"އިޝީ.....!!" މެހެރީން ތެދުވެފައި ކޮނޑުގައި ހިފާ ތަޅުވައިގަތުމުން މާއިޝާ ހުވަފެނުން ހޭލެވުނު މީހަކު ފަދައިން ތެޅިގެންފައި ބަލާލިއެވެ. "އަހަރެން މިދައްކަނީ ފެންގަނޑުން ފެނުނު މީހާގެ ވާހަކަ. މެހެރް އަހަރެން އޭނަ ސިފަކޮށްދޭން ބުނާނީ މިހާތަނަށް ފެނުނު އެއީ... އެއީ... މެހެރް ހީޒް ދި މޯސްޓް ބިއުޓިފުލް މޭން." މާއިޝާ ބުނާނެ ގޮތެއް ނޭނގިގެން ވިސްނަ ވިސްނާފައި އުދަނގުލުންވެސް އެންމެފަހުން ހާމަކޮށްލިއެވެ. އެއަޑު އަހާފައި މެހެރީން އިނީ ދެލޯ ބޮޑުކޮށްގެން އަނގަމަތީ އަތް އަޅާލައިގެންނެވެ. "އިޝީ އަހަންނަށް ޔަޤީން އޭނަ ވަރަށް ރީތިވާނެކަން. އިޝީ ތީ ދުވަހަކުވެސް މީހަކު ރީތިވެގެން ތިގޮތަށް ވާހަކަދެއްކި ކުއްޖެއް ނޫން." މެހެރީން ދައްތަގެ ވާހަކައާއި އެއްބަސްވިއެވެ. "ދެން ކިހިނެތްވީ؟ އޭނަ ކީކޭ ބުނީ؟" އިރުކޮޅެއް ކޮށްލާފައި މެހެރީން އިތުރު ސުވާލުތައް ހުށަ އަޅާލިއެވެ. މާއިޝާ ޖަވާބު ދޭން ފެށިއިރު ދުރު ބަލަމުން ދިޔަ ގޮތުން ހީވަނީ މިހާރުވެސް އެވީ ކަންތައް ލޯ ކުރިމަތިން ސިފަވަމުން ދިޔަ ހެންނެވެ.
"ހައި!" މާއިޝާ ބަލަހައްޓައިގެން ހުރެފައި ކަނާއަތްތިލަ ދައްކާލަމުން އިއްވާލިއެވެ. އެދެމެދުގައި ވާހަކައެއް ނުދެކި ގިނައިރުވާން ވެއްޖެނަމަ އެޒުވާނާ އެތަނުން ހިނގައިދާނެތީ އޭނާ ޖެހިލުންވީއެވެ. އެކަމަކު މާއިޝާ ހީކުރި ގޮތާއި ޙިލާފަށް އޭނާ އަދިވެސް ބަލަން ހުރީއެވެ. ކުޑަމިނުން ޖަހާލި ހައިއަށް ރައްދު ދޭކަށްވެސް ނޫޅުނެވެ. އޭރު މާއިޝާގެ ދެފައިކޮޅުން ވާގި ދޫވާން ފެށިއެވެ. އެތޫނު ބެލުން ބަރުދާސްތު ކޮށްގެން އޭނާ ހުންނާނީ ކިހާ އިރަކު ހެއްޔެވެ؟ މިހާރުވެސް މޫނު ހީވަނީ ރަތް ލޭކޮޅެއް ހެންނެވެ. "އަހަންނަށް ކިޔަނީ މާއިޝާ. އަހަރެންގެ ބައްޕައަކީ މިރަށު މީހެއް. ވިޗް ޔޫ އޯލްރެޑީ ނޯ..." މާއިޝާ ސިކުނޑިއަށް ބާރުލަމުން ވާހަކަ ކުރިއަށް ގެންދެވޭތޯ އަނެއްކާވެސް ފެށިއެވެ. "އަހަރެން އަސްލު ވަރަށް ބޭނުންވެފަ މިހުންނަނީ ...ތިމީހާއާ ބައްދަލު ކުރަން. އެދުވަހު ފެންގަނޑަށް ވެއްޓިގެން އަހަރެން ސަލާމަތް ކޮށްދޭން މަސައްކަތް ކުރީތީ ޝުކުރު އަދާކުރަން އަހަރެން ބޭނުމީ. ޝުކުރިއްޔާ. އަދި އަހަރެންގެ ފޯނު ގެންގޮސްދިނީމަވެސް. ދެން އަހަރެން ދަނީ." މާއިޝާ ވަކިވުމުގެ ގޮތުން ހިނިތުންވުމެއް ދައްކާލައިފައި ވަކި ހިސާބަކުން ގޮސް ބަލާލިއިރުވެސް އޭނާ ހަމަ އެހުރި ގޮތަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެންވެ ދެވަނަ ފަހަރަށް އެނބުރި ބަލައިލާކަށްވެސް ނުކެރުނެވެ. ގަސްތަކުތެރޭން ނިކުމެގެން ދިއުމުން ޑްރައިވަރގެ ނުރުހުމާ ކުރިމަތިލާން ޖެހުނެވެ. ފީ އަދި ނުދައްކާ އޮތް ކަމުގައި ވިއަސް މަލީހްގެ ދަރިއަކަށް އޭނާ ނުވިނަމަ އެގޮތަށް އިންތިޒާރުގައި ނުހުރީސްކަމުގައި ބުނެލީ ނިކަން ހިތްހަމަނުޖެހިފައެވެ. މާއިޝާ މަޢާފަށް އެދިފައި ފީ ދެއްކިއިރު އަދި އިތުރަށްވެސް ދިނެވެ.
