މާއިޝާ ދޮރުފަތް ކަހާލައިފައި ކުދި ފިޔަވަޅުތަކެއްގައި ތިރި ބަލަމުން ގޮސް ރެއިލިން ކައިރިއަށް ހުއްޓޭންދެން އޭނާއަށް ފާހަގަ ކުރެވުނީ ކުރިން އެވެޔޮގަނޑުން ފެނުނު ފަދަ އެއްވެސް މަލެއް މިހާރު އެވެޔޮގަނޑުގެ އެއްވެސް ހިސާބެއްގައި ނެތްކަމެވެ. އަދި ވެޔޮގަނޑުގެ ފެހިކަންވެސް ކުރިއާ ހިލާފަށް މިހާރު ހުރީ ރީނދޫވާން ފަށައިފައެވެ. ސުވާލު އުފެދިފައި ހުރެގެން ވެޔޮތައް މަތީ އިށީންތަނާ ދުރުން ނިކަން ގަދައަށް ވިދާލައިފައި ހަމަ އެހާ ބާރު ގުގުރިއެއް ޖެހިއެވެ. ތޫފާން އައުމުގެ ކުރިން ދިން އިންޒާރެއް ފަަދައިންނެވެ. ބިރުން ބޭރުގައި ހުންނަން ނުކެރިގެން އެނބުރިލިތަނުން އޭނާއަށް ހުއްޓެވުނީ ކައިލީން ކުރިމައްޗަށެވެ. އެވަގުތު ފައިދަށުން ބިންގަނޑު ދެމިގަތް ނަމަވެސް އެހާ ބިރެއް ނުގަތީހެވެ. ފައިގެ ތަނބިކަށްޓާއ ހަމައަށް އަންނަ ކަޅު ހެދުމާއެކު އިސްތަށިގަނޑު ހާވާލައިފައި އޮތްއިރު އަދި ދެލޯ ފެހި ކުލައިން ފާޅުވާން ހުރި ގޮތުން ހީވަނީ ފުރާނައަށް ދަހިވެތި ވެގެން ބަލަން ހުރިހެންނެވެ.

"ކައިލީން މިތާ ކީއްތިކުރަނީ؟" މާއިޝާ ފުންމައިގެން ތެދުވެފައި މެއާއި ހަމައިން ދެއަތް ހުރަސްކޮށްލަމުން އެހިއެވެ. ކައިލީން އެވަގުތު ޖަވާބު ނުދީ ހުރެގެން ކުރިއަށް ފިޔަވަޅެއް އަޅައިލުމުން މާއިޝާ އޭނައަށް އަތު ނުޖެހޭން ފަހަރަކު ފިޔަވަޅެއް ފަހަތަށް ޖެހެމުން ގޮސް ރެއިލިންގައި ބުރަކަށި ޖެހިފައި މަތަވިއެވެ. "ހާސްނުވޭ މާއިޝާ. އަހަރެން މިއަދު މިއައީ އަނެއްކާވެސް މާއިޝާއަށް ގެއްލުމެއް ދޭކަށް ނޫން. މިއަދަށްފަހު އޭގެ ބޭނުމެއް ނުޖެހޭނެ." ކައިލީން ފަހަރަކަށްވުރެ ފަހަރެއް ކައިރިއަށް އައިސް ހުއްޓިފައި މާއިޝާގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން އިއްވާލިއެވެ. "ކޮބާ ތީގެ މާނައަކީ؟" ކައިލީން އެހެން ބުނިފަހުންވެސް މާއިޝާގެ އަޑުގައިވި ތުރު ތުރަކަށް ބަދަލެއް ނައެވެ. އޭނާ ސުވާލު ކޮށްލައިފައި އަދިވެސް ބަލަން ހުރީ ދެއަތް ތިރިކޮށްނުލައެވެ. "އެއީ މިއަދަށްފަހު އަހަންނާއި މާއިޝާ ދެން ދުވަހަކުވެސް ދިމާނުވާނެތީ." ކައިލީންގެ ޖަވާބު އެއީ އިތުރުވި ސުވާލެކެވެ. 

