"އިޝީ! އިޝީ!" މީހަކު ގޮވާއަޑަށް މާއިޝާއަށް ހިޔާލީ ދުނިޔެއިން ނިކުމެވިގެން ބަލާލިއިރު ބޮއްކުރާއަށް އަރައި އޭނާއާއި ދިމާއަށް ގުދުވެގެން އޮތީ ދެވަނަ ދެމީހެއް ނޫނެވެ. އެއީ އޭނާގެ އަރްސަލާންއެެވެ. ވަގުތުން ދެލޯ ފުރިގެން ކަރުނަ ފައިބައިގަތެވެ."އަރްސަ...ލާން ކި...ކިހިނެތް...." މާއިޝާ ކުރަން އުޅުނު ސުވާލު ނުނިމެނީސް އަރްސަލާން އެތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާފައި އެކަން މަނާކުރިއެވެ. އެވަގުތު އަރްސަލާން އޭނާ އަތްދަނޑިމައްޗަށް ނަގައި މެޔާލައި ބޮނޑިކޮށްލި ހިނދު ޅަކުއްޖަކު ފަދައިން ރޮއިގަނެވުނެވެ. އަރްސަލާން އޭނާ ސަލާމަތް ކުރަން އެއައީ ދިރިއުޅުމުގެ އުންމީދު ކަނޑާލައިފައި ވަނިކޮށެވެ. އޭނާ ހީކުރީ ދެން ދުވަހަކުވެސް އެސޫރަ ލޮލަށް ނުފެންނާނެ ކަމަށެވެ.
"އަރްސަލާން. އަވަސްކުރޭ!" އިރުކޮޅެއް ފަހުން ކައިލީން ގޮވައިލި އަޑު އިވުނެވެ. އަރްސަލާން މާއިޝާ ދުރުކޮށްލިއިރު އެމޫނުން ބިރުވެރިކަން ފައުޅުވިތަން ފެނިގެން އޭނާއަށް ވިސްނުނެވެ. މާއިޝާ ބިރުގަތީ ކައިލީން ދެކެއެވެ. "ހާސްނުވޭ. ކައިލީން ހުރީ އަހަރެންނާ އެއްކޮޅަށް." އަރްސަލާން ބުނި ނަމަވެސް މާއިޝާ އެވާހަކަ ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އެކަމަކު ކުރެވޭނެ ކަމެއް ނެތުމުން އަޅައި ނުލާ ދޫކޮށްލީއެވެ. އަރްސަލާންގެ ހިމާޔަތް ލިބުމުން އޭނާ އެމޭގައި މޫނު ފޮރުވާލައިގެން އޮތް އިރު އެމީހުން އެރި ލޯންޗް ނައްޓާލައިގެން ކުރިއަށް ދާން ފެށިކަން އެނގުނެވެ. ދެން އޭނާއަށް ލޯމެރިފައި އޭގެ އިރުގަނޑެއް ފަހުން ލޯ ހުޅުވައިލެވުނީ ހޮސްޕިޓަލުގައި އޮތްވައެވެ. އައިވީ ގުޅާފައި އޮތް އަތަށް ގުޑުމެއް ނާރުވާ ކުޑަކޮށް ތެދުވެ ބާލީހުގައި ލެނގިލައިގެން ވަށައިގެން ލޯހިންގައިލިތަނާ އަރްސަލާންއާ ކައިލީން ފެނުނީ ދޮރުފޮތިގަނޑު ހަރަކާތް ކުރި ވަގުތު ބޭރުންނެވެ. އެދެމީހުން ކޮންމެވެސް ކަމަކާއި ދެބަސް ވަނީއެވެ. އަޑު ނީވުނެއް ކަމަކު ހަރަކާތްތަކުން މާއިޝާއަށް އެކަން ޔަޤީންވިއެވެ. އޭނާ ވިސްނަން އޮތްވައި ދެތިން މިނިޓް ފަހުން އަރްސަލާން އައިސް ދޮރު ހުޅުވާލައިފައި ވަނެވެ.
