"ނާޔަލް...!' ނާޔަލް ހުއްޓުވަން ބޭނުންވި ވަރުން މެހެރީންއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. ނާޔަލް އެނބުރި ބަލައިލުމާއެކު އޭނާ ވިސްނާކަށް ނުހަދާ ކުއްލިއަކަށް މަތިން ލައިގެން ހުރި ޓީޝާޓް ބާލައި ތިރިއަށް ދޫކޮށްލައިފިއެވެ. އެތަން ފެނިގެން ތަޅާއި ހަމައިން ނާޔަލްގެ އަތް ހުއްޓުނުއިރު ޑަންޑަން ލާފައި ތެޅެން ފެށި ހިތުގެ އަޑު ކަންފަތާއި ހަމައަށް ފޯރިއެވެ. މެހެރީންގެ ރީތި ހަށިގަނޑަށް ނަޒަރު ހުއްޓިފައި ހަންގަނޑުން ހިއްލާލި ދަލުގައި ރޯވީ އަލިފާނެވެ. ފުރަގަސްދީފައި ނިކުމެގެން ދާން ބޭނުން ވިއިރު ހަށިގަނޑުގައިވި ހުރިހާ ސެލް އެއްމެ ބާރު ދިނީ އޭގެ އިދިކޮޅަށެވެ. އަމުދުން އޭނާގެ ހަށީގައިވެސް ހިނގަނީ ޒުވާން ލެއެވެ. ކެތްވާނީ ވަކި ވަރަކަށެވެ. އެހެނަސް.... ނާޔަލް އެންމެފަހުން ގޮތެއް ނިންމާފައި ދޮރާއި ދިމާއަށް މޫނު އަނބުރާލިއިރު އެމޫނު ފެނުނު މީހަކަށް ވިއްޔާ އޭނާ ހިތުގެ މައްޗަށް ކުރި ހޯދަން ކުރަމުން ދިޔަ މަސައްކަތް ފައުޅުވާނެއެވެ. ނޭވާ ހިފަހައްޓައިގެން މެހެރީން ހުރެފައި ފުން ނޭވައެއް ދޫކޮށްލީ އެވަގުތުއެވެ. އޭނާ އެވަރު ކުރި ފަހުންވެސް ނާޔަލް ފުރަގަސްދިނީތީ ހިތަށް ފުން އަސަރުތަކެއް ކުރިއިރު އެހިތުގެ އެހެން ކަނަކުން ނާޔަލްގެ އެހިތްވަރަށް ތައުރީފް އޮހުނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ލޯލިތައް ކޮޅަށް ޖެހުނީ ނާޔަލް ދޮރު ހުޅުވުމުގެ ބަދަލުގައި ތަޅަށް އޮބާލި އަޑަށެވެ. ދެލޯ ބޮޑުކޮށްލި ގޮތަށް ގުޑުވާނުލެވިފައި މެހެރީން ހުއްޓާ ނާޔަލް ދިގު ފިޔަވަޅުތަކެއް އަޅާލައިފައި އައިސް އެއްއަތުން އޭނާގެ ބުރަކަށީގައި ހިފާ ގައިގައި ތަތްކޮށްލީނުން އަނެއް އަތުގެ އިނގިލިތައް އެއިސްތަށިގަނޑު ތެރެއަށް ވައްދާ ވާންކޮށްލާފައި ތުންފަތުގައި ބޮސްދިނެވެ. ނޭވާ ހުސްވެގެން ދުރަށް ޖެހިލެވުނު އިރު ދެމީހުންމެ ތިބީ ޖަޒުބާތުގައި ފޯވެގެން ކެތްމަދުވެފައެވެ. އިތުރަށް ބޭނުންވެފައެވެ. ނާޔަލް މެހެރީންގެ މޫނުން ނަޒަރު ވަކިކޮށްނުލައި ހުރި ފިޔަވަޅު މަތީ ހުރެ ދެއަތް އުފުލާލައިފައި ޓީޝާޓް ކަރުވަޅުގައި ހިފާ ދަމައިގަނެ އެހުރިތަނަށް ދޫކޮށްލުމާއެކު އަނެއްކާވެސް މެހެރީން ގެނެސް މޭގައި ތަތްކޮށްލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަން އަރްސަލާންގެ ލޯ ފުރަތަމަވެސް ގޮސް ހުއްޓުނީ މާއިޝާ ނިދާ އެނދާ ދިމާއަށެވެ. އެ އެނދު ހުސްކޮށް އޮތްވާ ފެނުމުން އޭނާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. "މާއިޝާ....!" އަރްސަލާންއަށް ގޮވާލެވުނެވެ. އޭނާ ބާރު ބާރަށް ގޮސް އެނދު ކައިރިއަށް ހުއްޓި ދެކޮޅު ހޯދާލި ތަނާ މާއިޝާ ނިކުތީ ފާޚާނާއިންނެވެ. "އަރްސަލާން..." އެވަގުތު މާއިޝާ ކުރިއަށް ހިނގައިގަނެފައި އަރްސަލާން ފެނިގެން ކުއްލިއަކަށް ހުއްޓުނެވެ. "އަރްސަލާން...." ދެވަނަ ސިކުންތުގައި އޭނާ އައީ ދަމާލައިފައި ދޫކޮށްލި ރަބަރު ފަށެއްހެން ދުވެލާފައެވެ. އަރްސަލާން ކައިރިއަށް ހުއްޓެވުނުއިރު އޭނާގެ ބޮލަށް އެނބުރުން އަރާގޮތް ވެގެން އަރިއަޅާލިއެވެ. މާއިޝާއަށް ކޮޅަށް ހުރެވުނީ އެވަގުތު އަރްސަލާންގެ މެއާދިމާގައި އަތް ވިއްދާލެވުނު ކަމުންނެވެ. "އަރްސަލާން.... އަހަރެން ހިއެއް ނުކުރަން އަހަންނަށް ދެން ދުވަހަކުވެސް އަރްސަލާން ފެނިދާނެ ކަމަކަށް. އަޅެ އަހަރެން ވަރަށް އުފާވެއްޖެ." ނޭވާ ހަމައަކަށް އަޅުވަމުން ހިތުގެ ޝުޢޫރުތައް ބޭރު ކޮށްލިއިރު މާއިޝާގެ ލޮލުގައި ކަރުނަ ވިދަން ފަށައިފިއެވެ. އެކަމަކު މޫނަށް ވެރިވި އުޖާލާކަން ދުރަށް އުދުހި ގަންނަން ނެގީ އިތުރަށް އެންމެ ސިކުންތެކެވެ. އަރްސަލާން އޭނާގެ ކުރިމައްޗަށް އައިސް ހުއްޓެއް ކަމަކު އޭނާ ފެނިގެންވެސް އެމޫނުގެ ސީރިއަސްކަމަކަށް ބަދަލެއް ނައެވެ. އަދިި އޭނާ ކޮޅަށް ހުންނަން އެހަށިގަނޑުގައި އަތް ވިއްދާލި ފަހުން އެއަތުގައިވެސް އަރްސަލާން އަތެއް ނުލިއެވެ.
"ދޭ ނިދަން!" އަރްސަލާން އިއްވާލި ވާހަކަ އަހާފައި މާއިޝާ ހިނދުކޮޅަކަށް މަންމަންވިއެވެ. "އަރްސަލާން ތިއައީ ހަމައެކަނި އަހަރެން ނިދައިފިތޯ ބަލަންތަ؟" މާއިޝާ ސުވާލު ކޮށްލުމުން އަރްސަލާން ބަހެއްނެތި އިޝާރާތް ކޮށްލީ އެނދާއި ދިމާއަށެވެ. އޭނާ ބުނާނެ އެއްޗެއް ނޭނގިގެން ގޮސް އެނދުގައި އިށީންދެ ތިރިއަށް ދެފައި އެލުވާލައިގެން ހަލުވަން ފަށާފައި ހިތަށް އައި ފުރަތަމަ ސުވާލު ކުރަން އިސްއުފުލާލައިފައި ސިއްސައިގެން ދިޔައެވެ. އަރްސަލާން އެހާ އަވަހަށް އައިސް ހުރީ އޭނާގެ ކުރިމަތީގައެވެ. އެވަގުތު އަރްސަލާން އޭނާއާ ދިމާއަށް ގުދުވާން ފެށުމުން މާއިޝާ ފަހަތަށް ޖެހެމުން ގޮސް އެނދުގައި އޮށޯވެވެން ކައިރިވެފައި ހުއްޓާ ކުއްލިއަކަށް އޭނާގެ އުނަގަނޑުގައި ދެއަތުން ހިފާ ކުޑަކޮށް އުފުލާލައި އެނދު ދިގަށް ބަދަލު ކޮށްލައިފިއެވެ. މާއިޝާގެ ނޭވާ އަދިވެސް ކަރުތެރޭގައި ތާށިވެފައި ހުއްޓާ އަރްސަލާން އަނެއްފަރާތަށް މޫނު އަނބުރާލައިފައި އެނދުން ބޭރުގައި އޮތް ދެފައިވެސް އެނދަށް އަރުވާލަދިނެވެ.
