ޒަވިއަން އެއީ އަރްސަލާންއަށްފަހު އޭނާ ނުރައްކަލުން ސަލާމަތްކޮށްދިން އެފަދަ ދެވަނަ މަރމޭންއެވެ. "ޒަވިއަން...!!" މާއިޝާ ބާރުބާރަށް ގޮވާލިއެވެ. އެވަގުތު ޒަވިއަން ނުހުއްޓުނުތާ ބަަލައިވެސް ނުލައި ފުރަގަސްދީފައި ދިއުމުން މާއިޝާ ދެކޮޅު ބަލާލައިފައި ދުއްވައިގަތެވެ.
"ޒަވިއަން އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ!" ކައިރިއަށް ދެވުމުން އަތުގައި ހިފާލިތަނާ ޒަވިއަން ކުއްލިއަކަށް އެއަތް ފޮޅުވާލި ގޮތުން މާއިޝާ ވިއްސައިގެން ގޮސް ޖެހުނީ ވެލިގަނޑު މައްޗަށެވެ. އެވަގުތު އޭނާ ފޫކޮޅަށް ތަދުވެގެން އަނގައަށް ގޮތެއް ހަދައިިތަނާ ޒަވިއަން ބަލައިލުމުން މޫނު ރީތިކޮށްލިއެވެ. "ކީއްވެ އަހަރެން ތިވައްޓާލީ. ހަމަ އެހާ ބިރުގަނޭތަ އަހަރެން އަތްލާއިރަށް ދިރޭ ސުއިޕެއް ކަށިޖެހިހެން ތި ވިއްސައިލީ؟" މާއިޝާ ކުޑަކޮށް ދެބުމަ ގޮށް ޖަހާލައިފައި ވާހަކަދެއްކިއެވެ. ޒަވިއަން އެއްޗެއް ނުބުނެ ބަލަން ހުރީ މީގެ ކުރިން އަރްސަލާންވެސް އޭނާ ދައްކާ ވާހަކަ ނޭނގިގެން ބަލާ ގޮތަށެވެ. ނޫނީ އޭނާ އެހާ ހަމަ ނުޖެހޭ ވާހަކައެއް ބުނުމުން އެކަމާއި ހައިރާންވެފައެވެ. ޒަވިއަން ދެކެ ޖެހިލުންވާން ވީ މީހަކަށް ޚުދު އޭނާ ވެފައި އޭގެ އިދިކޮަޅަށް ވާހަކަ ހުރުމުން ބޮޑު ޖޯކަކަށް ވެގެން ކަންނޭނގެއެވެ.
"އަހަންނަށް މި ހީކުރެވުނީ ރަނގަޅަށް ކަމަށް ވަންޏާ މީ ޒަވިއަން އަހަރެން ސަލާމަތް ކޮށްދިން ދެވަނަ ފަހަރު. އެއްފަހަރު ފެންގަނޑު ތެރޭން. އަނެއްފަހަރު ދެންމެ ފެނުނު އެތީގެ ކިބައިން. އަހަރެން ބުނަން މިއުޅެނީ... ޒަވިއަން ޕްލީޒް އަހަރެން މިރަށުން ސަލާމަތްކޮށްދީ. ޕްލީޒް އަހަރެންނާ އަރްސަލާން ބައްދަލު ކޮށްދީ." މާއިޝާ ހަމަ އިސްކޮަޅަށް ތެދުވެފައި ވަކި ހިސާބަކުން މަޑުޖައްސާލި ޖުމްލަތައް ނިކަން އަވަސް އަރުވާލައިފައި ނިންމާލިއެވެ. ޒަވިއަން ކަޅިޖަހާ ނުލާ ބަލަން ހުރި ގޮތުން ވަށައިގެން ހޯދައިލެވުނީ އަޑު އިވޭ ހިސާބުގައި އެހެން މީހަކު ހުރީ ކަމަށް ހީކޮށްފައެވެ. "ބުނޭ... އަހަރެންނަށް އެހީ ވެދޭނަންތަ! ޕްލީޒް!..." މާއިޝާ ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ދެއަތްޖޯޑު ކޮށްލައި ގެނެސް މެއާއި ހަމައިގައި ޖައްސާލައިގެން ޒަވިއަން މޫނަށް ބަަލަން ހުއްޓެވެ. އެލޮލުގައިވާ އާދޭހުން ނަމަވެސް ޒަވިއަންގެ ހިތާއި ކުޅެލެވިއްޖެއްޔާ ރަނގަޅެެވެ.
