މުސްކާން ގެއަށް އައިސް ވަންއިރު ރަމްލާ އޭނާ ލަސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިގޮތުން ސަމާލުކަން ދެވުނެވެ. "ދަރިފުޅު ކައިރީ ވާހަކައެއް ބުނަންވެފަ މިހުރީ." މުސްކާން ހަމަ ފެނުނުއިރަށް ރަމްލާ ބުނެލިއެވެ."ވަރަށް ނިދި އައިއްސަ މިހުރީ މަންމާ. މާދަން ބުނަންވީއެއްނު." މުސްކާން އާފުރިލާފައި އެދުނެވެ. ރަމްލާ އެދަރިފުޅަށް ފުންކޮށް ބަލައިލާފައި އެންމެފަހުން އެއްބަސްވެ ބޯޖަހައިލިއެވެ. މާދަމާއަކީ ބަންދު ދުވަހަކަށް ވާތީ މާ ރަނގަޅަށް ހަމަޖެހިލައިގެން އެވާހަކަ ދެއްކިދާނެއެވެ. "ތޭންކްސް މަންމާ. ގުޑްނައިޓް!" މުސްކާން ޅަކުއްޖެއްހެން ދުވެލާފައި ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕައިލިއެވެ. އެކަމަކު އެއުފާވެރިކަމާއި ހަމަޖެހުމަކީ އެކަނި މަންމަ ކުރިމަތީ ދައްކައިލި ކުލައެކެވެ. ދޮރުން އެތެރެ ވެވުމާއެކު ގަނޑުވެފައި ހުރި ބުދެއްހެން ދޮރުފަތުގައި ލައްގަނެލައިގެން ހުރެފައި މަޑުމަޑުން ސޮއްސާލައިގެން ތިރީގައި އިށީންދެއްޖެއެވެ. މެއާއި ހަމައަށް އުފުލާލެވުނު ދެކަކޫ މަތީގައި ކޯތާފަތުގެ އެއްފަޅި ޖައްސާލައިގެން އިނދެފައި އިރުކޮޅަކުން ތިރީގައި އޮތް ދަބަސްތެރެއިން ކޮންމެވެސް އެއްޗެއް ނެގިއެވެ. އެއީ އައިޒަންގެ އައިޕޮޑެވެ. ހެޑްސެޓް އަޅައިލުމާއެކު އައިޒަންގެ ޕްލޭ ލިސްޓްގެ އެންމެ ކުރީގައި އިން ލަވަ "ހެޔޮ ހާލުގާ"ގެ އަޑު އިވިގެން އަންނަން ފެށިއެވެ. ލަވައިގެ ކޮންމެ ތަންކޮޅަކުން ތަކުރާރުކޮށް ހިނިތުންވެ ހުރުމަށް ބުނަމުންދިޔައިރު ކަރުނައިގެ ތެރެއިންވެސް މުސްކާން ހިނިތުންވެލިއެވެ. އެއީ އޭނާގެ އައިޒަން އެންމެ ބޭނުންވި ގޮތެވެ. އައިޒަން ބޭނުންވަނީ އޭނާ އަބަދުވެސް ހިނިތުންވެފައި ހުރުމަށެވެ. ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށެވެ. އައިޒަން ނެތަސް އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު ހިނގާނީ އައިޒަން ދެއްކި މަގުންނެވެ. ހާސިލް ކުރަން މަސައްކަތް ކުރާނީ އައިޒަންގެ އުންމީދު ތަކެވެ. މިއަދު އޭނާގެ އުފަލަކީ އެއީއެވެ. އަޒުމަކީ އެއީއެވެ. އެއީ އައިޒަން ފަޚުރުވެރިވާފަދަ ކުއްޖަކަށް ވުމެވެ.

