"އަރްސަލާން....! މާއިޝާއަށް އެތަނަށް ވަދެވުމާއެކު ގޮވާލިއެވެ. އޭނާ ހެދުމުން އަތް ދޫކޮށްލައިފައި ވަށައިގެން އަލިކޮށްލިއިރު ދުރުގައި ހުރި ތަނބު ކައިރީ ފުރަގަސްދީގެން ހުރި މީހަކު ހުއްޓެވެ. އިސްކޮޅާއި ހަށިގަނޑަށް ބަލާފައި މާއިޝާއަށް ވައްތަރުވީ ހަމަ އަރްސަލާންއާއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅަން އުޅެފައި ހަނދާން ވީ މާ ކުރިން އަރްސަލާން ކަމަށް ހީކޮށް ނާޔަލް ގައިގައި ބައްދާލެވުނު ދުވަހެވެ. އެހިޔާލުން ދެފަޔަށް ހުއްޓުމެއް ލިބި ކުރިއަށް ދާން ފަސްޖެހެވުނެވެ. "ކާކު ތީ؟" މާއިޝާ އަތުގައި އޮތް ސްޓޭންޑް ތަންކޮޅެއް ބޮޑަށް އުފުލާލަމުން ވާހަކަދެއްކިއެވެ. އެވަގުތު އެމީހަކު ކުއްލިއަކަށް އެނބުރި ބަލާލުމާއެކު އުއްބައްތި އަލީން މޫނު ފާހަގަ ވެފައި މާއިޝާއަށް ސްޓޭންޑުން އަތް ދޫކޮށްލެވިއްޖެއެވެ. އެހާ ބޮޑަށް ޝައްކުވެފައި ހުއްޓާވެސް ކުރިމަތީން އަރްސަލާން ފެނުމުން ޤަބޫލު ކުރަން ދަތިވީއެވެ. އެވަގުތު އަރްސަލާން ކުޑަކޮށް އަރިވެލައިފައި އޭނާ ތިރިއަށް ދޫކޮށްލި ސްޓޭންޑް ބިންމަތީ ޖެހުނަ ނުދީ ހިފައިފިއެވެ. އެކަމަކު އުއްބައްތީގެ ހުޅުކޮޅު އޭރު ނިވިއްޖެއެވެ.
"ނައިސް ކެޗް."އަރްސަލާން ސްޓޭންޑް އަނބުރާ ދިއްކޮށްލުމުން އޭގައި ހިފާފައި މާއިޝާ ބުނެލިއެވެ. އޭނާ ހުރީ ދެދަތްޕިލަ ޖައްސާ ބާރު ކޮށްލައިގެންނެވެ. ނުބުންޏަސް ހިތްހަމަ ނުޖެހިފައި ހުރިވަރު އަރްސަލާންއަށް އަޑުން އެނގޭނެއެވެ. ދެން ހަދާނެ ގޮތަކާ މެދު ނިކަން ރަނގަޅަށް ވިސްނާލައިފައި އޭނާ ފަސްއެނބުރުނު ގޮތަށް ހަމަ ކުއްލިއަކަށް އެނބުރި އަރްސަލާން މޭގައި މުށްކަވާފައި ޖަހައިފިއެވެ. ދެވަނަ ސިކުންތުގައި "އާއު.."އޭ ކިޔާ ރޮއިލެވުނީވެސް އަރްސަލާންގެ ބަދަލުގައި ޚުދު މާއިޝާއަށެވެ. އޭނާ އަތަށް ތަދުވެގެން ސްޓޭންޑް ތިރިއަށް ދޫކޮށްލައިފައި އަނެއް އަތުން އެއަތުގައި ހިފައި ބަލާލިއިރު އަރްސަލާން ހަމަ ހުރި ގޮތަށް ހުއްޓެވެ. އޭނާއަށް އަނިޔާ ވިއޭ ކިޔާފައި އެކައްޗެއްވެސް ހިތަށް އެރި ހެނެއް އެމޫނަކުން ހިއެއް ނުވެއެވެ. ކުޑަ ގޮތެއް ހަދާލިއަސް އަނދިރީގައި ފާހަގައެއްވެސް ނުވާނެއެވެ. އެކަމަކު އިރުކޮޅެއް ވުމުން މިހާރު ކުރިއަށްވުރެ ބޮޑަށް ފާހަގަ ކުރަން އެނގެއެވެ. މާއިޝާ ގާތަށް ރުޅި އައިވަރުން ތަދުވެފައި އޮތް އަތުން ދެވަނަ ފަހަރަށްވެސް ޖަހަންވެގެން އެދިމާއަށް މުށް މަޅާލުމާއެކު މިފަހަރު އަރްސަލާން ހުޝިޔާރު ކަމާއެކު އެއަތުގެ ކުޑަ ހުޅުގައި ހިފަހައްޓައިފިއެވެ. ދެން އަލުން އެއަތްތިލަ އަރްސަލާން ފަރާތުން ސަލާމަތް ކުރަން އޭނާ ލީހާ ބާރެއް ދިޔައީ ހުހަށެވެ.