"އަހަރެން މިތާގައި މިހުރީ ކަސިއަސްގެ ޚިދުމަތުގައި. އެކަނި އަހަންނެއް ނޫން މިތާ އުޅޭ ހުރިހާ އެންމެންނަށް ކަސިއަސް އަންގާފައި އޮތީ މާއިޝާ ރައްކާތެރި ކުރަން. އަހަރެން ކުރި ކަމެއް ވިއްޔާ ކުރީ ވާޖިބު އަދާ ކުރަން. އަދި ތިޔަ އެދޭ އެދުމަކީ އަހަރެންގެ ވާޖިބުން ބޭރުގައިވާ ކަމެއް." ޒަވިއަން އެބަރު އަޑުން ނިކަން ސީރިއަސްވެފައި ޖަވާބު ދިނެވެ. އެއަޑު އަހާފައި މާއިޝާގެ ކުލަވަރު ރީނދޫވެ ހިނދުކޮޅަކަށް ހިމޭންވެފައި ހުރެވުނެވެ. ޒަވިއަން ދިން ޖަވާބަށްފަހު ދާދި ދެންމެ އަކު ދިއްލުނު އުންމީދުގެ ހުުޅުކޮޅުވެސް ނިވުނީއެވެ. "ޔަޤީންތަ؟....." އެވަގުތު ޒަވިއަން އަނެއްކާ ފަސްދިނުމުން މާއިޝާ ގޮވާލިއަޑަށް އަނެއްކާ ހުއްޓުނެވެ. އެކަމަކު އެނބުރި ބަަލައެއް ނުލިއެވެ. "އަހަރެން މިބުނީ... ކަސިއަސް އަންގާފައި ނެތްނަމަ އަހަރެން މަރުވެގެން ދިޔަޔަސް އެހީއެއް ނުވާނަންތަ؟" ޅަކުއްޖަކުހެން މާއިޝާ އަހައިިލިއެވެ. "ރަނގަޅު." ޒަވިއަން ދެވަނަ ފަހަރަށް ޖަވާބު އިއްވާލައިފައި ގޮސް ގެއްލުމުން މާއިޝާ މާޔޫސް ވެގެން އެނބުރި އައިސް ފޭލިގެ ތެރެއަށް ވަދެ އޮށޯތެވެ.
******
ވެހުނު ވާރޭ ހުއްޓާލައި އުޑުމަތި ސާފު ވުމުން ދެޒުވާނުން އެނބުރި އައީ މާޔޫސްވެފައިވާ މޫނަކާއިގެންނެވެ. ޒަވީ ފަދައިން އަރްސަލާންގެ ސިކުނޑިވެސް އޮތީ ސުވާލުތަކުން ފުރިފައެވެ. ވެހުނު ވާރޭއަށް ލައިލް ނުނިކުންނަނީ ހެއްޔެވެ؟ ނޫނީ އޭނާ ދުނިޔޭގައި ނެތުމަކީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟
ޒަވީ ގެއަށް ފޮނުވާލައިފައި އަރްސަލާން އައިސް ވަންއިރު ކައިލީން އިނީ އަނދިރި ސިޓިންރޫމްގައި ހުރި ސޯފާގައި އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެންނެވެ. ހުޅުވާފައި ހުރި ދޮރުތަކުން މަގުމަތީގެ އަލި ކޮންމެވެސް ވަރަަކަށް ވަދެފައި ހުރުމުން ކައިލީންގެ މޫނާއި ހަށިގަނޑުގެ ބަޔަކަށް އަލި އެޅިފައި ހުއްޓެވެ. "އަހަރެން ހީކުރީ އަރްސަލާން މާއިޝާ ބޭނުން ކަމަށް. އަހަރެން ހީކުރީ އަހަރެން އެޚަބަރު ދޭއިރަށް އަރްސަލާން ދާނީ މާއިޝާ ބަލައި ކަމަށް." ކައިލީން ބުރަކަށި ތެދުކޮށްލާފައި އަރްސަލާންގެ މޫނަށް ބަަލަން އިނެވެ. "އަހަރެން އަދިވެސް މާއިޝާ ބޭނުން. އެކަމަކު އަހަރެން މިހުރީ ދެއަތް އުރާލައިގެން ގޮސް ބައްޕަ އާއި ބައްޕަގެ ބައިވެރިންގެ ދަލުގަ ޖެހެން ދާ ގޮތަކަށް ނޫން. އަހަރެން އެތަނަށް ދާއިރަށް އެމީހުން އަހަރެން ހިފަހައްޓާފައި މާއިޝާ ދޫކޮށްލީމަ ކޯއްޗަކަށް އެވީ." އަރްސަލާން ސާބިތު ކަމާއިއެކު ޖަވާބު ދީފައި އައިސް އިށީންދެލީ ކައިލީން ކުރިމައްޗަށް ވާގޮތަށް ހުރި އަނެއް ސޯފާގައެވެ.
