"ދެން ވެސް މި ސައިތަށީގައި ބާކީބައި ހުސްކުރޭ!" މުސްކާން އަވަސް އަވަސްކޮށް އެސްފިޔަޖަހާލަން އިނދެފައި އިރުކޮޅަކުން ސައިތަށި ނަގައި އިޝާންއަށް ދިއްކޮށްލިއެވެ. "އުހު. ތިއުޅެނީ މުސްކާން ތި ހުސް ނުކުރަން ވެގެން. އަހަރެން އަދި ކިބިއްސެއް އަޅައިލިއަސް އައިމް ފައިން." އިޝާން ދެކޮޅު ހަދާފައި ކޮޅަށް ތެދުވިވަގުތު މުސްކާން ކުއްލިއަކަށް އަތުގައި ހިފެހެއްޓުމުން ސިހުނެވެ. އޭނާ މޫނު އަނބުރާލައިފައި ބަލައިލިއިރު މުސްކާން އިނީ ކުޑަކުއްޖެއްހެން ބުމަ ކައިރިކޮށްލައިގެންނެވެ. "ބަހަނާ ދައްކަނީ އަހަންނެއް ނޫން. އިޝާން. ކޮންމެފަހަރަކު އަހަރެންނަށް މިހާ ނުބައި ސައި ބޯންދޭއިރު އެއްފަހަރުވެސް އިޝާން މީގެ ރަހަ ބަލައިލިންތަ؟" މުސްކާން ދެއްކި ވާހަކައިން އިޝާންއަށް ހެވިއްޖެއެވެ. އޭނާ އާއެކޭ ބުނެ އެއްބަސްވީވެސް ހެމުންނެވެ. "އިޝާން އައިމް ނޮޓް ކިޑިން." އިޝާންއަށް މަޖާވިތަން ފެނިގެން މުސްކާން ކުރިއަށްވުރެވެސް ބޮޑަށް ބުމަ ގޮށްޖަހައިލިއެވެ. އޭނާއަށް ހީވީ އިޝާން ދޮގު ހަދަނީ ކަމަށެވެ. އަދިވެސް ބަހަނާ ދައްކަނީ ކަމަށެވެ. އިޝާން އެވަގުތު ސީރިއަސް ވެލާފައި ސައިތަށީގައި ހިފުމުން މުސްކާން އެއަތުން ދޫކޮށްލައިފައި ބަލަން އިނެވެ. ދެން ފެނުނީ އިޝާން އެއް ނޭވައިން އެހުސްކޮށްލާފައި މުސްކާންގެ އަތަށް ލައިދިން ތަނެވެ.

"އަހަރެން ދުވަހަކުވެސް މުސްކާންއަށް ދޮގެއް ނުހަދާނަން. އެފަދަ ދުވަހެއް އަޔަސް އަހަރެން އެކަން ކުރާނީވެސް މުސްކާންއަށްޓަކައި." މުސްކާންއަށް އޭގެ އެތެރެ ފެނުމުން ހައިރާންވެ ލޯ ބޮޑުކޮށްލައިގެން އިންދާ އިޝާން މާނަ ފުން ޖަވާބެއް ދީފައި ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕައިލިއެވެ.

ހުސްވެފައި ހުރި ތަށިތައް ހިފައިގެން ގޮއްސައި މުސްކާން އައިއިރު އިޝާން އޮތީ ބަންޑުން އެނދަށް ވެއްޓިގަނެގެންނެވެ. ނިދާފައި ކަމެއް ނޫނީ ޖައްސާލައި އޮތީ ކަމެއް ޔަޤީނެއް ނުވިއެވެ. މުސްކާން ބަލަން ހުރެލާފައި ގޮސް ހެދުން ބަދަލުކޮށްގެން ނިކުމެ ޑްރެސިންޓޭބަލް ކައިރީ އިށީންދެލީ ކުރަކިވެފައިވާ ދެއަތުގައި ލޯޝަން ކޮޅެއް އުނގުޅާލުމަށެވެ. އެވަގުތު އެތާ އޮތް އިޝާންގެ ފޯނު ވައިބްރޭޓް ވާތަން ފެނިގެން ސަމާލުކަން ދެވުނެވެ. ސްކްރީނަށް އަރާފައިވާ "ޝިފްރާ" އެއީ ކޮންމެވެސް ތާކުން އެހި ނަމަކާއި ވައްތަރުވިއެވެ. އެހެން ނޫނަސް ރޭގަނޑު ނިދާ ގަޑީގައި އެކުއްޖާ އިޝާންއަށް އެގުޅަނީ ކީއްކުރަން ބާއޭ ހިތަށް އެރިއެވެ.

