ކައްދޫ އެއަރޕޯޓަށް ޖެއްސި ހަތެއްގެ ފްލައިޓުން ފައިބައިގެން އައި ޒުވާން ދެއަންހެން ކުދިންނެވެ. ބަލާ ބެލުމަށް ވިއްސާއި ފަންސަވީހާއި ދެމެދުގެ އުމުރެކެވެ. އެއް ކުއްޖަކު އަނެކަކަށް ވުރެ ކުޑަ ތަންކޮޅެއް އިސްކޮޅުން ކުރުވެފައި ހުރީވެސް ކުޑަކޮށް ބިސްކޮށެވެ. ފަން އިސްތަށިގަނޑު ކޮނޑާއި ހަމައަށް ކޮށާލައިފައެވެ. ބްރައުން ދެލޮލާއި ވަށް މޫނެކެވެ. އެމޫނާއި އެންމެ ގުޅޭ ނޭފަތަކާއި ނިކަން ކުޑަ ތުންފަތެކެވެ. ލައިގެން ހުރި ކަކުލާއި ހަމައަށް އަންނަ ތިރިކޮޅާއި ޓޮޕްގައި އުމުރަށްވުރެ ޅަކޮށް ދައްކައެވެ. ދެން ހުރީ ގާތްގަނޑަކަށް އޭގެ އިދިކޮޅެވެ. ދޮން ދޮން އޮމާން ހަންގަނޑާއެކު މޫނުގައި އަދި ވައްތަރު ކަމެއް ހުއްޓަސް އިސްކޮޅާއި އެންމެ ގުޅޭ ހިމަތޮޅި ހަށިގަނޑެކެވެ. ރޭގަނޑެއްގެ ފަދަ ބޯ ކަޅު އިސްތަށިގަނޑު ބުރަކަށީން ތިރިއަށް ހުރެފައި އެދެލޯވެސް ނިކަން ކަޅުކުލަ ގަދައެވެ. ހިމަ ނޭފަތުގެ ތިރީން ތުނިތުނި ފިޔާތޮށި ތުންފަތެކެވެ. ލައިގެން ހުރި ފައިތިލައާއި ހަމައަށް އަންނަ ހެދުމާއެކު މަތިން ލޭސް ޖެކެޓްކޮޅުގައި ނިވާކަން ބޮޑުކޮށް ހުންނައިރުވެސް ހަށިގަނޑުގެ ލޫޅާފަތިކަން ސިއްރެއް ނުވެއެވެ. ފަރާތް ފަރާތުން އެދެމީހުންނަށް ހުއްޓެމުން ދިޔަ ލޯތަކަށް ފަރުވާލެއް ނެތި ވަކި ހިސާބަކަށް އާދެވުނު ފަހުން އަންނަ މީހުންގެ އިންތިޒާރުގައި މަޑުކޮށްގެން ތިބި މީހުންގަނޑު ތެރެއިން އުފުލިފައި ހުރި ބޯޑެއްގައި އޮތް ދެ ނަން އެކުދީންގެ ލޮލުގައި އަޅައިގަތެވެ.
"މެހެރީން މަލީހް، އަދި މާއިޝާ މަލީހް." މިދެ ނަމެވެ.
އެކަކު ޓްރޯލީ ދުއްވަމުން އަނެކަކު ކައިރީގައި ހުރެގެން ބާރު ބާރަށް ގޮސް ކައިރިވިއިރަށް މަލީހު ކައިރީ ހުރި ޒުވާނާ އެބޯޑު ތިރިކޮށްލީ ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ހުރެއެވެ. އެއީ އިސްކޮޅުން ދިގު ފަތިހަށިގަނޑެއްގެ ވެރިއެކެވެ. ތަނަވަސް ނިއްކުރިއަކާއި ހިތް ހެޔޮ އަލި މޫނެކެވެ. ކާކުކަން ފާހަގަ ކުރަން ނޭނގުނަސް ދެއަންހެން ކުދީންވެސް ފުރަތަމަ އޭނާއަށް ހިނިތުންވެލިއެވެ. ދެން ހުރީ އެކުދިންގެ ބައްޕައެވެ. ފަންސާސް އަހަރުގައި ބޮލުން މަދުމަދުން ނުރަ ފައުޅުވާން ހުއްޓަސް އެންމެ ޒުވާން ވަރުގަދަ ހަށިގަނޑެކެވެ. "ބައްޕާ! އިޓްސް ސޯ ގުޑް ޓު ސީ ޔޫ..." ޅަކޮށް ހުރި ކުއްޖާ ފޮނިވެފައި މަލީހް ގައިގައި އޮޅުލައިގަންނަން ދެއަތް ހުޅުވާލި ވަގުތު އަނެކަކު އެކުއްޖާގެ އަތުގައި ހިފާ ތިރިކޮށްފައި އެކަން ހުއްޓުވިއެވެ. "ނޯ ހަގިން. ރިމެމްބަރ؟" ލޯ ކުޑަކޮށްފައި ބައްޕައަށް ނޭނގޭނެހެން އޭނާ އިއްވާލިއެވެ. ބައްޕަގެ ސަމާލުކަން އެމީހުންގެ ވާހަކައަށް ހުއްޓެން ވާއިރަށް ދެން އަވަަހަށް ހިނިތުންވެލައިފައި ސަލާމަށް އަތް ދިއްކޮށްލައިފިއެވެ. "ބައްޕާ. ކިހިނެތް ހާލު؟ ވަރަށް އުފާވެއްޖެ މިހާ ގިނަ ދުވަސްފަހުން ބައްދަލު ވީމަ." މާއިޝާ ހިނިތުންވެފައި ވާހަކަދެއްކިއެވެ.
