"އަހަރެން މިއައީ މާއިޝާ އަހަރެންނާ ބެހޭ ގޮތުން އޮޅުން ފިލުވަން ބޭނުން ހުރިހާ އެއްޗެއް ކިޔައިދޭން. ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދޭން." ހިމޭންކަމުގެ ސުކޫތަކަށްފަހު އަރްސަލާން އިއްވާލިއެވެ. "އެއީ ކީއްވެ؟ ހަމަ ކުށްލިއަކަށް ކީއްވެ؟" މާއިޝާ ކުރީ މުޅިން ތަފާތު ސުވާލެކެވެ. އަރްސަލާން މޫނު އަނބުރާ ނުލައި އިންގޮތަށް އިނުމުން އޭނާއަށް އުދަނގޫ ވެގެން ތިރިއަށް ދެފައި އެލުވާލައިފައި މަގަތަށް ޖެހިލައި އެމޫނަށް ބަލަން ފެށިއެވެ. އިސްޖަހައިގެން އިނދެފައި އެސްފިޔަތައް އުފުލާލިއިރު އެފެހި ދެލޮލަށް ފުރަތަމަ ފަހަރަށް ގިނަ ވެފައި ހުރި ކަރުނަތައް ދެކެފައި މާއިޝާގެ މޭގަނޑު އައީ ފާޑަކަށް ފިނި ވެގެންނެވެ. "އޯ މައި ގޯޑް. ހީ ނޯ ހަރ." ބަލަން އިނދެފައި އަރްސަލާންގެ ލޮލުގައިވާ އެއްޗެއް އެނގިގެން މާއިޝާއަށް ތެދުވެވުނީ ކޮޅަށެވެ. ދެވަނަ ސިކުންތުގައި އޭނާ އަރްސަލާންއަށް ފުރަގަސްދީފައި ގޮސް ލައްޕާފައި ހުރި ދޮރު ކައިރިއަށް ހުއްޓިއްޖެއެވެ. އަރްސަލާންގެ ލޮލުގައިވި ބަސްތައް އޭނާއަށް ދެނެގަނެވުނު ފަދައިން އެލޮލުގައިވާ އެއްޗެއް އަރްސަލާންއަށް ދޭހަ ވާކަށް ބޭނުމެއް ނޫނެވެ. މިއޮތް ހުރިހާ ދުވަހު އެކަމަކަށް އެދި އެދި ހުރެފައި މިއަދު އެފުރުސަތު ލިބުމުން އޭނާ ޖެހިލުންވެއްޖެއެވެ. ލިބޭ ޖަވާބެއްގެ ސަބަބުން ހިތް ހަލާކު ވެދާނެތީ ކަންބޮޑުވެއްޖެއެވެ. އަރްސަލާން ބުނާ ވާހަކައަކަށްފަހު ދެން އަލުން އެމޫނަށް ބަލަން ނުކުޅެދިއްޖެއްޔާ ވާނީ ކިހިނެތް ހެއްޔެވެ؟

"ނޫން. ނޫން. " މާއިޝާ ހުރެފައި ދެފަރާތަށް ބޯ ހޫރާލިއެވެ. "އަހަރެން ބޭނުމެއް ނޫން ސުވާލު ކުރާކަށް. އަހަރެން ބޭނުން ނޫން އޮޅުންފިލުވާކަށް." މާއިޝާ އެނބުރި އަރްސަލާންއާ ކުރިމަތި ލަމުން އިތުރަށް އިއްވާލިއެވެ. އެއަޑު އިވިގެން އަރްސަލާންެވެސް ހައިރާންވެފައި ކޮޅަށް ތެދުވެއްޖެއެވެ. "އަހަރެންނަށް އިނގޭ އަރްސަލާން ތީ އަހަރެން ކަހަލަ އާދައިގެ އިންސާނެއް ނޫންކަން. އެނގޭ ފެނު