ވަރުބަލިވެގެން މުސްކާން އޮށޯވެލީ ކާޕެޓްމަތީގައެވެ. ސީލިންގަށް ހުއްޓާލެވިފައި އޮތް ދެލޯ މެރުނުއިރު ކަންފަތުގައި ހަރުލާފައި ހުރީ އަނެއްކާވެސް އައިޒަންގެ ލިސްޓުން އިތުރު ލަވައެކެވެ.

ދެބަދޭތެރޭ އޮވެ އޭނާއަށް ފެނުނީ އައިޒަން އޭނާގެ ކުރިމަތީ އިނދެގެން އެލަވަ ކިޔައިދެމުން ދިޔަ ތަނެވެ. ކިރިޔަ ކިރިޔާ ހުޅުވާލެވިފައި ހުރި ލޮލުގެ އެސްފިޔަތައް ބަރުކަމުން އިތުރަށް އެންމެ ތަންފުކެއްވެސް ހުޅުވައެއް ނުލެވުނެވެ. ހަތަރެސްފައި ގަނޑުވެފައިވާއިރު ހަރަކާތެއް ނުގެނެވުނެވެ. ލަވަ ނިންމާފައި ބަލަން އިނުމަށްފަހު އައިޒަންގެ އާދައިގެ މަތިން ތިރިވެލާފައި ނުހަނު ލޯބިން އޭނާގެ ނިއްކުރީގައި ބޮސްދިނެވެ. އެލުއި ބީހިލުން މުސްކާންގެ ހުރިހާ ނާރަކަށް ރާޅުބާނިތައް ފޮނުވައިލިއެވެ.

ފަތިހު ހޭލެވުނީ ފިނި ބޮޑުވެގެންނެވެ. ކޮޓަރީގައި ޖަހާފައި ހުރި ފަންކާގެ އިތުރަށް ހުޅުވާފައި ހުރި ކުޑަދޮރުންވެސް ވައި ވަންނަމުން ދިޔަކަން އިހްސާސްވީ ވަޔާއެކު ހަރަކާތް ކުރަމުންދިޔަ ދޮރުފޮތިގަނޑު ފެނިފައެވެ. މުސްކާން ތެދުވެފައި އަވަހަށް ގޮސް ކުޑަދޮރު ލައްޕާ ބަންދު ކުރިއެވެ. ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ބަރުވެފައިވާ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެފައި ފާޚާނާއަށް ވަދެ ވުޟޫ ކޮށްލިއެވެ. ފަތިސް ނަމާދަށްފަހު ބަދިގެއަށް ވަދެ ކޮފީތައްޓެއް ބޯލުމުން ފިނީގެ އުނދަގޫ ކެނޑި ހަށިގަނޑަށް އަރާމުވިއެވެ. މުސްކާން އެތާ ހުއްޓާ ރަމްލާ ހޭލައިގެން ނިކުމެފައި އަވަހަށް ތެދުވީތީ ހައިރާންކަން ފައުޅު ކުރިއެވެ. ފަތިސް ނަމާދަށްފަހު ހޭލާ ހުރުމުގެ ބަދަލުގައި އޭނާ އަބަދުވެސް އިޚުތިޔާރު ކުރަނީ އިތުރު ނިދިކޮޅެކެވެ.

"މިއަދު ހަމަ ހިތަށްއެރި ގޮތް." މުސްކާން މަންމައަށް ބަލާލައިފައި ޖަވާބުދިނެވެ. ރަމްލާ ނާސްތާ ތައްޔާރު ކުރަން ފަށައިގަތުމުން މުސްކާން އިނީ މޭޒުކައިރީގައި ފޯނާ ކުޅެލަ ކުޅެލައެވެ. އިރުކޮޅަކުން ފަހަރަކު މީހަކު ހޭލައިގެން ތިރިއަށް އަންނަން ފެށިއެވެ. ޝުހާދު ބޫޓަށް އަރާލައިގެން ބޭރުން އައީ ދުވެފައެވެ. ދަލުން ތެމި ފޯވެފައި ހުރެގެން ފްރިޖުން ޖޫސް ޕެކެޓެއް ނަގައި އަނގައަށް ދެކޯވަރެއް ވަރު އަޅައިގެން ބޯލިއެވެ. ބައްޕައާ ބޭބެއަށް ކޮފީ ހަދައިދިނީ މުސްކާންއެވެ. އެމީހުން ނިކުމެގެން ދިޔައިރު މަންމަގެ ނަޒަރު އެމޫނަށް ހުރިކަން މުސްކާންއަށް ފާހަގަވިއެވެ. އޭނާ ޖޯޑުތައް ދޮވެ ނިންމާފައި ބޭރަށް ނިކުތުމުގެ ބަދަލުގައި އިށީންދެލީ މަންމައަށް ކުރިމަތިލައިގެން އަނެއްކާވެސް މޭޒު ދޮށުގައެވެ.

