"ކައިލީން އެއީ އަހަރެންނާއި އެއް އާއިލާއަކުން އައިސް ހުރި ފަރާތަކަށް ވެދާނެ. އެކަމަކު މާއިޝާ ތީ އަހަރެންނަށް އެމީހަކާ ދުރުގަ ނޫޅެވޭނެ ހަމައެކަނި ފަރާތް." އަރްސަލާން އެވަގުތު އިއްވާލި ޖުމްލަ އަހާފައި މާއިޝާގެ މެއަށް ފިނިވެގެން ދިޔައިރު ކޮޅަށް ނުހުރެވިގެން ދެފައިކޮޅުން ވާގި ދޫވިއެވެ. އޭނާ އަރިއަޅާލަން އުޅުނުހެން ހީވި ސިކުންތެއް ގޮއްސައި އަނެއް ސިކުންތުގައި އަރްސަލާން ހުރީ އޭނާ އަތްދަނޑިމައްޗަށް އުފުލާލައިގެންނެވެ. "އަރްސަލާ....ން!" މާއިޝާ ބާރުބާރަށް ގޮވާލި ވަގުތު އަރްސަލާން ކުއްލިއަކަށް ބަލައިލުމުން އަޑު ދިޔައީ ގެނބިގެންނެވެ. ހީވީ އެރީތި ލޮލުން އޭނާއަށް ސިހުރެއް ޖެއްސި ހެންނެވެ. އެވަގުތު ހިތް ތެޅެން ފެށިގޮތުން ހީވީ އޭގެ މަޤާމުން ބޭރަށް ފުންމާލަފާނެ ހެންނެވެ. އެމޭގައި އޭނާ ޖެހި ފިތިގެން އޮތްއިރު ހިތުގެ އަޑު އަރްސަލާންގެ ކަންފަތަށްވެސް ފޯރާނެ ކަންނޭނގެއޭ ހިތަށް އަރާފައި މާއިޝާ އިތުރަށް ކަންބޮޑުވިއެވެ. ހަނދުވަރު އަލީގައިވެސް މޫނު ރަތްވެގެން ދިޔަތަން އަރްސަލާންއަށް ފާހަގަވިއެވެ.

"ދެން މުޅި ރޭ މިހެން އަހަރެން އުފުލާލައިގެން ހުންނާނީތަ؟" ދެތިން މިނިޓް ވީއިރުވެސް އަރްސަލާން އޭނާ ބަހައްޓަން އުޅޭ ކަހަލަ އިޝާރާތެއް ނުފެނުމުން މާއިޝާ އިސްނަގާފައި ފެށިއެވެ. "އިޝީ ބޭނުންވާ ގޮތަކީ އެއީ ކަމަށްވަންޏާ މުޅި އަހަރުވެސް މިހެން ހުރެދާނަން." އަރްސަލާން ޖަވާބުދިނީ އަނެއްކާވެސް މާއިޝާގެ ކަންފަތަށް އޮތް އިތުބާރު ނަގާލައިފައެވެ. އެކަމަކު ކުރިން އޭނާ ދުށް އަރްސަލާން އަކީ ހުރިހާ ކަމެއް އޭނާ ބުނާ ގޮތާ އިދިކޮޅަށް ކުރި ފަރާތެކެވެ. މިހާރު ކުއްލިއަކަށް މިވީ ކިހިނެތް ހެއްޔެވެ؟ 

