މާއިޝާ ނިދާނަމޭ ހިތާ ކުޑަދޮރު ލައްޕަން ކައިރިވެލީ ވަގުތު ދާރަމަތިން ފެނުނު އެއްޗަކުން މެއަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. ދާރަމަތީ އެއޮތީ ހެނދުނު ފެންގަނޑަށް ވެއްޓުނުއިރު ގެއްލުނު ފޯނެވެ. މާއިޝާ ފިނިވެފައިވާ ދެފައިން ހިނގާފައި ގޮސް އަތަށް ނެގިއިރު، އެފޯނު އޮތީ ދެންމެ ފެންގަނޑަކުން ނަގާފައި އޮތް އެއްޗެއްހެން ތެމިފައެވެ. ދިރޭ އެއްޗެއް އަތުން ފޮޅައިލާހެން އޭނާއަށް ފޯނު ތިރިއަށް ދޫކޮށްލެވުނެވެ. ނޭވާ ނުލައި ހުރެގެން މާއިޝާ ކުރި ކަމަކީ ފުރަތަމަ ދޮރު ލައްޕައި ފޮތިގަނޑު ދަމާލުމެވެ. "މެހެރް....މެހެރް...ހޭލަބަލަ!" އޭނާ އެނބުރި ގޮސް މެހެރީންގެ މަގަތުގައި ގުދަށް އޮވެ އެމޫނުގައި ކޮށްޓަމުން ގޮވިއެވެ. "މެހެރް ގަބޫލެއް ނުކުރާނެ އަހަރެން ބުނަން މިއުޅޭ ވާހަކައެއް." މެހެރީން ތެދުވެ އެނދުން ތިރިއަށް ދެފައި އެލުވާލައިގެން އިނދެފައި އާ ފުރެން ފެށުމުން މާއިޝާ އަވަސް ރާގުގައި ވާހަކަދެއްކިއެވެ. މެހެރީން މާއިޝާ ކީ އެއްޗެއް އިވިގެން މޫނަށް ބަލައިލާފައިވެސް ނިންޖާއިގެން ވާހަކަދައްކަން އަނގަ ހުޅުވައެއް ނުލައެވެ. 

"މެހެރް ނިދާ ހޭލިއެއް ކަމަކު ހަނދާން އެބަހުއްޓެއްނު އަހަރެންގެ ފޯނު މިއަދު ހެނދުނު ފެންގަނޑަކަށް ވެއްޓުނުކަން. އެނގޭތަ އަހަރެން ދެންމެ ނިދަން އައިސް ދޮރު ލައްޕަން ކައިރިވީއިރު އެފޯނު އޮތީ ދޮރު ދާރަމަތީ. އެން ގެސް ވަޓް؟ މުޅި ފޯނުގަ ފެން ހުރީ. އަހަރެން ދައްކަވެސްފާނަން. މެހެރް އާދެބަލަ!" މާއިޝާގެ ފަހު ޖުމްލަތައް އިވިގެން މެހެރީން ތަންކޮޅެއް ޝައުޤުވެރިވެފައި ބަލައިލިތަނާ މާއިޝާ އޭނާގެ އަތުގައި ހިފާ ކޮޅަށް ނަގާފައި ގެންގޮސް ދޮރު ކައިރީ އޮތް ފޯނު ދައްކައިފިއެވެ. މެހެރީން ރަނގަޅަށް ލޯ ހުޅުވައިލީ ދެނެވެ.