"އަރްސަލާން ތީ ކޮންކަހަލަ ދަރިއެއް؟ އެއަންހެން ކުއްޖާއަށްޓަކައި އަމިއްލަ އާއިލާ ދޫކޮށްލަން ކުޑަކޮށްވެސް ޖެހިލުމެއް ނުވޭތަ؟" ކައިލީން ސުވާލުކޮށްލިއިރު ކުރިއާ ޚިލާފަށް މޫނުގެ ކުލަވަރު ބަދަލުވިއެވެ. މިހާރު އެމޫނުގައި ހުރީ ކުރިން ހުރި ހަމަޖެހޭ ކުލައެއް ނޫނެވެ. "އެއީ އަހަރެންގެ އާއިލާ ކަމަށް ވަންޏާ އަހަރެންގެ ބޭނުންވާ ގޮތާއި ރުހޭނެ. އެހެންނޫނަސް ކިހާ ދުވަހަކު އަހަރެން އެމީހުންނަށްޓަކައި އުޅޭނީ؟ އަމިއްލަ ނަފްސްގެ އުފަލަށްވެސް ފުރުސަތު ދޭން އެބަ ޖެހޭ. ބާކީ އޮތް ދުވަސްތައް އަހަރެން އުޅެން ބޭނުމީ މާއިޝާގެ ބައިވެރިއެއްގެ ގޮތުގައި." އަރްސަލާންގެ ޖަވާބު ނިމުމުން ކައިލީން ހުރީ ހިނދުކޮޅަަކަށް ބުނާނެ އެއްޗެއް ނޭނގިފައެވެ.
"މިހާރު ދައްކާ ވާހަކަވެސް ތިހުރީ އިންސާނުންހެން. އެމީހުންގެ އަމިއްލަ އެދުން ބޮޑުކަމާއި އެމީހުންގެ ބަހުރުވަޔާ މިހާރު އަރްސަލާންގެވެސް ތިހުންނަނީ." ކައިލީންއަށް ނީނދެވިގެން ކޮޅަށް ތެދުވެފައި ބާރު ބާރަށް ވާހަކަދެއްކިއެވެ.
"ކައިލީންއަށް އަދި ކިރިޔާތަ ތިކަން ތިއެނގުނީ؟ އަހަރެން މާއިޝާއާ ވަކިވެގެން އަހަރެންގެ އާއިލާގައި ބާކީ ތިބި މީހުން ހޯދަން ދާން ކައިލީންއާއެކު ނިކުމެފައި ދަތުރުގެ ވަކި ހިސާބަކުން އަލުން ކެހިދީފަ ފިލި ދުވަހު ނޭނގުނުތަ ތިކަމެއް؟ އެދުވަހު އަހަރެން ކައިލީން ދޫކޮށްލައިފަ މާއިޝާއާ އެކުގައިވާން އައި އައުމަކުން ނުވިސްނުނުތަ އަހަރެން ބޭނުންވާ ގޮތެއް؟" އަރްސަލާން ރައްދު ދިންއިރު އަދިވެސް އިނީ ހަމަޖެހިލާފައެވެ. "ދެން މިހާރު ކީއްކުރަން ތިއުޅެނީ؟" ކައިލީން ބޭނުންވީ އަރްސަލާންގެ ރޭވުން އޮތް ގޮތް އޮޅުން ފިލުވުމެވެ. "ކައިލީން ތީ މިހާރު އަހަރެންގެ ރޭވުން ކިޔައިދޭން ބޭނުންވާ ފަރާތެއް ނޫން." އަރްސަލާން އެވަގުތު ޖަވާބު ދީފައި ތެދުވެގެން ދާން ފެށުމުން ކައިލީން ރުޅި އައިސްފައި ހުއްޓޭށޭ ކިޔައިގެން ގޮވިއެވެ. އެކަމަކު އަރްސަލާން އިވޭ ކަމަށްވެސް ހަދާނުލައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.
