"މެހެރް މޮޔަވީތަ؟" މާއިޝާ ލޯ ބޮޑުކޮށްލާފައި އެކަމަކު އެހެން މީހުނަށް ނީވޭނެހެން މަޑުމަޑުން ބުނެލިއެވެ. "އިޝީ. އަހަރެން ގަބޫލު ކުރަން މިހާރު ޒަވީގެ ވާހަކަ. ޒުހައިރުބެއަށް އެވަރުގެ ހަމަލައެއް ދިން ކަމަށް އެވާނީ އަރްސަލާން. ދެން އޭނަ އަންނާނީ އަހަރުމެންނާ ދިމާއަށް ނޫންކަމެއް ނޭނގެ. އަހަރެމެން ޖެހޭނެ އޭގެ ކުރިން ކޮންމެވެސް މީހަކަށް އަންގަން. އަހަރެން މިހާރު ހަމަ ރަނގަޅަށްވެސް ބިރުގަނެއްޖެ." މެހެރީން ރައްދު ދީފައި ބަލައިލިއިރު މާއިޝާ ހުރީ އެމޫނަށް ބަލަހައްޓައިގެންނެވެ. އެވަގުތު މާއިޝާ އިއްވާލީ އޭނާގެ އަމިއްލަ ކަންފަތާމެދު އިތުބާރު ކުރަން އުނދަގޫވި ޖުމްލައެކެވެ. "އަރްސަލާން އެކަހަލަ ކަމެއް ނުކުރާނެ." މިހެންނެވެ. މެހެރީންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން ދެފަރާތަށް ބޯ ހޫރާލައިފައި ގޮސް އިށީންނީ އަނެއްކާވެސް ނަބީލާ ކައިރީގައެވެ.

މެންދުރު ފަސްވާން ކައިރިވެފައި ހުއްޓާ ޒުހައިރު އޮޕަރޭޝަން ރޫމުން ނެރެެގެން ޕްރައިވެޓް ރޫމަކަށް ބަދަލު ކުރިއިރު ހާލު ރަނގަޅެވެ. މަލީހް ހުއްދަ ދިނުމުން ދެއަންހެން ކުދީން އެހިސާބުން ގެއަށް ދާން ތައްޔާރުވިއެވެ. މާއިޝާ ނިކުންނަން އުޅެފައި ބައްޕަގެ ކައިރީގައި އިން ޒަވީގެ ކޮނޑުގައި ހިފަހައްޓާލިއިރު މެހެރީން ހުރީ ބަލާށެވެ. ޒަވީ އެއަތުގައި ހިފާފައި މާއިޝާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އޭނާ ނަބީލާ ކައިރީ ދަނީއޭ ބުނެލައިފައި އެނބުރުނުއިރު މެހެރީން ކުރީގައި ނިކުމެއްޖެއެވެ.

ގެއަށް ގޮސް ވަދެފައި މާއިޝާ ތަނެއްގައި ޖައްސާވެސް ނުލާ ވަނީ ބަދިގެއަށެވެ. މެހެރީން އޭރު އޮތީ ސިޓިންރޫމްގައި ހުރި ސޯފާއަށް ވެއްޓިގަނެގެންނެވެ. އިރުކޮޅެއް ކޮށްލާފައި އޭނާ ގޮސް ވަންއިރު މާއިޝާ ކުކަރަށް ހަނޑޫކޮޅު އަޅާ އޮން ކޮށްފައި އިނީ ފިޔައެއް ނޮޅާށެވެ. "އިޝީ ތީ އެހާފަސޭހައިން އެހެން މީހުންނާ އެޓޭޗްވާ ކުއްޖެއް ނޫން. އެހެންވީއިރު އަރްސަލާންގެ ހުރީ އެހެންމީހުންގެ ނެތް ކޮން ސިފައެއް؟..." މެހެރީން ފްރިޖުން ޖޫސް ޕެކެޓެއް ނަގައި ބިއްލޫރި ތަށްޓަކަށް އަޅަމުން ވާހަކަދެއްކި އަޑަށް މާއިޝާ ބަލައިލިއެވެ. "އެޕާޓް ފްރޮމް ދި ޓެއިލް ބިޒްނަސް. އެން ހާޓް ސްޓޮޕިން ބިއުޓީ އޮފްކޯސް." މެހެރީން ޖޫސްތަށީގައި ތުންޖަހާފައިވެސް ހަނދާން ވެގެން މާއިޝާއަށްވުރެ ކުރިން އަދި ބަހެއް އިތުރުކޮށްލިއެވެ. "މެހެރް އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ އަރްސަލާން ބޭނުން ނަމަ އަހަރެންނަށް ގެއްލުން ދެވުނީހޭ. އެކަމަކު އޭނަ އެއްފަހަރުވެސް ނުކުރެއެއްނު ކަމެއް. ދެން ކީއްވެ އެހެން މީހަކަށް އޭނަ ގެއްލުން ދޭނީ؟" މާއިޝާ މަސައްކަތް ހުއްޓާލައިފައި އަޑަށް ބާރުލަމުން ވާހަކަދެއްކިއެވެ. 

