ކަރުނަތައް ގިނަވެ ނުހިފޭއްޓޭނެކަން ޔަޤީންވުން މާއިޝާ އެބޭކާރު މަސައްކަތް ހުއްޓާލައިފައި އަތް ތިރިކޮށްލި ވަގުތު ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލައިފިއެވެ. ކުރިއާއި ޚިލާފަށް އޭނާ މިފަހަރު ކުޑަކޮށްވެސް ނުސިހެއެވެ. އެވަގުތު މާއިޝާ ފުން ނޭވައެއް ދޫކޮށްލައިފައި އެނބުރި ބަލައިލުމުން ވާރޭ ތެރޭ ހުރި މީހާ އަރްސަލާންއަށްވުރެ އިސްކޮޅުން ކުރުހެން ހީވެފައި އަތުގައި އޮތް ކުޑަ ޓޯޗު އޭނާގެ މޫނަށް އެޅޭނެހެން ހިއްލާލިއެވެ. ބައްތީގެ އަލިކޮޅު އެމޫނަށް އެޅިފައި އޭނާ ރަނގަޅަށްވެސް ސިހުނެވެ. ކުރިމަތީގައި ހުރީ އަންހެން ކުއްޖެކެވެ. ފޭރާމެއްނެތި ހެއްދެވި ގޮތަށް ހުރި އަންހެން ކުއްޖެކެވެ. މާއިޝާ ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި ހުއްޓާ ކުއްލިއަކަށް އަންހެންކުއްޖާ ފެހި ދެލޯ ދިއްލާލައިފައި ފުޅާ ކޮށްލި އަނގައިގައި ހުރީ ތޫނު ދިގު ދައްތަކެކެވެ. އަޑުގާ ނެތްތަނަށް ހަޅޭތްލަވައިގަންނަން ބޭނުންވި ނަމަވެސް މާއިޝާގެ އަޑެއް ނުނިކުތެވެ. ގުޑައި ނުލެވިފައި ބުދެއްހެން ހުއްޓާ އެއަންހެން ކުއްޖާ ކަނާއަތުން މާއިޝާގެ ކޮނޑުގައި ހިފަހައްޓާލި ތަނުން އެތޫނު ނިޔަފަތިތައް ހަންގަނޑު ތޮރުފާލައިފައި ވަދެގެން ދިޔަކަން އެނގުނެވެ. ދެން ހީވީ މޫނުމައްޗަށް ކަޅު ފަރުދާއެއް ވައްޓާލެވުނު ހެންނެވެ. ފެންނަމުން ދިޔަ ހުރިހާ މަންޒަރެއް ގެއްލި ވަށައިގެންވި އެންމެހާ އަޑެއް ކެނޑި މުޅިން ހިމޭންވީއެވެ.
******

ކައިރީގައި ހުރި ފިހާރައަށް ގޮއްސައި މެހެރީން އެނބުރި އައިސް ދެފައި ވަށްކޮށްލައިގެން އަރާ އިށީނީ ސިޓިންރޫމް ސޯފާގައެވެ. ކުޑަ މޭޒުމަތީ އޭނާ ބެހެއްޓި ކޮތަޅު ތެރެއިން ޗިޕްސް ޕެކެޓެއް ކަނޑާލައި އެތިކޮޅެއް ކާލައިފައި ބެހެއްޓި ގޮތަށް ދެވައްތަރެއްގެ ޗޮކްލެޓެއް ނިއުޅާލައިގެން ކޮންމެ އެއްޗަކުން އެއްބުރި ކާލުމަށްފަހު ޗިޕްސް ޕެކެޓް ފަދައިން މޭޒުމައްޗަށް ދޫކޮށްލިއެވެ. މަލީހް ގެއަށް ވަންއިރު އޭނާ އިނީ ޔޯގަޓް ތައްޓެއް ކާށެވެ. ދައްތަ އާއި ބެހޭ ގޮތުން ބައްޕަ ސުވާލު ކުރުމުން ކޮޓަރީގައޭ ބުނެ އިއްވައިލީ ޓީވީ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ. "މެހެރީން ގޮވާބަލަ ދައްތައަށް. ބައްޕަ ވަރަށް ބަނޑުހައި ވެއްޖެ." މަލީހް މެހެރީން ކުރިމައްޗަށް ހުއްޓިފައި އެދުނެވެ. މެހެރީން ވަގުތުން ބޯ ޖަހާލައިފައި އިންތާ އިނދެގެން ބާރު ބާރަށް އިޝީއޭ ގޮވާލިއެވެ. ދަރިފުޅުގެ މިއަމަލުން މަލީހް ގާތަށް ހިނިއަންނަ ގޮތްވިއެވެ. އެކަމަކު އޭނާ މެހެރީން ބަލައިލަން ވާއިރަށް ބައްޕަ ހިނގައިދާނަމޭ ކިޔާފައި ގޮސް އެކޮޓަރި ދޮރުފަތުގައި ޓަކި ޖަހާލައިފިއެވެ. ވެހޭ ވާރޭގެ އަޑާ ހެދި މާއިޝާއަށް އަޑު ނީވުނީ ކަމަށް ނިންމާފައި މަލީހް ދޮރު ހުޅުވާލިއިރު ކޮޓަރިތެރެ ފެނުނީ ހުސްކޮށް އޮތްވައެވެ. 

