މުސްކާން އެވަގުތު ހައިރާންވީ އިޝާން ދެއްކި ވާހަކަ ތަފާތު ކަމުންނެވެ. އޭނާ ހީކުރީ ލިބުނު ފުރުސަތުގެ ބޭނުން އިޝާން ހިފާނީ އޭނާއަށް ނޭނގުމުގެ ތެރޭ ބޭރުކުރެވުނު އިހްސާސްތައް އެއީ ތެދުކަން ހާމަ ކުރުމަށް ކަމަށެވެ. އިޝާން ބުނާނީ އޭނާދެކެ ލޯބިވާ ކަމަށް ކަމަށެވެ. އެކަމަކު އިޝާން އެކަހަލަ އެއްވެސް އެއްޗެއް ނުބުންޏެވެ. ކީއްވެ ހެއްޔެވެ؟

"ވަޓް ހެޕެން؟ އަހަންނަށް ގޯސް އެއްޗެއް ބުނެވުނީތަ؟" މުސްކާން ބަލަން ހުރިގޮތުން އިޝާންއަށް އަހައިލެވުނެވެ. "ނޫން." މުސްކާން އަވަހަށް ދެފަރާތަށް ބޯ ހޫރާލުމަށްފަހު ނަޒަރު ހުއްޓައިލީ އުޑާއި ދިމާއަށެވެ. ހިމޭންކަމުގައި ދެން ހޭދަވެގެން ދިޔަ ވަގުތުކޮޅު އިޝާން އަށް ހުރެވުނީ އެމޫނުން ނަޒަރު ވަކިނުކޮށްލެވިފައެވެ. ޝައުޤުވެރިވެފައި އުޑުގައިވާ ތަރިތަކަށް ބަލަމުން ދިޔައިރު ލުއި ވައިރޯޅިތައް އައިސް އެއިސްތަށިގަނޑާއި ސަމާސަ ކުރަނީއެވެ. އެވަރުން ނުވެގެން ކޯތާފަތުގައިވެސް ފިރުމާލައެވެ. އެވަގުތު ވައިރޯޅިދެކެވެސް އިޝާން ހަސަދަވެރިވިއެވެ. އެވައިރޯޅިވެސް އޭނާއަށްވުރެ ނަސީބު ރަނގަޅެވެ.

"އިޝާން ނުޖެހޭނެ ދުވަހަކުވެސް އަހަރެން ކިބައިން މަޢާފަށް އެދޭކަށް." މުސްކާން އިރުކޮޅަކުން އިއްވައިލި ޖުމްލަ އިޝާންއަށް އިވުނީ ހުވަފެނެއްގައި އޮތްވާ މީހަކު ގޮވައިލުމުން އިވުނުފަދަ ގޮތަކަށެވެ. ހޭވެރިކަން ވެގެން ތެޅިގަނެފައި އަވަހަށް ދުރަށް ނަޒަރު ބަދަލުކޮށްލެވުނެވެ. ރައްދު ނުދެވި އުޅެނިކޮށް އައި ނައިތަނެއް ނޭނގި މޫނު ތެންމާލި ވާރޭ ތިކިތަކުން އިތުރު ސިހުމެއް ލިބުނެވެ. އިޝާން އަޖައިބުވެގެން އުޑުމަތި ބަލާލިއިރު އެހާ އަވަހަށް ފެނުނީ ކަޅުވިލާތަކުން އުދަރެސް ވަށާލަމުން ދިޔަ ތަނެވެ. ތަރިތަކުގެ ކުލަ ފަނޑުވެ ވިއްސާރަ ކުލަވަރު ފެތުރެނީއެވެ.