"ދެން ބުނެބަލަ މަންމަ ތިބުނަން އުޅޭ އެއްޗެއް." މުސްކާން ފުރުސަތު ދީފައި އަޑު އަހަން ވެގެން އިނެވެ. ރަމްލާ ފުން ނަޒަރެއް ދީފައި އަތުގައި ހުރި ފުއްތައް ސާފު ކުރުމަށްފަހު އައިސް ހުއްޓުނީ މުސްކާންގެ ކުރިމައްޗަށެވެ. މަންމަގެ މިހަރަކާތުން މުސްކާން ސީރިއަސްވީ ދައްކަން އުޅެނީ ބޮޑުވާހަކައެއް ކަމަށް ހީކޮށްފައެވެ. "މަންމަ ތިހެން އަނގައި ނުބުނެ ހުރީމަ އަހަރެން ބިރުގަނޭ." މުސްކާންއަށް ކެތް ނުވެގެން ބުނެފިއެވެ. އޭރު ރަމްލާ އެމޫނަށް ބަލައިލާފައި ވާހަކަދައްކަން އުދަނގޫވެގެން އުޅޭފަދަ ގޮތަކަށް ދުރުބަލާލީއެވެ.

"މަންމަ ނުދައްކާނަން ބިރުގަންނަ ވާހަކައެއް. އެކަމަކު މީ ދަރިފުޅުގެ މަންމައަށް ވީތީ މިގޮތަށް ވާހަކަދައްކާލަން މިޖެހުނީ. ދަރިފުޅާ މުސްކާން. މަންމަ ޤަބޫލު ކުރަން ދަރިފުޅު މިދުނިޔޭން ހަމައެކަނި ލޯބިވީ އައިޒަންދެކެކަން. އެނގޭ އައިޒަން ހިތުން ފުހެލަން ފަސޭހަ ނުވާނެކަން. އެކަމަކުވެސް މަސައްކަތް ކުރީމައެއްނު ކުރިއަށް ދެވޭނީ. މިހާރު އައިޒަން ނިޔާވިފަހުންވެސް އަހަރަކަށްވުރެ ގިނަ ވީ. މަންމައަކަށް ހިއެއް ނުވޭ ދަރިފުޅު ތިއުޅޭ ގޮތަށް ބަލާފަ ދުވަހަކު މީހަކާ އިންނަން ހިޔާލު ކުރާހެނެއް. މަންމަ ކޮންމެހެން މަޖުބޫރެއް ނުވެސް ކުރާނަން އެހާ އަވަހަށް ދަރިފުޅު މީހަކާ ދެވާކަށް. އެނގޭ ހާސިލް ކުރަން ބޭނުން އެތައް އުންމީދުތަކެއް އަދިވެސް ހުރިކަން. އެކަމަކުވެސް މަންމަ ކަންބޮޑުވޭ ދަރިފުޅު އެކަނިވެރިކޮށް އުޅޭތަން ފެނުނީމަ. މަންމަ އެކުވެރިންގެ ތިއުމުރުގެ ދަރިން މީހުނާ އިނދެގެން އެހެރަ އުޅެނީ. މަންމައަށް އެތަން ފެނުނީމަ ފާހަގަ ކުރެވެނީ ދަރިފުޅު ފިރިހެނަކާ އަނގައިންވެސް ނުބުނެ އުޅޭކަން." ރަމްލާގެ ވާހަކަ އެހިސާބަށް ދިޔަތަނާ މުސްކާން އެއަތުގައި ހިފާލުމުން ކުއްލިއަކަށް މެދުކަނޑާލެވުނެވެ. ބަލަން ހުއްޓާ މުސްކާން ހިނިތުންވެފައި ތެދުވީ ކޮޅަށެވެ.