އަޑީގައި އަރްސަލާންގެ އުނަގަނޑުން ތިރި މަހެއްގެ ސިފައަށް ބަދަލުވާކަން. އަދި މަހެއް ފަދައިން ފެނުއަޑީގައި ނޭވާ ލައި މަހެއްފަދައިން ހަރަކާތްތެރި ވެވޭކަން. އެކަމަކުވެސް އަހަރެން މިހުރީ އެކަމާއި ފުދިގެން. އިތުރަށް އަހަރެން އޮޅުން ފިލުވަން ބޭނުން އެއްޗެއް ނެތް." މާއިޝާގެ ވާހަކަ ނިންމާލުމަށްފަހު ހިނދުކޮޅެއް ވަންދެން އެކަކުވެސް އަނގައިން ނުބުނެ އެކަކު އަނެކަކަށް ބަލަން ހުއްޓެވެ. އެއަށްފަހު އަރްސަލާން ދިގު ފިޔަވަޅު ތަކެއް އަޅާލައިފައި އައިސް މާއިޝާގެ ކުރިމައްޗަށް ހުއްޓި އެދެއަތްތިލައިގައި ހިފާ ފިއްތާލިއެވެ. އިސްޖަހައިގެން މާއިޝާ ހުރެފައި އަރްސަލާން މޫނަށް ބަލައިލީ ނަމުން ގޮވާލީމައެވެ. އޭނާއަށް ފެނުނީ އަރްސަލާންގެ ސީރިއަސް މޫނުން ކުރިން ނުފެންނަ އޯގާތެރި ކަމެވެ. އަބަދުހެން ކައިރިކޮށްލައިފައި ހުންނަ ދެބުމައަށް ހުރީ ދުލެއް ދީފައެވެ.

"މާއިޝާ...." :ސްޓޮޕް ސްޓޮޕް... އަހަރެން ބޭނުމެއް ނޫން އަޑުއަހާކަށް. އަހަރެން ބޭނުމެއް ނޫން އަރްސަލާން ޕްލީޒް...." އަރްސަލާން ވާހަކަ ދައްކަން އުޅުނުވަގުތު މާއިޝާ ދެއަތް ދަމައިގެންފައި އެވާހަކަ މެދުކަނޑާލި ގޮތަށް އަރްސަލާން މޫނުގައި ދެއަތުން ހިފަަހައްޓާލައިފިއެވެ. މާއިޝާގެ މިހަރަކާތުން އަރްސަލާން ވާހަކަދެއްކުން ހުއްޓާލި ގޮތަށް ހަތަރުކަޅި ހަމަކޮށްގެން ހޭދަވި ކޮންމެ ސިކުންތަކީ ދެހިތުގެ ތެޅުން އަވަސްވެގެން ދިޔަ ސިކުންތަކަށް ވިއެވެ. "އަރްސަލާން... އަހަރެންނަކަށް ނޭނގެ މިވާހަކަ ބުނާނެ ގޮތެއް. ނޭނގެ ބުނެދިނަސް އަރްސަލާންއަށް ވިސްނޭނެ ކަމެއްވެސް. އެކަމަކު އަހަރެން ބުނަން މިއުޅެނީ އަހަރެންގެ މުޅި ހަޔާތުގައިވެސް ބުނާނެ އެންމެ ތެދު ވާހަކަ. އަރްސަލާން....! ތީ އަހަރެންގެ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ނަސީބު. އަހަންނަށް އަރްސަލާން ފެނުނު ވަގުތަކީ އަހަރެންގެ ދިރިއުޅުން ބަދަލުވި ވަގުތު. އޭގެ ފަހުން އަހަރެން ނިދާހިތެއް ނުވޭ. އެމީހުން ބުނާހެން ނިދާފައި އޮންނައިރު ފެންނަ ހުވަފެނަށްވުރެ، ހަޤީޤަތް މާ ރީތިވެއްޖެ. މެހެރް ބުނާހެން އަހަރެން ދުވަހަކުވެސް އެންމެ ފެނިލުމަކާއެކު މީހަކާއި ގާތްކަމެއް ނުއުފައްދަން. ނުދަންނަ މީހުންނާއި ގުޅުން އުފެއްދުމާއި ގާތްކަން ބޭއްވުމަކީ އަހަރެންނަށް އެންމެ އުދަނގޫ ކަންކަން. އެކަމަކު އަރްސަލާން އަހަރެންގެ ހިތާއި ހަމައަށް ވާސިލް ވީ އެންމެ ފެނިލުމަކަށް ފަހު. އެއަށްފަހު ދެން އަލުން އަރްސަލާން އާ އަހަރެން ބައްދަލުވި ކޮންމެ ވަގުތަކީ އަހަރެންގެ ހިތުން އަރްސަލާންއަށް ދެވުނު ހާއްސަކަން އިތުރުވި ވަގުތުކޮޅެއް. އަދި މިހާރު... އަރްސަލާންއާ ނުލާ މިހާރު އަހަންނަށް ނޭވާލާންވެސް ދަތި. ކުރިއަށް އޮތް ތާނގައި ކޮންމެ ގޮތަކަށް އަހަރެންގެ ދިރިއުޅުން އޮތަސް އަހަރެންނަށް ޔަޤީންވާ އެއްކަމަކީ އެދިރިއުޅުމުގައި އަރްސަލާން ނުވަންޏާ އަހަރެންނަށް ދުވަހަކުވެސް އުފަލެއް ނެތްކަން. ސޯ ދި ރެސްޓް ޑަޒަން މޭޓާރ." މާއިޝާގެ ވާހަކަ ނިމުނުއިރު ލޮލުގައި ކަރުނަ ގިނަވެ އޮހިގަންނަން ތައްޔާރުވެއްޖެއެވެ. ޚުދު އަރްސަލާންވެސް ހުރީ މާއިޝާގެ އެވާހަކަތަކުން އަސަރު ކޮށްގެން ހިނދުކޮޅަކަށް ބަސް ހުއްޓިފައެވެ. އެކަމަކު މިއަދު އޭނާ މާއިޝާ ނުހުއްޓުވައިފިއްޔާ ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެއެވެ. 

"މާފު ކުރޭ. މާއިޝާގެ ތިދިރިއުޅުމުގައި އަހަރެންނަށް ބައިވެރިއެއް ނުވެވޭނެ. އަހަރެން މީ އެކަމަށް އެންމެ އެކަށީގެންވާ މީހާއެއް ނޫން."އަރްސަލާން އަމިއްލަ ނަފްސްގެ ކޮންޓްރޯލް ހޯދާފައި މާއިޝާގެ ދެއަތު ކުޑަހުޅުގައި ހިފާ ތިރިކޮށްލަމުން ޖަވާބު ދިނެވެ. މާއިޝާ ސިހިފައި ބަަލާލިއިރު އެހާ އަވަހަށް އަރްސަލާން ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ. އެހުރިހާ ވާހަކައަކަށްފަހު ވެސް އަރްސަލާންގެ ހިތަށް އަސަރެއް ނުކުރީތީ އޭނާ އަޖައިބުވިއެވެ. އެވަގުތު އޭނާއަށް އިތުރު ފުރުސަތެއް ނުދީ އަރްސަލާން އަނެއްފަރާތަށް އެނބުރިފައި ދާން ފެށީ ހުޅުވާފައި ހުރި ކުޑަދޮރާއި ދިމާއަށެވެ.