"އަޅެ ކުއްލިއަކަށް ވާރޭ ވެހެން ފެށީތަ؟" މުސްކާން ކަންބޮޑުވެފައި ގޮސް ހުއްޓުނީ ދޮރު ކައިރިއަށެވެ. އޭނާ އެދޮރުފަތުގައި ތަޅަމުން ދެފަހަރެއްގެ މަތިން ލީވާންއަށް ގޮވަންވާއިރަށް އިޝާން ޖީބުން ފޯނު ނަގައި ލީވާން ނަންބަރަށް ގުޅަންފެށިއެވެ. "ލީވާން ފޯނެއް ނުނަގާ. އެހެން މީހަކަށް ގުޅަންވީ ދޯ." އިޝާން އިރުކޮޅަކުން ބުނެލި އަޑު އިވުނެވެ. މުސްކާން އޭރުވެސް ހުއްޓުމެއްނެތި ދޮރުފަތުގައި ތަޅައެވެ.

"ދޮންބެ ކޮންތާކު ތިހުރީ؟" އިފްހާމް ފޯނު ނެގިއިރަށް އިޝާން އަވަހަށް ސުވާލު ކުރި އަޑުއިވުނެވެ. މުސްކާންއަށް އިވިގެން އެނބުރި ބަލާލިއިރު އެލޮލުގައި އުންމީދުގެ ވޮށް ދިއްލިފައި ހުއްޓެވެ. "ދޮންބެ އާދެބަލަ ދޮރުހުޅުވަން. އަހަރެމެން މިތިބީ ލީވާން ކޮޓަރި ބެލްކަނީގަ. މިތަނަށް ވާރޭ ވެހެން ފަށައިފި." އިޝާން ތަފްޞީލު ދީފައި އިފްހާމްގެ ޖަވާބު ލިބުމުން ފޯނު އަނބުރާ ޖީބަށް ކޮށްޕާލައިފިއެވެ. "ކީކޭ ބުނީ ދޮންބެ؟" މުސްކާން ބޭނުންވީ އޮޅުންފިލުވާށެވެ. "ބުނީ މިއަންނަނީއޭ. އާދޭ މިތަނަށް. ތިހިރަ ތެމިފޯވަނީ." ބޯކޮށްލި ވާރޭއިން މުސްކާން ތެމޭތަން ފެނުމުން އިޝާން އެތާހުރި ވަށް މޭޒު ދޮށަށް ތިރިވެފައި އަވަހަށް އިޝާރާތް ކޮށްލައިފިއެވެ. އިޝާންގެ މި އެދުމާހުރެ މުސްކާންއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. އޭނާ އެއްފަހަރު ދޮރާއި ދިމާއަށް އަނެއްފަހަރު ވެހެމުންދިޔަ ވާރެއަށް ނަޒަރެއް ދިނުމަށްފަހު އެންމެފަހުން މަޖުބޫރުވެގެން ގޮސް އެމޭޒު ދޮށަށް ވަދެ ހިޔާވަހިކަން ހޯދައިފިއެވެ.

އުޑަފައިން ކަހަލަ ގޮތަކަށް ދެމީހުން ތިބިއިރު މުސްކާން ބޭނުންވިއަސް އިޝާންއާ ދުރަކު އިނދެވޭނެ ގޮތެއް ނެތެވެ. ކިރިޔާ ހަރަކާތެއް ކޮށްލިއަސް ޖެހޭ ހިސާބުގައި އޭނާގެ ހިތް ތެޅެމުންދިޔަ ބާރުމިންވެސް އިޝާންއަށް އިވޭނެ ކަންނޭނގެއެވެ. އަނެއްކޮޅުން އިޝާންގެ ނޭވާގެ މީރުވަސްވެސް ނޭފަތުގައި ހަރުލާފައި ހުއްޓެވެ ކޮންމެ ފަހަރަކު މިކަހަލަ ހާލަތެއް މެދުވާއިރު އިޝާންއާ ދެމީހުން އެކަނިވަނީ އިއްތިފާޤަކުން ހެއްޔެވެ؟ "ބިރުންތަ ތިއިނީ؟" މުސްކާން ވިސްނަން އިންދާ އިޝާން ކުއްލިއަކަށް ވާހަކަދެއްކުމުން ސިއްސައިގެން ގޮސް ތެޅިގަނެވުނު ގޮތަކުން ފާޑަކަށް އަރި އަޅައިލިއެވެ. ސަލާމަތް ވާންވެގެން އޭނާއަށް ހިފެހެއްޓުނީ އެވަގުތު އިޝާންގެ ކޮނޑުގައެވެ. އެހަރަކާތާއެކު ކުރިން އޮތް ދުރުމިންވެސް އިތުރަށް ހަނިވެގެން ދިޔައެވެ.