މުސްކާން ބަލަން ހުއްޓާ ފޯނު ކެނޑުމުން އޭނާ ކުރަން އިން މަސައްކަތް ނިންމާލައިފައި ތެދުވެގެން ގޮސް އިޝާން އޮތް ފަރާތް ނޫން އަނެއްފަރާތުގައި އިށީންދެލިއެވެ. ބަންޑުން އޮވެފައި އިޝާން މަގަތަށް އެނބުރިލީ އެވަގުތުއެވެ. ދާދި ކައިރިން އިޝާން ބަލައިލި ގޮތުން އަތް ފައި ފިނިވެ ހިތް އަވަސްވެލިއެވެ. އެހާސްކަން ފޮރުވަންވެގެން ތިރިއަށް ސޮހިގެންފައި ރީތިކޮށް ބާލީހުގައި ބޯއެޅުމުން ދެމީހުންނަށް ތިބެވުނީ އެއް ހަމައެއްގައެވެ.

"ނިދަންތަ ތިއުޅެނީ؟" އިޝާން މަޑުމަޑުން ސުވާލު ކޮށްލިއިރު މުސްކާންގެ އަތްތިލައިގައި ހިފާ އިނގިލިތަކާ ކުޅެން ފެށިއެވެ. މުސްކާން ހަމައެކަނި ހޫމ އަޅުވާލައިފައި އޮވެގެން މަސައްކަތް ކުރީ އިޝާންގެ މޫނަށް ނުބަލާ ވޭތޯއެވެ. "މިރޭ ހިއެއްނުވޭ އަވަހަށް ނިދޭނެ ހެނެއް. ލޮލުގަ ނެތް ނިދީގެ އަސަރެއް..." އިޝާންވެސް ދެން ވާހަކަދެއްކީ ސީލިންގަށް ކަޅި ހުއްޓާލައިގެން އޮވެއެވެ. ވާހަކައިގެ މިސްރާބު ހުރި ގޮތުން ދާން ނުވާ ހިސާބަކަށް ގޮސް ދާނެތީ މުސްކާން އެވަގުތުވެސް ޖެހިލުންވިއެވެ. އިޝާންއަށް އިތުބާރު ކުރެވުނަސް އެއީ ފިރިހެނަކަށް ވީތީ އަދިވެސް ކުޑަކޮށް ޖެހިލުންވެއެވެ.

"މުސްކާން ނިދިއާދޭތަ؟" އިޝާން ސުވާލުކޮށްލިއެވެ. "ހޫމ" ދޮގުހަދަން ޖެހުމުން މުސްކާންގެ ހިތަށް ނުބައި ގޮތެއްވިއެވެ. އޭނާ ލޯމަރާލައިގެން އަނެއްފަރާތަށް އެނބުރުމުން އިޝާންވެސް "ގުޑްނައިޓް" ކިޔާފައި އިތުރަށް އުދަނގޫ ކުރާ ހިޔާލެއް ނުކުރިއެވެ. އިރުކޮޅަކުން އިޝާން ތެދުވެގެން ދުރަށް ދިޔަކަން އިހްސާސްވިއެވެ. މުސްކާންއަށް އެދެލޯ ހުޅުވާލެވުނީ އިޝާން ކޮންމެވެސް މީހަކާ ވާހަކަދައްކަން ފެށި އަޑަށެވެ. ނުފެނުނަސް ކަންފަތް ދީގެން އޮތުމުން ދެތިން ލަފްޒެއްވަރު ސާފުވިއެވެ. ޝިފްރާއޭ ކިޔާލިކަން ޔަޤީނުންވެސް އެނގުނެވެ. އިޝާންއަށް މިސްކޯލު ފެނިގެން ގުޅީބާއޭ ހިތަށް އަރާފައިވެސް އޭނާ އޮތީ ނިދާކަމަށް ހެދިގެންނެވެ. އިތުރަށް ދެތިން މިނިޓެއް ފަހުން އިޝާން ޓީޝާޓެއް ބޮލަށް މަހާލައިގެން ނިކުމެގެން ދިޔައެވެ.

