އެންމެފަހުން މާޔޫސް ވެގެން ފެންގަނޑުން އަރަން ވެގެން ކައިރިފަށަށް ދިޔަތަނާ ސިހިއްޖެއެވެ. މާއިޝާއަށް ފެނުނީ ހުއިގަނޑުތެރޭން ފެންނަން ހުރި ދެފައެވެ. އޭނާ މޫނު އުފުލާލައިފައި ބަލާލިއިރު އެއީ ހަމަ ހޯދަން އައި ފަރާތެވެ. "ހައި... އަނެއްކާވެސް." މައިޝާއަށް އެތޫނު ދެލޯ ފެނިފައި ބުނާނެ އެއްޗެއް ނޭނގިގެން ހެވިލާފައި އެއްއަތްތިލަ ދައްކާލިއެވެ. އެވަގުތު އެޒުވާނާ ބަލަން ހުރެފައި ކުއްލިއަކަށް ގުދުވެ އެއްއަތުން އޭނާގެ އަތުގައި ހިފާ ލުއި ފަތެއް ނެގިހެން ފެންގަނޑުން ހިއްލާލި ގޮތަށް ހުއިގަނޑުގައި ކޮޅަށް ބަހައްޓައިފިއެވެ. 

"ތެންކިއު.." މާއިޝާ ވާހަކަދެއްކި ވަގުތު ޒުވާނާ އޭނާ އަތުން ދޫނުކޮށްލައި ހުރެގެން ކުއްލިއެއް ޖަހާ ދަމައިގެންފައި ބާރު ބާރަށް ހިނގައިގެންފިއެވެ. މާއިޝާ ނުދާންވެގެން ބިމުގައި ދެފައިތިލަ ސާބިތު ކުރެވޭތޯ ލެވުނުހާ ބާރެއް ލީއިރު އެކަން ވީ ބޭކާރެވެ. "ކީއްކުރަން ތިއުޅެނީ؟ ކޮންތާކަށް އަހަރެން ތިގެންދަނީ؟" ދެކޮޅު ހޯދައިލަމުން އޭނާ އަވަސް އަވަހަށް އަހާލިއެވެ. އެކަމަކު ޖަވާބެއް ނައެވެ. މާއިޝާ ވިސްނާލިއިރު ޒުވާނާގެ މިސްރާބު ހުރީ އެތަނަށް ވަދެގެން އައި މަގާއި ދިމާއަށެވެ. "އޯހ. ތިގެންދަނީ އަހަރެން މިތަނުން ބޭރު ކުރަންވެގެން ދޯ. ބަޓް ފޯ ދި ރެކޯޑް.. މީ އަހަރެންގެ ތަނެއް. އަހަރެން ބޭނުން އިރަކު މިތަނަށް އައިސް ގޮސް އުޅުމަށް ހުރަސް އެޅޭނެ އެކަކުވެސް ނުހުންނާނެ. އަދި އަހަރެން ޑިސައިޑް ކޮށްފިން. ތިމީހާ ވާހަކަ ނުދައްކަނީސް މިއަދު ގެއަކަށް ނުދާނަން." މާއިޝާ ދެކޮޅަށް ވާހަކަދައްކަ ދައްކާ ހުއްޓާ އޭނާ ކުއްލިއަކަށް ހުއްޓިފައި އެނބުރި ބަލައިލުމުން އެހާ އަވަހަށް ހުރިހާ ހިތްވަރެއް ދުރަށް އުދުހިގެން ދިޔަހެން ހީވިއެވެ. ހީކަރުވައިގަނެގެން ތުރުތުރު ލަމުން ދިޔަ ހަށިގަނޑުގައި ހަރުލާފައިވާ ފެންތިކިތަކުގައި އޭނާގެ އެންމެ ބަލައިލުމަކުން އަލިފާން ރޯކޮށްލި ފަދައެވެ. ފިނިން ތުރުތުރުލައި ހުއްޓާ ހޫނުގެ އަސަރު ކުރެވުނު އެއީ ފުރަތަމަ ވަގުތުކޮޅެވެ. ކޮންފަދަ ތޫނު ދެލޮލެއް ހެއްޔެވެ؟ ކޮންމެ ބަލައިލުމަކާއެކު ހިތަށް ހަރައިލެވޭ އެއީ ތޫނު ހަންޖަރެއް ފަދައެވެ. 