"ކީއްވެ؟" މާއިޝާ އަރްސަލާން ހުއްޓުވަން ބާރު އެޅުމުގެ ބަދަލުގައި ބޭނުންވީ ސަބަބެވެ. ކުޑަދޮރާއި ހަމައިން އަރްސަލާން ހުއްޓިފައި އެނބުރި ބަލައިލިއެވެ. "މާއިޝާ ބޭނުމިއްޔާ ޖަވާބުވެސް ދީފާނަން. ބުނެދޭން ޖެހިލުމެއް ނުވޭ. އެކަމަކު ޔަޤީން އަޑުއަހަން ފަސޭހަ ނުވާނެކަން. ޖަވާބަކީ މާއިޝާގެ ދިރިއުޅުމުގައި ބައިވެރިވާން އެކަށީގެންވާ މީހަކު ހުއްޓާ އަހަރެން ކަހަލަ މަހްލޫޤަކާއި މާއިޝާ އެކަށީގެން ނުވާތީ. ޖަވާބަކީ މާއިޝާއާ މާއިޝާގެ އާއިލާއާއި ދަންނަ އެންމެންނަކީ އަހަރެން ކަހަލަ މަހްލޫޤުންގެ ކާނާއަށް ވާތީ. މާއިޝާގެ ބޮޑުބެެ އާއި ދެބެންގެދެދަރި ޒަވީއަށް ހަމަލާ ދިނީ އަހަރެމެންގެ މީހަކަށްވާތީ. އަދި މާއިޝާ ކިތަންމެ ބޭނުންވިއަސް އަހަރެންނަކަށް ނެތް މާއިޝާ ބޮޑުބޭބޭގެ ޤާތިލަށް ސަޒާ ދެވޭކަށް. އެހެންވެ އަހަރެން މިދަނީ އަހަރެމެންގެ ފަރާތުން މާއިޝާ ސަލާމަތް ކުރުމަށް ކުރެވެން އޮތް ކަންތައްވެސް ކުރަން." އަރްސަލާން ރުންކުރު އަޑަކުން އެއްފައްޗަކަށް އަމުނާލައިފައި ބަލާލިއިރު މާއިޝާ ހުރީ އޭނާ އުންމީދު ކުރި ގޮތަށް ލޯ ބޮޑުކޮށްލައިގެން ހުއްޓިފައެވެ. އިތުރު ބަހެއް ނުބުނެ އަރްސަލާން ނިކުމެގެން ދިއުމުން މާއިޝާ ވެއްޓިގެންފައި ބަންޑުން އޮށޯވެ ކޯތާފަތް ޖައްސާލީ ފިނި ޓައިލްސްމަތީގައެވެ. ހަރަކާތެއް ނެތިވެސް ސިކުޑީގައި ހިޔާލުތައް ބުރު އަޅަމުން ދިޔައެވެ. އަރްސަލާން އެއަންހެންކުއްޖާ ކުރި ކަމެއްގެ ސަބަބުން ތިމާގެ ހުރިހާ ހަޤީޤަތެއް އޭނާގެ ކުރިމަތީ ހުޅުވައިލަން އަންނާނީ ޔަޤީނުންވެސް އެދެމެދުގައި އޮތް ހާއްސަ ގުޅުމެއްގެ ސަބަބުންނެވެ. އޭނާއަށް ސަޒާ ދެވެން ނެތް ވާހަކަ ފައުޅުގައި ބުނެ އެއަންހެންކުއްޖާގެ ދިފާޢުގައި ތެދުވި ތެދުވުމަކީވެސް އޭގެ ހެއްކެކެވެ. ސުވާލަކީ ކޮން ގުޅުމެއް ހެއްޔެވެ؟ އަދި އެމީހުންގެ ފަރާތުން އޭނާ ސަލާމަތް ކުރާށޭ ބުނެ އެއިޝާރާތް ކުރީ މިތަން ދޫކޮށްފައި ދިއުމުގެ ވާހަކައަށް ހެއްޔެވެ؟

