ގޭގައި އެންމެން ދުވެ ދުވެފައި އުޅެނިކޮށް ފެނިފައި ނާޔަލް ސުވާލު ކޮށްގެން، މެހެރީންއަށް ވީ ގޮތް އެނގުނު ހިސާބުން އޭނާގެ ހިތް އެންމެ ހިނދު ކޮޅަކަށްވެސް މައިތިރިއެއް ނުވެއެވެ. އެންމެ ހިތުގާ ޖެހުނީ މެހެރީން އެހާލުގައި އޮތް އިރުވެސް އެހީތެރި ކަމުގެ އަތެއް ފޯރުކޮށް ނުދެވޭނެތީއެވެ. ޒަވީގެ ބަދަލުގައި މެހެރީން އަތުތެރެއަށް ލައިގެން ދާން ޖެހޭނެ މީހަކީ ޚުދު އޭނާ ކަމުގައި ހިތް ބުނެލީ ކީއްވެ ކަމެއް ނޭނގުނެވެ.

ބައިގަޑިއެއްހާއިރު ފަހުން މެހެރީން އޮތީ އައިވީ ގުޅާފައި ބާއްވާފައިފައެވެ. ޑޮކްޓަރ ބަލާފައި ފެނުނު ކަންތައްތަކަށް ފަހު ހެދި ލޭގެ ޓެސްޓްގެ ނަތީޖާ ލިބޭނީ ހެނދުނެވެ. ހޭއެރިއިރު ވަރުބަލިކަމުން ތެދުވާނެ ހިތްވަރުވެސް މެހެރީންގެ ހަށިގަނޑަކު ނެތެވެ. އެވަގުތު އެނދު ވަށާލައިގެން ތިބި މަންމަ އާއި ބައްޕަ ފެނުމުން އޭނާގެ ލޮލުން ހިލިގަތީ ތާޒާ ކަރުނައެވެ. އެމީހުންނަށް އޭނާގެ ސިއްރު ފަޅާ އަރާފަހުންވެސް އެގޮތަށް އޭނާއަށް އެހީވާން އަންނާނެ ބާވައޭ ހިތަށް އެރިއެވެ. "ހިތްވަރު ކުރޭ ދަރިފުޅާ. އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ. އިހަށް ދެން ފިކުރު ބޮޑުނުކޮށް ނިދާލާ." އާފިޔާ މެހެރީންގެ އަތުގައި ހިފާ ދެއަތުން ބޮނޑިކޮށްލަމުން ނިކަން ލޯބިން ހިތްވަރު ލައިދިނެވެ. މެހެރީން އެވަގުތު ބޯ ޖަހާލައިފައި ބިތްދޮަށަށް އެނބުރުނީ އެކަނިވެލަން ޚުދު އޭނާވެސް ބޭނުން ވި ވަރުންނެވެ. ނަތީޖާ އަންނަ ހިސާބުން އެމީހުން އުފައްދާނެ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތަކާމެދުވެސް އޭނާ އެބަ ވިސްނަން ޖެހެއެވެ. 

ފައިސަލް ނިކުތުމުން ޒަވީއަށް މެހެރީން ހޭއެރިކަން އެނގިގެން ވަންއިރު ބިތް ދޮށަށް އެނބުރި އޮތުމުން އުދަނގޫ ކުރާކަށް ނުކެރުނެވެ. ބާރަ ޖެހުމުގެ ކުރިއަށް ލައިލްއާއެކު ކުރަން ޖެހޭ ކަންތައްތަކެއް އޮތުމުން މެހެރީން ކައިރީ ދަމަށް އިނުމުގެ ހިޔާލު އޭނާ ދޫކޮށްލީއެވެ. ނަސީބަކުން ފައިސަލް އަމިއްލައަށް އެތާ ހުންނާނީ އޭނައޭ ކިޔާފައި އާފިޔާ އާއި ޒަވީ ގެއަށް ފޮނުވާލައިފިއެވެ.

ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އާޝީގެ ޑައިރީ ކިޔަން ޒަވީ އިށީންދެލީ ސިޓިންރޫމް ސޯފާގައެވެ. ނޯކަރަކު އައިސް ކޮފީ ތައްޓެއް ގެނެސް ދިނުމުން އޭނާ އެއިން ކޯވަރެއް ރަހަ ބަލާލައިފައި ފުރަތަމަ ސޮފްހާ ހުޅުވާލި ހިސާބުން ދެން އެހެން ހުރިހާ ކަމެއް ހަނދާން ނެތި އޭގެ ތެރެއަށް ގެއްލުނެވެ. ޑައިރީގެ އެހިސާބުން ދެން އޮތީ ލައިލްއާ އާޝީގެ އުފާވެރި ހަނދާންތަކެވެ. ނާދިރު ލޯބިން ނަން ދެވުނު ވާހަކައަށް ހަޤީޤީ ކުލަ އައިސް އެހެން ހުރިހާ އެންމެންނަށްވުރެ އުހުގައި އެމީހުން ވަރަ ފަޅާފައި އުދުހެމުން ދިޔަ ވާހަކައެވެ. އެކަމަކު ވަކި ހިސާބަކުން އަނެއްކާވެސް އެވާހަކައަށް ގުޑުމެއް އައީ މޫދަށް އެރުނު ދުވަހެއްގައި ލައިލްގެ ދެފައި ނިގުލަކަށް ބަދަލުވީމައެވެ. އެވަގުތު ދެމީހުންވެސް ހީކުރީ ލައިލް ދެން މަރމޭން އަކުން އިންސާނަކަށް ބަދަލު ނުވާނެ ކަމަށެވެ. އެކަމަކު އެމީހުން ހީކުރި ގޮތާއި ޚިލާފަށް މޫދުން އަރައި ވެލިގަނޑުގައި ދެފައި ޖެހުމާއެކު އިހު ހުރި ގޮތަށް ބަދަލުވިއެވެ. އެހިސާބުން ލައިލް ކޮންމެެހެން ދުރުގައި ހުންނަން ޖެހޭ އެއްޗެއް ކަމުގައި މޫދާއި ލޮނުގަނޑު ވިއެވެ. އެހިސާބުން ދެން އަންނަން ފެށީ އާރާގެ ބައެވެ. އާޝީއާއި އޭނާގެ ލޯބިވެރިޔާގެ ވާހަކަތައް ލިޔަން ފެށި ޑައިރީއެއްގައި އާރާގެ ވާހަކަ މާ ތަފްޞީލުކޮށް އަންނަން ފެށުމުން ޒަވީ ފޫހިވެގެން އެބައިތައް ނުކިޔައި ކުރިއަށް ދުއްވާލައިފައި ދެން ހުޅުވައިލި ސޮފްހާގައި އިނީ ކުއްލި ސިހުމެއް ގެނުވި ވާހަކައެކެވެ. އެއީ އާރާ އާޝީގެ ކުރިމަތީ ހުރެ އޭނާއަށް ލައިލް ދޭން ބުނި ވާހަކައެވެ. އެހިސާބުން ޒަވީ އަށް ޖެހުނީ ކުރިން ދޫކޮށްލި ބައިތައް އަލުން ކިޔާށެވެ.