އޭނާ ގޮސް ބެލްކަންޏަށް ނިކުމެ ރެއިލިންއާ ދިމާއަށް ދިޔައިރު ފައިއަޅާފައި ދާ ކޮންމެ ތަނަކުން އިތުރު މަލެއް ނިކުމެފައި ފޮޅިލައެވެ. ރެއިލިންގައި ދެއަތް އަޅުވާލިއިރު އުޑުމަތިން އަނެއްކާވެސް އަޅި ވިލާތަކުގެ އަސަރު ފެންނަން ހުއްޓެވެ.
ފައިސަލްމެން ހަމައަކަށް އެޅުވުމަށްޓަކައި މެހެރީން ވާހަކައެއް ހަދައިލީ މާއިޝާ ދިޔައީ އަނެއްކާވެސް އަރްސަލާންގެ ކައިރިއަށް ކަމަށް ބުނެފައެވެ. އެންމެން ނިދާފައި ހިލަވަޅު އޮބުމުން އޭނާ ޒަވީގެ އިންތިޒާރުގައި ސިޓިންރޫމްގައި އޮތްވާ ދޮރުފަތުގައި ޓަކި ޖަހާލި އަޑަށް ފުންމައިގެން ދިޔައެވެ. ދޮރު ހުޅުވާލިއިރު ޒަވީ ހުރީ ތެމިފައެވެ. "ތިހުރީ ތެމިފައެއްނު. އާ ޔޫ އޯކޭ؟" މެހެރީން ޒަވީ ވަންނަން ތަން ދައްކަމުން ހާސްކަމާއެކު އަހާލިއެވެ. ޒަވީ ބޯ ޖަހާއިފައި އެތެރެއަށް ވަނުމުން އޭނާ ކޮފީ ގެންގޮސްދޭނެ ކަމަށް ބުނެފައި އެންގީ އަވަހަށް ތެތް އެއްޗެހި ބަދަލު ކުރަން ކޮޓަރިއަށް ދިއުމަށެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ކޮފީ ތަށްޓެއް ހިފައިގެން ގޮސް އެކޮޓަރި ދޮރުފަތުގައި ޓަކި ޖަހާލިއެވެ.