"ވެދާނެއެއްނު އިޝީ އަރްސަލާން ދެލެ ލޯބިވާގޮތަށް އަރްސަލާންވެސް އިޝީދެކެ ލޯބިވަނީ ކަމަށް." މެހެރީން ޖެހިލުމެއްނެތި އިއްވާލިއެވެ. އެވަގުތު މާއިޝާ ބާރުބާރަށް މެހެރީންއޭ ކިޔާ ހަޅޭތްލަވައިގަންއިރު އައިސްހުރި ރުޅިއާއެކު ލޮލުގައި ކަރުނަތައްވެސް ބޮނޑިވެގަތެވެ. މެހެރީން އެހާ ޤަދަރު ކުޑަ ކޮށްލަފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. "ދެން އަހަރެން ކީކޭ ބުނާނީ؟ އަރްސަލާން ކަހަލަ އެހެން މީހަކު އުޅެނީއޭތަ؟...އިޝީ ހަނދާން ކުރާތި ޒުހައިރުބެއަށް ގޮތެއްވެއްޖެއްޔާ ހަމަ ހުވާކޮށްފަ މިބުނަނީ އަހަރެން ޒަވީއަށް އަރްސަލާންގެ ވާހަކަ ކިޔައިދޭނަން." މާއިޝާގެ ބަހުރުވަރުވަ ހުރި ގޮތުން މެހެރީން ގާތަށްވެސް ރުޅި އައިސްގެން އިންޒާރު ދީފައި ނިކުމެގެން ދިޔައީ ޖޫސްތަށިވެސް މޭޒުމަތީ ބަހައްޓާފައެވެ. އެވަގުތު މާއިޝާ އަތުގައި އޮތް ވަޅިއާއި ފިޔާ ތަށި ތެރެއަށް ދޫކޮށްލައިފައި ވެއްޓިގަނެވުނީ އެތާހުރި ގޮނޑިއަށެވެ.

މާއިޝާ ކައްކާ ނިމިގެން ކޮޓަރިއަށް ވަންއިރު މެހެރީން އޮތީ އެނދަށް އަރައި ނިދާލައިފައެވެ. މާއިޝާ ފެންވަރައިގެން ނިކުމެ ލެޕްޓޮޕް ހިފައިގެން ގޮސް ކުޑަދޮރު ކައިރީ ހުރި ގޮނޑިއަށް ވެއްޓިގަނެގެން އެތައް އިރަކު އިނެވެ. ހުޅުވާފައި ހުރި ކުޑަ ދޮރުން ފިނި ވައިރޯޅިތައް ވަންނައިރު ކަހާލައިފައި ހުރި ދޮރުފޮތިގަނޑާއި ސަމާސަ ކޮށްލާފައި އަދި އޭނާގެ އިސްތަށިގަނޑާއިވެސް ތޮޅެލައެވެ. އެކަމަކު އެއިން ކަމެއް އޭނާއަށް އިހްސާސްވާ ހެނެއް ހިއެއް ނުވެއެވެ. އެއަށްވުރެ މާބޮޑަށް އޭނާ އިނީ ގެއްލިފައެވެ. ހަވީރުއަތަށް އެޅި ފަހުން މެހެރީން ނިދިން ހޭލައިގެން މާއިޝާއަށް ބަލަން އޮވެފައި ގޮވާލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. 

