ކަރަންޓް އަންނާނެ އިރަކަށް އިންތިޒާރު ކުރުމުގައި ދެން ހޭދަވި ވަގުތުކޮޅު ދެމީހުންގެ ނޭވާގެ އަޑު ނޫން އަޑެއް އެތާކު ނެތެވެ. އިޝާން ފޯނާއި ކުޅެން ހުރެފައި ބަލާލިއިރު މުސްކާން އަދިވެސް ލޯމަރައިގެން ހުރެފައި ކުރިއަށްވުރެ ކައިރިއަށް ޖެހިލިގޮތުން އެމޫނަށް ހުއްޓުނު ނަޒަރު ވަކިކޮށެއް ނުލެވުނެވެ. އިޚުތިޔާރަކާ ނުލާ އުފުލުނު ދެއަތުން މުސްކާންގެ މޫނުގެ ދެފަރާތުން ހިފަހައްޓާލެވުނުއިރު ކުރެވެން މިއުޅެނީ ކިހާވަރެއްގެ ކަމެއްކަން ރޭކައިވެސްނުލައެވެ. ސިކުނޑިއަށްވުރެ ކުރިއަށް ހިތް އައުމުން ކުރާނީ ކީއް ހެއްޔެވެ؟ އެހެންނޫނަސް އިޝާންއަކީވެސް އިންސާނެކެވެ. މަލާއިކަތެއް ނޫނެވެ.

"ކަރަންޓް އައީ." ކުއްލިއަކަށް ލިފްޓް ހިނގައިގަތުމާއި އެކުގައިމެ ތަނަށް ފެތުރުނު ހުދު އަލީން އެރީތިވަގުތުކޮޅު ނިމުމަކަށް ގެނައުމުން އިޝާން ކުއްލިއަކަށް އަތް ތިރިކޮށްލައިފައި ބުނެލިއެވެ. މުސްކާން ލޯ ހުޅުވައިލަން ވާއިރަށް އޭނާ ދިނީ ފުރަގަހެވެ. ކުރެވެން އުޅުނު އެބޮޑު ކުށުން އަދި ސަލާމަތް ލިބުނަސް މުސްކާންއާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް އެވަގުތު އިޝާންއަކަށް ނުކުރެވުނެވެ. ލިފްޓްގެ ދޮރު ހުޅުވުމުން މުސްކާންގެ ކުރީގައި ހުރެގެން ނިކުމެގެން ދިޔައިރު ދެން އިތުރަށް ފަސްއެނބުރި ބަލައިވެސް ނުލިއެވެ.

"އަހަ މިއޮތް އައީނު ދެމީހުން. މުޝްޕޮޓޭޓޯ އެރީމަ ބަރުވެގެން ލިފްޓް ހުއްޓުނީއޭ." ލީވާންއަށް އެދެމީހުން ފެނިގެން މުސްކާން ރުޅިއަރުވައިލިއެވެ. އެންމެން ހިނިއައިސްފައި ބަލަން ތިއްބައި އިޝާން ގޮސް ވެއްޓިގަތީ އެތާހުރި ބީޗް ގޮނޑިއަކަށެވެ. ދެންމެ ވާންއުޅުނު ކަމަކުން މޫޑުވެސް ހަރާބު ވެއްޖެއެވެ. އިޝާންއަށް އެވަގުތު ވިސްނެންފެށީ ދެންމެ އެކަން ހިނގިނަމަ ކަންތައް ވެދާނެ ގޮތަކާއިމެދުގައެވެ. ފަހަރުގައި މުސްކާން ދުވަހަކު އޭނާގެ ކުރިމައްޗަށް ނާންނަންވެސް ނިންމަފީހެވެ. މާތްކަލާކޯއެވެ. އެސޫރަ ނުފެނި އޭނާ ދިރި ހުންނާނީ ކިހިނެތް ހެއްޔެވެ؟ ލޯބި ނުލިބުނަސް ދުރުން ފެނިގެންވެސް ހިތަށް ލިބޭ ފިނިކަމަކީ ހާދަބޮޑު ވަރެކެވެ.