އުފާވުމުގެ ބަދަލުގައި މާއިޝާގެ މޫޑު ކުއްލިއަކަށް ބަދަލުވީއެވެ. އޭނާ ބޭނުންވީ ފުރަތަމަ ޖަވާބެވެ. އޭނާ އަރްސަލާން މޫނުން ނަޒަރު ވަކިކޮށްލާފައި ތިރިއަށް ފައިބަން އުޅޭފަދަ ގޮތަކަށް ހަރަކާތްކުރުމުން ނަސީބަކުން ތިރީގައި ބަހައްޓައިފިއެވެ. "ކޮންއިރަކު އަރްސަލާން އަހަރެން ބޭނުންވާ ގޮތަށް ކަންތައް ކުރަން ފެށީ؟ އަހަރެން މީގެ ކުރިން އަބަދުވެސް ދެކުނީ އަހަރެން ބޭނުންވާ ގޮތާ ޚިލާފަށް އަރްސަލާން ކޮންމެކަމެއްވެސް ކުރިތަން. ދެން މިހާރު ކިހިނެތްވީ؟" ބިމުގައި ދެފައި ހަރުލުމުން ފަހަތަށް ފިޔަވަޅެއް އަޅާލައިފައި މާއިޝާ ރައްދު ދިނެވެ. "ވަރަށް މަސައްކަތް ކޮށްފިން ދުރުގައި ހުރެވޭތޯ. އަހަންނަށް ޤަބޫލެއް ނުކުރެވޭ އަހަރެމެން ދެމީހުން ގުޅިގެން މުސްތަޤްބަލެއް އޮތް ކަމަކަށް. އަދި މިހާރުވެސް އަހަރެންނަކަށް ނޭނގެ އަހަރެމެން ދެމީހުންގެ ނިމުން އަންނާނީ ކޮން ގޮތަކަށް ކަމެއް. އެކަމަކު އަހަންނަށް އެއްކަމެއް ޔަޤީން. އެއީ އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު އަހަރެންނަށް އިޝީއާ ދުރުގަ ނުހުރެވޭނެކަން. އެހެންވެ އަހަރެން ނިންމައިފިން ދެން ދުވަހަކުވެސް އިޝީ ދޫކޮށްފަ ނުދާން." އަރްސަލާން އެސްފިޔަޖަހާ ނުލައި ހުރެގެން ޖަވާބު ދީ ނިންމުމާއެކު މާއިޝާ މޫނުގައި ދެއަތް އަޅައިފިއެވެ. އިރުކޮޅެއް ވީއިރު ފެނުނީ އިނގިލިތައް ދޭތެރެއިން ފޭދިގަތް ކަރުނަތިކިތަކެވެ. އަރްސަލާން އެދެއަތްތިލަ މޫނުން ވަކިކޮށްލުމުން ޅަކުއްޖަކު ބޮޑާހާކަން އުޅޭހެން އަރްސަލާން މޭގައި ދެއަތުން ތަޅައިގެންފައި އެންމެފަހުން މޫނުފޮރުވާލައިފިއެވެ. އެވަގުތު އަރްސަލާން އެބާރުގަދަ ދެއަތުން އޭނާ ވަށާލައި ގަޔާލައި ފިއްތާލައިފައި ދެން ހަމަ އެހިނދުން ކުއްލިއަކަށް ދުރުވެސް ކޮށްލައިފިއެވެ. 