"މަރމެއިޑްއެއް ނޫން. މަރމޭން." މެހެރީން އިއްވާލިއެވެ. "އައި ނޯ." މާއިޝާ ރައްދު ދީފައި ތެދުވެގެން ގޮސް ވަނީ ފާޚާނާއަށެވެ. މެހެރީން ތެދުވެގެން ގޮސް ލެޕްޓޮޕް ޗެކްކޮށްލިއިރު މާއިޝާ ހޯދާފައި ހުރީ ހައްތަހާވެސް މަރމޭންއާ ބެހޭ މައުލޫމާތު ތަކެވެ. އެއް ތަނެއްގައި އެއީ ވަރަށް ސިފަ ހުތުރު ހަޑި އެއްޗެއްގެ ގޮތުގައި ބުނާއިރު އަނެއް ބައެއްގެ ތެރޭގައި އެއީ ނިކަން ސިފަ ރީތި މަހްލޫޤެކެވެ. މެހެރީން ލިއުންތައް ކިޔަން އިނދެފައި މާއިޝާ ފާޚާނާއިން ނިކުތް އަޑަށް އަވަހަށް ގޮސް އެނދުގައި އިށީންތަނާ މޯބައިލް ރިންގް ވާން ފެށިއެވެ. "ބައްޕަ އެގުޅަނީ." މާއިޝާ އައިސް ހަމަވުމުން މެހެރީން މާއިޝާއަށް އިއްވައިލާފައި ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. އެކޮޅުން ބުނި ވާހަކަ އަހާފައި އަދި ހަމަ އެހާ އަވަހަށް އޭނާ އެފޯނު ތިރިއަށްވެސް ދޫކޮށްލިއެވެ. 

"ކިހިނެތްވީ؟" މާއިޝާ ހާސްކަމާއެކު ސުވާލު ކޮށްލިއެވެ. އޭރު މެހެރީން އިނީ ހުއްޓިފައެވެ. "މެހެރް ބުނެބަލަ ބައްޕަ ކީކޭ ބުނީ؟" މާއިޝާ އެނދުގައި އިށީންދެފައި މެހެރީންގެ ކޮނޑުގައި ހިފާ ތަޅުވައިގަތުމުން ހޭވެރިކަން ވެގެން ބަލައިލާފައި ރޯންފެށި ގޮތުން މާއިޝާގެ މޭގަނޑު އަނގަޔަށް އައެވެ. "އިޝީ ދުށީމެއްނު ޒުހައިރުބެ ކިހާ ރަނގަޅަށް އޮތީ. ދެން ކިހިނެތް ކުއްލިއަކަށް...."ކުއްލިއަކަށް ކިިހިނެތްވީ؟" މެހެރީންގެ ޖުމްލަ ފުރިހަމަ ނުވަނީސް މާއިޝާ ބާރުބާރަށް އެހިއެވެ. "އިޝީ ޒުހައިރުބެ ނިޔާވެއްޖެ." މެހެރީންގެ ޖުމްލަ ނިމުނުއިރު މާއިޝާ ތެދުވެ ހުރީ ކޮޅަށެވެ.އޭނާ މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ލިޔާމޭޒުގައި ޖެހިފައި މަތަވުމުން އަނެއްފަރާތަށް އެނބުރުނުއިރު ލޮލުން ކަރުނަތައް އޮހިގެންފިއެވެ. ކުއްލިއަކަށް މިވީ ކިހިނެތް ހެއްޔެވެ؟ ޒުހައިރުބެ ހެޔޮހާލުގައި އޮވެފައި ކުއްލިއަކަށް ނިޔާވާން ދިމާވީ ކީއްވެ ހެއްޔެވެ؟ ޖަވާބު ނެތް ސުވާލުތަކެއް އަމިއްލަ ނަފްސާ ކުރަމުން މާއިޝާ ނުރޯންވެގެން އަނގަމަތީ އަތް އަޅައި ބާރަށް ހިފެހެއްޓިއެވެ. ދެބެންގެ ތެރޭން ބޮޑު މީހާއަށްވުމުން މެހެރީންއަށްވުރެ ހިތްވަރުގަދަ ވާން ޖެހޭނެ ކަމުގައި އޭނާ ގަބޫލު ކުރިއެވެ. އަދި އެހިތާމަވެރި ޚަބަރު މަންމައަށްވެސް ދޭން ޖެހޭނެއެވެ.

