"ކާކު އަރްސަލާން އަކީ؟" މާއިޝާ ޖަވާބު ދޭން ތައްޔާރުވެލިތަނާ ދޮރުން ވަން ނާޔަލްގެ އަޑުއަހާފައި ދެއަންހެން ކުދީން ހުދު ކަފަކޮޅަކަށް ވެގެން ދިޔައެވެ. "އަރްސަލާންއަކީ އަހަރެންގެ ބޯއިފްރެންޑް." އެއް ޝޮކަށްފަހު އަނެއް ޝޮކެވެ. މިފަހަރު މާއިޝާ ހައިރާންކޮށްލީ މެހެރީންއެވެ. އޭނާ ބަލައިލުމާއެކު މެހެރީން ގަދަކަމުން ހިނިތުންވެލައި ނާޔަލްއާއި ދެމީހުންނަށް ދައްކާލައިފައި ނިކުމެގެން ދިޔައެވެ. "ކޮފީއެއް ހަދައިދެންތަ؟" ދެމީހުން އެކަނިވުމުން މާއިޝާ އަވަހަށް ނާޔަލްއަށް ފުރަގަސްދިނެވެ. ރޭ އެދެމެދުގައި ފުރަތަމަ ފަހަރަށް ހިނގާދިޔަ ވަގުތުކޮޅަށް ފަހު ނާޔަލް މޫނަށް ބަލަން އޭނާ ނުކުޅެދުނެވެ. އެއާ ޚިލާފަށް ނާޔަލް ހުރީ އެމޫނުން ނަޒަރު ވަކިކޮށްލަން ބޭނުން ނުވެފައެވެ. މާއިޝާ ފުރަގަސްދިނުމުން އޭނާ ހޫމ އަޅުވާލައިފައި ކައިރިއަށް ދާންވެގެން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ދެވަނަ ސިކުންތުގައި މާއިޝާ އެނބުރި ބަލައިލީ އޭނާއަށް ކައިރި ނުވެވޭނެހެން އެދެމެދަށް އަތް ހުރަސްކޮށްލައިގެން ހުރެއެވެ. މާއިޝާގެ މިހަރަކާތުން ނާޔަލް ކުޑަކޮށް ސިހުނެވެ. "ހެޔޮނުވާނެ އަހަންނާ ކައިރިނުވޭ!" މާއިޝާ އާދޭހާއެކު އެދުނެވެ. "އެއީ ކީއްވެ؟" ނާޔަލް ސުވާލުކޮށްލިއިރު ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައީ މާއިޝާގެ ސީރިއަސް ކުލަވަރު ފާހަގަވެފައެވެ. "އިޝީ...ވަޓްސް ގޯއިން އޮން؟" ނާޔަލްގެ ސިކުނޑި ސުވާލުތަކުން ފުރިގެން އައެވެ. އޭނާ ދެވަނަ ފަހަރަށް ކުރިއަށް ޖެހިލަން އުޅެނިކޮށް މާއިޝާ އަދިވެސް ބޮޑަށް އަތް ތެދުކޮށްލައިފައި ނާންނާށޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރާލުމުން ހުއްޓެވުނީއެވެ.