"ހޫޒް ދި ގާރލް؟" ފިހެވުނު އެއްޗެހި ނަގައިގެން އެއްބަޔަކު އެ އެއްޗިއްސާއި ދިމާކޮށްލިއިރު މިރާހްވެސް އެތަނުން ކުކުޅުފައެއް ކަމުން އައިސް އިޝާންގެ މަގަތުގައި އިށީންދެފައި އަހައިލިއެވެ. އިޝާންއަށް އެބުނި އެއްޗެއް ސާފު ނުވެގެން ހެޑްސެޓު ނައްޓާލުމުން މިރާހް އެޖުމްލަ ތަކުރާރުކޮށްލި ވަގުތު ފާޑަކަށް ހުއްޓުން އެރިއެވެ. ދެވަނަ ސިކުންތުގައި އޭނާ ޖަހައިލީ ހިނިގަނޑެކެވެ. "މިރާ ކޯއްޗެކޭ ތިކިޔަނީ؟ ތަންކޮޅެއް ހަމަޖެހޭ ވާހަކަ ދައްކަބަލަ!" އިޝާން ހެދީ ނޭނގޭކަމަށެވެ. "އޭދެން ދޮގު ނުހަދަބަލަ. އަހަރެން ވަރަށް ގާތުން ތަހުޤީޤު ކޮށްފައޭ މިއަހަނީ. އައި ނޯ ޔޫ އާ ޗޭންޖްޑް." މިރާހް ކެއުން ހުއްޓާލައިފައި ޔަޤީންކަމާއެކު ބުނެލުމުން އިޝާންގެ މޫނުންވެސް ސީރިއަސްކަން ފެނުނެވެ. އޭނާ އޮތްގޮތަށް އޮވެ މުސްކާން ކުރާ ކަމެއް ބަލާލިއިރު ކޮންމެވެސް އެއްޗެއް ކައިގެން ކުޅިވެގެން ޗޯސްދަމަނީއެވެ.

"ވަގުތު ޖެހުނީމަ ބުނާނަން." އިޝާން ކުރު ޖަވާބެއް ދީފައި ކައިރީގައި ހުރި ފިނި ފެންފުޅި ނަގައިގެން ގޮސް މުސްކާން އަތަށް ދިއްކޮށްލުމުން މުސްކާން އަވަހަށް އޭގައި ހިފާފައި ފެންބޯން ފެށިއެވެ. އިޝާން އިތުރަށް ބަހެއްވެސް ނުބުނެ އެހިސާބުން އަނބުރާލައިފައި ގޮސް އެރީ އަނެއްކާވެސް ލިފްޓަށެވެ. ފަހަތުގައި ތިބި ލީވާންމެން ގޮވުމުން އޭނާ ފޯނު ބަހަނާއަކަށް ދައްކާފައި އެތަނުން ދުރަށް ދިޔައީއެވެ.

ގެއަށް ދިޔައިރު މުސްކާންގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ނޭނގޭ ބިރެއް އޭނާގެ ހިތް ވަށައިލީ އިޝާންއާއެކު ލިފްޓްތެރޭ އެކަނިވި ވަގުތުކޮޅަށް ފަހުގައެވެ. ލޯމަރައިގެން ހުއްޓާވެސް މުސްކާންއަށް ހީވީ އެވަގުތު އިޝާން ނުނިޔަތެއްގައި އެމޫނުގައި ހިފަހައްޓައިލި ހެންނެވެ. އަދި އެހާ ގާތުން އިޝާންގެ ނޭވާގެ ހޫނުކަން މޫނަށް އެޅުނުފަދަ އިހްސާސެއް ކުރެވުނެވެ. ނުވިތާކަށް އިޝާން ދެއަތް ތިރިކޮށްލީވެސް ކަރަންޓް އައީމައެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި ހުއްޓާ ކަރަންޓްގެ އަލިން ހޭވެރިކަންވެގެން ދުރަށް ޖެހުނު ފަދައެވެ. ނޫނެކެވެ. ނޫނެކެވެ. އިޝާން އޭނައާ ދޭތެރޭ އެފަދަ ގޮތަކަށް ނުވިސްނާނެއެވެ. އިޝާން ދެކެނީ އޭނާއަކީ އާއިލާ ކުއްޖެއްގެ ގޮތުގައެވެ. ކޮއްކޮއެއް އަދި އެކުވެރިއެއް ކަމުގައެވެ. އިޝާން އޭނާއަށް އަޅައިލަނީ އެ ހައިސިއްޔަތުންނެވެ. އިތުރު އެހެން އެއްވެސް މާނައެއް އިހްސާސެއް އެހިތުގައި އޮވެގެނެއް ނޫނެވެ.