"ވަރަށް ރަނގަޅު. ވަރަށް ވަރަށް ރަނގަޅު. ބައްޕަ އަދި މާބޮޑަށް އުފާވެފަ މިހުރީ ތިކުދިން އައީމަ." މަލީހު އުފާވެފައި ހުރިވަރުން ޖޯޝުގައި ޖަވާބު ދިނެވެ. މާއިޝާއަށްފަހު މެހެރީންވެސް އަނގައަށް ގޮތެއް ހަދާލައިގެން ހުރެ ބައްޕައާއި ސަލާމް ކުރިއެވެ. "ދަރިފުޅުމެނަށް އެނގިއްޖެތަ މީ ކާކުކަން؟" ހަތަރުމީހުން ބަހާއި ދިމާއަށް ދާން އެނބުރިފައި މަލީހް ކައިރީގައި ހުރި ޒުވާނާއަށް އިޝާރާތް ކުރަމުން އަހާލިއެވެ. ދެއަންހެން ކުދިން އެކަކު އަނެކަކަށް ނަޒަރެއް ދީފައި ކާކުހޭ އަހައިލާ ގޮތަށް ނިތްއަރުވާލިތަން ފެނިގެން އެޒުވާނާ ލުއި އަޑަކުން ހީލިއެވެ. "ނޭނގުނު ދޯ. ޒަވީ އެއީ." މަލީހު އޭނާގެ ތައާރަފް ދިނުމުން މެހެރީން ލޯބޮޑުކޮށްފައި ޒަވީ ކައިރިއަށް ޖެހިލައި މުލައްދަނޑީގައި ދެއަތުން ހިފައިގެން ވާހަކަ އަޅުވާލައިފިއެވެ. ކޮއްކޮގެ ކަންތައް ހުރި ގޮތުން މާއިޝާއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލެވުނެވެ. ޒަވީ އެއީ އެކުދިންގެ ބޮޑުދައިތަ ދަރިއެކެވެ.
ގަމަަށް ގޮސް ވަކި ހިސާބަކުން ދެން ގެއާއި ހަމައަށް އެމީހުން ދިޔައީ ފައި މަގުގައެވެ. ގިނައިރެއް ނުވެ ގެއާއި ހަމައަށް ފޯރައިފިއެވެ. ނޫކުލައިގެ ދޮރާށި ހުޅުވާފައި އުސްކޮށް ނަގާފައިވާ ފާރުން އެތެރެއަށް ވަނުމުން އެކުދިންނަށް ފެނުނީ ކުޑަވަރެއްގެ ޖަންގައްޔެއް ކަހަލައެވެ. ގޯތިތެރޭގައި ގަސް ބޯވެފައި ނުވި ތާކަށް ހިކި ފަތްވެސް އެހާ ގިނައެވެ. ގޯތިތެރެއަށް އަލި ކުރަން ދިއްލާފައި ހުރި ބޮކީގެ ބޭނުމެއް ނުފެނެއެވެ. އެބޮކީން އަލި ފޯރާފައި ވަނީ ކުޑަ ތަންކޮޅަކަށެވެ. ބައްޕަ އެކަނި ގޭގައި އުޅޭތީ ގޯތިތެރެއާ މެދު ކުޑަކޮށްވެސް ހިޔާލު ބަހައްޓާފައެއް ނެތެވެ.