"ހޭލެވުނީތަ؟ މިހާރު ކިހިނެތް؟" އަރްސަލާން އައިސް މަގަތުގައި ހުރި ގޮނޑީގައި އިށީންދެފައި ނިކަން ލޯބިން ސުވާލު ކުރިއެވެ. "ކޮންކަމަކާ ކައިލީން ރުޅި އައިއްސަ އެހުރީ؟" މާއިޝާއަށް މުހިންމުވީ އެމައްސަލައެވެ. އަރްސަލާން އެވަގުތު ބުމަ ގޮށް ޖަހާލީ އޭނާ ޖަވާބު ނުދިނުމުން ކަމެއް ނޫނީ އެވާހަކަ އެހުމުން ކަމެއް ކަނޑައަޅަން އުދަނގޫވިއެވެ. "އަހަންނަށް މާފު ކުރޭ މާއިޝާ. އަހަރެންގެ ސަަބަބުން މާއިޝާ މަރުގެ ތުންފަތް މަތީ އޮންނަން ޖެހުނީ." އަރްސަލާން އިސްޖަހައިލިއިރު އަޑުގައި މޮޅިވެރިކަން އެކުލެވުނެވެ. މާއިޝާއަށް އެމަންޒަރު ބަލަން ކުޅަދާނަ ނުވެގެން މޫނު އަނބުރާލެވުނީ އަނެއް ފަރާތަށެވެ. އަރްސަލާން އޭނާގެ ކުރިމަތީ އެގޮތަށް ދެރަވެ މަޢާފަށް އެދޭކަށް އޭނާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ. "އަހަރެން ވަޢުދުވަން. އަހަރެން މާއިޝާއަށް އޭގެ ބަދަލު ދޭނަން. އިރާދަ ކުރެއްވިއްޔާ ދެން ދުވަހަކުވެސް މާއިޝާއަށް އަހަރެންގެ އާއިލާގެ އުދަނގުލެއް ނުފޯރާނެ." އަރްސަލާން އިތުރަށް ވާހަކަ ދައްކަން ފަށާފައި ބުނެލި ކޮންމެ ޖުމްލައެއްގައި ފުން މާނައެއް އެކުލެވިގެން ދިޔަކަން އެނގުނީ އޭނާއަށް އެކަންޏެވެ.
"ދެން އަރާމުކޮށްލާ!" އަރްސަލާން މާއިޝާ އިތުރަށް ވާހަކަދެއްކިޔަ ނުދީ އަމުރުކޮށްލިއެވެ. އޭނާ ގުދުވެ މާއިޝާ ތިރިކޮށްލާފައި އެހަށިގަނޑުގައި ރަޖާ އަޅައިދިނެވެ. އިންޒާރަކާއި ނުލައި ދެން ކުއްލިއަކަށް ނިތުގައި ތުންފަތް ޖައްސާލުމުން ލިބުނު ސިހުމާއެކު މެޔަށް ފިނިގެން ދިޔައެވެ. އޭނާ ހަތަރުކަޅި ހަމަކޮށްލުމުން އަރްސަލާން ބަލަން އޮވެފައި ކުއްލިއަކަށް ތެދުވެ ހިންދެމިލައިގެން އެނބުރި ގޮސް ދޮރުހުޅުވާލައިފައި ނިކުތީ ކުރިމަތިން ދުރަށް ދާން ބޭނުންވެގެން ދިޔަފަދަ ގޮތަކަށެވެ. އަރްސަލާން ކަމެއް ސިއްރު ކުރަން މަސައްކަތް ކުރާކަމަށް އޭނާއަށް ޝައްކުވީ އެހަރަކާތުންނެވެ. އަނެއްކާ ކޮން ކަމެއް ހެއްޔެވެ؟
ޖެހިގެން ހުރި ކޮޓަރީގައި މެހެރީން އޮތީ އޭނާގެ އެހީތެރިޔަކަށް އައިސް އިން ފައިސަލް ނިދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ދޭތެރެއަކުން އޭނާ އެއްފަރާތުން އަނެއްފަރާތަށް ފުރޮޅިލާފައި އެއްލޮލުން ޗެކްކޮށްލަނީ ފައިސަލް ކޮބައިތޯއެވެ. އެހެން އިނދެފައި ބަލައިލި ފަހަރެއްގައި ފައިސަލް ފެނުނީ ގޮނޑީގައި ނިދިފައި އިންދައެވެ. މެހެރީން އެވަގުތު ހަށިފުރާ ނޭވައެއް ލައިފައި އަތަށް ގުޅާފައި އޮތް އައިވީ އުދަނގުލުން ނަމަވެސް ނައްޓާލައި އަތާއި ވަކިކޮށްލައިފިއެވެ. އޭނާ އެނދުން ތިރިއަށް ފޭބިއިރު ދާދި ކައިރީގައި ފައިވާން ހުއްޓެވެ. ދެން އަވަހަށް ފައިވާނަށް އަރާފައި ބައްޕަ އެތާ ބާއްވާފައި އޮތް ގޭގެ ތަޅުދަނޑި ނަގައިގެން ވަގެއްހެން ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ބޭރަށް ދެމިގަތެވެ.