"ހަމަ މިހާރު ދޫކޮށްލާ އަހަރެން އަތުން. މިބުނީނު ދޫކޮށްލާށޭ!" އަމިއްލަ ބާރެއް ނެތްވަރު އިހްސާސްވެފައި މާއިޝާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އިއްޔެވެސް އަދި މިއަދުވެސް އޭނާއަކީ އަރްސަލާން ބޭނުންހާ ގޮތަކަށް ކުޅެލެވެން ހުރި ބުދެކޭ އެއްވަރެވެ. ކުޑަމިނުން ދުރަށް ދާން ބޭނުން ވެގެން ދުރަށް ޖެހިލާނެ ބާރުވެސް އަމިއްލަ ހަށިގަނޑަކު ނެތެވެ. އަރްސަލާންއަށް އޭނާގެ ނިކަމެތިކަން ފެނިފައި ހައްތަހާ ބޮޑަށް ފޫހިވާނީ ކަންނޭނގެއެވެ. "ތިއުޅެވެނީ އަމިއްލަ ހަށިގަނޑަށް އަނެއްކާވެސް އިތުރު އަނިޔާއެއް ދޭން." ބޭކާރު ކަމެއްކަން އެނގި ހުރެވެސް މާއިޝާ ހުއްޓާނުލުމުން، އެންމެފަހުން އަރްސަލާން ބުނެލިއެވެ. އެއަޑަށް މާއިޝާ އިސްއުފުލާލިތަނާ ހަތަރުކަޅި ބައްދަލުވިއެވެ. ވިދާލި ވިދުވަރުން މުޅިތަން އަލިވެގެން ދިޔަ ވަގުތު އަތް މަޑުޖައްސާލެވުނީ އޭނާއަށް ނޭނގުމުގެ ތެރޭގައެވެ. އަޑުގައި ހަރުކަށިކަމެއް ހުއްޓަސް އަރްސަލާންގެ ފެހި ލޮލުން އޭނާއަށް ފެނުނީ އޯގާތެރި ކަމެވެ. މިހާރު ދެން ވަގުތު ފާއިތު ވީމައި އައިސް ހަމްދަރްދީ ފައުޅު ކުރަން ޖެހޭ ހެއްޔެވެ؟ "ކޮންމެހެން އަހަންނަށް ހެޔޮއެދޭނެ ކަމެއް ނެތް. އައި ޑޯން ނީޑް ޔޯ ޕިޓީ." މާއިޝާ އަމިއްލަ ނަފްސް ބެހިގެން ނުދަނީސް ކޮންޓްރޯލް ހޯދީ އިސްޖަހައިލާފައެވެ. އަރްސަލާން އޭނާއަށް އެވަރުގެ ދެރައެއް ދިން ފަހުންވެސް ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު ބޭނުންހާ ގޮތަކަށް ކޮންޓްރޯލް ވާނެކަމަށް ހީކުރިއަދީގެން ނުވާނެއެވެ. އަރްސަލާން އެހުރީ ދެފަހަރު މަތީން އޭނާގެ ލޯއްބަށް ފުރަގަސްދީފައެވެ. "އެންމެ ރަނގަޅު." މާއިޝާ އިސްޖަހައިގެން ހުއްޓާ އަރްސަލާން ބުނި އަޑު އިވުނެވެ. ދެން ކުއްލިއަކަށް އަތުން ދޫކޮށްލައިފިއެވެ. މާއިޝާގެ ހިތަށް ތަދުވިއެވެ. އަރްސަލާން ހަމަ ގަސްތުގައި އޭނާގެ ހިތަށް އަނިޔާ ދެނީ ކީއްވެ ހެއްޔެވެ؟ ހަމަ ކޮންމެ ފަހަރަކު އެހާ ފަސޭހައިން ދޫކޮށްފައި ދާން ފަސް ނުޖެހެނީ ކީއްވެ ހެއްޔެވެ؟ އެގޮތަށް އޭނާ ދައްކާ ވާހަކައަށް އެންމެ ފަހަރަކުވެސް ދެކޮޅު ހަދައި ގަދަކަން ނުދައްކަނީ ކީއްވެ ހެއްޔެވެ؟
މާއިޝާ ހިތާއި ހިތުން ޝަކުވާ ކުރަމުން އަރްސަލާންއަށް ފުރަގަސްދީ ދެތިން ފިޔަވަޅު އަޅާލުމަށްފަހު ގޮސް ދުރުގައި ހުއްޓިލައިފިއެވެ. ގުގުރީގެ އަޑާއެކު އޭނާއަށް ދެއަތް އަޅާލެވުނީ މޭގައެވެ. އެހިނދު ބާރު ވައިރޯޅިއަކާއެކު އައި ފެންތިކިތަކެއްވެސް މޫނު ތެންމާލައިފިއެވެ. "އަރްސަލާން އިތުރަށް އަހަރެން ކައިރީ ދައްކާނެ ވާހަކައެއް ނެތިއްޔާ ދަނީ." ދެއަތުން މޫނު ފުހެލާފައި މާއިޝާ އިއްވާލިއެވެ. މިފަހަރު ބޭނުންވީ އަރްސަލާން ފަދައިން ފަރުވާކުޑަކަން ދައްކާފައި ދާށެވެ. އަރްސަލާން ފަދައިން ފަސްދީފައި ދާން އޭނާވެސް ޖެހިލުން ނުވާކަން އަންގާށެވެ.