"އިޒް ދިސް އެބައުޓް ދި ފޯންކޯލް؟" ނާޔަލްއަށް ވިސްނުނީ މާއިޝާ އަދިވެސް ހިތްހަމަ ނުޖެހިގެން އެއުޅެނީ މާލޭގައި ހުރެގެން ކުރި މަދު ފޯންކޯލް ތަކާއި ހެދި ކަމަށެވެ. މާއިޝާ ޖަވާބެއް ނުދިނުމުން އެޝައްކު ޔަޤީނަށް ބަދަލުވިއެވެ. ރޭ އޭނާ އެހާ ކުއްލި ގޮތަކަށް އައުމުން މާއިޝާއަށް ހިތުގެ ޝަކުވާ ބޭރު ކުރާނެ ފުރުސަތު ނުލިބުނީއެވެ. "އިޝީ އަހަރެން ޤަބޫލު ކުރަމޭ މާލޭގައި ހުރިއިރު އަހަރެންނަށް އިޝީއަށް އެކަށީގެންވާ ވަރަށް ވަގުތު ނުދެވުނުކަން. އެކަމަކު މިހާރު އަހަރެން މިހުރީ އައިހެއްނު. އަހަރެންގެ އިޝީގެ ޕްރޮޖެކްޓާ ރުހިގެން އިންވެސްޓްވެސް ކޮށްފިން. އެގޮތުން އިޝީގެ ވޯކްއަށްވެސް ސަޕޯޓް ދެވުނީ. އަދި މިހާރު މިހުރީ އިޝީގެ އެންމެ ކައިރީގަ. ސޯ ޕްލީޒް.... ޕްލީޒް ޑޯން ބީ އަޕްސެޓް އެނީމޯ." ނާޔަލްއަށް މުޅިން ގޯސްކޮށް ވިސްނުނުތަން ދެކެފައި މާއިޝާއަށް އިތުރަށް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ފުން ނޭވައެއް ދޫކޮށްލައިފައި އޭނާ އަތުގައި ހުރި މަގަށް ކޮފީއަޅައި ފުރާލުމަށްފަހު ނާޔަލްއަށް ދިއްކޮށްލިއެވެ. މާއިޝާ އެންމެ އުފާވީ ނާޔަލްއަށް އިތުރު ވާހަކައެއް ނުދެއްކެނީސް ބައްޕަ އެތަނަށް ވަނީމައެވެ. ނާޔަލް ނިކުމެގެން ދިއުމުން އޭނާ ހިތާއި ހިތުން ޝުކުރު ކޮށްލާފައި ބައްޕައަށް ނާސްތާ ތައްޔާރު ކުރަން ފެށިއެވެ.
"ނާޔަލް ހުންނަން ތަނެއް ހަމަޖެހިއްޖެތަ؟" މާއިޝާ ސައިތަށި ކައިރިކޮށްލަ ދީފައި ނިކުންނަން ދާން އެނބުރިލިތަނާ މަލީހް ވާހަކަދެއްކިއެވެ. "ހޫމ. މިތާ ކައިރީ ރެސްޓޯރެންޓާއެއްކޮށް ހަދާފަ ހުރި ގެސްޓް ހައުސްއިން ރޫމެއް ލިބިފަ އިނީ. ނާޔަލް ރެޑީ ވީމަ އޭނަ ގޮވައިގެން ދާން ކަމަށް އަހަރެން މިހުރީ." މާއިޝާ ހުއްޓިފައި ޖަވާބު ދިނެވެ. ބައްޕަ އެއަޑު އަހާފައި ބޯ ޖަހާލުމުން އޭނާ ނިކުމެގެން ދިޔައެވެ. ނާޔަލް ތައްޔާރު ވެގެން ކޮޓަރި ނިކުތުމުން މާއިޝާ ޓެކްސީއަކަށް ގުޅަން އިނދެފައި ރޫމްގެ ވާހަކަ ބުނެ ނިމުނުއިރު ނާޔަލްގެ ކުލަ ބަދަލުވިއެވެ. މާއިޝާ އެހާ އަވަހަށް އޭނާ ގެއިން ނެރެ އެއްލައިލަފާނެ ކަމަކަށް ނާޔަލްކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ. އޭނާ ބާރު ބާރަށް އައިސް މާއިޝާގެ ކުރިމައްޗަށް ހުއްޓިފައި އެއަތުގައި ހިފާ ކޮޅަށް ނެގީ ދެކޮޅަށް ވާހަކަދައްކަން ވެގެންނެވެ. އެކަމަކު މެހެރީންގެ ކޮޓަރި ހުޅުވާލައިފައި ތިން އަންހެން ކުދިން ނިކުތް ހިސާބުން އެފުރުސަތުވެސް ގެއްލުނެވެ.
ޓެކްސީ އައުމަށްފަހު ދެން އެހިސާބުން އިތުރަށް އެވާހަކަ ދައްކާ ވަރަށްވުރެ ބޮޑަށް ނާޔަލް އިނީ ހިތްހަމަނުޖެހިފައެވެ. އޭނާ ކާރަށް އެރި ގޮތަށް ކޮންމެވެސް މީހަކަށް ގުޅައިގެން ދައްކަން ފެށީ މަސައްކަތުގެ ވާހަކައެވެ. މާއިޝާ އޭރު ހިމޭނުން ބޭރު ބަލަން އިނެވެ.