"ކުޑަމިނުން ނަން ނުބުނަނިސް ނުދާނަން..." ނޭވާ ކަރުތެރޭ ތާށިވެފައި ހުއްޓާ މާއިޝާ އުނދަނގުލުން އިއްވާލިއެވެ. މިފަހަރު އޭނާގެ އަޑުވެސް ނިކުތީ ނިކަން މަޑުންނެވެ. އިންތިޒާރުގައި ހުއްޓާއޭނާ އަނެއްކާވެސް ދިނީ ފުރަގަހެވެ. މަގުމައްޗަށް ނިކުތުމަށްޓަކައި ދެން ކަޑައްތު ކުރަން އޮތް ތަންކޮޅު އެކަނި ކަޑައްތު ކުރާށޭ ބުނެލި ކަހަލައެވެ. އެވަގުތު ޒުވާނާގެ އެއަމަލުން މާއިޝާއަށް ހީވީ އޭނާގެ މޫނުގައި އެތިފަހަރެއް ޖެހިހެންނެވެ. އޭނާ ގާތަށް ރުޅިއައިސްގެން ކުރިއަށް ފިޔަވަޅެއް އަޅާފައި އެއަތުގައި ހިފާލެވުނެވެ. 

އޭނާ އަތް ފޮޅުވާލީ ވިހަގަދަ ސުއިއްޕެއް ނަމަވެސް އެއްޗެއް އަތުގައި އޮވެގެން ފޮޅައިލިހެންނެވެ. މާއިޝާ އިތުރަށް ލަދުގަންނަ ގޮތްވެ ލޮލަށް ކަރުނަ ގިނަވިއެވެ. އެކަމަކު އޭނާ ހުރީ ހިތްވަރުން ދޫ ކުރާ ގޮތަކަށް ނޫނެވެ. ޒުވާނާ އެނބުރިލަން ވާއިރަށް އޭނާ މިފަހަރު ގޮސް ކުރިމަތީ ހުއްޓުނެވެ. "އޯކޭ. ދެންމެ ވީ ކަންތައް ހަނދާން ނައްތާލެވިދާނެ. ހިނގާ މީ އަހަރެމެންގެ ފުރަތަމަ ބައްދަލުވުން ކަމަށް ބަލަން. މީ މާއިޝާ." މާއިޝާ އަމިއްލަ މޭގައި އަތް ޖައްސާފައި އަމިއްލަ ތައާރަފް ދިނެވެ. އެވަގުތު އެލޮލުން މާއިޝާއަށް ތަފާތުކުލައެއް ފެނުނެވެ. ވާހަކަދެއްކިއިރު ހީވީ އޭނާ ސީދާ އަނގަޔަށް ބަލާހެންނެވެ. ހީވަނީ އެހެން ބަހަކުން ވާހަކަދައްކާ މީހަކަށް އަލަށް ދިވެހި ބަސް އިވިގެން އެކިޔަނީ ކޯއްޗެއްކަން ނަގައިގަންނަން މަސައްކަތް ކުރާ ހެންނެވެ. "ކިހާ ސިމްޕަލް. އަޅެ ޓްރައި ކޮށްބަލަ!" މާއިޝާ ޒުވާނާގެ އަތުގައި ހިފައި މައްޗަށް އުފުލާލި ގޮތަށް އެމޭގައި ޖައްސާލި ވަގުތު އޭނާ އެއަތަށް ބަލާލައިފައި އަލުން މާއިޝާއަށް ބަލައިލިއެވެ. 