ދަންވަރުގެ އެގަޑީގައި މެހެރީން ގެއަށް ދާން ވެގެން ގުޅީ އޭނާގެ އެކުވެރިއަކަށެވެ. އިޝާނު އައުމުން އޭނާ އިޝާނުގެ ކާރުގައި ގެއާއި ހަަމައަށް ގޮސް ހަމަ އެހާ ސިއްރުން ދޮރު ހުޅުވާލައިފައި ވަނެވެ. ފަނޑު އަލިކަމެއް ވެރިވެފައި އޮތް ސިޓިންރޫމް ފަޅުވެފައި އޮތުމުން މީހަކަށް ފެނިދާނެތީ ބިރު ގަންނާކަށް ނުޖެހުނެވެ. އަނެއްކޮޅުން މަންމަ އާއި ޒަވީ މިހާރު އޮންނާނީވެސް ނިދައިފައެވެ. ނާޔަލްއަކީ ދެން މިހާރު ވަގުތީ ގޮތުން ވިއަސް ނުކުޅެދޭ މީހެކެވެ.
މެހެރީން ކޮޓަރިއަށް ވަދެފައި ފުރަތަމަވެސް އަލަމާރި މަތިން ބޮޑު ދަބަހެއް ނަގައި އެނދުމައްޗަށް އެއްލިއެވެ. އެއަށްފަހު އޭނާ ކުރަން ފެށި ކަމަކީ އަލަމާރިން ބޭނުންވާ އަންނައުނުތައް ނަގައި ގެންގޮސް ދަބަހަށް އެޅުމެވެ. ހޮސްޕިޓަލަށް އޭނާ ގެންދިޔަ ހިސާބުން އޭނާއަށް ޔަޤީން ވެފައި އޮތީ އޭނާ އިޚުތިޔާރު ކުރަން މިނޫން މަގެއް ނޯންނާނެ ކަމެވެ. ނާޔަލް އަދިވެސް މާއިޝާ އާއި އެކު އުޅެން ހުވަފެން ދެކޭއިރު ނާޔަލް ފަރާތުން ކުރާނެ އުންމީދެއް ނެތެވެ. ދެން ހުރީ ޒަވީއެވެ. އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. އޭނާގެ މީހަކު މެރުން ފިޔަވައި އެހެން ހުރިހާ ކުށަކަށް ޒަވީ މަޢާފު ދޭނެ ކަމަށް ވަނީ ބުނެފައެވެ. އެކަމަކު ޒަވީ އެހެން ބުނިއިރު އެހެން މީހެއްގެ ދަރިއަކަށް ބަލިވެ އިނުން އެސިކުނޑިއަށް އަރާފައި ނުވަނީއެވެ. އެހެންނޫންނަމަ އެއްވެސް ފިރިހެނަކު އޭނާގެ ލޯބިވެރިޔާ ހިލޭ ފިރިހެނެއްގެ ދަރިއަކަށް ބަލިވެ އިންދާ ހަޔާތުގެ ބައިވެރިއަކަށް ހަދާކަށް ނޭނދޭނެއެވެ. މެހެރީން ބޭނުން ނަމަ ޒަވީގެ ބޮލުގައި އިލްޒާމު އަޅުވާފައި ޒަވީ އޭނާގެ ހަޔާތަށް ގެންނަން ބޮޑު ކަމަކަށް ނުވާނެއެވެ. އެކަމަކު ޒަވީއަށް އޭނާގެ ފަރާތުން ލޯބި ދެވެން ނެތްއިރު އަދި އިތުރު ޒިންމާ އަކާއި އިލްޒާމެއް އެކުށެއް ނެތް އޯގާތެރި އިންސާނާގެ ބޮލުގައި އަޅުވަން ހެޔޮވެދާނެ ހެއްޔެވެ؟