މާއިޝާ އަމިއްލަ ނަފްސް ހަމައަކަށް އަޅުވާފައި ކަރުނަތައް ފުހެމުން ދިޔައީ ފޯނާއި ދިމާއަށެވެ. އޭނާ މަންމައަށް ގުޅައިގެން ވާހަކަދެއްކިއިރު މެހެރީން އެނދަށް ވެއްޓި ގަނެގެން ރޯލަ ރޯލާ އޮތެވެ. މާއިޝާ ހިތަށް އެންމެ ތަދުވީ ޒުހައިރުބޭގެ ވާހަކަ އަހާފައި މަންމަވެސް ޅަކުއްޖެއްހެން ރޮއިގަތީމައެވެ. މަންމަ އެހާބޮޑަށް ޒުހައިރުބެއާ ގުޅިފައި އޮތް ކަމެއް އޭނާއަށް ކުރިއަކުން ނޭނގެއެވެ.

ހަވީރު ފަހެއްގެ ފްލައިޓުން ދޮންބައްޕަ އާއި މަންމަ އަތުވެއްޖެއެވެ. އެއަރޕޯޓުގައި ހުރެފައި މަންމަ ފެނިގެން މެހެރީން ރޮއިގެންފައި އަވަހަށް މަންމަ ގައިގައި އޮޅުލައިގެންފިއެވެ. މާއިޝާ ކިތަންމެ ބޭނުންވެފައި ހުއްޓަސް އޭނާއަށް ޖެހުނީ ހިތްވަރުގަދަ ކަމަށް ހެދިގެން ދުރުގައި ހުންނާށެވެ. ނަސީބަކުން ދޮންބައްޕަ އައިސް އޭނާގެ ކޮނޑަށް އަތްލައި ގަޔާއި ކައިރިކޮށްލިއެވެ. މާއިޝާ ކަރުނަތައް ކޮންޓްރޯލް ކުރަމުން ފައިސަލްގެ ކޮނޑުގައި ބޯއެޅިއެވެ. އެމީހުން ގަމަށް އެނބުރި އައިއިރު ޒުހައިރު ހިނަވައި ނިމިގެން އެކަނި މޫނު ފޮތިގަނޑު ނާޅައި އޮތް ކަމެވެ. ގިނައިރެއް ނުވެ ވަޅުލުމުގެ ރަސްމިއްޔާތު ފެށިއްޖެއެވެ. މާއިޝާ އެކަނި އެއްފަރާތެއްގައި ހުރެގެން އެކި މީހުންގެ މޫނަށް ވަކި ވަކިން ބެލިއިރު އެންމެ ގިނަފަހަރު ބެލުނީ މަންމަގެ ގައިގައި އޮޅުލައިގަނެގެން ހުރި މެހެރީންއާއި އަދި ވަޅުލާން ގޮސް ހުރި ޒަވީއަށެވެ. އެރޭ ކުރީން ގެއަށް އައީވެސް މާއިޝާއެވެ. މެހެރީންއާއި ދެންތިބި މީހުން ބޮޑުބޭބެ ގޭގައި މަޑުކުރިއިރު އޭނާ ބޭނުންވީ ބައްޕަގެ ކައިރިއަށް ގެއަށް ދާށެވެ. ޒުހައިރުބެ ނިޔާވެގެން އެންމެ ބޮޑު ހިތާމައެއް ލިބޭނެ އެކަކީ އެބައްޕައެވެ.

