މާއިޝާ ދާންވެގެން ހިނގައިގެންފައި ހުއްޓެވުނީ ދޮރާށި ހުޅުވުނު އަޑަށެވެ. އެނބުރި ބަލައިލިއިރު ފިރިހެނަކު އެތެރެއަށް ވަނީއެވެ. ގަސްތަކުގެ ހިޔަނީން އަނދިރި އެޅިފައި ހުއްޓަސް އިސްކޮޅަށް ބަލާފައި މާއިޝާއަށް އެނގުނެވެ. އޭނާ ބަލާކަށް ނުހުރެ ދުއްވައިގެންފައި ގޮސް އަރްސަލާން މެދުހަށީގައި ދެއަތުން ހިފެހެެއްޓީ ދެން އަލުން ނިކުމެގެން ދިޔަ ނުދޭންވެގެންނެވެ."އާވ.... ބޭބީ އައި މިސްޑް ޔޫ ޓޫ..." އެއިވުނީ އަރްސަލާންގެ އަޑެއް ނޫނެވެ. މާއިޝާ ތެޅިގެންފައި ދުރަށް ޖެހިލަން އުޅެނިކޮށް ނާޔަލް އޭނާއަށް ފުރުސަތެއް ނުދީ އެބާރުގަދަ ދެއަތުން އޭނާ ވަށާލައި ބިމުން ހިއްލާލައިފިއެވެ. "ނާޔަލް...." މާއިޝާގެ އަޑު ނިކުތީ ކުރެހިގެންނެވެ. ނާޔަލްގެ އަތުތެރޭން ސަލާމަތްވާން އޭނާ ތެޅިގަތްއިރު ނޭވާ ނުލެވިގެން އުޅުނު ކަހަލައެވެ. 

" އައެމް ސޮރީ. ޑިޑް އައި ހާޓް ޔޫ؟" ތިރީގައި ބެހެއްޓިއިރު މާއިޝާ އަޑަށް އައި ބަދަލު ފާހަގަވެގެން ނާޔަލް ކަންބޮޑުވެފައި އެމޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. މާއިޝާ އަވަހަށް އަމިއްލަ ނަފްސްގެ މައްޗަށް ކޮންޓްރޯލް ހޯދައި ނާޔަލްގެ ދެއަތުގައި ހިފާ ތިރިކޮށްލަމުން ނޫނެކޭ ބުނެ ބޯ ހޫރާލިއެވެ. ގެއަށް ވަންނަން ދިޔައިރު މާއިޝާ ކަންބޮޑުވީ ނާޔަލް އޭނާ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުއްޓާ ބައްޕައަށް ފެނިދާނެތީއެވެ. މާލޭގައި ދޮންބައްޕަ އާއި މަންމަ ކުރިމަތީ އޭނާ ބަލަނީ ނާޔަލް އެއަތުގައިވެސް ހިފިޔަ ނުދޭށެވެ. މީހުން ކުރިމަތީ ގައި ގައިގޯޅިވެގެން އުޅެން އޭނާ އަބަދުވެސް ލަދުގަނެއެވެ.

"އިހަށް މިތާ އިށީންދޭ. އަހަރެން އަންނާނަން." ސޯފާގައި ލޯމެރިފައި އޮތް މެހެރީންއަށް ބަލަން ހުރެގެން މާއިޝާ އިއްވާލިއެވެ. ނާޔަލް ހޫމ އަޅުވާލައިފައި ދުރަށް ޖެހިލައި ކޮނޑުގައި އޮތް ދަބަސް ނެގިއިރު އޭނާ ހިނގައިގެންފައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ. އެވަގުތު ނާޔަލް ކުރިމަތީގައި ހުރި ސޯފާގައި އިށީންދެ ބަލަން އިންދާ މެހެރީން ލަސްލަހުން ލޯ ހުޅުވައިލިއެވެ. "އަހަރެންނަށް ހުވަފެނެއް ފެންނަނީތަ؟ ނޫނީ ނާޔަލް ހަމަ އަސްލުވެސް އަހަރެންގެ ކުރިމަތީ އިނީތަ؟" މެހެރީން ބަލަން އޮވެފައި މަޑުމަޑުން ވާހަކަދެއްކިއެވެ. ނާޔަލް ހޫމ އަޅުވާލި އަޑާއެކު ދެވަނަ ސިކުންތުގައި އޭނާ ފުންމައިގެން ތެދުވެ އިށީންދެފައި ތިރިއަށް ދެފައި އެލުވާލައިފިއެވެ. "ވަޓް އާ ޔޫ ޑުއިން ހިއަރ؟" މެހެރީން ހޭވިފައި އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅާލައި މޫނުމައްޗަށް ފައިބާފައި އޮތްބައި ކަންފަތް ކައިރިއަށް ލައްވާލިއިރު އަޑުގައި ހުރީ ކުރީގެ މަޑުމައިތިރި ރާގެއް ނޫނެވެ. 