ނުހަނު ކުރު ދަތުރަކަށްފަހު މަންޒިލާ ހަމައަށް ފޯރައިފިއެވެ. ރިސެޕްޝަނުން ތަޅުދަނޑި ހޯދައިގެން ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ދެޒުވާނުން މައްޗަށް އަރައި ހުޅުވާލި ދޮރުން ނިކުމެވުނީ ދެފަރާތުން ވަދެވެން ގިނަ ކޮޓަރިތަކެއް ހުރި ފުޅާ ކޮރިޑޯއަކަށެވެ. މާއިޝާ، އަދިވެސް ފޯނު ކަންފަތުގައި ޖަހައިގެން ހުރި ނާޔަލްއަށް ބަލައިލާފައި ކުރީގައި ގޮސް ކޮޓަރި ހުޅުވައިގެން އެތެރެއަށް ވަނެވެ. ފަހަތުން ނާޔަލް ވަނުމުން މާއިޝާ ގޮސް ދޮރުފޮތިތައް ކަހާލައިފައި ސިއްސައިގެން ގޮސް އެނބުރި ބަލައިލެވުނީ ފަހަތުން ނާޔަލް ދޮރު ތަޅުލި އަޑަށެވެ. "ވަޓް؟ އަހަރެންދެކެ ބިރުވެސް ގަނޭތަ؟" މާއިޝާ ލޯ ބޮޑުކޮށްލި ގޮތުން ނާޔަލް އަހާލިއެވެ. އޭނާ ފޯނު ޖީބަށް ކޮށްޕައިލާފައި ކައިރިއަށް އަންނަން ފެށުމުން މާއިޝާ ހުރި ގޮތަށް ހުރެގެން ކުރަން ބޭނުން ވެގެން ތިއުޅެނީ ކޮންކަމެއް ހޭ އަހައިލިއިރު އަޑުގައި ހުރި ހާސްކަން ނާޔަލްއަށް ސިއްރެއް ނުކުރެވުނެވެ. "އަހަރެން ބޭނުންވާ ކަމެއް ބުނިއްޔާ ކޮށްދޭނަންތަ؟" ނާޔަލް ހިތުގައި އެހެން އެއްޗެއް ރޭވިފައި އޮތަސް މާއިޝާ އެހެން ބުނުމުން ހިޔާލު ބަދަލުވެގެން އަހާލިއެވެ. އޭނާ ހުއްޓުނީ ނިކަން ކައިރީގައެވެ. މާއިޝާ އަވަސްއަވަހަށް އެސްފިޔަ ޖަހާލުމުން ނާޔަލް ޖަވާބަކަށް އިންތިޒާރު ކުރާ މީހަކު ފަދައިން އެއް ބުމަ އަރުވާލިއެވެ.
"ރައިޓް ނައު... އައި ވޯންޓް ޔޫ... މާއިޝާ މަލީހް." ނާޔަލް މާއިޝާގެ މޫނާއި މޫނު ކައިރިކޮށްލައިގެން ވާހަކަދައްކަމުން ދިޔަވަރަކަށް މާއިޝާ ފަހަތަށް ޖެހެމުން ގޮސް ކުޑަދޮރުގައި ޖެހި މަތަވުމުން ނާޔަލް ޖުމްލަތައް ނިންމާލައިފައި ހިމޭންކަމާއެކު ހުރެގެން އެލޮލުގައިވާ ކުލަވަރަށް ބެލިއެވެ. "ޑޭމް އިޓް!" ނާޔަލް އަތް އުފުލާލުމުން މާއިޝާ ބިރުން ލޯމަރާލިތަނާ އެއަތް މުށްކަވާލައިފައި ޖެހީ ފާރުގައެވެ. މާއިޝާ ސިހިފައި ލޯ ހުޅުވާލިއިރު ނާޔަލް ތަދުވި އަތުގައި އަނެއް އަތުން ފިރުމަމުން ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. "ޑޭމް އިޓް އިޝީ. އަހަރެން ދޮރު ތަޅުލީ ކުރީ ފަހަރުވެސް އަހަރެމެން ވާހަކަ ދައްކާނެ ޗާންސް ގެއްލުނީމަ މިފަހަރު ބޭރުން އަންނަ މީހަކަށް އެކަހަލަ އެއްވެސް ޗާންސެއް ނުދޭން ވެގެން. އަހަރެން ބޭނުން އިޝީ ހިތްހަމަ ނުޖެހިގެން ތިއުޅޭ ސަބަބެއް އޮޅުން ފިލުވަން. އަހަރެން ބޭނުން ދެމީހުން ވާހަކަ ދައްކައިގެން މައްސަލައެއް އޮތިއްޔާ ހައްލު ކުރަން. ކޮންމެ ކަމެއް ކޮށްގެންވެސް އަހަރެން ބޭނުން އިޝީ އަހަރެންނާ ދުރަށް ދިޔަ ނުދީ ހިފަހައްޓަން. ރައިޓް ނައު.. އަހަރެން މިހުރީ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް. ނުވިސްނޭތަ؟ އައި ވޯންޓް ޔޫ ސޯ ބޭޑްލީ." ނާޔަލްގެ ވާހަކަތައް ނިމުނުއިރު މާއިޝާ ހުރީ އިސްޖަހާލައިގެންނެވެ. ކަންތައް ކުރެވުނު ގޮތުން އޭނާ ދެރަވެ ލަދުގަނެއްޖެއެވެ. މާލޭގައި އުޅުނުއިރުވެސް ނާޔަލް ގަދަކަމުން އޭނާގެ ފުށުން ކަމެއް ހާސިލް ކޮށްފައެއް ނެތެވެ. އެއްފުރާޅެއްގެ ތެރޭގައި ނާޔަލް ބޭނުން ނަމަ ކިތަންމެ ފުރުސަތެއް ލިބުނީހެވެ. ރޭގައި ހިނގި ކަމެއް ވިއްޔާ އެހިނގީ ނާޔަލްއަށް އޭނާ ނުފެނި ގިނަ ދުވަސްވުމުގެ ސަބަބުންނެވެ. "...އޯކޭ... ލެޓްސް ޓޯކް." މާއިޝާ ފުން ނޭވައެއް ދޫކޮށްލައިފައި ގޮސް އެނދުގައި އިށީންދެއްޖެއެވެ.
ރަށުގައި ހަފްތާއެއްވަރު ވީއިރު ނާޔަލް އާއި މާއިޝާގެ ގުޅުން އައީ ރަނގަޅު ވަމުންނެވެ. މާލޭގައި އަބަދު ދެމީހުން ޒުވާބު ކުރި ދުވަސްތަކާއި ޚިލާފަށް ރުހިގެން އެކަކު އަނެކަކާއި އަނގައިން ބުނަން ފެށިއެވެ. މަލީހްގެ އިތުރުން ނަބީލާގެ އާއިލާގެ މެމްބަރުންވެސް ދާދި އަވަހަށް ނާޔަލް އާއި ގުޅުން އުފައްދައިފިއެވެ. ހަސަދަ ލައިގެން އުޅޭ މީހަކު ފަދައިން އެންމެ ދުރުން އުޅެނީ އަދިވެސް މެހެރީންއެވެ. މާއިޝާއަށް އެއީ އާކަމަކަށް ނުވާތީ ކޮއްކޮގެ އަމަލުތައް ހުންނަ ގޮތް ބަދަލު ކުރާކަށް މަސައްކަތެއް ނުކުރެއެވެ. ފެށުނީއްސުރެވެސް މެހެރީން ފަރާތުން ނާޔަލްއަށްޓަކައި އޭނާއަށް ފެނުނީ އެދުރުކަމެވެ. ސަބަބެއް އަދި އަދަށް ދާންދެންވެސް އޭނާއަށް ވަނީ ނޭނގިފައެވެ.
ވިއްސާރަ ރެއެކެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މަގުތަކުގައި ފެން ހެދި ގަސްތައް ދޮވެވި ފެންބުރަކައިފައެވެ. އިޝާ ނަމާދު ކޮށްގެން މާއިޝާ ކޮޓަރިން ނިކުތްއިރު ގޭގައި އެކަކުވެސް ފެންނާކަށް ނެތެވެ. ހީވާގޮތުން ބައްޕަ ވީ މިސްކިތަށް ގޮހެވެ. މެހެރީން އޭނާ ވަންއިރު ސޯފާގައި އޮތް ކުއްޖާ މި ވިއްސާރައިގައި ދިޔަ ތަނެއް ބަލައިލަން މާއިޝާ ފޯނު ނަގާފައި ގުޅަން ތައްޔާރު ކޮށްލިތަނާ ޒަވީ ގުޅައިފިއެވެ. "ކީކޭ؟" މާއިޝާ ފޯނު ނަގާ ކަންފަތުގައި ޖަހާލައިފައި ފޯނަށް ޖަވާބުދިނެވެ. "މާއިޝާއަށް އަހަރެންނާ ބައްދަލު ކޮށްލެވިދާނެތަ؟" ޒަވީ ވާހަކަދެއްކިއިރު ހުރީ އަވަސް އަރުވާލައިފައެވެ. "މިގަޑީގަ؟" މާއިޝާއަށް ބަލައިލެވުނީ ފާރުގައި ހުރި ގަޑިއަށެވެ. "އުދަނގުލިއްޔާ އަހަރެން ހިނގައިދާނަން ތިކޮޅަށް." ޒަވީ ކެތްމަދުވެފައިވާ ވަރު ވާހަކައިން އެނގެއެވެ. މާއިޝާ އެއްބަސްވެ ފޯނު ބާއްވާފައި ގޮސް ބަދިގެއަށް ވަންނަން އުޅެނިކޮށް އެތެރެއިން އެއްޗެއް ވެއްޓުނު އަޑު އިވުނުހެން ހީވިއެވެ. ނޫނީ އެއީ ކުށްހީއަކަށްވެސް ވެދާނެއެވެ. އޭނާ އަވަސް އަވަހަށް ބޮކި ދިއްލާލިއިރު ތިރީގައި އެއްޗެއް ވެއްޓިފައެއް ނެތެވެ. ބަދިގެ ތެރޭގައި ހުރިހާ އެއްޗެއް ހުރީ ކުރިންވެސް ހުރި ގޮތަށެވެ. ކުޑަވެސް ބަދަލެއް އައިއްސައެއް ނެތެވެ. އެކަނި ހުރެގެން އަނގައަށް ގޮތެއް ހަދާލައިފައި އޭނާ ގޮސް ސޯފާގައި އިނދެގެން ޒަވީއަށް އިންތިޒާރު ކުރަން ފެށިއެވެ.
"މާއިޝާ. އެކަނިތަ ތިހުރީ؟" ޒަވީ އައިސް ގެއަށް ވަދެފައި ވަށައިގެން ހޯދައިލަމުން އެހިއެވެ. މާއިޝާ ކޮޅަށް ތެދުވެފައި ޒަވީއަށް ޖަވާބު ދޭންވެގެން ބޯ ޖަހާލިއެވެ. ކައިރިއަށް އައިއިރު ޒަވީގެ މޫނުގައި ވި ކުލަވަރު ތަފާތުކަން ފާހަގަވިއެވެ. އައިސް އިށީންދެފައި ފުރަތަމަވެސް އެއްފައި ހަލުވަން ފެށި ގޮތުން އޭނާ ކަމަކާމެދު ހާސްވެފައި ހުރިކަން ޔަޤީނެވެ. "މާއިޝާ. އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑު އަހައްޗޭ. ބުނަން މިއުޅެނީ މޮޔަ ވާހަކައެއް. މޮޔައިގެވެސް އެންމެ މަތީ ދަރަޖައިގެ ވާހަކައެއް." ޒަވީ ވާހަކަ ފެށި ގޮތުން މާއިޝާ ހިތް އަވަސްވިއެވެ. އޭނާ ދޮރާއި ދިމާއަށް ބަލައިލީ އިތުރު މީހަކު އަތުވެދާނެތީއެވެ. ޒަވީ ދައްކަން އެއުޅެނީ އަރްސަލާންއާ ގުޅިފައިވާ ވާހަކައެއް ކަމުގައި އޭނާއަށް މިހާރުވެސް ލަފާ ކޮށްލެވިއްޖެއެވެ.
"މާއިޝާ ތީ އަހަރެން ކުޑައިރު ދިމާވި ވާހަކަ ކިޔައިދިން އެންމެންގެ ތެރޭންވެސް އެވާހަކަ ޤަބޫލު ކުރިކަން އަހަރެންނަށް ޔަޤީންވި ހަމައެކަނި ފަރާތް. އެހެންވެ އަހަރެން މިވާހަކަ ދައްކަންވެސް މާއިޝާ ކައިރިއަށް މިއައީ." ޒަވީ ކުރިއަށް ދިޔައިރު ދެފަހަރު މަތީން ނިއްކުރީގައި އަތް އުނގުޅާލިއެވެ. ނޭވާ ނުލައި ހުރެ ކޮޅަށް ދިއުމުން މާއިޝާ ފުން ނޭވައެއް ދޫކޮށްލިއިރު އަދި ޒަވިއަށް އެވާހަކަ ބުނެވުނު ކަމަކަށް ނުވިއެވެ. ތަކުރާރުކޮށް ބުނެދޭން މަސައްކަތް ކުރަމުން ދިޔައީ ދައްކަން އެއުޅޭ ބުއްދި ގަބޫލު ނުކުރާ ވާހަކައިގެ ތެދު ކަމުގެ ވާހަކައެވެ.