"ދަރިފުޅުމެން މާ ކުއްލި ގޮތަކަށް ބުނީމަ ތައްޔާރު ކުރެވިފަ ހުރީ އެއްކޮޓަރި. ކުޑަތަންކޮޅެއް އަވަހަށް ބުނި ނަމަވެސް މިހާރު އެއްޗެހިލާފައި ހުރި ކޮޓަރި ތައްޔާރު ކުރެވިއްޖައީސް. ދެން އެތަން ތައްޔާރު ވީމަ އެކަކު އެތަނަށް ބަދަލު ވާނީ ދޯ." މަލީހް ގެއަށް ވަދެގެން ގޮސް އެމީހުން ތިބެން ހަމަޖައްސާފައި ހުރި ކޮޓަރި ހުޅުވާލަމުން ވާހަކަދެއްކިއެވެ. "އޯކޭ ވާނެ ބައްޕާ. އަހަންނަށް މާ ރަނގަޅު އިޝީއާ އެކު ރޫމް ޝެއަރ ކުރަންވީމަ." މެހެރީން ހުރީ ހިތްހަމަޖެހިފައެވެ. މާއިޝާވެސް އެގޮތް ރަނގަޅު ކަމަށް ބުނެފައި ސޫޓް ކޭސް ހިއްލާލައިގެން އެތެރެއަށް ވަދެއްޖެއެވެ. ދެބެން އެއްޗެހި ބަހައްޓާފައި ނިކުންނަން ވާއިރަށް މަލީހް ދިޔައީ ކޮފީތައްޓެއް ކަހަލަ އެއްޗެއް ގެންނަން ކަމަށެވެ. ނިކުތްއިރު ސިޓިންރޫމްގައި ޒަވީ އިނުމުން މެހެރީން ޒަވީއާއި ވާހަކަ ދައްކަން އިށީންތަނާ މާއިޝާ ބައްޕަ ކުރާކަމެއް ބަލަން ދިޔައެވެ.
ދޮރުމައްޗަށް ހުއްޓިފައި މާއިޝާ ބަދިގޭގެ ވަށައިގެން ނަޒަރު ހިންގާލިއެވެ. އުނދުނާއި ކަބަޑުތަކުގެ އަނެއްފަރާތުގައި ކުޑަ ދޮރާއި އެންމެ ކައިރީގައި ހަތަރު މީހުން ތިބެވޭ ގޮތަށް ވަށްމޭޒު ވަށައިގެން ގޮނޑި ހުއްޓެވެ. ގޯތިތެރެއާއި ހިލާފަށް މާ ސާފުތާހިރުކޮށް އޮތުމުން ގިނައިން ކައްކާ އުޅޭ ވައްތަރެއް ނުޖަހައެވެ. ހުރިހާ އެއްޗަކުން އަދިވެސް އޮފް އަރާހެން ހީވެއެވެ. ފެންނަން ހުރި އެއްޗެއްސަށް ބެލިއަސް އެއީ އެންމެޒަމާނީ ބަދިގެއެކެވެ. ނެތީ އެތަން ބޭނުން ކުރާނެ ބައެކެވެ. އާފިޔާ ވަކިވުމަށްފަހު ދެ އަންހެންކުދީންވެސް ހަޔާތުގެ ބޮޑުބައި މަންމަގެ ކައިރީގައި މާލޭގައި ހޭދަ ކުރުމުން ގެ އޮތީ ފަޅަށެވެ. މިއަދު އެކުދިން އެނބުރި ގެއަށް އެއައީ ވިހި އަހަރަށް ފަހުގައެވެ. އެކަކަށް ފަސް އަހަރުގައި އަނެކަކަށް ހަތަރު އަހަރުގައި ގެ ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އެތަން ފެނިގެން ކުރީގެ ހަނދާނެއްވެސް އެކުދިންގެ ސިކުނޑީގައި ޓައްކެއް ނުދެއެވެ.
"ބައްޕާ. ގެނޭ އަހަރެން ކޮފީ ހަދައިދޭނަން." މާއިޝާ ބަލަން ހުރެލާފައި މަލީހް ފެންޖަގު ހޫނުވެގެން ނިއްވާލުމުން ބުނެލިއެވެ. އެއަޑަށް މަލީހް އެނބުރި ބަލައިލަން ވާއިރަށް އޭނާ ގޮސް ހުރީ ކައިރީގައެވެ. އިސްތަށިގަނޑުގައި ހުޅިއެއްޖަހާފައި އޭނާ މަލީހް ކިޔައި ދިނުމުން އެތަނުން ކަބަޑެއް ހުޅުވާލައިފައި ހަތަރު މަގު ނަގައިގެން ގޮސް ފުރަތަމަ ފެނުން ދޮވެލާފައި ހިއްކާލިއެވެ. ކޮފީ ހަދަން ފެށުމުން މަލީހް ހުރީ ކަޅިޖަހާނުލާ ބަލާށެވެ. ފަސްއަހަރުގެ ފުށްގަނޑެއްހެން ހުރި އަންހެން ދަރިފުޅު މިއަދު ޒުވާން އަންހެނަކަށްވެފައި އޭނާގެ ކުރިމަތީ ހުރިތަން ފެނުމުން ހިތަށް ކުރި ފުން އަސަރުން ލޯ ފެންކަޅިވިއެވެ.