ލޮލުގައި ހުރި ނިދީގެ ކުޑަ ކަންފުޅުވެސް ނެތިގެން ދިޔައީ އެހިސާބުންނެވެ. އިޝާން ބޭރުގައި ގިނައިރު ވީ ވަރަކަށް ތަފާތު ހިޔާލުތައް ސިކުނޑި ވަށައިގެން އެނބުރެން ފެށިއެވެ. މިވިއްސާރަ ރޭ އިޝާން އެދިޔައީ ޝިފްރާއާ ބައްދަލު ކުރަން ހެއްޔެވެ؟ ސުވާލަކީ އިޝާންއާ އެއަންހެންކުއްޖާއާ އޮތް ގުޅުމެވެ.

ގަޑިއެއްގެއިރު ފާއިތުވެ ދިއުމުން މުސްކާންއަށް އިތުރަށް ކެތެއް ނުވިއެވެ. އޭނާ ތެދުވެ ލައިގެން ހުރި އަތްކުރު ޓީޝާޓާއެކު ބުރުގާއެއް އަޅައިގެން ކޮޓަރިން ބޭރަށް ބޯދިއްކޮށްލީ ވަގެއް ހެންނެވެ. ސިޓިންރޫމަށް ވެރިވެފައިވާ ފަނޑުއަލީގައި އެތަން ފެންނަނީ ފަޅު ކޮށެވެ. ހީވާގޮތުން އެންމެން މިހާރު ނިދީއެވެ. ވެހޭ ވިއްސާރައިގެ އަޑާއިއެކު ދޭތެރެއަކުން ގުގުރީގެ އަޑުވެސް އަންނަނީ ސިހުން ގެނުވާފައެވެ. މިވިއްސާރަ ތޫފާނީ ރޭ އިޝާން އޭނާ އެކަނި ކޮށްލާފައި ދާކަށްވެސް މިފަހަރު ފަހެއް ނުޖެހުނެވެ. ޝިފްރާއަކީ ޔަޤީނުންވެސް އާދައިގެ ކުއްޖެއް ނޫންކަމުގައި މުސްކާންއަށް ޤަބޫލު ކުރެވިއްޖެއެވެ.

ސިޑީގެ ހަރުފަތްތައް ކަޑައްތުކޮށްފައި ގޮސް ސޯފާތައް ފަސްދެނިކޮށް ނިކަން ގަދައަށް ވިދައިލިއެވެ. އެއާ ވިދިގެން ޖަހާ ގުގުރީގެ އަޑު ގަދަވާނެކަން އެނގިގެން މުސްކާން ތައްޔާރުވިއެވެ. އޭނާ އަތުގެ އިނގިލިތަކުން ބާރުކޮށްލީ ކައިރީ ހުރި ސޯފާގެ ލެނގޭބައިގައެވެ. ދެވަނަ ސިކުންތުގައި ޖެހި އެގުގުރީގެ އަޑާއެކު ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަނގައިގެ ނިކުތް ހަޅޭކުގެ އަޑު މާދުރަށް ނުފެތުރެނީސް އެމީހަކު އޭނާގެ އަނގަމަތީ ހިފަހައްޓާ ބާރުކޮށްލީ ނިކަން ހުޝިޔާރު ކަމާއެކުގައެވެ.

"މުސްކާން! ކާމް ޑައުން! މީ އަހަރެން. އިޝާން." ކަންފަތްދޮށުގައި އިޝާން އެބަސްތައް ކިޔައިލި ގޮތުން ހީލިކަރުވައިގަތެވެ. އެކަމަކު އެނޭވާގެ ހޫނުން ހަންގަނޑަށް އަރާމުވިއެވެ. މުސްކާންގެ ބިރު ފިލައި ހަމައަކަށް އެޅޭހާއިރު ފަހުން އިޝާން ދުރަށް ޖެހިލާފައި ވެއްޓިގަތީ އޭނާ އިނދެފައި ތެދުވި ސޯފާއަށެވެ. މުސްކާން އައިސް ކައިރިވީއިރު އިޝާން އެތާ ދިގު ދެމިލައިގެން އޮތުމުން މީހަކު އޮތްކަން ފާހަގަ ނުކުރެވުނީއެވެ.