"ކީއްވެ ތިހެން ތިއެހީ؟" މުސްކާން ހަމަޖެހިލަން މަސައްކަތް ކުރަމުން އަތް ހިއްލާލަން އުޅުނުވަގުތު އިޝާން އެއަތުގައި ހިފާފައި ދުރުކުރިޔަކަ ނުދިނެވެ. "ހިތް ތެޅޭ އަޑު އެބަ އިވޭ ބޭރަށްވެސް. ނުވިތާކަށް މިއަތްތިލަވެސް ފިނިކަމުން ހީވަނީ އައިސްކިއުބްއެއްހެން." އިޝާން އޭނާގެ އަތަށް ފިތާލައިފައި ޖަވާބުދިންއިރު ނަޒަރު ވަކިކޮށް ނުލައެވެ. ޖަވާބު ނުދެވިފައި މުސްކާން އިންދާ އަނެއްކާވެސް ވާހަކަދެއްކީ އިޝާންއެވެ.

"ލެޓް މީ ޓެލް ޔޫ،،، މުސްކާން ދެންމެ ބުނީމެއްނު އަހަރެން ދުވަހަކުވެސް ނުޖެހޭނެއޭ މުސްކާންގެ ކިބައިން މަޢާފަށް އެދޭކަށް. ހަމަ އެގޮތަށް މުސްކާން ނުޖެހޭނެ ދުވަހަކުވެސް އަހަރެންދެކެ ޖެހިލުންވާކަށް. އައި ޕްރޮމިސް އަހަރެން ދުވަހަކުވެސް މުސްކާންގެ ހުއްދައާ ނުލާ ތިހަށިގަނޑުގައި ނުބީހޭނަން. އެނގިއްޖެ ދޯ މިބުނީ ކީކޭކަން." އިޝާންގެ ބަސްތަކުން މުސްކާންގެ ހިތަށް ކުރި އަސަރު ފުނެވެ. އަމިއްލަ ނަފްސް ކުށްވެރި ކުރެވި ލަދުވެސް ގެންފިއެވެ. ބަސްމޮށުން ތެރިކަމަކާ ނުލާ އިޝާން އޭނާގެ ވިސްނުން ހުރިގޮތްވެސް ދެނެގަންނަނީ ކިހިނެތް ހެއްޔެވެ؟

"ތިއްތި! މުސްކާން! ކޮންތާކު ތި ތިބީ؟" ދޮރު ހުޅުވިއަޑާއެކު އިފްހާމް ވާހަކަދެއްކި އަޑަށް ދެމީހުން ސިހިފައި މުސްކާން އަވަހަށް ތެދުވަން ވެގެން ބޯ ޖެހުނީ މޭޒުގައެވެ. އަޑުވެސް ކިއެވެ. އޭނާ އެވަރުންވެސް އެތާގައި ފިރުމާވެސް ނުލައި އަވަހަށް ތެދުވެގެން އެންމެކުރީގައި ގޮސް ވަނެވެ. އިފްހާމް ރަކި ހިނި އައިސް ހުރެގެން ދެފަހަރު ދެމީހުންގެ މޫނަށް ބަލާލައިފައި އިޝާންގެ ފަހަތުން ދިޔައެވެ.

