެވެ. އެހެނަސް އާހް... އެއީ ނުވާނެ ކަމެކެވެ.

ނަމާދުކޮށްގެން ގެއަށް އައި މަގުމަތީ ލީވާން ކޮންމެވެސް މީހަކަށް ގުޅިއެވެ. އެމީހަކަށް އެގެއަށް އާދެވޭނެ އިރެއް އޮޅުންފިލުވާފައި އޭނާ ފޯނު ބޭއްވިއިރު ކައިރީގައި އިފްހާމް ހުރެފައި ކޮނޑުގައި ޖަހައިލިއެވެ. ދެބެން ބައްޕަގެ ފަހަތުގައި ހުރެގެން ގޮސް ވަންއިރު ކާއެއްޗެހީގެ ވަހުން ބަނޑުފުރި އިތުރުވާވަރު ވިއެވެ. ދިޔައިރު ކައްކާ މީހާއާއެކު ޝައިލީންއާ ސަނާވެސް ބަދިގޭގައި އުޅޭތަން ފެނުނެވެ.

"ކޮބާ މުސްކާން ދިޔައީތަ؟" ލީވާން ކަންބޮޑުވެފައި ދެކޮޅު ހޯދައިލީ މުސްކާން ފެންނަން ނެތިގެންނެވެ. "ޒޫޝީ ބޮޑައި ދައްކަން ފެށީމަ އޭނަ ނިންދަން ދިޔައީ. މިހާރު އަންނަން އުޅޭނެ ކަންނޭނގެ." ޝައިލީން އޮޅުންފިލުވައި ދިނުމުން ލީވާންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ ކުޑަކޮށް ހިނިތުންވެފައި ހުރެގެން ގޮސް ސިޑިން އަރާފައި ކޮޓަރިތެރެ ބަލާލިއިރު ޒޫޝީ އޮތީ އެކަންޏެވެ. ލީވާން ވިސްނާލައިފައި ވަށައިގެން ލޯ ހިންގައިލިތަނާ ހިޔާލުތައް ދަތުރުކުރީ އެންމެ ދިމާއަކަށެވެ. މުސްކާންގެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"އިޝާން! މިއޮތީ ސްނޯވައިޓް." ލީވާން އައިސް ކައިރިވެފައި ދެއްކިވާހަކަ މުސްކާންގެ ކަންފަތަށް ފޯރީ ހުވަފެނެއްގައި އޮތްވާ ގޮވާލުމުން އިވޭފަދަ ގޮތަކަށެވެ. އެކަމަކު އޭނާ ލޯ ހުޅުވާލަން ބޭނުން ނުވީ އައިޒަންގެ އަތުތެރެއިން ދުރަށް ދާން ހިތް ދެކޮޅު ހެދުމުންނެވެ. "އިޝާން ކީއްވެ ބަލަން ތިހުންނަނީ؟ ޓުރޫ ލަވްސް ކިސްއަކުން ސްނޯވައިޓް ލޯ ހުޅުވާނީ! ކިސް ހަރ ނައު!" ލީވާން ލާނެތްވެފައި އިތުރުކޮށްލި ޖުމްލަތަކާއެކު މުސްކާން ފުންމައިގެން ތެދުވެފައި ވަށައިގެން ހޯދައިލީ ބިރެއް ފެނުނު މީހަކު ފަދައިންނެވެ. ލީވާންއަށް މިތަން ފެނިގެން ބާރަށް ހީގެންފައި ވީޑިއޯއަށް ޖައްސައިގެން ހުރި ފޯނު ތިރިކޮށްލިތަން ފެނިގެން އޭނާ އަތް އެއްލީ އެފޯނު އަތުވޭތޯއެވެ. އެކަމަކު ލީވާން އެއަށްވުރެ މާ ހުޝިޔާރުވެފައި ކޮޓަރިން ބޭރަށް ދެމިގަނެގެން ދުވެފައި ދިޔައެވެ.