3/6/1991، 20:00
އާރާ އަކީ ފެށުނީއްސުރެ ރީތި އެއްޗެއްސަށް ލޯބި ކުރާ އަންހެން ކުއްޖެކެވެ. އޭނާއަށް އެއްޗެއް ކަމުހިނގައްޖެނަމަ އޭނާ އެއެއްޗެއް ހާޞިލް ނުކޮށް ހުއްޓައެއް ނުލައެވެ. ޒުވާން ވެގެން އައި ދުވަސްވަރު އޭނާއަށް ފެނުނު ޒުވާނެއް ރީތި ވެގެން ކޮށްލި ވަރު މިއަދުވެސް ހަނދާން އެބަހުއްޓެވެ. އެފިރިހެންކުއްޖާގެ ސަމާލުކަން ހޯދަން އާރާ ކަޓަރު ތިލައަކުން އޭނާގެ ނަން ކަނޑާ ނެގިއެވެ. އެއަތް ޖަރާސީމުވެ އެތައް ވަރެއް ވެގެން ހޮސްޕިޓަލުގައި އޮވެފައި ދޫކޮށްލި ފަހުންވެސް އޭނާ އެކުއްޖާ ދޫކޮށެއް ނުލިއެވެ. ފަހުން އޭނައަށް އާރާގެ މި އަމަލުގެ ވާހަކަ އިވިގެން އައިސް ގުޅެން އެދުނީ އަމިއްލައަށެވެ. އަހަރެން ހީކުރީ އެއީ އާރާގެ ހަޔާތުގެ ބައިވެރިޔާއަށް ވާނެ ކުއްޖާ ކަމަށެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން އާރާ އޭނާގެ ކިބައިން ބަދަލު ހިފީ އޭނާގެ ހިތް ހަލާކު ކޮށްލައިފައެވެ. މިހުރިހާ ތަފްޞީލެއް އަހަރެންނަށް ލިޔަން މިޖެހުނީ ފަހަަކަށް އައިސް ވާން ފެށީ ޝައްކަކާއި ގުޅިގެންނެވެ. އެއީ ލައިލް ފުރަތަމަ ފެނުނު ދުވަހު އޭނާ އަހަރެން ކައިރީ އޭނާއަށް މީހަކު ދެކެ ލޯބިވެވުނު ވާހަކަ ބުނީމައެވެ. އޭގެ ފަހުން އަހަންނާއި ލައިލް އެކުގައި ވަގުތު ހޭދަ ކުރަން އުޅޭ ކޮންމެ ފަހަރަކު ކޮންމެވެސް ތަނެއް ފަޅާފައި ނަމަވެސް އާރާ އެތަނަށް އައުން އާންމު ވާން ފަށައިފިއެވެ. ލައިލްގެ އެހުންނަ ބަސްމަދު ކަމާއިއެކުވެސް އާރާ ކުރާ ސުވާލުތަކަށް ޖަވާބު ނުދީ އިންނާކަށް ނުކެރެއެވެ. އެކަމަކު އޭނާ އެކަން ކުރަނީ އަހަރެންނަށްޓަކައި ކަން އަހަރެން ރަނގަޅަށް ދެނަހުރީމެވެ. އަހަންނަށް އޭރު ނޭނގުނީ އޭގެ ފަހަތުގައި އޮތް އާރާގެ މަޤްސަދެވެ. އެމަޤްސަދު އަހަރެންނަށް އަންގައިދިނީ ޚުދު އާރާގެ ދުލުންނެވެ. އޭނާ ފާޅުގައި އަހަރެންގެ ކިބައިން އެދުނީ އޭނާ ލޯބިވާން ފެށި މީހަކީ ލައިލް ކަމާއި އޭނާއަށް ލައިލް ދިނުމަށެވެ. އަހަރެންގެ ޖަވާބަކަށް ވީ އަތްދަމާލައިފައި އާރާގެ މޫނަށް ވީއްލައިލި ހޫނު އެތިފަހަރެކެވެ. އަހަރެން އެގޮތަށް ޖަވާބު ނުދިނަސް ލައިލްވެސް އާރާގެ އެދުމާއި އެއްކޮޅު ނުވާނެކަން ކަނޑައެޅިގެން އެނގެއެވެ.

30/7/1991، 21:00
އެދުވަހު އަހަރެން ދިން ޖަވާބުގެ އަނެއްކޮޅު އާރާ ކޮންމެވެސް ގޮތަކުން ދައްކާނެކަން އެނގޭތީ އަހަރެން މިހުންނަނީ ތައްޔާރު ވެގެންނެވެ. އެކަމަކު އަދިވެސް އާރާ މަޑުން އެހުންނަނީ ކީއްވެ ހެއްޔެވެ؟ އަހަންނާ ލައިލް ދުރު ކުރަން މަންމަގެ ކަންފަތަށް ލައިލްގެ ހަޤީޤަތް ނުގެންދަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް އެނގެއެވެ. އެއީ އޭނާ އެގޮތަށް ވާހަކަ ދައްކައިގެން އެކަން ސާބިތު ކުރެވޭނެ ގޮތެއް ނެތީމައެވެ. އަހަރެން ލައިލްއަށް ފަހުން ދިމާވި ގޮތުގެ ވާހަކަ އާރާ ކައިރީ ނުބުނެވުނީ އެއީ އަހަރެންގެ ނަސީބެވެ. އެހެންނޫންނަމަ އާރާ އެންމެންގެ ތެރޭގައި ލައިލްގެ އަސްލު ދައްކާކަށް ކުޑަކޮށްވެސް ޖެހިލުމެއް ނުވާނެއެވެ.