"ދެން ނިދާ!" ގައިމަތީ ރަޖާ އަޅައިދެމުން އަރްސަލާން އިތުރަށް ބުނެލިއެވެ. އަމިއްލަ އިޚުތިޔާރެއް ނެތި މާއިޝާއަށް މަޑުމަޑުން ބޯ ޖަހާލެވުނެވެ. ހިތުގައި މުޅިން އެހެން ގޮތަކަށް ރޭވިފައި އޮތަސް ކަންކުރެވުނީ އަރްސަލާން ބުނި ގޮތަށެވެ. އަދި އެވެސް ނުނިދޭނެކަން ކަނޑައެޅިގެން ޔަޤީންވާ އިރުގައެވެ.
ދެތިން މިނިޓެއް ވަންދެން މާއިޝާ ކެތްކޮށްލިއެވެ. ދެން ފެނުނީ ކުއްލިއަކަށް ރަޖާ ހޫރާލައިފައި ފުންމައިގެން ތެދުވިތަނެވެ. އޭނާ ހޯދާލިއިރު އަރްސަލާން ދުރުގައި ހުރި ސޯފާގެ އެއްކޮޅުގައި ބަލަހައްޓައިގެން އިންގޮތުން މޭގަނޑު ފިނިވިއެވެ. އެކަމަކު ދެން އަލުން އޮށޯންނަ ހިޔާލެއް ނުކުރިއެވެ. އަރްސަލާން އެތާ އިންދާ އޭނާގެ ލޮލަށް ނިދި އައުމަކީ އަދި މާ ދުރުގައިވާ ކަމެކެވެ. "އަހަންނަކަށް ނުނިދޭނެ." އަރްސަލާން އެއްޗެއް ބުނޭތޯ މަޑުކޮށްލާފައި މާއިޝާ ތެދުވެގެން ގޮސް ސޯފާގެ އަނެއްކޮޅުގައި އިށީންދެއްޖެއެވެ. "އަރްސަލާން މިތާ އިންދާ ކިހިނެތް އަހަރެން ނިދާނީ؟" މާއިޝާ އިތުރަށް ބުނެލިއެވެ. "އެއީ ކީއްވެ؟" އަރްސަލާން ކުއްލިއަކަށް އަހާލައިފިއެވެ. މާއިޝާ ކަންބޮޑުވެފައި ބަލައިލިއިރު އަރްސަލާންވެސް އިނީ އެމޫނަށް ބަލާށެވެ. އިސާހިތަކު މާއިޝާގެ އަތްފައި ފިނިވެލައި މޫނަށް ރަތްކުލަ އަރައިފިއެވެ. ވާހަކަ ނުދެއްކިގެން އޭނާއަށް ދަތް އަޅާލެވުނީ ތިރީ ތުންފަތުގައެވެ. އަރްސަލާންއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ މިހާ ބޯކޮށް ވާރޭ ވެހޭ ރީތި ރެއެއްގައި ލޯބިވެރިޔާ ކުރިމަތީ ބަލަން އިންދާ ލޮލަށް ނިދި އަންނާނީ ކާކުގެ ހެއްޔެވެ؟
"އަހަރެން ކުރާ އެންމެ ސުވާލަކަށް ޖަވާބު ދެވިދާނެތަ؟" މާއިޝާ މައުޟޫ ބަދަލު ކޮށްލާފައި އެހިއެވެ. އަރްސަލާން ދެކޮޅު ހެދުމުގެ ގޮތުން އެއްޗެއް ނުބުނުމުން އޭނާ ބެލީ އެއީ އާއެކޭ ކަމުގައެވެ. "އަހަރެން ކުރަން ބޭނުން ބައިވަރު ސުވާލު އެބަހުރި. އަރްސަލާންއާ ބެހޭގޮތުން އޮޅުންފިލުވަން އެދޭ އަދިވެސް ކިތަންމެ ކަމެއް އެބަހުރި. އެކަމަކު މިހާރު އަހަރެންނަށް އެއެއްޗެއް އޮޅުން ނުފިލައިގެން އެންމެ އުދަނގޫވާ ސުވާލު ކުރަން ބޭނުންވަނީ. އަހަރެންނަށް ބުނެދެވިދާނެތަ އަރްސަލާންއާ އެދުވަހު އަހަރެންނަށް ފެނުނު އަންހެންކުއްޖާއާ އޮތް ގުޅުމަކީ ކޮބައިކަން؟" މާއިޝާގެ ސުވާލު ނިމޭއިރަށް އަރްސަލާން ކުއްލިއަކަށް ބަލާލިއެވެ. އެމޫނުން ނުތަނަވަސްކަން ފެނިގެން މާއިޝާގެ ނުތަނަވަސްކަން ދެގުނައަށް ވިއެވެ.