"އިޝީ!" އެއިވުނީ ނާޔަލްގެ އަޑެވެ. މާއިޝާ ސިއްސައިގެން ގޮއްސައި އިސްއުފުލާލިއިރު ނާޔަލް އަތުގައި އޮތް ޓޯޗްއަކާއެކު ދުވެފައި އާދެއެވެ. އެވަގުތު ގަތް ބިރުން މާއިޝާއަށް އެނބުރި ބަލައިލެވުނީ އަރްސަލާން ހުރި ތަނބާއި ދިމާއަށެވެ. ހިތާއި ހިތުން ހަމްދު ކިޔާލެވުނީ އަރްސަލާން ފެންނަން ނެތީމައެވެ. ދެވަނަ ސިކުންތުގައި އޭނާގެ ހުރިހާ ރުޅިއެއް ނާޔަލްއަށް އަމާޒުވިއެވެ. އަރްސަލާން އެދިޔައީ ނާޔަލްގެ ސަބަބުންނެވެ. "އިޝީ އައި ވޯޒް ވޮރީޑް އެބައުޓް ޔޫ. ކީއްތިކުރަނީ އަނދިރ...." ނާޔަލް އައިސް ހުއްޓިފައި ދައްކަންފެށި ވާހަކަ ފުރިހަމަ ނުވަނީސް މާއިޝާ އަރްސަލާން ގައިގައި ޖެހި އަތް ނޫން އަނެއް އަތުން ނާޔަލް މޭގައި ގޮށްމުށުން ޖަހައިފިއެވެ. ވަގުތުން ނާޔަލްއަށް ތަދުވެގެން އަޑެއް ލައްވާލައިފައި މޭގައި ފިރުމާލިއެވެ. "ވަޓް ވޯޒް ދެޓް އެބައުޓް؟" ނާޔަލް ސުވާލު ކޮށްލިއިރު ހިތްހަމަ ނުޖެހުމަށްވުރެ ބޮޑަށް އަޑުގައި އެކުލެވިގެން ދިޔައީ ހައިރާންކަމެވެ. މާއިޝާ އެވަގުތު އެއްވެސް ޖަވާބެއް ނުދީ ގެއާއި ދިމާއަށް ދުއްވައިގަނެފައި ކުއްލިއަކަށް ވަށައިގެން ހުރިހާ ތަނަކަށް ކަރަންޓް އައިތަން ފެނިގެން ހުއްޓެވުނެވެ. އެނބުރި ބަލާލެވުނުއިރު ނާޔަލް ހުރީ މޭގައި އަތް އަޅާލި ގޮތަށް އޭނާއަށް ބަލާށެވެ. މާއިޝާ އެއްޗެއް ނުބުނެ އަނެއްކާވެސް ދުއްވައިގެންފައި ގޮސް ގެއަށް ވަނެވެ.
"އިޝީ! ކީއްވެ މިގަޑީގަ ބޭރުން ތިއައީ؟ ކޮބާ ނާޔަލް؟" މާއިޝާ ދޮރު ހުޅުވާލައިފައި ވަދެވުނީ މަންމަ ކުރިމައްޗަށެވެ. ސޯފާގައި ކޮފީ ބޯން އިނދެފައި ފައިސަލްވެސް ބަލާލައިފިއެވެ. މޫނުގައި ހަރުލާފައި ހުރި ފެން ތިކިތަކާއެކުވެސް އެތެރެ ހަށި އުދާސްވިހެން އެވަގުތު މާއިޝާއަށް ހީވިއެވެ. ދޮގު ހަދައި އޮޅުވާލަންވެސް އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ހުރީ ތެމިފޯވެފައެވެ. އަނެއްކޮޅުން އަދިވެސް ގައިގައި އޮތީ ކައިވެނި ހަފްލާގައި ލައިގެން ހުރި ހެދުމެވެ. ދެމީހުންގެ މެދުގައި ކަމެއް ގޯސްވެއްޖެކަން މަންމައަށް ޔަޤީނުންވެސް އެނގޭނެއެވެ. "ނާޔަލް ބޭރުގައިތަ؟" މާއިޝާ ކަންބޮޑުވެފައި ފަސްއެނބުރި ނާޔަލް ހުރި ދިމާއަށް ބަލާލިތަނާ އާފިޔާއަށް ވިސްނިގެން ބޯދިއްކޮށްފައި އެދިމާއަށް ބަލައިލިއިރު ނާޔަލް އަންނަނީއެވެ. މާއިޝާއަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ނާޔަލް އައިސް ހަމަވުމުން ނަސީބަކުން އާފިޔާ އެދެމީހުންނަށް ތަން ދީފައި ގޮސް ފައިސަލް ކައިރީ އިށީންދެއްޖެއެވެ. "ކަރަންޓް ދިޔައީމަ ދެމީހުން ބޭރަށް ތަ ނިކުތީ؟ ނުތެމި، އުއްބައްތި ދިލައިގެން އެތެރޭގައި ތިބި ނަމައެއްނު." ނާޔަލް އައިސް މާއިޝާ ފަހަތުން ވަންތަން ފެނިގެން ފައިސަލް ބުނެލިއެވެ. ދޮންބައްޕަ އެދެމީހުންނަށް ބަލާލި ގޮތް މާއިޝާއަށް ރަނގަޅަށް ފާހަގަވިއެވެ. އޭނާ ބޭނުންވީ ވީހާ އަވަހަކަށް އެތަނުން ދުރަށް ދާށެވެ. "އިޝީ ވާރެއާ ތެމެންވެގެން ނިކުތީ. ބޭބެއަށް އިނގެއެއްނު އިޝީގެ ގޮތް." ބޮޑެތި މީހުން ތިބުމުން ނާޔަލް ހިނިތުންވެފައި އަތް އަޅުވައިލީ މާއިޝާގެ އުނަގަނޑުގައެވެ. ވަގުތުން މާއިޝާގެ އެތެރެހަށީގައި ހުޅު ރޯވިއެވެ. އެކަމަކު އޭނާއަށް މަޖުބޫރެވެ.
"ހޫމ ދެންވެސް ދޭ މައްޗަށް. ގިނައިރު ތެމިގެން ހުންނަންވެއްޖެއްޔާ އިޝީ ބަލިވެދާނެ." ފައިސަލް އެމީހުން ދިއުމުގެ ހުއްދަދިނެވެ. އަވަހަށް ދުއްވައިގަންނަން ބޭނުންވެފައި ހުރެވެސް މާއިޝާއަށް ދާން ޖެހުނީ ނާޔަލްއާ އެއްވަރަކަށެވެ. މަންމަމެން ބަލަން ތިބޭނެތީ އޭނާގެ އުނަގަނޑު ވަށާލައިފައި އޮތް ނާޔަލްގެ ބާރުގަދަ އަތް ދުރުކޮށްލަން އެއްވެސް ކަމެއް ކުރާކަށް ނުކެރުނެވެ.
"ޑޯން އެކްސްޕެކްޓް އެނީތިން!" ސިޑިން އަރަމުން އެކަނި ނާޔަލްއަށް އިވޭވަރަށް މާއިޝާ ބުނެލިއެވެ. އޭނާ ބަލާލިތަނާ ނާޔަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނުހެން ހީވިއެވެ. "ރިލޭކްސް ބޭބީ." ނާޔަލް ޖަވާބުދިންއިރު އަޑުގައިވެސް ލާނެތް ގޮތެއް ހުރިހެން ހީވިއެވެ. ހަމަ ކުއްލިއަކަށް ނާޔަލްއަށް ލިބިގެން އެއުޅެނީ ކޮން ހިތްވަރެއް ހެއްޔެވެ؟
"ހޫމ ދެން ދުރަށް ދާން އުޅޭ!" ކޮޓަރި ކައިރިއަށް ދެވުމާއެކު މާއިޝާ އަވަހަށް ނާޔަލްގެ އަތް ދުރުކޮށްލިއެވެ. ނާޔަލްވެސް ކޮންމެހެން ގަދަ ކޮށްލާކަށް ނޫޅެއެވެ. މާއިޝާ ދޮރު ހުޅުވާލައިފައި ވަނުމުން އޭނާ ދެކޮޅު ހޯދާލައިފައި މިސްރާބު ޖެހީ އަމިއްލަ ކޮޓަރިއަށެވެ. މާއިޝާ އެތެރެއަށް ވަދެގެން ތަންކޮޅަކަށް ގޮއްސައި ނާޔަލް ނުވަންނަކަން އިހްސާސް ވެގެން އެނބުރި ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރުން ބޭރަށް ބޯ ދިއްކޮށްލައިފިއެވެ. "ނާޔަލް!" ފުރަގަސްދީގެން ހިނގަ ހިނގާ ހުރެފައި މާއިޝާ ގޮވާލި އަޑަށް ނާޔަލް ހުއްޓުނެވެ. އެނބުރި ބަލައިލުމާއެކު މާއިޝާ މޫނުން އޭނާއަށް ފެނުނީ މާ ހަމަޖެހޭ ކުލަވަރެއް ނޫނެވެ. އެވަގުތު މާއިޝާ ބުނަން މަސައްކަތް ކުރީ ކޮން ވާހަކައެއް ނާޔަލްއަށް ރަނގަޅަށް އެނގުނެވެ. އެކަމަކު އޭގެ ކުރިން ކޮޓަރިން ބޭރު ކޮށްލަމުން ދެއްކި ވާހަކަ ހަނދާން ހުރީތީ އޭނާ ހުރި ގޮތަށް ހުރީއެވެ. "އަހަރެން ކުރިން ބުނި ވާހަކަ އަނބުރާ ގެނެއްސިން. ނާޔަލް އާދޭ ރޫމަށް. މަންމަމެނަށް ޝައްކު ވާކަށް އަހަރެން ބޭނުމެއް ނުވޭ. އެމީހުން ކައިރީ އެއްޗެއް ބުނަން އަދި އަވަސް." މާއިޝާ ދޮރުން ބޭރަށް ނިކުމެ އިސްޖަހާލަމުން ވާހަކަދެއްކިއެވެ. ނާޔަލް މިފަހަރުވެސް ބަހެއް ނުބުނެ ހިނގައިގަތުމުން މާއިޝާ ކުރީގައި ގޮސް އަލަމާރިން ހެދުން ނަގައިގެން ފާޚާނާއަށް ވަނެވެ.