ލައިގެން ހުރި ހެދުމުން ދަތިޖެހޭތީ މުސްކާންއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އޭނާ ނޭވާ ހަމައަކަށް އަޅުވާލައިފައި ސިޑިން ފައިބަން ފެށިއިރު ލީވާން އެންމެފަހު ހަރުފަތް ގިރާކޮށްފައި ތިރީގައި ހުރެގެން ހެއެވެ. އެވަގުތު ކޮންމެވެސް މީހަކު ބެލް ޖެހުމުން ދޮރު ހުޅުވަން ދިޔައީވެސް ލީވާންއެވެ. ހީވަނީ ކުރިއްސުރެ ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ހުރި ހެންނެވެ. ސިޑީގެ ތަންކޮޅަކަށް ފޭބުނުފަހުން އެދޮރުން ވަން މީހަކު ފެނިގެން މުސްކާންއަށްވެސް އެދިމާއަށް ބަލައިލެވުނެވެ. އެވަގުތު އޭނާގެ ދެފައި ތަތްވީ ހުރި ހިސާބުން ސިޑީގެ ހަރުފަތުގައެވެ. ބާރުބާރަށް އަތްގަނޑުގައި ހިފަހައްޓާލެވުނުއިރު ނޭވާ ކަރުތެރޭގައި ތާށިވިއެވެ.

އެދޮރުން ވަދެގެން އެއަންނަނީ އިޝާން ނޫން ދެވަނަ މީހަކު ނޫނެވެ. ކަރުގައި ދޫކޮށްފައި އޮތް ޓައީއާ އަތްދިގު ގަމީހާއި ފަޓްލޫނާއެކު އިޝާން ހީވަނީ ދެންމެ ޑިއުޓީ ނިންމާފައި އައިސް ވަން ހެންނެވެ. ހަށިގަނޑަށް މާބޮޑު ބަދަލުތަކެއް އައިއްސައި ނެތަސް ކުރިއަށްވުރެ ހަރުކުލަ ޖަހާލައިފައި ރީތިވަރަށް ހުރި ތުނބުޅިއާ މަތިމަހުގެ ސަބަބުން ނިކަން ފިރިހެންވަންތައެވެ.

"މީޓިންއެއްގަ ހުރީމައޭ ކުއްލިއަކަށް ނާދެވުނީ. ކިހިނެތްތަވީ އެހާ އަވަހަށް އަންނާށޭ ބުނީ؟" އިޝާން ޓައީ ނަގައި ފަޓްލޫނު ޖީބަށް ކޮށްޕާލައިފައި ބެގީވެސް ނައްޓާލަމުން ސުވާލު ކުރީ ލީވާންއާއެވެ. އޭނާ ލީވާންގެ ކޮނޑަށް އަތްލައިގެން އެނބުރުނުއިރު އަދި ސިޑީގެ މެދާކަށް ހިސާބުގައި ހުއްޓިހުރި މުސްކާންއެއް ލޮލަކު އަޅައެއް ނުގަތެވެ. "ސަޕްރައިޒެއް ދޭންކަމަށް އެހާ އަވަހަށް އަންނާށޭ ބުނީ." ލީވާން ހިނި އައިސްފައި ހުރެގެން ސިޑިއާ ދިމާއަށް އިޝާރާތް ކޮށްލުމުން އިޝާން އެދިމާއަށް މޫނު އަނބުރާލިއެވެ. އެވަގުތު އޭނާއަށް ލީވާންގެ ކޮނޑު ވަށާލެވިފައި އޮތް އަތް ތިރިކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. އެސްފިޔަ ޖަހާނުލާ ހުރެގެން މުސްކާންގެ ބޮލުން ފެށިގެން ފަޔަށް ކަޅި ހިންގާލިއިރު ލޮލަށް ފެންނަމުން ދިޔައީ ހަޤީޤަތެއް ކަމާމެދު ޝައްކުވިއެވެ. ޔަޤީންކުރަން ވެގެން އެދިމާއަށް ފިޔަވަޅެއް އަޅަން ތައްޔާރުވިތަނާ އެންމެން އެއްފަހަރާ އަތްޖަހަން ފެށިއަޑަށް ސިހުންވިއެވެ. އެވަގުތު މުސްކާންވެސް ހުއްޓިހުރެފައި މަޑުމަޑުން ފައިބަން ފެށިއެވެ. ޝައިލީން ކޭކު ހިފައިގެން ނިކުތްއިރު ދެންތިބި މީހުން އޭނައާއެކު އަތްޖަހަމުން ކާގެއިން ނިކުމެ އެދެމީހުން ވަށާލިއިރު މުސްކާންގެ މޫނުގައިވި ކަންބޮޑުވުމާއި އެއްވަރަށް ލަދުވެތިކަން ވިއެވެ.