"....އެހެންވީމަ އިޝީ ދެއްކީ ހުސް ތެދު ވާހަކަތަ؟" މެހެރީން ފޯނު އަތަށް ލައިގެން ހުރެ ބަލަމުން ބުނެލިއެވެ. މެހެރީން އެ ނަގަން ގުދުވި ހިސާބުން ފެށިގެން މާއިޝާ ހުރީ އަތުން ދޫކޮށްލައިފައި ފިޔަވަޅެއް ފަހަތަށް ޖެހިލައިގެންނެވެ. "އިޝީ ނުބަލަންތަ މި ގެނަ މީހާ ބޭރުގަ ހުރިތޯއެއް." މެހެރީން ކުއްލިއަކަށް ކުޑަދޮރާއި ގާތްވާން ފެށުމުން މާއިޝާ ބިރުން ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާ މެހެރީންއަށްވުރެ ކުރިން ފުންމައިގެންފައި ގޮސް ދޮރުމަތީ ހުރަހަކަށް ވެގެން ހުއްޓުނެވެ. "ވަޓް؟" މެހެރީން މޫނަށް ގޮތެއް ހަދައިލިއެވެ. "އާ ޔޫ ކްރޭޒީ؟ ބިރެއްވެސް ނުގަނޭތަ؟ ވިސްނާލަބަލަ. އޭނައަށް އަދި އަހަރެން ފެންގަނޑު ފެނުނަސް ކިހިނެތް އެނގުނީ މިގެއާ ހަމައަށް ފޯނު ގެންނަން؟" މާއިޝާގެ ތުންފަތް ހިކޭގޮތް ވެގެން ދޫ ކާއްތައިލާފައި ކުރީގައިވެސް ހުރި އަވަސް ރާގުގައި ވާހަކަދެއްކިއެވެ. "އަހަރެންތަ މޮޔައީ އަދިވެސް. ބަލަ އޭނަ އެއީ މިރަށު މީހެއްވިއްޔާ އިނގޭނެއެއްނު އެބިމަކީ ބައްޕައަށް ނިސްބަތްވާ ތަނެއްކަން. އިޝީ ދެން ތިބުނަނީ އޭނަގެ ކޮންމެވެސް ގޯސްޓް ޕަވަރއަކުން ހޯދީއޭތަ؟ ގިވް މީ އެ ބްރޭކް.." މެހެރީން ވާހަކަ ނިންމާލީ ހިނިގަނޑަކުންނެވެ. އޭނާ މާއިޝާ ދުރަށްލައިފައި ކުޑަދޮރު ހުޅުވިއިރު މާއިޝާ ހުރީ އެވާހަކަ ކޮންމެވެސް ވަރަކަށް ގަބޫލު ކުރެވިގެން ކުރިއަށްވުރެ ހަމަޖެހިފައެވެ. މެހެރީން ދުރު ދުރަށް ދާންދެން ގަސްތައްތެރެ ހޯދާފައި އެކަކުވެސް ނުފެނިގެން އަނެއްކާ ދޮރު ލައްޕާ ބަންދުކޮށްފައި ދެން ދާން ފެށީ ކޮޓަރީގެ މައި ދޮރާއި ދިމާއަށެވެ. 

މާއިޝާ ސުވާލު ކުރުމުން އޭނާ ބުނެލީ މީހަކު އައިތޯ ބައްޕައާ ސުވާލު ކުރަން ދަނީ ކަމަށެވެ. "ދެން ހުއްޓާލާ މެހެރް. އަހަރެން ބޭނުމެއް ނޫން ބައްޕަގެ ހިތުގަ އިތުރު ސުވާލުތަކެއް އުފެދޭކަށް. ދެން ހިނގާ ނިދަން." މާއިޝާ ހުރީ މެހެރީންއަށް ގޮވުނީތީވެސް މޮޔަ ހިތަށް އަރާފައެވެ. އޭނާގެ ވާހަކަ އިވިގެން މެހެރީން އޯކޭ އޭ ބުނެފައި އަނެއްކާ އައިސް އެނދަށް ވެއްޓިގަތުމުން މާއިޝާވެސް އަނެއް ފަރާތުގައި އޮށޯވެ ރަޖާލައިފިއެވެ. މެހެރީން ދެއްކި ވާހަކަތަކަށްފަހު އޭނާއަށް މިފަހަރު ނިދަން ފަސޭހަވިއެވެ. މެހެރީން ބުނާހެން އޭނާއަށް ކަންކަމާމެދު މާބޮޑަށް ވިސްނެނީކަމަށް ގަބޫލު ކުރެވުނެވެ. ކިތަންމެ ކުޑަކަމަކާމެދުވެސް ރަނގަޅު ގޮތް އޮތްވާ އޭނާއަށް ވިސްނެނީ އޭގެ އިދިކޮޅަށެވެ. އެކަމަކު ފެންގަނޑުން ފެނުނު ސޫރައާމެދު އެއްކަމެއް ޔަޤީންވެއްޖެއެވެ. އެއީ އެމީހަކު އޭނާގެ ބައްޕަ ޒަރީރާއަަކަށް ނުހަދައި ސީދާ އޭނާއަށް ފޯނު ރައްދު ކުރަން މަސައްކަތް ކުރި ކަމެވެ.

