"ހޭލެވުނީތަ؟" ކުއްލިއަކަށް ދާދި ކައިރިން މީހަކު ވާހަކަދެއްކި އަޑަށް މާއިޝާ އެދިމާއަށް މޫނު އަނބުރާލިއެވެ. "ޒުހައިރުބޭ؟" ދެވަނަ ސިކުންތުގައި އޭނާ ފުންމައިގެން ތެދުވީ ވިހަ ސުއިއްޕެއް ނަމަވެސް އެއްޗެއް ކަށި ޖަހައިގެން ތެޅިގަތް ހެންނެވެ. "ޒުހައިރުބޭ ކިހިނެތް މިތަނަށް އައީ؟ ޒުހައިރުބޭ ކީއްވެ އަހަންނަށް މިފެންނަނީ؟" މާއިޝާ ބިރުން ފަހަތަށް ޖެހި ޖެހި ހުއްޓާ ފައިދަށުގައި އޮތް ގަލަކަށް އެރިފައި ފަސްގަނޑަށް ވެއްޓި ޖެހުނެވެ. އެވަގުތު ޒުހައިރުބޭ ގުދުވެ އޭނާގެ އަތުގައި ހިފަން އުޅުމުން މާއިޝާ ދެއަތް ހުރަސްކޮށްފައި މޫނު ނިވާކޮށްލިއެވެ. 

"ކޮއްކޮ ބިރު ނުގަނެ ބޭބެ މިބުނާ ވާހަކަ އަޑު އަހާ. މިހާރު އެއްވެސް ކަމެއް ރަނގަޅަކަށް ނޫން އެހިނގަނީ. އެކަމަކު ކޮއްކޮއަށް އެކަން ރަނގަޅު ކުރާނެ ފުރުސަތު އެބައޮތް. ކުރަންވީ ކަމަކީ އެމަހްލޫޤުންގެ ތެރޭގައި އުޅޭ އިންސިއާއި އެމީހުން ދުރުކުރުން އެއަންހެންކުއްޖާގެ ދުލުން ނިކުންނަ ކޮންމެ ބަހަކީ ދޮގެއް. އެއިންސި އެއުޅެނީ އެމީހުންނަށް އެހީ ވާކަށް ނޫން. އޭނަ އެއުޅެނީ އެމީހުންގެ މުޅި ދަރިފަސްކޮޅު ނައްތާލަން. އޭރުން ކޮއްކޮ އާއި ޒަވީވެސް އެމީހުންނާއެކު ނެތިގެން ދާނެ. ޒަވީގެ ބަނޑުގައި ހުރި ލަކުނު ލަކުނެއްގެ ގޮތުގައި އެހުންނަނީ އޭނާގެ ބޯމަތީ އޮތް އަރްސަލާން ކަހަލަ މަހްލޫޤެއްގެ ހިމާޔަތުގެ ސަބަބުން. އެއީ ކޮއްކޮގެ ކޮނޑުގައި ހުރި ލަކުނު އަރްސަލާންގެ ސަބަބުން ލަކުނެއްގެ ގޮތުގައި ހުރިހެން. އެމީހުންނަށް އެނބުރި ނާދެވޭގޮތަށް ފޮނުވާލައިގެން ނަމަވެސް އެމީހުން ދިރި ތިއްބައިގެން ނޫނީ ކޮއްކޮމެންނަށް ދުނިޔެއެއް ނެތް. އަވަހަށް ޒުހައިރުބެ މިބުނި ގޮތަށް ކަންތައް ކުރޭ. އަވަހަށް އެމީހުން ނެތި ނުދަނީސް ސަލާމަތް ކުރޭ!" ޒުހައިރުގެ ވާހަކަ ނިމުމުން މާއިޝާ މޫނުން ދެއަތް ނެގިއިރު އޭނާއަށް އޮވެވުނީ އަދިވެސް ބޮއްކުރާގައެވެ. ފެނުނީ ހުވަފެނެއްކަން އޭނާއަށް އެނގުނީ ދެނެވެ. އެކަމަކު އެހުވަފެނުގައި ޒުހައިރުބެ އޭނާއަށް ބައްދަލު ކޮށްފައި ދިން މެސެޖް އެއީ ގޯސް އެއްޗަކަށް ނުވާނެއެވެ. އަރްސަލާން އަދި އިންސާނަކަށް ބަދަލު ނުކުރެވުނަސް އެގޮތަށް ނިމިގެން ދާތަން ބަލާކަށް އޭނާ ނުހުންނާނެއެވެ. އަރްސަލާންއަށް އޭނާގެ ކައިރީގައި ހުރެވޭނެ މަގެއް ހޯދުމުގެ ކުރިން އޭނާ ޖެހޭނީ ފުރަތަމަ އަރްސަލާން ނެތިގެން ދިއުމުން ސަލާމަތް ކުރާށެވެ.