"ބައްޕާ...!" މާއިޝާ ކޮފީ މަގުތައް އަތުރާފައި ތަބައް ހިފައިގެން އެބުރިލި ވަގުތު މަލީހް ލޯ ފުހެލިތަން ފެނިގެން އަޑަށް ބާރުލައިފައި ގޮވާލެވުނެވެ. އޭނާ އަވަހަށް އައިސް ކައިރިއަށް ހުއްޓިފައި ތަބީއަތު ރަނގަޅުތޯ އަހާލީ ކަންބޮޑުވެފައެވެ. "ބައްޕަގެ ތަބީއަތު މިހުރީ މިވަގުތު އެންމެ ރަނގަޅަށް." މަލީހް ލުއި ހިނިގަނޑެއް ޖަހާލައިފައި ކުރީގައި ހުރެ ހިނގައިގަތުމުން މާއިޝާ ހައިރާންވެފައި ހުރެގެން ބައްޕަ ފަހަތުން ދިޔައެވެ. އެމީހުންނަށް ދެވުނުއިރު ޒަވީއާއި މެހެރީން ހީހީފައި ވާހަކަ ދައްކަމުން ދިޔައީ ގާތް ދެއެކުވެރިން ހެންނެވެ. ކޮފީ ބޯން އިނދެގެން މާއިޝާވެސް އެމީހުންނާ ބައިވެރިވެ ދެތިން އެއްޗެއް ބުނެލިއެވެ. އެކަމަކު ގިނައިރު އޭނާ އިންނަނީ ކޮންމެވެސް އަމިއްލަ ވިސްނުމެއްގައެވެ. ނޫނީ ފޯނު ނަގައިގެން އިރު އިރުކޮޅާ ބަލައިލައެވެ. މީހެއްގެ ފޯނަކަށް ނޫނީ މެސެޖަކަށް އިންތިޒާރު ކުރަނީ ކަހަލައެވެ.
ރޭގަނޑު ކާން ވެގެން ތިން މީހުން އެރޭ ދިޔައީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. އެމީހުން ވަނީއްސުރެ އެތާގައި އާދަޔާ ޙިލާފަށް އަޑުގަދަވިއެވެ. މަލީހު އިންދާވެސް ކައިރީ ހުރި މޭޒުތަކުގައި ތިބި ޒުވާން ފުރައިގެ ފިރިހެން ކުދިންތައް ދެއަންހެން ކުދީންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރިއެވެ. ކެއުމުގެ މެދުތެރޭން ކަހަލަ ގޮތަކަށް ދޮންބައްޕަ އާއި މަންމަ ގުޅައިގެން މެހެރީން އެމީހުންނާއި ވާހަކަދައްކަން ފެށުމުން މާއިޝާ ބަލައިލިއިރު ބައްޕަގެ ކުލަ ހުރީ ހިސާބަކަށް ރީނދޫވެފައެވެ. ބައްޕައާއި މެދުގައި އެހިތުގައި ހަމްދަރްދީ އުފެދުނު ވަރުން މެހެރީން ހުއްޓުވަން ބޭނުންވިއެވެ. ދޮންބައްޕަދެކެ މެހެރީން ކިތަންމެ ލޯބިވިއަސް އެހާ ގިނަ ދުވަސް ފަހުން އައިސް ބައްޕަކުރިމަތީ އެގޮތަށް ދޮންބައްޕައާއި ވާހަކަ ދައްކާކަށް އޭނާގެ ހިތެއްވެސް އެއްބަހެއް ނުވިއެވެ. މެހެރީން ފޯނު ބާއްވަފާނެ ކަމަށް ހީކޮށް އޭނާ އިނދެ އިނދެ ނުބޭއްވުމުން އެންމެ ފަހުން މަލީހުއަށް ނޭނގޭނެހެން މޭޒު ދަށުން ފައިގައި ކޮށްޓާލިއެވެ. މެހެރީން ބަަލައިލުމުން އޭނާ އިޝާރާތުން ބައްޕަ ދައްކާލިތަނާ ނަސީބަކުން މެހެރީންއަށް ވިސްނިއްޖެއެވެ. މާއިޝާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ މެހެރީން ފޯނު ބޭއްވީމައެވެ.