"ޒަވީ.....!" މާއިޝާއަށް އުދަނގޫ ވެގެން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. "ތަންކޮޅެއް ހަމަޖެހިލައިގެން ކިޔާބަލަ. އަހަރެން ގަބޫލު ކުރާނަން ޒަވީ ކޮންމެފަދަ މޮޔަ ވާހަކައެއް ދެއްކިއަސް. އަހަރެންނަށް އިނގޭ ޒަވީ ހަދަ ހަދައިގެން ވާހަކައެއް ނުދައްކާނެކަން." މާއިޝާ ކުރިއަށް ޖެހިލައި ޒަވީ އަތް މަތީ އަތް ބާއްވާލައިފައި އެމޫނަށް ބަލަން އިނދެގެން ބުނެލިއެވެ. "އަހަރެންނަށް އޭތި ފެނިއްޖެ. އަހަރެންގެ ބައްޕަ ނިމިގެން ދިޔަ ސަބަބު ކަމުގައިވި އެތި އަހަރެންނަށް ފެނިއްޖެ." ޒަވީގެ ޖުމްލަ ނިމުނުއިރު މާއިޝާ ތެދުވެ ހުރީ ކޮޅަށެވެ. "ޝޮކެއް ލިބިއްޖެ ދޯ މިހާރުވެސް. އަހަންނަށް އިނގޭ. އަހަރެންނަށްވެސް ފުރަތަމަ ވީ އެހެން." ޒަވީ އިސްޖަހައިގެން އިނދެ ވާހަކަ ކުރިއަށް ގެންދިޔައިރު މާއިޝާ އޭނާއަށް ފުރަގަސްދީގައި ދެއަތްތިލަ އަޅާ ބާރުކޮށްލީ ހިތާއި ދިމާލުން މޭގައެވެ.
"ބައްޕަ ނިޔާވުމުގެ ކުރީން އަހަރެންނަށް ލިބުނު ވާހަކަ ދައްކާލަން ވަގުތު ކޮޅެއް. ބައްޕަ އެދުވަހު ވާހަކަދެއްކީ ހަމަ ހޭގައި އޮވެ. އަދި ބައްޕަ ސިފަ ކޮށްދިން ސޫރަ އާއި އަހަރެން ޅައިރު ދުށް ސޫރައިގައި އެއްވެސް ތަފާތެއް ނެތް. އެއީ ހާފް ހިއުމަން ހާފް ފިޝްއެއް. މާއިޝާއަށް އެނގޭތަ އެދުވަހަށްފަހު އަހަރެން ރަނގަޅަށް ނުނިދަން. އަހަރެން އެވާހަކަ ނުބުނެ ބޭނުންވީ އަދިއެއްފަހަރު ލޮލުން ދެކެން. ސާބިތު ކުރަން. އެހެންވެ އަހަރެން ކޮންމެ އިރު އަރާ ގަޑިއަކު ބައްޕަ މަސްބާނަން ދިޔަ ދިމާލަށް ގޮސް ހުންނަނީ ބަލަން. ފަތިހުން ފެށިގެން އިރުއަރަންދެން އަހަރެން އިންތިޒާރު ކުރަން. އެންމެ ފަހުން އަހަރެންނަށް އަހަރެންގެ މަޤްސަދު ހާސިލް ވެއްޖެ. އަހަރެން ބަލަން ހުއްޓާ ފަތިހު އޭތި މޫދުން އަރައިގެން ދެފައިން ހިނގާފައި ގޮސް ރަށުތެރެއަށް ދިޔައީ. އަދި މިހާރު އޭތި ވާނީ މިރަށުތެރޭގައި. ޕްލޭންއަކީ މިރޭގެ ވަގުތެއްގައި އެނބުރި މޫދަށް ދިއުން ކަމަށް ވެދާނެ. އެކަމަކު އަހަރެންނަށް ހީ ވާގޮތުން މިވެހޭ ވާރޭގައި ޓެއިލްއަކާ އެއްކޮށް އޭއްޗަށް މޫދާ ހަމައަށް ފޯރޭނެ ގޮތެއް ނޯންނާނެ." ޒަވީ ޖޯޝުގައި ވާހަކަދެއްކިއިރު ހީވަނީ އުފާވެރި ޚަބަރެއް ލިބިގެން އުފާވެފައި ހުރި މީހެއް ހެންނެވެ. މާއިޝާ ވިސްނުންތެރިކަމާއެކު އަޑު އަހަން ހުރެފައި ޒަވީ ކަންތައް ކުރަން އުޅޭ ގޮތެއް ބަލަން ވެގެން ސުވާލު ކޮށްލިއެވެ.