"އަރްސަލާން....!"
ކުޑައިރުކޮޅެއް ފަހުން މާއިޝާގެ ކަންފަތުގައި ހަރުލައިގެން ދިޔައީ ބަރު ފިރިހެންވަންތަ އަޑެކެވެ. ވަގުތުން އޭނާގެ ހުރިހާ ނާރަކަށް ދާންދެން ފިނި ރާޅެއް ދުވެލި ކަހަލަ އިހްސާސެއް ކުރެވުނެވެ. އިހުތިޔާރެއްނެތި ހިނިތުންވެލެވިއްޖެއެވެ. "އަރްސަލާން.." މާއިޝާ އަރްސަލާން އަތުން ދޫކޮށްލައިފައި އެނަން ތަކުރާރު ކޮށްލިއިރު އޭނާ ހުރީ ކަޅިޖަހާނުލާ ބަލަހައްޓައިގެންނެވެ."އަދި އެއް ސުވާލަށް ޖަވާބު ދޭންވީނު. އެދުވަހު ފެންގަނޑުގަ ކީއްކުރީ؟" މާއިޝާ ދުރުގައި އޮތް ފެންގަނޑާއި ދިމާއަށް އަތް ދިއްކޮށްލާފައި ބުނެލިއެވެ. ބަލަން ހުއްޓައި އަރްސަލާން މޫނުގެ ކުލަ ބަދަލުކޮށްލީ ހައިރާންވާހާ އަވަހަށެވެ. ދެކޭ މީހުން ޖެހިލުންވާ ކަހަލަ މޫނެއް ހަދަން ފިލާވަޅު ނަގަންވީ އަރްސަލާން ކައިރިންނެވެ. ބަސްހުއްޓިފައި މާއިޝާ ވަނިކޮށް އަރްސަލާން އަތުގެ އިޝާރާތުން އަދިވެސް އެއްފަހަރު އޭނާއަށް ނިކުމެގެން ދާނެ މަގުދައްކާލީ ރަނގަޅުވާނީ އޮޅުން ނުފިލުވުމޭ ބުނެލިފަދަ ގޮތަކަށެވެ.މާއިޝާ ބަސްއަހާ ޅަކުއްޖެއްހެން އެނބުރި ދާން ބޭނުންވީ އަރްސަލާން ބަސްބުނުމަކާނުލާ ދިން އިންޒާރުންނެވެ. އެކަމަކު ހިތް އެންގި ގޮތަށް ދެފައި ހަރަކާތެއް ނުކުރިއެވެ. 

އިރުކޮޅަކުން އަރްސަލާން ދެވަނަ ފަހަރަށްވެސް އަތުގައި ހިފައިލީ ގަސްތަކުތެރޭން ނެރެން ކަމުގައި މާއިޝާ ހީކުރިއެވެ. އެކަމަކު އެއާއި ޚިލާފަށް އަރްސަލާން މިފަހަރު އޭނާ ގެންގޮސް ބެހެއްޓީ ފެންގަނޑު ކައިރީގައެވެ. އެވަގުތު މާއިޝާ ވާހަކަދައްކަން އަނގަ ހުޅުވާލި ތަނުން އަރްސަލާން ޓީޝާޓް ބޭލިތަން ފެނިގެން އޭނާގެ އަނގަ ހުޅުވުނުތަނާ ހަމަ ކުއްލިއަކަށް ބުރަކަށީގައި ޖަހާފައި ފެންގަނޑުތެރެއަށް ކޮށްޕާލައިފިއެވެ. އަޑުގެ ކޮޅަށް ހަޅޭތްލަވައިގަތުމާއެކު ފެންގަނޑު ތެރެއަށް އޭނާގެ ހަށިގަނޑު ވަދެގެން ގޮސް ވަކި ހިސާބަކުން މައްޗަށް އަރަފާއި ބަލާލިއިރު އަރްސަލާންއެއް ނެތެވެ. އޭގެ ބަދަލުގައި އޭނާއަށް ފެނުނީ ހުއިތަކު މަތީ އޮތް ޖިންސާގައި ޓީޝާޓެވެ. މާއިޝާ ދުރު ދުރަށް ދާންދެން ހޯދައިލިތަނާ އޭނާގެ މޭގަނޑު އަނގައަށް އައި ހެން ހީވިއެވެ. ފެންގަނޑުގެ އަޑިން ކޮންމެވެސް އެއްޗެއް އޭނާގެ ފައިގައި ހިފަހައްޓައިފިއެވެ. ސަލާމަތްވާން ތެޅި ގަތް ނަމަވެސް އޭނާއަށް ކާމިޔާބެއް ނުވިއެވެ. ބަސްބުނާހައި އިރުކޮޅެއްގެ ތެރޭގައި ދެވަނަ ފަހަރަށްވެސް އޭނާ ދިޔައީ ފެންގަނޑުގެ އަޑިއަށެވެ. އިރުކޮޅެއް ނުވެ އޭނާގެ ހަރަކާތް ހުއްޓި ފެންގަނޑު ތެރެއަށް ހަށިގަނޑު ދޫކޮށްލެވުނީ ލޮލަށް ފެންނަމުން ދިޔައީ އަޖައިބު ކުރުވަނިވި މަންޒަރު ދެކެފައެވެ. އަރްސަލާން ދެވަނަ ފަހަރަށް އޭނާ ގެނައީ ކުރި ސުވާލުގެ ޖަވާބު ދޭން ވެގެންނެވެ. އަދި އެޖަވާބު އޮތީ މިހާރު އޭނާގެ ލޮލަށް ފެންނާށެވެ. މިހާރު އޭނާއަށް ސާފުވެއްޖެއެވެ. އަރްސަލާން އެދުވަހު ފެންގަނޑު ތެރޭގައި އުޅުނީ ޑައިވް ކުރާކަށް ނޫނެވެ. އެއީ އަރްސަލާންގެ އުނގަނޑުން ތިރި މަހެއްގެ ސިފައިގައި އޮތީމައެވެ. 