"ވަދޭ!" ޒަވީ ގޮވާލި އަޑު އައެވެ. މެހެރީން ފިކުރެއްނެތި އެތެރެއަށް ދެމިގެންފައި ޒަވީ ހުސްގަޔާ ހުއްޓާ ފެނުމުން ހުއްޓެވުނެވެ. ލޯގަނޑު ކުރިމަތީ ހުރިއިރު އޭނާގެ ލޮލުގައި އަޅައިގަތީ ޒަވީގެ ބަނޑުގެ އެއްފަރާތުގައި ހުރި ބޮޑު ލަކުނެވެ. އޭނާ ބަަލަން ހުއްޓާ ޒަވީ އިސްއުފުލާލައިފައި ލޯގަނޑުން އޭނާއަށް ބަލާލިތަން ފެނިގެން އަވަހަށް ހިނގައިގެންފައި ގޮސް ތަންކޮޅެއް ދުރުގައި ފުރަގަހުގައި ހުއްޓުނެވެ. ޒަވީ އެނބުރި ބަލައިލުމާއެކު އޭނާ އެމޫނަށް ކަޅި ހުއްޓިފައި ހުރެގެން ކޮފީ ޖޯޑު ދިއްކޮށްލިއެވެ. ފެނުގެ އަސަރު ހުރި އިސްތަށިގަނޑުގެ ބައެއް ނިއްކުރިމައްޗަށް ފައިބާފައި އޮތުމުން އަޅައިގަންނަ ގޮތެއް ހުއްޓެވެ. އަދި ޒަވީގެ ދެލޯވެސް މިރޭ ހީވަނީ މާ ކަޅުކުލަ ގަދަވެފައިވާ ހެންނެވެ. "ތޭންކްސް." ޒަވީ ކޮފީ ޖޯޑުގައި ދެއަތުން ހިފާފައި ކޯވަރެއް ބޯލަމުން ބުނެލިއެވެ. މެހެރީންއަށް ހަމައެކަނި ހިނިތުންވެލެވުނީއެވެ. ވާހަކަ ދައްކަން އުދަނގޫވެފައި ހުރެގެން އޭނާ ބަލަން ފެށީ ފޮތިގަނޑު ކަހާއިފައި ހުރުމުން ބޭރު ފެންނަން އޮތް ކުޑަދޮރު ތަކާއި ދިމާއަށެވެ. އަނެއްކާ އޭނާގެ ހިތް ޒަވީއަށް އެދެން ފެށީ ބާއޭ ހިތަށް އެރިއެވެ. ނޫނީ އެއީ ޒަވީގެ ރީތި ލޮލުން ޖެއްސި ކޮންމެވެސް ސިހުރެކެވެ."ކިހިނެތްވީ މިރޭ؟ އަރްސަލާން އެބުނި މީހާ ފެނުނުތަ؟" ދުރު ބަލަން ފެށުމުން ވާހަކަދައްކާނެ ބާރު ލިބިގެން މެހެރީން ފެށިއެވެ. "ވަކި ތާކަށް ހޯދާކަށް ނުދަން. އަހަރެން ކަންތައް ކުރީ އޭނަ ބުނި ގޮތަށް. ވާރޭގަ ހުރެގެން އެނަމުން ގޮވީމަ އޭނަ ހުރިއްޔާ އަންނާނެ ކަމަށް ބުނީ. ވެދާނެ އެބުނާ މީހަކު މިރޭ ވާރޭގަ ތެމެން ބޭރަށް ނުނިކުތީ ކަމަށް." ޒަވީ ގޮސް އެނދުގައި އިށީންދެފައި ކޮފީ ޖޯޑު ސައިޑު ޓޭބަލް މަތީ ބެހެއްޓިއެވެ.
"އެހެންވިއްޔާ ޒަވީ ޤަބޫލު ކުރަންތަ އަރްސަލާން ދެއްކި ވާހަކަތައް؟" މެހެރީން އޮޅުންފިލުވަން ބޭނުންވެފައި ހުރި ކަމެއްގެ ވާހަަ އަހައިލިއެވެ. "ކޮންމެވެސް ވަރަކަށް." ޒަވީ އަނެއްކާވެސް ޖޯޑުން އެތި ފޮދެއް ބޯލިއެވެ. "ޤަބޫލު ކުރަން އޭނަ އަކީ ކާކުކަމާއި އޭނަގެ ދަރިފަސްކޮޅުގެ އެހެން މީހުން ނަކީ އުޅޭ ބައެއްކަން. އެކަމަކު އެބުނާ ލައިލްއާ އަދި އަހަރެންގެ ބައްޕައާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާމެދު ގޮތަށް ނިންމަން އެނގޭނީ އިތުރު ހެކި ތަކެއް ފެނިގެން." ޒަވީ ކިޔައިދިނެވެ. މެހެރީންވެސް އެއްބައި ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "އެކަމަކު ސުވާލު އުފެދުނު ކަމެއް އަދި އެބައޮތް. އޭނަ ކިޔައިދިނީ ތެދެއް ކަމަށްވަންޏާ އަހަރެން ސަލާމަތް ވީ ގޮތަށް ބައްޕައަށް އެލިބުނު ޒަޚަމުން އަރައި ނުގަނެވުނީ ކީއްވެ؟ އެކަން ވީ ގޮތް އަހަރެން އަދި އޮޅުންފިލުވަން ބޭނުން." ޒަވީ އިތުރަށް ބުނެލިއެވެ. މެހެރީން އަތު ކުރީ ގަޑިއަށް ނަޒަރެއް ދީފައި އޭނާ ދާން ވެގެން އިތުރު ކަމެއް ބޭނުންތޯ އަހާލިއިރު ޒަވީ އިނީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ދިޔަޔަސް އެންމެ ރަނގަޅު ކަމަށް ބުނެލީ މެހެރީން މޫނަށް ބަލައިވެސް ނުލައެވެ. މެހެރީންވެސް އިތުރު ވާހަކައެއް ނުދައްކައި ގުޑްނައިޓް އޭ ބުނެލާފައި ނިކުމެ ފަހަތުން އެކޮޓަރީ ދޮރު ލައްޕާލައިފިއެވެ.