"އަހަރެން ހީކުރީ މެހެރް އަހަރެންނަށް މަރުހަބާ ކިޔާނެ ކަމަށް." ނާޔަލް ފަހަތަށް ޖެހިލައި ސޯފާގައި ބުރަކަށި ޖައްސާލަމުން އެއްފައި ނަގައި އަނެއްފައި މަތީ ބާއްވައިގެން ހަލުވަން ފެށިއެވެ. މެހެރީން "އިން ޔޯ ޑްރީމްސް" އޭ ކިޔާ އަނގައަށް ގޮތެއް ހަދާލައިފައި އިތުރަށް މަޑުނުކޮށް ގޮސް ވަނީ ކޮޓަރިއަށެވެ. ނާޔަލް ލާނެތް ގޮތަކަށް ހިނިތުންވެލައިފައި އިންދާ އިރުކޮޅަކުން މާއިޝާ އެނބުރި އައެވެ.

"ކޮބާ މެހެރް މިހާރު؟" ސޯފާގައި ނިދާފައި އޮތް ކުއްޖާ އެހާ އަވަހަށް ގެއްލުމުން މާއިޝާ ހައިރާންވެފައި އެހިއެވެ. އަތުގައި ހުރި ފެންތަށި ނާޔަލް އަތަށް ދީފައި އޭނާ ކުރިމަތީ ހުރި ސޯފާގައި އިށީނެވެ. "އަހަރެން ފެނުނީމަ ވަދެއްޖެ އެތެރެއަށް."ނާޔަލް ޖަވާބު ދީފައި ފެންތަށީގައި ތުންޖެހި ގޮތަށް މެދާ ހަމައަށް ދުއްވާލައިފައި މޭޒުމަތީ ބެހެއްޓިއެވެ. އޭރު މާއިޝާ އަތުގެ އިނގިލިތަކާ ކުޅެމުން ނަޒަރު ހުއްޓާލައިގެން އިނީ އެއްޗެހި އަޅައި ފުފިފައި އޮތް ނާޔަލްގެ ދަބަހަށެވެ. "ސޯ... ކިހިނެތް މިކޮޅަށް އަންނަން ޓައިމް ހޯދީ؟" މާއިޝާގެ ހިތުގައި އޮތް އެތަކެއް ސުވާލުން އެއް ސުވާލު ހުށައަޅާލިއެވެ. "ކުރިންވެސް ބުނިހެން އިޝީ މަތިން މާބޮޑަށް މިސްވީ. އަހަންނަށް އެކަން އިހްސާސްވިއިރު ހުރެވުނީ ޕެކް ކުރަން. އެން ހިއަ އައި އޭމް." ނާޔަލް އެއްފަރާތު ކޯތާފަތުގައި އަތް އަޅައި އަރިވެލީ މާއިޝާއަށް އެންމެ ރީތި ގޮތަށެވެ. ފެންނަ މީހުން ފިދާވާ ފަދަ ކަޅު ކުލަގަދަ ދެލޮލުން ބަލަން އިނދެގެން ދިން ޖަވާބުން އޭނާގެ ސިކުނޑި އިތުރަށް އޮޅުން ބޮޅުމަކަށް ވައްޓާލުން ނޫންކަމެއް ނުވިއެވެ. ނާޔަލް އެންމެ ލޯބިކުރާ ހުރިހާ ކަމެއް ދޫކޮށްލައިފައި އޭނާގެ ބިޒީ ޝެޑިއުލްއިން ސަލާމަތްވެގެން އާދެވުނީ ކިހިނެތް ކޮން ބޭނުމަކު ހެއްޔެވެ؟ "ދެން ކިހާ ދުވަހަކު މަޑުކުރާ ގޮތަށް ތިއައީ؟" މާއިޝާ ބޯ ޖަހާލައިފައި އަނެއް ސުވާލު ކުރިއެވެ. އެވަގުތު ނާޔަލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.

"އަހަރެންގެ ވާހަކަ ބަހައްޓާފަ އިޝީގެ ވާހަކަ ކިޔައިދީބަލަ. ކިހިނެތްވަނީ މިރަށް؟ އެން ވޯކް؟" ނާޔަލް އިންތަނުން ތެދުވެފައި މާއިޝާ ކައިރީ އިށީންދެ އުނގުމަތީ އޮތް އެއަތްތިލަ ނަގައި ތުންފަތް ޖައްސާލައިފައި ހަތަރުކަޅި ހަމަކޮށްލުމުން މާއިޝާއަށް އަނގަޔަކުން ނުބުނެވުނެވެ. މިއޮތްހާ ދުވަހު އޭނާ ނާޔަލް ފަރާތުން ބޭނުން ވެގެން އުޅުނު އޯގާތެރިކަން މިހާރު ދައްކައިގެން ހިތަށް އެދެނީ ލުއި ފަސޭހަކަމެއް ނޫނެވެ. އެކަމަކު އެއީ ދެވޭ އިތުރު ތަކްލީފެކެވެ. ހަމަ ކުއްލިއަކަށް މިހާބޮޑު ބަދަލެއް އޭނާއަށް އައީ ކިހިނެތް ކަމާމެދު އަމިއްލަ ޟަމީރުވެސް އެވަނީ ސުވާލެއްގެ ތެރޭގައެވެ. "ނާޔަލް.... ބައްޕަ.." ދެމީހުން އެކަކު އަނެކަކަށް ބަލަން ތިއްބާ ދޮރު ހުޅުވާލައިފައި މަލީހް ނިކުތް އަޑަށް އެދިމާއަށް ބަލައިލާފައި މާއިޝާ ފުންމައިގެން ތެދުވިއެވެ. މަލީހްއަށް ފެނިގެން އެދިމާއަށް އަންނަން ފެށުމުން ނާޔަލް ތެދުވެ ސަލާމަތް އަތްދިއްކޮށްލީ އަމިއްލަ ތައާރަފް ދެމުންނެވެ. މަލީހް އުފަލާއެކު ސަލާމް ބަލައިގަނެފައި މަރުހަބާ ކިޔާލިއެވެ. ދެމީހުން އިށީންދެ ވާހަކަ އަޅުވާލުމުން މާއިޝާ އަންނާނެ ވާހަކަ ބުނެފައި އަވަހަށް ސަލާމަތް ވެގެން ގޮސް ވަނީ ކޮޓަރިއަށެވެ. 