"މާއިޝާއަށްވެސް މިހާރު އެނގިފަ އޮންނާނީ ކަސިއަސް އާއި އަހަރެމެންގެ އާއިލާގެ ބާކީތިބި މީހުން ކުރަމުންދާ މަސައްކަތް. އެމީހުން އިންތިޒާރު ކުރި އިރުވަރު ޖެހޭނީ މިރޭ. މިރޭ އަހަރެމެން އެންމެން އެނބުރި ދާނީ އަހަރެމެން އައި ތަނަށް. އަދި ނުދިޔަ މީހަކު ވިއްޔާ ނިމިގެންދާނީ މިތަނުގައި ހުރެ."ކައިލީން ފެށި ވާހަކަ ނިންމައިލީ މާއިޝާގެ ހޭވެރިކަން އުދުއްސައިލި ވާހަކައަކުންނެވެ. އޭނާއަށް އަނގަމަތީ ދެއަތް އަޅައި ބާރުބާރަށް ދެފަރާތަށް ބޯހޫރާލެވުނެވެ. "ޤަބޫލު ކުރޭ. އަރްސަލާންގެ ފުރާނަ ސަލާމަތް ކުރަން މާއިޝާ ބޭނުމިއްޔާ އޮތީ އެންމެ ގޮތެއް. އެއީ މާއިޝާގެ ތި ލޯބި ޤުރުބާން ކުރުން." މާއިޝާގެ ލޮލުން ކަރުނަ ފައިބާތަން ފެނިގެން ކައިލީންގެ ރާގަށްވެސް ބަދަލު އައެވެ. ދުޝްމަނަކަށްޓަކައި އޭނާގެ ހިތުން ހަމްދަރްދީ އުފެދުނު އެއީ ފުރަތަމަ ފަހަރެވެ.

"ބުނޭ. އަހަރެން ކީއްކޮށްދޭންވީ؟" ކައިލީން ދުރުބަލަން ހުއްޓާ މާއިޝާ ކަރުނަ ފުހެލާފައި އަހައިލި އަޑު އިވުނެވެ. ކައިލީން އެނބުރި ބަލައިލިއިރު އެމޫނުން ހައިރާންވިކަން ފައުޅުވިއެވެ. އޭނާ އެއައީ އެހީއަކަށް އެދިގެންކަން މާއިޝާއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ އަރްސަލާން ފަހަތުން އުޅެ އުޅެ ތަންކޮޅެއް ވިސްނުން ތޫނުވީ ކަމަށް ވެދާނެއެވެ. ކައިލީން އެވަގުތު އޭނާ ބޭނުންވާ ކަންތަކުގެ ވާހަކަ ތަފްޞީލް ކޮށްދިންއިރު މާއިޝާ އެއްވެސް ކަމަކަށް ދެކޮޅެއް ނުހަދައެވެ. ކައިލީން ނުބުންޏަސް މިދުވަސް އަންނާނެކަން ހިތުގެ އަޑިން އޭނާވެސް ޤަބޫލު ކުރެއެވެ. ޚުދު އަރްސަލާންވެސް ކުރިން އޮތީ އެގޮތަށް ވާހަކަ ދައްކައިފައެވެ. އެއީ އެދެމީހުންގެ މިގުޅުމަށް ވާނެ ގޮތް ނޭނގޭ ވާހަކައެވެ.