"ކީއްކުރަން ބޭރަށް ތިނިކުތީ؟ އަހަރެން ނެތީމަ ހޯދަންވެގެންތަ؟" އިޝާން ސުވާލުކުރިއިރު މުސްކާންގެ މޫނަށް ފުންކޮށް ބަލައިލިއެވެ. މުސްކާން އޭރުވެސް ނޭވާ ހަމައަކަށް އަޅުވަން ހުރީ އިށީންނަ ހިޔާލެއް ނެތިއެވެ. "ބަލާލިއިރު ފެންނަން ނެތީމަ." މުސްކާން މިފަހަރު ދޮގު ހަދާކަށް ބޭނުމެއް ނުވިއެވެ. "ހިނގާ އެހެން ވިއްޔާ ދެން ދާން!" އިޝާން ކުއްލިއަކަށް ތެދުވެފައި މުސްކާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. މުސްކާން ހީކުރީ ފޯނުގެ ވާހަކަ ބުނާނެ ކަމަށެވެ. އެކަމަކު ހީކުރި ގޮތާއި ޚިލާފަށް އިޝާން ޝިފްރާގެ ނަންވެސް ނުގަތުމުން އޭނާ އިތުރަށް ޝައުޤުވެރިވިއެވެ.

ކޮޓަރިއަށް ވަދެފައި އިޝާން ކުއްލިއަކަށް އަތުން ދޫކޮށްލުމުން މުސްކާންއަށް ހުސްކަމެއް އިހްސާސްވިއެވެ. އިޝާން ގޮސް އެނދުގައި އޮށޯތްތަން ބަލަން ހުރެފައި ހިނގައިގަންއިރު އަތުގެ އެހިސާބުގައި އަނެއް އަތުން ފިރުމާލެވުނެވެ. އޭނާ ހީކުރީ އިޝާން މިރޭވެސް އެމޭގައި ބޯއަޅާލުމަށް ފުރުސަތު ދޭނެ ކަމުގައެވެ. އެހަށިގަނޑުގެ ހޫނުކަމަށް ބޭނުން ވީ ރަޖާތެރޭވެސް ހީފިލާގޮތް ނުވީމައެވެ. މުސްކާންއަށް ނޭނގުނީ އޭނާ އަތުތެރޭ ބޮނޑިކޮށްލުމަށްޓަކައި އެވަގުތު އިޝާންވެސް އޮތީ ކެތްމަދުވެފައި ކަމެވެ. އެކަމަކު އިޝާން ޖެހިލުންވީ އެހިސާބުން ދެން އަމިއްލަ އިހްސާސްތައް ކޮންޓްރޯލް ނުކުރެވިދާނެތީއެވެ. ބިތްދޮށަށް އެނބުރި އޮވެގެން މޭގައި މަޑުމަޑުން ތަޅަމުން އެހިތަށް ވިސްނައިދޭން ކުރި މަސައްކަތް މުސްކާންއަށް ރޭކައިލާނީ ކިހިނެތް ހެއްޔެވެ؟

ދެދުވަހެއް ފަހުން މުސްކާންގެ މަންމަ ބަލިވިއެވެ. ގަދައަށް ހުން އައިސް ތަންތާ ރިއްސަނީއެވެ. ޑޮކްޓަރަށް ދައްކާފައި ނިކުމެ ދެމައިން ގޮނޑިބަރީގައި ބައިންދާފައި ބޭސް ނަގަން ބައްޕަ ދިޔަ ވަގުތު އިޝާން އައެވެ. "މުސްކާން!" އިޝާން ގޮވާލުމުން މުސްކާން ތެދުވެގެން އެއްފަރާތަކަށް ޖެހިލިއިރު އެދެމީހުންނަށް އަމާޒުވި ލޯތައް ފާހަގަ ކުރެވުނެވެ. "މުސްކާން. އަހަރެންނަށް ފެންނަނީ މަންމަ ރަނގަޅު ވަންދެން މުސްކާން އެގެއަށް ބަދަލުވާން. މުސްކާންމަންމަ މުސްކާންއަށް ބޭނުން ވާނެ." އިޝާން އަމިއްލައަށް ހުށައެޅި ހިޔާލުން މުސްކާންގެ ހިތް ފުރިގެން އައެވެ އޭނާ ބޯ ޖަހާލައިފައި ވަގުތުން އެއްބަސްވިއެވެ.