މާއިޝާ ބަލަން އޮތްވާ އަރްސަލާން އޭނާގެ ވަށައިގެން ދުވެލާފައި އައިސް އުނަގަނޑުގައި ދެއަތުން ހިފާލުމާއެކު ކުރީ ފަހަރުހެން ފެނުން މައްޗަށް އުފުލާލިއެވެ. ނޭވާ ލެވެން ފެށުމާއެކު މާއިޝާއަށް ހަމަހޭވެރިކަންވެސް އައި ކަހަލައެވެ. އެހިސާބުން ފެންގަނޑުން އަރަން އޭނާ ތެޅިގަތީ ރޯމަހެއް ތެޅިގަތް ހެންނެވެ. ބަނޑުޖަހައިގެން ކަހަލަ ގޮތަކަށް ފެންގަނޑުން އަރައި ދެފައި މައްޗަށް ކޮޅަށް ތެދުވެފައި އޭނާ ހުރި ތެދަށް ދުއްވައިގަނެގެންި ގޮސް މަގުމައްޗަށް ނިކުތްއިރު އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައެއް ނުލައެވެ.

"އޯހ ގޯޑް! އިޝީ. އަހަރެން ސިއްސައިގެން ދިޔައީ." މެހެރީން ހެނދުނު ހޭލައިގެން ގޮސް ފާޚާނާއަށް ވަދެފައި ބިލިގާތެރޭގައި އިން މާއިޝާ ފެނިގެން ހަޅޭތްލަވައިގަނެވުނެވެ. އޭނާ އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން ވެގެން މޭގައި ފިރުމާލައިފައި ގޮސް މޫނު ދޮންނަ ތަށި ކުރިމަތީ ހުރެގެން ދަތް އުނގުޅަން ފެށިއެވެ. މާއިޝާ އިން ގޮތް ރަނގަޅަށް ފެނުނީ ލޯގަނޑުންނެވެ. ހުސް ބިލިގާގައި ދެކަކޫ ނަގައި މޭގައި ޖައްސާލައިގެން އިންއިރު މާއިޝާގެ ނަޒަރު ހުއްޓިފައި ހުރީ ދެފައި ތިލައަށެވެ. މެހެރީން ދަތްއުނގުޅާ ނިންމާފައި ކޯ ދޮވެލައިގެން ގޮސް މާއިޝާގެ ކައިރީގައި ބިލިގާގެ އަރިމަތީ އިށީންދެލިއެވެ.

"އޭނައަށް ކިޔަނީ އަރްސަލާން. އޭނައަކަށް ނޭނގެ ވާހަކަދައްކާކަށް. އަދި އޭނަގެ އުނަގަނޑުން ތިރި އޮތީ މަހެއްގެ ނިގުލެއްހެން." މެހެރީން އެކައްޗެއްވެސް ނުބުނެ އުޅެނިކޮށް މާއިޝާ އެއިން ގޮތަށް އިނދެގެން މަޑުމަޑުން ވާހަކަދެއްކިއެވެ. "...ވަޓް؟" މާއިޝާ ކީ އެކައްޗެއްވެސް ސިކުނޑިއަށް ނުވަނުމުން ފާޑަކަށް ދެބުމަ ކައިރިކޮށްލާފައި މެހެރީން އަހާލިއެވެ. "އަހަރެން މިބުނީ ފެންގަނޑުން ފެނުނު މީހާގެ ވާހަކަ. ރޭގަ އަހަރެންނަށް ހުވަފެނުން ފެނުނީ މިގޭ ފްރިޖުން ގެއްލުނު ރޯމަސްތައް އޭނަ ކަނިކޮށް. އެހެންވެ ހެނދުނު ހެނދުނާ އަހަރެން އޭނަ ހޯދަން ދިޔައީމަ ފެނިގެން އޭނަ އަހަރެންގެ ސުވާލުގެ ޖަވާބު ލޯމައްޗަށް ދެއްކީ." މާއިޝާ އިސްއުފުލާލައިފައި މެހެރީންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. މެހެރީން ލޯ ބޮޑުކޮށްލީ ދެނެވެ. މާއިޝާގެ މޫނަށް ބަލައިލުމުން އޭނާގެ ވާހަކައިގެ ސީރިއަސްކަން މެހެރީން ރަނގަޅަށް ދެނެގަތެވެ. "ހީޒް އެ މަރމެއިޑް. އޯ މައި ގޯޑް. އިޝީ ހީޒް އެ މަރމެއިޑް. ވާއު." މެހެރީން ކޮޅަށް ތެދުވެފައި ބާރު ބާރަށް ވާހަކަދެއްކިއެވެ. މާއިޝާ ކޮޅަށް ތެދުވިއިރު މެހެރީންއާ ޚިލާފަށް އެމޫނުގައި އަދިވެސް ހުރީ ސީރިއަސް ކުލައެވެ. އޭނާ މެހެރީން އަތުގައި ހިފާ ގެންގޮސް ފާޚާނާއިން ބޭރަށް ނެރެފައި ދޮރުލެއްޕިއެވެ. 