"ކޮންތާކަށް ދާން ތިއުޅެނީ؟" ހިޔާލުތަކަށް ގެއްލި ހުރެގެން ދަބަސް ބަންދުކުރި ތަނާ ދޮރާއި ދިމާއިން ވާހަކަދެއްކި އަޑަށް މެހެރީން ދިޔައީ ސިއްސައިގެންނެވެ. އޭނާ ބަލާލިއިރު އަސާގެ އެހީގައި ދޮރުމަތީ އެހުރީ ނާޔަލްއެވެ. "ތިއުޅެނީ ގެއިން ފިލަންތަ؟ މެހެރް މިވަގުތު އޮންނަން ޖެހޭ ތަނަކީ ހޮސްޕިޓަލެއް ނޫންތަ؟ ކިހިނެތް ގެއަށް އައީ. އެމީހުން ދޫކޮށްލީތަ؟ ކޮބާ ދެން ބޭބެ؟" މެހެރީން ޖަވާބެއް ނުދީ ބަލަން ހުރުމުން ނާޔަލް އިތުރަށް އޮޅުން ފިލުވަންވެގެން ސުވާލުތައް އަމުނައިލިއެވެ."އަހަންނަކަށް ނެތް ދެން މިގޭގައި އުޅެވޭކަށް." އިތުރަށް ސިއްރެއް ނުވާނެކަން ޔަޤީންވެފައި މެހެރީން އެންމެފަހުން ބުނެލިއެވެ. ނާޔަލް އެވަގުތު އައިސް ކައިރިއަށް ހުއްޓުމުން މެހެރީން އަނެއްފަރާތަށް މޫނު އަނބުރާލިތަނާ ކުއްލިއަކަށް ދަތްދޮޅީގައި އެއްއަތުން ހިފާ އޭނާގެ މޫނަށް ބަލަން މަޖުބޫރު ކުރިއެވެ. "މެހެރް މޮޔަވީތަ؟ ހީވަނީތަ ތީ މާމޮޅު ކަމެކޭ؟ ހީވަނީތަ ފިލައިގެން ދިއުމަކީ ހުރިހާ ކަމެއްގެ ހައްލޭ؟ މެހެރްއަށް ކީއްވެ ނުވިސްނެނީ. ކީއްވެ ނުފެންނަނީ އިޝީ ވަކިވުމުން މިއާއިލާއަށް އައިސްފައިވާ ވީރާނަކަން. ދެން މެހެރްވެސް ދިޔައީމަ އެމީހުން ހިތްތައް ކުދިކުދިވާނެ." ނާޔަލް ވާހަކަދެއްކިއިރު އަޑުގައި ރިހުމެއް ވިއެވެ. މެހެރީން ހިތަށް އަސަރު ކޮށްގެން އޭނާގެ ލޮލަށް ކަރުނަތައް ޖަމާވުމުން ތުންފަތުގައި ދަތް އަޅައިލެވުނެވެ. ނާޔަލް ކުރިމަތީ ރުއިމަކީ އޭނާ ކުރަން ބޭނުންވާނެ ފަހު ކަންތަކެވެ.