މެހެރީންއަށް ހެނދުނު ހޭލެވުނީ މާއިޝާ ފެންވަރައިގެން ނިކުމެ ފޮތިގަނޑު ކަހާލުމުންނެވެ. ބިއްލޫރިގަނޑު ފުރާނާލައިފައި ކޮޓަރި ފުރާލި އިރުގެ އަލީން ލޮލަށް އުދަނގޫ ވެގެން އޭނާ އެނބުރުނީ އަނެއްފަރާތަށެވެ. "މެހެރް...ދެން ތެދުވޭ. މިހާރު ނިދިއްޖެއެއްނު. އެއޮތް ދިހަގަޑި ބައިވަނީއޭ.." މާއިޝާ ލޯގަނޑު ކުރިމަތީ ހުރެގެން އިސްތަށިގަނޑު ހިއްކަމުން ކިއެވެ. ނިދި ހަލާކުވުމުން ކުސްތަޅާލައިފައިވެސް މެހެރީން ތެދުވިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ތައްޔާރު ވެލައިގެން އޭނާ ނިކުތްއިރު އަނެއް ދެމީހުން ތިބީ ކާކޮޓަރީގައި ނާސްތާ ކުރާށެވެ. "ބައްޕަ ރޭގަ ކޮންއިރަކު ނިދީ؟" މެހެރީން ގޮސް އިށީންދެފައި ކުރި ސުވާލުން މާއިޝާގެ ސަމާލުކަން އެމޫނަށް ހުއްޓުނެވެ. "ބާރަގަޑި ބައިވި ފަހުން." މަލީހް ސައިތަށިން ކޯވަރެއް ބޯލައިފައި ބަހައްޓަމުން ދަރިފުޅު މޫނަށް ބަލައިލިއެވެ. "އެހުރިހާއިރު ދެން ހަމަ އެކަނިތަ އުޅުނީ؟ މިބުނީ މީހަކުވެސް ނާދޭތަ؟" މެހެރީންގެ ވާހަކަ ދާ މިސްރާބު އެނގިގެން މާއިޝާ ހާސްވިއެވެ. ބައްޕަ ވިސްނުން ތޫނުކަމުން އެދެމީހުން ކަމެއް ސިއްރު ކުރާކަން އެނގިދާނެތީ ނުހަނު ޖެހިލުންވިއެވެ. އޭނާ، މެހެރީން ބަަލައިލި އިރަށް ބައްޕައަށް ނޭނގޭނެހެން އިތުރަށް ވާހަކަ ނުދެއްކުމަށް އިޝާރާތް ކުރިއެވެ. 

"ހޫމ. ކީއްވެ ކުރި ސުވާލެއް؟" މަލީހް ސުވާލު ކޮށްލުމުން މާއިޝާއަށް އަތް މުށްކަވާލެވުނެވެ. މެހެރީންއަށް ޖަވާބު ދޭން ނޭނގިއްެޖެއްޔާ ދުވަސް ދިޔައީއެވެ. އެވަގުތު ދެ އަންހެން ކުދީން ޖަވާބު ދޭންވެގެން އެކަކު އަނެކަކަށް ބަލަބަލާ ތިއްބާ ބައްޕަގެ ފޯން ރިންގްވިއެވެ. މަލީހު ފޯނު ނަގައި ވާހަކަ ދައްކަން ފެށުމުން މާއިޝާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ފޯނު ނިމެންވާއިރަށް އޭނާ އިނީ މަސައްކަތުގެ ވާހަކަ ދައްކަން ތައްޔާރު ވެގެންނެވެ.

ހަވީރު ޒަވީ އައިސްގެން މެހެރީން ސައިކަލު ދުއްވާލަން ދިޔަ ވަގުތުކޮޅު މާއިޝާ ގުޅާލީ މަންމައަށެވެ. ލިޔާ މޭޒުކައިރީ އޭނާ އިންއިރު ކުރަހާފައި އޮތް ފްލޯ ޕްލޭން ކުރިމަތީ އޮތެވެ. ވާހަކަދެއްކިއިރު މަންމަވެސް އެންމެ ކަންބޮޑުވުން ފައުޅު ކުރީ އޭނާ ފޯނެއް ނުހޯދައިގެންނެވެ. މާއިޝާ މަންމަ ހިތްހަމަޖައްސަދޭން ވެގެން މިރޭ ފޯނެއް ބަލަން ދާނެ ވާހަކަ ބުންޏެވެ. އޭނާ ނާޔަލްއަށް ޖެއްސުމަށް ފޯނެއް ނުހޯދަން އުޅުނަސް ގުޅަން ބޭނުންވާ އެހެން މީހުންނަށް އުދަނގުވާނެކަން އަމިއްލައަށްވެސް ގަބޫލު ކުރެވެއެވެ. އެހާ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ވަކިން ރަށަކަށް އައުމުން މަންމަވެސް އިރު އިރުކޮޅާ ގުޅަން ބޭނުން ވާނެއެވެ. މެހެރީން އަކީ ދެން މާ ފަރުވާކުޑަ ކުއްޖެކެވެ. ގިނަ ފަހަރަށް އޮންނާނީ ޗާޖް ހުސްވެގެން ފޯން ނިވިފައެވެ. ކަންނެތް ކަމުން އެޗާޖަށް ޖަހައިލަން އޭނާއަށް ވަނީ ބޮޑު ކަމަކަށެވެ. އެކަމަކު ހަމަ ޗާޖް ފުލްވެފަ އޮތިއްޔާ ފޯނު ހިފައިގެން އެތަން މިތާ އިންސްޓަގްރާމް ކުރަން ދުވެ ނަގައެވެ.