"އިޝީ އާދެބަލަ!" މާއިޝާ ފެންވަރައިގެން ނިކުތްތަނާ މެހެރީން ގޮވާލިއެވެ. އެކަމަކު މާއިޝާ އެކަމަށް އިޖާބައެއް ނުދެއެވެ. އޭނާ ގޮސް ހުއްޓުނީ އަލަމާރި ކުރިމަތީގައެވެ. "ޔަޤީންތަ މިގޮތަށްކަން އޭނަގެ އުނގަނޑުން ތިރި އޮތީ؟" މެހެރީން ތެދުވެގެން އައިސް ދައްކާލީ ނެޓުން ހޯދާފައި އިން މާރމެއިޑް ފޮޓޯތަކެކެވެ. މާއިޝާ އެފޮޓޯތަކަށް ނަޒަރެއް ދީފައި ގޮސް ފެށީ އިސްތިރި ކުރާށެވެ. 

"އަހަރެން ޤަބޫލެއް ނުކުރާނަން." މެހެރީން އެނބުރި ގޮސް އެނދަށް ވެއްޓިގަނެފައި ބުނެލި އަޑު އިވުނެވެ. "އަހަރެންވެސް." މާއިޝާ ހުރި ގޮތަށް ހުރެ އިތުރުކޮށްލިއެވެ. "ދެން ފަހަރަކުން އަހަރެން އިޝީ ފަހަތުން ދާނަން." މެހެރީން އަނެއްކާ ގޮވާލިއެވެ. "އަހަންނަށް ޔަޤީން އަރްސަލާން ބޭނުމެއް ނުވާނެކަން އަހަރެން އަލުން އެތަނަށް ދާކަށް. އޭނަ މިއަދު އަހަރެންނަށް ހަޤީޤަތް ދެއްކީ އެހެންވެ." މާއިޝާ ރައްދުގައި ބުނެލިއެވެ. "އިޝީ ކިހިނެތް ފެއިންޓްނުވެ ގެއަށް އައީ؟" މެހެރީން އަނެއްކާ ސުވާލު ކުރިއެވެ. "...ވެލް..ފެއިންޓް ނުވިއެއް ކަމަކު އައި ފްރީކްޑް އައުޓް. އެން ރޭން ލައިކް ހެލް. އެކަމަކު މިހާރު އަހަރެން ބޭނުންމީ އަލުން އެތަނަށް ދާން. އޭނަ ކައިރިން ބުނަން އަހަރެން އޭނަދެކެ ބިރެއް ނުގަނެއޭ. މެހެރް ބުނެބަލަ އަހަރެން މޮޔަވީތަ؟" މާއިޝާ އިސްތިރި ބަހައްޓާފައި މެހެރީންއަށް ބަލައިލިއެވެ. މެހެރީން ބަލައިލިއިރު މާއިޝާ ލޮލުގައި ކަރުނަ ވިދަނީއެވެ. އޭނާ އަޖައިބުވީ މާއިޝާ ކުއްލިއަކަށް މޫނުގައި ދެއަތް އަޅާފައި ރޯން ފެށީމައެވެ.