"މާއިޝާ ދަރިފުޅާ! ފާޚާނާގައިތަ؟" މަލީހް ދޮރުން ބޯދީގެން ހުރެ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ޖަވާބު ނައުމުން އޭނާ އެތެރެއަށް ވަދެގެން ގޮސް ފާޚާނާ ދޮރުގައި އަތް ޖައްސާލުމުން ކުއްލި ހައިރާންކަމެއް ލިބުނެވެ. ވިސްނާލަމުން އޭނާ އެނބުރި ގޮސް މެހެރީން ކައިރީ އަހާލުމުން އޭނާއަށް މާއިޝާ ވީ ތަނެއް އެނގުނު ކަމަކަށް ނުވިއެވެ. "މިއޮތް ވިއްސާރައިގަ ދެން ކޮންތާކަށް އެދިޔައީ؟" މަލީހް ކަންބޮޑުވެފައި ވާހަކަދެއްކިއެވެ. "ނޭނގެ ބައްޕާ. ނާޔަލް ގުޅައިގެން ދިޔައީ ނޫންބާ. އަހަރެން ދެންމެ މިތާ ކައިރީ ހުންނަ ފިހާރައަށް ދިޔަ ވަގުތު ކަންނޭނގެ އިޝީ އެދިޔައީ. ބައްޕަ ދެން ހިނގާ. އަހަރެން ކާން ހަދައިދީފާނަން." މެހެރީން ފަރުވާ ކުޑަ ގޮތަކަށް ރައްދު ދީފައި ތެދުވެގެން ދިޔައެވެ.

ބައްޕައަށް ކާން ތައްޔާރު ކޮށްދީފައި މެހެރީންއަށް ނިކުމެވުނީ ޒަވީ ކުރިމައްޗަށެވެ. ޒަވީ ކޮނޑުގައި އޮތް ކުޑަވަރެއްގެ ދަބަހަކާއެކު އައިސް ވަދެ ހުރެގެން ގޮވަން ފެށީ މާއިޝާއަށެވެ. "ޑޮކް ކީއްތިކުރަނީ ދަބަހެއް ހިފައިގެން؟ މިއޮތް ވިއްސާރައިގަ ނައިޓް ފިޝިންއަކަށް ކަހަލަ ތަނަަކަށް ދަނީތަ؟" މެހެރީން އައިސް ކުރިމައްޗަށް ހުއްޓި ހަށަން ބަނދެލަމުން ސުވާލު ކުރިއެވެ. "ކޮބާ މާއިޝާ؟" ޒަވީ ބޭނުންވީ ވީ އެންމެ އަވަހަަކަށް މާއިޝާއާ ބައްދަލު ކުރާށެވެ. އެހެން ނޫނަސް މެހެރީންގެ ސުވާލަށް އޭނާ ދޭން އޮތީ ދޮގު ޖަވާބެކެވެ. "ނޭނގެ. ބައްޕަވެސް ދެންމެ އިޝީ ވީތަނެއް ނޭނގިގެން ހޯދައިފި. ގުޅާބަލަ!" މެހެރީން ހަށަން މޮހައިލާފައި ގޮސް އަނެއްކާވެސް ސޯފާއަށް ޖެހިގަތެވެ. އޭނާގެ ޖަވާބު އިވިގެން ޒަވީގެ މޫނަށް ވެރިވި ހާސްކަމެއްވެސް އޭނާއަކަށް ފާހަގައެއް ނުވިއެވެ. އެވަގުތު ޒަވީ އެހުރިތާ ހުރެގެން ފޯނު ނަގާފައި މާއިޝާއަށް ގުޅިއެވެ. "ފޯނެއް ނުނަގާ. ޔަޤީންތަ އިޝީ ކޮޓަރިއަކު ނެތްކަން؟" މާއިޝާ އެހާ މުހިންމު ގަޑިއެއްގައި އަންގާނުލައި ހިނގައިދާނެ ކަމާމެދު ޒަވީއަށް ޝައްކު ވެގެން އަނެއްކާ އަހާލެވުނެވެ. "މިގޭ ކޮޓަރިއަކު ނެތް. އެކަމަކު މިހާ ރެއިނީ ރޮމޭންޓިކް ރެއެއްގައި އެހެން ތަނެއްގައި ހުރި ކޮޓަރިއެއްގައި ހުރެދާނެ ކަންނޭނގެ." ޒަވީއަށް މެެހެރީން ބުނި އެއްޗެއް ދޭހަ ވެގެން އެއީ ތެދެއް ކަމަށް ނިންމާފައި ނިކުމެގެން ދިޔައީ މާއިޝާ ފަހު ވަގުތު ހިޔާލު ބަދަލުވީ ކަމަށް ބަލާފައެވެ. ނޫނީ މާއިޝާވެސް އެހެން މީހުން ފަދައިން އޭނާގެ ވާހަކަ ގަބޫލު ނުކުރަނީއެވެ.