"ނުބުނާތި އަރްސަލާންއަށް އަހަރެން މިދައްކާ ވާހަކައެއް ނޭނގެއޭ ނޫނީ އެއަންހެންކުއްޖާއެއް ނުފެނެއޭ. އެއީ އަހަންނަށް ޔަޤީން އެދުވަހު އަހަރެން ލޯ ހުޅުވައިލިއިރު އެކުއްޖާ ކުރިމަތީ ނެތަސް އެދުވަހު އަހަރެން ސަލާމަތްވީ މިރެކަލްއަކުން ނޫންކަން. އަހަންނަށް އިނގޭ އަހަރެން މިއަދު ދުނިޔޭގައި މިހުރީ އަރްސަލާންގެ ސަބަބުންކަން." އަރްސަލާން އޮޅުވައިލަން އުޅެފާނެތީ މާއިޝާ ހުޝިޔާރުވެފައި އެއްފައްޗަކަށް އަމުނާލިއެވެ. "ކައިލީންއާ ދިމާވުމުގެ ކުރީން އަހަރެން ހީކުރީ އަހަރެން މީ މިހާރު، އެކަނި ހުރި އެންމެ މީހެއް ކަމަށް. ވިސްނުން ބަދަލުވީ އެހިސާބުން." އަރްސަލާންގެ ޖަވާބު އަހާފައި މާއިޝާއަށް ކިޔާލެވުނީ "އޯހ" މިހެންނެވެ. އިތުރު ސުވާލެއް ކުރަން ވާއިރަށް ލޮލަށް ކަރުނަތައް ގިނަވެގެންފިއެވެ. އަރްސަލާން ކުރިމަތީ ރޯން ބޭނުން ނެތިގެން މާއިޝާ ކުއްލިއަކަށް ތެދުވެގެން ގޮސް އެނދަށް އަރައި ރަޖާލައިގެން ބިތްދޮށަށް އެނބުރުނެވެ. އެކަމަކު އެގޮތުގައިވެސް އޭނާއަށް އޮވެވުނީ އިތުރަށް ދެތިން މިނިޓް ވަންދެނެވެ.