"ޝިޓް. ޝިޓް. ޝިޓް..." މާއިޝާ އެތެރެއަށް ވަދެފައި ފުރަތަމަވެސް ގޮސް ބިލިގާގެ ކައިރިފަށުގައި އިށީންދެލައިގެން އިނދެ ނިއްކުރީ އަތުން ތަޅާލިއެވެ. ބޭނުން ނުވެ ހުރެވެސް އޭނާއަށް މިޖެހުނީ ނާޔަލްއާ އެއް ކޮޓަރިއެއް ހިއްސާ ކުރާށެވެ. އަދި އެވެސް ނާޔަލްގެ ބޭވަފާތެރިކަން ފަޅާއެރުމަށް ފަހުގައެވެ. ފެންވަރާލުމުން ހަށިގަނޑަށް ލިބުނު އަރާމާއެކު ސިކުނޑިއަށްވެސް ލުއިކަމެއް އިހްސާސްވިއެވެ. މާއިޝާ ނިދަންލީ ޓީޝާޓާއި ހަރުވާޅުގައި ކޮޓަރިއަށް ނިކުމެ ސިއްރު ސިއްރުން ހޯދާލިއިރު ނާޔަލް ފެންނަން ނެތިގެން ޖެހިލުންވިއެވެ. އޭނާ ކޮޓަރިން ބޭރަށް ލުމުން ބަދަލު ހިފަންވެގެން ފިލާ ހުރެފައި ސިންގާއެއް ފަދައިން އައިސް ޖެހިގަންނަން ރޭވީ ނޫންބާއޭ ހިތަށް އެރިއެވެ. ބެލްކަނީ ދޮރު އަދިވެސް ނުލައްޕާ ހުރުމުން އެތާގައި ކަމަށް ހީކޮށްފައި އޭނާ އިނގިލިތަކުގެ ކުރި ޖައްސައިގެން ދުވެފައި ދަނިކޮށް ސިއްސައިގެން ދިޔައީ ނާޔަލް ސޯފާގައި އޮތްވާ ފެނިގެންނެވެ. ފާޚާނާއިން ނިކުތްއިރު ފުރަގަސްވާ ގޮތަށް ސޯފާ ހުރުމުން ކުރިން ނުފެނުނީއެވެ. އެވަގުތު މާއިޝާ ހިތާއި ދިމާލުގައި އަތް އަޅައި ބާރު ކޮށްލާފައި ރަނގަޅަށް ބަލައިލިއިރު ނާޔަލް ހަމައެކަނި ސޯޓެއްގައި ހުސްގަޔާ ހަދާލައިގެން އޮތީ ނިދާފައެވެ. މާއިޝާ ޤަބޫލު ނުކުރެވިގެން އިރުކޮޅަކު ބަލަން ހުރެފައި ތަންކޮޅެއް ކައިރިއަށް ގޮސް ނާޔަލް ނިދާފައިތޯ ބަަލަން ވެގެން މޫނުގެ މަތިން ކޮޅުން ކޮޅަށް އަތްތިލަ ގެންދިޔައެވެ. އެހިސާބުން ޔަޤީންވެގެން ފުރަގަސްދީފައި ގޮސް ނިކުތީ ބެލްކަންޏަށެވެ. ދޮރު ލެއްޕުމުގެ ކުރީން އަދިވެސް އެއްފަހަރު އަރްސަލާންގެ ޚަބަރެއް ވޭތޯ ބަލަން ބޭނުންވީއެވެ.