މަރުގެ ހިމޭންކަން ވެރިވެފައިވާ ގޭގައި އެކަކަށްވެސް އެރޭ ނިދާކަށް ފަސޭހައެއް ނުވިއެވެ. އެނދުގައި އޮވެ ކޮންމެ މީހަކުވެސް ދެފަރާތަށް ފުރޮޅެނީއެވެ. މެހެރީން ދެފަހަރެއްގެ މަތީން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ ހުރެފައި އެނބުރި އައިސް ޖައްސާލިއެވެ. އެކަމަކު މާއިޝާ އޮންނަނީ އެނދުގައެވެ. އޭނާ އިރު އިރުކޮޅާ ބަލައިލަނީ މެހެރީން ނިދާފައި އޮތްތޯއެވެ. ފަތިސްވާން ކައިރިވެފައި ހުއްޓާ މެހެރީން ފުން ނިދީގެ ތެރެއަށް ގެއްލުނުކަން ބަލާފައި އޭނާ ތެދުވެގެން ކޮޓަރިން ނިކުތެވެ. ވަގެއްހެން ދެކޮޅު ހޯދަމުން އޭނާ ސިޓިންރޫމް ހުރަސްކޮށްފައި ގޮސް ވަދެވެން ހުންނަ ކޮޓަރީގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދެއްޖެއެވެ. ހަމަޖެހުމުގެ ނޭވައެއް ލައިފައި ކޮޓަރީގެ ބޮކި ދިއްލާލިއިރު އަރްސަލާން އިނީ އެނދުގައެވެ. "ތެންކިއު އަހަރެންގެ އެދުން ފުރިހަމަ ކޮށްދިނީމަ." އަރްސަލާން ބަލަހައްޓައިގެ އިންގޮތުން ފިނިވެފައި ހުރެގެން އެދިމާއަށް ދިޔައިރު މާއިޝާގެ ހަނދާނާއި ގުޅިގެން ދިޔައީ އެރޭ އިރާކޮޅު ކަންތައް ހިނގާ ދިޔަ ގޮތެވެ.
****

މާއިޝާ ބައްޕަގެ ކައިރީގައި ވުމަށް އެދިގެން ގެއަށް އައުމުން ބައްޕަ އެދުނީ އެކަނި ވަގުތުކޮޅެއް ދިނުމަށެވެ. މަލީހް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން މާއިޝާ ހާސްކަމާއެކު ހިނގާލަ ހިނގާލާ ސިޓިންރޫމްގައި ހުއްޓެވެ. އެއަށްފަހު އޭނާ އަރްސަލާންއާ ބައްދަލު ކުރަން ދާން ނިންމީ ހަމަ ކުއްލިއަކަށެވެ. މާއިޝާ ބިރުގަތީ ކިރިޔާވެސް ވަގުތެއް ލިބޭއިރަށް މެހެރީން އަނގަ ހުޅުވަފާނެތީއެވެ. އޭނާއަށް އެނގޭ އެއްޗަކީ އަރްސަލާން ކުށްވެރިއެއް ކަމުގައި އެހިތް ޤަބޫލު ނުކުރާކަމެވެ. މެހެރީން ބުނާ ގޮތަށް ހަދައިގެން އަރްސަލާންގެ ވާހަކަ ބުނާފަހުން އޭނާގެ ކުށެއް ނެތްކަން އެނގިއްޖެނަމަ ހިތް ކުދިކުދި ވެދާނެއެވެ. އޭގެ ކުރިން އޭނާ ޖެހޭނީ އަރްސަލާން ރައްކާތެރި ކުރާށެވެ. 

"އަރްސަލާން! އަރްސަލާން! އަރްސަލާން!" މާއިޝާ ބިރެއްނެތި ގަސްތަކުތެރެއަށް ވަދެގެން ދަމުން ގޮވިއެވެ.ހަނދުވަރު ދީފައި އޮތުމުން މަގު ނިކަން ފަސޭހައެވެ. "އަނެއްކާ މިރޭގަނޑު ފެންގަނޑަށް ފުންމާލަންވީތަ؟" މާއިޝާ މާޔޫސްވެގެން ހުއްޓި ދެއުކުޅުގައި އަތް ވިއްދާލިތަނާ ދާދިކައިރިން ކަރުކެހިލި އަޑު އިވުމުން ސިއްސައިގެން ގޮސް ހަޅޭތްލަވައިގަނެވުނެވެ. އެނބުރިލިއިރު އަރްސަލާން ހުރީ ކިރިޔާ ހަރަކާތެއް ކޮށްލިއަސް ގައިގައި ޖެހޭ ހިސާބުގައެވެ. ކައިރީގައި ހުރި ގަހުގެ ހިޔަނި މޫނަށް އެޅިފައި ހުރުމުން މާއިޝާ ދިއްލާފައި އޮތް ފޯނު މައްޗަށް ހިއްލާލައިގެން އަދި އެއީ އަރްސަލާންތޯ ބޮޑަށް ޔަޤީންކޮށްލިއެވެ. އެވަގުތު އަރްސަލާން ކަޅި އަޅައިލި ގޮތުން އަވަހަށް ފޯނު ތިރިކޮށްލެވުނެވެ. "އަހަރެން މިއައީ އަރްސަލާން ބަލައި. އަހަރެން އެދެނީ އަރްސަލާން ދެކޮޅުހެދުމަކާ ނުލާ އަހަރެންނާއެކު ދާން. އަދި އަހަންނަށް ޓްރަސްޓް ކުރަން." މާއިޝާ އިއްވާލިއެވެ. އޭނާ އުންމީދު ކުރި ގޮތަށް އަރްސަލާން ހިމޭންކަމުގައި ބަލަން ހުރީއެވެ. "ތީ އަހަރެން ބޭނުންވި ޖަވާބަކީ." މާއިޝާ ވިސްނާކަށް ނުހަދައި އަރްސަލާން އަތުގައި ހިފާފައި ހިނގައިގަތުމުން އަރްސަލާން އެއަތް ފޮޅުވާލިއެވެ. 