މާއިޝާ ހައިރާންވެފައި ބަލާލިއިރު އަރްސަލާންގެ ނަޒަރު ހުއްޓިފައި ހުރީ އޭނާގެ ފުރަގަހުން ފެންނަން ހުރި ކޮންމެވެސް އެއްޗަކަށް ނޫނީ މީހަކަށެވެ. "މާގިނައިރު ބޭރުގައި ހުއްޓާ ފިނިވެދާނެ. ދޭ ދެން ނިދަން." މާއިޝާ އެނބުރި ބަލައިލަން އުޅުމުން އަރްސަލާން އޭނާ އެނބުރުނު ނުދޭންދެކޮނޑުގައި ހިފާފައިއި ބުނެލިއެވެ. އެވަގުތުކޮޅުވެސް އެއްފަހަރު އޭނާގެ މޫނަށް ބަލައިލާފައި އަނެއްފަހަރު އަރްސަލާން ބަލައިލީ ކުރިންވެސް ނަޒަރު ހުއްޓާލައިގެން ހުރި ދިމާއަށެވެ. "އަހަރެން ބައިވަރު ވާހަކަދައްކަން ބޭނުން. ކޮންއިރަކުން ދެން ފެންނާނީ؟" މާއިޝާ އަހާލިއެވެ. "އިޝީ އަހަރެން ހޯދަން އުޅުމުގެ ކުރީން އަހަރެން ހުންނާނީ އިޝީ ކުރިމަތީ." އަރްސަލާން މިފަހަރު ހަތަރުކަޅި ހަމަކޮށްލިއެވެ. އެޖަވާބުން މާއިޝާގެ ހިތަށް ފިނިވެލައި ހިނިތުންވެލެވުނެވެ. އޭނާ ބޯ ޖަހާލައިފައި ބަސްއަހާ ޅަކުއްޖަކު ފަދައިން ހިޔާކޮށްފައި އޮތް މަގުން ގޮސް ގޭގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދެއްޖެއެވެ. ދެވަނަ ސިކުންތުގައި އޭނާ ދުއްވައިގަތީ އެންމެ ކައިރީ ހުރި ކުޑަދޮރު ތަކާއި ދިމާއަށެވެ. އަރްސަލާން ބުނެގެން އޭނާ އައެއް ކަމަކު ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ނުހޯދައެއް ކެތެއް ނުވިއެވެ. އަރްސަލާން އޭނާ އެނބުރުނުނަ ނުދީ ހިފަހައްޓައިގެން ބަލަން ހުރީ ކާކަށްކަން އޮޅުން ފިލުވަން ބޭނުންވިއެވެ. އޭނާ ފޮތިގަނޑު ދުރުކޮށްލާފައި ދުރު ދުރަށް ދާންދެން ލޯ ހިންގައިލުމުން ބޭރުތެރެއިން އާދަޔާ ޚިލާފު ކަމެއް ފާހަގައެއް ނުވިއެވެ. އެކަމަކު އަރްސަލާންއެއް ފެންނާކަށް ނެތެވެ. 

"އަހަންނަށް ޔަޤީން އަރްސަލާންއަށް ދުރުން ކޮންމެވެސް އާދަޔާ ހިލާފް ކަމެއް ފެނުނުކަން. އަހަންނަށް ހަމަ ޔަޤީން އެކަން." އިރުކޮޅެއް ވަންދެން ބަލަން ހުރެފައި މާއިޝާ އެކަނިމާއެކަނި ވާހަކަ ދައްކަމުން ދޮރު ފޮތިގަނޑުން އަތް ދޫކޮށްލައިފައި ދާންވެގެން އެނބުރިލުމާއެކު ސިހިގެން ދިޔައެވެ. ސިޓިންރޫމަށް ވެރިވެފައިވާ އަނދިރީގައި އޭނާއާއި ދާދި ގާތުގައި ހުއްޓިލައިގެން މީހަކު އެބަހުއްޓެވެ. އެވަގުތު އޭނާ ބިރުން ފިޔަވަޅެއް ފަހަތަށް އަލައިލުމުން އެމީހަކު އައިސް ހުއްޓުނީ ހައްތަހާ ކައިރިއަށެވެ. "އެކަނިމާއެކަނި ކީކޭ ތިކިޔަނީ؟" އެއީ ނާޔަލްގެ އަޑެވެ. މާއިޝާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިގެން މޭގައި ފިރުމާލި ނަމަވެސް މުޅިއަކުން ހަމައެއް ނުޖެހެއެވެ. އޭނާ ކަންބޮޑުވީ އެގަޑީ ބޭރުން އައިކަން ނާޔަލްއަށް އެނގިދާނެތީއެވެ.