"މާއިޝާ. އަހަންނަށް ވަރަށް ޔަޤީން އޭތި ވާނީ ފެން އޮތްތާކު ކަން.އެހެންވީމަ އަހަރެން ކުރަން ޖެހޭނެ ކަމަކީ އެތަނެއް ހޯދުން. މެހެރް ބުނި ހަނދާނެއް ވޭ އިޝީ މިހާރު މަސައްކަތް ތިގެންދާ ތާނގައި އެކަހަލަ ފެންގަނޑެއް އޮތް ވާހަކަ." ޒަވީ ނުހަނު ހަމަޖެހިލާފައި ކިޔައިދިނެވެ. މާއިޝާއަށް ވަގުތުން ނޫނެކޭ ކިޔާ ދެފަރާތަށް ބޯ ހޫރާލެވުނެވެ. "ޒަވީ ހަނދާންކޮށްބަލަ އޭތީގެ ސަބަބުން ޒަވީގެ ބައްޕަ މަރުވީ. ހަނދާން ކޮށްބަލަ އޭތި ނުރައްކާ ވާނެވަރު. އެހެންވީމަ ޒަވީ އެކަނި ގޮސް ކުރިމަތިލުން ރަނގަޅެއް ނުވާނެ." މާއިޝާއަށް އަރްސަލާންއާއި އެއްކޮޅަށް ދައްކާނެ ހެއްކެއް ނެތިވެސް ޒަވީގެ ކޮޅަށް ބުރަވެވޭކަށް ނެތެވެ. އޭނާގެ ހިތް އޮތީ އަރްސަލާންއަށްޓަކައި ހާސްކަމުން ފުރިފައެވެ. "ވާނެ ގޮތެއް އަހަރެންނަކަށް ނޭނގެ. އަހަރެންނަށް އެނގޭ އެއްޗަކީ ހަޤީޤަތް ލޯ ކުރިމަތިން ފެނުމަށްފަހު އަހަރެންނަށް މަޑުން ނީނދެވޭނެކަން. އަހަރެންގެ ބައްޕަ ފަދައިން އެހެން މީހެއްގެ ފުރާނަ އޭތީގެ ސަބަބުން ނެތިގެން ނުދަނީސް ފިޔަވަޅު އަޅަން ޖެހޭނެކަން. އަދި މިރަށުގައި އަހަރެންގެ ވާހަކަ ގަބޫލު ކުރާ އެކަކުވެސް ނެތުމުން އަހަރެން އަމިއްލައަށްވެސް އެކަން ކުރަން ޖެހޭނެކަން." ޒަވީ ވާހަކަ ދައްކާ ނިމިގެން އައިސް ކުރިމައްޗަށް ހުއްޓުނުއިރު މާއިޝާ ފަދައިން އެދެލޯ ހުރީ ފެންކަޅިވެފައެވެ. މާއިޝާއަށް އެވަގުތު ޔަޤީންވި އެއްޗަކީ އޭނާ ކޮންމެ އެއްޗެއް ކިޔައިގެންވެސް ޒަވީގެ އަޒުމް ގުޑުވާ ނުލެވޭނެ ކަމެވެ.
"ޔޫ ނޯ ވަޓް؟ އަހަރެންވެސް ދާނަން." މާއިޝާ ވިސްނާލައިފައި އެންމެ ފަހުން ނިންމިއެވެ. "ޒަވީ ބުނީމެއްނު އަހަރެން އެކަންޏޭ ޒަވީގެ ވާހަކަ ޤަބޫލު ކުރަނީ. އެހެންވީމަ އަހަރެން ޒަވީއަށް ހެލްޕް ވާނީވެސް. ހިނގާ ދާން." ޒަވީ ދެކޮޅު ހަދަން އުޅުނު ވަގުތު މާއިޝާ އަތް އުފުލާލައި އެކަން މަނާކުރަމުން އިތުރުކޮށްލިއެވެ. "އަހަރެން އަންނާން ގެއަށް ގޮސް އަހަރެން ތައްޔާރު ކުރި ސާމާނު ހިފައިގެން."އިރުކޮޅަކުން ޒަވީ އެއްބަސްކިޔާފައި އެގެއިން ނިކުތެވެ. އެކަމަކު މާއިޝާ މަޑުކޮށްގެން ހުރީ ޒަވީ ގޮސް ދޮރާށި ލައްޕަން ދެނެވެ. ދެވަނަ ސިކުންތުގައި އޭނާ ޖީބުން ފޯނު ނަގައި ޓެކްސީއަކަށް ގުޅާފައި ކޮޓަރިއަށް ވަދެ ލައިގެން ހުރި ހެދުން ބާލައި ޓައިޓަކާއި ޓީޝާޓަކަށް ހަދައިލިއެވެ.
