ހެނދުނު ނާސްތާއަށް ފަހުގިނައިރެއް ނުވެ ދެއަންހެންބކުދިންނާއެކު މަލީހު ކާރެއްގައި ފެށި ދަތުރު ވަކި ހިސާބަކުން ނިންމާފައި ދެން އޮތް ތަންކޮޅު ކަޑައްތު ކުރަން ޖެހުނީ ފައި މަގުގައެވެ. ވަކި ގަޑިއެއްގެ ފަހުން ޑްރައިވަރ ކައިރީ އަންނަން ބުނެފައި އެމީހުން ގަސްތަކު ތެރެއަށް ވަދެގެން ދާން ފެށިއެވެ. ނަސީބަކުން އެތަން އޮތީ ވަރަށް ކައިރިގައެވެ. އެކަމަކު މެހެރީން އެހާ އިރުކޮޅަކަށް ހިނގަން ޖެހިގެންވެސް ޝަކުވާ ކުރިއެވެ. މަލީހް ގޮސް އެތަނަކީ މީއޭ ކިޔާ ދައްކާލުމުން އެދިމާއަށް ނަޒަރެއްވެސް ނުދީ ތިރީގައި ހުއިތަކުމަތީ އިށީންދެފައި އޭނާ ބެލީ ފެންފުޅި ހުސްކޮށްލެވޭތޯއެވެ. ކަކުލާއި ހަމައަށް އަންނަ ސޯޓަކާއި ޓީޝާޓް ކޮޅެއްގައި ހީވަނީ ޅަކުއްޖެއް ހެންނެވެ. އިސްތަށިގަނޑުގައި ވޫލްކޮޅެއް އައްސާފައި އޮތްއިރު ނުފޯރައިގެން ދެފަރާތުން އެލިފައި އޮތް އިސްތަށިކޮޅުތައް ކޯތާފަތުގައި އިރުއިރުކޮޅާ ބޮސްދެއެވެ.
މެހެރީންއާ ޙިލާފަށް މާއިޝާ ހުރީ ދެލޯ ބޮޑުވެފައެވެ. އުނަގަނޑާއި ހަމައަށް ފަޅާފައިވާ ހުއިތަކުގެ ތެރޭގައި އެހުރިހާ ބޮޑެތި ގަސްތައް ހުރެފައި އަދި އޭގެ މެދުން ވީރާނަވެ މަތި ވަޑާންގަނޑު ވެއްޓިފައިވާ ދުވަސްވީ މުސްކުޅި ގެއެއް ހުރެދާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ. ބައްޕަ ބިމެކޭ ބުނުމުން އޭނާ ހީކުރީ މީހަކު އުޅެފައި ނުވާ އަދި އިމާރާތެއްވެސް ނުކޮށް ހުރި ތަނެއް ކަމަށެވެ.
"ކިހިނެތް؟" މަލީހް އެއްފަހަރު ދަރިފުޅުގެ މޫނަށް އަނެއްފަހަރު ކުރިމަތީން ފެންނަން އޮތް ވާ ޖަންގައްޔާއި އޭގެ މެދުން ފެންނަން ހުރި ފާރުތަކަށް ބަލައިލީ ދަރިފުޅުގެ މޫނުގައި ހުރީ އުފާވެރި ކުލަވަރެއްކަން ނޫނީ އެހެން ކުލައެއްކަން ނިންމަން ނޭނގިފައެވެ. "ވާއު...!" މާއިޝާ ކުރިއަށް ހިނގައިގަތް ވަގުތު އަނގައިން ނިކުތެވެ. މެހެރީން އިސްއުފުލައިލީ މާއިޝާ އެހެން ބުނި އަޑަށެވެ. ދެވަނަ ސިކުންތުގައި އޭނާ ފުންމައިގެން ތެދުވި ގޮތަށް މާއިޝާއަށްވުރެ ކުރީން ދުއްވައިގެންފައި ގޮސް ވީރާނަވެފައިވާ އިމާރާތުގެ ތެރެއަށް ވަދެއްޖެއެވެ. ބައްޕަ އާއި މާއިޝާއަށް އެތަނަށް ދެވެން ވާއިރަށް މެހެރީން ހުރިހާ ތަނެއް ކުޑަކޮށްފައި ނިކުމެ އެތާ ހުރީ ހަތަރު ކޮޓަރި ކަމަށް ބުނެފައި އެއީ ކޮންބައެއް އުޅުނު ތަނެއްތޯ ސުވާލު ކުރަން ފެށިއެވެ. "ބައްޕައަށް މިތަން ލިބުނީ ދަރިފުޅުގެ މުނިކާފަ ފަރާތުން. އެންމެ ފަހުން އެމީހުން މިތާ އުޅުނު ކަމަށް ވަނީވެސް." މަލީހްއަށް އެނގޭ މިންވަރު އޮޅުންފިލުވައި ދިނެވެ. މާއިޝާ ފޯނު ނަގާފައި އެކި ގޮތް ގޮތަށް ފޮޓޯ ނަގަމުން ފަހަތަށް ފަހަތަށް ދަނިކޮށް ސިހުނީ ފައިތިލައަށް ފެނުގެ އަސަރު ކޮށްގެންނެވެ. އޭނާ އެހުރި ހިސާބަށް ހުއްޓިފައި ތިރި ބަލާލިއިރު ވިނަގަނޑު ތެރޭގައި ފެންހުރިހެން ހީވިއެވެ. ފޯނު ތިރިކޮށްލާފައި އޭނާ އިތުރަށް ބަލަން ވެގެން ތިރީގައި އުޑަފައިން އިށީންދެއްޖެއެވެ. އޭރު މެހެރީން އާއި މަލީހް އުޅެނީ ތަންކޮޅެއް ދުރުގައެވެ.