"ބައްޕަ ދެން ވަޑާން ކޮށްފަ އިތުރު ވަގުތުގަ ކީއްކުރަނީ؟" މާއިޝާ މާހައުލުގެ މޮޅިވެރިކަން ބަދަލު ކުރަން މަސައްކަތް ކުރިއެވެ. އެއަޑަށް މަލީހް އިސްއުފުލާލައިފައި ހިނިތުންވެލިއެވެ. މެހެރީންވެސް އެވަގުތު އިނީ ބައްޕަ ބުނާ އެއްޗެއް އަހާހިތްވެފައި އެމޫނަށް ބަލާށެވެ. "އެކި ފަހަރު އެކި ކަންތައް. ބައެއް ފަހަރު ރަތްޓެހިން ގޭގެއަށް ގޮސްލަން. އަނެއްބައި ފަހަރު ދެފައި ދަމާފަ ނިދަނީ." މަލީހް ފަހަތަށް ޖެހިލާފައި ގޮނޑީގައި ލެނގިލަމުން ކިޔައިދިނެވެ. އެއަޑު އަހާފައި ދެއަންހެން ކުދިން އެކަކު އަނެކަކަށް ބަލާލައިފައި ހީލިއެވެ.
ގެއަށް އާދެވުނުއިރު ދިހަ ގަޑި ބައިވެ ބޮޑުވެއްޖެއެވެ. ދެކުދިން ކައިރީ ބުނެފައި މަލީހް އެހިސާބުން ދިޔައީ ގޭގެ އެއްފަރާތެއްގައި އޭނާ ވަޑާން ކުރަން ހަދާފައި ހުންނަ ކޮޓަރިއަށެވެ. މެހެރީން ލެޕްޓޮޕް ހުޅުވާލައިގެން އެނދަށް ވެއްޓި ގަތުމުން މާއިޝާ ގޮސް އިނީ ކުޑަދޮރު ހުޅުވައިގެން ދާރަމަތީގައެވެ. އޭރުވެސް މުށުތެރޭގައި ފޯނު އޮތެވެ. "ދެން އިޝީ ގުޅަންވީއެއްނު އޭނައަށް." މެހެރީން އޮވެފައި ބުނި އެއްޗެއް އިވިގެން މާއިޝާ ކުއްލިއަކަށް އެދިމާއަށް މޫނު އަނބުރާލިއެވެ. "މިއަދު އައީއްސުރެ އަހަރެން މިހުންނަނީ ބަލަން. އިޝީ ތި ވެއިޓް ކުރަނީ ނާޔަލްގެ ފޯނަކަށެއްނު. އަހަރެން މިބުނީ ދެން އޭނަ ނުގުޅަންޏާ އިޝީ ގުޅީމަ ވީނުންހޭ." މެހެރީން ހެޑްސެޓް ނައްޓާލައިފައި ތެދުވެ ދެފައި ވަށްކޮށްލިއެވެ. މާއިޝާ އެއްޗެއް ނުބުނެ ބަލަން ފެށީ ކުޑަދޮރުން ބޭރެވެ. "ގޯޑް...... އިޝީ ވަޓް އިޒް ރޯންގް ވިތް ޔޫ؟ އެންމެން އެއުޅެނީ އުފަލުގަ އަރާމުގަ އުޅެން. އިޝީ އެގޮތް ބޭނުން ނުވެގެން ތިއުޅެނީ ފަސޭހައިން ލިބުނީމަ އެހެންވެ ކަމުނުގޮސްގެންތަ؟ އަހަރެމެންގެ މުޅި އުމުރު ދުވަހު ނާޔަލް އުޅުނީ އަހަރެމެން ކުރިމަތީ އެއްގެއެއްގަ. އޭނަ ދަސްކުރާކަށްވެސް އިޝީ ނުޖެހޭނެ ޓައިމް ވޭސްޓް ކުރާކަށް. އަނެއްކޮޅުން ގެރެންޓީ އެބައޮތް ނާޔަލް އިޝީއަށް ދެރަ ގޮތެއް ނުހަދާނެކަން. އޮފްކޯސް އެއީ އަހަރެމެންގެ ސްޓެޕް ޑޭޑްގެ ބްރަދަރ. ހީ ވޮން ޑެއަރ ޓު ޑޫ ސޯ. އޭނަ ހަމައެކަނި އެއެދެނީ އިޝީގެ ވޯކް ދޫކޮށްލަން. އަހަރެން އަބަދުވެސް ހީކުރީ އިޝީ ތީ އަމިއްލަ އިންޓްރެސްޓް ދޫކޮށްލައިފަ ލޯބިވާ މީހާގެ ހިދުމަތުގަ ހުންނަން ބޭނުންވާނެ ކަހަލަ ކުއްޖެއް ކަމަށް. ނާޔަލް އެބުނަނީ މުޅިން ދޮގެއްވެސް ނޫން. ކާކުތަ ބޭނުންވާނީ ތިމާގެ އަންހެނުން ފިރިހެނެއްހެން ބޮޑެތި ގެއާއި އިމާރާތްތައް ޑިޒައިން ކުރަން. ސްޕެޝަލީ ވެން ހީ ހިމްސެލްފް އިޒް އެ ފްރީކިން ބިލިއަނަރ." މާއިޝާ އުޅޭ ގޮތުން އުދަނގޫ ވެފައި ހުރި މެހެރީން ލިބުނު ފުރުސަތުގައި ހުރިހާ އެއްޗެއް އެއްފައްޗަކަށް އަމުނާލައިފިއެވެ. ނިމުނުއިރު މާއިޝާ ހުރީ ތެދުވެ ކޮޅަށެވެ. އެދެލޮލަށް ޖަމާވެފައި ހުރި ކަރުނައިން އޭނާއަށް އަސަރު ކޮށްފައި ހުރިކަން ދޭހަ ކޮށްދެއެވެ.