"މާފުކުރޭ ނާޔަލް. އެކަމަކު އަހަރެން ބޭނުންވިއަސް އަހަރެންނަކަށް ނެތް މަޑުކުރެވޭކަށް." މެހެރީން އިރުކޮޅަކުން ކަރުނަތައް އޮއްބާލައިފައި ވާހަކަދެއްކިއެވެ. އޭނާ ނާޔަލްގެ އަތް ދުރަށް ޖައްސާލުމުން ނާޔަލް ބަލަން ފެށީ އޭނާގެ މޫނުން ޖަވާބު ހޯދަން އުޅޭ މީހަކު ފަދައިންނެވެ. "އަހަރެންނަށް ބުނެދެވިދާނެތަ ސަބަބު؟" ނާޔަލްގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ މެހެރީން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލިއެވެ. ދެން އަވަހަށް އެނދުމަތީ އޮތް ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން ދަނިކޮށް ބާރު އަޑުފަތްގަނޑެއް އިވުނީ ދިމާ މަތިންނެވެ. ހީވީ ބާރުގަދަ ގުގުރިއެއް ޖެހިހެންނެވެ. މެހެރީން ހުއްޓިފައި އެނބުރި ބަލައިލަން ވާއިރަށް ނާޔަލް އައިސް އޭނާގެ ކައިރިއަށް ހުއްޓިފައި ދެމީހުން އެކަކު އަނެކަކަށް ބަލައިލީ ވާން މިއުޅެނީ ކިހިނެތްހޭ އަހައިލާފަދަ ގޮތަކަށެވެ. އެވަގުތު ދެވަނަ ފަހަރަށް ހަމަ އެބާރު މިނުގައި އިވުނު އަޑާއެކު ދެމީހުންނަށް އެކީގައި އަތާއި އަތް މަހައިލެވިގެން އެކަން އިހްސާސްވެފައި ހަތަރުކަޅި ހަމަކޮށްލެވުނެވެ. "ޑޯން ވޮރީ މެހެރް. އަހަރެން މެހެރްއަށް އެއްވެސް ކަމެއްވިޔަކަ ނުދޭނަން." ނާޔަލް އެޖުމްލަ ބުނެލިއިރު އަޑުގައިވި ޔަޤީންކަން އެކަނިވެސް މެހެރީންގެ ހިތާއި ކުޅެލިއެވެ.
އަރްސަލާން ނިކުމެގެން ދިޔަ ފަހުން ހިނދު ކޮޅަކަށްވެސް ދޮރުން ނަޒަރު ވަކިކޮށްނުލެވިފައި އޮތް މާއިޝާއަށްވެސް އެބާރުގަދަ އަޑު އިވިގެން ތެޅިގަނެވުނެވެ. އޭނާ ދެލޯ ބޮޑުކޮށްފައި ވިސްނަން އޮތްވައި ދެވަނަ ފަހަރަށް އެއަޑު ތަކުރާރު ވެގެން ދިއުމާއި އަރްސަލާން ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަނުމާއި ހިނގީ އެއް ވަގުތެއްގައެވެ. "އަރްސަލާން... ކިހިނެތް މިވަނީ؟" މާއިޝާ ބިރުން މޭގައި ފިރުމަމުން ސުވާލު ކުރިއެވެ. "ވާހަކަދައްކާނީ ފަހުން. އިހަށް ހިނގާ އިޝީ ރައްކާތެރި ތަަނަކަށް ގެންގޮސްދޭނަން." އަރްސަލާން ގުދުވެފައި އޭނާގެ އަތަށް ގުޅާފައި އޮތް އައިވީ، ކުއްލިއެއް ޖަހައި ނައްޓާލުމުން ތަދުވެގެން މާއިޝާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. އެވަގުތު އަރްސަލާން އޭނާގެ އުނަގަނޑާއި ހިސާބުގައި ދެއަތުން ހިފާ ނަގައި ކޮނޑަށް ލައިގެން ކޮޓަރިން ނިކުންނަން އެނބުރިލުމުން އޭނާ އޮތީ އަރްސަލާންގެ ކަރުގައި ދެއަތުން ވަށާލައި ބައްދާލައިގެންނެވެ. އެހެން އޮތްއިރު ބޮކިތައް ނިވި ދިއްލެން ފެށިކަން އޭނާއަށް އެނގުނީ އަރްސަލާން ކުރިއަށް ދިޔަ ވަރަަކަށް ޓައިލްސްތަކަށް އެޅިފައި ހުރި އަލި އިރު އިރުކޮޅާ އަނދިރި ކަމަށް ބަދަލުވާތަން ފެނިފައެވެ. މާއިޝާ އެވަރުންވެސް އަރްސަލާން އެދުނީތީ ސުވާލެއް ނުކުރެއެވެ.