އިރު އޮއްސެން ކައިރިވެފައި ހުއްޓާ ޒަވީ އެނބުރި އައި ވަގުތު ފޯނު ބަލަން ދާން މާއިޝާ ޕްރޮގްރާމް ރޭވިއެވެ. ޒަވީ ވަކިވީ ނުވައެއް ޖަހާކަށްހާއިރު ބަލައި އަންނާނެ ކަމަށް ބުނެފައެވެ. ދެން އެތިން މީހުން ބައްދަލުވީ ޒަވީ ބުނި ގަޑިއަށް އެގޭ ދޮރުމަތިންނެވެ. މާއިޝާ އާންމުކޮށް ލާ ކަހަލަ ތަނބިކަށްޓާއި ހަމައަށް ހުންނަ ކަޅު ހެދުމަކާއެކު ހުދު ލޭސް ޖެކެޓް ކޮޅެއްގައި ހުރިއިރު އިސްތަށިގަނޑު އޮތީ ހުޅިއަކުން ހައްޔަރު ކޮށްފައެވެ. މެހެރީން ކަކުލާއި ހަމައަށް ހުރި ޕީޗް ކުލައިގެ ހެދުން ކޮޅަކާއެކު ނޫ ބޫޓެއްގައި މާއިޝާއާއި އެއްވުރެ އިސްކޮޅުން ދިގެވެ. އެފަން އިސްތަށިގަނޑު ދޫކޮށްލައިފައި އޮތުމުން މިނިވަން ކަމާއެކު ވައިގެތެރޭ ހަރަކާތް ކުރަމުން ދިޔައެވެ. ޒަވީ އައިސް ހުއްޓިފައި ދެއަންހެން ކުދީންގެ ރީތި ކަމަށް ތައުރީފް ކޮށްލީ ހިތާއި ހިތުންނެވެ. ހާއްސަ ކޮށް މެހެރީންއަށް އޭނާ ލޯ ހުއްޓިފައި އެހުންނަނީ އެއަރޕޯޓުން ފެނުނީއްސުރެންނެވެ. ރޭގަނޑުގެ ފިނީގައި ފައިމަގު ހިޔާރު ކުރަން އެކުދިން އެދުމުން ޒަވީ ސައިކަލު ފާރު ކައިރީ ބެހެއްޓިއެވެ. އެއަށްފަހު ތިން މީހުން މަގު ހުރި ގޮތަށް ކުރި އަރައިގެން ދިޔައީ ފަސްދީފައި ދިޔަ އެންމެންގެ ސަމާލުކަން އަތުލަމުންނެވެ. 

ފޯނެއް ގަނެގެން އެމީހުން ވަނީ ރެސްޓޯރެންޓަކަށެވެ. ކޮފީ ބޯން ތިބެގެން އެކި އެކި ވާހަކަ ދައްކަމުން ދިޔައިރު ކޮއްކޮގެ މޫނަށް ހުއްޓިފައި ހުރި ޒަވީގެ ލޯ މާއިޝާއަށް ފާހަގަވިއެވެ. މެހެރީންވެސް އިރު އިރުކޮޅާ ޒަވީ އަތުގައި ހިފައި އަދި ހީގަންނަ ކޮންމެފަހަރަކު ކޮނޑުގައި ބޯ އަޅައި އުޅޭއިރު ހީވަނީ އޭނާވެސް ޒަވީއާ ގަޔާވާ ހެންނެވެ. އެވަގުތުން ފެށިގެން މާއިޝާ ހުރީ މެހެރީންއާ ވަކިން ވާހަކަދައްކަން ނިންމައިގެންނެވެ. ޒަވީ އެއީ މެހެރީން ބޭނުން ވުމުން އެކު އުޅެ ލިސްޓަށް އިތުރު ކޮށްލާފައި ގުޅުން ކަނޑާލެވޭނެ ލޯބިވެރިއަކަށް ނުވާނެކަން ހަނދާން ކޮށްދޭން އަޒުމް ކަނޑައެޅިއެވެ. ފެށުނީއްސުރެ ކޮއްކޮގެ ކަންތައް ހުންނަ ގޮތް އެންމެ ކައިރިން ދުށީ އޭނާއެވެ. މެހެރީންއަށް މިހާތަނަށް ފެނިފައި ހުރީ މުޅިންވެސް މަދު ދުވަސްކޮޅެއްގެ ލޯބިވެރިންނެވެ.