"އޭ ދެން އަވަހަށް ކޭކު ފަޅަން އުޅޭ. ވަރަށް ކުޅުދިޔާވެއްޖެ." ލީވާން ބާރު އެޅުމުން ޝައިލީން ކޭކު ގެންގޮސް ކުޑަމޭޒު މަތީ ބަހައްޓާފައި އެނބުރުނީ މުސްކާންއާ ދިމާއަށެވެ އެވަގުތު މުސްކާން ހުރީ ހިނގަންވެސް ލަދުންނެވެ. އޭނާ ކޮންމެ ކަމެއް ކުރާއިރު އިޝާންގެ ލޯ ހުއްޓިފައި ހުންނާނެކަން އެނގުމުން ކުރާނެ ކަމެއްވެސް ނޭނގުނެވެ.

"ވެލްކަމް ބެކް" ޖަހާފައިވާ ކޭކު ފަޅާލައިފައި ފުރަތަމަ ނެގި ފޮތި މުސްކާން ލަވަން އުޅުނީ ލީވާންއަށެވެ. ލީވާން ފަހަތަށް ޖެހުނީ އިޝާންއަށް ފުރުސަތު ދޭންވެގެންނެވެ. މުސްކާންއަށް އެކަން ވިސްނޭތީ އޭނާ ދެން ދިޔައީ ސަނާއާ ދިމާއަށެވެ. ސަނާވެސް އެގޮތަށް ކަންތައް ކުރުމުން މުސްކާންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އޭނާ ފާޑަކަށް އަނގަ ހަދާލައިފައި ކުރި ކަމަކީ އަމިއްލައަށް ކޭކުކޮޅު ކާލީއެވެ. އެތަން ފެނިގެން އެންމެން ގާތަށް ހިނިއައިއިރު އިޝާންވެސް ހިނިތުންވެފައި ކަޅިޖަހާނުލާ ހުރެގެން މުސްކާންގެ މޫނަށް ބެލިއެވެ.

އެހިސާބުން ދެން އެންމެންވަނީ ކާކޮޓަރިއަށް ކާށެވެ. އެންމެންތެރޭ އިނުމުން މުސްކާން އިނީ ހަމަޖެހިފައެވެ. އެންމެންތެރޭ އިޝާންއަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. "އިޝާންދެން ހަމަ އަނގައިންވެސް ނުބުނެ އިންނާނީތަ؟ ނާހާނަންތަ މުޝްޕޮޓޭޓޯގެ ހާލު ކިހިނެތްތޯވެސް؟" ލީވާން އިޝާންގެ ސިއްރު ނަޒަރު ފާހަގަކޮށްގެން ބަލަ ބަލާފައި އެންމެންގެ ސަމާލުކަމަށް ގެނެސް ބުނެލިއެވެ. މުސްކާން ކަންބޮޑުވެގެން އިސްޖެހިއިރު އެހެން އެންމެންގެ ނަޒަރު އެދެމީހުންނަށް އަމާޒުވިއެވެ. އިޝާން ދެރަ ނުވާން ބުނެލީ ލީވާންއަށްވުރެ ކުރިން އޭނައާ މުސްކާން ބައްދަލުވެ ހާލު އަހައިފި ކަމުގައެވެ.

ގެއަށްދާންވީ ވަގުތު އައުމުން އެމީހުން ކަންތައްކުރީ މުސްކާން ހީކުރި ގޮތަށެވެ. އެއީ އޭނާ ގެއަށް ގެންދަން އިޝާންއާ ހަވާލު ކުރުމެވެ. ބޭނުން ނުވެ ހުރެގެންވެސް މުސްކާން އެއްބަސްވީ އެހެން މީހުންނަށްޓަކައެވެ. އޭނާއާއެކު ދޮރާށި ދޮށަށް އެންމެން އައުމުން އެހުރިހާ އެންމެނަށް ހަނާ އަޅާލައިފައި އިޝާން އިން ކާރުގެ އަނެއްފަރާތުން އަރައި އިށީންދެލިއެވެ. އޭރު ފުދޭވަރަކަށް ވައިގަދަވެފައި ވިއްސާރަ އަންނަން އުޅޭ ކަމުގެ ކުދި އަލާމާތްތައް ދިޔައީ ފެންނަމުންނެވެ. މުސްކާން ފިނިވެފައި ދެއަތްދެއަތާއި އުނގުޅަން ފެށިއިރު އިޝާންވެސް އިނީ ހިތް ނުތަނަވަސްވެފައެވެ. އެހާ ދުވަސްފަހުން ބައްދަލުވުމުން ވެފައި ހުރި އުފަލާއެކު ބިރުވެރިކަމެއްވެސް އެހިތުގައި އެއްކަނެއްގައި ވިއެވެ. އެއީ ދޮޅުއަހަރުތެރޭގައި އޭނާ ބޭނުންނުވާ ބަދަލެއް މުސްކާންއަށް އައިއްސައި ހުރެދާނެ ކަމާމެދުގައެވެ. މުސްކާންގެ ހިތް އެހެން ފިރިހެނަކަށް ދެވިފައި ވެދާނެ ކަމާމެދުގައެވެ. އެހެންވެއްޖެނަމަ އޭނާއަށް މަޖުބޫރުވާނީ އަމިއްލަ ހިތް ހަލާކުކޮށްފައިވެސް މުސްކާޏް ދޫކޮށްލާށެވެ. އެއީ މާކުރިއްސުރެ ވެފައިވާ ވަޢުދަކަށް ވާތީއެވެ.