"ކޮންމެވެސް ކަމެއް ވެއްޖެ." މެހެރީން އެނދުގައި އޮތްވާ ފެނިގެން މާއިޝާ ދޮރު ލައްޕާލައިފައި ފުރަތަމަވެސް ބުނެލިއެވެ. ކޮއްކޮގެ ސަމާލުކަން ލިބިއްޖެކަން އެނގުމުން އޭނާ ގޮސް އިށީންދެލީ މަގަތުގައެވެ. "ނާޔަލް އަކީ ސަޕްރައިޒްދޭ ކަހަލަ މީހެއް ނޫން. އަހަންނަށް ޔަޤީން އޭނަ މިރަށަށް ބޭކާރު ދަތުރެއް އެކުރީ ކޮންމެވެސް އެއްޗެއް އެނގިގެން. ނުބުނާތި މެހެރް އޭނަ ކަންފަތަށް އަރްސަލާންގެ ޚަބަރު ފޮނުވީއޭ..." މާއިޝާ ވާހަކަދައްކަމުން ޝައްކުގެ ނަޒަރުން ބަލައިލުމުން މެހެރީން ދެފަރާތަށް ބޯ ހޫރާލިއެވެ. "ހުވާކޮށްފަ މިބުނަނީ އަހަރެން ނުބުނަން." މެހެރީން ޖަވާބު ދިންއިރު މޫނުގައި ހުރި ސީރިއަސްކަން ފެނިގެން މާއިޝާ ފުން ނޭވައެއް ދޫކޮށްލިއެވެ. ނާޔަލްގެ ކުއްލި ދަތުރާއި ގުޅިފައި އެހެން ކޮންމެ ކަމެއް އަދި އޮތަސް އަރްސަލާންއާއި ގުޅިފައި ނެތިއްޔާ ރަނގަޅެވެ. މާއިޝާގެ ހިތް ވަހުމުން ފުރާލީ ނާޔަލް އެގޭގައި ހުންނަން ގަދައެޅީމައެވެ. ދެއަންހެންކުދިންނާއި ބައްޕަ އުޅޭ ކޮޓަރި ފިޔަވައި އިތުރު ކޮޓަރިއެއް ނެތި ސިޓިންރޫމް ސޯފާގައި އޮންނަން ޖެހުނަސް އެންމެ ރަނގަޅު ކަމަށް ބުނެ އެއްބަސްވީ އޭނާ މިރަށަށް އައީ ގިނަވަގުތު މާއިޝާ އެކުގައި ހޭދަ ކުރަން ކަމަށް ބުނި ވަގުތު މާއިޝާ ހިނދު ކޮޅަކަށް ބަސް ހުއްޓުނެވެ. ނާޔަލްއަށް އެނގިގެން އުޅެނީ ކޯއްޗެއްތޯ ސީދާ ސީދާ އަހައިލަފާނަމޭ ހިތަށް އެރިއެވެ.

"މިރޭ އެކަނި. އޭގެ ފަހުން ނާޔަލް ޖެހޭނީ ރެންޓް ރޫމަކަށް ޗޭންޖް ވާން. އަހަރެން ރޫމެއް ހޯދަދޭނަން." އެގާރަ ޖެހިއިރު ދެޒުވާނުން ބަދިގޭގައި ކޮފީ ބޯން ތިބެފައި މާއިޝާ އަދި އެއްފަހަރު ހަނދާން ކޮށްދިނެވެ. "އަހަރެން މިބުނީއެއްނު ސޯފާ އޯކޭވާނެއޭ. އަހަރެންގެ މުޅި ލައިފް ލަގްޝްރީ ގަ އުޅެފަ ހުއްޓަސް އައި ކޭން އެޖެސްޓް އޭ ބޭބީ. އަހަރެން އުޅުނީމޭ ބޯއި ސްކައުޓް އަކަށްވެސް." ނާޔަލް ހަމަޖެހިލައިގެން އިނދެ ރައްދުގައި ބުނެލިއެވެ. "ދަރިފުޅު ކީއްވެތަ ނާޔަލްއަށް ކޮޓަރިއެއް ހުސްނުކޮށްދޭން ތިއުޅެނީ؟ ކުރިންވެސް ދެކުދީން އެއްކޮޓަރީގަ އެއްނު ނިދީ. ދެން ހަމަ މިހާރުވެސް އެގޮތް އެއޮތީނު. ނާޔަލް އެހާ މަދު ދުވަހަކަށް އައީމަ ތިގޮތަށް ގެއިން ނެރެލައިގެން ކަމަކު ނުދާނެ." މަލީހް އައިސް ބަދިގެއަށް ވަދެފައި އެމީހުންގެ ވާހަކަ އިވިގެން އިތުރު ކޮށްލިއެވެ. "ބައްޕާ..." މާއިޝާ ގޮވާލިއިރު އަޑު މަޑެއް ކަމަކު އަކުރުތަކަށް ބާރުލިއެވެ. "އަހަރެން ބޭނުމެއް ނޫން ދެން އަލުން އިޝީއާ އެއް ރޫމެއް ޝެއަރ ކުރާކަށް. ޝީޒްއަޕް އޯލް ނައިޓް. އެކަމާ ހުރެ އަހަރެންނަކަށް ނުނިދޭ." މެހެރީންވެސް އައިސް މާއިޝާގެ ކޮޅަށް ބަހެއް އިތުރުކޮށްލިއެވެ. އޭނާ ބަލާލިއިރު ބައްޕަ ހުރީ އޭނާދެކެ ހިތްހަމަނުޖެހިފައެވެ.