"ޒަވިއަން! ޒަވިއަން އަދިވެސް ދުނިޔޭގައި ހުރި ކަމަށް ވަންޏާ އަހަރެން މިދައްކާ ވާހަކަ އިވޭނެ ކަމަށް އުންމީދު ކުރަން. ޒަވިއަން އަހަރެންނަށް ދެންމެ ހުވަފެނެއް ފެނިއްޖެ. އެހުވަފެނުގައި އަހަރެންނާ ބައްދަލު ކުރީ ޒުހައިރުބެ. ޒުހައިރުބެ ނިމިގެން ދިޔައީ ކައިލީން ދިން ޒަޚަމަކުން. ޒުހައިރުބެ އަހަރެންނާއި ހުވަފެނުގައި ބައްދަލު ކޮށްފައި ބުނީ އާރާގެ މަޤްސަދު ކާމިޔާބު ވިޔަ ނުދިނުމަށް. ޒަވިއަން އަހަރެންގެ ހުވަފެން ތެދު ކަމަށް ވަންޏާ އާރާ އެއުޅެނީ ޒަވިއަންއާ ތި ދަރިފަސްކޮޅު އަލުން ކަނޑަށް ފޮނުވާކަށް ނޫން. އޭނަ އެއުޅެނީ ކަލޭމެންގެ އެންމެންގެ ވަސް ފުހެލަން. ދުނިޔެއިން ނައްތާލަން. ޒަވިއަން ހެޔޮނުވާނެ އާރާ ހުއްޓުވާފަ އަމިއްލަ ސަލާމަތް ހޯދާ.ހެޔޮނުވާނެ އަހަރެންގެ އަރްސަލާން ސަލާމަތް ކޮށްދީ!" މާއިޝާ އެވާހަކަތައް ދެއްކިއިރު ލޮލަށް ކަރުނަ ގިނަވެގެން އޮހެން ފެށީ ޒަވިއަން ދުނިޔޭގައި ހުރި ކަމެއް ނޫނީ ނެތްކަމެއްވެސް ނޭނގޭތީއެވެ. އަދި ހުއްޓަސް އެދެއްކި ވާހަކަތައް އަޑު އިވޭފަދަ ހާލެއްގައި އޮތްކަން އެނގޭނެ ގޮތެއް ނެތީމައެވެ. އޭނާ ދުނިޔެ އުޅެ މިހުރިހާ އަހަރު ވީއިރު ދުވަހަކު ނުކުރެވޭ ވަރަށް އަމިއްލަ ނަފްސްގެ ނިކަމެތިކަން އިހްސާސް ކުރެވުނީ އެވަގުތު ކޮޅެވެ. އޭނާ އެބޮއްކުރާގަނޑުގައި އިންދާ އަރްސަލާންއާ އޭނާގެ ދަރިފަސްކޮޅު ނެތިގެން ދިޔަސް ކުރެވޭނެ ކަމެއް ނެތެވެ.

އިރު އޮއްސޭ ނަމާދުން ފައިބައިގެން ޒަވީ އައިސް ގެއަށް ވަންނަން ދިމާކުރިއިރު ލައިލް ހުރީ ގޭޓު ކުރިމަތީގައެވެ. އެވަގުތު ޒަވީއަށް އެއްޗެއް އަހާނުލެވި އުޅެނިކޮށް ލައިލް އިޝާރާތުން ދެއްކީ މަގުގެ އަނެއްފަރާތުގައި ހުރި ސައިކަލެވެ. އޭނާ ކުރީގައި ގޮސް ސައިކަލަށް އެރުމާއެކު ޒަވީ ގެއާއި ދިމާއަށް ކަޅިއެއް އެއްލާފައި ގޮސް ލައިލް ފަހަތަށް އެރުމާއެކު ސައިކަލު ދުއްވާލައިފިއެވެ. 