ހޭވެރިކަން ވީއިރު ކަނާތު ކޮނޑުގައި އާދަޔާ ޚިލާފަށް ވޭން އަޅައެވެ. އެސްފިޔަތައް ދުރުކޮށްލިއިރު އަނދިރިކަން ނޫން އެއްެޗެއް ނުފެނެއެވެ. މާއިޝާ އޮތް ގޮތަށް އޮވެގެން އަނެއް އަތް ހަރަކާތް ކޮށްލުމުން އެތައްބައިވަރު ހިކި ފަތްތަކެއްގައި އަތް ޖެހުނެވެ. ވިސްނާލިއިރު ވާރޭގެ އަޑު އަދިވެސް އެބަ އިވެއެވެ. އެކަމަކު އޭނާގެ ބޮލަށް ވާރޭ ނުވެހެނީ ކީއްވެ ހެއްޔެވެ؟ މާއިޝާ މަތި ބަލަން އޮތްވާ އިރުކޮޅަކުން އަނދިރިއަށް ލޯ ހޭނި ބޯމަތީ އޮތް ފުރާޅާއި ވަކަރުތައް ފާހަގަވިއެވެ. އަދި އެވަކަރުތަކުގައި ވަކި ހިއްޕާލައިގެން ދުވެފައިވާ ވެޔޮގަނޑެއްގެ އެތައް ބައިވަރު ކުރިތަކެއް ހަރުފަތަކެއް ފަދައިން އޮޅެމުން ތިރިއަށް އައިސް އެލިފައި އޮތެވެ. ނެތް ހިތްވަރާއެކުވެސް އޭނާ ބިންގަނޑުގައި ވާއަތް ވިއްދާފައި ތެދުވެ އިށީނެވެ. އެހިސާބުން އޭނާއަށް ޔަޤީންވި އެއްޗަކީ އެއިނދެވުނީ ކޮންމެވެސް ތަނެއްގައި ހުރި ފަޅު ގެއެއްގައި ކަމެވެ. އަދި ކުރިމަތީން ފެންނަން ހުރީ އެގެއިން ނިކުމެވެން ހުރި ދޮރެވެ. 

އެހިސާބުން ހިތުގައި އުފެދުނު ސުވާލަކީ އޭނާ އެތަނަށް ގެނަ ފަރާތާއި ބެހޭ ގޮތުންނެވެ. ދެވަނަ ސިކުންތުގައި ހިތް ބިރުން ރޫރޫ އަޅައިލީ ހޭ ހުސްވުމުގެ ކުރިން ފެނުނު ބިރުވެރި ސޫރަ މަތިން ހަނދާންވެފައެވެ. އެވަގުތު ނޭވާ ލާންވެސް މާއިޝާ ޖެހިލުންވިއެވެ. ދޮރާއި ދިމާލުން ހިކި ފަތްފައް މުގުރުނު އަޑު އިވުނީ މާއިޝާ އެހެން އިންދައެވެ. އޭނާ ތެޅިގަނެފައި ބަލާލިއިރު އަނދިރީގެ ތެރެއިން ފައުޅުވާން ހުރި ހިޔަންޏެއް ފަދައިން ދޮރުމަތީގައި މީހަކު އެބަހުއްޓެވެ. އެވަގުތު އެމީހަކު އަންނަން ފެށީ ފަހަރަކަށްވުރެ ފަހަރެއް ކައިރިއަށެވެ. ނާންނާށޭ ކިޔާ ހަޅޭތްލަވަން ބޭނުންވި ނަމަވެސް މާއިޝާގެ އަޑު ހުރީ ކަރުތެރޭ ތާށިވެފައެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ކަރުނަތައް ފައިބައިގެންދާން ދޫކޮށްލައިގެން އިނދެ އިސްޖަހާލުމެވެ.