"އަހަރެންނަށް ރަނގަޅީ އަރްސަލާން ދެން މިތަނުން ދިޔައިއްޔާ. އެހެންނޫނީ އަހަރެންނަކަށް ނުނިދޭނެ." މާއިޝާ ފުރަގަސްދީގެން އޮވެފައި އިއްވާލިއެވެ. "މާއިޝާ. އަހަރެން މިތަނަށް މިއައީ ކޮންމެހެން މާއިޝާއަށް އުދަނގޫ ކުރާކަށް ނޫނޭ. އަހަރެން މިއައީ ކައިލީންގެ ނުރައްކަލެއް މާއިޝާއަށް ފޯރަފާނެތީ. ތެދެއް މިބުނަނީ މާއިޝާއަށް ނުވެސް އެނގޭނެ އަހަރެން މިތާ އިންނަކަމެއް. އިރު އެރުމުގެ ކުރިން އަހަރެން ނިކުންނާނަން."އަރްސަލާން ވާހަކަދެއްކިއިރު އަޑުގައި ހުރީ މާއިޝާއަށް ވިސްނަދޭން މަސައްކަތް ކުރާފަދަ ރާގެކެވެ. "ދޭ. ހަމަ މިހާރު ދޭ. މީ އަހަރެންގެ ކޮޓަރި މިތާ ހުރެވޭނީވެސް އަހަރެން އެދޭ މީހުންނަށް. އަރްސަލާން ބޭނުމެއް ނުވެއެއްނު އަހަރެންގެ ދިރިއުޅުމުގައި ބައިވެރިވާކަށް. ދެން ކީއްކުރަން ތިއައީ؟ އަހަރެންނަށް އަހަރެންގެ ސަލާމަތް އަމިއްލައަށް ހޯދިދާނެ. އަހަންނަށް ނުވަންޏާ އެކަން ކުރާނެ އެހެން މީހުން އެބަތިބި. އަރްސަލާން އަހަރެންނާ ދުރުން އުޅެން ބޭނުންވާއިރު ތިގޮތަށް އަހަރެން އުޅޭ ގޮތް ބަލަމުން އިރު އިރުކޮޅާ އަންނާނެކަމެއް ނެތް. ޖަސް ގޯ އެން ބީ ވިތް ކައިލާ އޯ ކީރާ....ވަޓްއެވަރ ހަރ ނޭމް އިޒް..." ރުޅިއާ ހިތާމަ އެކުވެފައިވާ އަޑަކުން އެތިވަރު ގޮވާލިއިރު މާއިޝާއަށް އަރްސަލާން ސިކުންތުކޮޅެއް ކުރިން ބުނި ނަންވެސް ހަނދާނެއް ނުވިއެވެ.
"އެންމެ ރަނގަޅު." ސިކުންތު ކޮޅެއްގެ ހިމޭންކަމަށްފަހު އަރްސަލާން ބުނެލި އަޑު އިވުނެވެ. އެވަގުތު މާއިޝާ ލޯ ފުރިގެން ކަރުނަތައް އޮހިގަތެވެ. ދުލުން ކޮންމެ އެއްޗެއް ބޭރު ކޮށްލިއަސް އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުމީ އަރްސަލާން އޭނާއާ ދެކޮޅު ހަދާށެވެ. ނުގޮސް މަޑުކުރާށެވެ. އޭނާގެ ލޯބި ގަބޫލު ނުކޮށް ކުރީން ދެއްކި ވާހަކަތަކަކަކީ ބުނެވުނު ކުށް ބަސްތަކެއް ކަމުގައި ބުނެ އެކަމަށް އިންކާރު ކުރާށެވެ. އޭނާ ފަދައިން އަރްސަލާންެވެސް އޭނާދެކެ ލޯބިވާ ކަމަށް ބުނާށެވެ. އަދި އެގޮތަށް އޭނާ ރައްކާތެރި ކުރަން އަރްސަލާން ބޭނުންވަނީ އަރްސަލާންގެ ސަބަބުން އޭނާގެ ދިރިއުޅުން ނުރައްކަލަށް ހުށައެޅިގެން ދިޔައީތީ ނޫންކަމަށާއި އެއީ އަރްސަލާންއަށް އޭނާއާއި ދުރުގައި ނުހުރެވޭނެތީ ކަމަށް ބުނާށެވެ. އެހެނަސް.....