"ސޯ.....ދަތުރު ކިހިނެތް ދިޔައީ؟" އިޝާން އިސްވެ ފެށިއެވެ. މުސްކާން ކުއްލިއަކަށް އެދިމާއަށް މޫނު އަނބުރާލި ވަގުތު އިއްތިފާޤުން އިޝާންވެސް ބަލައިލުމުން ހަތަރުކަޅި ބައްދަލުވިއެވެ. "ރަނގަޅު. ވަރަށް ނިޔާމަ." މުސްކާން އަވަހަށް ނަޒަރު ވަކިކޮށްލާފައި ބަލަން ފެށީ މަގުމައްޗަށެވެ. "ދެން؟" އިޝާންއަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. "ދެން..." އެވަގުތު މުސްކާންގެ ވާހަކަވެސް ހުރީ އެމޭރުމުންނެވެ. އިޝާން އޭނާގެ ފަރާތުން އަހަން ބޭނުންވަނީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ.

"އައި މިސްޑް ޔޫ..." ހިމޭންކަމުގައި ސިކުންތުކޮޅެއް ދިޔަ ފަހުން އިޝާން އިއްވައިލިއެވެ. މުސްކާށް ބަލައިލެވުނީ އަނެއްކާވެސް އެމޫނަށެވެ. އޭނާވެސް އިޝާންމަތިން ހަނދާންވިކަން ޔަޤީނެވެ. އެކަމަކު އެހެން ބުނެފިއްޔާ އިޝާން އެހެން މާނައެއް ނަގައިފާނެތީ ބުނާކަށް ބޭނުމެއް ނުވިއެވެ. "އިޓްސް އޯކޭ އިފް ޔޫ ޑިޑިންޓް މިސް މީ. ކިޔަވާކުދިން އެހެން ކަންކަން ހިތުގައި ބާއްވައިގެން އުޅުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން." މުސްކާން ކަންބޮޑުވެފައި އިންދާ އިޝާން އަނެއްކާވެސް ވާހަކަދެއްކިއެވެ. މުސްކާންގެ މެއަށް ފިނިވެގެން ދިއުމާއެކު ހައިރާންވެގެން ދެލޯ ބޮޑުކޮށްލެވުނެވެ. އިޝާން އެހާ ރަނގަޅީ ކީއްވެ ހެއްޔެވެ؟ އެހާ ޕޮޒިޓިވްކޮށް ވިސްނަނީ ކީއްވެ ހެއްޔެވެ؟ އެއްފަހަރުވެސް އޭނައާ ދޭތެރޭ އިޝާން ނުނިޔަތަކުން ނުވިސްނާހާ ހިނދަކު ހިތް ބަދަލުވާނެ އެއްވެސް ގޮތެއް ނެތެވެ.

"ގެއަށް އާދެވުނީ." މުސްކާން ބަލަހައްޓައިގެން އިންދާ އިޝާން ވާހަކަދެއްކި އަޑަށް މަގުމައްޗަށް ނަޒަރު ހުއްޓާލިއިރު ތެދެކެވެ. ގެއަށް އާދެވުނުލެއް މާ އަވަސްހެން އެވަގުތު މުސްކާންއަށްވެސް ހީވިއެވެ. އަދި އިޝާންއަށް ހީވާނީ ކިހިނެތް ހެއްޔެވެ؟