"މެހެރް ހީކުރީ އަހަރެން އާކިޓެކްޓަކަށް ވީ ހަމައެކަނި ރީތި ނަމެއް ހޯދަންވެގެން ކަމަށްތަ؟ އެހެންނޫނަސް ކޮން ފޮތެއްގަ އޮތީ އާކިޓެކްޓަކަށް ވާން ޖެހޭނީ އެކަނި ފިރިހެނުންނޭ. އެންމެން މިއޮތް ހާ ދުވަހު އަހަރެންނަށް ކުރިއަށް ދާން ފުރުސަތު ދީ ބަހައްޓާފަ ހަމަ އަހަރެންގެ ކައިވެނި ނާޔަލް އާއި ހަމަޖެހޭއިރަށް ދެން އެކަން ފޭރި ގަންނަން މަސައްކަތް ކުރާކަށް ނުޖެހޭނެ... އަހަރެންނަށް ލިބުނު ޖޮބްވެސް އެމީހުންނާ ހެދި.... މެހެރް އަކަށް ނުވިސްނޭނެ.." މާއިޝާ ވާހަކަދައްކަން ފަށާފައިވެސް އެއީ ބޭކާރުކަމެއްކަން ވިސްނިގެން ހުއްޓާލައިފިއެވެ. މެހެރީން އެކަނި ދޫކޮށްލައިފައި އޭނާ ބާރުބާރަށް ގޮސް ކޮޓަރިން ނިކުތެވެ. ކަރުނަ އޮބޭހާ އިރުކޮށްފައި އޭނާ ދިޔައިރު މަލީހް ހުރީ ރޮންދާ ޖައްސައިގެންނެވެ. "އައްދެ ދަރިފުޅު ކޮންއިރަކު އައީ؟ ނުވެސް ނިދަނީތަ؟" މަލީހް ރޮންދާ ކަނޑާލި ފަހުން ދޮރުކަނީގައި ލެނގިލައިގެން މާއިޝާ ހުއްޓާ ފެނުމުން ވާހަކަދެއްކިއެވެ.
"ކިހިނެތްވީ؟" މާއިޝާއަށް ޖަވާބެއް ނުދެވި އުޅެނިކޮށް މަލީހް އިތުރަށް އަހާލައިފިއެވެ. އޭނާ އެވަރަށް އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިގެން އައީމާވެސް ބައްޕައަށް އޭނާ ރުއިކަން އެނގިއްޖެއެވެ. މޫނާއި ނޭފަތު ކޮޅަށް ފިޔާތޮށި ކުލަ އަރާފައި ހުރީ މީހަކަށް ފާހަގަ ނުވާ މިންވަރަކަށް ނޫނެވެ. "ބައްޕަ ކައިރީ އަހަރެން ގުޅި ދުވަހެއްގަ ބުނީމެއްނު ނާޔަލްގެ ވާހަކަ." މާއިޝާ ނިންމީ ބައްޕައަށް ކޮންމެވެސް މިންވަރެއް ވިއަސް ބުނެދޭށެވެ. އެހާ ފަސޭހައިން ބައްޕަ އޭނާގެ ކުލަވަރު ދެނެގަތް ގޮތަށް އޭނާގެ ހިތްވެސް ބައްޕައަށް ވިސްނޭނެކަމަށް އުންމީދު ކުރެވުނެވެ. "ނާޔަލް ބޭނުން ވަނީ އަހަރެން ވޯކް ނުކޮށް އޭނާގެ އަންބެއްގެ ގޮތުގަ ގޭގަ އިންނަން." ބައްޕަ ކަމަށް ވިއަސް އެދެމެދުގައި އަހަރުތަކެއްގެ ދުރުމިން އޮތުމުން މާއިޝާއަށް ނާޔަލްގެ ވާހަކަ ބުނަން އުނދަގުލެއް ނުވިއެވެ. އޭގެ ބަދަލުގައި އަބަދު ކުރިމަތީ އުޅޭ ބައްޕައަކަށް ވީނަމަ ލަދުގަތީސް ކަންނޭނގެއެވެ. "އެމީހުންނަށް ހީވަނީ ކަންނޭނގެ އަހަރެން އަދި ކިޔެވިއެއް ކަމަކު އަހަރެންނަކަށް ނުވާނެއޭ. ފުރަތަމަ ފުރުސަތެއްވެސް ދިނީމައެއްނު އަހަރެންނަށް އަހަރެންގެ ހުނަރު ދައްކާލެވޭނީ. ދުނިޔޭގެ އެންމެން ކިޔަވައިގެން އޭގެ ބޭނުން ނުކޮށް ގޭގަ އިނީމަ ކޯއްޗަަކަށް ވާނީ..." މަލީހު ފޮތިގަނޑަކުން ދެއަތް ފުހެލާފައި އެތާހުރި ފިލާ ގޮނޑިއެއްގައި އިށީނުމުން މާއިޝާވެސް ގޮސް ބައްޕަ ކައިރީ އިށީންދެއްޖެއެވެ.
