ގުޅޭތޯ ކުރި މަސައްކަތް ނާކާމިޔާބުވުމުން ހައްތަހާ ހިތް ނުތަނަވަސްވީއެވެ. ގެއިން ނިކުމެވުނީ މުސްކާން ނުފެންނަނީސް ހިތަށް ހަމަޖެހުން ނުލިބޭނެކަން ޔަޤީންކުރެވޭތީއެވެ. ބޭނުންވަނީ މުސްކާންގެ ދުލުން އެހެން ބުނެލާ އަޑު އަހާލުމަށެވެ. އިޝާން ކާރު ދުއްވާލައިފައި ގޮސް މުސްކާންގެ ކޮޓަރި ފެންނަ ހިސާބުގައި ބަލަން އިނެވެ. އެއީ ކުރީ ރޭވެސް އޭނާ އައިސް މަޑުކޮށްލި ސަރަހައްދެވެ. ކާރަކަށް ކިރިޔާ ވަދެވޭ ހަނި ގޯޅިގަނޑަށް ދެފަރާތުގައި ހުންނަ ގޭގައި ހައްދާފައިވާ ގަސްތަކުން ހިޔަނި އެޅިފައި އޮންނައިރު ފުދޭވަރަކަށް އަނދިރިއެވެ. އެކަހެރިވެލަން އެންމެ އެކަށީގެންވާ ތަންކޮޅެކެވެ. އިރުކޮޅެއް ފަހުން ގެއިން ނިކުމެގެން އަންނާތީ ފެނުނީ މުސްކާންގެ ބޭބެ ޝުހާދުއެވެ. ޝުހާދުގެ މިސްރާބު ހުރިގޮތުން އޭނާ އެއަންނަނީ އިޝާންކައިރިއަށް ކަން އެނގިގެން އަވަހަށް ދޮރު ހުޅުވާލަދިނެވެ. އެވަގުތު ޝުހާދު އައިސް ކައިރިވެފައި އަރައި އިށީންދެއްޖެއެވެ. "ވަގުތު އޮތިއްޔާ ވާހަކައެއް ދައްކާލަން ކަމަށް އަހަރެން މިއައީ." ޝުހާދު ހުއްދައަށް އެދެމުން ވާހަކަފެށިއެވެ. "ކުރިއަށް ގެންދޭ!" އިޝާން ހިނިތުންވުމާއެކު ބުނެލިއެވެ.

"އަހަރެން ފަހަރެއްގައިވެސް އިޝާންއާ ދެކޮޅުވެގެން ދައްކަން އުޅޭ ވާހަކައެއް ނޫން މީ. އެކަމަކު މުސްކާންއަކީ އަހަރެންގެ ކޮއްކޮވީމަ ނުދައްކާ ނުހުރެވިގެން މިބުނަނީ. އަހަންނަކަށް ހިއެއްނުވޭ މުސްކާން އިޝާންއާ ކައިވެނިކުރަން ބޭނުންވާ ހެނެއް. އޭނަ އާއެކޭ ބުނެ އެއްބަސްވިއަސް އެއީ އޭނަގެ ހިތުން އެދިގެން ބުނާ އެއްޗެއް ނޫން." ޝުހާދުގެ ފުރަތަމަ ޖުމްލަތައް އެކަނިވެސް އިޝާންގެ ހިތް ތޮރުފައިލިއެވެ. ހުންގާނަށް ބާރުކޮށްލެވުމާއެކު މަގަތަށް މޫނު އަނބުރާލިއިރު ޝުހާދުވެސް އިނީ ބަލާށެވެ. ޝުހާދު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދަން ފެށީ ދެނެވެ.

"އާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާ ވީމަ އޭނަ އުޅޭ ނޫޅޭ ގޮތް ވަރަށް ކައިރިން އަބަދުވެސް ބަލަން. އަހަރެން ދުށިން އޭނާ އައިޒަންގެ ބައިވެރިއެއްގެ ގޮތުގައި އުޅުނު ދުވަސްވަރު އަމަލުތައް ހުރިގޮތްވެސް. އެހާބޮޑު ބައްޔެއް ޖެހިފައިވާ މީހަކާއެކު އުޅުނުއިރުވެސް މުސްކާން ހުރީ އުފަލުން. ހަމަޖެހިލާފަ. އެކަމަކު މިފަހަރު އޭނަ ކިޔަވައިގެން އައިފަހުން މަންމަ ކައިވެނީގެ ވާހަކަ ދެއްކިފަހުން ޝީޒް ނޮޓް ހަރސެލްފް. އަބަދު ވިސްނަން އިންނަނީ. އެއްވެސް ކަމަކާ މާބޮޑު ސަމާލުކަމެއް ނުހުރޭ. އަބަދުވެސް ރީތިވެލައިގެން ހުރުމަށް ސަމާލުކަންދޭ ކުއްޖާ ނޭނގެ މިހަފްތާ ތެރޭ ބޮލުގައި ފުނާއެޅިކަމެއްވެސް. އިޝާން ބަލާބަލަ އޭނަގެ ކޮޓަރިތެރެ. އަބަދު ރީތިކަމުން އޮފްއަރުވާލައިފަ އޮންނަ ކޮޓަރިތެރެ ހީވަނީ ސާފު ނުކުރާތާ ގަރުނެއް ވެފަ އޮތް ތަނެއްހެން. އަދި ކުރީ ރެއަކު އަހަރެންނަށް ފެނުނީ ދަންވަރު މުސްކާން އިޝާންއާ ބައްދަލުކޮށްފަ ގެއަށް ވަންނަނިކޮށް. އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފަ. އޭނައަށް ނޭނގުނު ބޯނިވާ ނުކޮށް ނިކުވުނުއިރުވެސް. ރަށަށް އަންނަންވެގެން ބުރުގާ އެޅުމުން އާދަ ނުހިފިފައި ހުއްޓަސް އެހާ ބޮޑުކަމެއް މުސްކާން ގަސްތުގަ ކުރާނެ ހެނެއް ހިއެއްނުވޭ. ތީ އިންނަން އުޅޭމީހާ ކަމަށް ވިއަސް މުސްކާންއަކަށް ނުކެރޭނެ ހަމަހޭގަ ހުރެގެން އިޝާން ކުރިމައްޗަށް އެގޮތަށް ނިކުންނާކަށް. އެރޭ އަހަރެންގެ ޝައްކު ޔަޤީނަށް ބައްދަލުވީ. ދެން އިވުނީ ކުއްލިއަކަށް ކައިވެންޏަށް އެއްބަސްވި ޚަބަރު. މިހާރުވެސް ނޭނގެ މުސްކާން ވީތަނެއް. އޭނަ ދާނެހެން ހީވާ ހުރިހާތަނެއް ބަލައިފަ އަހަރެން މިއައީ. ދިއުމުގެ ކުރިންވެސް އަހަރެން ބުނާނީ، އަހަރެން ތިކައިވެންޏާ ދެކޮޅެއް ނޫނޭ. އިޝާން ތީ އަހަރެން ކޮއްކޮ ގުޅެން އެންމެ އެކަށީގެންވާ މީހާ. އެކަމަކު ހިތް ނުރުހޭ ކައިވެންޏެއްގެ ސަބަބުން ކޮއްކޮގެ ދިރިއުޅުން މިހާރު އޮތް ފައްތަރަށްވުރެވެސް ނުބައި ފައްތަރަކަށް ވެއްޓިދާނެތީ ބިރުގަންނަނީ. އުންމީދުކުރަން އިޝާން މިކަމާ ވިސްނާނެ ކަމަށް. ބޭނުމިއްޔާ އަދިވެސް މުސްކާންއާ ވާހަކަދައްކައިގެން އޭނާގެ ރުހުން ހޯދިދާނެ." ޝުހާދުގެ ވާހަކަ ނިމުނުއިރު އިޝާން އިސްޖަހާލައިގެން އިނުމުން ކޮނޑުގައި މަޑުމަޑުން ޖަހާލައިފައި ނިކުމެގެން ދިޔައެވެ.