"ސޯ ދެޓްސް އިޓް؟... އިޝީ ސުވާލެއް ނުކުރަންތަ އޭނަ އާއި ޒަވީއަށް ފެނުނު ކުއްޖާއާ ހުރި ގުޅުމާމެދަކު؟ އަދި އެހާ ޣަރަބު ފެންގަނޑެއްގަ އޭނަ ކުރީ ކީއްތޯއެއް ނާހަންތަ؟" މާއިޝާގެ ވާހަކަ ނިމުމުން މެހެރީން ކޮށްލީ އަނެއް ސުވާލުތަކެވެ. "މެހެރް. އެގާއި އަހަރެން ހައި ޖެހީމަ އެކަމަށްވެސް ރައްދު ނުދިން. ދުލުން ބަހެއް ކީއްކުރަން ކުޑަމިނުން ސްމައިލްވެސް ނުދީ ޕޯކަރ ފޭސްއެއް ދައްކައިގެން ހުއްޓާ ކިހިނެތް އެއްޗެއް އަހަން ކެރޭނީ. އެޓްލީސްޓް އަހަރެން ކުރަން ބޭނުންވެގެން އުޅުނު ކަންތައްވެއްޖެ. އެއީ އޭނައަށް ޝުކުރު އަދާކުރުން. ދެން އެނިމުނީނު." މާއިޝާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލައިފައި ތެދުވެގެން ގޮސް ކޮޓަރިން ނިކުތެވެ.
އިތުރަށް ތިން ދުވަސް ހޭދަވެގެން ދިޔައިރު މާއިޝާ އުޅުނީ ހުރިހާ ވަގުތެއް މަސައްކަތަށް ހުސްކޮށްގެންނެވެ. އޭނާ ނިދަނީ ދަންވާ ފަހުންނެވެ. ދުވާލުގެ ގަޑި ތަކުގައި ދެތިން ކޮންސްޓްރަކްޝަން ޤުރޫޕްއަކާއެކު ބައްދަލުވުންތައް އޮތެވެ. ކުރަހާ ނިންމާފައި އޮތް ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ކޮޕީ ނާޔަލްއަށްވެސް ފޮނުވައި ނާޔަލްގެ ހިޔާލު ހުރި ގޮތް ހޯދިއެވެ. މެހެރީންއަށް ފޭސްބުކުން ދިމާވި އެރަށު ފިރިހެންކުއްޖަކު މާ ކަމުގޮސްގެން އޭނާ މުޅިންހެން އުޅުނީ އޭނައާއި ވާހަކަދައްކަން ނޫނިއްޔާ އެޒުވާނާއާއެކު ކޮންމެވެސް ތަނަކަށް ކާން ގޮސް މިކަހަލަ ގޮތަކަށެވެ. ރޭގަނޑު އޭނާ ނިދާއިރުވެސް މާއިޝާ މަސައްކަތުގައި އިންނާތީ ދެބެންގެ މެދުގައި މާބޮޑު ވާހަކައެއް ނުދެކެވެއެވެ.