މުސްކާން އަތްދަބަސް ހޯދައިގެން ގެއަށް ދިއުމުގެ ހުއްދަ ހޯދަން ގޮސް ސަނާ ކައިރީ ސިޓިންރޫމްގައި އިންދާ އިރުކޮޅަކުން ނޯކަރު ކުއްޖަކު ގެންގޮސް ދިނީ ތަށްޓަކަށް ލައިފައި އޮތް އައިސްބޭގްއެކެވެ. މުސްކާން އޭގައި ނުވެސް ހިފައި ހައިރާންވެ ހުރެގެން ހޯދާލިއިރު އިޝާން ތަންކޮޅެއް ދުރުގައި ބަލަން ހުއްޓާ ފެނުމުން ވީގޮތް ވިސްނުނެވެ. އިޝާންއަށް ވެގެންވިއްޔާ އޭނާގެ އެއްވެސް ކަމަކާމެދި ހަމަ ފަރުވާކުޑަ ނުކުރާނެ ހެއްޔެވެ؟ ގަނޑުފެން އަޅަން ޖައްސާލިއިރު ބޯ ޖެހުނު ތަނުގައި ރިއްސާކަންވެސް އެނގުނީ އެހިސާބުންނެވެ. މުސްކާންއަށް ޝުކުރުވެރި ލޮލަކުން އިޝާންއަށް ބަލައިލެވުނެވެ. އައިސް އެޅުމުން ހަޤީޤަތުގައިވެސް ލުއިވިއެވެ.

އިތުރަށް ހަފްތާއެއް ވެގެން ދިޔައިރު އިޝާންގެ ފުށުން ފެނުނީ ކުރިންވެސް ފެންނަ ކަންތައްތަކެވެ. ހަމަ އެއޯގާތެރިކަމާއި އަޅައިލުމެވެ. ކޮންމެ އަމަލެއްގައާއި ބަހެއްގައި ފޮރުވިފައިވާ ލޯއްބެވެ. އެކަމަކު އިޝާން އެއްފަހަރުވެސް އެވާހަކަ ދުލާއި ހަމައަށް ގެންނާކަށް މަސައްކަތެއް ނުކުރެއެވެ. އިތުރަށް އެހަށިގަނޑުގައި ބީހި ލައްޒަތެއް ހޯދާކަށްވެސް ނޫޅޭމެއެވެ. އާއިލާގެ އެންމެން އެދެމީހުން ބައިތިއްބައިގެން އަބަދު އަޅުވާ ކިޔާ ތަފާތު ވާހަކަތައް ދައްކާއިރު އިޝާން ހިޔާރު ކުރަނީ ހިމޭންކަމެވެ. ޚުދު މުސްކާންއަށްވެސް މަޖުބޫރުވަނީ އެއްޗެއް ނުބުނެ ހަނު ހުރުމަށެވެ. އޭނާގެ ހިތް އޮތް ގޮތް އެނގިގެން އެންމެންގެ ހިތް ހަލާކު ކުރާނެ ހިތްވަރެއް ނެތެވެ. އައިޒަން ނެތި ދިއުމަށްފަހުވެސް އެމީހުން އެތިބީ ކޮންމެވެސް ގޮތަކުން އޭނާ އަމިއްލަ ކުރަން ތައްޔާރަށެވެ. ވީއިރު އެމީހުންގެ އުންމީދު ތަކުގައި އޭނާ ހުޅު ޖަހަންވީ ހެއްޔެވެ؟ މުސްކާން އިތުރަށް ކަންބޮޑުވާން ފެށީ އެގޮތަށް ދެކޮޅު ނުހަދައި ހުރެގެން އެ ބުނެވެނީ އާބަސްކަން ވިސްނިފައެވެ. އެގޮތަށް ކަންތައް ކުރުމުން ދެން އެދެވޭ އަނިޔާވެސް ވަކިން ކުޑައެއް ނުވާނެއެވެ. އެމީހުން އެތިބެނީ އޭނައާ އިޝާންގެ އަމިއްލަ ދިރިއުޅުން ވީތީ އެދެމީހުން އެދިގެން ބުނާ ދުވަހަކުން ކައިވެނި ކުރުވަން ތައްޔާރަށެވެ. އެކަމަކު އެމީހުންގެ ހިތާއި ސިކުނޑިން ޤަބޫލު ކުރާނީ އޭނާ އާއި އިޝާންއަކީ ކޮންމެވެސް ހިސާބަކުން ޒަވާޖީ ހަޔާތެއް ފަށައި ގުޅިލާމެހިގެން ދާނެ ދެފަރާތް ކަމުގައެވެ. އަނގައިން ނުބުނެ ހުރެގެންވެސް އޭނާއަށް ދިރިމިއުޅެވެނީ ބޮޑު ދޮގެކެވެ.