މާއިޝާ ތިރީގައި އަތްތިލަ ޖައްސާފައި ނެގިއިރު އެއަތުގައިވެސް ފެނުގެ އަސަރު އެބަހުއްޓެވެ. އޭނާ ރަނގަޅަށް ބަލައިލިއިރު އެހިސާބުން ފެށިގެން ދުރު ދުރަށް ދާންދެން އެންމެ ގަހެއްވެސް ނެތްކަން ފާހަގަ ކުރެވުނެވެ. އަދި ހުއިތައްވެސް ފަޅާފައި ހުރީ އެކަނި އެއް ހިސާބެއްގައެވެ. ދެން އޮތްބަޔަށް ވަޔާއެކު އެޅިފައިވާ ހިކި ފަތްތަކާއި ބޮޑުބައެއް ހިފާލައިގެން ދުވެފައި އޮތީ ވެޔޮތަކެކެވެ. ރަނގަޅަށް ބަލާލުމުން އެވެޔޮތަކުގައިވެސް ފެނުގެ އަސަރު ފެންނަން ހުންނަހެން ހީވިއެވެ. މާއިޝާ ވިސްނުން ތެރިކަމާއެކު ތިރި ބަލަމުން ހުއިތަކު ތެރެއިން ފަހަރަކު ފިޔަވަޅެއް ނަގަމުން ކުރިއަށް ދިޔަ ވަރަކަށް ދެފައި ބޮޑަށް ތެމެމުން ދިޔަހެން ހީވިއެވެ. އޭނާ ހުއްޓުނީ ވެޔޮތަކާއި ކައިރިއަށް ދެވުނީމައެވެ. އެވަގުތު އޭނާއަށް އެތަނުން ފެންނަން އޮތް މަންޒަރަކުން "ވޯހ" އޭ ކިޔާލެވިއްޖެއެވެ. ވެޔޮތައް ދުވެ ފެންގަނޑުގެ މަތި ނިވާވެފައި އޮތަސް ހުއިތަކާއި އެންމެ ކައިރިން ރޮގެއްހާ ހިމަކޮށް ނަމަވެސް ފެންގަނޑު އޮތީ ފެންނާށެވެ. މާއިޝާ ހުއިތައް ހުރި ހިސާބު ތުންފަތްމަތީ ހުރެގެން ފެންގަނޑުގެ ބޮޑުމިން ލަފާކޮށްލަން އެކި ދިމާއަށް ނަޒަރު ހިންގަން ހުއްޓާ މެހެރީން ކުއްލިއަކަށް ގޮވާލުމުން އޭނާ ސިއްސައިގެން ގޮސް ތެޅިގަނެވުނު ގޮތަކުން ފައި ކަހާލައިފިއެވެ. މާއިޝާ މަސައްކަތް ކުރި ނަމަވެސް އޭނާއަށް އަމިއްލަ ހަށިގަނޑު އަލުން ސަމާލު ކުރުމުގައި ކާމިޔާބެއް ނުވިއެވެ. އަނގައިން ނިކުތް ތޫލި ހަޅޭކުގެ އަޑާއެކު ދުރުގައި ތިބި ދެބަފައިންނަށް ފެނުނީ އޭނާ ގޮސް ފެންގަނޑުގައި ޖެހިފައި މުޅިކުއްޖާ އެކުގައި އަޑިއަށް ގަނބައިގެން ދިޔަތަނެވެ.