ކުޑައިރުކޮޅެއް ފަހުން ފިޔަވަޅުގެ އަޑު އައިސް އެންމެ ކައިރިވެފައި އެމީހަކު ތިރީގައި ކުޑަކަކޫ ޖަހައިލި ގޮތަށް އަތް ބާއްވައިލީ މާއިޝާގެ ކޮނޑުގައެވެ. އެހިނދު ތަގުޅި ކޮށްލައިގެން ހުރި ދެލޯ މާއިޝާއަށް ހުޅުވައިލެވުނީ ކުއްލިއަކަށެވެ. އެއީ އޭނާއަށް އާ އިހްސާސެއް ނޫނެވެ. އެ ބީހުމަކީ އޭނާއަށް ކުރިންވެސް ތަޖުރިބާ ކުރެވިފައިވާ އެއްޗެކެވެ. "އަރްސަލާން؟" މާއިޝާ އިސްއުފުލާލައިފައި ލަސްލަހުން ކިޔާލިއެވެ. "އަހަރެން މިއައީ މާއިޝާ ގެއަށް ގެންދަން." ޖަވާބުގައި އަރްސަލާން ބުނެލިއެވެ. ވަގުތުން މާއިޝާއަށް ރޮއިގަނެވުނެވެ. އޭނާއަށް ވާހަކަ ނުދެއްކިގެން ދެއަތް ހުޅުވައި ދިއްކޮށްލީ އަވަހަށް ގެންގޮސްދޭށޭ ބުނާފަދަ ގޮތަކަށެވެ. އަރްސަލާން އޭނާގެ ކޮނޑުން ދޫކޮށްލައިފައި އުނަގަނޑުގައި އެއަތް ވަށާލުމާއެކު ދެވަނަ ސިކުންތުގައި އޭނާ އޮތީ އެބާރުގަދަ ދެއަތުގެ ހިމާޔަތުގައެވެ. އަރްސަލާން އެނބުރި ދޮރާއި ދިމާއަށް ހިނގަން ފެށުމުން މާއިޝާ އެއްވެސް ޖެހިލުމެއްނެތި އެމޭގައި މޫނު ފޮރުވާލައިގެން އޮތެވެ.

"އާދެވިއްޖެ ދޯ. އަހަރެން މިހާރު ގުޅަންވެސް އުޅެފިން ބައްޕަ ކަންބޮޑުވެގެން އުޅޭވަރުން." ނުވައެއް ޖެހިތަނާ ނާޔަލް އައިސް ވަންއިރު މެހެރީން އަދިވެސް އިނީ ސިޓިންރޫމްގައެވެ. އެވަގުތު ނާޔަލް ވަދެގެން އައުމުން މެހެރީން ދޮރާއި ދިމާއަށް ބަލަން ފެށީ ފަހަތުން މާއިޝާ ވަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނާ ތައްޔާރު ވެގެން ހުރީ މާއިޝާއާ ދިމާއަށް އެތިވަރު ގޮވައިގަންނާށެވެ. އެހާ ޒިންމާދާރު ކުޑަވެގަނެގެން ދާ ތަނެއް ނުބުނެ ލޯ ކުރިމަތިން ގެއްލުމަކީ އޭނާ ކުރާ ކަމެއްކަން ބުނާށެވެ. އެއީ މާއިޝާގެ ގޮތެއް ނޫނެވެ. " ވާރޭ ހުއްޓައިގެނެއްނު ތަނަކަށް އާދެވޭނީ. އެހެންނޫނަސް އަހަރެން ހީކުރީ ގުޅައިފަ ބުނާނެ ކަމަށް އަންނާށޭ." ނާޔަލް އައިސް ހުސްކޮށް ހުރި ސޯފާގައި އިށީންދެފައި ނަޒަރު ހުއްޓާލީ މާއިޝާ އުޅޭ ކޮޓަރި ދޮރަށެވެ. "ކޮބާ އިޝީ؟ އިޝީ ގޮވައިގެނެއް ނޫންތަ ތިއައީ؟" މެހެރީން އިނދެ އިނދެ މާއިޝާ ދައްކާނުލީމައި އެންމެފަހުން ސުވާލު ކޮށްލިއެވެ. "ވަޓް؟" މެހެރީން ބުނި ވާހަކަ އަހާފައި ނާޔަލް ހައިރާންވިއެވެ."އޯހ ނޯ..." ނާޔަލްގެ މޫނަށް ބަލާފައި މެހެރީންއަށް ފުންމައިގެން ތެދުވެވުނެވެ. "ކިހިނެތްވީ؟ އިޝީ ގޭގަ ނެތީތަ؟ ވެއާ އިޒް ޝީ؟" މެހެރީންގެ ކުލަވަރު ފެނިފައި ނާޔަލްވެސް ކަންބޮޑުވެއްޖެއެވެ. އޭނާ ތެދުވެފައި ބާރު ބާރަށް ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަނެވެ. އެތެރެއިން ފޯނެއް ރިންގްވާ އަޑު އިވުނީ އޭނާ އެތާ ހުއްޓައެވެ. ނާޔަލް ގޮސް ހޯދައިލިއިރު މާއިޝާގެ ފޯނަށް މެހެރީން ގުޚަނީއެވެ. އޭނާ އެފޯނު ހިފައިގެން ނިކުތްތަން ފެނިގެން މެހެރީން ދެފަރާތަށް ބޯ ހޫރާލައިފައި ސޯފާއަށް ވެއްޓިގަންއިރު ދެލޯ ކަރުނުން ފުރިއްޖެއެވެ. އަނެއްކާ އަރްސަލާން އޭނާގެ ކިބައިން ބަދަލު ހިފަން ވެގެން އިޝީ ގެންދިޔައީ ނޫންބާއެވެ. ހިތަށް އެރި އެއްޗަކުން މެހެރީންއަށް އަނެއްކާވެސް ދެފަރާތަށް ބޯ ހޫރާލެވުނީއެވެ. އޭރު ނާޔަލް އާއި މަލީހް އެކަކު އަނެކަކަށް ނަޒަރެއް ދީފައި ގޭގެ ދޮރާއި ދިމާއަށް ދިޔައެވެ. 