މެހެރީން ސޯފާގައި އިނދެގެން އާފުރެން ފެށިތަނާ މަލީހު ގޮވައިލާފައި މާއިޝާގެ ކޮޓަރީގައި އޭނަ ކައިރީ އޮންނަން ބުނުމުން ދެކޮޅު ހެދުމަކާއި ނުލާ އެއްބަސްވިއެވެ. އޭނާ ކޮޓަރިއަށް ވަދެ ނިދާ ހެދުން ބަދަލުކޮށްގެން ނިކުމެ މާއިޝާ ކޮޓަރިއަށް ވަދެފައި ހައިރާންވީ ޓައިލްސްމަތީގައި މާއިޝާ އޮތުމުންނެވެ. "އިޝީ. ކިހިނެތްވެފަ ތިއޮތީ؟ މާބޮޑަށް ތަދުވަނީތަ؟" މެހެރީން ގޮސް މާއިޝާ ކައިރީ އުޑަފައިން އިށީންދެފައި ނިކަން ލޯބިން ސުވާލު ކުރިއެވެ. މިނިޓެއް ވެގެން ދިޔައިރު މާއިޝާ އަނގައިން ނުބުނުމުން މެހެރީން ވިސްނައިލާފައި މާއިޝާ ފަދައިން ޓައިލްސްމަތީ ބަންޑުން އޮށޯވެއްޖެއެވެ. "އިޝީ. އައެމް ހިއަރ ފޯ ޔޫ." މެހެރީން ދައްތަގެ މޫނަށް ބަލަން އޮވެގެން އިއްވާލިއެވެ. އެވަގުތު މާއިޝާ ހަތަރުކަޅި ހަމަކޮށްފައި ވާހަކަ ދައްކަން ވެގެން ތުން ތަޅުވާލުމާއެކު ފުރަތަމަވެސް ލޮލުން ވެއްޓުނީ ކަރުނަ ތިއްކެކެވެ. "މެހެރް...ބުނެބަލަ އަހަރެން މީ ގޯސް މީހެއްތަ؟" މާއިޝާގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ މެހެރީން ނޫނެކޭ ބުނެ ދެކޮޅު ހެދިއެވެ. "ނޫން. އަހަންނަކީ ގޯސް މީހެއް. އަދި އަމިއްލައެދުން ބޮޑު މީހެއް...އެހެންނޫންނަމަ އަހަރެންގެ ހިތް އަރްސަލާންއަކަށް ނޭނދޭނެ. އަރްސަލާންއާ ގުޅިފައިވާ އެހާ ނުބައި ހަޤީޤަތެއް އެނގުމަށްފަހު ރަނގަޅު އަންހެން ކުދިން ބޭނުންވާނީ ދުރަށް ދާން. ރަނގަޅު އަންހެން ކުދިން އިސްކުރާނީ އާއިލާ. އާއިލާއަށް ލިބުނު އަނިޔާ ހަނދާން ހިތުގައި ހުރިހާ ހިނދަކު އަރްސަލާންއަށް ބަލައިލަންވެސް ނުކުޅެދޭނެ. އެކަމަކު އަހަރެން ހަމައެކަނި ބޭނުން ވަނީ އަރްސަލާން..." ވާހަކައިގެ އެހިސާބުން މާއިޝާ ކިޔައިދިނީ ޒަވީއާއި ބައްދަލުވުމަށްފަހު އަރްސަލާން ހޯދަން ގޮސް ދިމާވި ކަންތަކާއި އަދި އަރްސަލާން އެކޮޓަރިއަށް އައުމަށްފަހުގެ ވާހަކަތަކެވެ. މެހެރީން އަޖައިބުވީވަރުން އޮތްތާވެސް ނޯވެވިގެން ތެދުވެ އިނީ ދަތްދޮޅީގައި އުޅަބޮށި ވިއްދާލައިގެންެވެ. 