2/8/1991، 00:02
މިރޭ އަހަރެން މިއިނީ އަހަރެން އެންމެ ދެކެން ބޭނުން ނުވި އެއް މަންޒަރުވެސް ދެކިފައި އައިހެވެ. އާރާއަށް އަހަރެންގެ އާބަސް ނުލިބުމުން އޭނާ ލައިލްގެ މައްޗަށް ވެރިވެގަންނަން ބޭނުން ކުރީ އެންމެ ހަޑިމުޑު ދާރު ގޮތެވެ. އަހަރެންގެ ހެދުމެއް ލުމުން އޭނާ ހީކުރީ ލައިލްއަށް އަހަރެން އޮޅޭނެ ކަމަށެވެ. ލައިލްގެ އެރީތި ސޫރައިގެ ފަހަތުގައި އޭނާގެ ރޫޚާނީ ބާރުތަކެއް ވާކަން އާރާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ ކުރި ލިބޭނެ ކަމަށް އާރާ ނިންމީ ލައިލްއަށް އަހަރެންގެ ފަރާތުން އަދި ހާޞިލްވެފައި ނެތް ލައްޒަތެއް އޭނާ ލައިލްއަށް ހުށައަޅަން ގަސްތު ކޮށްގެން ދިއުމުންނެވެ. އޭނާ ހީކުރީ އޭނާ އެއީ ކާކުކަން ފަޅާ އެރުމަށްފަހުވެސް އޭނާގެ ބީހުންތަކަށް ލައިލް ކިޔާނީ މަރުހަބާ ކަމުގައެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ލައިލްއަށް ފުރަތަމަވެސް އެއީ ކާކުކަން އެނގުމުން އޭނާ އާރާ ގެނައީ އަހަރެންގެ ކުރިމައްޗަށެވެ. އަދި އާރާއަށް މިހާރު ހުންނާނީ ރަނގަޅު ފިލާވަޅެއް ލިބިފައެވެ.

10/8/1991، 00:30
މިއަދު އެންމެ ފަހުން އަހަރެން ބިރުން އުޅުނު ކަންތައް ވެއްޖެއެވެ. ކިހިނެތްކަމެއް ނޭނގި އާރާއަށް އަހަރެންނާ ލައިލްގެ ސިއްރު ފަޅާ އަރައިފިއެވެ. އަހަންނަށް ހީވަނީ އާރާ ކޮންމެވެސް ވަގުތެއްގައި އަހަރެމެން އެވާހަކަ ދައްކަނިކޮށް އަޑު އެހީ ހެންނެވެ. އޭނާ މިއަދު އައިސް އަހަރެންނާ ދިމާއަށް ބުނެލީ އަހަރެން ލައިލްއާ ދުރަށް ނުގޮއްސިނަމަ އޭނާ ލައިލްގެ އަސްލު އެންމެނަށް ފަޅާއަރުވައިލާނެ ކަމުގައެވެ. ދެން އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން މީ ލައިލްއާ އެކު އުޅުމަށްޓަކައި އަމިއްލަ ދެފައި ޤުރުބާން ކުރަން ނިންމި ކުއްޖާއެވެ. ވީއިރު އަހަރެން ވީ އާރާގެ އިންޒާރުގެ ސަބަބުން ލައިލްއާ ވަކިވާން ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. އެކަމެއް ނުވާނެއެވެ. އަދި އާރާގެ އެވާހަކައަށްފަހު އަހަރެންވެސް މި ގޮތެއް ނިންމީއެވެ. އެއީ އާރާއާއި ދުރަށް ދިއުމެވެ. އަހަރުމެން އަހަރުމެންގެ އަމިއްލަ ދިރިއުޅުމެއް ހޯދުމެވެ.