އިރުކޮޅަކުން އިވުނީ ބައްޕަ އާއި ނާޔަލް އެއްއަޑުން މާއިޝާއޭ ގޮވާލި އަޑެވެ. އެއަޑަށް މެހެރީން ސިހިފައި ބަލައިލިއިރު މާއިޝާ އަތްދަނޑި މައްޗަށް ލައިގެން ހުރެ އަރްސަލާން ދޮރުން ވަންނަނީއެވެ.

"އަރްސަލާން...؟" މެހެރީންއަށް ބާރުބާރަށް ގޮވާލެވުނެވެ. އެވަގުތު މާއިޝާގެ މޫނަށް ހުއްޓިފައިވާ ނާޔަލްގެ ނަޒަރު ހިނދުކޮޅަކަށް ނަމަވެސް އަރްސަލާންއަށް ހުއްޓޭ ގޮތްވިއެވެ."ކިހިނެތްވީ؟ ކިހިނެތް ވެގެން އިޝީގެ ކޮނޑު ހަލާކުވެފަ މިހުރީ؟" ނާޔަލް މާއިޝާގެ ކޮނޑުގައި ބާރަށް އައްސާފައި އޮތް ފޮތިގަނޑަށް ނަޒަރެއް ދީފައި އަރްސަލާން އަތުތެރޭން މާއިޝާ ނަގަން އުޅެގަތެވެ. އޭނާ ހުއްޓުނީ މަލީހް އަރްސަލާން ވަދެގެން ދާން ތަން ދައްކާފައި މާއިޝާ ސޯފާގައި ބާއްވަން އިޝާރާތް ކުރީމައެވެ. "ބައްޕާ އަހަރެން ކައްސާލައިގެން ވެއްޓުނުއިރު އޫކޮށް ހުރި ގޮނފިގަނޑެއްގައި ޖެހި ހަލާކުވީ." މާއިޝާ އެހާލުގައި އޮވެވެސް އަރްސަލާންއަށް ޖަވާބު ދޭކަށް ނުޖައްސައެވެ. މަލީހު ފަދައިން ނާޔަލްވެސް އެއްކައިރިވެ ތަން ދައްކާފައި އަރްސަލާން ގޮސް މާއިޝާ ސޯފާގައި ބާއްވާފައި ހިންދެމިލުމާއެކު އެންމެ ކުރީން މަގަތުގައި އިށީންދެއްޖެއެވެ. ޓެކްސީއަކަށް ގުޅާ ވާހަކަ ބުނުމުން މާއިޝާ ހޮސްޕިޓަލަށް ދާން ދެކޮޅު ހެދިއެވެ. އޭނާ ބޭނުންވީ އެކަނި ގޭގައި ބޭސް އަޅާށެވެ. ބޭބީ ޔޫ އާ ގޮނަ ބީ އޯކޭ. އައި ޕްރޮމިސް." ނާޔަލް މަލީހުއަށް ނަޒަރެއް ދީފައި މާއިޝާގެ އަތްތިލަ ނަގާ ތުންފަތް ޖައްސާލައިގެން އިނދެ ވާހަކަދެއްކިއެވެ. އަރްސަލާން ސޯފާތަކުގެ މެދުން ނިކުމެފައި ދޮރާއި ދިމާއަށް ދާން އުޅެނިކޮށް މަލީހު ކައިރިވެފައި އޭނާގެ ކޮނޑުގައި މަޑުމަޑުން ޖަހާލައި ޝުކުރިއްޔާއޭ ބުނެލިއިރު މާއިޝާ އޮތީ ބަލާށެވެ. އޭރު މެހެރީންވެސް ފޯނު ކުރަން ހުރެފައި އެދެމީހުންނަށް ބަލައިލިއެވެ. އޭނާއަށް ފާހަގަވީ އަރްސަލާން މާއިޝާގެ މޫނަށް ބަލަން ހުރި ގޮތެވެ. އެގޮތަށް އޭނާގެ މޫނަށް މީހަކު ބަލައިފިނަމަ އެމީހަކަށްޓަކައި ފިދާވުން މަތީ އުމުރު ހުސްކޮށްލަން ރުހޭނަމޭ ހިތާއި ހިތުން ބުނެލެވުނެވެ. އޮޅިގެން ވިއަސް އޭނާއަށް ކުރިން ބުނެވިފައި އޮތީ ތެދު ވާހަކައެއްކަން މެހެރީންއަށް ޔަޤީންވިއެވެ. އަރްސަލާންވެސް މާއިޝާދެކެ ލޯބިވެއެވެ.