ވާރޭ ހުއްޓާފައި އޮތަސް މާހައުލު އޮތީ ފިނިވެފައެވެ. އުޑުމައްޗަށް ބަލައިލުމުން އަދިވެސް މިރޭ ވާރޭ ވެހޭނެހެން ހީވެއެވެ. މާއިޝާ ދެއަތް ހުރަސްކޮށްލައި މުލައްދަނޑީގައި ފިރުމަމުން ތިރި ބަލަން އިރުކޮޅަކު ހުރެފައިގޮސް ދޮރުން ވަނުމާއެކު އަރްސަލާން ފިލާހުރި ތަނބުގެ ފުރަގަހުން ނިކުތީއެވެ. ދޮރު ލައްޕާފައި މިނިޓެއް ނުވެ މާއިޝާ އެނދަށް އަރައި ބޮކި ނިއްވާލައިގެން ލޯމަރާލިއެވެ. ގިނައިރެއް ނުވެ ފުން ނިދީގެ ތެރެއަށް ގޮސް ގެއްލުމާއެކު ހުވަފެނުގައި އަރްސަލާން ފެންނަން ފެށިއެވެ. ދޮރުފޮތިގަނޑު ތެރޭން ނިކުމެގެން އައިސް މަގަތުގައި އިށީންދެފައި އަރްސަލާން ފުރަތަމަ ބޮސްދިނީ އޭނާގެ ނިތުގައެވެ. އެ ތުންފަތުގެ ހޫނު ހުވަފެނުގައިވެސް މާއިޝާއަށް އިހްސާސްވިއެވެ. އެވަގުތު ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. ދެވަނަ ސިކުންތުގައި އަރްސަލާން ގުދުވެލާފައި ނިކަން ފުންކޮށް އޭނާގެ ތުންފަތުގައި ބޮސްދިނުމުން ނޭވާ ކޮޅަށް ގޮސްގެން ނިދިން ހޭލެވިއްޖެއެވެ. ލޯ ހުޅުވާލުމާއެކު މާއިޝާއަށް އިހްސާސްވީ އޭނާގެ ނޭވާ އާދަޔާ ޚިލާފަށް ކުރުވެފައިވާ ކަމެވެ. މީގެ ކުރިންވެސް އޭނާ ހުވަފެން ދެކެއެވެ. އެކަމަކު މިހާ ތެދު ހުވަފެނެއް މިފެނުނީ އަދި އަލަށެވެ. ނޭވާ ހަމައަކަށް އަޅުވަމުން އޭނާ ތެދުވެ އިށީންދެފައި ކުއްލިއަކަށް ނާޔަލް މަތިން ހަނދާންވެގެން ސޯފާއަށް ނަޒަރެއް ދީފައި ދެވަނަ ސިކުންތުގައި ފުންމައިގެން ތެދުވެވުނީ ކޮޅަށެވެ. ސޯފާގައި ނާޔަލްއެއް ނެތެވެ. އަނެއްކާ އެއީ ނާޔަލް ކުރި ކަމަކަށް ނުވާނެ ހެއްޔެވެ؟
"ނާޔަލް؟" މާއިޝާގެ ހިތަށް އެރި އެއްޗަކުން އޭނާއަށް ބާރު ބާރަށް ގޮވާލެވުނެވެ. އެނދުން ތެދުވެފައި ދެކޮޅު ހޯދަން ހުއްޓާ ނާޔަލް ނިކުތީ ފާޚާނާއިންނެވެ. ފަހަރުގައި ނާޔަލް އެކަމެއް ކޮށްފައި ނޫންކަމަށް ހެދެން ގޮސް ފާޚާނާއަށް ވަނީ ކަމަށްވެސް ވެދާނެއެވެ. އޭނާ އޮށޯންނަންދެން ނިދާފައި ކަމަށް ހެދިގެން އޮވެފައި ހަމަ ނިދޭ އިރަށް އައިސް އޭގެ ފައިދާ ނެގީއެވެ.
"ކިހިނެތްވީ ތި ތެދުވީ؟" ނާޔަލްއަށް މާއިޝާ ފެނިގެން އައިސް ކައިރިވެފައި އަހާލިއެވެ. "ނާޔަލް ނިދާފައެއް ނޫންތަ އޮތީ؟" މާއިޝާއަށް ސީދާ ސީދާ އަހަން ނުކެރިގެން ޝައްކުގެ ނަޒަރުން އެމޫނަށް ބަލަން ފެށިއެވެ. އެވަގުތު ނާޔަލް ޖަހައިލި ހިނިގަނޑުވެސް އޭނާގެ ހިތް ވަހުމުން ފުރާލިއެވެ. "އިޝީ ނިދާފައި އޮތް މީހަކަށް ކިހިނެތްތަ އެނގެނީ އަހަރެން އޮތީ ނިދާފަކަމެއް ނޫނީ ހޭލާކަމެއް." ނާޔަލް ހަތަރުކަޅި ހަމަކޮށްލުމުން މާއިޝާ ވަގުތުން ފުރަގަސްދީފައި ގޮސް އެނދަށް ވެއްޓިގަނެ ގައިމަތީން ރަޖާ އަޅާލިއެވެ. އެކަމަކު ދެން އަލުން ނިދަން ފަސޭހައެއް ނުވިއެވެ. އިރުއިރުކޮޅާ މަގަތަށް އެނބުރިފައި ނާޔަލް ތެދުވޭތޯ ބަލައިލެވެއެވެ. އެހެން އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ.