"ނާޔަލް ކީއްކުރަނީ މިތާގަ؟" މާއިޝާ އެއްފަރާތަކަށް ޖެހިލާފައި ސިޑިއާ ދިމާއަށް ދާން ހީކޮށްލުމާއެކު ނާޔަލް އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. "އަހަންނަށްވެސް ހަމަ ތިސުވާލު ކުރެވިދާނެ." ނާޔަލް ހުރީ މާއިޝާ ތިރިއަށް އައިސް ހުރި ސަބަބެއް އޮޅުން ފިލުވަން ބޭނުންވެފައެވެ. އެކަން އަޑުންވެސް އެނގުނެވެ. "ކަރުހިއްކައިގަނެގެން." މާއިޝާ ދޮގެއް ހަދާލިއެވެ. މާއިޝާ އަތް ފޮޅުވާލަން އުޅުމުން ދޫކޮށްލި ނަމަވެސް އޭނާ ސިޑިން އަރަން ފެށުމުން ނާޔަލް ބަލަން ހުރީ ސުވާލު އުފެދިފައެވެ. ކޮޓަރީގައި ފެން ޖަގެއް ހުއްޓާ މާއިޝާ ތިރިއަށް އައީ ކޮންމެވެވެސް އެހެން ބޭނުމަކު ކަމުގައި ނާޔަލްގެ ހިތް ބުނެލިއެވެ. 

ޖެހިގެން އައި ހެނދުނު އުޑުމަތި ސާފުވެފައި އެންމެ ވައިރޯޅިއެއްވެސް ނުވެއެވެ. ހެނދުނު ސަޔަށް ފަހު ހަމަޖެހިފައި އޮތް ގަޑިއަށް އެންމެން ދަބަސް ތައްޔާރު ކުރަން ފެށިއެވެ. މާއިޝާ އަލަމާރި ހުޅުވާލައިގެން ހުއްޓާ ނާޔަލް ބޭރުން އައިސް ވަނީ ފޯނެއްގައި ހުރެގެންނެވެ. އެވަގުތު އޭނާ ނާޔަލްއަށް ކަޅިއެއް އެއްލާފައި ކޮނޑުތައް ހިފައިގެން ގޮސް އެނދުގައި އިށީންދެ ފަހަރަކު ހެދުމެއް ފަތް ޖަހައި ދަބަހަށް އަޅަން ފެށިއެވެ. ނާޔަލްވެސް ފޯނު ނިންމާފައި އައިސް އިށީންދެލީ އެނދުގައެވެ. "އިޝީ ބުނީމެއްނު މެހެރް އެއްވެސް މީހަކާ ސީރިއަސް ރިލޭޝަންޝިޕެއް ނުބާއްވައޭ. އެކަމަކު މިހާރު މިފެންނަ މަންޒަރުން އައި ސީރިއަސް ލީ ޑައުޓް އިޓް." ނާޔަލް ކުރުއޮތް މައްޗަށް އޮވެފައި ބުނެލި ވާހަކައިން މާއިޝާގެ އަތަށް ހުއްޓުމެއް އައެވެ. "ކޯއްޗެއް ފެނުނީ؟" މާއިޝާ ނާޔަލްއަށް ބަލަން އިނދެގެން އެހިއެވެ. 

"މެހެރް އެހާ ސީރިއަސް ނޫންނަމަ އަހަރެން ހަމަ ބުނެލާ އެއްޗަކަށް އަރްސަލާން ގެނެސް ބޮޑެތިމީހުން ކުރިމަތީއެއް ނުބައިންދާނެ ދޯ." ނާޔަލް ތަފްޞީލްކޮށްލަ ދިނެވެ. އެއަޑު އަހާފައި މާއިޝާ ފުންމައިގެން ތެދުވީ ކޮޅަށެވެ. އެވަގުތު ނާޔަލްއަށް އިތުރު އެއްޗެއް ނުބުނެވެނީސް އޭނާ ދުއްވައިގެންފައި ގޮސް ދޮރުން ނިކުމެއްޖެއެވެ.