11/8/1991، 5:00
މިއަދު އަހަރެން މިހުރީ ވަރަށް އުފަލުންނެވެ. އެއީ މިއަދު އަހަރެންނާއި ލައިލް މިއުޅެނީ މާލެ ދޫކޮށް އެހެން ރަށަކަށް ދާށެވެ. ހަތެއް ޖަހާއިރު ފުރާ ގޮތަށް ހުރިހާ ކަމެއް އޮތީ ހަމަޖެހިފައެވެ. އިރާދަ ކުރެއްވިއްޔާ ދެން އާރާއަަށްވެސް އަދި އެކަކަށްވެސް އަހަރުމެން ވައްކެއް ނުކުރެވޭނެއެވެ.
*****
"އެދުވަހު އަހަރެންނާއި އާޝީ ނިންމި ގޮތަކަށް އެއްވެސް ކަމެއް ނުދިޔަ." ޒަވީ ޑައިރީ ލައްޕާލައިފައި ވިސްނަން އިންދާ ލައިލްގެ އަޑު އައީ ކުރިމަތިންނެވެ. އޭނާ އިސްއުފުލާލިއިރު ލައިލް ހަށަން ބަނދެލައިގެން ހުރީ ކުޑަދޮރު ކައިރީގައެވެ. އޭރު އެދޮރުން ވަންނަމުން ދިޔަ ވައިރޯޅިތަކާއެކު ދޮރުފޮތިތައް ފަރާތް ފަރާތަށް އުދުއްސަނީއެވެ. "އެދުވަހު ހުރިހާ ކަމެއްވެސް ހިނގީ އާރާ ބޭނުންވި ގޮތަށް." ލައިލް ހިނގައިގެންފައި ޒަވީ ކައިރިއަށް އަންނަމުން ކިޔައިދިނެވެ. ޒަވީ ޝައުޤުވެރިވެފައި ބަލަން އިންދާ ލައިލް އައިސް އިށީންނީ ކުރިމަތީ ހުރި ސޯފާގައެވެ. "އޭރު އަހަރެންނަކަށްވެސް ނޭނގެ އާރާއަށް ހުރިހާ ކަމެއް އެނގުނީ ކިހިނެތް ކަމެއް. އެކަމަކު އަހަރުމެންނަށްވުރެ ކުރީން އާރާ ހުރީ ތައްޔާރުވެގެން.ބޯޓުގައި ހުރި އެތައް ބައެއްގެ ތެރޭގައި ފޮރުވިގެން އޭނާ އުޅުނީ ވަރަށް މޮޅަށް. އަހަންނަށް ނުރައްކަލުގެ އިހްސާސް ކުރެވުނުއިރު އާޝީއަށް ހުރެވުނީ އާރާގެ އެންމެކައިރީގައި. އެވަގުތު އޭނާ އާޝީ ކޮނޑުގައި ހިފާ މޫދަށް ވައްޓާލީ ކުޑަވެސް ޖެހިލުމެއް ނެތި. އެވަގުތު އަހަރެންނަށް އޮތީ ދެ ގޮތެއް. އެއް ގޮތަކީ އަހަރެންގެ އަސްލު ސިއްރު ކުރަން އާޝީ މަރުވާތަން ދެކެން ހުރުން. އަނެއް ގޮތަކީ އަހަރެންގެ އަސްލާމެދު ފަރުވާލެއް ނުބަހައްޓާ އާޝީ ސަލާމަތް ކުރުން." ލައިލްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޒަވީ އަހައިލީ އޭނާ ދެން ކަންތައް ކުރި ގޮތާއި ބެހޭ ގޮތުންނެވެ. 