"ސޯ....ޑޮކް ދެން ގެއަށް ގޮސް ނިދާނީތަ؟" އެނބުރި ގޮސް ދޮރާށްޓާއި ހަމައިން އެމީހުން އެކަނިކޮށްފައި މާއިޝާ ވަދެގެން ދިއުމުން މެހެރީން ވާހަކަދެއްކީ ސައިކަލަށް އަރާ އިށީން ޒަވީއާއެވެ. ޒަވީ ޖަވާބުގައި ހޫމ އަޅުވާލައިފައި ކަޅި ޖަހާނުލާ ބަލަން އިންދާ މެހެރީން އުފާވެރި ގޮތަކަށް ހިނިތުންވެލިއެވެ. "މެހެރް ކީއްކުރާނީ؟" ޒަވީވެސް ހަމަ އެސުވާލު ކޮށްލިއެވެ. "އަހަރެންވެސް. އެކަމަކު މާދަން ވާނެ އަދި މީޓް ވާން. މާދަން އޮފްވާނެއޭ ބުނީމެއްނު. އަނެއްކާ ފްރައިޑޭ ވީމަ ތިގޭ އެންމެންވެސް އުޅޭނެ. ހިނގާ ޕިކްނިކްއެއް ޕްލޭން ކުރަން."މެހެރީން ވާހަކަދައްކަމުން ސައިކަލުގެ ހުންގާނުގައި ދެއުޅަބޮށި އަޅާލުމުން ދެމީހުންނަށް ތިބެވުނީ ނިކަން ކައިރީގައެވެ. މަގުމަތީ ހޮޅިބުރި އަލީން މެހެރީންގެ މޫނު ފެންނަމުން ދިޔަ ގޮތުން ޒަވީ އިނީ ކުރިއްސުރެ ހިތް އަވަސްވެފައެވެ. "ރަނގަޅު ހިޔާލެއް." ޒަވީ އަމިއްލަ ނަފްސް ކޮންޓްރޯލް ދަށަށް ގެންނަމުން ސައިކަލު ސްޓާޓް ކުރިއެވެ. "އޯކޭ. ގުޑްނައިޓް." މެހެރީން ވަންނަން ވެގެން ހަނާ އަޅާލުމުން ޒަވީ އޭގެ ޖަވާބު ދީފައި ސައިކަލުގައި ގޮސް ގެއްލުމުން އޭނާ ދިޔައިރު މާއިޝާ އޮތީ އެނދަށް އަރައި ރަޖާލައިގެންނެވެ. 

"މެހެރްއަށް ޒަވީއާ ތަންކޮޅެއް ދުރުން އުޅެވިދާނެތަ؟" މެހެރީން ނިދާ އެއްޗެހި ލައިގެން އައިސް އޮށޯތްތަނާ މާއިޝާ ބުނެލި އަޑު އިވުނެވެ. އެވަގުތު މެހެރީން ކުއްލިއަކަށް ތެދުވެ ދެފައި ވަށްކޮށްލައިފައި މާއިޝާއަށް ބަލަން އިނދެގެން އެއީ ކީއްވެތޯ އެހިއެވެ. "ހީ ލައިކްސް ޔޫ.." މާއިޝާ ޖަވާބުދިނީ މަަގަތަށް އެނބުރިފައެވެ. "ސޯ؟....ނުބުނާތި އިޝީ ޖޭވަނީއޭ. ހުރިހާ ގުޑްލުކިން ގައިޒް ހަމައެކަނި އިޝީއާތަ ގަޔާވާން ޖެހެނީ؟" މެހެރީން ވާހަކަދެއްކި ގޮތުން ހިތްހަމަ ނުޖެހިގެން މާއިޝާވެސް ތެދުވެ އިށީންދެއްޖެއެވެ. "މެހެރް އަހަރެން މިހެން މިބުނަނީ ޒަވީ އަކީ އަހަރުމެންގެ ކަޒިންއެއް ވީމަ. އެއީ މެހެރް ފޫހިވާއިރަށް ދޫކޮށްލާފަ ދެވޭނެ ކަހަލަ މީހެއް ނޫން. މެހެރް މާ ގާތްކޮށް އުޅުނީމަ ގޯސް މެސެޖެއް ޒަވީއަށް އެ ދެވެނީ. އެހެންވެ މިބުނަނީ މެހެރް އޭނާއާ ގަޔާ ނުވަންޏާ ގައިގަ އޮޅޭނެ ކަމެއް ނެތް." މާއިޝާ މަންމައެއްހެން ހަރުކަށިކަން ދެއްކިއެވެ. މެހެރީންއަށް އޭނާ ވާހަކަދެއްކި ރާގު ކަމު ނުގޮސްގެން "ވަޓްއެވަރ" އޭ ކިޔާލައިފައި އޮށޯވެ ރަޖާއިން މޫނު ފޮރުވީއެވެ. ކޮއްކޮ ކަންތައް ކުރިގޮތުން ރުޅި ގަދަވެގެން މާއިޝާވެސް އަނެއްކާ އެނދަށް ވެއްޓިގަނެ ބިތްދޮަށަށް އެނބުރުނެވެ.