"މެހެރް އަހަރެންނަށް ބުނެދީބަލަ ހަދަންވީ ގޮތެއް؟" ހަތަރުވަނައަށް ވީ ދުވަހު ހެނދުނު މެހެރީން ނާސްތާ ކުރަން ބަދިގޭގައި އިންދާ މާއިޝާ ކުއްލިއަކަށް އައިސް ގޮނޑިއެއް ދަމާލައިގެން އިށީންދެފައި ދެއަތުން ހިފަައިލީ ބޮލުގައެވެ. "ކޮންކަހަލަ ހެލްޕެއް؟ އެން ޑޯން ފޮގެޓް އަހަރެން މީ ތިކަހަލަ އާކިޓެކްޓެއް ނޫން..." މެހެރީން ސުވާލު ކޮށްލައިފައި އަދި މާއިޝާއަށް ޖަވާބެއް ނުދެވެނީސް އިތުރަށް ބުނެލިއެވެ. "އާންމުކޮށް ދެދުވަހުން އަހަރެންނަށް ކޮންމެ ކަމަކުންވެސް ގެޓްއޯވަރ ވެވޭ. ގިނަވެގެން ތިންދުވަހުން ހަނދާން ނައްތާނުލެވޭ އެއްވެސް ކަމަކާ މިހާތަނަށް ދިމައެއް ނުވޭ. އެކަމަކު މިހާރު ހަތަރު ދުވަސް މިވީ. އެކަމަކު އަދިވެސް އަހަރެންނަށް ވިސްނެނީ އޭނައާމެދު. އަހަރެން ހީކުރީ ޝުކުރު އަދާކުރެވުނީމަ އެދެން ނިމުނީކަމަށް. އެކަމަކު އެހެނެއް ނުވި. އިތުރަށް އޭނަގެ ކަންކަން ހޯދާ ހިތްވަނީ. ކީއްވެކަމެއް ނޭނގެ އަހަންނަށް ހީވަނީ އޭނައާއި ގުޅިފައިވާ ކޮންމެވެސް އާދަޔާޚިލާފު ކަންތައްތަކެއް ވާހެން... މެހެރް ބުނެބަލަ މިވާ ގޮތެއް." މާއިޝާ ދެއަތް ތިރިކޮށްލާފައި މޭޒުމަތީ ބާއްވާލައިގެން އިނދެ ކިޔައިދިނެވެ. "އިޝީ އެންމެބޮޑަށް މޮޔަވީ އެއިޓްގަ އުޅުނު އަހަރު އަލަށް ޕްރޮޕޯސްކުރި ފިރިހެންކުއްޖާ ރިޖެކްޓްކުރީމަ. އެކަމަކު އެފަހަރުވެސް ތިން ދުވަސްތެރޭ ގެޓްއޯވަރ ވި." މެހެރީން ނިކަން ވިސްނުންތެރި ކަމާއެކު އަޑުއަހަން އިން ކަހަލަ ގޮތަކަށް އިނދެފައި އަނގަފުރާ އަޅާލި ޔޯގަޓް ސަމުސަލާއެކު ވާހަކަދެއްކިއެވެ. އެހާ ސީރިއަސް ވަގުތެއްގައިވެސް މެހެރީން ހަނދާންކޮށްދިން ވާހަކައިން މާއިޝާއަށް އަނގައަށް ގޮތެއް ހަދާލެވުނެވެ. އޭނާ އަތުކުރީ ގަޑިއަށް ބަލައިލާފައި ތެދުވެ މެންދުރަށް ކައްކަންވާއިރަށް ފްރިޖުން މަސް ނަގަންވެގެން ދޮރުފަތް ހުޅުވައިލިއެވެ.
"ކޮބާ މީގަ އޮތް ބޮޑުމަސް؟" އިރުކޮޅަކުން އޭނާ އަހާލި އަޑަށް މެހެރީން ކޮން ބޮޑުމަހެއްހޭ އަހައިލިއެވެ. "މެހެރް މީގަ އޮންނާނެ ނިކަން ބޮޑު މަހެއް. އިއްޔެ އަހަރެން ސައިބޯން އިންދާ ބައްޕަ ގެނެއްސަ ބުނީ ފްރައިޑޭގަ ފިހެލަން ބާއްވާނީއޭ ބުނީމަ އަހަރެން ކޮތަޅަކަށްލައިފަ ބޭއްވީ. އެކަމަކު މިހާރު ނެތް. ރަނގަޅަށް ބުނޭ މެހެރް ފްރެންޑުންނާއެކު ބާބެކިއުއަކަށް ތަނަކަށް ގެންދިޔައީތަ؟" މާއިޝާ ފްރިޖްގެ ދޮރުފަތް ލެއްޕުނަނުދީ ހިފަހައްޓައިގެން ހުރެ އެނބުރިފައި މެހެރީންއާ މުޚާތަބް ކޮށް ވާހަކަދެއްކިއެވެ. "ބައްޕަ ކައިރީ އަހާބަލަ! ވެދާނެއެއްނު ބައްޕަ މީހަކަށް ދިނީކަމަށްވެސް." މެހެރީންގެ ޖަވާބު ލިބުމުން މާއިޝާ އެނބުރި އިތުރު މަހެއްނަގައިގެން ދޮރުފަތް ލައްޕާލައިފައި ޖެހިލީ ސިންކު ކައިރިއަށެވެ. އޭނާ ބޮޑު ތަށްޓަކަށް މަސްލައިފައި ފެންއަޅާ ފުރާލުމަށްފަހު ނިކުމެގެން ދިޔައިރު މަލީހް ގޭގެ ދޮރުން ވަންނަނީއެވެ. "ބައްޕަ ހުކުރު ދުވަހަށް ގެނަ މަސް މީހަކަށް ދިނީތަ؟" މާއިޝާ ކޮޓަރި ތަޅުގައި ހިފާލައިފައި ހުއްޓި ބައްޕަ ކުރެން އަހާލިއެވެ. "ނޫން. ނުދެން. ކީއްވެ ތިހެން ތިއެހީ؟" ބައްޕަގެ ވާހަކަ ހުރި ގޮތުން މާއިޝާ އަޖައިބުވިއެވެ. އޭނާ ޖަވާބު ދޭން އުޅެނިކޮށް މަލީހްއަށް ފޯނެއް އައިސްގެން ނަގާފައި ގޮސް ކޮޓަރިއަށް ވަނުމުން މާއިޝާ ވިސްނަން ހުރެގެން އަމިއްލަ ކޮޓަރިއަށް ވަނެވެ.