އެރޭ މަންމައަށް ކާން ދީފައި ނިކުމެ ނޯކަރާއި ދެމީހުން ބަދިގޭގައި އުޅެނިކޮށް ކޮންމެވެސް މީހަކު ބެލް ޖެހިއެވެ. "އަހަރެން މިދަނީ." މުސްކާން އަތް ދޮންނަން އުޅެނިކޮށް ނޯކަރު ބުނެލިއެވެ. އޭނާ ބޯ ޖަހާލައިފައި ކުރަން ހުރި މަސައްކަތް ކުރިއަށް ގެންދަން ފެށިއެވެ. އިރުކޮޅަކުން އެކުއްޖާ އައިސް ބުނީ ގެއަށް އައީ އިޝާން ކަމުގައެވެ. އެވަގުތު ހިތް ތެޅިލީ އާދަޔާ ޚީލާފަށެވެ. ކުއްލިއަކަށް އިޝާން ކުރިމައްޗަށް ދާން ބޭނުންވީ ކީއްވެކަމެއް ނޭނގުނެވެ. މުސްކާން އަވަހަށް ނިންމާލައިފައި އަތްދޮވެގެން ނިކުތްއިރު އިޝާން ފެންނާކަށް ނެތެވެ. ޝައްކުވެގެން ގޮސް މަންމަ ކޮޓަރި ދޮރު ހުޅުވާލިއިރު އިނީ މަންމަގެ މަގަތުގައެވެ. އިޝާން އޭނާގެ މަންމައަށް އަޅާލާ މިންވަރު ފެނުމުން މުސްކާން ހިތްހަމަޖެހުނެވެ.

އިރުކޮޅެއް ފަހުން އިޝާން ތެދުވިތަން ފެނިގެން އަވަހަށް ފަހަތަށް ޖެހިލާފައި އަނެއްފަރާތަށް އެނބުރުނެވެ. އެކަމަކު އިޝާން ނިކުންނަން ވާއިރަށް އެތަނުން ދާން އުޅެގެން ކާމިޔާބެއް ނުވިއެވެ. "މުސްކާން!" ވަކި ހިސާބަކުން އިޝާންއަށް ފެނިގެން ގޮވާލުމުން މުސްކާންގެ ދެފައި ބިމުގައި ތަތްލައިފިއެވެ. އޭނާ އެނބުރި ބަލައިލާފައި ހުރި ގޮތަށް ހުއްޓެވެ. އިޝާން ހީވަނީ ދެންމެ ފެންވަރާލައިގެން އައިސް ހުރި ހެންނެވެ. ކަނޑު ނޫކުލައިގެ އަތްދިގު ޓީޝާޓާއި ޖިންސްގައި ނިކަން ހިތްގައިމެވެ.

"ބޭސް ދިނީތަ މިހާރު؟" އިޝާންގެ ވާހަކަ ހުރީ މަންމައާ ގުޅިފައެވެ. މުސްކާން ބޯ ޖަހައިލިއެވެ. ދެމީހުން އެކަކު އަނެކަކާއި ކުރިމަތި ލައިގެން ސޯފާތަކުގައި އިށީންއިރު ހަތަރުކަޅި ހުރީ ބައްދަލުވެފައެވެ. "ކައިފިންތަ؟" މުސްކާން އަހައިލިއެވެ. އިޝާން އެވަގުތު ބޯޖަހައިލުމުން އޭނާއަކަށް އެހާ ކަމަކު ނުދިޔައެވެ. ހިތުލައިގެން ހުރީ އިޝާން ނުކައި ހުރިއްޔާ ދެމީހުން އެއްކޮށް ކެއުމަށެވެ. ފަހަކަށް އައިސް ކެއުމުގެ އާދަވެސް ހިފިފައި ހުރީ އިޝާންއާއެކުގައެވެ. "މުސްކާންއަށް މަންމަ ފޮނުވި އެއްޗެއްވެސް ގެނައިން. އަދި މުސްކާން ބޭނުންވެދާނެތީ އަހަރެން ގެނަ ބައެއް އެއްޗެހި އެހުރީ އަނެއް ކޮތަޅުގަ." އިޝާން ޖަވާބުދީފައި ސޯފާމަތީ ކުރިއްސުރެ ބަހައްޓާފައި ހުރި ދެކޮތަޅު ދައްކައިލިއެވެ. "ތޭންކްސް." މުސްކާންއަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ.