އަނެއްކޮޅުން އިރު އެރިއިރުވެސް ދެބެންގެ މެދަށް ވެރިވެފައި އޮތް ކިލަބުކަމެއް ނުދެއެވެ. މާއިޝާ ނުހޭލަނީސް މެހެރީން ތެދުވެގެން ޕިކްނިކްގެ ކަންކަން ހަމަޖައްސަން ދިޔައީ ގޮވާވެސް ނުލައެވެ. މާއިޝާއަށް ދެވުނުއިރު އެންމެން ފޮށިގަނޑުތަކަށް އެއްޗެހި ހަމަކޮށްގެން ޕިކަޕަށް އަރުވަން އުޅެއެވެ. ކައިރިއަށް ދެވުނުތަނާ މާއިޝާއަށް ލޯ ބޮޑުކޮށްލެވުނީ މެހެރީން ލައިގެން ހުރި އެއްޗެހި ފެނިފައެވެ. ކިރިޔާ އަތް ހިއްލާލާއިރަށް ބަނޑު ފެންނަ ވަރުގެ ޓޮޕަކާއެކު ތިރިން ލައިފައި ހުރީ ޖިންސް ފޮތީގެ ކުރު ކުރު ސޯޓް ކޮޅެކެވެ. "ގޯޑް.... މިކުއްޖާއަށް ހަމަ މީހަކު ނުބުނިއްޔާ ނުވިސްނޭނެތަ؟" ހުޅިޖަހާފައި އޮތް ބޮލުގެ އިސްތަށިގަނޑު ތެރެއަށް އިނގިލިތައް ކޮށްޕާލަމުން އޭނާ ދަތްކުނޑި ވިކާލައިފައި އެކަނި ވާހަކަދެއްކިއެވެ. މެހެރީން ޕިކަޕް ކައިރީގައި އެހެން މީހުންނަށް ގޮތް ކިޔައިދޭން ހުއްޓާ މާއިޝާ ދިޔަ ގޮތަށް ގޮސް އަތުގައި ހިފާ ދަމާފައި އެއްފަރާތަކަށް ގެންގޮއްސިއެވެ. 

"ކީއްކުރަން އަހަރެން ތިގެނައީ؟" މެހެރީން އަތް ފޮޅުވާލައިފައި ހަށަން ބަނދެލައިގެން އެނބުރުނީ އަނެއްފަރާތަށެވެ. "މެހެރް ތި ސޯޓު ލައިގެން ނުވާނެ ގޮސްގެނެއް. ދޭ ތީތި ބަދަލުކޮށްގެން އަންނަން." މާއިޝާ އެހެން މީހުންނަށް ނީވޭނެހާ މަޑުން އަމުރު ކުރިއެވެ. އެއަޑު އަހާފައި މެހެރީން ބަލައިލީ އަނދައަނދާ ހުރި ލޮލަކުންނެވެ. އޭނާ ބަސްބުނުމަކާ ނުލާ މާއިޝާގެ ވާހަކައިގައި ކޮޅުފައިން ޖަހާފައި ގޮސް ދުރުގައި ތިބި އެހެން މީހުންނާ ބައިވެރިވެއްޖެއެވެ. މާއިޝާއަށް ޖެހުނީ ރުޅިގަދަވެފައި ބަލަން ހުންނާށެވެ.

އަތިރިމައްޗަށް ގޮސް މެހެރީން އުޅުނީ އަނެއްކާވެސް މާއިޝާ ރުޅިއަންނަ ގޮތަށެވެ. ކެއްކުމުގެ ކަންތަކުގައި ކުޑަވެސް އެހީތެރިކަމެއް ފޯރުކޮށްނުދީ ޒަވީ ގޮވައިގެން އޭނާ ވަންތަނެއްވެސް ނޭނގުނެވެ. މާއިޝާ ބޮޑެތި މީހުންނާއެކު ކައްކަން އުޅެފައި އިރު އިރުކޮޅާ ގޮނޑުދޮަށަށް ފައިބާފައި އެދެމީހުން އާދޭތޯ ބަލައިލައެވެ. 