"މުސްކާން؟" އޭނާ ފައިބަން އުޅުނުވަގުތު އިޝާން ގޮވާލުމުން މަޑުޖެހެވުނެވެ. އިޝާން ބަލަން އިނދެލާފައި ކުއްލިއަކަށް ފަހަތުން ސީޓާއި ދިމާއަށް ގުދުވެފައި ނެގި ކުޑަ ،އަތަށް ލައިދެމުން މިފަހަރު ގުދުވީ އޭނައާ ދިމާއަށެވެ. މުސްކާންގެ ހިތް އެފުށް މިފުށަށް ޖެހިގެން އައިވަގުތު ކުރާނެ ކަމެއް ނޭނގިގެން ދެލޯމަރައި ބާރުކޮށްލެވުނީއެވެ. އެވަގުތު އިޝާން ކައިރިވެލާފައި ސީޓު ބެލްޓް ނައްޓައިދިންއިރު ދާދި ކައިރިން އެރީތި މޫނު ދުށުމުގެ އުފާ ހާޞިލް ކުރިއެވެ.

"ކީއްވެ ލޯމަރައިގެން ތިއިންނަނީ؟ ގެއަށް ދާން ބޭނުން ނޫނީތަ؟" އިޝާން ފަހަތަށް ޖެހިލާފައި ސީޓުގައި ހަމަޖެހިލަމުން ސުވާލު ކުރިއެވެ. އެއަޑަށް މުސްކާން އަވަހަށް ލޯ ހުޅުވާލައިފައި ބަލާލިއިރު އިޝާން އިނީ އޭނާގެ ސީޓުގައެވެ. އަނެއްކާ ދެންމެ ވީ ކަންތައް އެއީ އޭނާ ކުރެވުނު ހަމައެކަނި ވަހުމެއް ހެއްޔެވެ؟

"ގުޑްނައިޓް." މުސްކާން ކުޑަ ހިފައިގެން ފައިބަން އެނބުރުނުއިރު އިޝާން ކިޔައިލިއަޑު އިވުނެވެ. އޭނާ ވަކި ޖަވާބެއް ނުދީ ފައިބާފައި ތުނިކޮށް ވެހެމުންދިޔަ ވާރެއިން ސަލާމަތް ވުމަށްޓަކައި ކުޑަ ހުޅުވާލައިގެން އަވަހަށް ގޮސް ގެއަށް ވަނެވެ. މަންމަ ސިޓިންރޫމްގައި އިނދެފައި ކާން އުޅޭށޭ ބުނުމުން ކަންތައްވީގޮތް ކިޔައިދީފައި މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. މުސްކާން އެތެރެއަށް ވަދެފައި ކުޑަ ބަހައްޓަންވެގެން އައިސް ކައިރިވީތަނުން ހައިރާންކަމެއް ލިބުނެވެ. އޭނާއަށް ފެނުނީ މީގެ އެތަކެއް ދުވަސް ކުރިން ، އެއްރޭ ވެހުނު ވާރޭގައި ނުދަންނަ މީހަކު އެހީ ފޯރުކޮށްދިނުމަށް ދިން ކުޑައެވެ. އެއީ ހަމަ އެކުޑައެވެ. މުސްކާން އަތުގައި މިހާރު އޮތް ކުޑައާއި އެއްވެސް ތަފާތެއް ނެތް ކުޑައެކެވެ. ހަމަ އެ ނޫ ކުލައެވެ. އަދި މުއްގަނޑުގައި ޖަހާފައިވާ ހުދު ކުލައިގެ ތިކި ތަކެވެ. މުސްކާން ބަލަން ހުރެފައި އެކުޑަވެސް ނަގައި ދެކުޑަ އެކީ ހުޅުވާލީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އެވަގުތު ކުރިން ފާހަގަނުވި ކަމެއް ފާހަގަވިއެވެ. އެއީ ކުޑައިގެ މުއްގަނޑުން އެލިފައިވާ ވާކޮޅުގައި ހަރުކޮށްފައިވާ ޕްލާސްޓިކް އެތިކޮޅެއްގައި ލިޔެފައިވާ އައި އަކުރާއި އެސް އަކުރެވެ. ދެ ކުޑައިގައިވެސް ހަމަ އެދެ އަކުރު އެއްގޮތަކަށް ލިޔެފައި އެބައޮތެވެ.

"އިޝާން ސަމީރު" މުސްކާންއަށް ވިސްނުނުގޮތަށް އެދެއަކުރުން ދޭހަވާ އެއްޗެއް ކިޔާލިއެވެ.

ކޮމެންޓް 0