ޝުހާދު ގޮސް ގެއްލުނު ފަހުން އިޝާން ހިންދެމިލިއިރު އެރީތި ލޮލުގައި ކަރުނަތައް ގިނަވެފައި ހުއްޓެވެ. އެކަމަކު އެއީ އޭނާގެ ހަޔާތަށް މުސްކާން ގެންނަން ކުރަމުން ދާ އުންމީދުތައް ފުނޑުފުނޑުވެގެން ހިނގައިދާނެތީއެއް ނޫނެވެ. މުސްކާން ވެއްޓިފައިވާ ކަޅު އަނދިރި ވަޅުގަނޑުން އަލީގެ ތެރެއަށް ނަގަން އޭނާ ކުރަން ނިންމާފައިވާ މަސައްކަތް ނާކާމިޔާބު ވެދާނެ ކަމަށްޓަކައެވެ. ބޭނުންވިއަސް އޭނާ މުސްކާންގެ ހިތް ފުރާލަދޭނީ ކިހިނެތް ހެއްޔެވެ؟ އަލުން އަނބުރާ އުފާވެރިކަން ހޯދާދޭނީ ކިހިނެތް ހެއްޔެވެ؟

ގެއަށް ދިއުމުގެ ހިޔާލު ދޫކޮށްލައިފައި އިޝާން އެވަގުތުވެސް މިސްރާބު ޖެހީ މުސްކާން ހޯދަން ދިއުމަށެވެ. ޝުހާދު ކިޔައިދިން ފަދައިން ހިޔާލީ ދުނިޔެއެއްގައި ހުރެގެން މޮޔަކަމެއް ކޮށްފާނެތީ ބިރުގަނެއެވެ. އެރޭވެސް ކުޑަ ހިނދުކޮޅަކަށް އިޝާން ހައިރާންވިއެވެ. އެކަމަކު އެއަށްވުރެ ބޮޑަށް އޭނާގެ ނަޒަރު ހުރީ މުސްކާންގެ ރީތިކަމަށް އަމާޒުވެފައެވެ.

އާސަހަރާ ކައިރިއަށް އިޝާން ކާރު މަޑުކޮށްލާފައި ފޭބިއިރު ވައިގަދަވެ ބިމުގައި ހުރި ފަތެއް ވިއްޔާ އުދުހެން ފަށައިފިއެވެ. އުޑުގައި ވިދަމުންދިޔަ ތަރިތައް ފޮރުވައިލީ ވަށައިގެން އުދަރެސް ވަށައިލި ކަޅު ވިލާތަކުންނެވެ. އިޝާން ދިގު ފިޔަވަޅުތަކެއްގައި ގޮސް ދޮރުން ވަދެފައި ފުރަތަމަވެސް ނަޒަރު ހުއްޓައިލީ އައިޒަންގެ މަހާނައަށެވެ. ނުތަނަވަސްވެފައިވާ ހިތުގައި އެވަގުތު ވައިރޯޅިއެއް ފިރުމައިލިފަދަ ފިނިކަން އިހްސާސްވިއެވެ. މުސްކާން ހުރީ އައިޒަންގެ މަހާނަ ކައިރީގައެވެ. ހެޔޮހާލުގައި މުސްކާން ހުއްޓާ ފެނުމުން އިޝާން ހެއްދެވިފަރާތަށް ޝުކުރު އަދާ ކުރިއެވެ. އޭނާ ގޮސް މުސްކާންއާ އެއްހަމައެއްގައި ހުއްޓިފައި ފިނިވެފައިވާ ދެއަތްތިލަ ޖީބަށް ކޮށްޕައިލިއެވެ. މުސްކާން ބުދެއްހެން އައިޒަންގެ މަހާނައަށް ބަލަން ހުރިއިރު ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައީ ކޮންފަދަ ހިޔާލުތަކެއްވެސް ނޭނގެއެވެ.