"އަދި އެއް ވާހަކަ." ދޮރާއި ހަމައަށް ގޮސް ހުއްޓިފައި އަރްސަލާން އިތުރު ވާހަކައެއް ބުނަން ތައްޔާރުވެލުމުން މާއިޝާގެ ހިތް ތެޅިގަތެވެ. އޭނާއަށް ބިތްދޮަށަށް އެނބުރި ނޯވެވިގެން މަގަތަށް އެނބުރިފައި ބަލަން ފަށައިފިއެވެ. "އޭނަގެ ނަމަކީ ކައިލާ ނޫނީ ކީރާއެއް ނޫން. ކައިލީން." އަރްސަލާންގެ ވާހަކަ އިވިފައި މާއިޝާއަށް ހީވީ އޭނާގެ މޫނުމަތީ ގޮށްމުށުގެ އެތިފަހަރެއް ޖެހިހެންނެވެ. އޭނާގެ މޫނުން ދިޔައީ ތަރި ބުރައިގެންނެވެ. ދެލޯ ބޮޑުވެފައި އޮތްވާ އަރްސަލާން ދޮރު ހުޅުވާލައިފައި ބޭރަށް ނިކުމެއްޖެއެވެ. މާޔޫސްކަމާއެކު ލޯ މަރާލުމާއެކު މާއިޝާ އަނެއްކާވެސް އެނބުރުނީ ބިތްދޮށަށެވެ. އެކަމަކު އެގޮތުގައި މިނިޓެއް ނުވަނީސް ހަމަ ކުއްލިއަކަށް ތެދުވެ އެނދުން ފައިބައިގެން ދުވެލާފައި ގޮސް އަރްސަލާން ފަދައިން ސިޓިންރޫމަށް ނިކުމެއްޖެއެވެ. އޭނާ ހަނދާންވީ ޒަވީ ކުރިން ދެއްކި ވާހަކަތަކެވެ. ޒަވީގެ ވާހަކައަށް ވިސްނަންޏާ އެބޯވާރޭގައި އަރްސަލާންއަށް ނިކުމެގެން ދެވޭނެ ގޮތެއް ނޯންނާނެއެވެ. ދެން އެހެންވީއިރު އަރްސަލާން މިހާރު ކޮބާ ހެއްޔެވެ؟ ފެންނަން ނެތީ ކީއްވެ ހެއްޔެވެ؟ ސުވާލުތަކުން ސިކުނޑި ހާސްވެގެން މާއިޝާއަށް ދެއަތުން ހިފައިލެވުނީ ބޮލުގެ އިސްތަށިގަނޑުގައެވެ. އޭނާ މާޔޫސްވެފައި ގޮސް އެތާ ހުރި ސޯފާއަށް ވެއްޓިގަނެގެން އިނެވެ. އިރުގަނޑެއް ފަހުން ނިދި އަންނަ ގޮތްވެ ލޯމަރާލައިގެން އޮތްވާ ދެފައިގައިގެ ކުޑަހުޅުގައި ކޮންމެވެސް މީހަކު ހިފާލުމުން މުޅި ކުއްޖާ ދިޔައީ ފިނިވެގެންނެވެ. ލޯހުޅުވާލިއިރު އަރްސަލާން އޭނާގެ ދެފައި ސޯފާއަށް އަރުވާލަދިނީއެވެ.
އެވަގުތު މާއިޝާ ލޯ ހުޅުވާލިތަން ފެނިގެން އަރްސަލާން ދުރަށް ޖެހިލާފައި ކުރިމައްޗަށް ހުރި އަނެއް ސޯފާގައި އިށީންދެއްޖެއެވެ. މާއިޝާ މިފަހަރު ޒުވާބު ކުރަން ނޫޅެ ކުޝަންއެއް މެޔާލައި ފިއްތާލައިގެން ހިމޭންކަމާއެކު އަރްސަލާންއަށް ބަލަން އޮތެވެ.
"މާއިޝާއަށް އިނގޭތަ އަހަރެންގެ ބައްޕައަށްފަހު އަހަރެން ކަހަލަ ދެވަނަ މީހަކު މިފެނުނީ ފަންސަވީހަކަށް އަހަރު ފަހުން." އަރްސަލާންގެ ވިދުންގަދަ ދެލޯ މާއިޝާގެ މޫނަށް ހުއްޓާލައިގެން އިނދެފައި ބުނެލިއެވެ. "އަހަރެން ފަހަރެއްގައިވެސް ހިއެއް ނުކުރަން އަހަރެންނަށް ކައިލީންއާ ބައްދަލު ވެދާނެ ކަމަށް. އަހަރެން އަބަދުވެސް ހީކޮށްގެން ހުރީ އަހަރެން ނެތިގެން ދާނީވެސް އެކަނި ކަމަށް. އެހެންވެ އަހަންނަށް ކައިލީން ވަރަށް