"މަންމާ. އަހަރެން ހާދަ އުފާވޭ ތީ އަހަރެންގެ މަންމައަށް ވީމަ. ޔޫ އާ ދި ބެސްޓް. އެކަމަކު މަންމާ އަހަރެން އެކަނިވެރިއެއް ނޫނޭ. އަހަރެން މިއުޅެނީ ނުހަނު އުފަލުގަ. އުފަލުގަ ހުރުމަށް ލޯބިވެރިއެއް ނޫނީ ފިރިއެއް މަޖުބޫރެއް ނޫނޭ މަންމާ. އެހެންނޫނަސް އަހަރެން އަދި އެހާ އުމުރުން ދުވަސްވީއެއްވެސް ނޫނެއްނު މަންމާ. އަހަރެން ބޭނުން އަދި ނިކަން މައްޗަށް ކިޔަވަން. އޭގެ ފަހުން އަހަރެން ތިކަހަލަ ކަމަކާ ވިސްނާނީ. އެހެންވީމަ މަންމަ ކުރަންވީ ކަމަކީ އަހަރެންނަށް ހިތްވަރުދޭން ހުރުން. އަހަރެން މިއަށްވުރެވެސް މައްޗަށް ކިޔަވައިގެން ވާނީ މަންމަ ފަޚުރުވެރިވާފަދަ ކުއްޖަކަށް." މުސްކާން ހިނިތުންވެފައި ދައްކަމުންދިޔަ ވާހަކައިގެ ތެރެއިން ލޮލުގެ ކަނުން ކަރުނަ ފައުޅުވެގެން ދިޔަ ހިނދު ރަމްލާގެ ހިތަށް އަސަރު ކުރިއެވެ. ދެއްކިވާހަކަ މުޅިން ނުނިމެނީސް އޭނާ މުސްކާން ގެނެސް މޭގައި ޖައްސާލައިފިއެވެ. މުސްކާންއަކީ އަންހެން ކުދިންނަށް މިސާލެކެވެ. އަންހެންކުއްޖަކަށް ވިއޭ ކިޔާފައި އޭނާ ކިއެވުމަށް ކުރާ އުންމީދުތައް އެންމެ ތަންފުކެއްވެސް ކުޑައެއް ނުކުރެއެވެ.

މެންދުރުވެގެން އައިއިރު ނުހަނު ހޫނު ގަދައެވެ. މުސްކާން ގޭގައި އުޅޭ ދުވަހެއްވެ ހާއްސަ އެއްޗެއް ކައްކާލަން ބަދިގޭގައި އުޅުނީ އެކަންޏެވެ. އަތްކުރު ޓީޝާޓް ކޮޅަކާއި ދޫ ހަރުވާޅެއްގައި އޭނާ ހުރީ ބޮލުގައި ހުޅިއެއްވެސް ޖަހާފައެވެ. އެވަރުންވެސް ނިއްކުރިމަތިން އެލިފައިވާ ބައި ކަންފަތް ކައިރިން ނެއްޓިގެން މޫނަށް ނިވާ އަޅައި ގޯނާ ކުރަމުން ދިޔައެވެ. ދެއަތުގައި ކައްކާއެއްޗެހި ހޭކިފައި ހުރެގެން އެއިސްތަށިކޮޅު ދުރުކޮށްލާނެ ގޮތެއް ނޭނގިގެން އަނގައިން ފުމެނިކޮށް ބަދިގެއަށް މީހަކު ވަންހެން ހީވިއެވެ. މުސްކާން އެނބުރި ބަލާލިއިރު ފެންނާކަށް ނެތެވެ. ދެމީހަކު އެތާހުރެފައި ފުރަގަހުގައި ހުރި ކަބަޑު ފުރަގަހަށް ތިރިވިކަމެއް އޭނާއަށް ރޭކައިލާނީ ކިހިނެތް ހެއްޔެވެ؟