މުސްކާން ތަކުރާރުކޮށް އަމިއްލަ ހިތަށް ވިސްނައިދީގެންވެސް ހަމަޖެހިލެވޭ ގޮތެއް ނުވިއެވެ. ރަނގަޅަށް ވިސްނަދިނަސް ދޭތެރެއަކުން ހިތް ބުރަވަނީ ފުރަތަމަ ވިސްނުނު ގޮތަށެވެ. އޭނާ ބިރުގަންނަނީ އިޝާން ނޫނީ އެއާއިލާގެ އެހެން މީހަކުވިއަސް އޭނާއާ ދޭތެރޭ ދެކޭ ގޮތެއްގެ ސަބަބުން އޭނާއާ އެމީހުންނާ އޮތް ގުޅުން އަބަދުގެ އަބަދަށް ބަދަލުވެގެން ހިނގައިދާނެތީއެވެ. އޭނާގެ އެދުމަކީ އެއާއިލާއާ އޭނާގެ ގުޅުމަކީ އައިޒަންގެ ސަބަބުން އޮތް ގުޅުމެއް ކަމުގައި ވާށެވެ. އެދެމެދުގައި ވާ މެދުވެރިއަކަށް ވާން ޖެހޭނީ އައިޒަންއެވެ. އޭނާއަށް ދުވަހަކުވެސް އެނޫން މީހަކުދެކެ ލޯއްބެއް ނުވެވޭނެއެވެ.

އެރެއަށްފަހު މުސްކާން އަނެއްކާވެސް ދުވަސްކޮޅެއް ވަންދެން އެގެއާއި ދުރުން އުޅުނެވެ. ލީވާމެން ބައްދަލު ކުރަން އަޔަސް ބައްދަލު ކުރަނީ ގެއިން ނޫނީ ކޮންމެވެސް ރެސްޓޯރެންޓެއްގެ މޭޒު ދޮށުންނެވެ. އެހެން އުޅެލާފައި އޭނާ އަނެއްކާވެސް ދާން ފެށީ ޝައިލީން ވިހެއުމަށް ފަހުގައެވެ. ގެއަށް އައި އައު މެހުމާނަށް މަރުހަބާ ކިއުމަށްޓަކައި މުސްކާންވެސް ތައްޔާރުވިއެވެ. މަސައްކަތް ނިންމާފައި ޝައިލީންގެ ދަރިފުޅަށް ބައިވަރު ހަދިޔާތަކެއް ގަނެގެން އެގެއަށް ދިޔައިރު އެންމެން ކަހަލަ ގޮތަކަށް އުޅެއެވެ.