މުސްކާން ވަރަށް ވިސްނާފައި އިޝާންއާ ވާހަކަދައްކަން ނިންމީ އެއްރެއެއްގެ ރޭގަނޑެވެ. އޭނާ މެންދުރެއް ހާއިރު ގުޅައިގެން ގަޑި އޮތީ ކުރިން ހަމަޖައްސައިފައެވެ. ތައްޔާރު ވެލައިގެން ނިކުތްއިރު އިޝާން އައިސް ކާރުގައި މަޑުކޮށްލަނީއެވެ. މުސްކާން މަންމަގެ ހުއްދަ އަތުލައިގެން އަވަހަށް އެދިމާއަށް ދިޔައެވެ. އިޝާން އެވަގުތުވެސް ފޯނެއް އައިސްގެން ނަގާ ވާހަކަ ދައްކަން ފަށާފައި އެއްލުނު ކަޅިއަކުން ކައިރިވަމުން އައި މުސްކާން ފެނިފައި ނޭވާލާން ހަނދާނެއް ނުވިއެވެ.

ކަކުލުން ތިރިއަށް ހުރި މަޑުނޫކުލައިގެ ހެދުމާއެކު މުސްކާން ހުރިއިރު އެއިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލައިފައެވެ. މޭކަޕެއް ނެތިވެސް އެކަޅިރަވައިގެ ރީތިކަން އިޝާންގެ ހިތް އެފުށް މިފުށަށް ޖަހައިލިއެވެ. ގަހަނާއަކަށް ބޭނުން ކޮށްފައި ހުރީ ކަންފަތުގައި ހުރި ދެ އެހެވެ. އަރައި އިށީނުމާއެކު ލުއި ސެންޓެއްގެ ވަހުން އިޝާންގެ ޖިސްމުގައި ހުޅު ރޯކުރުވިއެވެ. އޭނާ އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ފޯނު ކަނޑައިވެސް ނުލައި ކޮށްޕާލެވުނީ އަރިމަތީ ޖީބަށެވެ. ދެން ކުޑަކޮށް ކަރުކެހިލާފައި ކާރު ސްޓާޓް ކޮށްލައިފިއެވެ.

"ޔޫ ލުކް ޕްރިޓީ." އިޝާންއަށް ތައުރީފް ކޮށްނުލައެއް ނީނދެވުނެވެ. މުސްކާންއަށް އެއަޑު އިވިގެން ކުއްލިއަކަށް ބަލައިލިގޮތުން ހީވީ ކަންބޮޑުވެގެން ބަލައިލިހެންނެވެ. މީހަކު ތައުރީފެއް ކޮށްލުމުން އެކަން ބަލައިގަންނަންވެސް އެނގޭ ކުއްޖެއް ނޫނެވެ. އިޝާން ހިތާއި ހިތުން ހީލައިފައި މަގަށް ސަމާލުކަން ހުއްޓައިލިއެވެ.

ކެއުމުގެ ވަގުތުގައި މުސްކާން ގަސްތުގައި އެމައުޟޫ ނުނެގީއެވެ. އޭނާ ބޭނުންވީ ހަމަޖެހިލައިގެން ވާހަކަ ދައްކާށެވެ. ބުނެވޭ އެއްޗަކުން އިޝާންގެ މޫޑު ހަރާބުވެ ކެއުން މެދުކަނޑައިލާކަށް ބޭނުމެއް ނުވިއެވެ.