"ދަރިފުޅާ މާއިޝާ. ކޮބާތަ މެހެރީން؟ މިހާރު ކެކުނީއޭ.." މަލީހް ކެކިފައި ހުރި ތެލި ދަށުގައި އަނދަ އަނދާހުރި ދަރުތައް ނެރެ ފަސްގަނޑަށްލައި ނިއްވަމުން ވާހަކަދެއްކިއެވެ. މާއިޝާ ކައިރީގައި އިނދެފައި ނޭނގެއޭ ބުނެ ކޮނޑު އަރުވާލައިފިއެވެ. އޭގެ އިރުކޮޅެއް ނުވެ މެހެރީންގެ ހުނުމުގެ އަޑު އިވިގެން ބަލާލިއިރު ރާޅުޖަހާ ހިސާބުގައި ހުރެގެން އިރު އިރުކޮޅާ ގުދުވެފައި ލޮނު ގޮނޓެއް ނަގާ ޒަވީ ތެންމާލެވޭތޯ އުޅެއެވެ. ޒަވީ ސަލާމަތް ވާން ވެގެން އެއްގަމަށް އަރައި ޖައްސާލީ އެތާހުރި މަގޫ ގަސްތަކެއްގެ ކައިރީގައެވެ. މަލީހް ތެދުވެފައި ކާއެއްޗެހި ތައްޔާރުވި ވާހަކަ ބުނުމުން މެހެރީން ދުވެފައި އައެވެ. ޒޫނާ އާއި ހަނާއެކު މެހެރީން އެންމެ ކުރިން ކާއެއްޗެހި އަޅައިގެން ދުރަށް ދިއުމުން މާއިޝާ ފުރަތަމަ ނެގި ތައްޓަށް އެއްޗެހި އަޅާފައި ގެންގޮސް ޒަވީއަށް ދިނެވެ. "ތޭންކްސް." ޒަވީ އިސްއުފުލާލައިފައި ތަށީގައި ހިފަމުން ހިނިތުންވެލިއެވެ. މާއިޝާވެސް ޖަވާބުގައި ހިނިތުންވުމެއް ހަދިޔާކޮށްފައި އެނބުރި އައިސް ކާން އިށީންނީ ބޮޑެއްޗަށް ތިބި ތިން މީހުން ކައިރީގައެވެ. މަލީހް އާއި ޒުހައިރު ވެގެން ކުޑައިރު އެމީހުން ފަޅު ރަށް ރަށަށް އޯވަރ ނައިޓްތަކަށް ގޮސް ކުރާ މަޖާ ކަންތަކުގެ ވާހަކަ ކިޔާފައި ހޭ އަޑު އަހަން އޭނާ އިނީ ޝައުޤުވެރިވެފައެވެ. 

ކެއުން ނިންމާފައި މާއިޝާ ފިޔަވައި ދެންތިބި މީހުން މޫދަށް އެރެން ފެށިއެވެ. މާއިޝާ އާ ފޯނުގެ ފީޗަރސްތައް ދަސްކުރަން ވެގެން ފޯނާއި ކުޅެން އިނީ އޭނާ އެރޭނީ ތަންކޮޅެއް ލަހުންނޭ ކިޔައިފައެވެ. 

"އޭ ޖޭސްމީން ހަރުވާޅު!" މެހެރީން ދާދި ކައިރިން ވާހަކަދެއްކި އަޑަށް މާއިޝާ އިސްއުފުލާލިއިރު ތެމިފޯވެގެން އައިސް އިނީ ދަބަހުން ކޮންމެވެސް އެއްޗެއް ބަލައެވެ. މާއިޝާ އެއްޗެއް ނުބުނެ ބަލަން އިންދާ މެހެރީން ނެގީ މާސްކް އެކެވެ. "ޒަވީ ދެން ނޫޅޭނެ އަހަރެން ފަހަތަކުން. އަހަރެން އޭނަ ކައިރިން ބުނެފިން އަހަރެން މީ ލެޒްއެކޭ." މެހެރީން އެނބުރިފައި ބުނެލި ވާހަކައިން މާއިޝާއަށް ތެޅިގަނެވުނު ގޮތަކުން ފޯނު ވެއްޓުނީ ވެލިގަނޑު މައްޗަށެވެ. "ކިޑިން...." އެވަގުތު މެހެރީން ކުއްލިއަކަށް ހީގެންފިއެވެ. މާއިޝާ އަނގައަށް ވައްތަރެއް ޖައްސާލައިފައި ފޯނު ނަގައިގެން އަނެއްކާ ކުޅެން ފެށިތަނާ މެހެރީން ތެދުވެގެން ދާން ހިނގައިގަތެވެ. އެކަމަކު ތަންކޮޅަކަށް ގޮއްސައި އޭނާ ހުއްޓިފައި އަނެއްކާވެސް ބަލައިލީ މާއިޝާއަށެވެ.