ތެޅި ތެޅި އޮތް ހިތަކާއެކު މާއިޝާ ކޮރިޑޯ ކަޑައްތުކޮށްފައި ގޮސް ސިޑިއާ ހަމަވެ ތިރި ބަލައިލި ވަގުތު މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ނާޔަލް ކުރީ ސަމާސައެއް ނޫނެވެ. އަރްސަލާން އިނީ މަންމަ އާއި ފައިސަލްގެ ކުރިމަތީ ސިޓިންރޫމް ސޯފާގައެވެ. މަންމަ އާއި ދޮންބައްޕަވެސް ހީވަނީ އަރްސަލާންދެކެ ގަޔާވެފައި އިންހެންނެވެ. ކައިރީގައި މެހެރީން އިނދެފައި އެއްލި ކަޅިއަކުން މާއިޝާ ފައިބާތަން ފެނިގެން އަރްސަލާންގެ މުލައްދަނޑީގައި އަތް އަޅުވާލިއެވެ. ވަގުތުން މާއިޝާގެ އެތެރެ ހަށިން އާވި ނަގައިގަތެވެ. އޭނާ ދުވެލާފައި ހަރުފަތްތައް ގިރާކުރި ގޮތަށް ގޮސް އެމީހުން ކައިރިއަށް ހުއްޓިއްޖެއެވެ. "އިޝީ ތިއައީ ދޯ. އަރްސަލާންވެސް ރެޑީގަ މިއިނީ." މެހެރީން އަވަހަށް މާއިޝާ އެއްޗެއް ބުނަންވާއިރަށް ވާހަކަދެއްކިއެވެ. ކޮއްކޮއަށް ކަޅި އަޅާލައިފައި މާއިޝާ އާދައިގެ ގޮތަކަށް އަރްސަލާންއޭ ކިޔައިލީ ކުރިމަތީ ތިބި ދެމީހުންގެ ސަބަބުންނެވެ. އެވަގުތު އޭނާ ހައިރާންކޮށްލީ އަރްސަލާންވެސް ހަމަ އެހެން މާއިޝާއޭ ކިޔާ ނަޒަރެއް ދީފައި އަނެއްފަރާތަށް މޫނު އަނބުރާލިތަން ފެނިގެންނެވެ. ހީވަނީ އަރްސަލާން އެއީ ހަޤީޤަތުގައިވެސް މެހެރީންގެ ބައިވެރިޔާހެންނެވެ. 

"މެހެރް އާދެބަލަ މައްޗަށް. އައި ނީޑް ޔޯ ހެލްޕް." ހިނދުކޮޅަކަށް ބަސް ހުސްވެ ހުރެފައި މާއިޝާ ބުނެލިއެވެ. އޭނާ އަނެއްފަރާތަށް އެނބުރި ހިނގައިގަތްތަނާ ދެފަޔަށް ހުއްޓުމެއް ގެނުވީ މެހެރީން ފަރުވާކުޑަ ގޮތަކަށް ކީއްކުރަންހޭ އަހާލި އަޑަށެވެ. "މިބުނީއެއްނު މެހެރްގެ ހެލްޕް ބޭނުންވެގެންނޭ." މާއިޝާ ހުރިގޮތަށް ހުރެގެން ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިފައި ބުނެލިއެވެ. މެހެރީން ތެދުވި އަޑު އަހާފައި އޭނާ ކުރިއެކޭ އެއްގޮތަށް ބާރު ބާރަށް ސިޑިން އަރައިގެން ދިޔައެވެ. ގޮސް ވަންއިރު ނަސީބަކުން ނާޔަލް ކޮޓަރިއަކު ނެތެވެ. 