ހެނދުނު ޒަވީއާ މެހެރީން ވެގެން އެދެމީހުން ކައިވެނި ކުރަން ބޭނުން ވާހަކަ ބުނެލިއިރު ފައިސަލްއާ އާފިޔާ ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއްކޮޅުން މާއިޝާވެސް ގެއިން ނިކުމެގެން ދިޔައީ ބޮމެއް ގޮއްވާލައިފައެވެ. އަނެއްކޮޅު މެހެރީން އެ އެދުނީ ދެބެންގެ ދެދަރި ކުއްޖަކާއި ކައިވެނީގެ ގޮތުން ގުޅެން ބޭނުން ވެގެންނެވެ. އެދެމެދުގައި އެކަހަލަ ގުޅުމެއް އޮތް ކަމަކަށްވެސް އެމީހުން ނުވިސްނައެވެ. "އެންމެ ރަނގަޅު. ތީގަ މަންމަ ބުނާނީ ވަކި ކީކޭ؟ ތިކުދިން އެގޮތް ބޭނުމިއްޔާ މަންމަގެ އިއިތިރާޒެއް ނެތް. އެކަމަކު އޭގެ ކުރިން ޒަވީ މަންމައަށް ތިކަން އަންގަންވާނެ. ނަބީލާގެ ރުހުން އޮތިއްޔާ އިތުރަށް ކުރިއަށް ދާނީ." ފައިސަލް މޫނަށް ބަލައިލާފައި އެނބުރި ކުރިމަތީ ތިބި ދެޒުވާނުންނަށް ބަލަމުން އާފިޔާ ޖަވާބު އިއްވިއެވެ. އެވަގުތު ޒަވީ ހިތްހަމަ ޖެހިގެން އޭނާގެ އަތުގައި ހިފާލިއިރު މެހެރީންއަށް ބަލައިލެވުނީ މަތީ ބުރީގައި ފުރޮޅު ލީ ގޮނޑިއެއްގައި އިން ނާޔަލް އަށެވެ. ނާޔަލް ފޮތެއް ހުޅުވާލައިގެން އިންއިރު ގޭތެރޭ މިހިނގާ ކަންތަކުގެ ޚަބަރެއްވެސް ނުވެއެވެ. އަދި އެނގުނަސް އޭނާއަށް އެއިން ފަރަގެއް ނާންނާނެކަން މެހެރީންއަށް ކަށަވަރެވެ.