"ޒަވީ އިރުކޮޅަކުން އެބަ އަންނަމޭ ބުނީ." މެހެރީން ފޯނު ބާއްވާފައި އެންމެނަށް އަންގާލިއެވެ. ބައްޕަ ޒަވީ ގެންނަން ބާރު އެޅުމުން މާއިޝާއަށް އިތުރަށް ދެކޮޅު ހަދަން ނުކެރުނީއެވެ. މާއިޝާ ބޭނުން ވާނެ ގޮތް އެނގޭތީ މެހެރީން ބެލީ އަވަހަށް އަރްސަލާން އެމީހުން ކައިރިން ސަލާމަތް ކޮށްގެން އެތަނުން ނެރެވޭތޯއެވެ. ބައްޕަމެން މީހަކު އަރްސަލާން އަކީ ކޮން ގެއެއްގެ ކާކުތޯވެސް އަހައިފާނެއެވެ. އޭނާ ގޮސް އަރްސަލާން ކައިރިއަށް ހުއްޓި ބައްޕަ ފަދައިން ޝުކުރު އަދާކޮށްފައި ދޮރާއި ދިމާއަށް ދާން ފެށުމުން އަރްސަލާންއަށް ވިސްނިގެން އެކުގައި ދިޔައެވެ. ނާޔަލް މާއިޝާ ކައިރީ އިނދެފައި އެނބުރި ބަލާލިއިރު އޭނާއަށް ފެނުނީ އެދެމީހުން ދޮރުން ނިކުންނަނިކޮށެވެ. އެވަގުތު އޭނާ މެހެރީންއަށް ގޮވަން އުޅެފައި ހުއްޓާލީ މަލީހު ހުރިކަން ހަނދާންވެފައެވެ. މެހެރީންގެ ހަރަކާތް ހުރި ގޮތުން މަލީހުއަށް އަދި އަރްސަލާންގެ ތައާރަފް ދީފައި ނެތްކަން އެނގުމުން އޭނާވެސް ކަންތައްތައް އިތުރަށް ގޯސްވެދާ ކަހަލަ ކަމެއް ކުރާކަށް ބޭނުމެއް ނުވިއެވެ. 