އެނދުގައި ޝައިލީން އޮތްއިރު އެންމެންގަނޑު ތިބީ ތުއްތު ދަރިފުޅު އޮތް ކުޑައެނދު ވަށާލައިގެންނެވެ. "އަހަ މިއޮތް އައީނު ބޭބީގެ އެންމެ ކުޑަދައްތަ." މުސްކާން އައިސް ކައިރިވީއިރު ސަނާ ނުހަނު ލޯބިން އޭނާގެ ބުރަކަށީ ފިރުމާލައިފައި ވާހަކަދެއްކިއެވެ. މުސްކާން ބަލައިލިއިރު ތުއްތު ދަރިފުޅު އޮތީ ނިކަން ލޯބިކޮށް އެކި ތަންތަން ބަލާށެވެ. އެހާ ޅައިރުވެސް ހީވަނީ ހުރިހާ އެއްޗެއް އިނގޭހެންނެވެ. "އަޅެ ސޯ ކިއުޓް. މިހާރު ނަމެއް ހަމަޖެހިއްޖެތަ؟" މުސްކާން އެކުއްޖާގެ ކޮލުގައި ޝަހާދަތް އިނގިލިން ކޮށްޓާލައިފައި ސުވާލު ކުރިއެވެ. "ނަންތައް އެބަހުރި. ވަކި ނަމެއް ފާސް ނުވެގެން މިއުޅެނީ އަދި." ޖަވާބުދިނީ ޝައިލީންއެވެ. މުސްކާން އެވަގުތު އެނބުރި ބަލައިލާފައި ގޮސް ޝައިލީން ކައިރީ އެތާހުރި ގޮނޑިއެއް ގައި އިށީންނުމުން ޝައިލީން ދިއްކޮށްލި ގަނޑުތަކެއްގައި ހިފައި ނަންތައް ކިޔަން ފެށިއެވެ.

"ނޫން ނޫން. މަށަކަށް ލާހިކެއް ނޫން. އަހަރުވީމަ އަހަރެން އަތް ލާނީވެސް." އިރުކޮޅަކުން ލީވާން ހޯހޯ ކިޔާފައި ދުވެފައި ދާންފެށި ތަން ފެނުނީ ދޮރާއި ދިމާއަށެވެ. ރަނގަޅަށް ބަލާލިއިރު ސަނާ އެކުއްޖާ އުރަން ކެރޭނެތޯ އެހުމުން ކަންކުރި ގޮތެވެ. އެންމެން ހީހީ ތިއްބާ ފެނުނީ އިޝާން ވަދެގެން އައިތަނެވެ.

"އިޝާން؟" ސަނާއަށް އިޝާން ފެނިގެން ގޮވައިލިއަޑަށް މުސްކާންއަށްވެސް ގަނޑުތަކުން ނަޒަރު ވަކިކޮށްލައި ބަލައިލެވުނެވެ. އިޝާން ހީވަނީ ދެންމެ މަސައްކަތް ނިންމާފައި އައި ހެންނެވެ. އަތްދިގު ގަމީހާއި ފަޓްލޫނާއެކު އަދިވެސް ހުރީ ތާޒާކޮށެވެ. އިޝާން އެވަގުތު އެނދާއި ކައިރިވެލާފައި ނުހަނު ފަރިތަކޮށް ތުއްތު ދަރިފުޅު ނަގައި އުރައިލިގޮތް މުސްކާންއަށްވެސް ހާއްސަވެފައި ބަލަން އިނދެވުނެވެ. އެއުމުރުގެ އެހެން މީހުންނާއި އިޝާން ހާދަ ތަފާތެވެ.

"މުސްކާން އުރާނަންތަ؟ އާދޭ އުރަންޏާ! މަންމަ މުސްކާން އަތަށް ލައިދީފާނަން." މުސްކާން ބަލަން އިންގޮތުން ސަނާ ހީކުރީ މުސްކާން އެކުއްޖާ އުރާހިތްވެފައި އިނީ ކަމަށެވެ. މުސްކާން އެތާ އިންކަންވެސް އިޝާންއަށް ރޭކައިލީ އެހިސާބުންނެވެ. އޭނާ ފަސްއެނބުރިފައި ބަލައިލިއިރަށް މުސްކާން ދެކޮޅު ހަދަން ނުކެރިގެން ތެދުވެފައި ކައިރިއަށް އައިސް ހުއްޓުނެވެ. "އަހަރެން ދީފާނަން." އިޝާންގެ ތޫނު ނަޒަރު މުސްކާންގެ މޫނުން ވަކިކޮށްނުލައި ހުރެގެން އެހެން ބުނެލީ ސަނާއާ މުޚާތަބުކޮށްފައެވެ. ދެން އެތުއްތު ދަރިފުޅު މުސްކާންގެ ހުޅުވާލެވިފައިވާ އަތުތެރެއަށް ލައިދީފިއެވެ. ޖެހިލުންވެފައި ހުރެގެން އުރާލުމުން މުސްކާންއަށް ހުރެވުނީ ނޭވާވެސް ނުލެވިފައެވެ.