އިތުރަށް ދެ ދުވަސް ހޭދަވެގެން ދިޔައިރު މާއިޝާ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ވޭތު ކުރީ ކޮޓަރީގައެވެ. އަބަދު ހިތުގައި އޮންނަ ހުރިހާ ވާހަކައެއް މެހެރީންއާ ހިއްސާ ކޮށްއުޅޭ ކުއްޖާ މިދެދުވަހު މެހެރީންއާވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. މެހެރީން ދޭތެރެއަކުން ސުވާލު ކޮށްލިއަސް އޭނާ ޖަވާބެއް ނުދެއެވެ. ނޫނީ މެހެރީން ވާހަކައެއް ދައްކަން އުޅޭހެން ހީވާއިރަށް އޭނާ ކުރާ ކަމަކީ ހެޑްސެޓްޖަހައިގެން ލަވަ އަޑު އެހުމެވެ. އަރްސަލާންގެ ސަބަބުން އެވަރުގެ އަސަރެއް ދައްތައަށް ކުރީ ސަބަބަކާމެދު މެހެރީންވެސް ހުރީ އަންތަރީސް ވެފައެވެ. އޭނާގެ ދައްތަ އަކީ މީހުންނާއި ގާތް ވާން ނިކަން ވަގުތު ނަގާ ކުއްޖެކެވެ. ވީއިރު އަރްސަލާން އަކީ އަދި ހަމައެކަނި މަދު ފަހަރަކު ލޮލަށް ފެނިލި ޒުވާނެކެވެ. މާއިޝާ އުޅުނު ގޮތުން މެހެރީން ހިތަށް އެރި ވާހަކަތައް އަމިއްލަ ޟަމީރާވެސް ހިއްސާކުރަން މެހެރީން ޖެހިލުންވިއެވެ. އޭނާ މަޑުކުރީ މާއިޝާ އެކަހަލަ ވާހަކައެއް ބުނޭތޯއެވެ.

"އިޝީ ޤަބޫލު ކުރަންތަ ލަވް އެޓް ފަސްޓް ސައިޓް؟" މެހެރީން ހެނދުނު ލޯ ހުޅުވާލިތަނާ މާއިޝާ ސުވާލު ކޮށްލީ ކުރިމަތީ ހުރެފައެވެ. "އިޝީ ތިސުވާލު ތިކުރަނީ އަހަރެން ކައިރީތަ؟" މެހެރީން އާފުރިލާފައި ތެދުވަމުން ބުނެލިއެވެ. "އަހަރެންވެސް ޤަބޫލެއް ނުކުރަން." މާއިޝާ އެހެންބުނެލި ގޮތުން ހީވީ މީހަކަށް އިއްވަން ނޫނީ ސާބިތުކޮށްދޭން ބުނެލި ވާހަކައެއް ހެންނެވެ. މެހެރީން އެނދުން ނުފައިބަނީސް އޭނާ ނިކުމެގެން ދިޔައީއެވެ. 
"ކީއްވެ ކުރި ސުވާލެއް އެއީ؟" މެހެރީން ފެންވަރާލައިގެން ސައިބޯން ދިޔައިރު މާއިޝާ އިނުމުން ވާހަކަ ކުރިއަށް ގެންދަންވެގެން ފެށިއެވެ. "އަރްސަލާންދެކެ ލޯބިވެވުނީތަ؟" މާއިޝާ ޖަވާބެއް ނުދިނުމުން މެހެރީން މަޖަލަކަށް ކަމަށް ހަދާފައި ބުނެލިއެވެ. އެވަގުތު މާއިޝާ އަތުގައި ހުރި ކޮފީ ޖޯޑު ތިރިއަށް ދޫކޮށްލައިފިއެވެ. މެހެރީން ބަލާލިއިރު މާއިޝާ އިނީ ފާޑަކަށް ބަލަހައްޓައިގެންނެވެ. "ހަނދާން ނެތުނީތަ އެއީ އިންސާނެއް ނޫން." މާއިޝާ ރުޅިއައި ފާޑު ދައްކާފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ. "ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން." މެހެރީން ބަލައިލި ގޮތުން މާއިޝާ މިފަހަރު ޖެހިލުންވިއެވެ. އޭނާ ކޮއްކޮގެ ނަޒަރުން ސަލާމަތް ވާން ވެގެން ތިރިވެފައި ތަޅައިގެންފައި އޮތް ޖޯޑުގެ މުށިކޮޅުތައް ހޮވަން ފެށިއެވެ. އިރުކޮޅެއް ވީތަނާ ދެބެންގެ ސަމާލުކަން ދަމައިގަތީ ދުވެފައި އައިސް އެތަނަށް ވަން މަލީހްއެވެ. ބައްޕަގެ މޫނުން ފައުޅުވި ހާސްކަމަކުން ދެއަންހެން ކުދީންނަށް އެއްފަހަރާ ކޮޅަށް ތެދުވެވިއްޖެއެވެ. 