ނާޔަލް ބާރުއަޅައިގެން ދެން އެންމެ ފަހުން ނިމުނީ އޭނާ ސޯފާގައި އޮންނަ ގޮތަށެވެ. މާއިޝާ ނާޔަލް ފާޚާނާއަށް ފޮނުވާފައި ރަޖައަކާއި ބާލީހެއް ހިފައިގެން ނިކުތްފަހުން ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް މެހެރީންގެ ނަޒަރު ދޮރާއި ދިމާއަށް ދަތުރު ކޮށްލިއެވެ. އޭނާ އިނީ މާއިޝާ ކައިރީ ކޮންމެވެސް އެއްޗެކޭ ކިޔަން އައިހެވެ. އެވަގުތު އޭނާއަށް ނޭވާ ހިފަހައްޓާލެވުނީ ނާޔަލް ހުސްގަޔާ ހަދާލައިގެން ހުއްޓާ ފެނިގެންނެވެ. އެކަމަކު ނާޔަލް ބަލައިލަން ވާއިރަށް އޭނާ ނޫންކަމަށް ހެދިފައި ލޯމަރާލިއެވެ. ނާޔަލް ނިކުމެ ދޮރު ލައްޕާލި އަޑަށް މެހެރީން ނޭވާލައިފައި ތެދުވެ އިށީންއިރު ހިތް ތެޅެމުން ދިޔައީ އެންމެ ބާރު މިނުގައެވެ. އޭނާ ހިތް ހަމައަކަށް އަޅުވަން އުޅޭ މީހަކު ފަދައިން މޭގައި ފިރުމަމުން އަވަހަށް ނިކުމެގެންގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ.

"އިހަށް މަޑުކޮށްބަލަ!" ނާޔަލް އައިސް ސޯފާގައި އިށީނުމުން މާއިޝާ ގުޑްނައިޓްއޭ ކިޔާފައި ދާންވެގެން ތެދުވިތަނާ ނާޔަލް އެއަތުގައި ހިފެހެއްޓިއެވެ. "މިހާރު އެއޮތް ބާރަ ޖަހަނީ." މާއިޝާ ނަޒަރު ހުއްޓައިލީ ގަޑިއަށެވެ. ނާޔަލް ހައްތަހާ ބޮޑަށް އަތަށް ބާރުކޮށްލުމުން އޭނާ މޫނު އަނބުރާލިއިރު އެދެލޮލުން ފައުޅުވާން ހުރި ވިދުވަރަކުން ހިތް ތެޅިލިއެވެ. "ނާޔަލް.. ބައްޕަ ނިކުމެދާނެ..." މާއިޝާ މަޑުމަޑުން އިއްވާލިއެވެ. ނާޔަލް އެއަޑު ނާހައި މާއިޝާގެ އަތަށް ދަަމައިލާފައި ގެނެސް އުނގުގައި ބޭންދި ގޮތަށް އެމޫނުގައި ދެއަތުން ހިފާ ނޭވާ އެޅޭ ހިސާބަށް ކައިރިކޮށްލައިފިއެވެ. މާއިޝާ ކަންބޮޑުވެފައި އެދެލޮލަށް ބަލަމުން ދިޔައިރު ނާޔަލް ކެތްމަދުވެފައި ބެލީ ހުޅުވިފައިވާ އޭނާގެ ފިޔާތޮށި ތުންފަތަށެވެ.. "ނާޔަ....ޝްޝްޝް...." މާއިޝާ އަނެއްކާވެސް ވާހަކަދައްކަން އުޅުނުވަގުތު ނާޔަލް ހިމޭންވާން އަންގާފައި އޭނާގެ ތުންފަތުގައި ބޮސްދިނެވެ. މާއިޝާއަށް ލިބުނު ޝޮކްގައި ތެޅިގަނެފައިވެސް ޖަޒުބާތުގައި ޖެހިގެން ލޯމަރައިލެވުނީއެވެ. ނާޔަލްގެ ކޮނޑާއި ހިސާބަކަށް މައްޗަށް އުފުލައިލެވުނު ދެއަތްތިލަ މަޑުމަޑުން ތިރިވެ އެދެކޮނޑުގައި ބާއްވައިލެވުނީއެވެ. މިކުރެވެނީ ކީއްކަން އޭނާއަށް އިހްސާސްވީ ނާޔަލްގެ ކަނާއަތްތިލަ ތިރިއަށް ގެންގޮސް ފުރަގަހުން އޭނާގެ ހެދުން ތެރެއަށް ވަދެގެން ދާން ފެށީމައެވެ. ކުއްލިއަކަށް ލޯ ހުޅުވައިލުމާއެކު ނާޔަލް މޭގައި ދެއަތްއަޅާ ކޮށްޕާލައިފައި އޭނާ ފުންމައިގެން ތެދުވެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. ދޮރާއި ހަމައަށް ގޮއްސައި ޝައްކެއް ވެގެން އެނބުރި ބޭރު ދޮރާއި ދިމާއަށް ބަލައިލިއިރު އަނދިރީގެ ތެރޭގައި މީހަކު ބަލަހައްޓައިގެން ހުރިހެން ހީވިއެވެ. މާއިޝާ ގަނޑުވެފައި ހުއްޓާ ނާޔަލް ލުއި ހިނިތުންވުމަކާއެކު ތެދުވެގެން ގޮސް އެދޮރު ލައްޕައި ތަޅުލިއެވެ. އޭނާ އެނބުރިލަންވާއިރަށް މާއިޝާ އަވަހަށް ކޮޓަރި ތެރެއަށް ދެމިގަތެވެ. 