މެންދުރެއްހާއިރު ފިނި ދަޅެއް ބޯލަން މެހެރީން ސިޓިންރޫމްގައި އިންދާ ފޯނަށް މެސެޖެއް އައެވެ. ކިޔާލިއިރު ނާޔަލް ލިޔެލާފައި އޮތީ "މީޓް މީ ނައު!" މިހެންނެވެ. މެހެރީން ސުވާލު އުފެދިފައި ހުރެގެން ގޮސް ދޮރު ހުޅުވާލިއިރު ނާޔަލް ފޯނަށް ބަލަހައްޓައިގެން އެނދުގައި އިނެވެ. "ކިހިނެތްވީ؟" މެހެރީން ނުވަދެ ހުރެގެން އެހިއެވެ. "ވަދެފަ ދޮރު ލައްޕާ!" ނާޔަލް ތަންކޮޅެއް ހަރުކަށި ކޮށް އިއްވާލިއެވެ. "ހަތަރެސްފައި ހަމައަށް މަސައްކަތް ނުކުރިއަސް ތިމާގެ ހަރުކަށިކަން ދޫ ނުކުރާތި!" މެހެރީން އަނގައަށް ގޮތެއް ހަދާލައިފައި ވަދެގެން ގޮސް އެނދު ކައިރީ ހުރި ގޮނޑިއެއްގައި އިށީންދެލީ އަނެއްކާވެސް ނާޔަލް އަތުގެ އިޝާރާތުން އެގޮނޑި ދައްކާލީމައެވެ. "ތެދެއްތަ އެއީ؟ ޒަވީއާ އިންނަންތަ ތިއުޅެނީ؟" ނާޔަލް ހަތަރުކަޅި ހަމަކޮށްލައިފައި ސާފު ބަހުން އަހައިލިއެވެ. މެހެރީންއަށް ފުރަތަމަ ޖަވާބު ދޭން އުދަނގޫ ވެގެން އިސްޖަހާލެވުނެވެ. "ކިހިނެތްވީ؟ މީހަކާއި ނީނދެ ނާޔަލްގެ ޓޯއިއަކަށް ވެގެން ހުންނަންވީތަ؟" މެހެރީންގެ ޖުމްލަ ނިމޭއިރަށް ނާޔަލް ބާރު ބާރަށް އެނަމުން ގޮވާ މެހެރީންގެ ވާހަކަ ހުއްޓުވިއެވެ.
"އަހަރެން ބޭނުމެއް ނޫން މެހެރް ޓޯއިއަކަށް ވާކަށް. އަހަރެންގެ އެކަންޏެއް ނޫން. އެހެން މީހެއްގެވެސް. އެހެންވެ މިބުނަނީ އޭނަދެކެ ލޯބިނުވަންޏާ ކޮންމެހެން މީހަކަށް ދައްކާކަށް އިންނާނެ ކަމެއް ނެތް." ނާޔަލްގެ ޖަވާބު އިވުމުން މެހެރީން ހިތަށް އަސަރު ކުރިއެވެ. ފެންކަޅި ވެގެން ދިޔަ ލޮލުން އޭނާއަށް ބަލައިލެވުނީ ޤަބޫލު ކުރަން ދަތިވެފައެވެ. ނާޔަލް އަކީ އޭނާއަށް އަޅައިލާ އެގޮތަށް ހެޔޮއެދޭނެ މީހެއް ނޫނެވެ. "އަދިވެސް މީހަކު ދެކެ ލޯބިވެވިދާނެ. އެދުވަހަކުން އިންނަން ހުރޭ." ނާޔަލް އިތުރަށް ބުނެލިއެވެ. "ޒަވީދެކެވެސް ލޯބިވެވިދާނެއެއްނު. އޭނަ އެހާ ރީތި. އެހާ ފުރިހަމަ. ހިތް ހެޔޮވެފަ އަހަރެންދެކެ އިންތިހާއަށް ލޯބިވޭ. ކިހިނެތް އެނގެނީ އަހަންނަށް ކައިވެނީގެ ފަހުން ޒަވީދެކެ ލޯބިނުވެވޭނެ ކަމެއް." މެހެރީންވެސް ރައްދު ދިނެވެ.
"މެހެރް. ޔަޤީންތަ ތީކަން މެހެރް ބޭނުން ވާގޮތަކީ؟ ނޫނީ މީހަކު ފޯސް ކުރީތަ؟" ނާޔަލް ވިސްނުން ތެރިކަމާއެކު ބަލަން އިނދެފައި ނިކަން މަޑުމައިތިރިކޮށް އެހިއެވެ. އޭނާ ބޭނުންވީ މެހެރީންއަށް އެހީވާން އޭނާ ހުރިކަން އަންގައިދޭށެވެ. މަޖުބޫރުން ބޭނުން ނެތް ކައިވެންޏެއްގެ ތެރެއަށް ނުވަނުމަށް ހިތްވަރު ދޭށެވެ. "ތެދަށް ބުނެފާނަން. އެބައޮތް އިތުރު ވާހަކައެއް." މެހެރީން ޖަވާބު ދިންއިރު މޫނުގެ ކުލަ ރީނދޫވިއެވެ. އެވަގުތު މެހެރީން ބުނަން އެއުޅޭ ވާހަކައެއް އަހާލުމަށްޓަކައި ނާޔަލްގެ ހިތްވެސް ތެޅިގަތެވެ.