ޓެކްސީ އައިސް މަޑުކޮށްލިއިރު މާއިޝާ ވާރޭ ކޯޓު ހިފައިގެން ނިކުމެ ހުރީ ދޮރާށި ބުޑުގައެވެ. އިރުކޮޅަކުން ޓެކްސީ ގޮސް މަންޒިލަށް މަޑުކުރުމުން ފީ ހަވާލުކޮށްފައި އޭނާ ނިކުތީ ވާރޭކޯޓު ގަޔަށް މަހާލައިގެންނެވެ. ފޯނުގެ ބަދަލުގައި އޭނާ ޓީޝާޓް އަރިމަތީ ޖީބަށް ލީ ކުޑަ ޓޯޗު ނަގައިގެން ގަސްތަކު ތެރެއަށް ވަދެގެން ދިޔައިރު ވާރޭ ތިކިތައް ކޯޓުގެ އެތަން މިތާ ބޮސްދޭއަޑު މިއުޒިކެއް ފަދައިން މެދުކެނޑުމެއްނެތި އިވެމުން ދިޔައެވެ. ފުރާނަ އަތްމައްޗަށް ލައިގެން މާއިޝާ ގޮސް ފެންގަނޑު ކައިރިއަށް ހުއްޓުނުއިރު ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން ފެންގަނޑުވެސް އޮތީ ހަލަބޮލި ކޮށްލައިފައެވެ. އޭނާ ބަލަން ހުރެފައި އަރްސަލާން އޭ ކިޔާ އެއްފަހަރު ގޮވާލި އިރު އެއަޑު ދިޔައީ ވެހޭ ވާރޭގެ އަޑާއި އެކުވެގެންނެވެ. ދެވަނަ ސިކުންތުގައި މޫނުގައި އަތް އަޅައިލެވުނީ ލޮލުން ކަރުނަ އަންނަން ފެށީމައެވެ. ހިތް އޭރު އެދެމުން ދިޔައީ އަރްސަލާން އައިސް އެންމެ ފަހަރަކު ނަމަވެސް ތިމާގެ ކުށެއްނެތް ކަން ބުނެދިނުމަށެވެ. ޒަވީއާއި ޒުހައިރުބެއަށް ދިމާވީ ކަންތަކުގެ ފަހަތުގައި އަރްސަލާންގެ އަތެއް ނުވާކަމަށް ބުނެދޭ އަޑު އަހާލުމަށެވެ.
ކަރުނަތައް ގިނަވެ ނުހިފޭއްޓޭނެކަން ޔަޤީންވުން މާއިޝާ އެބޭކާރު މަސައްކަތް ހުއްޓާލައިފައި އަތް ތިރިކޮށްލި ވަގުތު ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލައިފިއެވެ. ކުރިއާއި ޚިލާފަށް އޭނާ މިފަހަރު ކުޑަކޮށްވެސް ނުސިހެއެވެ. އެވަގުތު މާއިޝާ ފުން ނޭވައެއް ދޫކޮށްލައިފައި އެނބުރި ބަލައިލުމުން ވާރޭ ތެރޭ ހުރި މީހާ އަރްސަލާންއަށްވުރެ އިސްކޮޅުން ކުރުހެން ހީވެފައި އަތުގައި އޮތް ކުޑަ ޓޯޗު އޭނާގެ މޫނަށް އެޅޭނެހެން ހިއްލާލިއެވެ. ބައްތީގެ އަލިކޮޅު އެމޫނަށް އެޅިފައި އޭނާ ރަނގަޅަށްވެސް ސިހުނެވެ. ކުރިމަތީގައި ހުރީ އަންހެން ކުއްޖެކެވެ. ފޭރާމެއްނެތި ހެއްދެވި ގޮތަށް ހުރި އަންހެން ކުއްޖެކެވެ. މާއިޝާ ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި ހުއްޓާ ކުއްލިއަކަށް އަންހެންކުއްޖާ ފެހި ދެލޯ ދިއްލާލައިފައި ފުޅާ ކޮށްލި އަނގައިގައި ހުރީ ތޫނު ދިގު ދައްތަކެކެވެ.