އިރުކޮޅަކުން މެހެރީން އައިސް ވަންއިރު މާއިޝާ އިނީ ހަަށަން ބަނދެލައިގެން އެނދުގައެވެ. އޭނާ އައިސް ހަމަ ވަނުމާއެކު ފުންމައިގެން ތެދުވެފައި އައިސް ކުރިމައްޗަށް ހުއްޓުނެވެ. އެވަގުތު ދައްތަގެ ދެލޮލުގައި ހުރި ކުލަވަރުން ޚުދު މެހެރީންވެސް ކަންބޮޑުވިއެވެ. މާއިޝާ އެހާ ރުޅި އައިސް ހިތްހަމަ ނުޖެހިފައި ހުއްޓާ އޭނާ އެންމެ ފަހުން ދުށް ހަނދާނެއްވެސް ނެތެވެ. "އިޝީ އަހަރެން އިޝީ ޖެލަސްކޮށްލަން ވެގެން އަރްސަލާން އަތުގައި ހިފީ." އަމާން ދިން މީހަކު ފަދައިން ދެއަތް އުފުލާލައިފައި މެހެރީން ދައްތައަށްވުރެ ކުރިން ބުނެލިއެވެ. "މެހެރް ކައިރީ އަހަރެން ކޯއްޗެކޭ ބުނީ؟ އަހަރެން ބުނީމެއްނު ނާޔަލް ކައިރީ ބްރޭކްއަޕްވީއޭ ބުނާށޭ. އެހާ ފަސޭހައިން ސަލާމަތް ވެވެން އޮތްވާ ކޮން މޮޔައެއް ވެގެން އޭނަ ތިގެނައީ. އަހަރެން ސަރޕްރައިޒްވެފަ މިހުރީ މެހެރްއަށް އޭނަ ހޯދަން އެނގުނު ގޮތަކާމެދުވެސް." މާއިޝާ ރުންކުރުވެފައި ހުރެގެން ފެށި ވާހަކަ ނިމުނުތަނާ މެހެރީން އެހުރި ގޮތަށް ހުރެގެން އަރްސަލާން ފެނުނީ ގޭގެ ދޮރުމަތިންނޭ ބުނެލިއެވެ. 

"ވަޓް؟" މާއިޝާއަށް ޤަބޫލު ނުކުރެވިގެން އަހާލެވުނެވެ. "ހަމަތެދެއް މިބުނީ. އަހަންނަކަށްވެސް ނޭނގެ. ބެލް ޖެހީމަ ދިޔައިރު އަރްސަލާން އަމިއްލައަށް އައިސް ހުރީ ދޮރުމަތީގަ." މެހެރީން އިތުރަށް ޔަޤީންކޮށްދޭން އުޅޭ މީހަކު ފަދައިން ކަރުގައި ދެއިނގިލިން ހިފާލައިފައި ކިޔައިދިނެވެ. އެހިސާބުން މާއިޝާ އަލުން ހަށަން ބަނދެލާފައި އެނބުރުނީ ފަތްޖަހަން ފަށާފައި ހުރި ހެދުން ތަކާ ދިމާއަށެވެ. އޭނާ ވިސްނުމަކަށް ގެއްލިފައި ހުރެގެން މަސައްކަތް ފެށިތަނާ މެހެރީން ފުން ނޭވައެއް ދޫކޮށްލައިފައި ނިކުމެގެން ދިޔައެވެ. އެވަގުތު ފާޚާނާ ދޮރު ހުޅުވުނު އަޑަށް މާއިޝާ ބަލައިލިއިރު ނާޔަލް ނިކުތީއެވެ. މާއިޝާގެ ނޭވާ ކަރުތެރޭ ތާށިވީ ދެއްކި ވާހަކަ ނާޔަލްއަށް އިވުނު ކަމާމެދު ޝައްކު ވެފައެވެ.