"އިޝީ! މާއިޝާ ދަރިފުޅާ..!" މަލީހް އާއި މެހެރީން އެއްފަހަރާ ގޮވައިލާފައި ބާރު ބާރަށް ދުވެފައި އައިއިރު އެމީހުނަށް ފެނުނީ މަތީއޮތް ވެޔޮތަކާއެކުވެސް މުޅިފެންގަނޑުގައި ބާނިލައިގެން ތެޅިގެން މަންޒަރެވެ. އެހެންވެ އޭގެ ބޮޑުމިން ކޮންމެވެސް ވަރަކަށް ފާހަގަ ވިއެވެ. އަދި މާއިޝާ ވެއްޓުނު ދިމާ އޮތީ ވެޔޮތައް ހަލާކުވެ އެންމެ ރީތިކޮށް ފާހަގަ ވާށެވެ. އެވަގުތު މަލީހު ކުޑަކަކޫ ޖަހައިލީ ހުއިގަނޑު ތެރޭގައެވެ. ފުންމާލުމުގެ ކުރީން މާއިޝާ ބޯހިއްލައިލާތޯ އޭނާ ބެލީ ފެންގަނޑު ބަލާބެލުމަށް ފުންކަމަށް ނުދައްކާތީއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މެހެރީންވެސް އައިސް މަލީހު ކައިރީ އުޑަފައިން އިށީންދެ ބައްޕަ ކޮނޑުގައި އެއް އަތުން ހިފަހައްޓާލިއެވެ. އެވަގުތު މާއިޝާ ކުއްލިއަކަށް ފެންގަނޑު ތެރޭން ބޯހިއްލައިލުމުން ދެބަފައިންވެސް ދިޔައީ ސިއްސައިގެންނެވެ. ތެޅިގަނެފައިވެސް މަލީހު ދަރިފުޅުގެ އަތުގައި ހިފެހެއްޓިއެވެ. އެއަށްފަހު މެހެރީންއާ ދެމީހުން ވެގެން މާއިޝާ ނަގައި ވިނަގަނޑުމަތީ ބެއިންދިއެވެ. "ދަރިފުޅާ. ރަނގަޅުތަ؟" މަލީހް ހާސްކަމާއެކު ސުވާލު ކުރިއެވެ. މެހެރީން ކަންބޮޑުވެފައި އިނދެގެން މާއިޝާގެ މޫނުމައްޗަށް ނިވާ އަޅައިފައި އޮތް އިސްތަށިތައް އެއްފަރާތް ކޮށްދިނެވެ. "ބައްޕާ. އަހަރެން ބޭނުމީ ގެއަށް ދާން!" މާއިޝާ އާދޭސްކޮށްފައި ބުނި ހަމައެކަނި އެއްޗަކީ އެއީއެވެ. މަލީހު ވަގުތުން ބޯ ޖަހާލައިފައި މާއިޝާ ކޮޅަށް ނަަގައި އަތުގައި ހިފައިގެން މަގާއި ދިމާއަށް ދާން ފެށިއިރު ފަހަތުގައި މެހެރީންވެސް ހުއްޓެވެ.
"މިހާރު ކިހިނެތް ވަނީ؟" ގެއަށް ގޮސް މާއިޝާ ފެންވަރައިގެން ނިކުތްއިރު މެހެރީން ހުރީ ހޫނު ކޮފީތައްޓެއް ހިފައިގެން އައިސް ކުޑަދޮރު ކައިރީގައެވެ. މާއިޝާ ނިކުތް އަޑަށް އޭނާ އެދިމާއަށް މޫނު އަނބުރާލިއެވެ. "އައެމް އޯކޭ..." މާއިޝާ ފިނި ޖަވާބެއް ދީފައި ތުވާލި ގަނޑާއެކު އައިސް ޑްރެސިން ޓޭބަލް ކުރިމަތީ އިށީންދެއްޖެއެވެ. އޭނާ ހެއަރ ޑްރަޔަރ ކަރަންޓަށް ޖަހައިގެން އިސްތަށިގަނޑުން ހިއްކަން ފެށުމުން މެހެރީން އަދިވެސް ހުރީ ބަލާށެވެ. "ކީއްވެ އެހާ ބިރެއްގަތީ؟ ފެންގަނޑު ފެހިކުލައިގަ އޮތީމާތަ؟" މެހެރީން އިތުރަށް ސުވާލު ކުރަން ފެށުމުން މާއިޝާ ހައިރާންވިއެވެ. "އަހަރެން ދުށިން އިޝީގެ ދެލޯ. އިޝާ އިނީ ބިރުން ހަލާކުވާވަރު ވެފަ. ވަރަށް ފުންތަ އެތަން؟" މެހެރީން ވާހަކަދައްކަމުން ކުޑަދޮރާއި ދުރަށް ޖެހިލާފައި މާއިޝާ ކައިރިއަށް އައީ ކޮފީ މަގު ހިފައިގެންނެވެ. "އަހަރެންނަށް އެތަނުން އަޑިން މީހެއް ފެނުނީ." މާއިޝާ ކޮއްކޮގެ ލޮލާ ލޯ ސީދާކޮށްލަމުން ހާމަކުރިއެވެ. "ވަޓް؟" މެހެރީން އެހެން ބުނެލީ ހީގެންފައެވެ. އޭނާ އެވަރަކުން އަދި ސުވާލުތައް ކުރީ މާއިޝާ އެކަހަލަ ސަމާސައެއް ކޮށްފާނެ ކަމަކަށް ނޫނެވެ. މާއިޝާ އެހާ ބިރުން އުޅުނު ގޮތް ފެނިފައި މާބޮޑަށް ހަމްދަރްދީ ވެވިގެންނެވެ. ހިނިގަނޑު މައިތިރި ވުމުން އޭނާ ބަލައިލިއިރު މާއިޝާ ހެއަ ޑްރަޔަރ ބާއްވާފައި ސީރިއަސް ވެފައި އިން ގޮތުން ހިތް ތެޅިލިއެވެ. މާއިޝާ އެބުނީ ހަމަ ތެދެއް ހެއްޔެވެ؟
"ކަމްއޯން އިޝީ. މީހަކު އެތަނަށް ޑައިވް ކުރަން ދާނީ އެއީ ރީތި ފެންގަނޑެއް ނަމައެއްނު. އަހަންނަށް ޔަޤީން މާސްކް އަޅައިގެންވެސް އެތަނުގެ އަޑިއެއް ނޭނގޭނެކަން. އެހާ ބޮޑަށް ފެހި ކުލަ އަރާފަ އޮތީ. އެހެންނޫނަސް މީހަކު އަޑީގައި އުޅުނުނަމަ ފެންގަނޑު ތެޅޭނެއެއްނު. އަދި އިޝީއަށް އެނގުނީހެއްނު އެތަނާއި ދުރުގަ ހުންނަންވެސް." މެހެރީންއަށް މާއިޝާގެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. އޭނާ ދެކުނު ގޮތުގައި އެއީ މާއިޝާ މާބޮޑަށް ބިރުގަނެގެން ހީވި ގޮތެކެވެ. "ތޭންކްސް ފޯ ދި ކޮފީ." މެހެރީން ބަލަން ހުއްޓާ މާއިޝާ ހީވެސް ނުކުރާފަދަ ގޮތަކަށް މައުޟޫ ބަދަލުކޮށްލާފައި ކޮފީ ތަށި އަތުލައިގެން ކޯވަރެއް ބޯލައިފިއެވެ. "މްމްމް....ހާދަ މީރޭ..." މާއިޝާ ކުއްލިއަކަށް މޫޑު ބަދަލުކޮށްލި ގޮތުން މެހެރީންވެސް ހައިރާންވިއެވެ. އޭނާ ގޮސް އަލަމާރި ހުޅުވާފައި އެއްއަތުން ކޮނޑުތައް ހާވަން ފެށުމުން ތައްޔާރު ވާން ވަގުތު ދީފައި މެހެރީން ނިކުތީ ދެން ބޭރަށެވެ.
"ކޮބާ ދައްތަ؟" މަލީހް ސިޓިންރޫމް ސޯފާގައި އިނދެފައި މެހެރީން ނިކުތްތަން ފެނިގެން އެހިއެވެ. "އިޝީ ފެންވަރައިގެން ނިކުމެ ރެޑީ ވަނީ." މެހެރީން އައިސް އިށީންދެލީ ބައްޕަ ކުރިމަތީގައި ހުރި ސޯފާގައެވެ. ދެބަފައިން ޓީވީ ބަލަން ތިބޭތާ އިރުކޮޅެއް ފަހުން މާއިޝާވެސް ރީތިވެގެން ކޮޓަރިން ނިކުތެވެ. "ތިކުދިންގެ ބޮޑުދައިތަ ދެންމެ ގުޅާފަ ބުނެފި މިއަދު މެންދުރު އެގެއަށޭ ކާން ދާންވާނީ." ދޮރު ހުޅުވުނު އަޑަށް އެދިމާއަށް ބަލައިލި މަލީހް އިއްވާލިއެވެ. މާއިޝާ ބޯ ޖަހާލައިފައި އެދިމާއަށް އައިސް މެހެރީން ކައިރީ އިށީންތަނާބައްޕަ ފޯނު ރިންގް ވެގެން ސްކްރީނަށް ބަލައިލި ގޮތުން ސަމާލުކަން ދެވުނެވެ. ދެއަންހެން ކުދީންނަށް އެކަކު އަނެކަކަށް ބަލައިލެވުނީ މަލީހު ދެތިން އެއްޗެއް ބުނެލާފައި ފޯނު މާއިޝާއަތަށް ދިއްކޮށްލުމުންނެވެ.