ޖެހިގެން އައި ދުވަހު އަރައިގެން އައި އިރާއެކު އަލަތު ދެމަފިރީންގެ ހަނީމޫން ދަތުރު އޮތީ ތައްޔާރު ވެފައެވެ. މާއިޝާ އާއި ނާޔަލް ތިރިއަށް ސައިބޯން ގޮސް ތިބިއިރު ނާޔަލްގެ ގޮތެއް ނޭނގުނަސް މާއިޝާ އިނީ އެދަތުރު ހުއްޓުވާނެ ގޮތެއް ނޭނގިފައެވެ. ރޭގައި ގޭގައި ތިބުމުން ނާޔަލް ކިތަންމެ ރަނގަޅަށް ކަންތައް ކުރިއަސް އެގޮތަށް ދެމީހުން ވަކިން ތަނަކަށް ދިއުމުން ނާޔަލް މަޑަކުން ނުހުންނާނެއެވެ. ފެށުނީއްސުރެ އޭނާދެކެ ލޯބިވި ކަމަށް ބުނެފައި އެހެން މީހަކާއި ގުޅުމެއް ބާއްވަން ޖެހިލުން ނުވި މީހަކު އެގޮތަށް އެކަހެރި ވެލަން ލިބުމުން ހަފަރާތުން އޭނާ ހައްޔަރު ކޮށްލާނެކަން ކަށަވަރެވެ.
"އިޝީ ދަރިފުޅާ. ދަރިފުޅު ކީއްވެ އެއްޗެއް ނުބުނެ ތިއިންނަނީ. ހާލު ރަނގަޅު ނޫނީތަ؟ ބަލީތަ؟" އާފިޔާއަށް މާއިޝާގެ ހިމޭންކަން ފާހަގަވެގެން އަހާލިއެވެ. އެއަޑަށް ސައިމޭޒު ދޮށުގައި ތިބި އެންމެންގެ ނަޒަރު މާއިޝާއަށް ހުއްޓިއްޖެއެވެ. އެވަގުތު މާއިޝާގެ ހިތް ނަށައިލީ މަންމަގެ ވާހަކައިން ހިތަށް އައި މޮޅު ހިޔާލަކުންނެވެ. "ނޭނގެ މަންމާ، ފާޑަކަށް ބޮލަށް ބަރުވެފަ ހުންނަނީ. ނުވޭ ކާ ހިތެއްވެސް." މާއިޝާ ވަގުތުން ވާހަކައެއް ހަދައިލިއެވެ. އަންހެން ކުދިން ޑްރާމާ ވެގެން އުޅޭ ވާހަކަ މީހުން ކިޔަނީ ތެދަށޭ ހިތަށް އަރައިގެން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. "ދެން އިހަށް ދަތުރު ފަސްކޮށްލަން ވީއެއްނު. އިޝީ ރަނގަޅު ވެލީމަ ދެދުވަސް ފަހުން ދާނީ." ފައިސަލް ހިޔާލެއް ދިނެވެ. އާފިޔާވެސް އެހިޔާލަށް ތާއީދު ކުރުމުން މާއިޝާ ހިތްހަމަޖެހުނެވެ. އެކަމަކު އޭނާ ހައިރާންވީ ނާޔަލް އޭނާއާއި ދެކޮޅަށް އެއްވެސް ވާހަކައެއް ބުނެ ގެންދަން ބާރު ނޭޅީމައެވެ.