"އިޝާން އަހަރެން ދައްކަން ބޭނުންވަނީ އަހަރެމެން ދެމީހުންގެ ވާހަކަ." ފޮނި އެއްޗެހި ގެނައުމުން މުސްކާން އޭނާގެ ތަށި ކައިރިކޮށްލައިގެން އިނދެފައި ފެށިއެވެ. އަނގައަށް ލީ ފުރަތަމަ ސަމުސަލާއެކު އިޝާންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނިގެން ބަލަން އިނދެވުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ އޭނާގެ ސަބަބުން އެހިނިތުންވުން ވަޅު ޖަހާނެކަން ޔަޤީން ކުރެވޭތީ ދެރަވަނީއެވެ. ބޭނުން ވިއަސް އޭނާ އިޝާންދެކެ ލޯބިވާނީ ކިހިނެތް ހެއްޔެވެ؟ ހިތަކީ އަމިއްލަ ބާރުގައިވާ އެއްޗެއް ނޫނެވެ.

"ކިޔާބަލަ!" މުސްކާން ވިސްނަން އިންދާ އިޝާން ބުނެލިއެވެ. "މިހާރު އެންމެން ހީކުރަނީ އަހަރެމެން ދެމީހުން އުޅެނީ ރިލޭޝަންޝިޕެއްގައި ކަމަށް. އެމީހުން ހީކުރަނީ އަހަރުމެން ކައިވެނި ކުރާނެ ކަމަށް." މުސްކާން ބޭނުންވި ސްޕީޑްގައި ހުރިހާ އެއްޗެއް ބުނެލާނެ ހިތްވަރު ނެތުމުން ދެޖުމްލައެއް ބުނެލާފައި ހުއްޓައިލިއެވެ. އިޝާން ބުނާ އެއްޗެއް ބަލަންވެސް އޭނާ ބޭނުމެވެ. ޖެހިލުންވެފައި އިނދެގެން އެސްފިޔަތައް އުފުލާލުމުން ލޮލަށް ފެނުނީ ޤަބޫލު ކުރަން ދަތި މަންޒަރެކެވެ. އެއީ އޭނާގެ ވާހަކައިންވެސް އިޝާންގެ ހިނިތުންވުން ފަނޑުވެގެން ނުދިޔަ ތަނެވެ. ކީއްވެ ހެއްޔެވެ؟