"އަހަރެން ފުންމާލީ." ލައިލް ޖަވާބުދިނެވެ. "ދެން؟" ޒަވީއަށް ނީނދެވިގެން ތެދުވީ ކޮޅަށެވެ. "އަހަންނަށް އާޝީ ފެނުނުއިރު އޭނަގެ ހޭވެރިކަމެއް ނެތް. ދެން އަހަރެން އޭނަ ގޮވައިގެން އަޑި އަޑިން ލައިފައި ގޮސް އޮތީ މީހުން ނުހޯދާނެހެން ހީވާ ދުރު ހިސާބެއްގައި. އެއީ އަހަރެންނަށް އެނގުނު އެބޯޓުން ފޭބި އެއްވެސް މީހަކަށް އާޝީ ފެނިގެން އޭނަ ސަލާމަތް ކުރަން ގެންދިޔަސް އާރާ ހުއްޓާ އިތުރު ހަމަލައެއް ނައިސް ނުވާނެކަން. އެހެންވެ އަހަރެން މަޑުކުރީ މީހުން ހުސްވަންދެން. އެއަށްފަހު ތަންވަޅެއް ވުމުން އަހަރެން އާޝީ އެއްގަމަށް ގެންދިޔައީ. އަދި އެދުވަށް ފަހު އަދަށް ދާންދެންވެސް އާޝީ އެއޮތީ އެހެން. ހޭވެރިކަމެއް ނެތި." ލައިލް އެންމެފަހުން ވީގޮތްވެސް އޮޅުންފިލުވައި ދީފައި ފުން ނޭވައެއް ލިއެވެ. ޒަވީގެ ލޯ ފެންކަޅިވީ އެވާހަކަ އަހައިފައެވެ. އެއީ އާޝީގެ އުމުރުން ފަނަރަ އަހަރުން ފެށިގެން އޭނާ އެއޮތީ ދުނިޔޭގައި ހުރިހާ އުފަލަކުން މަހުރޫމްވެފައި ކަން އެނގުނީމައެވެ. އަދި އެއީވެސް އޭނާއާއި ނުބައްދަލު މަހްލޫޤެއްގެ ލޯބީގައި އޭނާއަށް ދިމާވި ގޮތެވެ. ވީއިރު އާޝީގެ ނިމުން މިގޮތަށް އައި ކަމުގައި ވަންޏާ މާއިޝާއަށް ވާން އޮތީ އަދި ކިހިނެތް ހެއްޔެވެ؟ އަރްސަލާންއާއި އޭނާގެ އާއިލާގެ މި ހަނގުރާމައިގެ ތެރޭގައި މާއިޝާއަށްވެސް ޖެހޭނީ އާޝީއަށް ޖެހުނުފަދަ ދަތުރެއް ނޫންކަމެއް އެނގޭނެ ގޮތެއް ނެތެވެ.

"ބާރަ ޖެހުމާމެދު ދެން ނެތް ގިނަ ވަގުތެއް." ޒަވީ ވިސްނަން އިންދައި އަނެއްކާވެސް ވާހަކަދެއްކީ ލައިލްއެވެ. "އެހެންވިއްޔާ ލައިލް އަހަރެންގެ އެހީގައި ކުރަން ތިއުޅެނީ ކޮންކަމެއް؟ އަހަރެންނަށް އެނގިފައި އޮތް ގޮތުން ވިއްޔާ އަރްސަލާންވެސް ބޭނުން ވަނީ މިތާގައި މާއިޝާގެ ކައިރީގައި ހުންނަން. އެއީ ލައިލްވެސް ބޭނުންވާ ގޮތަކީ. ދެން ކީއްވެ އަރްސަލާންގެ ކިބައިން ނުރައްކަލެއް އޮތް ކަމަށް ދެކެނީ؟" ޒަވީ ތެދުވެފައި އިތުރަށް އުފެދިފައި ހުރި ސުވާލުތައްވެސް ހުށައަޅާލިއެވެ. "އަހަރެންނާ އަރްސަލާންގެ މިހާރުގެ މަޤްސަދު އެކައްޗަކަށް ނުވާނެ. އަރްސަލާންއާ ޚިލާފަށް މިހާރު އަހަރެންގެ މިސްރާބަކީ އަހަރެން އެނބުރި އައިތަން." ލައިލް ދިނީ އަނެއްކާވެސް ޒަވީ ހައިރާންކޮށްލި ޖަވާބެކެވެ. "ދެން އާޝީ؟" އޭނާއަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ. "ސިކުނޑި މަރުވެފައި އޮންނަތާ ތޭވީސް އަހަރު ވަންދެން އިންތިޒާރު ކުރި ފަހުން މިހާރު އަހަރެންނަށް ޔަޤީންވެއްޖެ. ދެން އާޝީއެއް ނުތެދުވާނެ." ލައިލް އަނެއްކާވެސް ފުން ނޭވައެއް ބޭރުކޮށްލިއެވެ. 

ކޮމެންޓް 0