"ނާޔަލް؟" ފޯނުގައި ހިފާފައި ސްކްރީނުން ފެންނަން އޮތް ނަންބަރު ފެނިގެން މާއިޝާއަށް ފުންމައިގެން ތެދުވެވުނެވެ. އެއަޑަށް މެހެރީންވެސް އެމޫނަށް ބަލަން ފަށައިފިއެވެ. ދެވަނަ ސިކުންތުގައި ބައްޕަ ބަލަން އިންކަން އެނގިގެން ކުޑަކޮށް ހިނިތުންވެފައި މާއިޝާ ޖެހިލީ ދުރަށެވެ. އޭނާ ގޯތިތެރެއަށް ނިކުމެ ފޯނު ކަންފަތުގައި ޖަހާލަމުން މަޑުމަޑުން ހަލޯއޭ ބުނެލިއެވެ. "ބޭބީ އާ ޔޫ އޯލްރައިޓް؟" ވާހަކަދެއްކިއިރު ނާޔަލްގެ އަޑުގައި ހުރީ ހާސްކަމެވެ. ނާޔަލްގެ ކަންފަތަށް އެވާހަކަ ފޯރި ގޮތަކާމެދު މާއިޝާގެ ހިތުގައި ސުވާލު އުފެދުނެވެ. އެއަށްވުރެ ބޮޑަށް ބައްޕަގެ ނަންބަރު ހޯދި ގޮތެއް އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ. "ކާކު ބައްޕަ ނަންބަރ ދިނީ؟ މަންމަތަ؟" ޖަވާބު ދިނުމުގެ ބަދަލުގައި މާއިޝާ އަހައިލިއެވެ. "ތިވާހަކައެއް ނޫނޭ މުހިންމީ. އިޝީ ބުނެބަލަ އިޝީ ތިހުރީ ހެޔޮ ހާލުގައިތަ؟" ނާޔަލްވެސް ގޮތެއް ދުލެއް ނުކުރެއެވެ. "ރަނގަޅު." މާއިޝާ ޖަވާބު ދިނީ ޒުވާބު ނުކުރަން ވެގެންނެވެ. އެހެންނޫންނަމަ އޭނާ ހުރީ ގަމަށް އާދެވުނުތޯވެސް ބަލައިލަން ގުޅާނުލި މީހަކަށް އެސުވާލުގެ ޖަވާބު ދޭކަށް ނޫނެވެ. ކިތަންމެ ބިޒީވިއަސް އިންނަން އުޅޭ ކުއްޖާގެ އެވަރުގެ ކަންކަން އޮޅުންފިލުވައިލަން ވަގުތު ވާން ޖެހޭނެ ކަމުގައި މާއިޝާ ގަބޫލު ކުރެއެވެ. "ދެން ތިކޮޅުން ފޯނެއް ގަންނަންވީއެއްނު. އަހަރެން ފޯނެއް ފޮނުވަންތަ؟" ނާޔަލްގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ މާއިޝާ ކީއްކުރަން ފޮނުވާ ފޯނެއްހޭ އަހާލައިފިއެވެ. އޭނާ ކިތަންމެ ހިތްވަރު ކުރިއަސް ނާޔަލް ބުނާ އެއްޗެހިން ބައެއް ލަފްޒްތައް އަނގައިން ބޭރުވަނީއެވެ.
"އަހަރެން މިޗުއްޓީ ނިންމާފަ ދިއުމާ ހަމައަށް މީ ނާޔަލް އަހަރެންނަށް ކުރާނެ ފުރަތަމަ އަދި ފަހު ކޯލް ކަންނޭނގެ. ދެން ކީއްކުރަން. އެހެންނޫނަސް ބައްޕަ އާއި މެހެރްވެސް އެހުރީއެއްނު. އެމީހުންގެ ފޯނަށް ގުޅީމަ އަހަރެންނާ ދިމާވާނެ." މާއިޝާގެ ވާހަކައަށްފަހު ނާޔަލް އިރުކޮޅަކަށް ހިމޭންވިއެވެ. ހީވީ ރުޅީގެ މައްޗަށް ކޮންޓްރޯލް ހޯދަން މަޑުކޮށްލި މަޑުކޮށްލުމެއް ހެންނެވެ. "އަހަރެން މިގުޅީ ޒުވާބު ކުރާކަށް ނޫން. އިޝީ މަންމަ ފުށުން ޚަބަރު ލިބިގެން ނުލާހިކު މުހިންމު މީޓިން މަޑުޖައްސާލައިފަ އިޝީގެ ހާލުބަލައިލަން. މެހެރްގެ ފޯނު ނިވިފަ އޮތީމަ އިޝީ ބައްޕައަށްވެސް މިގުޅީ. މީ އިޝީ ބައްޕައާ އަހަރެންގެ ފަސްޓް މީޓިން ޕްލޭންކޮށްފަ އޮތް ގޮތެއްވެސް ނޫން. ދެން މިހާރު އެނގިއްޖެ ހާލު ހުރި ގޮތް. ދެން އިހަށް ބާއްވަނީ." ނާޔަލްގެ މޫނުގެ ކުލަވަރު ފެންނަން ނެތަސް އަދި ކިތަންމެ މަޑުމައިތިރިކޮށް ބަސްތައް ދުރުކޮށް ވާހަކަދެއްކިއަސް އޭނާ ހުރީ ދަތްކުނޑި ވިކާލައިގެންކަން އެނގުނެވެ. އޭނާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އެހިސާބުން ކަނޑާލުމުން މާއިޝާ އައި ރުޅިން ފޯނު އަތުކޮޅަށް ހޫރާލަން ބޭނުންވިއެވެ. އޭނާ ކެތްތެރިވެލީ އަތުގައި އޮތީ އަމިއްލަ ފޯނު ނޫންކަން ހަނދާންވެފައެވެ.