މުސްކާން ރުޅިގަދަވެގެން އަނގައަށް ގޮތެއް ހަދާލައިފައި އަނެއްކާ ފުމެލަން އުޅެނިކޮށް އޭނާ ސިއްސުވާލައިފައި ބާރުގަދަ އަތަކުން، މޫނު ނުއެނބުރޭނެހެން ބޮލުގެ ދެފަރާތުން ބާރަށް ހިފަހައްޓާލައިފިއެވެ. "ކާކު؟ ޝުހާދުބޭބެތަ؟" މުސްކާން ތެޅިގެންފައި ސުވާލުކުރިއިރު އަތުގައި އޮތް ދޭފަތްވެސް ތިރިއަށް ވައްޓައިލިއެވެ. އެވަގުތު ލީވާން ހިނިއައިސް ހުރެގެން އެއް އަތް ނަގާފައި އެއަތުން މުސްކާންގެ އިސްތަށިކޮޅު ގެނެސް ކަންފަތް ކައިރިއަށް ލައްވާލިއިރު އިޝާން ދާދި ކައިރީ ހިނި އައިއްސައި ބަލަން ހުއްޓެވެ.

"ދެން އެނބުރުނަސް އޯކޭ." ލީވާން ވާހަކަދެއްކި އަޑާއެކު ބޮލަށް ދޫލިބުމުން މުސްކާން އެނބުރި ބަލާލައިފައި ފާޑަކަށް ރަކިވިއެވެ. އެހާ ހަޑިކޮށް ބަދިގެތެރޭ އުޅެނިކޮށް މިދެމީހުން މިތަނަށް ވެއްދީ ކާކު ހެއްޔެވެ؟ އޭނާ ތުންގަނޑަށް ގޮތެއް ހަދާލައިފައި ނޫންކަމަށް ހެދެން ވެގެން ސިންކު ކައިރިއަށް ޖެހި އަތްދޮންނަން ފެށިއެވެ.

"މުޝްޕޮޓޭޓޯ މަންމަ އަހަރެމެން ވައްދާފަ ބުނީ ބަދިގޭގައޭ ވީ. ދޯ އިޝާން." ލީވާން ހުރީ ހަމަޖެހިލާފައެވެ. "ދެން މަންމަ އެހެން ބުންޏަސް ތިދެމީހުން މިތަނަށް ވަންނާކަށް ނުވެއެއްނު. ގޭގަ އުޅޭއިރުވެސް ވަންނަ ތަނެއް ނޫނެއްނު ބަދިގެ މީ. ދޭ ބޭރަށް ކާއެއްޗެހީގެ ވަސް ހިފައިފާނެ." މުސްކާން އެނބުރިފައި ވާހަކަދެއްކިގޮތުން ލީވާން ހީގަތީ ޖޯކެއް ކިޔައިދެވިގެން ކަހަލަ ގޮތަކަށެވެ. "ތިއުޅެނީ އަހަރުން ފޮނުވާލަން ދޯ. ބައި ދަ ވޭ ކޯއްޗެއް ތި ކައްކަނީ؟ ޕޮޓޯޓޯތަ؟" ލީވާން ހީހީފައި ކުރި ސުވާލަކުން އިޝާން ގާތަށްވެސް ހިނިއައެވެ. އެވަގުތު މުސްކާންއަށް ވިސްނުނު އެންމެ މޮޅު ގޮތަށް ކަންތައް ކުރަންވެގެން ކަބަޑެއް ތެރޭހުރި ޓަށްޕަކުން ގޮދަންފުށް މުށެއް ނަގާ މުށްމަޅާލުމާއެކު ދެމީހުން ގެއްލުނީ ވިދުވަރެއް ހެންނެވެ. އެހިސާބުން ދެން ހުނުމުގެ އަޑު ގުގުމާލައިފައި ހުރީ މުސްކާންގެއެވެ. އޭނާ ފުށްތައް އޮއްސާލައިފައި އެކަނި ހުރެގެން އެތައް އިރަކު ހުނެވެ.