"ނިޒާރު ވަރަށް ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންގޮއްސި. ބައްޕަ މިދަނީ ދާންވެގެން. ދަރިފުޅުމެންވެސް ތައްޔާރު ވެގެން އިރުކޮޅަކުން އެކޮޅަށް ދާތި!" މަލީހް އަވަސް އަވަހަށް އިއްވައިލާފައި ނިކުމެގެން ދިޔައީ ބަލީގެ އެއްވެސް ތަފްސީލެއް ނުދީއެވެ. މައިޝާއާއި މެހެރީން އެކަކު އަނެކަކަށް ބަލައިލާފައި އެއްފަހަރާ ކަހަލަ ގޮތަކަށް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. 

ކުޑައިރުކޮޅެއް ފަހުން އެދެމީހުން ދިޔައިރު އެމަޖެންސީ ރޫމް ކައިރިއަށް އާއިލާގެ މީހުން ޖަމާވެފައި އޮތެވެ. އެންމެން ހާސްވެފައި ހުރީ އެތަނުންވެސް ޒަވީއެވެ. މާއިޝާމެން ދެބެން ގޮނޑިބަރީގައި ނަބީލާ ކައިރީ ތިބެފައި މެހެރީންއަށް ނީނދެވިގެން ސުވާލު ކުރަން ފެށިއެވެ. އެވަގުތު ނަބީލާ ކިޔައިދިނީ ފަތިސް ނަމާދުން ފައިބައިގެން ޒުހައިރު އެކުވެރިންތަކަކާއެކު ދޮށި އުކަން ދިޔަ ވާހަކައެވެ. ދޮށި އެއްލައިގެން ހުއްޓާ އަދަޔާ ހިލާފް ބޮޑު މަހެއް ގަނެގެން ދަމަނިކޮށް އެމަހުގެ ބާރުގައި ޒުހައިރު ވެއްޓި އޭތީގެ ޝިކާރައަކަށް ވީއެވެ. ދެއަންހެން ކުދީންގެ ސަމާލުކަމަށް އައީ ނަބީލާ ވާހަކަ ނިންމާލަމުން ބުނި ވާހަކައެވެ. އެއީ ޒުހައިރުއަށް މޫދުން ފެނުނީ މަހެއް ނޫންކަމަށާއި އިންސާނެއްކަމަށް ބުނި ވާހަކައެވެ. 

"އިޝީ ތިވިސްނަނީ އަހަރެން މިވިސްނާ ގޮތަށްތަ؟" މެހެރީން ބަަލައިލިއިރު މާއިޝާ ބަލަން އިނުމުން ވައިއަޑުން އަހާލިއެވެ. މާއިޝާ އެއްޗެއް ނުބުނެ ހިންދިރުވާލައިފައި މޫނު އަނބުރައިލީ އަނެއްފަރާތަށެވެ. އެސުވާލަށް ޖަވާބު ދޭން އޭނާ ބޭނުން ނުވާ ކަހަލައެވެ. އެވަގުތު އެމަޖެންސީ ރޫމުން ޒަވީ ނިކުމެގެން އެހެން ދިމާއަކަށް ދާތަން ފެނިގެން މާއިޝާ ތެދުވެފައި ޒަވީ ފަހަތުން ދާން ފެށިތަނާ މެހެރީންވެސް ހިނގައިގަތެވެ. 