މެންދުރު ނަމާދުން ފައިބައިގެން މަލީހް އައިސް ދެއަންހެންކުދިންނާއެކު ދިޔައިރު ނަބީލާމެން އާއިލާ ތިބީ އެމީހުންގެ އިސްތިޤްބާލް ގައެވެ. މެހެރީން ހެނދުނު ހެނދުނާ އެގެއަށް ގޮސް ވަގުތުކޮޅެއް ހޭދަ ކޮށްފައި ހުރުމުން އެގޭ މީހުނަށް އޭނާ އަލެއް ނޫނެވެ. އެހެންވެ އެންމެންގެ ސަމާލުކަން ހުއްޓުނީ މާއިޝާއަށެވެ. ގެއަށް ވަދެ އިރުކޮޅެއް ވީއިރަށް އެމީހުންނަށް ދެބެންގެ ހުރި ތަފާތު ފާހަގަ ކުރެވިއްޖެއެވެ. އެކަނި ސިފައިގެ ގޮތަކުން ނޫނެވެ. މިޒާޖުގައިވެސް މާއިޝާ އެއީ މެހެރީންގެ އިދިކޮޅެވެ. ކޮންމެ މީހަކަށް ހިނިތުންވުމެއް ހަދިޔާކޮށް ހާލު އަހާލުމަށްފަހު ދެން މީހަކު އިސްވެ އެއްޗެއް އަހައިގެން އެސުވާލަކަށް ޖަވާބު ދީފާނެއެވެ. ނޫނީ ދެން އިންނަނީ ހިމޭނުންނެވެ.
"ނަބިއްތާ ކޮބާތަ ޒަވީ މިއަދު؟ އޭނަ މެންދުރު ކާކަށްވެސް ނާދޭތަ؟" ހިޔާބޮޑު ގޯތިތެރޭގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ކާންވެގެން ވަދެފައި މެހެރީން ސުވާލު ކޮށްލިއެވެ. މޭޒު ދޮށުގައި މެހެރީން އިނީ ނަބީލާގެ ފިރިމީހާ ޒުހައިރުއާއި ޖެހިގެން ހުރި ގޮނޑީގައެވެ. މަލީހު މޭޒު ކޮޅުގައި އިނުމުން މާއިޝާ އިނީ އެކަނި އެއްފަރާތެއްގައެވެ. ނަބީލާ އޭރު އެންމެނަށް ޖޫސް އަޅައިދޭން ހުރީ މަލީހު ހުރި ކޮޅު ނޫން އަނެއްކޮޅުގައެވެ. "ޒަވީ ހޮސްޕިޓަލުގަ ވީ. އޭނަ ކާން އަންނާނީ އެކެއް ޖަހާއިރު." ނަބީލާ ހިނި އައިސްފައި ހުރެގެން ޖޫސްތަށިތައް އެކި ދިމާއަށް ބަހާލިއެވެ. އެވަގުތު މެހެރީން ޝައުޤުވެރިވެފައި ހޮސްޕިޓަލުގައި ޒަވީ އުޅެނީ ކޮން މަޤާމެއްގައި ތޯ އެހިއެވެ. "ޒަވީ އަކީ އާންމު ބަލިތަކުގެ ޑޮކްޓަރެއް." ނަބީލާ ފަޚުރުވެރިކަމާއެކު އޮޅުންފިލުވައިދިނެވެ. މެހެރީން ވަގުތުން "ވާއު" އޭ ބުނެލިއެވެ. މާއިޝާވެސް އުފާވެެގެން ހިނިތުންވިއެވެ.