"ބްރީތް!" އިޝާން ބަލަން ހުރެފައި އެހެން ކިޔައިލި ގޮތުން މުސްކާންއަށް އެކަން އިހްސާސްވެގެން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެތަން ފެނިގެން ސަނާ ގާތަށްވެސް ހިނި އައެވެ. ލީވާން ނޫނަސް މުސްކާންވެސް ހާދަ ބިރެއް ގަނެއެވެ. "ދެން ގެނޭ. ދެން ތަންކޮޅެއް ބޮޑުވީމަ އުރާނީ." ސަނާ ހަމްދަރްދީވެގެން މުސްކާން އަތުން އެކުއްޖާ އަތުލިއެވެ. މުސްކާން އަވަހަށް ފުން ނޭވައެއް ދޫކޮށްލައިފައި ގޮސް އިނީ އަނެއްކާވެސް ޝައިލީން ކައިރީގައެވެ.

ތުއްތު ދަރިފުޅަށް ޒޫޝީގެ ނަން ދިނީ ގްރީންލޭންޑްގައި އޮތް ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ. ޒޫޝީ އުފަންވުމުން އެއާއިލާއަށް އައި އުފާވެރިކަމެކޭ އެއްވަރަށް މުސްކާންގެ ހަޔާތަށްވެސް އެތުއްތު ފުރާނައިން އަގު ނުކުރެވޭވަރަށް އުފާލިބެން ފެށިއެވެ. އަބަދު ގޮސް އެކުއްޖާ ކައިރީ އުޅޭތީ އާއިލާ އެންމެންނާ އެއްވަރަށް ޒޫޝީ ހުންނަނީ މުސްކާންއާވެސް ދޯޅުވެފައެވެ. ގޭގައި ކުޑަ ކުއްޖަކު ނެތި އެހާ ދުވަސް ވުމަށްފަހު އެހާ ގާތުން ކުއްޖަކު ހެދި ބޮޑުވެގެން އަންނަން ފެށުމުން މުސްކާންގެ ގިނަ ވަގުތު އެކުއްޖާއަށްޓަކައި ހުސް ކުރެވެއެވެ. ޝައިލީންއާ އިފްހާމްވެސް މުސްކާންއަށް އިތުބާރުކޮށްފައި އެމީހުން ބޭރަށް ދާ ބައެއް ފަހަރު ބަލަން ހަވާލު ކުރެއެވެ.

ޒޫޝީއަށް އަހަރެން ވެގެން ބޭއްވި ޕާޓީ އެއީ ހިތުން ނުފިލާވަރުގެ ދުވަހަކަށް ވިއެވެ. މުސްކާން އިޝާންއާމެދު ކުރަމުން އައި ޝައްކަށް އިތުރު ކުރިއެރުމެއް ނައިސް މުޅިން އެއީ ކުށްހީއެއް ކަމަށް ބަލައިގަނެފައި ވަނިކޮށް ހުރިހާކަމެއް ބަދަލުވީ އެދުވަހުއެވެ.