ނިދިފައި އޮތްވާ ކޮޓަރީގެ ދޮރެއް ހުޅުވުނު އަޑު ޒަވީއަށް އިވުނެވެ. އޭނާ ކަންނެތް ގޮތަކަށް ލޯ ހުޅުވާލައިފައި އަޑު އިވުނު ދިމާއަށް އެނބުރުނުއިރު ކުޑަދޮރު ހުރީ ހުޅުވިފައެވެ. ހައިރާންވެގެން ތެދުވެ އިށީންދެފައި ވަށައިގެން ހޯދާލިއިރު އަނދިރީގެ ތެރެއިން އެއްޗެއް ފާހަގައެއް ނުވިއެވެ. އޭނާ ފޯނު ނަގާފައި އޭގެ އަލިން އެހީ ހޯދައިގެން ގޮސް ދޮރު ލައްޕާލައިފައި އެނބުރުނުއިރު ކުރިމަތީ މީހަކު ހުއްޓާ ފެނިގެން ސިއްސައިގެން ދިޔައެވެ. "ކާކު ތީ؟" ޒަވީ ބިރުކަނޑާލައިފައި ސާބިތުވެ ހުރެ އެހިއެވެ. "ލައިލް." އޭނާ ޖަވާބު ދިން އަޑު އަހާފައި ޒަވީ އަތުގައި އޮތް ފޯނުގެ އަލި މޫނަށް އެޅޭނެހެން މައްޗަށް އުފުލާލިއެވެ.
****
ނުނިދިގެން ފުރޮޅި ފުރޮޅިފައި މާއިޝާ ލޯ ހުޅުވައިލިއިރު ބޭރުގައި ކުރިން ހުރި އަލިފާންގަނޑުގެ އައްޔެއް ނެތެވެ. އޭނާ ތެދުވަން ވެގެން ބިންމަތީ ދެއަތް ވިއްދާލިތަނާ އެއްއަތް އެޅުނީ އެތާ ހުރި މީހެއްގެ ފައިތިލަ މަތީގައެވެ. އެވަގުތު އަވަހަށް އެއަތް ނަގާފައި މޫނު އުފުލާލިއިރު އެމީހަކު ހުރީ ދާދި ކައިރީގައި ކޮޅަށެވެ. މާއިޝާ ފިނިވެގެން އެއްޗެއް ނުބުނެވި އުޅެނިކޮށް އެމީހަކު ތިރިވެފައި އޭނާގެ ކަންފަތް ދޮށުގައި ބުނެލީ ހަޅޭތް ނުލަވައި އަނގަ މަޑުން ލައިގެން އިނުމަށެވެ. "ޒަވިއަން؟" އަޑު ފާހަގަ ވުމުން މާއިޝާއަށް ބުނެލެވުނެވެ. ދެވަނަ ސިކުންތުގައި ޒަވިއަން އޭނާގެ އަނގަމަތީ އަތް އަޅާފައި އިތުރަށް ވާހަކަ ދެއްކިޔަ ނުދީ ހުއްޓުވިއެވެ. އިތުރަށް ނުދައްކާނަމޭ ބުނާ ފަދަ ގޮތަކަށް އޭނާ ބޯ ޖަހައިލުމުން ޒަވިއަން އަތް ތިރިކޮށްލާފައި ކުއްލިއަކަށް އޭނާ އަތްދަނޑި މައްޗަށް އުފުލާލައިފިއެވެ. މާއިޝާ ސިއްސައިގެން ދިޔަ ނަމަވެސް އަނގައިން އަޑު ބޭރުވިޔަ ނުދީ ދެތުންފަތް ޖައްސާ ބާރު ކޮށްލިއެވެ. ދެން ފެނުނީ ޒަވިއަން ފޭލި ގޭގެ ފޮތިގަނޑު ހިއްލާލައިފައި އޭނާ ގޮވައިގެން ނިކުމެ އެތާ އޮތް ގަސްތަކު ތެރެއަށް ވަންތަނެވެ.