އާދައިގެ ދަތުރަކަށް ފަހު ލައިލް ސައިކަލު މަޑުކުރީ ގޯޅިގަނޑެއްގެ ކައިރިއަށެވެ. އެއަށްފަހު އެގޯޅިގަނޑަށް ވަދެގެން ގޮސް ދޮރު ހުޅުވާލުމުން ޒަވީވެސް ފަހަތުން ވަނެވެ. ކައިރީގައި ލިފްޓް ހުއްޓާ ލައިލް ސިޑިއާ ދިމާއަށް ދިއުމުން ޒަވީ ހިތުގައި ސުވާލު އުފެދުނެވެ. އެކަމަކު އޭނާ އެކަމެއް ފައުޅެއް ނުުކުރެއެވެ. ސިޑިން އަރަން ފެށި ގޮތަށް ދެފަޔަށް ތަދުވެ ވަރުބަލި ވީ ފަހުން ހަތް ވަނަ ބުރިއަށް އަރައިގެން ލައިލް އަނެއްކާވެސް ދޮރެއް ހުޅުވާލައިފައި އެތެރެއަށް ވަދެއްޖެއެވެ. ތަނަވަސް އެޕާޓްމެންޓް ތެރެއިން ފެންނަން ހުރީ ސާފު ތާހިރު ކަމެވެ. ޒަވީ ވަށައިގެން ކަޅި ހިންގާލަމުން ސިޓިންރޫމްގައި ހުރި ސޯފާގައި އިށީންނަން ހިޔާލު ކޮށްލި ނަމަވެސް ލައިލް ނުހުއްޓި ދިއުމުން ފަހަތުން ދިޔައެވެ. އެވަގުތު ލައިލް ގޮސް ހުއްޓުނީ ކޮޓަރިއެއްގެ ކުރިމައްޗަށެވެ. އެކޮޓަރި ހުޅުވާލުމާއެކު ނޭފަތުގައި ހަރުލައިގެން ދިޔައީ މާމެލާ މެލީގެ މީރު ވަހެވެ. ލައިލް ފަހަތުން އެތެރެއަށް ވަނުމާއެކު ހައިރާންވެގެން ޒަވީއަށް ބަލަން ހުރެވުނެވެ. ކޮޓަރި ތެރެއެކޭ މާ ވިއްކާ ފިހާރައެކޭ އެއް ގޮތެވެ. ޓައިލްސް މަތީގަ އާއި އެތާ ހުރި ކަބަޑުގެ އިތުރުން ޑްރެސިން ޓޭބަލް މަތީވެސް މާ ވަށިގަނޑުތައް ނޫނީ ނެތެވެ. އެކަމަކު އެހުރިހާ އެއްޗަކަށްވުރެ ޝައުޤުވެރި އެހެން ކަމެއް ޒަވީއަށް އެވަގުތު ފެނުނެވެ.އެއީ ކޮޓަރީގެ އެއްކޮޅުން އެކީ އެކަށް ނިވާކޮށް ދަމާލައިފައި ހުރި ތުނި ލޭސް ފަރުދާއެއްގެ ފުރަގަހުގައި ހުރި އެނދާއި އެ އެނދުގައި އޮތް ޒުވާން އަންހެނެކެވެ. ލައިލް ކުރީގައި ގޮސް ފަރުދާ ކަހާލުމުން އަންހެން ކުއްޖާގެ ބޮލާއި ދިމާލުގައި އެހަށިގަނޑަށް ގުޅާފައި ހުރި މެޝިންތައް ފެނުމުން ޒަވީއަށް ލޯ ބޮޑުކޮށްލެވުނީއެވެ. އެއަންހެން މީހާ އޮތީ ކޯމާއެއްގައެވެ. ދިރި ހުރުމަށްޓަކައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުން އެދަނީ ގުޅާފައި ހުރި މެޝިން ތަކެވެ. 