ހެނދުނުސުރެ މުސްކާން ހުރީ މޭގައި ރިއްސާ ގޮތްވެފައެވެ. ދޮންބެ ނިޔާވުމަށްފަހު އެގޮތަށް ދޭތެރެއަކުން މޭގައި ރިއްސާ ނޭވާލާން އުދަނގޫ ވާތީ އޭނާ ބޭސްވެސް ކެއެވެ. ފަހުން ދެން އިތުރަށް ގޯސް ނުވާތީ ބޭސް ހުއްޓައިލީއެވެ. ދުވަހުގެ ހާއްސަ ކަމުން މުސްކާން މަންމަވެސް އެދުވަހު ސަނާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެގެއަށް ގޮސް އުޅުނެވެ. ބޮޑަށް އުދަނގޫ ނުވާތީ މުސްކާން ހުރީ އެކަކު ކައިރީވެސް އެވާހަކަ ނުބުނެ ސިއްރު ކޮށްލައިގެންނެވެ. އޭނާ ބެލީ ސަނާމެންނަށް އެހީތެރި ވެދެވޭތޯއެވެ.

ހަވީރު ހަތަރެއް ޖަހާއިރަށް އޮތް ޕާޓީއަށް ޒޫޝީގެ ތިމާގެ ކުދިންނާއި މަންމަ ބައްޕަގެ އެކުވެރިންތައް އައިސް ހޯލު ތެރެ ފުރައިލިއެވެ. ތުއްތު ޒޫޝީ ރަތް ހެދުމެއްފައި ކުޑަ ފިނިފެންމަލެއް ފަދައެވެ. ރަނގަޅަށް ހިނގާލައިފައި އުޅެވުނަސް ހަލަނި ކަމުން އުޅެނީ އަބަދު ދުވެލާފައެވެ. ކޮންމެވެސް މީހަކަށް ޖެހެނީ އިރު އިރުކޮޅާ ޒޫޝީ ވެއްޓިގެން ނަގާށެވެ. އަނިޔާ ވާފަދަ ގޮތަކަށް ނުވެއްޓެނީ ހަމަ ނަސީބެވެ.

އެއީ ކޭކު ފެޅުމަށްޓަކައި އެންމެން މޭޒު ދޮށަށް އެއްވި ގަޑިއެވެ. މުސްކާންވެސް އެދިމާއަށް ދާން ތައްޔާރު ވަނިކޮށް މޭގެ ރިހުން ގަދަވީ ކުއްލިއަކަށެވެ. އަޅަންފެށި ވޭނުން ނޭވައެއްވެސް ނުލެވުނެވެ. މުސްކާންއަށް ކޮޅަށް ނުހުރެވިގެން ކައިރީހުރި ތަނބެއްގައި ހިފަހައްޓާލެވުނުކަން އެނގުނެވެ. އެތާހުރި މީހަކަށް ފެނިގެން ދުވެފައި ގޮސް އާއިލާ މީހެއްގެ ކަންފަތަށް ފޯރުކޮށްލުމުން އެންމެންގަނޑު އައީ ދުވެފައެވެ. އޭރު މުސްކާން އޮތީ ތަނބުގައި އެއްއަތުން ހިފަހައްޓައިގެން ގުދަށެވެ.

"މުސްކާން!!!...." އިޝާން އެންމެ ކުރީގައި އައިސް ހުއްޓުނުއިރު އެންމެންވެސް ބަލަމުންދިޔައީ އިޝާންއަށެވެ. އިޝާން ދޭނެ ފަރުވާއަކަށެވެ. އެވަގުތު އިޝާންއައިސް ހިފެހެއްޓި ހެނެއް ހިއެއްނުވެ މުސްކާން ދެމުނީ އެއަތުތެރެއަށެވެ. ދެން ވީގޮތެއް ނޭނގުނެވެ.

*****

މުސްކާންއަށް ލޯ ހުޅުވައިލެވުނީ ހޮސްޕިޓަލުގައި އޮވެފައެވެ. ވަރުބަލި ކަމުން ގައިން ހަކަތަ ނެތިފައި އޮވެގެން އެސްފިޔަތައް ދުރުކޮށްލިއިރު ކައިރީގައި ހުރީ އިޝާންއެވެ. އެވަގުތު އިޝާންއަށް މުސްކާން ލޯ ހުޅުވިތަން ފެނިގެން ފުންމައިގެން އައިސް ކައިރިއަށް ޖެހިގެންފައި ބަލާކަށް ނުހުރެ އޭނާގެ ދެއަތުގައި ހިފާ ކުޑަކޮށް އެނދުން ހިއްލައިލީނުން އެބާރުގަދަ ދެއަތުގެތެރޭ ފިއްތާލައިފިއެވެ. އިޝާންގެ މިހަރަކާތުން މުސްކާންއަށް ނޭވާވެސް ނުލެވުނެވެ. އިޝާން އޭނާ ހިފެހެއްޓިލެއް ބާރުކަމުން ކަށިތައްވެސް މުގުރިގެން ނުދާކަމެއް ނޭނގެއެވެ.