"ރޭގަ ދެން ކިހިނެތްވީ؟" އެންމެން ނިކުމެ ދެއަންހެން ކުދީން އެކަނިވުމުން މެހެރީން އަހާލިއެވެ. އެއަޑު އަހާފައި މާއިޝާ ސިހުނު ވަރުން އަތުގައި އޮތް އޫ ތަށިތެރެއަށް ދޫކޮށްލެވިއްޖެއެވެ. "އައްދެ، ހާދަ ބިރެއް ތިގަތީ..."މެހެރީން ދައްތަގެ މޫނުން އެއްޗެއް ދޭހަ ވޭތޯ ބަލަން ފެށިއެވެ. އެވަގުތު މާއިޝާ މޭޒުގައި ދެއަތް އަޅާލައި ކޮންމެވެސް އެއްޗެއް ބުނަން އުޅެފައި ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. އޭނާ މެހެރީން ކައިރީ ގިނަ ވާހަކަތައް ހިއްސާ ކުރިއަސް ނާޔަލްގެ އެ މުޑުދާރު ސިއްރު ފައުޅު ކޮށްގެން އަގު ވައްޓާލާކަށް ބޭނުމެއް ނުވިއެވެ. މެހެރީންއަށް އެކަން އިނގެންޏާ އިނގޭނީ ނާޔަލް ފަރާތުންނެވެ. އެގޭ އެހެން މީހަކަށްވެސް އެކަން އަަންގާނީ ނާޔަލް އަމިއްލައަށެވެ. އޭނާއެއް ނޫނެވެ. "މައިންޑް ޔޯ އޯން ބިޒްނެސް. އަހަރެން ކޮންމެ ވާހަކައެއް ކިޔައިދީފަ އޮތަސް މެހެރް ނުޖެހޭނެ ތިގޮތަށް ސާފު ބަހުން އަހަރެންގެ ވެޑިން ނައިޓާ ބެހޭ ގޮތުން އަހާކަށް. އަހަރުމެން މެދުގަވެސް ކަންތައް ހިނގީ އެހެން ހުރިހާ ކަޕްލްއެއްގެ މެދުގައިވެސް ހިނގި ގޮތަށް. ޑީޓެއިލްސްއެއް ނުދެވޭނެ. އެންމެ ރަނގަޅެއްނު." މާއިޝާ ގޮނޑި ދުރުކޮށްލާފައި ތެދުވެގެން ގޮސް ނިކުމެވުނީ ނާޔަލް ކުރިމައްޗަށެވެ. އެވަގުތު ނާޔަލް މޫނަށް ބަަލައިލުމުން އޭނާ ހުރިހާ ވާހަކައެއް އަހައިފިކަން އެނގިގެން މާއިޝާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބަލަން ހުރެލާފައި އޭނާ ނާޔަލް ކުރިމަތިން ދުރަށް ދާންވެގެން ދުއްވައިގެންފައި ހިނގައްޖެއެވެ.
ދެދުވަސް ފަހުން އަނެއްކާވެސް ކަންތައްވީ މާއިޝާ ބޭނުންވި ގޮތަށެވެ. ދަތުރަށް ތައްޔާރު ވޭވޭ ހުއްޓާ އިންޓަވިއުއަށް ދާން ގުޅީއެވެ. އެވަގުތުން އުފަލުން އޭނާ ފޮޅުނެވެ. ހިތުގައި ފޮނި އުންމީދުގެ ހުޅުކޮޅު ރޯކޮށްގެން އަވަހަށް ދާން ތައްޔާރުވިއެވެ. ނާޔަލް ކާރުގައި ގެންގޮސް ދޭން އެދުމުން ދެކޮޅު ހެދުމަކާއި ނުލައި ގޮސް ކާރަށް އެރިއިރު އޭރުވެސް އިނީ ހިނިތުން ވެފައެވެ. އިރުކޮޅަކު ދުއްވާފައި ނާޔަލް ކާރު މަޑުކޮށްލީ ޓްރެފިކްގައި ޖެހިގެންނެވެ. މާއިޝާ އަތްދަބަހުގައި ހުރި އެއްޗެއްސަށް ނަޒަރެއް ދީފައި އެނބުރި ބިއްލޫރި ގަނޑުން ބޭރު ބަލައިލިތަނާ މެއަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލި ހެންނެވެ. ޕޭމެންންޓް މަތިން މަގު ހުރަސް ކުރަން އައި އެތައް ބައެއްގެ ތެރޭން އޭނާއަށް ފެނުނީ އަރްސަލާންއެވެ. މާއިޝާ ރަނގަޅަށް ދެލޯ ބޮޑުކޮށްލައި ފެންނަމުން މިދަނީ ހުވަފެނެއް ނޫންކަން ޔަޤީން ކުރިއެވެ. އެއީ ހަމަ އަރްސަލާންއެވެ. އެންމެން މަގު ހުރަސް ކުރަން އައިއިރު އަރްސަލާން ހުއްޓިލައިގެން ހުރީ ސީދާ އޭނާއަށް ބަލާށެވެ. މަގު ހުރަސްކުރާކަށްވެސް ނޫޅެއެވެ. "އެތާ ޕޭމެންޓް މަތީ އެހުރީ މެހެރްގެ ބޯއިފްރެންޑް ދޯ؟" އިރުކޮޅަކުން ނާޔަލް ކާރު ދުއްވާލައިފައި ބުނެލި ވާހަކައިން މާއިޝާ ކުރިއަށްވުރެވެސް ބޮޑަށް ސިހުނެވެ. "ނާޔަލްއަށް އޭނަ ފެނުނުތަ؟" ކާރު އަރްސަލާން ފަސްދިނުމުން މާއިޝާ އަދިވެސް އެއްފަހަރު އެނބުރި ބަލައިލަމުން އެހިއެވެ. ނާޔަލް ހޫމ އަޅުވާލުމުން އޭނާ އެއްފަހަރު ނާޔަލްއަށް އަނެއްފަހަރު އަރްސަލާންއަށް ނަޒަރެއް ދީފައި ސީޓުގައި ފާޑަކަށް ލައްގަނެލެވުނީއެވެ.