"ތެދެއް ތިބުނީ. އެމީހުން ހީކުރަނީ އެމީހުން ބޭނުންވި ގޮތާއި އަހަރުމެން ދެމީހުން މިހާރު ތިބީ ރުހިގެން އެގޮތް ޤަބޫލުކޮށްގެން ކަމަށް. އެމީހުން އުންމީދުކޮށްގެން އެތިބެނީ އަހަރުމެން ކައިވެނި ކުރާނެ ދުވަހަކަށް. އެމީހުން ބޭނުންވަނީ މުސްކާންއަކީ ހުރިހާ ގޮތަކުންވެސް އާއިލާ ކުއްޖަކަށް ހަދަން. އެކަމަކު އަހަރެންނަށް ރަނގަޅަށް އެނގޭ މުސްކާޏްގެ ހިތް އޮތް ގޮތް. އަހަރެންނަށް އިނގޭ މުސްކާންގެ ހިތަކީ އަދިވެސް އައިޒަންގެ އެއްޗެއްކަން. އެކަމާ އަހަރެން ކަންބޮޑެއްވެސް ނުވޭ. އެމީހުން ފަދައިން އަހަރެންވެސް އެދެނީ މުސްކާންއަށް އުފާވެރި ދިރިއުޅުމަކަށް. އަހަރެންނަށް ވެގެންވާނަމަ އައިޒަން އަނބުރާ ގެންނަންވެސް ފަހެއް ނުޖެހުނީމުސް. އެކަމަކު އެއީ ވާނެ ކަމެއް ނޫން. އަދި އައިޒަން އަހަރެން ކައިރީ އެންމެ ފަހުންވެސް އެދުނީ މުސްކާންއަށް ބެލުމަށް. މުސްކާން އުފާވެރި ކުއްޖެއްގެ ގޮތުގައި ބެހެއްޓުމަށް. އެކަން އަހަރެންނަށް ކުރެވެން އޮތީ އަހަރެންގެ ކައިރީ މުސްކާން ވާހާ ހިނދަކު. މުސްކާންއަށް މިހާރުވެސް ފުރުސަތު އެބައޮތް. ދުނިޔޭގެ ކޮންމެ ތާކުންވެސް މުސްކާން ހޯދަންވީ މީހަކު. އެމީހަކު ވާން ޖެހޭނީ މުސްކާންދެކެ ލޯބިވާނެ މުސްކާން އުފަލުގައި ބަހައްޓައިދެވޭނެ ފަރާތަކަށް. އެއިރުން އަހަރެން މުސްކާން އެފަރާތަކަށް ދާން ދޫކޮށްލާނަން. އެކަމަކު އެކަން ނުވާހާ ހިނދަކު އަހަންނަށް މުސްކާން ދޫކޮށެއް ނުލެވޭނެ. އެކަން ނުވާހާ ހިނދަކު އަހަރެން އަބަދުވެސް ހުންނާނީ މިހެން މުސްކާންގެ އެންމެ ގާތުގައި. އައެމް ސޮރީ، އެކަމަކު އަހަރެން ދެކެނީ އަހަރެންނަށް މުސްކާންގެ މައްޗަށް މިވަރުގެ ހައްޤު އެބައޮތް ކަމަށް. " އިޝާން ނުހަނު ހަމަޖެހިލައިގެން ހިނިތުންވެފައި އިނދެ ބޭރުކޮށްލި ކޮންމެ ޖުމްލައެއް މުސްކާންގެ ހިތާއި ކުޅެލާފައި ލޮލަށް ގިނަވަމުން އައި ކަރުނައަށް ބައެއް އިތުރުކޮށްލިއެވެ. އެސްފިޔަ ޖަހާލިއަސް ކަރުނަތައް ފައިބައިގެންފާނެހެން ހީވާ ދެލޮލުން އޭނާ އިޝާންއަށް ބަލަން އިނީ ފެންނަނީ ހުވަފެނެއްކަން ނުވަތަ ނޫންކަން ނިންމަން އުދަނގޫވެފައެވެ. އައިޒަންއަށްފަހު ލޯއްބަކީ އޭނާއަށް ނުވާ އެއްޗެކެވެ. އައިޒަން ވަޅުލެވިދިޔަ ފަސްގަނޑުގައި އެލޯބިވެސް ވަނީ ވަޅުޖެހިފައެވެ. ވީއިރު މިއަދު އެހުރިހާ ދުވަސްފަހުން އިޝާންގެ ހިތް އޭނާއަށްޓަކައި ވިންދު ޖަހަންފެށީ ކީއްވެ ހެއްޔެވެ؟ އޭނާއަށްވުރެ މާ ރަނގަޅު އެކަށީގެންވާ ކުދިންތައް ތިއްބާ އިޝާން އޭނާދެކެ ލޯބިވީ ފަހެ ކީއްވެ ހެއްޔެވެ؟ އޭނާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އުންމީދެއް ނެތް ބަނދެވުމަކުން އިޝާން ބަނދެލާފައި ބަހައްޓަންވީ ހެއްޔެވެ؟ ދުވަހަކު އެހިތް ބަދަލު ވާނެ ކަމެއް ނޭނގުނަސް އިޝާން ލައްވާ ނިމުމެއް ނެތް އިންތިޒާރެއް ކުރުވަންވީ ހެއްޔެވެ؟ ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟

ގެއަށް އެނބުރި އައި މަގުމަތީ މުސްކާން އިނީ ބަހެއްވެސް ބުނެ ނުލައެވެ. އިޝާންވެސް ހީވަނީ ކަމަކާ ވިސްނަމުން ދިޔަ ހެންނެވެ. ގެއަށް ވަނުމުގެ ބަދަލުގައި ވަދާޢު ކިޔާލައިފައި އިޝާން ކާރު ދުއްވާލުމުން މުސްކާން އެކާރު ގޮސް އޮބާލަންދެން ބަލަން ހުއްޓެވެ. ޖެހިގެން އައި ދުވަހު އޭނާއަށް ލިބުނު ޚަބަރުން ލިބުނު އުފަލާ އެއްވަރަށް ނުތަނަވަސްވެސް ވިއެވެ. ކޯސް ލިބުމުން ކުރިން އުންމީދު ކުރީ އިޝާންއާ ދުރަށް ގޮސްގެން ހުރިހާ ކަމަކުން ސަލާމަތް ވެވޭނެ ކަމަށެވެ. އެކަމަކު އިޝާން ރޭ ދެއްކި ވާހަކައަކަށްފަހު އޭނާ ބޭނުންވިއަސް އިޝާންއަށް ދެން ދުރަށް ދެވޭނެ މަގެއް ނެތެވެ.