"ދެން ދަރިފުޅު ވީއެއްނު އަމިއްލައަށް މަސައްކަތެއް ފަށަން. މިބުނީ އެމީހުންނަށް ދަރިފުޅުގެ ހުރި ހުނަރުވެރިކަން ދައްކާލެވޭ ކަހަލަ ކަމެއް އަމިއްލައަށް ކުރަންވީއެއްނު. ގަބޫލު ކުރަން ފުރަތަމަ އަމިއްލަ މަސައްކަތެއް ފެށުމުގެ ކުރީން އެކަހަލަ ވަޒީފާއެއްގައި އުޅެ ގިނަ ތަޖުރިބާ ލިބިފަ ހުރުން މުހިންމުވާނެކަން. އެކަމަކު އޭގެ މާނައަކީ މިހާރުވެސް ދަރިފުޅަށް އަމިއްލައަށް އެކަން ނުވާނެއެކޭ ނޫން. " މަލީހު ހިނދުކޮޅަކަށް ވިސްނަން އިނދެފައި ބުނި އެއްޗަކުން މާއިޝާ ކުއްލިއަކަށް އެމޫނަށް ނަޒަރު ހުއްޓާލައިފިއެވެ.
"ބައްޕައަށް އާއިލާގެ ފަރާތުން ވާރުތަ ކޮށްފަ އޮތް ބޮޑު ބިމެއް އޮންނާނެ މިރަށުގަ. ދަރިފުޅު ބޭނުމިއްޔާ ބައްޕަ އެތަން ދީފާނަން ދަރިފުޅު ބޭނުން ވައްތަރެއްގެ އިމާރާތެއް އެތާ ކުރާ ގޮތަށް. އިހަށް ނާޔަލް އާއި އެހެން މީހުން ކައިރިން ދަރިފުޅު ވަކި މުއްދަތެއް ހޯދަންވީއެއްނު އެކަން ކުރަން. އެހެން މިބުނީ އިންވެސްޓް ކުރާނެ މީހަކުވެސް ހޯދަން ޖެހޭނެއެއްނު. އެތަނަކީ ބައްޕަ ކުރިއްސުރެ ހޮޓަލެއް އިމާރާތް ކުރަން ޕްލޭންކޮށްފަ އޮތް ތަނެއް. އެއީ ކުރިއަށް އޮތް ތާގައި މިރަށުގަވެސް ހޮޓާ ތަކާއި ގެސްޓް ހައުސްތަކުގެ ބޭނުން މިއަށްވުރެ ބޮޑަށް ކުރަން ޖެހޭނެ." މަލީހް ވާހަކަ ދައްކާ ނިމިގެން ހިނިތުންވެލިއިރު މާއިޝާ އަދިވެސް އިނީ ލޯ ބޮޑުކޮށްލި ގޮތަށެވެ. "އެހެންވީމަ ކީކޭ ބުނަނީ؟ މާދަން ދާންވީއެއްނު އެތަން ބަލައިލަން؟" މަލީހް ސުވާލު ކުރުމުން މާއިޝާއަށް ވާހަކަދައްކަން އުދަނގޫ ވެގެން ތަކުރާރުކޮށް ބޯ ޖަހައިލިއެވެ. އޭގެ އިރުކޮޅެއް ފަހުން ނިދަން ވެގެން ކޮޓަރިއަށް ވަންއިރު މެހެރީން އޮތީ ނިދައިފައެވެ. މާއިޝާއަށް ލިބިފައި ހުރި ޖޯޝުގައި އަދި ބިން އޮތް ގޮތްވެސް ނުފެންނަނީސްއެކި ކަހަލަ ފްލޯރ ޕްލޭންތައް ކުރަހަން ލިޔާމޭޒު ކައިރީގައި އެތައް އިރެއް ވަންދެން އިނެވެ. ނިދަން އޮށޯތްއިރު ފަތިސްވާކަށް ގިނައިރެއް ނެތެވެ. އެކަމަކު އެހާ ކުޑައިރުކޮޅަކަށް ނިދައިފަވެސް ފަތިސް ނަމާދު ކުރަން ތެދުވިއެވެ. އޭނާއަށް ނިދުނީ އަދި ފަތިސް ނަމާދު ކޮށްގެން އެއަށް ފަހުއެވެ.