އިރު އޮއްސެން ކައިރިވެފައި ހުއްޓާ ވިއްސާރަ ކުލަ ޖަހާލިއެވެ. ވައިރޯޅި ގަދަވެ އުޑުމަތި ވިލާތަކުން ބަނަކޮށްލިއެވެ. މާއިޝާ ކޮފީތައްޓެއް ހިފައިގެން ކުޑަދޮރު ކައިރީ ހުއްޓާ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވެގެން ބަލާލިއިރު ޒަވީ ގުޅަނީއެވެ. ސުވާލު އުފެދިފައި ހުރެގެން އޭނާ ފޯނު ނެގިއެވެ. "މާއިޝާ. ހާލު ކިހިނެތްތަ؟" ނުފެންނަތާ ދެތިން ދުވަހެއް ވެެގެން ދިއުމުން ޒަވީ ފުރަތަމަވެސް އަހާލިއެވެ. "ރަނގަޅު. ޒަވީ ކިހިނެތް؟ ވަރަށް ބިޒީތަ ހޮސްޕިޓަލް؟" ޒަވީގެ ސުވާލުން ހިތްހަމަޖެހުން ލިބިގެން ހިނިތުންވެފައި މާއިޝާ ވާހަކަދެއްކިއެވެ. "އާ ދެން ގޯހެއް ނޫން. ހޮސްޕިޓަލުވެސް އާދައިގެ ގޮތެއް. މިދުވަސްކޮޅު ބަލިތައްވެސް މަދު. މައިޝާ އަނެއްކާ ބިޒީތަ؟ އަހަރެން މުހިންމު ކަމަކު އެދެންކަމަށް މިގުޅީ." ޒަވީ މާއިޝާގެ ސުވާލަށް ޖަވާބުދީފައި ގުޅި ބޭނުމާއިގެން ކުރިއަށްދާން އަވަސްވެގަތެވެ. "އަވަހަށް ބުނޭ. ހަމަ ހުސްކޮށް މިހުރީ." މާއިޝާވެސް ޝައުޤުވެރިކަން ފައުޅުކުރިއެވެ. ފުރާޅުގައި ފުރަތަމަ ފެންތިކިތައް ބީހެން ފެށި އަޑާއެކު އޭނާ ކުޑަދޮރު ހުޅުވާލައިގެން އުފާ ލިބިގަންނަން ފެށިއެވެ. އެންމެކައިރީގައި ހުރި ގަސްތައް ވެހޭން ފެށީ ވާރޭގައި ތެމެމުން ދިޔައިރު ހިތަށް ލިބެމުން ދިޔައީ އަޖައިބެއްފަދަ ހަމަޖެހުމެކެވެ.
"އަހަންނަށް ރަނގަޅީ ބައްދަލުކޮށްލިއްޔާ..." ޒަވީގެ އަޑުގައި ސީރިއަސް ގޮތެއް ހުއްޓެވެ. މާއިޝާ ވިސްނާލައިފައި އެކަމަށްވެސް އެއްބަސްވިއެވެ. ރޭގަނޑު ކެއުން، ކައިރި ރެސްޓޯރެންޓެއްގައި ދެމީހުން ބާއްވާ ގޮތަށް ނިންމާފައި އެހިސާބުން ވަކިވެލިއެވެ. ޒަވީގެ ޝަރުތަކަށް ވީ އެކަނި ބައްދަލު ކުރުމެވެ. މެހެރީންގެ މިޒާޖު ހުންނަ ގޮތުން ޒަވީ އެބުނަން އުޅޭ ވާހަކައެއް މެހެރީންއަށް އަންގަން ބޭނުން ނުވަނީ ކަމުގައި މާއިޝާއަށް ޤަބޫލު ކުރެވުނެވެ.