"ޒަވީ. ނިޒާރުބޭގެ ޒަޚަމް ވަރަށް ބޮޑުތަ؟" މާއިޝާ ދުވަމުން ކަހަލަ ގޮތަކަށް ގޮސް ޒަވީއާ ހަމަކޮށްފައި އެހިއެވެ. އެވަގުތު ޒަވީ ކުއްލިއަކަށް ކުރިމަތިލުމުންވެސް އޭނާ ދޭން އުޅެނީ އާދައިގެ ޖަވާބެއް ނޫންކަން މާއިޝާ ދެނެގަތެވެ. "މާއިޝާ ހަނދާން އެބަހުރި ދޯ ދަތުރު ދިޔަ ދުވަހު އަހަރެން ބުނި ވާހަކަ. އަހަރެން ދެއްކި ލަކުނު ހަނދާން އެބަހުރިތަ؟" ޒަވީ ސުވާލު ކުރުމުން މާއިޝާ ހާސްވެފައި ހުރެގެން ބޯ ޖަހައިލިއެވެ. މެހެރީންވެސް އެދެމީހުން ކައިރިއަށް ހުއްޓި ޒަވީ ދައްކަން އުޅޭ ވާހަކައަށް ސަމާލުވިއެވެ. "މާއިޝާ އަހަރެންގެ ބައްޕަގެ ޒަޚަމާއި އަހަރެންގެ ޒަޚަމާއި އެއްވެސް ތަފާތެއް ނެތް. އަހަރެން މިއައީ ބަލާފަ. އަހަންނަށް ހަމަ ޔަޤީން އަހަންނަށް ހަމަލަދިން އެތިކަން ބައްޕައަށްވެސް ހަަމަލަދީފަ އެހުރީ. ތަފާތަކީ އަހަރެންގެ ޒަޚަމަށްވުރެ ބައްޕަގެ ޒަޚަމް ބޮޑުކަން. އަރިކަށީގެ ކަށިތައްވެސް އެއޮތީ ފެންނަން. އެކަމަކު ދެރައީ މިވާހަކަ މިފަހަރުވެސް މީހަކު ޤަބޫލު ނުކުރާނެތީ." ޒަވީ ވާހަކަދެއްކިއިރު އޭނާއަށް އަސަރުކޮށްފައި ހުރިވަރުން ލޮލުގައި ކަރުނަ ގިނަވިއެވެ. 

"އެކަކު ޤަބޫލު ނުކުރިއަސް އަހަރެން ޤަބޫލު ކުރަން." މާއިޝާ ސިއްސައިގެން ދިޔައީ ޒަވީގެ ވާހަކައާއި ވިދިގެން މެހެރީން ދިން ޖަވާބު އަހާފައެވެ. އޭނާއަށް ކުއްލިއަކަށް އެނބުރިފައި މެހެރީންގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ޒަވީވެސް މެހެރީން މޫނަށް ބަލަން ފެށީ އެއްޗެއް އޮޅުން ފިލުވަން ބޭނުންވެފައި ހުރި ގޮތަކަށެވެ. "މެހެރް އެބުނީ ތެދެއް އަހަރެމެން ގަބޫލު ކުރަން ޒަވީ ހަދަހަދައިގެން ވާހަކައެއް ނުދައްކާނެކަން." މާއިޝާ އޮމާންކޮށްލަން ވެގެން މެހެރީންއާ އެއްބައިވި ކަމަށް ހެދުނެވެ. ދެއަންހެންކުދީން ދެއްކި އެއްބާރުލުމުން ހިތްހަމަޖެހުނު ގޮތަށް ބޯ ޖަހައިލާފައި ޒަވީ އަނެއްކާވެސް ހިނގައިގަތުމުން މާއިޝާ މެހެރީން އަތުގައި ހިފާފައި އިތުރަށް ކުރިއަށް ދިޔަ ނުދޭން ހުއްޓުވައިފިއެވެ. "މެހެރް މޮޔަވީތަ؟" މާއިޝާ ލޯ ބޮޑުކޮށްލާފައި އެކަމަކު އެހެން މީހުނަށް ނީވޭނެހެން މަޑުމަޑުން ބުނެލިއެވެ. "އިޝީ. އަހަރެން ގަބޫލު ކުރަން މިހާރު ޒަވީގެ ވާހަކަ. ޒުހައިރުބެއަށް އެވަރުގެ ހަމަލައެއް ދިން ކަމަށް އެވާނީ އަރްސަލާން. ދެން އޭނަ އަންނާނީ އަހަރުމެންނާ ދިމާއަށް ނޫންކަމެއް ނޭނގެ. އަހަރެމެން ޖެހޭނެ އޭގެ ކުރިން ކޮންމެވެސް މީހަކަށް އަންގަން. އަހަރެން މިހާރު ހަމަ ރަނގަޅަށްވެސް ބިރުގަނެއްޖެ." މެހެރީން ރައްދު ދީފައި ބަލައިލިއިރު މާއިޝާ ހުރީ އެމޫނަށް ބަލަހައްޓައިގެންނެވެ. އެވަގުތު މާއިޝާ އިއްވާލީ އޭނާގެ އަމިއްލަ ކަންފަތާމެދު އިތުބާރު ކުރަން އުނދަގޫވި ޖުމްލައެކެވެ.

"އަރްސަލާން އެކަހަލަ ކަމެއް ނުކުރާނެ." މި ޖުމްލައެވެ.

ކޮމެންޓް 0