ދޮރުފަތުގައި ބުރަކަށި ޖައްސާލިއިރު ލޮލުން ކަރުނަ އަތުވެއްޖެއެވެ. އޭނާއަށް މިކުރެވުނީ ކީއް ހެއްޔެވެ؟ މިހާ ބޮޑަށް ކުށްވެރިކަން އިހްސާސް މިކުރެވެނީ ކީއްވެ ހެއްޔެވެ؟ މާއިޝާ ރޮވިދާނެތީ ދެތުންފަތް ޖައްސާ ބާރުކޮށްލައިގެން ގޮސް އެނދަށް ވެއްޓިގަނެ ބާލީހުގައި މޫނު ފޮރުވާލިއެވެ. "ކީއްވެ ތިރޮނީ؟ ނާޔަލް ކީއްކުރީ؟" މާއިޝާ އެވަރުން ސިއްރު ކުރަން މަސައްކަތްކޮށްކޮށް އޮތްވާވެސް ނުނިދިފައި އޮތް މެހެރީންއަށް ފަޅާއަރައިފިއެވެ. އޭނާއަށް ވަދެވުނީ މެހެރީން ކޮޓަރިއަށްކަން އެނގުނީ އެހިސާބުންނެވެ. މެހެރީން ވާހަކަދެއްކި އަޑަށް އޭނާ މަގަތަށް އެނބުރިފައި ލޯ ފުހެލިފަހުންވެސް ކަރުނަތަކަށް މެދުކެނޑުމެއް ނައެވެ. "ހީ ކިސްޑް މީ.." މާއިޝާ އިއްވާލިއެވެ. "އޯހ." މާއިޝާއަށް ފެނުނީ މެހެރީން ކުއްލިއަކަށް ހިމޭންވިތަނެވެ. އޭނާ ސުވާލު އުފެދިގެން އެއްޗެއް އަހަންވާއިރަށް، ނާޔަލް ދަތްއެޅީހޭ ކިޔާފައި ދެން ފެށީ ހޭށެވެ. ކޮއްކޮގެ މޫޑު ހުރި ގޮތުން މާއިޝާ އިތުރަށް ކިޔައިދޭކަށް ނޫޅުނެވެ. 

އިރުގަނޑެއް ފަހުން މާއިޝާ އެނދުން ތެދުވީ މެހެރީން ނިދިކަން ޔަޤީންވީމައެވެ. އޭނާ ކޮޓަރިން ނިކުމެފައި ވަގެއްހެން އިނގިލިތަކުގެ ކުރި ޖައްސައިގެން ދުވެލާފައި ގޮސް ގޭގެ މައިދޮރު ކައިރިއަށް ހުއްޓުނީ ނޭވާ ނުލައެވެ. އެނބުރި ބަލައިލިއިރު ސޯފާގައި ނާޔަލް އޮތީ ގަދަ ނިދީގައެވެ. ދެން ނިކަން މަޑުމަޑުން ކިރިޔާ ބޭރަށް ނިކުމެވޭ ވަގަށް ދޮރު ހުޅުވާލައިފައި އެދޭތެރެއިން އޭނާ ބޭރަށް ދެމިގަތެވެ. ލޯޖެހިއިރު ނާޔަލް އަދިވެސް ނިދާފައި އޮތުމުން ހަމަޖެހުމުގެ ނޭވައެއްލައިފައި ހަމަ އެހާ މަޑުން އެދޮރު ލައްޕާލިއެވެ. ހުޅުވައިފައި ހުރިއްޔާ ބޭރުން ޖެހޭ ފިނި ވައިރޯޅިއެއްވެސް ނާޔަލް ހޭލައްވައިލުމުގައި ސަބަބަކަށް ވެދާނެއެވެ.