"އެންމެން އެބުނަނީ ހަމަ ތެދެއް. އިޝާންއަށްވުރެ ބޮޑަށް އަހަރެން ދަންނަ މީހަކު ނެތް." މުސްކާން ފަރާތަކަށް މޫނު އަނބުރާވެސް ނުލައި ވާހަކަދެއްކުމުން އިޝާން ސިހުނެވެ. އޭނާ އެތަނަށް އައިކަން އެނގުނީ ކިހިނެތް ހެއްޔެވެ؟ "ވަރަށް ގިނައިރުވެއްޖެތަ އަހަރެން ހޯދާތާ؟" އިތުރަށް ސުވާލެއް ކުރުމުން އޭނާ ބަލާލިއިރު އަދިވެސް ނަޒަރު ހުރީ މަހާނައަށެވެ. "އިރުކޮޅެއް ވެއްޖެ." މުސްކާން މޫނު އަނބުރާލައިފައި ހަތަރުކަޅި ހަމަކޮށްލުމުން އިޝާން އަވަހަށް ބުނެލިއެވެ. "ބިރެއް ނުގަނޭތަ މިތަނަށް އެކަނި އަންނާކަށް؟" އިޝާންގެ އަޑުގައި ހައިރާންކަން ވިއެވެ. އެކަމަކު މުސްކާން އެސުވާލަށް ޖަވާބުދޭކަށް ނުހަދައެވެ. އެނބުރިފައި ބުނެލީ ގެއަށް ދާން ވެއްޖެ ކަމަށެވެ.

ކާރަށް އަރައި ދުއްވާލިއިރު އިޝާން ދައްކަން ބޭނުންވި ކިތަންމެ ވާހަކައެއް ހިތުތެރޭ ފުނި ޖެހިފައި ވިއަސް ދުލާއި ހަމައަކަށް ނައެވެ. އިތުރަށް އޭނާ ހައިރާން ކުރުވީ މުސްކާން ހަމަޖެހިލާފައި އިނުމުންނެވެ. އަމިއްލައަށް ސެޓު އޮންކޮށްލާފައި އެއިން އަންނަމުން ދިޔަ ރީތި ލަވައެއްގެ ޖާދޫގައި ޖެހިފައި ބޭރުބަލަން އިނދެގެން ދޭތެރެއަކުން ހިނިތުންވެލައެވެ.

"ގުޑްނައިޓް އިޝާން." ގޭ ދޮރުމަތިން މުސްކާން ކާރުން ފައިބަމުން އިސްވެ ކިޔައިލިއެވެ. އިޝާން ހައިރާންވެފައި އޭގެ ޖަވާބު ދިނުމަށްފަހު މުސްކާންގޮސް ގެއަށް ވަންނަންދެން ބަލަން އިނދެވުނެވެ.

ކައިވެނީގެ ކަންތައްތައް ސްޕީޑްގައި ދާން ފެށިއިރު އިޝާންވެސް އުޅުނީ މަސައްކަތުގައި އަވަދިނެތިއެވެ. އަނެއްކޮޅުން ހަމަ އެދުވަސްވަރާއި ދިމާކޮށް އަތޮޅުތެރެއަށް ދާން ޖެހުނެވެ. މުސްކާން އަނެއްކާވެސް މަސައްކަތަށް ނިކުމެ އުޅެން ފެށުމުން އިޝާން ބޭނުންވިފަދަ ފުރުސަތެއް ނުލިބި، ޖެހުނީ ފުރައިގެން ދާށެވެ. އެނބުރިއާދެވުނުއިރު އެންމެން ތިބީ ކައިވެނީގެ ތާރީހެއްވެސް ކަނޑައަޅައިގެންނެވެ. އިޝާން ކޮޓަރިތެރޭގައި އުޅެނިކޮށް އިފްހާމްއާ ލީވާން އައީ ކައިވެނީގެ ފޯމު ހިފައިގެންނެވެ. އަދި ތިކަމާ އުޅޭނީ ފަހުންނޭ ކިޔަ ކިޔާ އޮތްވާވެސް އެދެމީހުން ކުރުނުކޮށް ދިޔައީ ފޯމުގައި އިޝާން ފުރަންޖެހޭބައި ފުރިހަމަކޮށް ސޮއިވެސް ކުރުވައިގެންނެވެ. ހަމަ އެރޭ އެމީހުން މުސްކާން ކައިރިއަށްވެސް ދިޔައެވެ.