"ތިވާހަކަ ކިޔައިދިނީމަ މިހާރު އެބަ ހަމަޖެހޭ. އެހެންވީމަ އިޝީ ބުނިހެން އަރްސަލާންއެއް ނޫން އެއީ. އެއަންހެންކުއްޖާ. އެކަމަކު ކީއްވެ އަރްސަލާން އޭނަ ޕްރޮޓެކްޓް ކުރަން އެއުޅެނީ. އިޒް ޝީ ލައިކް ހިޒް ސޯލްމޭޓް އޯ ސަމްތިން." މެހެރީން އޭނާގެ ހިޔާލު ފައުޅުކޮށްފައި ބަލައިލިއިރު މާއިޝާ ބަލަން އިން ގޮތުން ބުނެވުނު ބަހުގެ ގޯސްކަން ވިސްނުނެވެ. "ސޮރީ.... އަހަރެން މީން ކޮށްފަ ބުނި އެއްޗެއް ނޫން. އަނގައިން ނިކުތީ. އިޝީއަށް ދެން އެނގެއެއްނު އަހަރެންގެ ގޮތް..." މެހެރީން ހިނިގަނޑެއް ޖަހާލުމުންވެސް މާއިޝާ ބައިވެރި ނުވެ ބަލަން އޮތީއެވެ، މެހެރީން ކަންބޮޑުވެފައި އަވަހަށް ދެތުންފަތް ޖައްސާ ބާރުކޮށްލިއެވެ. މާއިޝާގެ ޒަޚަމްވެފައިވާ ހިތުގައި ލޮނުމިރުސް އެޅުމަކީ އޭނާ މިވަގުތު ކުރަން އެންމެ ނޭދޭނެ ކަންތަކެެވެ. މެހެރީންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން އެނދަށް ދާން ހިނގާށޭ ކިޔާފައި ތެދުވެގެން ގޮސް ރަޖާ އަޅައިގެން އެއްފަރާތުގައި އޮށޯވެއްޖެއެވެ. ނިދެމުން ދަނިކޮށް މާއިޝާ ތެދުވެގެން ގޮސް ކައިރީގައި އޮށޯތްކަން އޭނާއަށް އެނގުނެވެ.

ޖެހިގެން އައި ދުވަހުގެ އިރު އަރައިގެން އައީ އަނެއްކާވެސް ވިއްސާރައިގެ ކުލަތައް ދައްކަމުންނެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް ހެނދުނު ހެނދުނާ ދެއަންހެން ކުދީން ތެދުވިއެވެ. މާއިޝާ ފަދައިން މެހެރީންއަށްވެސް އެރޭ ރަނގަޅަށް ނިދޭ ގޮތެއް ނުވިއެވެ. އެއްފަހަރު އޭނާއަށް ހޭލެވިގެން ގޮސް ކުޑަދޮރު ހުޅުވާފައި ހުއްޓާ ފެނިގެން ތަންޑު އެޅުވިއެވެ. ބައްޕަ ނޫނީ މާއިޝާ ގޮވައިގެން ނޫނީ ނަމާދަށް ނުތެދުވާ ކުއްޖާ ބަންޤި ގަޑިއަށް ތެދުވެ ނަމާދު ކުރީވެސް އަމިއްލައަށެވެ. 