އެމީހުން އައި ސަބަބު ހާމަކުރީ ކާން ތިބެފައެވެ. ބަންދު ދުވަހަކަށް ވުމުން މާބޮޑަށް މުސްކާން ހަނދާންވެގެން އައީކަމަށް ލީވާން ބުނެލިއެވެ. އިޝާން އެއްޗެއް ނުބުނެ އިނަސް އޭނާ ހިތުގެ އަޑިން ތާއީދު ކުރިއެވެ. އެންމެ އިރުކޮޅަކަށް އެސޫރަ ލޮލަށް ނުފެނުނަސް ހިތް ތެޅެނީ އޮބި ނޯންނަ ވަރަށެވެ. ދެރައީ އެކަން ފައުޅު ކުރާނެ ހިތްވަރު އޭނާއަށް ދުވަހަކުވެސް ކުރަން ނުކެރޭނެތީއެވެ.

އިޝާން ކުރިން ނިންމާފައި ނިކުމެ ސިޓިންރޫމްގައި އިނދެގެން މިއަދުވެސް ބެލުނީ ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯލޯގަނޑު ތަކަށެވެ. ރަމްލާ ކޮޓަރިން ނިކުތްއިރު މިމަންޒަރު ފެނުނެވެ. އޭނާ ކައިރިވެފައި ދުފާ އެއްޗެހި ބޭނުންތޯ އެހުމުން އިޝާން ބޯޖަހާލައިފައި އިނެވެ. އިރުކޮޅަކުން ރަމްލާ ދުފާ ތަބައް ގެނެސް އިޝާން ކުރިމަތީ ބަހައްޓާފައި އެތާހުރި އެހެން ސޯފާއެއްގައި އިށީންދެލިއެވެ.

"ފޮޓޯގައި ކަނާތްފަރާތަށް އެހުރީ މުސްކާންގެ ކާކު؟" އައިޒަން ރަމްލާ ކުރެން އެހިއެވެ. އެވަގުތު ރަމްލާ ބުނެދިނީ އެއީ މުސްކާންގެ ދޮންބެ ކަމެވެ. ކެންސަރު ބަލީގައި ޒިހާން ނިޔާވެދިޔަ ދުވަސްތަކުގެ ވާހަކަ ކުރުގޮތަކަށް ކިޔައިދިނުމުން އިޝާންގެ ހިތަށް އެތައް ގޮތެއްވިއެވެ. އެނާޒުކް އަންހެންކުއްޖާ ނުއުފުލާ ވޭނެއް ކޮބައި ހެއްޔެވެ؟ އެންމެ ފުރަތަމަ ލޯބިވާ ދޮންބެއެވެ. ދެން ލޯބިވެރިޔާއެވެ. އައިޒަންއެވެ. އޭނާ މުޅި އުމުރު ދުވަހު މަސައްކަތް ކުރިއަސް މުސްކާންގެ ހިތުން އެހިތާމަތައް ފިލުވައިދެވޭނެ ކަމެއް ނޭނގެއެވެ. އަދި އެހިތުން ޖާގައެއްވެސް ލިބޭނެ ކަމެއް ނޭނގެއެވެ. ހަމައެކަނި އޮތީ ކުރެވޭ އުންމީދެކެވެ. ޔަޤީންކަމެއް ނެތް ކަނިފަށެކެވެ. ޖެހިލާ އެންމެ ވައިރޯޅިއަކުން އެކަނިފަތް ނިވިގެން ދާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އެކަމަކު އޭނާއަށް އެއް ކަމެއް ޔަޤީނެވެ. އެއީ އަރައިގެން އޮއްސޭ ކޮންމެ ދުވަހަކާއެކު ހިތުގައި މުސްކާންގެ މައްޗަށް އޮތް ލޯބި އިތުރުވެގެން ދާނެކަމެވެ. އިޝާން ބޭނުންވިއަސް ދެން އެއީ ކޮންޓްރޯލްގައި ނެތް ކަމެކެވެ. އާއެކެވެ. އޭނާގެ ހިތަކީ މިހާރު އޭނާގެ އެއްޗެއް ނޫނެވެ. އެއީ މުސްކާންގެ އެއްޗަކަށް ވެ ނިމިއްޖެއެވެ.