ކޯހަށް ފުރަން ހަމަޖެހުނު ވާހަކަ މުސްކާން ބުނުމުން ކޮންމެ މީހަކަށްވެސް ލިބުނީ ޝޮކެކެވެ. އެންމެ އަސަރު ކުރީ އިޝާންގެ ހިތަށެވެ. ހިޔަންޏެއްހެން އުޅެލާފައި މުސްކާން އެތައް ދުވަހަކަށް އަދި އެހާ ދުރަށް ވަކިވެގެން ދާން އުޅޭކަން އެނގުމުން ހިތަށް ކެތްވާގޮތެއް ނުވިއެވެ. ދުވަސްކޮޅެއްވީއިރު އެޚަބަރު ބާވެ ހަމައަކަށް އެޅުނު ފަހުން އިޝާންގެ ހިތަށް އަނިޔާވެސް އުދަނގޫވާން ފެށީ މުސްކާން ފުރާ ދުވަސް އައިސް ޖެހުމުންނެވެ. ދެއާއިލާގެ އެކަކުވެސް މުސްކާންގެ ކާމިޔާބަށް ހުރަސް އަޅަން ބޭނުން ނުވާތީ އުފަލާއެކު މަރުހަބާ ކިޔައި ކުޑަ ހަފްލާއެއްވެސް އެރޭ ގްރީންލޭންޑްގައި ބޭއްވިއެވެ. އެމީހުން އެދުނީ އެންމެ ފަހު ރޭ މުސްކާން އެގޭގައި ރޭ ވުމަށެވެ. މުސްކާންވެސް އެގޮތާއި ދެކޮޅެއް ނުހަދައެވެ.

ގިނަ ބަޔަކު ކޮޓަރިތަކަށް ދިޔަ ފަހުން އޭނާ ކޮޓަރިއާ ހަމައަށް އައީ ޝައިލީންއާ ދެމީހުންނެވެ. އިޝާންވެސް މާކުރިއްސުރެ އެގޭތެރޭ އުޅެފައި ފަހުން ވަންތަނެއް ނޭނގުނެވެ. މުސްކާން ޝައިލީން ފޮނުވާލައިފައި ވަދެ ނިދާ ހެދުން ބަދަލުކޮށްގެން އޮތްވާ ކޮންމެވެސް މީހަކު ޓަކި ޖަހާލުމުން ސިހުމެއް ލިބުނެވެ. އޭނާ ވިސްނަން އޮތްވާ ދެވަނަ ފަހަރަށްވެސް ޓަކި ޖެހުމުން ކުދި ފިޔަވަޅު ތަކެއްގައި ގޮސް ދޮރު ހުޅުވައިލިއެވެ.

"އިޝާން؟" ދޮރުމަތިން އިޝާން ފެނުމުން މުސްކާންއަށް ކިޔައިލެވުނެވެ. ދެލޯ ބޮޑުކޮށްލެވުނީ އިޝާންގެ އޮއްސިފައިވާ މޫނާއި ކަރުނަ ގިނަވެފައިވާ ދެލޯ ފެނިގެންނެވެ. މުސްކާން ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އިޝާން ކުއްލިއަކަށް އެތެރެއަށް ދެމިގެންފައި އެބާރުގަދަ ދެއަތުގެތެރޭ އޭނާ ފިއްތާލައިފިއެވެ.

ކޮމެންޓް 0