"ދެން އަހަރެން ދަނީ. މާދަން އަންނާނަން." އިޝާން ހިމޭނުން އިނދެލާފައި ތެދުވިއެވެ. އަދިވެސް އެއްފަހަރު މުސްކާންގެ ހިތް ޝަކުވާއިން ފުރިގެން އައެވެ. މުޅި ދުވަހު ބައްދަލުނުވެ ހުރެފައި އައި މީހާ އެދަނީ ރަނގަޅަށް ވާހަކަވެސް ދައްކާ ނުލައެވެ. "ކިހިނެތްވީ. މާ ބިޒީތަ މާ އަވަހަކަށް ދާން ތިއުޅެނީ؟" މުސްކާންގެ އިޚުތިޔާރަކާ ނުލާ އެސުވާލުތައް އަނގައިން ނިކުތެވެ. އިޝާން ތެދުވެ ފަސްއެނބުރިފައި ބަލައިލުމުން އޭނާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ތިމާގެ ދުލުން ބޭރުވާ ކޮންމެ ބަހަކީ ތިމާ ޒިންމާވާން ޖެހޭ އެއްޗެކެވެ.

"މަޑުކުރަންވީތަ؟" އިޝާންވެސް އެވަގުތު ބޭނުންވީ މުސްކާން ބުނާ އެއްޗެއް ބަލާލުމަށެވެ. "ނޫނޭ ތިހާ ބިޒީކޮށް އުޅޭއިރު އަވަހަށް ނިދަންވެސް ޖެހޭނެއެއްނު. ހެނދުނު ޑިއުޓީ އޮންނާނެ." މުސްކާން ހަނދާންކޮށްދޭ ފަދަ ގޮތަކަށް ރައްދު ދިނެވެ. އޭނާވެސް ގޮތުގައި ހިފަހައްޓާލައިފައި ހިތުގައި އޮތް ގޮތަށް ބުނާ ހިތެއް ނުވިއެވެ.

"ގުޑްނައިޓް މުސްކާން." އިޝާން ނިކުންނަން ވެގެން ހިނގައިގަތެވެ. މުސްކާން ބަލަން ހުރެފައި އިޝާން ގޮސް ލޯމަތިން ގެއްލުމުން ކޮތަޅުތައް ހިފައިގެން ދުވެފައި ވަނީ ކޮޓަރިއަށެވެ. އޭނާ އެކޮތަޅުތައް އެނދުމައްޗަށް ދޫކޮށްލައިފައި އަވަހަށް ގޮސް ފޮތިގަނޑު ދުރުކޮށްލައިގެން އިޝާންގެ ކާރު ގޮސް އޮބާލިތަން ބެލިއެވެ. އެހިސާބުން ފުން ނޭވައެއް ދޫކޮށްލައިފައި އައިސް ޖެހިގަތީ އެނދަށެވެ. ރުޅިގަދަވެފައި ހުރި ކުއްޖަކު ފަދައިން ބެޑްޝީޓަށް ބޮނޑިބާލާފައި ކޮތަޅުތައް ފެނިގެން ހާވައިލަން ގަސްތު ކުރިއެވެ. އިޝާން ބުނިހެން އެއްކޮތަޅުގައި ހުރީ ހަފްނާ ފޮނުވާފައި ހުރި ފޮނި ކާއެއްޗެކެވެ. މުސްކާން އެކޮތަޅު އެއްކައިރިކޮށްލާފައި އަނެއްކޮތަޅު ނެގިއިރު ޑްރެސިންޓޭބަލް މަތީ ހުރި ބައެއް ރީތިވާ އެއްޗެހީގެ އިތުރަށް އައިޒަންއާ އޭނާގެ ކުޑަ ފޮޓޯ ފްރޭމެއް އޮތެވެ.މުސްކާންގެ ހިތަށް ފުން އަސަރެއް ކުރިއެވެ. ކުއްލިއަކަށް ހަނދާންވީ އޭނާ އަލަމާރި ތެރޭ އެފްރޭމް ފޮރުވައިގެން އުޅެ އެއްދުވަހަކު ބަލަން ހުއްޓާ އިޝާން އަންނަން ފެށުމުން ފޮރުވި ކަމެވެ. އެފްރޭމް ގެނެސްގެން އިޝާން އަދިވެސް އެއްފަހަރު އެބުނެދިނީ އައިޒަންދެކެ ވާ ލޯއްބަށް ހުރަސް ނާޅާނެ ކަމެވެ.