"ބައްޕާ! ކައި ނިންމާފަ ހޮސްޕިޓަލަށް ދޯ ދާނީ ޒަވީއަށް ސަޕްރައިޒެއް ދޭން. ބަލި މީހަކަށް ވެގެން ވަނީމަ މަޖާވާނެ." މެހެރީން ހަމަ ކުއްލިއަކަށް މޮޅު ހިޔާލެއް ރާވައިލާފައި ވާހަކަދެއްކިއެވެ. ދެންތިބި މީހުން ހިނި އައިސްފައި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މާއިޝާ މަނާ ކުރިއެވެ. "މެހެރްއަށް ސާބަސް. އެއީ އަތޮޅު ހޮސްޕިޓަލް އެކޭ. ޒަވީގެ ކްލިނިކެއް ނޫނޭ މެހެރް ހިތަށް އަރާއިރަށް ގޮސް ސަކަރާތް ޖަހާކަށް. ސީރިއަސްކޮށް ބައްޔެއް ނެތިއްޔާ ދާނެ ކަމެއް ނެތް. ދޯ ބައްޕާ." މާއިޝާ ވާހަކަދައްކާފައި އެންމެފަހުން މަލީހުއަށް ދޯދިނެވެ. ބައްޕަވެސް މާއިޝާއާއި އެއްބައިވެގެން ބޯ ޖަހާލިތަން ފެނިގެން މެހެރީން ފޫހިވެފައި ތުން އަނބުރާލި ނަމަވެސް ދެކޮޅަށް ދެން އެއްޗެއް ނުބުންޏެވެ. އެތަން ބަލަން ތިބެފައި ޒުހައިރު އާއި ނަބީލާ އެކަކު އަނެކަކަށް ބަލާލައިފައި ހީލިއެވެ.
އެރޭ ނިދަން ވެގެން ލޯ މަރައިލާއިރަށް މާއިޝާއަށް ފެންނަނީ ފެންގަނޑެވެ. އަދި އޭނާ ފެނުތެރޭ ހޭދަކުރި މަދު ސިކުންތުކޮޅު ފެނުނު ސޫރައެވެ. މަހެއްހެން ފީނާލައިފައި އޭނާއާއި ދިމާއަށް އައީ މީހެކެވެ. ކިތަންމެ ނުސާފުވެފައި ފެހި ކުލައިގައި އޮތެއް ކަމަކު އެވަރު އޭނާއަށް ފާހަގަވިއެވެ. ކަޅިހުރީ ހުރީ ގަދަ ފެހި ކުލައިގައެވެ. އޭނާ ފެނުތެރޭ އަޑިއަށް ދަނިކޮށް އެމީހަކު ވަކި ހިސާބަކުން އޭނާ ހުރި ހިސާބަށްވުރެވެސް އަޑިއަށް ދިއުމަށްފަހު އޭނާގެ ހަށިގަނޑު ފެނުން މައްޗަށް ހިއްލުނީ ޔަޤީނުން އަމިއްލައަށް ކުރި އެއްވެސް ހަރަކާތަކާ ނުލައެވެ. ފެންގަނޑު ތެރެއިން ބޯ ހިއްލައިލި ވަގުތު ތިރީން އޭނާގެ އުނަގަނޑުގައި ދެއަތަކުން ހިފެހެއްޓިކަންވެސް އޭނާއަށް އިހްސާސް ވިއެވެ. މެހެރް ބުނާހެން އެއީ އޭނާއަށް ހީވި ގޮތަކަށް ވެދާނެ ހެއްޔެެވެ؟ ހަމަ އެހާ ހަޤީޤަތާއި އެއްގޮތަށް ހުވަފެން ފެނިދާނެ ބާވައެވެ؟ މާއިޝާ ނުނިދިގެން ތެދުވިއިރު މެހެރީން އޮތީ ހެޑްސެޓް އަޅާލައިގެން އަނެއްފަރާތަށް އެނބުރިއެވެ. އޭނާ އެނދުން ތިރިއަށް ދެފައި އެލުވާލައިގެން އިންދާ ބައްޕަ ވަޑާން ކުރަން އުޅޭ އަޑު އިވިގެން ކޮޓަރިން ނިކުމެގެން ގޮސް ވަނީ ބަދިގެއަށެވެ. ދެތަށި ކޮފީ ތައްޔާރުކޮށް ތަބަކަކަށް ލައިގެން ގޮސް އެތަނަށް ވަންނައިރަށް މަލީހް އެނބުރި ބަލާލައިފިއެވެ. "އައްދެ ދަރިފުޅު ތިއައީ ކޮފީ ހިފައިގެން ދޯ؟ ހާދަ ރަނގަޅޭ." މަލީހް އުފަލާއެކު އެހެން ބުނެލާފައި އަވަހަށް ފޮތިގަނޑުން ދެއަތް ފުހެލައިފިއެވެ. އޭނާ ކޮފީ ތަށްޓެއް ނަގާފައި އިށީންއިރު މާއިޝާ ދިގު ގޮނޑީގެ އަނެއްކޮޅުގައި އިށީންދެ އިނީ އޭނާއަށް ބަލާށެވެ.