ހަމަޖެހިފައި އޮތް ގަޑިއަށް މާއިޝާ ގެއިން ނިކުތެވެ. މެހެރީން އޮތީ ފޯނެއްގައެވެ. ޒަވީ އައީ މާއިޝާ ދޮރާށި ކައިރީި ހުންނަތާ މިނިޓެއްހާއިރު ފަހުންނެވެ. ވާރޭ ހުއްޓާލައިފައި އޮތީ ނަސީބެވެ. ފުރަތަމަ ފަހަރަށް ޒަވީގެ ސައިކަލު ފަހަތަށް އަރަން ޖެހުމުން މާއިޝާ ކުޑަކޮށް ލަދުގަތެވެ. ޒަވީއަށް އެކަން އިހްސާސްވެގެން ކަންނޭނގެއެވެ. އޭނާ މާއިޝާގެ ހާސްކަން ކުޑަކޮށްދޭން ދިޔަ މަގުމަތީ ހޮސްޕިޓަލުގައި މުވައްޒަފުންގެ މެދުގައި ހިނގި މަޖާ ކަމެއްގެ ވާހަކަ ކިޔައިދިނެވެ. އެވާހަކަ ނިިމިގެން މާއިޝާ ހީހީ އިންދާ ފެނުނީ ރެސްޓޯރެންޓް ކައިރިއަށް ދެވިފައި ހުއްޓައެވެ. ޒަވީ ސައިކަލު ޕާކް ކޮށްލާފައި ދެމީހުން އެކުއެކީ ގޮސް މޭޒެއް ހޯދައިގެން އިށީންތަނުން ދާދި އަވަހަށް ކާ އެއްޗެހި ގެނެއްސިއެވެ. ޒަވީ ހުރީ ކުރިއްސުރެ އޯޑަރ ދީފައެވެ. "އަހަރެންނަށް މެހެރް ވަރަށް ކަމުދޭ." ކެއުމުގެ ތެރޭން ޒަވީ ބުނެލިއެވެ. މާއިޝާއަށް އެނގިފައި އޮތަސް އެގޮތަށް މޫނުމަތީ ބުނެލުމުން ކުޑަކޮށް ސިހުނެވެ. ޒަވީ ބަަލައިލުމުން އޭނާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. "މައިޝާއަށް ހީވަނީ ކިހިނެތް؟ މެހެރްއަށް އަހަރެން ކަމުދާނެތަ؟" ޒަވީ އޮޅުންފިލުވަން ބޭނުންވިއެވެ. މާއިޝާއަށް އިސްޖަހާލަން ޖެހުނީ ބުނަން އޮތް ވާހަކައިގެ ގޮތުންނެވެ. "ނޯ އޮފެންސް... ބަޓް.. މެހެރް އަބަދުވެސް ލައިކް ވެގެން ގުޅިފަ ހުރީ ތަންކޮޅެއް ތަފާތު މީހުންނާ. މިބުނީ ބޭޑްބޯއީސް ޓައިޕް ކުދިންނާ. އެވަރުންވެސް އެކަކާއެކު އުޅެވިފައެއް ނެތް އަދި މިހާތަނަކަށް. އަދި ޒަވީ ތީ މެހެރްގެ ވިސްނުމާ ބަލާފަ މާ ރަނގަޅު ޒުވާނެއް." މާއިޝާ ސާފުބަހުން ވާހަކަދެއްކިއެވެ. "ވެދާނެއެއްނު އެއީ ކަމަށް މައްސަލައަކީ. މިބުނީ މެހެރްއަކާ ވަކި މީހާއެކު ނޫޅެވިގެން އެއުޅެނީ އަހަރެން ކަހަލަ ރަނގަޅު މީހަކު ނުހޮވާތީ ކަމަށް." ޒަވީގެ ވާހަކައިގައި ހުރި ހަރުދަނާ ކަމުން މާއިޝާ ގަޔާވިއެވެ. "ދެން އަނެއްކޮޅުން ބަލާއިރު ވަރަށް ވިސްނަން ޖެހޭނެ ތިދެމީހުން ކިތަންމެ ކުރު މުއްދަތަކަށް ގުޅިފަ ރުޅިވިއަސް އާއިލާއަށް އަތުވެދާނެ ހީނަރު ކަމަމާމެދު." މާއިޝާ ހަނދާންކޮށްދިނެވެ. "އެނގޭ." ޒަވީ އެއްބަސްވުމުގެ ގޮތުން ބޯޖަހާލައިފައި މާއިޝާ ބަލައިލުމުން ހަތަރުކަޅި ބައްދަލުވެ ދެމީހުންވެސް ހިނިތުންވެލިއެވެ. "އަހަރެން އަދި އެހާ އަވަހަށް ބުނާކަށް ގަސްތެއް ނުކުރަން. އަހަރެން މެހެރްއާއެކު ގިނަ ވަގުތު ހޭދަކޮށް އޭނަވެސް އަހަރެންނަށް ހިތް ޖެހިއްޖެކަން ޔަޤީންވީމަ ހާމަ ކުރާނީ. އިހަށް މިވަގުތަށް އަހަރެން ބޭނުމީ މާއިޝާގެ ރުހުމާ އެއްބާރުލުން." ޒަވީ ބޭނުންވާ ގޮތް ހާމަ ކުރުމުން މާއިޝާ އުފަލާއެކު އެއްބަސްވިއެވެ. ކޮއްކޮއަށް ޒަވީ ކަހަލަ ރަނގަޅު ބައިވެރިއަކު ލިބުނިއްޔާ އޭނާވެސް ހިތްހަމަޖެހޭނެއެވެ.