"އަރްސަލާން...." މާއިޝާ ފޫޅަށް އިވޭހާ މަޑުން ގޮވާލިއެވެ. އޭނާ އަނދިރީގެ ތެރެއިން ހިނގާލައިފައި ގޮސް ދޮރާށްޓާއި ގޭގެ ދޮރާއި ދެމެދަށް ހުއްޓި ހުރެގެން ފަރާތް ފަރާތް ހޯދިއެވެ. "އަރްސަލާން ޕްލީޒް އަހަރެން ފެންނަ ހިސާބަށް އައިސްބަލަ! ޕްލީޒް ޕްލީޒް ޝޯ އަޕް!' މާއިޝާ ދެއަތް ޖޯޑުކޮށްލައިފައި ގެނެސް މޭގައި ޖައްސައިގެން ހުރެ އުންމީދާއެކު ވާހަކަދެއްކިއެވެ. އިރުކޮޅެއް ނުވެ ފަހަތުން ގަސްތައް ހެލިލި އަޑު އިވިގެން އަވަހަށް އެނބުރި ބަލައިލެވުނެވެ. އެކަމަކު މާޔޫސްކަން ނޫން އެހެން އެއްޗެއް ނުލިބުނެވެ. "އަރްސަލާން... އަހަންނަށް މާފުކުރޭ..." މާއިޝާ އިތުރަށްވެސް ދެތިން މިނިޓެއްހާއިރު ހިލަމެއް ވޭތޯ ހުރެފައި އެންމެފަހުން ދެރަވެގެން ކަރު އެލުވާލައިފައި އަލުން އަނބުރާ ގެއަށް ވަނެވެ. އޭނާ ސިހުނީ ކޮޓަރިއަށް ވަދެ ލައިޓް ދިއްލާލީމައެވެ. އަރްސަލާން އިނީ އޭނާ ނިދާ އެނދުގައެވެ. އެކަމަކު މާއިޝާ ވެފައި ހުރި އުފަލާއި އައި ޖޯޝު، އަރްސަލާންގެ އިސްޖެހިފައިވާ މޫނު ފެނިފައި ދުރަށް އުދުހިގެން ހިނގައްޖެއެވެ.

"އަހަރެންދެކެ ރުޅި އައިއްސާތަ؟" މާއިޝާ ދޮރުފަތުގައި ލައްގަނެލައިގެން ހުރެ އަހާލިއެވެ. އަރްސަލާން އިސްއުފުލައި ނުލި ތާނގައި އަނގައިންވެސް ނުބުނުމުން އޭނާއަށް ނުހުރެވިގެން ގޮސް ކައިރިގައި އިށީންދެލައިފިއެވެ. "ޓޯކް ޓު މީ!" މާއިޝާއަށް ބުނެލެވުނެވެ. އޭނާ އަރްސަލާންގެ ކައިރިއަށް އެނބުރި އެމޫނުގައި އެއްއަތުން ހިފަހައްޓާލުމުން އަރްސަލާން އިސްއުފުލާލިއެވެ. ފަނޑު އަލީގެ ތެރޭގައިވެސް އެތޫނު ދެލޯ އޭނާގެ ހިތާއި ކުޅެލައިފިއެވެ. މާއިޝާގެ ހިތް އަވަސްވެ އިނގިލިތައް ދިޔައީ ފިނިވެގެންނެވެ. "އަހަންނަށް އިނގޭ އަރްސަލާންއަށް އަހަރެން ދައްކާ ހުރިހާ ވާހަކައެއްވެސް އެނގޭކަން. ވެދާނެ އެހާ ފަރިތަކޮށް ވާހަކަ ދައްކަން ނޭނގިދާނެތީ ނުދައްކަނީ ކަމަށް. އެކަމަކު އަރްސަލާންއަށް މިހާރު އެނގޭ އަހަރެން ދައްކާ ހުރިހާ ވާހަކައެއް." މާއިޝާ ވާހަކަދެއްކިއިރު އަރްސަލާން ކަޅި ޖަހައިނުލައި ބަލަން އިނދެފައި ކުއްލިއަކަށް އޭނާގެ އަތްތިރިކޮށްލި ގޮތަށް ފަސްދީ ހިނގައިގެންފިއެވެ. މާއިޝާ ފުންމައިގެން ތެދުވެ ބަލަން ހުއްޓާ އަރްސަލާން ގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ.