"ޒަވީ! އާދޭ މިކޮޅަށް." ލައިލް ޖީބަށް އަތް ޖަހާލައިގެން އަންހެން މީހާއަށް ބަަލަން ހުރެފައި ގޮވައިލިއެވެ. ޒަވީ ގޮސް ލައިލްއާ އެއް ހަމައެއްގައި ހުއްޓި އަންހެންމީހާގެ މޫނަށް ބަލައިލުމާއެކު ހަނދާނުގައި ހަރުލައިގެން ދިޔައީ ޅައުމުރުގެ ދުވަހެކެވެ. އޭނާ ގޭގައި ބޯޅަ ކުޅެން އުޅެނިކޮށް ބޯޅަ މަގުމައްޗަށް ގޮސްގެން ނިކުމެ ނިކުމެ ހުއްޓާ އެބޯޅަ ހިފައިގެން އައިސް ކައިރި މަޑުކޮށްލި ނިކަން ރީތި ޅަ އަންހެންކުއްޖެކެވެ. ހީވާގޮތުން އެކުއްޖާގެ އުމުރުން އޭރު ވާނީ ފަނަރަ ނޫނީ ސޯޅަ ވަރަކަށް އަހަރެވެ. އެވަގުތު އެއަންހެން ކުއްޖާ ހިނިތުންވެފައި ބުނެލީ ބޯޅަ އަނބުރާ ބޭނުން ނަމަ ކޮލެއް ދޮނެއް ދޭން ޖެހޭނެ ކަމުގައެވެ. ނުދަންނަ މީހަކު އެދުނު އެފަދަ އެދުމެއް ފުއްދައި ދޭން ފަސްޖެހިފައި ޒަވީ ހުއްޓާ އަންހެން ކުއްޖާ ގުދުވެލައިފައި އަމިއްލައަށް އޭނާ ކޯތާފަތުގައި ބޮސްދިނީއެވެ. އެއަށްފަހު ބޯޅަ އޭނާ އަތަށް ދީފައި ހެމުން ހެމުން ގޮސް އޮބާލިއެވެ.

"އަހަރެން މި އަންހެންކުއްޖާ ދުށިން. މީ އަހަންނަށް އާ މޫނެއް ނޫން. މީ މީގެ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ކުރީން އަހަރެންނާ ބައްދަލުވި ކުއްޖެއް. އެކަމަކު އަދިވެސް މި މޫނަކަށް ބަދަލެއް ނާދޭ. އޭޖް ވެފައި ހުރިކަން ކޮންމެވެސް ވަރަަކަށް ފާހަގަވިއަސް އަދިވެސް މީ އެދުވަހު ފެނުނު ރީތި މޫނު." ޒަވީ އަންހެންމީހާގެ މޫނަށް ބަަލަން ހުރެގެން ވާހަކަދެއްކިއެވެ. "މީ ޒަވީގެ އެއްބަފާ ދައްތަ އާޝީ." ލައިލް ހުރެފައި ދިން ޖަވާބުން އެތާގައި ބޮމެއް ގޮވި ކަހަލައެވެ. ޒަވީ ސިއްސައިގެން ގޮސް ދެލޯ ބޮޑު ކޮށްލުމާއެކު އެއްފަހަރު ލައިލްއަށް އަނެއް ފަހަރު އާޝީއަށް ބަލަމުން އެކަން ޤަބޫލު ނުކުރަންވެގެން ދެފަރާތަށް ބޯ ހޫރަން ފެށިއެވެ. "އަހަރެން މިބުނީ ތެދަށް. މީ ޒުހައިރުގެ ދޮށީ ދަރިފުޅު. އަހަރެން މިއަދު ޒަވީ މިތަނަށް މިގެނައީ މިހުރިހާ ކަމެއް ފެށުނު ގޮތް ޒަވީއަށް ކިޔައިދޭން. އެއީ ޒަވީ ތިކުރަން އުޅޭ ކަމެއް ފެށުމުގެ ކުރިން ޒަވީއަށް ސިއްރުވެފައި އެއްވެސް ހަޤީޤަތެއް ނުބާއްވަން ވެގެން. ކަމެއް ނިންމުމުގެ ކުރީން އެކަމެއް ފެށުނުގޮތް އެނގެން ޖެހޭ." ލައިލްގެ ވާހަކަ ނިންމާފައި ފޮތިގަނޑު އަލުން ދަމާލުމަށްފަހު އެނބުރި ދޮރާއި ދިމާއަށް ދާން ފެށުމުން ޒަވީ އަދިވެސް ހުރީ ފޮތިގަނޑު ފުރަގަހުން ފެންނަން އޮތް އާޝީގެ މޫނަށް ބަލާށެވެ. އޭނާ އިރުކޮޅެއް ކޮށްލައިފައި ނިކުތްއިރު ލައިލް ބަދިގެއިން ފެން ފުޅިއަކާއި ހުސް ބިއްލޫރި ތަށްޓެއް ހިފައިގެން ނިކުމެ އެތަކެތި ކުޑަ މޭޒުމަތީ ބަހައްޓާފައި ސޯފާގައި އިށީންދެލިއެވެ.