ނިދަން އޮތްއިރު އިޝާން މަތިން ހަނދާންވިއެވެ. ހިތަށް އެރީ އިޝާން ނިދުމުގެ ކުރިން މެސެޖެއް ނަމަވެސް ކޮށްލާނެ ކަމަށެވެ. އެކަމަކު ހީކުރި ގޮތަށް އެއްކަމެއްވެސް ނުވިއެވެ. ޖެހިގެން އައި ދުވަހު އިޝާން އެގެއަށް އައީ މުސްކާން ތަރުކާރީ ކޮޅެއް ގަންނަން ނިކުމެ އުޅުނު ގަޑީގައެވެ. ގެއަށް އައިސް ވަންތަނާ ނޯކަރު އެވާހަކަ ބުނުމުން ހިތްހަމަ ނުޖެހުނެވެ. އިޝާންއަށް އޭނާ އަންނަންދެން މަޑުނުކުރެވެންޏާ ގުޅާލި ނަމަވެސް ކީއް ހެއްޔެވެ؟ ކުއްލިއަކަށް އިޝާންއަށް ބަދަލުތަކެއް އަންނަން ފެށީ ވަކި ހާއްސަ ސަބަބަކާއި ގުޅިގެން ބާވައޭ ހިތަށް އަރައި ވިސްނެން ފެށިއެވެ.

މުސްކާން ދެން އިންތިޒާރު ކުރީ ރޭގަނޑު އިޝާން އަންނާނެ ކަމަށް ބަލައިގެންނެވެ. އަދިވެސް އެއްފަހަރު ހީކުރި ގޮތަށް ކަންތައް ނުދިއުމުން ކެތްތެރިކަން ކޮޅުންލިއެވެ. ނިދަން އޮވެފައި ގުޅާލިއިރު ކޯލް ވެއިޓިންގައެވެ. އެކޯލު ކެނޑެންދެން މުސްކާން ހުރިއިރު އިޝާން އަޅައެއް ނުލިއެވެ. ޖަވާބު ނުދިން ތާނގައި ފަހުން ނުވެސް ގުޅިއެވެ. މުސްކާން ގާތަށް ރުޅި އައިސް ރޮވެން ފެށިއެވެ. އިޝާން ކުއްލިއަކަށް އޭނާ ދުރުކޮށްލައިގެން އެއުޅެނީ ކުރެވުނު ކޮން ކުށެއްގެ ސަބަބުން ބާވައޭ އަމިއްލަ ހިތާ ސުވާލު ކުރަން ފެށުނެވެ.

އިރުގަނޑެއް ފަހުން އިޝާން ގުޅާތަން ފެނުމުން އައިސް ހުރި ރުޅީގައި ފޯނު ކަނޑާލިއެވެ. ދެވަނަ އަދި ތިންވަނަ ފަހަރަށް އިޝާން ގުޅީމައިވެސް ކަންތައް ކުރި ގޮތަކީ އެއީއެވެ. ދެން އައީ މެސެޖެކެވެ. ކިހިނެތްވީހޭ އަހައިފައެވެ. މުސްކާން ފޯނު ސައިޑު ޓޭބަލްމައްޗަށް ދޫކޮށްލައިފައި ބަންޑުން އޮވެ ނިދަން މަސައްކަތް ކުރަން ފެށިއެވެ. އިރުގަނޑެއް ފަހުން އިތުރު ދެ މެސެޖު ފުލުފުލުގައި އައުމުން ނޯވެވިގެން ތެދުވެ ފޯނު ބެލިއެވެ. ފުރަތަމަ މެސެޖްގައި މިހުރީ ގޭ ކައިރީ ކަމަށް ލިޔެފައި އޮތް އިރު ދެވަނަ މެސެޖްގައި ދޮރު ހުޅުވަން އެދިފައި އޮތެވެ. މުސްކާންގެ މެއަށް ފިނިވެގެން ދިއުމާއެކު ގަޑި ބަލާލެވުނެވެ. އެކެއް ޖަހާ ދިޔަ ފަހުން އިޝާން ހަމަ ހަޤީޤަތުގައިވެސް އަތުވެދާނެ ހެއްޔެވެ؟

ދެފިކުރެއްގައި އޭނާ ހުރެގެން ދުވެފައި ގޮސް ދޮރު ހުޅުވާލިއިރު ގޭގެ އެހެން މީހަކަށް ހޭލެވިދާނެތީ ސަމާލުވިއެވެ.

 

ކޮމެންޓް 0