"ބައްޕަ މިހުންނަނީ އަދި އަހާނުލެވިފަ. ކިހިނެތްތަ ބިން؟ މިބުނީ ފެންގަނޑު އޮތީމަ މައްސަލައަކަށް ވާނެތަ؟" މަލީހް ކޮފީ ފޮދުވަރެއް އަރުން އެތެރެ ކޮށްލާފައި މާއީޝާ އިސްވެ އެއްޗެއް ނުބުނުމުން ފެށިއެވެ. މާއިޝާ ބޯ ޖަހާލިއިރު ކުރަން ބޭނުންވި އިތުރު ސުވާލުތައް ވިއެވެ. "ދަރިފުޅަށް އެނގޭތަ ބައްޕައަށްވެސް އިއްޔެ މިއެނގުނީ އެތާގައި ފެންގަނޑެއް އޮތްކަމެއް. އެތަން އަދި ލިބުނެއް ކަމަކު ދުރު ދުރުން ބަލާލައިގެން މިހުންނަނީ. ދިޔަ ދެފަހަރަކުވެސް ހުރިހާ ހިސާބެއްގަ މާބޮޑަށް ހިނގައެއް ނުހަދަން. އެހެންނޫނަސް އެތަން އެހާ ބޮޑުވީމަ ކުޑަކޮށްވެސް ނޭނގުނީ. ހީވާގޮތުން މިހިސާބުގައި އޮންނަ ބޮޑު ފެންގަނޑާއި ކޮންމެވެސް ގޮތަކުން ގުޅިފަ އޮންނާނީ އެފެންގަނޑު." މަލީހް އިތުރަށް އޮޅުންފިލުވަދިނެވެ. "ތި ބޮޑުފެންގަނޑުގަ އެއްވެސް ކަހަލަ ދިރޭ އެއްޗެއް އުޅޭތަ؟" މާއިޝާ އެވަގުތު އަހާލިއެވެ. "ހޫމ. އުޅޭނެ އެކި ވައްތަރު މަސް އެއްޗެހި." މަލީހް ބޯޖަހާލައިފައި ބުނެލިއެވެ. އަނެއްކާ އޭނާއަށް ފެނުނީ މަހެއް ހެއްޔެވެ؟ ފެންގަނޑު ތެރެއަށް ވެއްޓިގެން ލިބުނު ހާސްކަމުގައި ހިލުސިނޭޓް ކުރެވުނީ ކަމަށްވެސް ވެދާނެއެވެ. އެހެންވެ މަހެއްގެ ސޫރައިން އޭނާއަށް އިންސާނެއް ފެނުނުހެން ހީވުމަކީ އެކަށީގެންވާ ކަމެކެވެ. މާއިޝާއަށް ހަމަ ކުއްލިއަކަށް މެހެރީން ދެއްކި ވާހަކަތަކާއި އެއްކޮޅަށް ބުރަ ވެވުނެވެ. ބައްޕަ ކޮފީ ތަށި ހުސްކޮށްލުމުން އޭނާ ތަބައް ހިފައިގެން ކޮޓަރިއަށް ދަނިކޮށް ފަހަތުން މީހަކު އަންނަހެން ހީވެގެން ކުއްލިއަކަށް ހުއްޓިފައި ފަސްއެނބުރި ބަަލައިލިއެވެ. އެކަމަކު ފަހަތުގައި އެއްވެސް މީހަކު ނެތެވެ. އޭނާއަށް ފެނުނީ ވަޔާއެކު ގޮތްގޮތަށް ހަރަކާތް ކުރަމުން ދިޔަ ގަސްތަކެވެ. އަނދިރިކޮށް އޮތުމުން ޖެހިލުންވެގެން އެގަސްތަކުން ބިރުވެރި ގޮތް ގޮތަށް ސޫރަ ކުރެވުނެވެ. އޭނާ ހިންދިރުވާލައިފައި އަވަހަށް ގޮސް ކޮޓަރިއަށް ވަންއިރު މެހެރީން އޮތީ ހެޑްސެޓް ނައްޓާލައިގެން ގަދައަށް ނިދައިފައެވެ. އޭނާވެސް ނިދާނަމޭ ހިތާ ކުޑަދޮރު ލައްޕަން ކައިރިވެލީ ވަގުތު ދާރަމަތިން ފެނުނު އެއްޗަކުން މެއަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. ދާރަމަތީ އެއޮތީ ހެނދުނު ފެންގަނޑަށް ވެއްޓުނުއިރު ގެއްލުނު ފޯނެވެ. މާއިޝާ ފިނިވެފައިވާ ދެފައިން ހިނގާފައި ގޮސް އަތަށް ނެގިއިރު،އެފޯނު އޮތީ ދެންމެ ފެންގަނޑަކުން ނަގާފައި އޮތް އެއްޗެއްހެން ތެމިފައެވެ.