"ކިހިނެތް އޭނަ ކޯމާއަކަށް ދިޔައީ؟ އަދި ލައިލްއާ އޭނައާ އޮތް ގުޅުމަކީ ކޮބާ؟" ޒަވީ ގޮސް ލައިލްގެ ކުރިމަތީ އިށީންދެ ހަތަރުކަޅި ހަމަކޮށްލަމުން ސުވާލު ކުރިއެވެ. "އޭނަ ކޯމާއަށް ދިޔަ ގޮތުގެ ވާހަކަ ފަހަށް ބާއްވާ. އެއީ އެންމެ ފަހުން އެނގެން އޮތް ވާހަކައެއް. އެކަމަކު އޭގެ ކުރިން އޭނައާ އަހަރެންގެ ގުޅުމުގެ ވާހަކަ ބުނެފާނަން. އާޝީ އަކީ އަހަރެންގެ ލޯބި. އެއީ ފުރަތަމަ ފަހަރަށް އަހަރެމެންގެ ދަރިކޮޅާއި އިންސާނުންނާއި ގުޅުން އުފެދެން މެދުވެރިވި ސަބަބު. އޭގެ ކުރިން އަހަރެމެން އުޅުނީ ކަނޑުގައި. އިންސާނުންނަކަށް ނޭނގެ އަހަރުމެން މީ އުޅޭ ބައެއްކަމެއްވެސް." ލައިލް ޖަވާބުދިނެވެ. އެޖަވާބުން ޒަވީގެ ސުވާލުތައް ވީ އިތުރެވެ. އަދި އާޝީ އޭނާގެ ދައްތައަކަށް ވީ ގޮތްވެސް އޭނާ އޮޅުން ފިލުވަން ބޭނުންވިއެވެ. " އަހަރެން ކިޔައިދިނީމަށްވުރެ އާޝީ ކިޔައިދިނިއްޔާ މާ ރަނގަޅަށް އެނގޭނެ. އާޝީގެ ކޮއްކޮއަކީވެސް ތިއެއްނު." ޒަވީ އިންތިޒާރުގައި ފައި ހަލުވަން އިންދާ ލައިލް ކުއްލިއަކަށް ކޮޅަށް ތެދުވެފައި ބުނި ވާހަކައިން ހައިރާންކަން އިތުރުވިއެވެ. ކޯމާގައި އޮތް މީހަކު ކިޔައިދޭނީ ކިހިނެތް ހެއްޔެވެ؟

ޒަވީ އެހައިރާން ކަމުގައި އެކަނި ދޫކޮށްލައިފައި ލައިލް ގޮސް އެހެން ކޮޓަރިއަކަށް ވަދެފައި އެނބުރި އައިއިރު އަތުގައި ކަޅު ކުލައިގެ ބޯ ފޮތެއް އޮތެވެ. "އަން. ޒަވީގެ ހުރިހާ ސުވާލެއް ޖަވާބު މިފޮތުން އެނގޭނެ." ލައިލް ފޮތް ކުޑަ މޭޒުމަތީ ބާއްވާފައި ނުހުއްޓި ގޮސް އާޝީ އޮތް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން ޒަވީ އަދިވެސް ހައިރާން ކަމުގައި އެދިމާއަށް ބަލަން އިރުކޮޅަކު އިނެވެ. އެއަށްފަހު އޭނާ އެ ފޮތް ނަގައި ގަނޑު އުކާލިއިރު އެއީ އާޝީ ލިޔެފައިވާ އޭނާގެ ދިރިއުޅުމުގެ ވާހަކައެވެ. އާޝީގެ ޑައިރީއެވެ. ކަރުތެރެ ހިކޭ ގޮތްވުމުން ފެންފޮދަކުން ކަރު ތެންމާލުމަށްފަހު އޭނާ ފުރަތަމަ ސޮފްހާއިންކިޔަން ފެށިއެވެ.