"މެހެރީން އެބުނީ ތެދުވާހަކައެއް. އަހަރެންނާއި މާއިޝާއަކަށް ގުޅިގެނެއް ނޫޅެވޭނެ." އަރްސަލާން ނުހަނު ފަރިތަ ދިވެހި ބަހުން އިއްވާލިއެވެ. އެއަޑު އަހާފައި މާއިޝާއަށް ބޯ ހޫރާލެވުނީ ދެފަރާތަށެވެ. "އެކަމަކު އަހަރެން މާއިޝާ ފެންނަ ހިސާބަަށް އަންނަހާ ހިނދު އަހަރެންނާ މާއިޝާއާއި ދުރުންނެއް ނޫޅެވޭނެ." އަރްސަލާން އިއްވާލީ މާއިޝާގެ ހިތުގެ އަޑެވެ. ބުނަން ބޭނުންވި އެތައް އެއްޗެއް ހިތުގައި ހުރެމެ ދުލާއި ހަމައަށް ގެންނަން ނުކުޅެދިފައި ހުއްޓާ އޭނާގެ ޖަވާބަކަށްވެސް އިންތިޒާރު ކުރުމަކާ ނުލާ އަރްސަލާން ހުޅުވާފައި ހުރި ދޮރުދާރަމަތިން ނިކަން ހަލުވިކޮށް ފުންމާލައިގެން ގޮސް ގަސްތަކުތެރެއަށް ގެއްލުނީއެވެ.

މެހެރީން ހެނދުނު ލޯ ހުޅުވާލިތަނާ ހިތަށް އެރި އެއްޗަކުން ކުއްލިއަކަށް އެނދުން ފުންމާލައިގެން ފުރަތަމަވެސް ނިކުތީ ބޭރަށެވެ. އެހެން މީހަކު އުޅޭތޯ އޭނާ ސިއްރު ސިއްރުން ބަދިގެ ޗެކްކޮށްލާފައި ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ހުއްޓުނީ ނާޔަލް ނިދާފައި އޮތް ސޯފާގެ ކައިރިއަށެވެ. ނާޔަލް ގަދަ ނިދީގައި އޮތްއިރު އިސްތަށިގަނޑު ހޭވި ބައެއް އިސްތަށިތައް ނިއްކުރިމައްޗަށް ފެތުރިފައި އޮތް ގޮތުން އޭނާގެ އިނގިލިތައް ކެތްމަދުވިއެވެ. ދެކޮޅު ހޯދާލައިފައި އޭނާ ނާޔަލްގެ ކައިރިއަށް ގުދުވެ ނިކަން ލުއިކޮށް އިނގިލިތައް ބީއްސައިލާފައި އިސްތަށިކޮޅުތައް އެއްފަރާތްކޮށް ދިނެވެ. ކައިރިން ފެނުމުން ދުރަށް ދާން ނޭނގިފައި އޭނާއަށް އޮވެވުނެވެ. ނާޔަލްގެ ފަން އިސްތަށިކޮޅުން ފެށިގެން ވަރުގަދަ ބުމައާއި ލޮލާއި ތުންފަތަށް އޭނާ ތައުރީފް އޮއްސަމުން ނޭނގުމުގެ ތެރޭގައި ކައިރީހުރި ކުޑަ މޭޒުގައި ފޫޖައްސާލެވުނު ވަގުތު އެތާ އޮތް ރިމޯޓަށް އެރިފައި ޓީވީ ހުޅުވުނީ ކުއްލިއަކަށެވެ. އެއަޑަށް ތެޅިގަނެފައި ކޮޅަށް ތެދުވިއިރު ނާޔަލްވެސް އޮތީ ލޯ ހުޅުވައިގެން ބަލާށެވެ. މެހެރީންއަށް ބުނާނެ އެއްޗެއް ނޭނގިގެން އަވަހަށް އެތަނުން ދާންވެގެން އެނބުރިލިތަނާ ނާޔަލް ތެދުވެ އެއަތުގައި ހިފަހައްޓައިފިއެވެ.

"ދޫކޮށްލާ އަހަރެން އަތުން..." އަތުގައި ނާޔަލް ހިފެހެއްޓިތަނުން އާދަޔާ ޚިލާފެއް ކަރަންޓެއް އުފެދި ހަށިގަނޑު ހުރިހާ ނާރުތަކާއި ދިމާއަށް މިސްރާބު ޖެހި ވަގުތު މެހެރީންއަށް ހަޅޭތްލަވައިގަނެވުނެވެ. މެހެރީންގެ އެހާ ބާރަށް ހަޅޭތްލަވައިގަތުމުން ނާޔަލްއަށްވެސް ސިހިފައި ދޫކޮށްލެވިއްޖެއެވެ. އޭނާއަށް ފެނުނީ މެހެރީންގެ މޫނަށް ވެރިވެފައިވާ ނުތަނަވަސްކަމެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހާލިތަން ބަލަން އޭނާ އިންއިރު ސިކުނޑިއަށް އެކައްޗެއްވެސް ނޭރިއެވެ. އިރުކޮޅެއް ނުވެ މާއިޝާ ކޮޓަރިން ނިކުމެގެން އެދިމާއަށް އައިސް ހުއްޓިފައި މެހެރީން ހަޅޭތްލެވި ގޮތެއް އޮޅުން ފިލުވަދޭން އެދުމުން އޭނާ ނޭނގެއޭ ބުނާފަދަ ގޮތަކަށް ކޮނޑު އަރުވާލިއެވެ. މާއިޝާ ބަލަން ހުރެލާފައި ގޮސް ކާގެއަށް ވަނުމުން ނާޔަލް ބޯދަށް ދެއަތް ލައްވާލައިގެން އަނެއްކާވެސް ސޯފާގައި ދިގުދެމިލިއެވެ. ހުޅުވާފައި ހުރި ދޮރުން ދެއަންހެން ކުދިން ވަދެގެން އައީ އޭނާ އެހެން އޮތްވައެވެ. ހަނާ އާއި ޒޫނާއަށް ނާޔަލް ފެނިގެން ފަސްދޭންދެން ވަރަކަށް ބަލައިލިއެވެ. 