"އޯހ ކަމްއޯން އަރްސަލާން. މިހާރަކު ނޫން. މިހާރު އަހަރެން މިހުރީ ޕްލޭ މޫޑެއްގައެއް ނޫން." މާއިޝާ ދެވަނަ ފަހަރަށް އަތުގައި ހިފާލަން އުޅުމުން އަރްސަލާން ދެއަތްތިލަ ލީ ފުރަގަހަށެވެ. "ސީރިއަސްލީ؟" މާއިޝާއަށް ބުނާނެ އެއްޗެއް ނޭނގިގެން ހަށަން ބަނދެލެވުނެވެ. "ސޮރީ އަރްސަލާން. އަރްސަލާން ބޭނުން ނުވިއަސް އަހަރެންނަށް މިފަހަރު އެކަންޏެއް ނުދެވޭނެ. އަހަރެންނަކަށް ނުދެވޭނެ އަރްސަލާން ނުރައްކަލުގެ ތެރެއަށް ވައްޓާލާފައެއް. ހަމައެކަނި މިރެއަށް އެކަނި ނަމަވެސް އަރްސަލާން އަހަރެންގެ ރައްކާތެރި ކަމުގައި ބަހައްޓަން އަހަރެން ބޭނުން." މާއިޝާ ވާހަކަދެއްކިއިރު ލޮލަށް ކަރުނަ ގިނަވިތަން ފެނިގެން އަރްސަލާން ފުރަގަހުގައި އޮތް ދެއަތްތިލަ ތިރިއަށް އެލުވާލިއެވެ. މާއިޝާ ދެން އަލުން އެއަތުގައި ހިފަން ނޫޅެ ކުރިއަށް ހިނގައިގަނެގެން ދާން ފެށުމުން އަރްސަލާންވެސް ބަހެއް ނުބުނެ ފަހަތުން އައެވެ.
****

"ދެން އިހަށް އަހަރެން ދަނީ." މާއިޝާ އިތުރަށް މަޑުނުކުރަން ވެގެން ނިކުތީ ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫނެވެ. އެކަމަކު އަރްސަލާންގެ ތޫނު ބެލުމުން އުދަނގޫ ވެގެންނެވެ. އެތާ މަޑުކޮށްލި މަދު މިނިޓްކޮޅު ނޭވާ ހީވީ ކަރުތެރޭ ތާށިވެފައި ހުރި ހެންނެވެ. ނިކުމެ ދޮރު ލައްޕާފައި އޭނާ ފުރަތަމަވެސް ހަށިފުރާ ނޭވައެއް ލިއެވެ. ކޮޓަރިއަށް ވަންއިރު މެހެރީން އަދިވެސް ނިދާފައި އޮތުމުން ހިތްހަމަޖެހިގެން އެތާހުރި ގޮނޑީގައި އިނެވެ. ފަތިސް ނަމާދަށް ފަހު ދެން އައީ އަމަށަކު ނިންޖެއް ނޫނެވެ. އެވަރުންވެސް ޖެހިގެން އައި ދުވަހު އެންމެ ކުރިން ކޮޓަރިން ނިކުތް މީހަކަށް އޭނާ ވިއެވެ.