"އިޝީއަށް އެނގޭތަ ޒަވީ ކިޔައިދިން ވާހަކައެއް.." މެހެރީން ވާހަކަ ދެއްކި އަޑަށް މާއިޝާ މިފަހަރުވެސް ބަލައިލިއެވެ. "އޭނަ މޫދަށް ނޭރެނީ ތަންކޮޅެއް ކުޑައިރު މޫދުން ފެނުނު ކުއްޖެއް އެޓޭކް ކުރި ފަހުންނޯ. އަހަރެން ކައިރީ އެވާހަކަ ދެއްކިތަނާ އަހަރެން ހަނދާންވީ އިޝީއަށް ފެންގަނޑުން ފެނުނު މީހާ މަތިން. ޒަވީ ބުނި އެކުއްޖާ އެއްގަމަކަށް ނާރައޭ އަޑިއަށް ގޮހޭ ގެއްލުނީ...ނޭނގެ ދެން އެއީ އޭނަ ކްރިއޭޓް ކޮށްގެން އުޅޭ ސްޓޯރީއެއް ނޫންކަމެއްވެސް..." މެހެރީންގެ ވާހަކަ ނިންމާލަމުން ފާޑަކަށް ކޮނޑުއަރުވާލައިފައި ދިޔަ ހިސާބުން މާއިޝާގެ ލޯ ހޯދައިލީ ޒަވީއެވެ. މެހެރީން ބުނިހެން އެންމެންނާ ޚިލާފަށް ޒަވީ އެކަނިމާއެކަނި ފަސްގަނޑުގައި އޮށޯވެލައިގެން އޮތެވެ. މާއިޝާ ފޯނު ޖީބަށްލައިފައި ތެދުވެ ވެލި ފޮޅާލަމުން ގޮސް ޒަވީ ކައިރިއަށް ހުއްޓުނެވެ. "އެއީ ތެދެއްތަ؟" މާއިޝާ ވާހަކަދެއްކިި އަޑަށް ޒަވީ ލޯ ހުޅުވައިލާފައި ކުއްލިއަކަށް ތެދުވެ އިށީނެވެ. "ކޯއްޗެއް؟" ޒަވީ އަހާލިއެވެ. "މެހެރް ދެންމެ ބުނި ވާހަކައެއް." މާއިޝާވެސް ޒަވީގެ ކައިރީގައި ފަސްގަނޑުގައި އިށީންދެލިއެވެ. އޭނާ ބަލާލިއިރު ޒަވީ އިނީ މޫދާއި ދިމާއަށް ބަލަހައްޓައިގެންނެވެ. 

"އެކަކުވެސް ގަބޫލެއް ނުކުރޭ. އެންމެން ބުނަނީ ޅަމިޔަރެއް ކަހަލަ އެއްޗެއްގެ ދަތުގެ ނިޝާނެކޭ މީ..." ޒަވީ ވާހަކަދައްކަމުން ލައިގެން ހުރި ޓީޝާޓް ހިއްލާލައިފައި ބަނޑުގެ އެއްފަރާތުގައި ހުރި ލަކުނު ދައްކާލިއެވެ. އެވަގުތު އެލަކުނު ބޮޑުކަމުން މާއިޝާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ތަންގަނޑެއް ހުރީ ނައްޓާލައިފައެވެ. "އެކުވެރިން ކިޔާވަރުން ހިތްވަރު ކޮށްފައި އެންމެފަހުން މޫދަށް އެރުނު ދުވަހުވެސް އެފެހި ދެލޯ ސިފަ ވީ." ޒަވީގެ ފަހުން އިތުރުކޮށްލި ޖުމްލައިން މާއިޝާއަށް ލިބުނު ސިހުން އަދި މާބޮޑެވެ. އޭނާއަށް ގަބޫލު ނުކުރެވިގެން ކީކޭ ހެއްޔޭ އަހާލެވުނެވެ. "އާ. އެކުއްޖާގެ ހުރީ އަހަރުމެން ދިވެހިންގެ ތެރެއިން ނުފެންނަ ކަހަަލަ ފެހި ދެލޯ." ޒަވީ ޔަޤީން ކަމާއެކު ޖަވާބު ދިނެވެ. މާއިޝާ ތެދުވެފައި ބުދެއްހެން އަތެއް ތަނެއް ނުގުނޑުވާ ގޮސް ދަބަސްތައް ކައިރިއަށް ހުއްޓުނެވެ. އޭނާ ފޯނު ދަބަހަށް ލައިފައި އެނބުރުނުއިރު މޫދުގައި މަޖާ ނަގަމުން ދިޔަ އެންމެން އޭނާއަށް ގޮވައެވެ. އެމީހުންގެ ގޮވުމަށް އިޖާބަ ދޭން ވެގެން އޭނާ އެދިމާއަށް ގޮސް ވަކި ހިސާބަކުން ހުއްޓުނެވެ. ދެން ކުއްލިއަކަށް ދުއްވައިގެންފައި ގޮސް ލޮނުގަނޑު ތެރެއަށް ޖެހިގެންފިއެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އެންމެ ފަހަރަކުވެސް ބޯހިއްލައި ނުލައި ފީނާލައިފައި އޭނާ ދިޔައީ އެންމެން ފަހަނައަޅާފައި ދުރަށެވެ. ބޭރަށެވެ. 

ކޮމެންޓް 0