މޯނިން ގާރލްސް." ދެމީހުން އެކީ ބަދިގެއަށް ވަދެ އެކަކު ކޮފީ މެޝިން ކައިރީ އަނެކަކު މޭޒު ދޮށުގައި ހުއްޓާ ދޮރުމަތިން ނާޔަލްގެ އަޑު އައެވެ. މެހެރީން އާފުރެމުން ނާޔަލްގެ އަޑަށް އަވަހަށް އަނގަމަތީ އަތް އަޅާ ފޮރުވާފައި ބަލާލިއިރު ނާޔަލް އެތެރެއަށް ވަދެގެން އާދެއެވެ. ހުދު ކުލައިގެ އަތްދިގު ޓީޝާޓާއި މުށި ސޯޓުގައި ނާޔަލް ހުރީ އިސްތަށިގަނޑުވެސް ކުޑަކޮށް ހާވާލައިފައެވެ. ހެނދުނު ފަދައިން އެމޫނު ތާޒާވެފައި ހިތްގައިމެވެ. މެހެރީން ކަޅިޖަހާނުލާ ބަލަން އިނދެފައި ކުއްލި ސިހުމެއް ލިބުނީ މާއިޝާ ނިކަން ލޯބިން "މޯނިން ބޭބީ" އޭ ބުނެލި އަޑަށެވެ. އޭނާ ހައިރާންވެގެން މޫނު އަނބުރާލިއިރު މާއިޝާ އެނބުރި ހުރީ ހިނިތުންވެފައެވެ. "ކޮފީ ބޭނުންތަ؟" މާއިޝާގެ ސުވާލު ނިމުނުއިރު ނާޔަލް ގޮސް ކައިރިއަށް ހުއްޓިފައި އޭނާ ދިއްކޮށްލި ކޮފީތަށީގައި ހިފައި ނަގާ ތުންޖެހީ ނިކަން ތޫނު ނަޒަރަކުން ބަލަމުންނެވެ. އެމަންޒަރު ބަލަން އިނދެގެން މެހެރީންއަށް ނޭނގުމުގެ ތެރޭގައި މޭޒު ކަނުގައި ބާރުބާރަށް ހިފަހައްޓާލެވުނު ގޮތަކުން އިނގިލިތަކަށް ތަދުވެގެން ތެދުވެފައި އެތަނުން ނިކުތެވެ.

"މެހެރް ކޮފީ ނުބޮއި ދަނީތަ؟" ފިޔަވަޅުގެ އަޑު އިވިގެން އެނބުރިފައި ނާޔަލް ގޮވާލިއެވެ. އޭރު މާއިޝާވެސް ހުރީ މެހެރީންއަށް ބަލާށެވެ. 'އައި ހޭޓް ކޮފީ..." މެހެރީން ހުއްޓިނުލައި ނިކުންނަމުން އިއްވާލީ ކަނޑައެޅިގެން ދޮގެއްކަން ނޭނގޭ އެކަކުވެސް ނެތެވެ. "ކޮންކަމަކާ ރުޅި އައިސްގެން އެދިޔައީ؟" ނާޔަލް އޮޅުންފިލުވާ ހިތްވިއެވެ. "ނޭނގެ." މާއިޝާ ފަރުވާކުޑަ ޖަވާބެއް ދީފައި އެނބުރުނީ އިތުރު މަގަކަށް ކޮފީއަޅާށެވެ. އިރުކޮޅަކުން މަލީހް އައިސް ވަންއިރު ދެޒުވާނުން މޭޒު ދޮށުގައި ތިބެފައި ނާޔަލް އަތުތެރޭ އޮތް އަތްތިލަ މާއިޝާ އަވަހަށް ދަމައިގަނެ ދުރަށްލިއެވެ. "މެހެރީން ކޮންކަމަކާ ރުޅި އައިސްގެން ތުންދަމާފަ އެއިނީ؟" މަލީހުވެސް ސުވާލު ކުރީ މެހެރީންއާ ބެހޭ ގޮތުންނެވެ. އެވަގުތު މާއިޝާ ދިނީ އޭނާ ނާޔަލްއަށް ދިން ޖަވާބެވެ. 