ވާރޭ ބޯކޮށްލުމުން މާއިޝާ ގެއަށް އައީ ޓެކްސީއެއްގައެވެ. ގޯތިތެރޭ އޮތް ތަންކޮޅު ހުރަސްކޮށްފައި ދުވަމުން އައިސް ވަންއިރު ހިސާބަކަށް ތެމުނެވެ. މެހެރީން ބޮޑު ފޮޕްކޯން ބޯތައްޓެއް އުނގަށްލައިގެން ސޯފާއަށް އަރައި ދެފައި ނަގައިގެން އިނީ ބިރުވެރި ފިލްމެއް ބަލާށެވެ. މާއިޝާ ގޮސް ކޮއްކޮ ކައިރީ އިށީންދެފައި އެތާހުރި ޓިޝޫ ފޮށްޓަކުން ޓިޝޫއެއް ނަގައި މޫނު ހިއްކައިލިއެވެ. "ކޮބާ ބައްޕަ؟" އޭނާ ސުވާލު ކުރީ މެހެރީން އުނގުގަ އިން ބޯތަށިން ޕޮޕްކޯން މުށެއް ނަގައި ދޭތިކޮޅު އަނގައަށް ލައި ހަފާލަމުންނެވެ. މެހެރީން އިން ގޮތަށް އިނދެގެން މަސައްކަތު ކޮޓަރީގައޭ ބުނެލިއެވެ. ފިލްމު ނިމުމުން އޭނާ އިތުރަށް މަސައްކަތް ކުރާ ހިޔާލެއް އެރޭ ނުކުރެއެވެ. ހެދުން ބަދަލުކޮށްގެން ނިދާލަން ޖައްސާލިއިރު ވާރޭ ވެހޭ އަޑު އިވޭތީ ނިކަން ހިތްހަމަ ޖެހިގެން ނިދުނެވެ.
ގަޑިއިރެއްގެ އިރުވެސް ވީހެނެއް ހިއެއްނުވެ މާއިޝާއަށް ނިދިން ހޭލެވުނީ ނިކަން ބާރު ގުގުރިއެއްގެ އަޑަށެވެ. ފުންމައިގެން ތެދުވެވުނުއިރު މޫނުގައި ފެނުގެ އަސަރު ހުރިކަން އިހްސާސްވިއެވެ. އޭނާ ވިސްނާލިއިރު އިސްތަށިގަނޑާއި ގައިގައި އޮތް ނިދާ ހެދުންވެސް އޮތީ ތެމިފޯވެފައެވެ. ތެދުވެ އިށީނުމުން އެނގުނީ އެނދުގައިވެސް ހިކި ތަންކޮޅެއް ނެތްކަމެވެ. އޭނާ މިވާގޮތެއް ނޭނގި ހައިރާންވެފައި ހުރެގެން އެނދުން ތިރިއަށް ދެފައި އެލުވާލުމުން ކަކުލާއަށް ހަމައަށް ތެމުނީ ކޮޓަރިތެރޭ ހެދިފައިވާ ފެންގަނޑުންނެވެ. އަލިކަމެއް ނެތުމުން ލައިޓް ޖައްސާލަން ވިސްނާފައި ފަސްޖެހެވުނީ ފެންގަނޑަށް ކަރަންޓް އަތުވެދާނެއޭ ހިތަށް އަރައިފައެވެ. އަނދިރީގެ ތެރޭގައި އޭނާއަށް އެހީއަކަށް ވީ ހެޑްބޯޑު މަތީ އޮތް ފޯނެވެ. އޭނާ ފޯނު ނަގައި އޭގެ އަލި ފެންގަނޑަށް އަޅުވައިގެން ހިނގާފައި ގޮސް ދޮރުކައިރިއަށް ހުއްޓި ދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. ބޭރަށް ބޯކޮށް ވާރޭވެހޭ އަޑާހެދި އިތުރު މީހަކަށް ގޮވާ ހިޔާލެއް އޭރުވެސް ނެތެވެ. އެންމެފަހުން ދޮރު ނުހުޅުވިގެން ކަރުއެލުވާލިތަނާ އެދޮރުފަތް ހުޅުވުވުނީ އަމިއްލަ ޒާތުގައެވެ. އޭނާ އަވަހަށް ބޭރަށް ދެމިގަތުމާއެކު ލިބުނީ އަނެއް ސިހުމެވެ. ކޮޓަރިން ނިކުމެގެން އޭނާއަށް އާދެވިފައި ހުރީ ބަދިގެއަށެވެ. އަދި ދިއްލާފައިވާ ބަދިގެތެރޭގައި ފެނުގެ އެއްވެސް އަސަރެއް ނެތެވެ. މާއިޝާ ވަށައިގެން ހޯދައިލިތަނާ ސަމާލުކަން ހުއްޓުނީ ފްރިޖްއަށެވެ. ފްރިޖްގެ މަތީ ދޮރުފަތް ހުޅުވާފައި ހުރިއިރު ގަނޑު ކުރަން ބަހައްޓާފައި ހުރި އެއްވެސް މަހެއް ނެތެވެ. އޭނާ ހައިރާންވެގެން ލޯބޮޑުކޮށްލިތަނާ ވަޔާއެކު ކުޑަދޮރު ބާރަކަށް ލެއްޕުނު އަޑަށް ތެޅިގަނެވުނެވެ. އަވަހަށް އެދޮރު ލައްޕާ ތަންޑު އަޅުވަން ވެގެން ގޮސް ކައިރިވެލިއިރު ވާރޭގައި އޭނާއަށް ފުރަގަސްދީގެން މީހަކު އެބަހުއްޓެވެ.