"އިޝީ. އަހަރެން މިބުނާ ވާހަކަ ރަނގަޅަށް އަޑު އަހައްޗޭ. އަހަރެން ނުބުނަނީސް އިޝީ ނުވާނެ މިތަނުން ނިކުމެގެނެއް. އެ ހެޔޮ އުޑުމަތި އެކީ ރަތްކުލައިން ފެނުނަސް. ބުނޭ! އަހަރެންނަށް އިޝީއަށް އިތުބާރު ކުރެވިދާނެތަ؟" ހޮސްޕިޓަލުން ނިކުމެފައި އެސްފިޔަޖަހާލާހާ ހިނދުން އަރްސަލާން ގެއެއްގެ ދޮރުމައްޗަށް ހުއްޓި ގެއަށް ވަންނަން ދޮރު ހުޅުވާލައިފައި ވާހަކަދެއްކިއެވެ. މާއިޝާއަށް އެވަގުތު އަރްސަލާން ކުރަން އުޅޭ ކަމެއް ނޭނގިގެން ޖަވާބު ދޭން ނޭނގިފައި އޮތްވާ އޭނާ ތިރީގައި ބެހެއްޓުމުން ވަށައިގެން ހޯދައިލިއިރު އެއީ އެދެމީހުން މީގެ ދުވަސްތަކެއް ކުރީން އެކު އުޅުނު އެޕާޓްމެންޓެވެ.
"ފުރަތަމަ އަރްސަލާން ވަޢުދުވޭ ތި ކުރާ ކަމަކުން އަރްސަލާންގެ ފުރާނައަށް ގެއްލުން ނުވާނެ ކަމަށް. އަދި އަހަރެން ކައިރިއަށް އެނބުރި އަންނާނެ ކަމަށް." މާއިޝާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލި ޖުމްލައިން އެމޫނަށް ބަދަލު އައިތަން އޭނާ ދުށްޓެވެ. "ޤަބޫލުކުރޭ އަރްސަލާން. އަހަރެން މިބުނި ކަންކަން ކުރަން ވަޢުދު ނުވެ އަރްސަލާން ބޭނުމެއް ނުވާނެ މިތަނުން ނިކުންނާކަށް. އެއީ އަހަރެން ޖެހިލުމެއް ނުވާނެ އަރްސަލާން ފަހަތުން އަރްސަލާން ހޯދަން ނިކުންނާކަށް." މާއިޝާ ބިރުވެރި އިންޒާރެއް ފަދައިން އެޖުމްލަތައް ބޭރުކޮށްލުމުން އަރްސަލާންއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. "އެންމެ ރަނގަޅު. އަހަރެން ވަޢުދުވަން. އަރްސަލާން އެންމެފަހުން ބުނެލިއެވެ. އޭނާ ދާންވެގެން އެނބުރި ލުމާއެކު މާއިޝާ ދެވަނަ ފަހަރަށް ގޮވާލުމުން ހުއްޓިފައި ބަލާލިއެވެ. "އިހަށް މަޑުކުރޭ. އަހަރެން މި އަންނަނީ." މާއިޝާ އަތުން މަޑުކުރަން އަންގާފައި ދުވެލާފައި ގޮސް ވަނީ އޭނާ އުޅުނު ކޮޓަރިއަށެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ނިކުތްއިރު އަތުގައި އޮތީ ކުޑަ ޕާރސަލެކެވެ. އަރްސަލާން ހައިރާންވެފައި ހުއްޓާ ޕާރސަލް ކަނޑާލައިފައި އޭގެ ތެރެއިން ނެގި ރިހި ކުލައިގެ ނިކަން ރީތި ގަޑިއެއް ހިފައިގެން ކުރިއަށް ޖެހިލިއެވެ.