*****

26/12/1991، 16:00
އަހަރެންގެ އުމުރުން މިއަދު ފަނަރަ އަހަރު ފުރުމާއެކު އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު ކިޔައިދޭނެ ކަމަށް މަންމަ އޮތީ ކުރިއްސުރެ ވަޢުދު ވެފައެވެ. އެއީ އަހަރެންގެ ބައްޕަ އަކީ ކާކުކަން ބުނެދިނުމެވެ. އަހަރެން ހެދި ބޮޑުވި މިވަރު މިވީ ބައްޕަގެ އެއްވެސް މައުލޫމާތެއް ނޭނގި ހުރެއެވެ. މަންމަ ކައިރީ އަބަދު އަހާއިރަށް ޖަވާބު ނުދީ ކޮންމެވެސް އެހެން ވާހަކައެއް ފަށާފައި ހުއްޓާލަނީއެވެ. އެންމެ ފަހުން އަހަރެން އަނގަ ބަންދު ކުރަން މަންމަ ބުނީ ފަނަރަ އަހަރުވާ ދުވަހުން ކިޔައިދޭނެ ކަމަށެވެ. އެއީ ކީއްވެތޯ އެހުމުން މަންމަ ބުނީ އަހަންނަށް އެވާހަކަ ރަނގަޅަށް ވިސްނޭނީ އަދި އޮޅުން ފިލާނީ މި އުމުރުގައި ކަމަށެވެ. އެހެންވެ އަހަރެން މިއަދު މިހުރީ ވަރަށް އުފަލުންނެވެ. އަދި މިފޮތަކީ އަހަރެންގެ އުފަން ދުވަހު ހަދިޔާއަކަށް އަހަރެންގެ ދައްތަ އާރާ ދިން އެއްޗެކެވެ. އާރާ އަކީ އަހަރެންގެ ދޮންބައްޕަގެ ދަރިފުޅެވެ. އަހަރެންނަށްވުރެ ދޮށީ އެންމެ ފަސް މަހެވެ. އެކަމަކު މިހާރުވެސް ހީވަނީ އަހަރެންނަށްވުރެ ދެއަހަރެއްވަރު ކުޑަ ކުއްޖެއް ހެންނެެވެ. އުޅެނީވެސް އެހާ ޅަ ކޮށެވެ. މިހާރު ދެން މިދަނީ މަންމަ އާއި ވަކިން ބައްދަލުކޮށް ހަޔާތުގެ ބޮޑު ސިއްރު އަޑު އަހާށެވެ.

26/12/1991، 20:50
އަހަރެން ބައްޕައަކީ ލ. ގަމަށް އުފަން ޒުހައިރު އަހުމަދު ކިޔާ މީހެކެވެ. މަންމަ އާއި ބައްޕަ އަލަށް ދިމާވީ މަންމަ ޗުއްޓީއެއްގައި އެރަށަށް ކުރި ދަތުރެއްގައެވެ. މަންމަ ކިޔައިދިން ގޮތުން އެދެމީހުން ފުރަތަމަ ފެނުމާއެކުވެސް ލޯބި ވެވުނެވެ. އޭރު ބައްޕައަށް ފަނަރަ އަދި މަންމައަށް ސާދަ އަހަރެވެ.މަންމަ ޗުއްޓީ ނިންމާފައި މަންމަގެ ރަށަށް އައީ ކައިވެނި ކުރަން ބައްޕަވީ ވަޢުދު ހިތުގައި ބާއްވައިގެން އުފަލުންނެވެ. އެކަމަކު ރަށަށް އައި ގޮތަށް ދެން އަލުން ބައްދަލެއް ނުވިއެވެ. ދުވަސްކޮޅެއް ފަހުން މަންމަ އަހަރެންނަށް ބަލިވެއިންކަން އެނގިގެން ކައިވެނި އަވަސް ކުރަން އެދި ބައްޕައަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީ ފެނިގެން ބައްޕަ ބިރުން ޖަވާބެއް ނުފޮނުވިއެވެ.