"ކާކު؟" މާއިޝާ ޖެހިލުން ކަނޑާލައިފައި ގޮވާލިއެވެ. އެވަގުތު އެމީހަކު އެނބުރި ބަލާލިތަނުން އޭނާގެ މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ފަހަކަށް އައިސް އޭނާގެ ހަމަޖެހުން ނަގާލައިގެން އުޅޭ ރީތި ޒުވާނާ، ހެނދުނު ގެއްލިގެން އުޅުނު ބޮޑު ފަރުމަސް ހިފަހައްޓާލައިގެން ހުރިއިރު ލައިގެން ހުރި އަޅި ޓީޝާޓްގެ މޭމަތީގަ އާއި އޭނާގެ އަނގަމަތީގައިވެސް އޮތީ މަހު ލެޔެވެ. އެވަގުތު އޭނާއަށް މާއިޝާ ފެނިގެން އަތުގައި އޮތް މަސް ހޫރާލައިފައި ހެދި ނެހެދިއެއް ނޭނގި އައިސް ހުރީ ކުރިމަތީގައެވެ. މާއިޝާ ބިރުން ހަޅޭތްލަވައިގަންނަން އުޅެނިކޮށް އޭނާ ދެލޯ ދިއްލާލި ގޮތަށް ހުޅުވާލި އަނގައިގައި ހުރި އާދަޔާޙިލާފް ދިގު ތޫނު ދަތްތައް ފެނިފައި މޫނުމައްޗަށް އަނދިރިވެގެން ވެއްޓި ތިރީގައި ޖެހުމާއެކު ލޯ ހުޅުވާލެވުނީއެވެ. ތެދުވެ އިށީންއިރު މުޅި ކުއްޖާ އޮތީ ދާހިއްލާ ފޯވެފައެވެ. ތެޅި ތެޅި އޮތް ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނާ ބަލައިލީ ގަޑިއެވެ. ގަޑިން އޭރު ފަތިހު ބަންގި ގޮވަން ކައިރިވެއްޖެއެވެ. ވާރޭގެ އަޑެއް މިހާރު ނީވެއެވެ. އަދި މެހެރީންވެސް ކައިީރީގައި ނިދާލައިފައި އޮތެވެ.
ފަތިސް ނަމާދު ކޮށްގެން މާއިޝާ ގޮވާލުމުން މެހެރީން ބޮޑާހާކާފައި އެނބުރުނީ ބިތްދޮށަށެވެ. މާއިޝާ ރުޅިގަދަވެގެން އެތިވަރު ގޮވާފައި ނިކުމެ ސިޓިންރޫމް ސޯފާގައި އިންދާ މަލީހް އިރުކޮޅަކުން މިސްކިތުން އައިސް ގެއަށް ވަނެވެ. "މެހެރީން ނަމާދަށް ތެދުވިތަ؟" މަލީހް ހުއްޓިފައި އަހާލިއެވެ. މާއިޝާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލުމުން މަލީހް ވަދެ މެހެރީންއަށް ގޮވާ އަޑު އިވުނެވެ. "މިހާރު ތެދުވެގެން ފާޚާނާއަށް ވަދެއްޖެ. ދަރިފުޅު ދެން އިހަށް ނިދަންވީއެއްނު." މަލީހް އެކުދިންގެ ކޮޓަރިން ނިކުމެފައި މާއިޝާއަށް ބުނެލިއެވެ. މާއިޝާ ބޯޖަހާލުމުން ދެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ބައްޕަ ދިއުމުން މާއިޝާ ތެދުވެގެން ގޮސް ވަނީ ބަދިގެއަށެވެ. ލޮލުގައި ނިދީގެ އަސަރެއް ނެތުމުން އޭނާ ބޭނުންވީ ކޮފީ ތައްޓެއް ބޯލާށެވެ. އެފިކުރުގައި ގޮސް ކޮފީ ތައްޔާރު ކުރަން އުޅެފައި ކުއްލިއަކަށް ގޮސް ކުޑަދޮރުގައި އަތް ޖައްސާ ކޮށްޕާލުމާއެކު އޭނާ ހައިރާންކޮށްލާފައި އެދޮރުފަތް ހުޅުވިއްޖެއެވެ. މާއިޝާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. ހިތަށް އެރިއެވެ. މުޅި ރޭ އެދޮރު ހުރީ ތަންޑު ނާޅުވާ ހެއްޔެވެ؟ އޭނާ ކޮފީ މަގު ހިފައިގެން ނިކުންނަން އުޅެފައި ހަމަ ކުއްލިއަކަށް ގޮސް ފްރިޖްވެސް ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އިއްޔެ ހެނދުނު އޭނާ ބެލިއިރު އޮތް ކުޑަ ކުޑަ ހަތަރު މަހުގެ ތެރެއިން މިހާރު ބާކީ އޮތީ ތިނެކެވެ.