ބޭސް އަޅަން ވެގެން ޒަވީގެ އެދުމަށް މާއިޝާ ކޮޓަރިއަށް ބަދަލު ކޮށްފައި މެހެރީން ނޫން ދެން ތިބި މީހުން ނިކުތީ ބޭރަށެވެ. "ޔަޤީންތަ މީ ގޮނފިގަނޑަކުން ލިބިފަ ހުރި ޒަޚަމްތަކެއްކަން؟" ޒަވީ މާއިޝާގެ ކޮނޑުގައި އައްސާފައި އޮތް ފޮތިގަނޑު މޮހާލިއިރު ހެދުން ފޫދުއްވާލައިފައި ފެންނަން ހުރި ޒަޚަމްތަކަށް ބަލަން އިނދެގެން އެހިއެވެ. އެވަގުތު މާއިޝާ ޖަވާބު ދޭން ފަސްޖެހުނެވެ. އޭނާ ހޫމ އަޅުވާލީ ޒަވީ ޖާސޫސެއްހެން ހަތަރުކަޅި ހަމަކޮށްލީމައެވެ. "ހެދުން މިހިސާބުން ކަފާލިއަސް އޯކޭ ދޯ. ހަލާކުވެފައެއްނު މިއޮތީ މިހާރު." އެނދުގެ މަގަތުގައި މެހެރީން ހިފަހައްޓައިގެން ހުރި ކިޓުން ކަތުރެއް ނަގާފައި ޒަވީ އެހިއެވެ. މާއިޝާ ބޯ ޖަހާލުމުން އޭނާ ހެދުމުގެ ކޮނޑާއި ދިމާއިން ކަތުރު ލައްވައި ކަފަމުން އަތާއި އެއްކޮށް މެދުން ކަފާލިއެވެ. ޒަޚަމްތައް ރަނގަޅަށް ފެނުނީ އަދި ދެނެވެ. އެވަގުތު މެހެރީންއަށް އިތުރަށް ބަލަން ނުކެރިގެން ގޮނޑިއެއްގެ މަތީގައި ޒަވީގެ ޑްރެސިން ކިޓް ބަހައްޓާފައި ގޮސް ހުއްޓުނީ ދުރުގައި ކުޑަދޮރު ކައިރީގައެވެ. އޭނާ ހަށަން ބަނދެލައިގެން ހުރެ އެމީހުންގެ ހަރަކާތްތަކަށް ބެލީ ދުރުންނެވެ.

"އަހަރެން މިރޭ ދިޔައިން. އެކަމަކު ކާމިޔާބެއް ނުވި. އޭތި ނުފެނިގެން ގެއަށް އައި މަގުމަތީގަ މެހެރް ގުޅީ." ޒަވީ މަސައްކަތް ކުރިއަށް ގެންދަމުން ކިޔައިދިނެވެ. މާއިޝާ އެމޫނަށް ބަލައިލާފައި ޒަވީ ހަތަރުކަޅި ހަމަކޮށްލަން އުޅޭހެން ހީވެގެން އަވަހަށް ބަލަން ފެށީ ސާފުކޮށްފައި އޮތް ޒަޚަމްތަކަށެވެ. ފަސް ތަނުން ހަލާކުވެފައި ހުރިއިރު ދެތަނެއް ހުރީ ނިކަން ފުންކޮށެވެ. މަސްގަނޑުވެސް ހުރީ ދުރުވެފައެވެ. ޒަވީ ތައްޔާރު ވީ ލޯކަލް އެނެސްތޭސިއާ ދީފައި އެތަންތަން ފަހާށެވެ. މާއިޝާ ހިތްވަރުގަދަ ކުއްޖެއްހެން ލޯމަރާލައިގެން އިނެވެ. 

"ނިމުނީ." ޒަވީ ވާހަކަދެއްކި އަޑަށް މާއިޝާ ލޯ ހުޅުވާލިއިރު މެހެރީންވެސް އަނެއްކާ އައިސް ހުރީ ކައިރީގައެވެ. ޒަވީ މާދަން އަންނާނެ ވާހަކަ ބުނެފައި ދިއުމުގެ ކުރިން މާއިޝާ ކާން ޖެހޭ ދެތިން ވައްތަރެއްގެ ބޭހެއް ލިޔެ މެހެރީން އަތަށް ދިނެވެ. "ހީ ވޯޒް ހޮޓް." ޒަވީއާއެކު ދޮރާއި ހަމައަށް ގޮއްސައި އެނބުރި އައިސް ކައިރީގައި އިށީންނަމުން މެހެރީން ބުނެލިއެވެ. "މިބުނީ އޭނަ ޑްރެސިން ކުރިއިރު." މާއިޝާ ބަލައިލުމުން މެހެރީން އިތުރުކޮށްލިއެވެ. މާއިޝާ ބޯ ޖަހާލައިފައި ތެދުވެގެން ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ. ޒަވީ ބުނިހެން ބޭސްގަޑުގައި ފެން ނުޖައްސާ އުޅެން އެހީތެރިކަން ބޭނުންވާނެތީ މެހެރީންވެސް ދިޔައެވެ.