އަވި އަރައިގެން އައިއިރު މާއިޝާމެން ދެމަފިރީން ބީޗް ވިލާގެ ކޮޓަރިތަކުގައި ސާމާނު ބަހައްޓާފައި ނިކުމެ ތިބީ ހިޔަލުގައި ހުރި ބީޗް ޗެއަރތަކުގައި ކޮކްޓެއިލް ބޯށެވެ. ދިމާ ކުރިމަތިން ދުރު ދުރަށް ކިރު ކުލައިގެ ފަސްގަނޑާއި އޭގެ ބިތްދޮށުން ބިއްލޫރި ފަދަ ރީތި މޫދާއި ނޫ އުޑު ފެންނަން އޮތެވެ. އަރްސަލާން އާއި މެހެރީން ކޮޓަރި ނެގީ އެމީހުންނާއި ތަންކޮޅެއް ދުރުންނެވެ. ނާޔަލް އެވަގުތުވެސް ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަނީއެވެ. އޭނާ ވާހަކަ ހުރި ގޮތުން ހީވަނީ ވިޔަފާރީގެ ކަމެއް ހެންނެވެ. މާއިޝާ ކަންބޮޑުވެފައި އިރު އިރުކޮޅާ ބަލައިލެވެނީ ދުރަށެވެ. އަރްސަލާން އެމީހުންނާއެކު އަންނަން ގަސްތު ކުރި ހިސާބުން ފެށިގެން އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނު އެންމެ އިރުކޮޅެއް ނާދެއެވެ. އޭނާއަށް އެގޮތުގައި ނޯވެވިގެން ތެދުވެފައި ގޮސް ދާދި ކައިރީ އޮތް ފެންގަނޑަށް ދެފައި ބާލައިގެން ކައިރި ފަށުގައި އިށީންދެ ފެނާއި ކުޅެން ފަށައިފިއެވެ. ނާޔަލްއަށް އެމަންޒަރު ފެނިގެން ހިތަށް އައި ކުއްލި ހިޔަލަކާއެކު ފޯނު ބާއްވާފައި ނިކަން ސިއްރުން ގޮސް މާއިޝާގެ ފުރަގަހުގައި ކުޑަކަކޫ ޖަހާލިއެވެ. 

"ފެންގަނޑަށް ވައްޓާލަން ބޭނުން ނޫނިއްޔާ އަހަރެން ބުނާކަމެއް ކޮށްދޭން އެއްބަސްވޭ!" ނާޔަލް މާއިޝާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލައިފައި ބުނެލިއެވެ. ލިބުނު ސިހުމާއެކު މާއިޝާ މަޑުމަޑުން ހަޅޭތްލަވައިގެންފައި އެނބުރުނު ވަގުތު އޭނާގެ ކޮނޑާއި ދިމާއިން މޫނު އަރިކޮށްލައިގެން އޮތް ނާޔަލްގެ ނޭފަތާއި ނޭފަތް ޖެހުނެވެ. އެވަގުތު ނާޔަލްގެ ލޮލުން ފެނުނު ކުލަވަރުން އޭނާ ބިރުގަތީ އެއަށްވުރެވެސް ކައިރިވާން އުޅެފާނެތީއެވެ. މާއިޝާ އަވަހަށް ދުރަށް ދާންވެގެން އާއެކޭ ބުނެ އެއްބަސްވީ ނާޔަލް ބޭނުން ވަނީ ކޮންކަމެއްތޯވެސް އަހައިނުލައެވެ. ނަސީބަކުން ޖުމްލަ ނިމުނުއިރަށް ނާޔަލް ހިނިތުންވެލައިފައި ތެދުވެ ހިންދެމިލައިފިއެވެ. މާއިޝާ ފުން ނޭވާތަކެއް ލަމުން ކައިރީގައި ހުރި ކޮކްޓެއިލް ތަށިން އެތިފޮދެއް ބޯލައިފައި ބެހެއްޓިތަނާ މެހެރީންއާއި އަރްސަލާން ފެނުނީ ދާދި ކައިރިވެފައި ހުއްޓެވެ. މާއިޝާ އެމީހުންނަށް މަރުހަބާ ކިޔަންވެގެން ފެންގަނޑުން ދެފައި ނަގާފައި ހިނގައިގަތް ވަގުތު ފެންގަނޑުގެ އޮމާން ކައިރިފަށުގައި ފެނާއެކު ފައި އެޅުނު ގޮތަކުން ކައްސާލައިފިއެވެ. އެވަގުތު އަނގައިން ނިކުތް ތޫލި ހަޅޭކުގެ އަޑު ފަޒާގެ ތެރެއަށް ނުފެތުރެނީސް ނާޔަލް އެންމެ ކައިރީގައި ހުރެފައި އަރި އަޅާލި އެހަށިގަނޑު ގެންގޮސް މެޔާލައި ތަތްކޮށްލައިފިއެވެ. 