"މީ އަހަރެން އަރްސަލާންއަށް ހަދިޔާ ކުރަން ގަން ގަޑިއެއް. އެކަމަކު އެކަން ނުވަނީސް އަހަންނާއި އަރްސަލާން ވަކިވީ." މާއިޝާ އަރްސަލާންގެ އަތުގައި ހިފާ އުފުލާލައިފައި އަތުކުރީ ގަޑި އަޅުވައިދެމުން ކިޔައިދިނެވެ. އަރްސަލާން އޭރު ކަޅި ޖަހާ ނުލާ ހުރެގެން އެމޫނަށް ބެލިއެވެ. "ވަޢުދު ވޭ މިގަޑި ދުވަހެއްގެ ކޮޅުންވެސް އަރްސަލާންގެ އަތާއި ވަކި ނުކުރާނެ ކަމަށް." މާއިޝާ ހަތަރުކަޅި ހަމަކޮށްލައިފައި އެދުނެވެ. އަރްސަލާން އެވަގުތު މަޑުމަޑުން ބޯ ޖަހާލައިފައި ކުއްލިއަކަށް އޭނާގެ މޫނުގައި ދެއަތުން ހިފީނުން ނިކަން ފުންކޮށް ތުންފަތުގައި ބޮސްދީފައި ދުރުކޮށްލިއެވެ. އޭނާ މާއިޝާގެ ހަށިގަނޑުން ދެއަތް ވަކިކޮށްލާފައި ދޮރާއި ދިމާއަށް ދަމުން ބަލައިލިއިރު ދެއަތްތިލައިގައި އާދަޔާ ޚިލާފަށް ތުރުތުރެއް އުފެދިފައި ވިއެވެ.
"އަހަރެން އިންތިޒާރު ކުރާނަން." އަރްސަލާން ދޮރާއި ހަމައިން ވައިގެ ތެރެއަށް ގެއްލިގެން ދިއުމުން މާއިޝާ އަމިއްލަ ހިތަށް އިވޭހާ މަޑުން ބުނެލިއެވެ. އެއަށްފަހު އޭނާ އަނެއްފަރާތަށް އެނބުރިފައި ގޮސް އަރްސަލާން އުޅުނު ކޮޓަރިއަށް ވަދެ އެތަން މިތަން ބަލަމުން ދޮރު ފޮތިތައް ކަހާލިއިރު އޭގެ އަނެއްފަރާތުގައި ބެލްކަނީ ފެތުރިފައި އޮންނަ ވެޔޮތައް އޮތެވެ. މާއިޝާ ދޮރުފަތް ކަހާލައިފައި ކުދި ފިޔަވަޅުތަކެއްގައި ތިރި ބަލަމުން ގޮސް ރެއިލިން ކައިރިއަށް ހުއްޓޭންދެން އޭނާއަށް ފާހަގަ ކުރެވުނީ ކުރިން އެވެޔޮގަނޑުން ފެނުނު ފަދަ އެއްވެސް މަލެއް މިހާރު އެވެޔޮގަނޑުގެ އެއްވެސް ހިސާބެއްގައި ނެތްކަމެވެ. އަދި ވެޔޮގަނޑުގެ ފެހިކަންވެސް ކުރިއާ ހިލާފަށް މިހާރު ހުރީ ރީނދޫވާން ފަށައިފައެވެ. މާއިޝާ ސުވާލު އުފެދިފައި ހުރެގެން ވެޔޮތައް މަތީ އިށީންތަނާ ދުރުން ނިކަން ގަދައަށް ވިދާލައިފައި ހަމަ އެހާ ބާރު ގުގުރިއެއް ޖެހިއެވެ. ތޫފާން އައުމުގެ ކުރިން ދިން އިންޒާރެއް ފަަދއިންނެވެ.