ޝައިލީންގެ ހިތުގައި ޓަކިދެމުން ދިޔަ ޝައްކުގެ ވާހަކަ އޭނާ ބުނީ ސަނާ ކައިރީގައެވެ. އިއްތިފާޤުން ސަނާ އެއީ މާކުރިއްސުރެ މުސްކާން އެއާއިލާ ކުއްޖަކަށް ހަދާނެ ގޮތަކާމެދު ވިސްނަމުންދިޔަ ފަރާތެވެ. އެހިސާބުން ޝައިލީންއާ ސަނާގެ ލޯ އަބަދު އިޝާންގެ ހަރަކާތްތަކަށް ހުންނަން ފެށިއެވެ. އެހެން މީހުންނަށް ފާހަގަ ނުވިއަސް އިޝާންގެ ކޮންމެ ހަރަކާތަކާއި އަމަލެއްގައި ފޮރުވިފައި އޮތް ލޯބި އެމީހުން ކުރިމަތީ ހާމަވިއެވެ. ލީވާންއާ އިފްހާމްގެ ނަޒަރުގައި މުސްކާން އެއީ އެއްބަނޑު ކުއްޖެއްކަމަށް ދެކުނަސް އިޝާންގެ ނަޒަރު އެކަނިވެސް ހާސް ތަފާތެވެ. ކިރިޔާ ފުރުސަތެއް ލިބުނަސް ސިއްރުން ބަލައިލުމާއި ކޮންމެ ކަމެއްގައި މުސްކާން އިސްކޮށްފައި ވެވުނު ވަރަކުން ހުރިހާ ކަމެއް ކޮށްދޭތަން އެމީހުން ދެކެއެވެ. ޔަޤީންވުމުން ސަނާ އެންމެފަހުން ނާޝިދުގެ ކަންފަތާއި ހަމައަށް ގެންދިޔައެވެ. އެހިސާބުން ދެން އެމީހުންގެ ވިސްނުމާއި ގުޅުނީ މުސްކާންގެ މަންމައާ ހަމައަށް ގެންދިއުމެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު މުސްކާން އެހާ އަވަހަށް އެކަކާއިވެސް ކައިވެނި ނުކުރާނެކަން އެނގުނަސް އެމީހުން ބޭނުންވަނީ މުސްކާންގެ އާއިލާގެ ރުހުމާއި ޔަޤީންކަމެވެ. އެހެން ދިމާއަކަށް މުސްކާން ގެއްލިގެން ނުދާނެ ކަމުގެ ގެރެންޓީއެވެ.

ސަނާ އެވާހަކައާއިގެން ރަމްލާ ކައިރިއަށް އައި ދުވަހަކީ ފުދޭ ވަރަކަށް ވިއްސާރަ ދުވަހެކެވެ. މުސްކާން އޭރު ޑިއުޓީއަށް ގޮސް ހުރީ ވާރޭ ވެހޭތީ ނާދެވިފައެވެ. ތުނިކޮށްލިއަސް ތެމިފައި އޮންނައިރު ފަސޭހައިން ސައިކަލު ކަހައިލާގޮތް ވާނެއެވެ.