ނިކަމެތި ހާލުގައި އެންމެންގެ މާލާމާތް ލިބިގެން މަންމަ ދިރިހުރީ އަހަރެންނަށްޓަކައެވެ. އެކަމަކު މަންމަ ބައްޕަ ކުށްވެރިއެއް ނުކުރެއެވެ. އެހާ ޅަ އުމުރުގައި ދަރިއެއްގެ ޒިންމާ ނަގަން ބައްޕަ ގަތްބިރު މަންމައަށް ވިސްނުނެވެ. އޭގެ އަހަރުތަކެއް ފަހުން ބައްޕަ މަންމަ ހޯދަން އައިއިރު މަންމަ ދެވަނަ ކައިވެންޏެއް ކޮށްފިއެވެ. އެއީ އާރާގެ ބައްޕައާއެވެ. ބައްޕަ ކައިވެންޏެއް ކުރިއިރު މަންމަ ކައިރިން އެދުނީ އަހަރެންގެ ވާހަކަ އެހެން މީހަކަށް ނޭންގުމަށެވެ. ބައްޕަ ޖެހިލުންވީ އެކަން އެނގިގެން ބައްޕަގެ ހަޔާތަށް ހިޔަނި އެޅިދާނެތީއެވެ. އެކަމަކު ބައްޕަ އަހަރެންދެކެ ވަރަށް ލޯބިވާނެ ކަމުގައި މަންމަ ބުންޏެވެ. ބައްޕަ އަލުން އައީވެސް މަންމަ އާއި އަހަރެން އެދިރިއުޅުމަށް ގެންދަން ވެގެންނެެވެ. އެކަމަކު ތަޤުދީރު ނިޔާ ކުރި ގޮތުން އެކަން ކާމިޔާބު ވާން ނެތިއެވެ. އެކަމަކު ލޯބިވަންޏާ އެގޮތަށް އުޅޭ މީހެއްކަން ނޭނގި ހުންނާނެ ހެއްޔެެވެ؟ މިއަދު އަހަރެންނަށް ބައްޕަގެ ހަޤީޤަތް އެނގުމުން ހިތަށް ވަރަށް އަސަރު ކުރިއެވެ. ބައްޕަ އަހަރެންނަށްވުރެ ބައްޕަގެ އަމިއްލަ އުފާތައް އިސްކުރިކަން އެނގުމުން ދެން ދުވަހަކުވެސް ބައްދަލު ނުވާން ނިންމީމެވެ. އަހަރެން ރޯން ފެށުމުން މަންމަ ބުނީ ބައްޕަ ފަހުންވެސް އަހަރެން ހަނދާންވާ ވަރުން ބައްދަލު ކުރަންވެގެން ގުޅި ކަމަށެވެ. އަހަރެންނަށް ފައިސާގެ އެހީވާން ވެގެން ފައިސާވެސް ފޮނުވިއެވެ. ފަހުން އެގޮތާއި ނުޤަބޫލުވީ މަންމައެވެ. އެއީ ބައްޕަ ސިއްރިޔާތުގައި ވާ އެހީއެއް ބަލައިގަންނަން މަންމަ ބޭނުން ނުވީއެވެ. މިހާ ހިސާބުން އަހަރެން ބައްޕަގެ ހިޔާލު ކުރުން ދޫކޮށްލީއެވެ. އަހަރެންނަށް އަހަރެންގެ ދޮންބައްޕަ ފުދެއެވެ. އަހަރެން މިހާރެކޭ އެއްގޮތަށް ދެންވެސް ބައްޕަ ކިޔާނީ އަހަރެންގެ އެބައްޕައަށެވެ.

1/1/1992، 00:30
މިރޭ އަހަރެން ފުރަތަމަވެސް ޝުުރުކު އަދާ ކުރަނީ އަހަރެން ހެއްދެވި ފަރާތަށެވެ. އެއީ މިރޭ އަހަރެން އެނބުރި ގެއަށް އައިސް މިހުރީ ހަޔާތުގައި މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ހާދިސާއިންނެވެ. އަދި އަހަރެންގެ ފުރާނަ ސަލާމަތް ވުމަށްވުރެ ބޮޑު އަޖައިބެއް މިދެލޮލުން ދެކެފީމެވެ. 

ކޮމެންޓް 0