މާއިޝާ ދުރަށް ދާންވެގެން ހުރިހާ ބާރެއް ދެއަތަށް ލައި ނާޔަލް ކޮނޑުގައި ވިއްދާލި ނަމަވެސް ވީ ކަމެއް ނެތެވެ. އޭނާއަށް ދުރަށް ދެވުނީ ނާޔަލް ހިތް ފުރޭވަރު ވުމުން ބިންމަތީ ބެހެއްޓީމައެވެ. ރަތްވެފައިވާ މޫނާއެކު ދެން ބަލައިލެވުނީ އަރްސަލާންމެން ހުރި ދިމާއަށެވެ. ހަތަރުކަޅި ހަމަކޮށްލުމާއެކު އަރްސަލާން އިސްޖަހާލި ގޮތުން ހިތަށް ހީވީ ކަށިތަކެއް ހަރައިލެވުނު ހެންނެވެ. ތުންފަތުގައި ދަތް އަޅާލައިފައި އޭނާ ގޮސް ވެއްޓިގަތީ އަނެއްކާވެސް އެތާ ހުރި ބީޗް ޗެއަރއަށެވެ. ފަހަތުން ދެންތިބި މީހުންވެސް ގޮސް ގޮނޑިތަކުގައި އޮށޯތެވެ.

"އިޝީ އަހަންނަށް އަރްސަލާން ހޭންޑްލް ކުރެވޭ ވަރެއް ނޫން. ހީ ޑަޒަންޓް ޓޯކް....އެޓް އޯލް." މެހެރީން އެންމެ ކައިރީގައި އިނދެފައި މާއިޝާއާއި މޫނު ކައިރިކޮށްލައިގެން ވައިއަޑުން އިއްވާލިއެވެ. އެއަޑު އަހާފައި މާއިޝާ ބަލައިލިއިރު އަރްސަލާން އިނީ ދުރުން ފެންނަން އޮތް މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ. ލައިގެން ހުރި ކަކުލާއި ހަމައަށް އަންނަ ނޫ ސޯޓާއި ހުދު ޓީޝާޓްގައިވެސް ހީވަނީ ރީތިކަން އިތުރުވެފައި ވާ ހެންނެވެ. ނާޔަލްއަށް ފާހަގަ ވެދާނެތީ މާއިޝާ އިރުކޮޅަކުން އިސްޖަހާލިއެވެ. އެވަގުތު މެހެރީން ކުރަން ރާވައިފައި ހުރި ކަންތައް ތަކުގެ ވާހަކަ ފަށައިގެން އޭނާ އެވާހަކައާ ބައިވެރިވެގެން އިންދާ ނާޔަލް ވާހަކަދައްކަން ފެށީ އަރްސަލާންއާ މުޚާތަބު ކޮށްފައެވެ. އެއްލި ކަޅިއަކުން މާއިޝާއަށް އެތަން ފެނިގެން ޖެހިލުންވިއެވެ. ދެކެވޭ ވާހަކައަކުން އަރްސަލާންގެ އާދަޔާ ޚިލާފުކަން ނާޔަލްއަށް ފާހަގަ ވާކަށް ބޭނުމެއް ނޫނެވެ. އޭނާ އެންމެ އަޖައިބުވީ އަރްސަލާންވެސް ނާޔަލްއަށް ރައްދު ދޭން ފެށީމައެވެ. އެކަމަކު އެމޫނުން ކުޑަވެސް ނުތަނަވަސްކަމެއް ފައުޅެއް ނުވެއެވެ. އޭގެ ބަދަލުގައި އަރްސަލާން އިނީ ހަމަޖެހިލާފައެވެ. ހީވާގޮތުން ޖެހިލުންވާން ޖެހޭނެ މީހަކީ ނާޔަލްއެވެ. އެއީ އަރްސަލާން ބޭނުމެއްވިއްޔާ ސިކުންތެއްގެ ތެރޭގައި އޭނާގެ މުށުތެރެއަށް ނާޔަލްގެ ފުރާނަ ލުމަކީ އެއްވެސް ކަމެއް ނޫނެވެ. 

ކޮމެންޓް 0