މާއިޝާ ކޮފީ ތަށި ބޯލަ ބޯލާ ހުރީ ސިޓިންރޫމްގައެވެ. ސިކުނޑީގެ ހައިޖާނުގަނޑު އުތުރި އަރަމުން ދިޔައިރު އޭނާ އިންތިޒާރު ކުރީ ބިންގަނޑު އަލިވާނެ އިރަކަށެވެ. ގަޑި ބަލާލައިފައި ހައެއް ނުޖަހަނީސް އޭނާ ގެއިން ނިކުމެގެން ހިނގައިގަތީ ފައިމަގުގައެވެ. މާ ކައިރި ނޫނަސް އޭނާއަށް މިހާރު ދާން އެނގޭނެ ކަމުގައި ހިތް ބުންޏެވެ. ރޭވެހިފައި އޮތް ވާރެއާއެކުގައިމެ ހެނދުނުގެ އެގަޑީ ފިނިކަމުންވެސް ހީވަނީ އެހެން ކަމެއް ހެންނެވެ. މާއިޝާ ލައިގެން ހުރި ފިޔާތޮށި ގޮޅިޖެހި ހަރުވާޅާއެކު މަތިން އަތްދިގު ހުދު ޓީޝާޓެއްގައި ހުރިއިރުވެސް ހީކަރުވަން ފެށިއެވެ. އެކަމަކު އެފިންޏަށްވުރެ ބޮޑަށް އޭނާގެ މަޤްސަދު އޮތީ ސާފުކޮށެވެ. މަދުން ނޫނީ މީހަކު ފެންނަން ނެތް މަގުތައް ކަޑައްތު ކޮށްފައި އޭނާ ގޮސް ހުއްޓުނީ ބައްޕަގެ ބިމާއި އެންމެ ކައިރީގައި އޮންނަ މަގަށް ދެވުނީމައެވެ. ދެން ވަގެއްހެން ދެކޮޅު ހޯދާލައިފައި ތެމިފައިވާ ގަސްތަކުތެރެއަށް ވަދެގެން ގޮސް ފެންގަނޑު ކައިރިއަށް ހުއްޓިއްޖެއެވެ. ދޫކޮށްލައިފައި އޮތް އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި ދެއަތް ތިރިކޮށްލިއިރު މާއިޝާގެ ހިތް ތެޅެމުން ދިޔައީ އެންމެ ބާރު މިނުގައެވެ. އެކަމަކު އޭނާ ވިސްނާކަށް ނުހަދައެވެ. ހަމަ ކުއްލިއަކަށް ހުރެފައި ކުރިމަތީ އޮތް ފެންގަނޑަށް ފުންމާލައިފިއެވެ. ފެހިކުލައިގައި އޮތް ފެންގަނޑުގެ އަޑީގައި ފީނަމުން އޭނާ ލޯ ހުޅުވައިގެން އޮވެ ފަރާތް ފަރާތް ހޯދަން ފެށިއެވެ. ކުރިއަށް ދިޔަ ވަރަކަށް އަޑިން ކުދި މަހާއި އަދި އަޑިއަށް ހެދިފައިވާ ފެންކުރި އާއި ބޮޑެތި ވެޔޮގަނޑުތައް ފެންނަން ފެށިއެވެ. އެތަނުން ވެޔޮގަނޑެއްގެ ތެރޭގައި މީހަކު ފިލާ އޮތަސް ނޭނގޭނެއޭ ހިތަށް އަރައިގެން އޭނާ ވެޔޮގަނޑުތައް ދުރުކޮށްގެންވެސް ބަލައެވެ. ކޮންމެ ފަހަރަކު ނޭވާ ހުސްވާން ކައިރިވުމުން ބޯހިއްލާލައިފައި އަނެއްކާ ދަނީ އަޑިއަށެވެ. އެގޮތުގައި އިރުގަނޑެއް ވީއިރު ހީކަރުވައިގަނެގެން ތުރުތުރު ލާން ފެށިއެވެ. އެކަމަކު ބޭނުމެއް ނުފުދުނެވެ. އެންމެފަހުން މާޔޫސް ވެގެން ފެންގަނޑުން އަރަން ވެގެން ކައިރިފަށަށް ދިޔަތަނާ ސިހިއްޖެއެވެ. މާއިޝާއަށް ފެނުނީ ހުއިގަނޑުތެރޭން ފެންނަން ހުރި ދެފައެވެ. އޭނާ މޫނު އުފުލާލައިފައި ބަލާލިއިރު އެއީ ހަމަ ހޯދަން އައި ފަރާތެވެ.
"ހައި... އަނެއްކާވެސް." މައިޝާއަށް އެތޫނު ދެލޯ ފެނިފައި ބުނާނެ އެއްޗެއް ނޭނގިގެން ހެވިލާފައި އެއްއަތްތިލަ ދައްކާލިއެވެ. އެވަގުތު އެޒުވާނާ ބަލަން ހުރެފައި ކުއްލިއަކަށް ގުދުވެ އެއްއަތުން އޭނާގެ އަތުގައި ހިފާ ލުއި ފަތެއް ނެގިހެން ފެންގަނޑުން ހިއްލާލި ގޮތަށް ހުއިގަނޑުގައި ކޮޅަށް ބަހައްޓައިފިއެވެ.