"ކާކު އެއޮތީ ސިޓިންރޫމްގައި؟" ދެއަންހެން ކުދިން ކޮޓަރިއަށް ވަންއިރު މެހެރީން ފެންވަރައިގެން ނިކުމެ ފުނާ އަޅަން އިންދާ ފެނިގެން އަހާލިއެވެ. "ކިހިނެތްވީ؟" މެހެރީން ފަރުވާ ކުޑަގޮތަކަށް އަހާލިއެވެ. "ހީޒް ހޮޓް." ހަނާ އުފާވެރި ގޮތަކަށް ލޯ ބޮޑުކޮށްލާފައި ޖަވާބުދިނެވެ. "ޓުރޫ. ބަޓް އެނޯއިން..." ކިތަންމެ ނުރުހޭކަން ދައްކަން ބޭނުންވިއަސް މެހެރީންއަކަށްވެސް ނާޔަލްގެ ރީތިކަމާމެދު ދެކޮޅެއް ނުހެދުނެވެ.

"މެހެރް ކީއްކުރަން އަރްސަލާން ކައިރީ މިގެއިން ދާށޭ ބުނީ؟" މާއިޝާ ރޭއްސުރެ ކުރަން ބޭނުންވި ސުވާލު ކުރިމަތި ކުރުވީ މެހެރީން ތައްޔާރުވެގެން ކޮފީބޯން އައިސް ވަނީމައެވެ. މެހެރީން ހާސްވިތަން ފެނިފައި މާއިޝާ އައިސް ހުއްޓުނީ ކުރިމަތީގައެވެ. "އަހަރެން ކުރިކަމެއް ވިއްޔާ ކުރީ އިޝީއަށް ރަނގަޅަކަށް." މެހެރީން ދާދި އަވަހަށް ހަމަޖެހިލައިފައި ގޮނޑިއެއް ދަމާލައިގެން އިށީނެވެ. "ކޮން ރަނގަޅެއް؟ މެހެރް ބުނީމެއްނު އަހަރެން ހުރިހާ ކަމެއް ފިގަރ އައުޓް ކުރަން ޓައިމް ދީފީމޭ. ދެން ކީއްވެ އަރްސަލާންއާ ދިމާއަށް އެކަހަލަ އެއްޗެއް ބުނީ؟" މާއިޝާ ހިތްހަމަނުޖެހިފައި ހުއްޓެއް ކަމަކު އިރު އިރުކޮޅާ ދޮރާއި ދިމާއަށް ބަލައިލަނީ ނާޔަލް އާދޭތޯއެވެ. "ރަނގަޅެއް ނޫންތަ އެވީ؟ އެހެންނޫންނަމަ ނާޔަލްއަށް މިގެއިން އަރްސަލާން ފެނުނީމަ ކޯއްޗަކަށް ވާނީ؟" މެހެރީން ދަތްތައް ކައިރިކޮށްލާފައި ރައްދު ދިނެވެ. އޭނާ ތެދުވެގެން ގޮސް މަގު ފުރާ ކޮފީ އަޅައިގެން ދާން ވެގެން އެނބުރުނުއިރު މާއިޝާ ހުރީ ފެންކަޅިވެފައެވެ. އެވަގުތު މެހެރީންއަށް ހުއްޓެވުނީ މާއިޝާ ބުނެލި އެއްޗެއް އިވިފައެވެ. އޭނާ ޔަޤީން ނުކުރެވިގެން ކީކޭ ހެއްޔޭ އަހާލިއެވެ. "އައެމް އިން ލަވް ވިތް ހިމް." މާއިޝާ ތަކުރާރު ކޮށްލިއެވެ. "ވިތް އަރްސަލާން؟" މެހެރީން އަދިވެސް ޔަޤީން ކުރަންވެގެން އަނެއްކާ ސުވާލު ކުރިއެވެ. "ކާކު އަރްސަލާން އަކީ؟" މާއިޝާ ޖަވާބު ދޭން ތައްޔާރުވެލިތަނާ ދޮރުން ވަން ނާޔަލްގެ އަޑުއަހާފައި ދެއަންހެން ކުދީން ހުދު ކަފަކޮޅަކަށް ވެގެން ދިޔައެވެ.

"އަރްސަލާންއަކީ އަހަރެންގެ ބޯއިފްރެންޑް." އެއް ޝޮކަށްފަހު އަނެއް ޝޮކެވެ. މިފަހަރު މާއިޝާ ހައިރާންކޮށްލީ މެހެރީންއެވެ. އޭނާ ބަލައިލުމާއެކު މެހެރީން ގަދަކަމުން ހިނިތުންވެލައި ނާޔަލްއާއި ދެމީހުންނަށް ދައްކާލައިފައި ނިކުމެގެން ދިޔައެވެ. 

ކޮމެންޓް 0