ނާޔަލް ކޮޓަރިއަށް ވަނީ ގަނެފައި ހުރި ބޭސް ކޮތަޅު ހިފައިގެންނެވެ. މާއިޝާ އޭރު އިނީ އެނދުގައެވެ. "ހިނގާ ކާން ދާން. އިޝީ ބައްޕަ ބުނި އިޝީ ނުވެސް ކައޭ ތިއިނީ." ނާޔަލް އަތުގައި ހުރި ކޮތަޅު ޑްރެސިންޓޭބަލް މަތީ ބާއްވާފައި ގޮސް ކައިރިއަށް ހުއްޓުނެވެ. "ނާޔަލްވެސް ނުކަމެއްނު. ހިނގާ ދާން." މާއިޝާ ބޯ ޖަހާލައިފައި އެނދުން ފޭބިއެވެ. ދެމީހުން އެކީގައި ގޮސް ނިކުތްއިރު މަލީހް ސިޓިންރޫމްގައި އިނެވެ. މާއިޝާ ބައްޕައަށް ހިނިތުންވުމެއް ދައްކާލައިފައި ނާޔަލް ގޮވައިގެން ގޮސް ވަންއިރު މެހެރީންވެސް ކާން ތައްޔާރު ވެގެން އިނެވެ. 

"މެހެރްގެ އަރްސަލާންތަ އެއީ؟" އެންމެން ކާން ފެށިތަނާ ނާޔަލް އިނދެފައި އެހިއެވެ. އެވަގުތު ދެއަންހެންކުދީންގެ ހަތަރުކަޅި ބައްދަލުވިއެވެ. "ޑޯން ޕްލޭ ޑަމް. އަހަރެން ހަނދާން އެބަހުއްޓޭ. މެހެރް ބުނީމެއްނު އަރްސަލާންއަކީ ބޯއިފްރެންޑްއޭ." މެހެރީން ނޫންކަމަށް ހެދިފައި ކޮނޑުއަރުވާލި ތަނުން ނާޔަލް ލާނެތް ގޮތަކަށް ހެވިލާފައި ރައްދު ދިނެވެ. "ގުޑް މެމޯރީ." މެހެރީން އަނގަ ފުރާ އަޅާފައި ހުރި ކާއެއްޗެއްސާއެކު އެވާހަކައާ އެއްބައިވިއެވެ. "އެކަމަކު މެހެރް ޓައިޕްއެއް ނޫން އެއީ. އެ ގާއި ސީރިއަސްކަމުން ހީވަނީ... އައި ޑޯނޯ..." ނާޔަލްއަށް އެކަށީގެންވާ ބަހެއް ހަނދާން ނުވެގެން ހުއްޓާލިއިރު މެހެރީން އިނީ އަނގައަށް ގޮތެއް ހަދާލައިގެންނެވެ. 

މާއިޝާ އަރާމު ކުރަން ވަގުތު ދީފައި ނާޔަލް ނަސީބަކުން ތަންކޮޅެއް އަވަހަށް އެގެއިން ދިޔައެވެ. ބޭސް ކާންވެގެން ތައްޓެއް ހިފައިގެން އައިސް ކޮޓަރިއަށް ވަދެފައި އަރްސަލާން ފެނިގެން އޭނާ ދިޔައީ ސިއްސައިގެންނެވެ. ދެވަނަ ސިކުންތުގައި އޭނާ އެހެން މީހަކު ނާންނަނީސް ދޮރު ލައްޕާ ތަޅުލިއެވެ. "އަހަރެންގެ ހާލު ރަނގަޅު. އަތުގައި ރިހުންވެސް ރަނގަޅު ވެދާނެ ބޭސް ކާލަނިކޮށް." މާއިޝާ ޑްރެސީން ޓޭަބަލް ކައިރިއަށް ހުއްޓި ބޭސް ކޭއިރު އަރްސަލާން އެހުރި ގޮތަށް ހުރެގެން އޭނާގެ ހަރަކާތްތަކަށް ބެލިއެވެ. އޭނާ ފެންތަށި ބަހައްޓާފައި އައިސް އެނދުގައި އިށީންއިރު އަރްސަލާން އަދިވެސް ހުރީ ކޮޅަށެވެ. "ތިތާ ނުހުރެ އިށީންދެބަލަ!" މާއިޝާ އެދުނެވެ. އޭނާ އެނދަށް އަރައި ދެފައި ދަމާލުމުން އަރްސަލާން އިށީންނީ އޭނާއަށް ފުރަގަސްދީގެން ފައި ކައިރީގައި އެނދުގެ މަގަތުގައެވެ.

"އަހަރެން މިއައީ މާއިޝާ އަހަރެންނާ ބެހޭ ގޮތުން އޮޅުން ފިލުވަން ބޭނުން ހުރިހާ އެއްޗެއް ކިޔައިދޭން. ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދޭން." ހިމޭންކަމުގެ ސުކޫތަކަށްފަހު އަރްސަލާން އިއްވާލިއެވެ.

ކޮމެންޓް 0