މާއިޝާ ތެދުވީ މެހެރީން ހެނދުނު ސައިބޮއިގެން މުޅިތަން ކުޑަކުރި ފަހުންނެވެ. ގޭގައި އަޑު ގަދަވެގެން އޭނާ ލޯ އުނގުޅަމުން ދޮރުން ބޯދިއްކޮށްލިިއރު މެހެރީން ކައިރީގައި ސިޓިންރޫމްގައި އިތުރު ދެ އަންހެންކުއްޖަކު ތިއްބެވެ. އެވަގުތު މާއިޝާ ފެނިގެން މެހެރީން ބާރަކަށް އިޝީއޭ ގޮވާލި ގޮތުން އޭނާ ސިއްސައިގެން ގޮސް ނިދިވެސް ފިލިއެވެ. "އިޝީ! މިތިބީ އަހަރެމެންގެ ކަޒިންސް. ޒަވީގެ ދެކޮއްކޮ ޒޫނާ ދެން މީ ހަނާ." މެހެރީން ވަކި ވަކީން ދެއަންހެން ކުދިންގެ ތައާރަފް ދިނެވެ. މާއިޝާ އެކުދިންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްފައި ފެންވަރައިގެން އަންނާނެ ވާހަކަ ބުނެ އަނެއްކާ އެތެރެއަށް ދެމިގަތެވެ. އޭނާ ގަޑި ބަލައިލިއިރު ދިހައެއް ޖެހީއެވެ. އާފުރެމުންވެސް ގޮސް ފެންވަރާލިތަނާ ވަގުތުން ތާޒާ ވެއްޖެއެވެ. މާއިޝާ ނިކުމެ ބެލިއިރު މެހެރީން ހުރީ އެކުދިންނާއެކު ގޮސް ފިހާރައިން ޕާނާއި އެއްޗެހިވެސް ގަނެގެން ގެނެއްސައެވެ. ނޫނިއްޔާ އެއީ ބައްޕަ ރޭގައި ނިދުމުގެ ކުރިން ފިހާރައަށް ގޮސް ގެނެއްސައި ހުރި އެއްޗިއްސެވެ. މެހެރީން ކައިފައި ތަށިތައްވެސް ހުރީ ސިންކު ތެރޭ ބަހައްޓާފައެވެ. މާއިޝާ ބައްޕައާއި ދެމީހުންނަށް ވާވަރަށް ބިސްގަނޑު އަޅާފައި އެބިސްގަނޑު ބޭއްވީ މަތި ޖަހާ ތަށްޓެއް ތެރެއަށް ލައިފައެވެ. ނުނިމި އުޅެނިކޮށް މަލީހު ވަދެގެން އަންނަތަން ފެނިގެން އޭނާގެ ލޮލުގެ ވިދުން ގަދަވިއެވެ. ބައްޕަ ފެނުމުން ފުރަތަމަވެސް އަހާލަން ބޭނުންވީ ބިން ބަލަން ދާނެ އިރަކާ ބެހޭ ގޮތުންނެވެ.
"ކޮބާ ސައިބޮއިގެން ދާންވީއެއްނު ބިން ބަލަން." މަލީހު ވާހަކަދެއްކި ގޮތުން ހީވީ މާއިޝާގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ބުނެލި ހެންނެވެ. މާއިޝާ ވަގުތުން ބޯ ޖަހާލިއެވެ. އޭނާއަށް ނާސްތާ ކުރެވުނީވެސް ފުދޭވަރަކަށް އަވަސްކޮށްލާފައެވެ. މަލީހުއަށް އެކަން ފާހަގަވިއެވެ. އެކަމަކު އެއްޗެކޭ ނުބުނެއެވެ. އެއަށްފަހު ގިނައިރެއް ނުވެ ދެއަންހެންކުދިންނާއެކު މަލީހު ކާރެއްގައި އެތަނަށް ދާން ދަތުރު ފެށިއެވެ.