"މިހާ ވިއްސާރަ ދުވަހެއްގައި ކުއްލިއަކަށް ބައްދަލު ކުރަން އައީމަ އަހަރެން މިހުންނަނީ ކަންބޮޑުވެފަ؟ އަނެއްކާ ގޯހެއް ހިނގީތަ؟" ރަމްލާ ބަދިގެއިން ނިކުތްއިރު ތަބަކުގައި ހުރި ދެ ސައިތަށި ކުޑަމޭޒުމަތީ ސަނާއާ ނާޝިދު ކުރިމަތީ ބަހައްޓަމުން ވާހަކަދެއްކިއެވެ. "ނޫނޭ. ތިހެން ހީނުކުރޭ. ކަމެއް ގޯހެއް ނުވޭ. އެކަމަކު އަހަރެމެންގެ ވަރަށް ބޮޑު އެދުމެއްގެ ވާހަކަ ދައްކަން މިއައީ." ސަނާ ހީލާފައި ސައިތަށި ނެގުމަށްފަހު ނާޝިދު އަތަށް ދީފައި އަނެއް ތަށި އަމިއްލަ އަތްމަތީ ބަހައްޓައިލިއެވެ.

ރަމްލާ ކުޑަކޮށް ހަމަޖެހިފައި ފުން ނޭވައެއް ދޫކޮށްލުމަށްފަހު ކުރިމަތީ ހުރި ގޮނޑީގައި އިށީންދެ އިންދާ ޣަފޫރުވެސް ކޮޓަރިން ނިކުމެގެން އަތުވެއްޖެއެވެ. "އަހަރުމެން ދައްކަން މިއުޅެނީ މުސްކާންގެ ވާހަކަ." ސަނާ ނާޝިދުއަށް ނަޒަރެއްދީފައި ކުޑަގޮތަކަށް އޮޅުންފިލުވައިދިނެވެ. "މުސްކާންއޭ؟ މުސްކާންގެ ކޮން ވާހަކައެއް؟" ޣަފޫރު ލޮލުގައި އިން އައިނު ނަގާފައި ކަންބޮޑުވެގެން އަންހެނުންނަށް ބަލައިލިއެވެ. "ކަމެއް ގޯސްވީއެއް ނޫން. މުސްކާންއަށް ރަނގަޅު ގޮތެއް ވާން އެދޭތީ އެވާހަކަ ބުނަން މިއުޅެނީ. އަހަރުމެން ދެކެނީ މުސްކާން އެއީ އަހަރުމެން ދަރިއެއް ކަމަށް. އަހަރެމެން ވިސްނަން އޭނަގެ ދިރިއުޅުމާމެދު. އައިޒަން ވަކިވެދިޔަ ފަހުން މާބޮޑަށް ވިސްނޭ. ކުރިން އެންމެ ކަންބޮޑުވަނީ މުސްކާން އެހެން ކުއްޖަކާ ކައިވެނިކޮށްގެން އަހަރުމެންނާ ދުރުވެދާނެތީ. އެކަމަކު އެނުތަނަވަސްކަން ފިލުވައިލާނެ ގޮތެއް އަހަރުމެންނަށް ފެނިއްޖެ މިހާރު." ސަނާގެ ވާހަކައިން ރަމްލާމެން ދެމަފިރިންނަށް މާބޮޑު އެއްޗެއް ނުވިސްނުނެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލާލައިފައި އަނެއްކާވެސް ސަނާއަށް ބަލަން ފެށީ އިތުރަށް އޮޅުންފިލުވައި ދިނުމަށް އެދިއެވެ.

"އަހަރުމެންގެ އިޝާންއާ މުސްކާންއާ ގުޅެން އަހަރުމެން ބޭނުންވަނީ." ސަނާ ހާމަކޮށްލިއެވެ.

ކޮމެންޓް 0