މުހިންމު. އޭނާގެ އެހީގައި އަހަރެންނަށް ލިބޭނެ ފައިދާތައް ވަރަށް ގިނަ. އަހަރެން އޮޅުންފިލުވަން ބޭނުން އަހަރެންގެ އާއިލާގެ އެއްވެސް މީހަކު މިހާރު ދުނިޔޭގައި ހުރި ތޯ. އަހަރެން އޮޅުންފިލުވަން ބޭނުން އަހަރެންނާ ކައިލީން ކަހަލަ ކިތައް މަހްލޫޤުން އަދިވެސް ދިރިއުޅެމުން ދޭތޯ." އަރްސަލާން މަޑުމައިތިރި އަޑަކުން ކިޔައިދިނެވެ. މިނިޓް ކޮޅެއް ކުރިން މާއިޝާގެ މޫނުގައިވި ކުލަވަރު ހައިރާންކަމަކަށް ބަދަލުވިއެވެ. އޭނާ ބަލަން އޮތީ އަދިވެސް އޮޅުން ފިލުވަން ބޭނުންވެފައެވެ. އެކަމަކު އަރްސަލާން ހުއްޓާލުމުން އިތުރަށް އަހާކަށް ނުކެރުނެވެ. އަރްސަލާން ދެއްކި އެހާ ކުޑަ ވާހަކަކޮޅަކަށް ފަހު އޭނާއަށް އަމިއްލަ ނަފްސް ކުށްވެރި ކުރެވިއްޖެއެވެ. ތަނެއް ދޮރެއް ނުބަލާ އޭނާ އަރްސަލާންއާ ދިމާއަށް ކިހާ އެއްޗެއް ކިއިއްޖެ ހެއްޔެވެ؟
"ސޮރީ.." މާއިޝާއަށް ކެތް ނުވެގެން އެންމެފަހުން އިއްވާލިއެވެ. އެވަގުތު އަރްސަލާން ތެދުވެގެން އައިސް ކައިރިވެލާފައި އަނެއްކާވެސް އޭނާގެ ދެފައި ކުޑަހުޅުގައި ހިފާ އުފުލާލުމާއެކު ސޯފާގެ އެކަނުގައި އިށީންދެފައި ދެފައިތިލަ ބޭއްވީ އުނގުގައެވެ. މާއިޝާ ފިނިވެ ހަރަކާތް ނުކުރެވިފައި އެމޫނަށް ބަލަން އޮވެވުނެވެ. ފައިގައި އަރްސަލާން ހިފަހައްޓައިގެން ހުރި ތަނުން އާދަޔާ ޚިލާފް ކަރަންޓެއް އުފެއްދިގެން ހަށިގަނޑު އެހެން ހުރިހާ ދިމާއަކަށް ފޮނުވަން ފަށައިފިއެވެ. އޭނާ ބޭނުންވިއަސް ކުރި ލިބޭނެ ގޮތެއް ނެތެވެ. އަރްސަލާން ބަލަން އިން ގޮތުން އެކަނިވެސް ހިތް ހީވަނީ ބޭރަށް ފުންމާލަފާނެ ހެންނެވެ. "އަހަރެން އަރްސަލާން ބޭނުން." މާއިޝާ ހަތަރުކަޅި ހަމަކޮށްގެން އޮވެފައި ކުއްލިއަކަށް އިއްވާލިއެވެ. އެވަގުތު އަރްސަލާން ދެބުމަ ކައިރިކޮށްލީ އޭނާ ބުނި އެއްޗެއް ޤަބޫލު ނުކުރެވިގެން ނޫނިއްޔާ ރަނގަޅަށް ސާފު ނުވެގެންނެވެ.
"އަހަރެން ބޭނުމީ ހަމައެކަނި އަރްސަލާން. އަރްސަލާން ކިތަންމެ ނުރުހުނަސް އަހަރެންނަކަށް ނެތް އަރްސަލާންއާ ދުރުގަ ހުރެވޭކަށް. އަހަރެން އުފާވާނީ ހަމައެކަނި އަރްސަލާންގެ ލޯބި ލިބިގެން." މާއިޝާ ޖުމްލަތައް ބޭރުކޮށްލައިފައި ދެފައި ތިރިއަށް އެލުވާލަން އުޅެނިކޮށް އަރްސަލާން އަތް ދުރަށް ލުމުން އެދެފައި އެލުވާލައިފައި ކައިރިއަށް ޖެހިލިއެވެ. އެވަގުތު އަރްސަލާން ދުރު ފަރާތަށް މޫނު އަނބުރާލުމުން މާއިޝާ ހިތްވަރުކޮށްފައި އަރްސަލާންގެ ދަތްދޮޅީގައި ހިފާ މަގަތަށް އަނބުރާލިއެވެ.