"އި..ޝާ..ން" މުސްކާން ވާހަކަދައްކަން އުޅުނު ނަމަވެސް ފަސޭހައެއް ނުވިއެވެ. "މުސްކާން ކީއްވެ ކުރިން އަހަރެން ކައިރީ ނުބުނީ؟ ކީއްވެ އެވަރުވީއިރު ސިއްރުކޮށްގެން ހުރީ؟ ކީއްވެ؟ އިނގޭތަ އަހަރެން ބިރުގަތްވަރު؟ އަހަރެން ހީކުރީ އަހަރެންނަށް މުސްކާން ގެއްލެނީކަމަށް. ހިތަށް އެރީ ދެން ދުވަހަކުވެސް ތިސޫރަ ލޮލަށް ނުފެންނާނެ ކަމަށް. ހައު ކުޑް ޔޫ ޑޫ ދިސް ޓު މީ؟ ހައު ކުޑް ޔޫ؟ ދެން ދުވަހަކުވެސް ނުވާނެ ބައެއްޔެއް ވެގެން ސިއްރު ކޮށްގެނެއް. އަޑު އިވިއްޖެތަ؟ ކިރިޔާ ކަމެއްވާއިރަށް ޖެހޭނެ އައިސް އަހަރެން ކައިރީ ބުނަން." ބާރުބާރަށް އިޝާން ދައްކަންފެށި ވާހަކައިގެ ރާގު މަޑުމައިތިރިވެ ފަހު ޖުމްލަތައް ބުނެލިއިރު އޭނާ މުސްކާން އެހަށިގަނޑާއި ވަކިކޮށްލާއި ދަތްދޮޅީ ހިފަހައްޓައިލިއެވެ. ހަތަރުކަޅި ހަމަކޮށްގެން ހުރެ އެހާ ލޯބިން އެންގުމުން މުސްކާންއަކަށްވެސް ދެކޮޅު ހަދާނެ ހިތްވަރެއް ނުލިބުނެވެ. އޭނާ މަޑުމަޑުން ބޯ ޖަހާލައިފައި އަދިވެސް ފާޑަކަށް ބަލަން އިންދާ އިޝާން "ގުޑް ގާރލް" އޭ ކިޔާލައިފައި ތެދުވެގެން ދިޔައީ އާއިލާގެ އެހެން މީހުންނަށް ގޮވާށޭ ކިޔައިފައެވެ.

އިރުކޮޅެއް ނުވެ އެންމެން އައިސް އޭނާ ވަށާލައިގެން ތިބެ ހާލު އެހިއިރު މުސްކާންގެ ހިތް ފުރުނެވެ. އޭނާ އަނެއްކާވެސް ނުތަނަވަސްވީ ގެއަށް ފޮނުވާލި ފަހުން ޝައިލީންއާ ދެމީހުން އެކަނިވެގެން ޝައިލީން އެދުވަހު ކަންވީ ގޮތުގެ ތަފްޞީލު ކިޔައިދޭން ފެށުމުންނެވެ. ދެލޯ ބޮޑުވެފައި މުސްކާން އިނީ ނޭވާވެސް ނުލެވިފައެވެ. ރަނގަޅަށް ހުރިހާ ކަމެއް ފައުޅު ވީއެވެ. ދެން އިތުރަށް ސިއްރު ކުރާކަށްވެސް ކަމެއް ނެތެވެ.

ކޮމެންޓް 0