ކޮފީތަށި ހުސްވުމުން ދެބަފައިންނަށް ފުރުސަތު ދީފައި ނާޔަލް ނިކުތްއިރު މެހެރީންއެއް ނެތެވެ. ވިސްނައިލާފައި އޭނާ ގޮސް ކޮޓަރި ދޮރު ހުޅުވާލިއިރު ކުޑަދޮރު ހުޅުވައިގެން ވެހެމުންދިޔަ ވާރެއަށް ބަލަން ހުއްޓެވެ. އޭނާ ގޮސް ކައިރިއަށް ހުއްޓުމުން މެހެރީން އުޅުނީ އަނެއްފަރާތަށް އެނބުރިފައި ނިކުންނަން ދާށެވެ. "އިހަށް މަޑުކޮށްބަލަ!" އެކަމަކު ނާޔަލް ކުއްލިއަކަށް އަތުގައި ހިފާލުމުން މެހެރީންއަށް ޖެހުނީ ހުއްޓޭށެވެ. އޭނާ އެނބުރި ބަލައިލާފައި ކަންތައްގަނޑު ބޮޑުކޮށްލަން ބޭނުން ނެތިގެން ނާޔަލް ބުނި ގޮތަށް ކަންތައް ކުރިއެވެ. "އިތުރަށް ރުޅި ނައިސް އަހަރެން ކުރާ ސުވާލަކަށް ޖަވާބު ދޭނަންތަ؟" މެހެރީން ކުރިން ހުރި ގޮތަށް ނަޔާލްއާ އެއްހަމައެއްގައި ހުއްޓިލުމުން ނާޔަލް އަހާލިއެވެ. "ކީއްވެ އަހަރެންދެކެ ރުޅި އަންނަނީ؟" ނާޔަލް ކުރި ސުވާލު އަހައިގެން މެހެރީން ބަލާލިއިރު ހުރީ އެތޫނު ނަޒަރު އޭނާގެ މޫނަށް ހުއްޓާލައިގެންނެވެ. "އަހަންނަކަށް ނުވިސްނުނު މެހެރް ތިއުޅޭ ގޮތެއް. އެއްފަހަރު އަހަރެންނަށް ހޭލެވޭއިރު މެހެރް އަހަރެންގެ މޫނަށް ބަލަން ހުރޭ. އަނެއްބައި ފަހަރު އަހަރެން ފެންނައިރަށް ރުޅިއައިސްގެން ފުފޭ. އަހަރެން ބޭނުން ޖަވާބެއް. އަހަރެން ބޭނުން އޮޅުންފިލުވަން މެހެރްގެ މައްސަލައަކީ ކޮބައިކަން. އަދި އަހަރެންނަށް މެހެރްގެ ރުހުން ލިބޭނީ ކީއްކޮށްގެންކަން. ޓެލް މީ!" ނާޔަލް ވާހަކަދައްކަމުން މެހެރީންއާ ކުރިމަތިވާ ގޮތަށް އެނބުރިފައި އެއަތު މުލައްދަނޑީގައި ހިފާ ހަމައެގޮތަށް އަނބުރާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މެހެރީން ކުއްލިއަކަށް އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލުމުން ނާޔަލް ހުރީ ވާން އުޅޭ ގޮތެއް ލަފާކޮށްލަން ނޭނގިފައެވެ. އެވަގުތު އޭނާ ޝޮކް ކޮށްލާފައި މެހެރީން ކުޑަކޮށް ކޮރާލި ގޮތަށް ބޮސްދިނީ ތުންފަތުގައެވެ. ދެން ހަމަ އެސިކުންތުގައި ދުރަށްވެސް ޖެހިލައިފިއެވެ. "މިހާރު ދެން ކީކޭ ބުނާނީ؟" ނާޔަލް ބުދެއްހެން ހުއްޓާ މެހެރީން ތުންފަތަށް ވެރިކޮށްލި މަލާމާތުގެ ހިނިތުންވުން ގެއްލި ލޮލަށް ހައިރާންކަން ވެރިވީ ނާޔަލްވެސް އޭނާގެ މޫނުގައި ހިފާލައި ކައިރިކޮށްލީމައެވެ. ދެން އޭނާއަށް ވާނުވާ އެނގުނުއިރު ދެމީހުންނަށްވެސް ތިބެވުނީ ނޭވާ ހަމައަކަށް އަޅުވާށެވެ.

 

ކޮމެންޓް 0