ރަމްލާ އައިސް ޓަކި ޖަހާލިއިރު މުސްކާން ހުރީ ލޯގަނޑު ކުރިމަތީގައި ރީތިވާށެވެ. އިފްހާމް ގުޅާފައި ރަން ކިޔަން އަންނަ ވާހަކަ ބުނުމުން އޭނާ ހުރީ އެކަމަށް ތައްޔާރު ވެގެންނެވެ. މުސްކާން ނިމިގެން ނިކުންނަން އުޅެނިކޮށް ޑްރެސިންޓޭބަލް މަތީ އޮތް ފޯނު ރިންގްވިއެވެ. ބަލާލިއިރު އިޝާން ގުޅަނީއެވެ. "މުސްކާން ލިސެން ޓު މީ. އަހަރެން މުހިންމު ވާހަކައެއް ދައްކަން ބޭނުން. ކޮންއިރަކުން ބައްދަލު ކުރެވޭނީ؟" އިޝާން އަވަސްއަރުވާލައިފައި ކިޔާލިއިރު އަދި އެގޭތެރޭ ހިނގަންއުޅޭ ކަންތައްގަނޑުގެ ޚަބަރުވެސް ނުވެއެވެ. "ޔަޤިނުންވެސް މިގަޑިއަކު ނުވާނެ. މިގަޑީ މިއުޅެނީ ތިއަށްވުރެ މުހިންމު ކަމެއް ކުރަން." މުސްކާން އާދައިގެ ގޮތަކަށް ޖަވާބުދިނެވެ. "ކޮންކަމެއް ކުރަން ތިއުޅެނީ؟" އެބުނި އެއްޗެއްގެ މާނަ ނޭނގިގެން މަޑުޖެހިލާފައި އިޝާން ސުވާލު ކުރިއެވެ.

"ރަންކިޔަން." އިޝާންއަށް ނޭނގި އޮވެދާނެ ކަމާމެދު ޝައްކުވިއަސް މުސްކާން އެސުވާލަށް ފުރިހަމަ ޖަވާބުދިނެވެ. އެއަޑުއަހާފައި އިޝާން ސިހުނުކަން މުސްކާންއަށް އިހްސާސްވިއެވެ. "މުސްކާން އަހަރެން ދައްކަން މިއުޅެނީ ތިވާހަކަ. މުސްކާން ޔޫ ޑޯން ނީޑް ޓު ޑޫ ދިސް. އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެން ދުވަހަކުވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަމޭ." އިޝާންގެ ވާހަކަ ނުނިމެނީސް މުސްކާން ކުއްލިއަކަށް ނަމުން ގޮވާލި ގޮތުން މަޑުޖެހިލެވުނެވެ. "އިޝާން ޓްރަސްޓް މީ އަހަރެން ބޭނުން ވެގެން ރަންކިޔަން މިދަނީ. އަހަރެން ވަރަށް ވިސްނާފަ ނެގި ޑެސިޝަނެއް މީ. ކުރިން ޝައްކުތަކެއް އޮތަސް އައިޒަންގެ ގްރޭވްއަށް ވިޒިޓް ކުރި ހިސާބުން އަހަރެންނަށް ޔަޤީންވެއްޖެ މީ އެންމެ ރަނގަޅު ގޮތްކަން. އަހަރެން މިކަން މިކުރަނީ އަޒްއަށްޓަކައި. ޚުދު އަހަރެންނަށްޓަކައި. އިޝާންއަށްވެސް އެނގެއެއްނު އަޒް ބޭނުންވާ ގޮތް." މުސްކާން ޖަވާބުގައި އިއްވާލި ބަސްތަކަށްފަހު އިޝާން ބޭނުން ވިއަސް އިތުރަށް ރައްދެއް ނުދެވުނެވެ. ހިމޭންކަން އިޚުތިޔާރު ކޮށްގެން ހުއްޓާ ދެން އިވުނީ މުސްކާން ފޯނު ބޭއްވި އަޑެވެ. އެހިސާބުން އިޝާން ގޮސް ބެލްކަންޏަށް ނިކުމެ ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލެވުނީ ރެއިލިންއަށެވެ. ޝުހާދުގެ ވާހަކައަށްފަހު އޭނާ ނިންމައިގެން ހުރީ މިނިވަން ކަމާއެކު މުސްކާންއާ ވާހަކަ ދައްކާލުމަށެވެ. މުސްކާން ބޭނުން ނަމަ އަދިވެސް އިތުރަށް ވަގުތު ދޭން އޭނާ ޖެހިލުމެއް ނުވެއެވެ. އެކަމަކު އޭނާ ހައިރާން ކުރުވާފައި މުސްކާން މިހާރު އެއުޅެނީ ދުވަހަކު އުންމީދު ނުކުރާ ގޮތަކަށެވެ. އަނެއްކާ ކައިވެނި ކުރާއިރަށް މުސްކާންގެ ސިކުނޑިއަށް އިދިކޮޅު ހިޔާލުތައް ވަދެގެން ހާލަތު ގޯސްވެދާނެތީ ބިރުގަނެއެވެ.