"އަރްސަލާން ކޯއްޗެއްބާ ކަނީ؟ ހަމަ އަސްލުވެސް އޭނަތަ މިގޭ ފްރިޖްގަ ހުރި މަސްތައް ކެއީ؟" މާއިޝާ ނިކުމެ ކޮފީ ހަދަން ހުރެގެން އަމިއްލައަށް ވާހަކަދެއްކިއެވެ. މޫނުގައި ފެންކޮޅެއް އުނގުޅާލައިގެން ނިކުތް ފަހުން އަދިވެސް ހަމަ އާ ފުރެނީއެވެ. އޭނާ ކޮފީ ތަށި މޭޒުމަތީ ބަހައްޓާފައި ހޭވިފައި އޮތް އިސްތަށިގަނޑުގައި ހުޅި ޖަހަން އުޅެނިކޮށް ފައިދަށުން ބުޅަލެއް ގޮވާލި އަޑަށް ބަލައިލާފައި ފުންމައިގެން ކޮޅަށް އެރީ އެތާހުރި ގޮނޑިއަށެވެ. ނޭވާ ހަމައަކަށް އަޅުވާލަން ވެގެން މޭގައި ފިރުމަން ފެށިތަނާ މީހެއްގެ ފިޔަވަޅު އަޑު އިވިގެން ބަލާލިއިރު ބަދިގެ ދޮރުން އަރްސަލާން އެތެރެއަށް ވަންނަނީއެވެ. އެވަގުތު ބުޅަލަށް އަރްސަލާން ބަލާލި ގޮތުން އޭތި ބިރުން ތެޅިގެންފައި ދުވެ ރައްކާވެއްޖެއެވެ. އަރްސަލާންގެ އެރީތި ލޮލުން އަސަރު ފޯރުވަނީ ހަމައެކަނި އިންސާނުންނަކަށް ނޫންތާއެވެ. މާއިޝާ ބަލަން ހުރެފައި ފައިބަން އުޅެނިކޮށް އަރްސަލާން އަތް ދިއްކޮށްލިތަން ފެނިގެން އާދަޔާ ޚިލާފަށް ހިތް އަވަސްވެލިއެވެ. ދެކޮޅު ހަދައިފިނަމަ އަރްސަލާން ހިތަށް އަރާނެ އެއްޗެއް ނޭނގޭތީ އެއަތުގައި ހިފާލިތަނުން ނާރުތަކުގައި ކަރަންޓްގެ ރާޅެއް ދުއްވައިގަތެވެ. ބިމުގައި ފައި ޖެހުމާއެކު އޭނާ އަވަހަށް އެއަތުން ދޫކޮށްލި ނަމަވެސް ހިތުގެ ހާލު މޫނުން ބޭޒާރު ވެއްޖެއެވެ. ކޯތާފަތުގައި ހީވަނީ ފިޔާތޮށި ކުލަ އުނގުޅާފައި ހުރިހެންނެވެ. 