އާއިލާ މީހުން ކައިވެނީގެ ހަފްލާ ބޮޑު ކުރަން ބޭނުންވިއަސް އިޝާންގެ ހުރީ އިދިކޮޅު ހިޔާލެވެ. އޭނާ ބޭނުންވީ ހަމައެކަނި އާއިލާގެ މީހުންނާއި ގާތް އެކުވެރިން އެހަފްލާގައި ޝާމިލު ކުރާށެވެ. ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ދެހިތުގެ ހަމަޖެހުން ނެތިގެން ދިޔައެވެ. އިޝާންއަށް އިތުބާރު ކުރެވުނަސް ކިތަންމެ ފަހަރަކު ނުބައި ހިޔާލުތައް އައިސް މުސްކާންގެ ސިކުނޑި ވަށައިލައެވެ. އަނެއްކޮޅުން އިޝާން ކަންބޮޑުވަނީ ކައިވެނީގެ ދުވަހުވެސް މުސްކާން އެކަމަށް އިންކާރު ކޮށްފާނެތީއެވެ. ނޫނީ ކައިވެންޏަށްފަހު އެކަމާއި ހިތާމަ ކުރަން ފަށައިފާނެތީއެވެ.

*****

އެއީ މޫސުމް ރީތި ދުވަހެކެވެ. ހެނދުނުއްސުރެ ގޭތެރެ އޮތީ ހަލަބޮލި ވެފައެވެ. ދެދުވަސް ކުރިން ފެށުނު ޑެކަރޭޝަންގެ މަސައްކަތް މިއަދުވެސް ކުރިއަށް ދެއެވެ. މުސްކާން ހެނދުނުގެ ނާސްތާއަށް އައިއިރު އިޝާންވެސް އައިސް ބޮޑުބެ އާއިލާގެ އެންމެންނާއި ބައިވެރިވެގެން އިނެވެ. މުސްކާން އެންމެ އުފާވީ ކައިވެނި އައިޒަންގެ ގޭގައި ކުރެވެން އުޅޭތީއެވެ. ބަލައިލި ކޮންމެ ދިމާއަކުން އާޝޯހުވާފަދަ ރީތިކަން ފެންނަން ފެށުމުން ހީވީ ހުވަފެނެއްގައި އުޅެވޭ ހެންނެވެ. އޭނަ އެންމެ ކުރިން ނިކުމެ ސިޓިންރޫމްގައި ހުއްޓާ އެއްލިކަޅިއަކުން ފެނުނީ އައިޒަން ގޮސް އެތަނުން ތަނބަކާއި ނިވާވި ތަނެވެ. މެއަށް ފިނިވެގެން ދިއުމާއެކު ހިތް ތެޅެން ފެށީ އެންމެ ބާރުމިނުގައެވެ. އަވަހަށް ދުވެފައި ގޮސް ބަލާލިއިރު އެއީ ވަހުމެކެވެ. މުސްކާން އަނގައަށް ގޮތެއް ހަދާލައިފައި އޭނާއަށް ހާއްސަވެފައި ހުރި ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވައިލިއެވެ. ކޮނޑުގައި އަޅުވާފައި ހުރީ ކައިވެނި ހަފްލާގައި ލާން ފަހާފައިވާ ހެދުމެވެ. ނިކަން ސާދާ ހުދު ހެދުމެކެވެ. މުސްކާން އެހެދުން ނަގައިގެން ގޮސް ލޯގަނޑު ކުރިމަތީ ހުރެ ގައިގައި ޖައްސައިލިއެވެ.