"އަރްސަލާން އަހަރެން ހުއްދަ ނުދެނީސް ތިގޮތަށް ބޭރަށް ނިކުތުން ރަނގަޅެއް ނުވާނެ. މެހެރް ނޫނީ ބައްޕައަށް އަރްސަލާން ފެނިއްޖެއްޔާ ދުވަސް ދިޔައީ." މާއިޝާ މާހައުލު ބަދަލު ކޮށްލަން ވެގެން ވާހަކަ ފަށާފައި ކޮފީމަގު އަތަށް ނެގިއެވެ. އަރްސަލާން ކުރިއެކޭ އެއްގޮތަށް އޭނާ ދެއްކި ވާހަކައަށް ސަމާލުވެ ހުރެގެން ކަޅި ޖަހާނުލާ އެމޫނަށް ބަލަމުން ދިޔައެވެ. މާއިޝާ ދެވަނަ ފަހަރަށް ބަލާލިއިރު އަރްސަލާން އޭނާގެ އަތުގައި ހުރި ކޮފީ މަގަށް ކަޅިއެއް އެއްލި ތަން ފެނިގެން އެމަގު ދިއްކޮށްލިއެވެ. އެކަމަކު އަރްސަލާން އޭގައި ނުހިފައި ބީރަތްޓެހި ގޮތަކަށް ބަލަން ހުރީއެވެ. "އަހަރެން ދަސްކޮށްދެންތަ؟" މާއިޝާއަށް ވިސްނިގެން ކޮފީ މަގުގައި ތުން ޖަހައި ނިކަން ކުޑަ އެތި ފޮދެއް ރަހަ ބަލާލައިފައި އަލުން އަރްސަލާން އަތަށް ދިނީ ތުންޖެހި ފަރާތް ބަދަލު ކޮށްލައިފައެވެ. އެވަގުތު އަރްސަލާން އެމަގުގައި ހިފާ މާއިޝާއަށް ބަލައިލިއެވެ. މާއިޝާ ބުނެދިނީ ނިކަން ކުޑަ އެތިކޮޅެއް ބޯލުމަށެވެ. އަރްސަލާން ތުންޖެހި ގޮތަށް ބޮޑު ކޯވަރެއް ބޯލާފައި ކުއްލިއަކަށް ތެޅިގަތްއިރު ކޮފީމަގުވެސް ދޫކޮށްލީ ތިރިއަށެވެ. މަގު ގޮސް ތިރީގައި ޖެހިފައި ތަޅައިގެން ދިޔަ އަޑާއެކު ކޮފީފޮދުވެސް މުޅިތަނަށް ފެތުރުނެވެ. މާއިޝާ ދުވެފައި ގޮސް ފްރިޖުން އައިސްކިއުބް ތަށި ނަގައިގެން ދުވެފައި އައިއިރު އަރްސަލާން ހުރީ އަނގައަށް ގޮތެއް ހަދާލައިގެންނެވެ. އެމޫނު އެވަގުތު ލޯބިކަމުންވެސް މާއިޝާގެ ހިތް ފުރިގެން އައެވެ. އަބަދު އެހުންނަ ސީރިއަސް ގޮތް ކެނޑިފައި ހުއްޓާ ފެނުނު ވަގުތުކޮޅު އަޖައިބެއްފަދަ މައުސޫމުކަމެއް މާއިޝާއަށް ފާހަގަވިއެވެ. އޭނާ އަވަހަށް އައިސްކިއުބެއް ނަގާފައި އަރްސަލާންގެ އަނގައަށް ލަވައި ދިނުމުން ތެޅިގެންފައި އެކިއުބްވެސް ވައްޓާލީ ތިރިއަށެވެ. މާއިޝާގެ ހިނިގަނޑު ފަޅައިގެން ދިޔައީ ދެނެވެ. އޭނާ ހީހީފައި ބަލައިލިއިރު އަރްސަލާންގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިހެން ހީވެގެން ރަނގަޅަށް ބަލާލެވުނެވެ. އެކަމަކު އެއީ ހަމައެކަނި ހީވި ގޮތެކެވެ.

"ފިނިވާނެ. އެކަމަކު ޖެހޭނީ ކެތްކޮށްލަން." މާއިޝާ ވިސްނައިދީފައި އިތުރު ކިއުބެއް ނަަގައި އަރްސަލާން އަނގައަށް ލަވައި ދިނުމުން ތުންބައްދައިގެން ހުއްޓެވެ. އިރުކޮޅެއް ނުވެ ދެމީހުންގެ ސަމާލުކަމަށް އައީ ދާދި ކައިރިން އިވެން ފެށި ފިޔަވަޅުގެ އަޑެވެ. މާއިޝާއަށް ހަދާނެ ގޮތެއް ނޭނގިގެން ދެފަރާތް ބަަލައިލާފައި އަރްސަލާން އަތުގައި ހިފައިގެން މޭޒު ތަންދޮށަށް ވަދެ އުޑަފައިން އިށީންދެއްޖެއެވެ. 

"އިޝީ! މެހެރީންގެ އަޑު އައީ ނިކަން ކައިރިންނެވެ. މާއިޝާ އެދިމާއަށް އައި ކޮއްކޮގެ ދެފަޔަށް ބަލަން އިނދެފައި އެނބުރުނު ވަގުތު ހިތް ތެޅިގަތީ އޮބި ނޯންނަވަރަށެވެ. އޭނާއަށް އިނދެވުނީ ކިރިޔާ ހަރަކާތެއް ކޮށްލިއަސް އަރްސަލާންގެ ނޭފަތުގައި އޭނާގެ ނޭފަތް ބީހޭނެހާ ކައިރީގައެވެ. އަދި އެދެލޯ ހުރީ ސީދާ އޭނާގެ މޫނަށް ހުއްޓިފައެވެ.

ކޮމެންޓް 0