"ޕްރިޓީ." ކުޑަދޮރުން ވަން ވައިރޯޅި އައިސް ކޯތާފަތުގައި ބީހިލިއިރު ކަންފަތުގައި ޖެހުނުހެން ހީވީ އައިޒަންގެ އަޑެވެ. މުސްކާން ސިއްސައިގެން ގޮއްސައި ފަސްއެބުރި ބަލައިލެވުނެވެ. މިއަދު މިހާ ވަރަށް އައިޒަން އުޅޭ ކަމުގެ އިހްސާސް ވާން މިފެށީ ކައިވެނީގެ ދުވަސް ކަމަށް ވާތީ ކަންނޭނގެއޭ ހިތަށް އެރިއެވެ.

އިރު އޮއްސުނު ފަހުން މުސްކާން ކުއްލިއަކަށް ގެއިން ނިކުމެގެން އަވަސް އަރުވާލައިފައި ދިޔައީ އެކަކަށްވެސް ދާތަނެއް އަންގާ ނުލައެވެ. ގޭގައި ނެތްކަން އެމީހުންނަށް އެނގުނީވެސް ވަގުތު ކައިރިވާން ފެށީމައެވެ. އެހިސާބުން އެންމެން މުސްކާން ނެތިގެން ހޯދަން ފެށިއެވެ. އޭރު އިޝާން ހުރީ ލީވާންގެ ކޮޓަރީގައި ތައްޔާރު ވާށެވެ. އިފްހާމްއާ ލީވާން އަތްދިގު ކަޅު ގަމީހުގައި ތިބީ ނިކަން ސްމާޓްކޮށެވެ. އިފްހާމް އިޝާން ތައްޔާރުވާން އެހީވެދެމުން ދަނިކޮށް ކޮންމެވެސް މީހަކު ވަދެފައި މުސްކާންގެ ވާހަކަ ބުނެފިއެވެ. އެންމެން ލޯބޮޑުވެފައި ބަލަން ފެށިއިރު އިޝާންގެ މޫނުން ހައިރާންވި ކުލައެއް ނުފެނެއެވެ. އޭނާ އެއްޗެއް ނުބުނެ ހުރެފައި ގޮސް އިށީންދެލީ އެތާހުރި ގޮނޑީގައެވެ.

ކައިވެނި ކުރަން ހަމަޖެހުނު ގަޑިއަށް ދެން އައީ ސަނާއެވެ. "ދަރިފުޅުމެން ކީއްތަ ތިކުރަނީ؟ މިހާރު ގަޑި ޖެހުނީއޭ. ކައިވެނިކޮށްދޭ މީހުން އަތުވެއްޖެ އަވަހަށް ހިނގާ ތިރިއަށް!" ސަނާ ވާހަކަދެއްކި ގޮތުން ތިންމީހުން ހައިރާންވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ. "ދެން މުސްކާން؟" ލީވާން ޝައްކުވެފައި ހުރެ އަހައިލިއެވެ. "މުސްކާން މަތީގައި ތައްޔާރުވަނީ." ސަނާ ދިން ޖަވާބު އެކަކަށްވެސް ޤަބޫލެއް ނުކުރެވުނެވެ. އެމީހުން އެކަކު އަނެކަކަށް ބަލާލައިފައި ސަނާގެ ފަހަތުން ފައިބައިގެން އައިސް ތިރީގައި ވަށައިގެން ގޮނޑިޖަހާފައިވާ މޭޒު ކައިރީ އިށީންދެއްޖެއެވެ. މުސްކާން ގޭގައި ނެތްކަމަށް ވަންޏާ އެކަންވެސް ނޭނގޭ މީހަކަށް އެނގިދާނެތީ ލީވާނަށް އެއްވެސް ސުވާލެއް ކުރަން ނުކެރިފައި ތިއްބެވެ. އިރުކޮޅަކުން އެންމެން އަޑުގަދަކޮށްލުމުން ބަލާލިއިރު ޝައިލީންއާ ނައުރާ ދެފަރާތުގައި ހުރެގެން މުސްކާން ގޮވައިގެން ސިޑިން ފައިބަނީއެވެ. އެވަގުތު މުސްކާން ފެނިގެން އެންމެންނަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

ކޮމެންޓް 0