އާދަޔާޚިލާފަށް މޫސުން ބަދަލުވާން ފެށުމުން އެކަން ފާހަގަ ވެގެން ފޭލިގެތައް ދޫކޮށްފައި ނިކުތް އެންމެންގެ ނަޒަރު ސީދާވެފައި ހުރީ އުޑާއި ދިމާއަށެވެ. އެ އެންމެންގެ ތެރޭގައި އާރާ ހުރެފައި އެންމެން ސަމާލުކަމަށް ގެނުވީ އެއީ އޭނާގެ ފުށުން ވީ ކަމެއް ނޫންކަން ހާމަ ކުރަމުންނެވެ. ކަސިއަސް އެވަގުތު ކުރިއަށް ޖެހިލާފައި އިތުރަށް ސުވާލު ކުރިއެވެ. އާރާއަށް ޖަވާބު ނުދެވެނީސް ދުރުން ރުވާފައި އައި އޫ ހެރުނީ ސީދާ އޭނާގެ ފައި ކައިރިއަށެވެ. އެންމެން ހޯބޯ ލަވައިގެންފައި ފަހަތަށް ޖެހިލުމާއެކު ދުންފިނީގެ ތެރެއިން ނިކުމެގެން އައިސް ބީއްސާލި ކުޑަ ލޯންޗްގައި ތިބި ދެމީހުން ފެނިފައި ކުރިއަށްވުރެ އަޑު ގަދަވިއެވެ. ޒަވީ އާއި ލައިލް ކަކޫތާ ފެނަށް ފުންމާލުމުން މީހުންގަނޑު އެދެމީހުންނާއި ދިމާކޮށްލަން ދާން ފެށުމުން އެކަމަށް ހުރަސް އެޅީ އާރާއެވެ. އާރާ އަތުގެ އިޝާރާތުން އެމީހުންނަށް ހިމޭންވާން އަންގާފައި ހަށަން ބަނދެލައިގެން ހުއްޓުނުނުއިރު ތުންފަތުގައި ހިނިތުންވުމެއް ކުޅެލަ ކުޅެލާ ހުއްޓެވެ.

"ތޭވީސް އަހަރުފަހުން... ފައިނަލީ..." އާރާ އެދެމީހުން އައިސް ކުރިމައްޗަށް ހުއްޓުމުން ވާހަކަދެއްކިއެވެ. "ފައިނަލީ." ލައިލް އާރާއާއި އެއްބައިވެލާފައި ވަށައިގެން ލޯ ހިންގާލި ވަގުތު ކުރިމަތިން ކަސިއަސް ފެނުމުން މޫނުގެ ކުލައަށް ބަދަލު އަތުވެއްޖެއެވެ. ކަސިއަސްގެ ރުޅިވެރި މޫނު އަނެއްފަރާތަށް އަނބުރާލުމުން އޭނާ އަނެއްކާވެސް އާރާ އާއި ހަތަރުކަޅި ހަމަކުރިއެވެ. "ހައިރާންވެފަ މިހުންނަނީ ތޭވީސް އަހަރުތެރޭ އައިއްސަ ތިހުރި ބަދަލު ދެކެފަ. މިހާރު ފެންނަ މީހަކު ނުބުނާނެ ތީ އިންސާނެއް ނޫނޭ." އާރާ އަދިވެސް ބަަލަމުން ދިޔައީ ލައިލްގެ ސޫރައަށެވެ. އިރެއްގައި އޭނާގެ ހިތާއި ކުޅެލި ގޮތަށް މިއަދުވެސް ލައިލް ކުރިމައްޗަށް އެރުމުން ހިތަށް އެނގުންވެލިކަން ކަށަަވަރެވެ. "ސްވީޓްހާޓް. ސިފަ އެކަންޏެއް ނޫން. އުޅުމާއި އަމަލުވެސް އެތައް ތަނެއް ބަދަލުވެއްޖެ." ލައިލް މޫނު ކައިރިކޮށްލައިގެން ހުރެ ޖަވާބުދިން ގޮތުން އާރާ ގާތަށް ހިނިއައެވެ. ޒަވީ އޭރު ޖެހިލުންވެފައި ހުރެގެން ބެލެނީ ވަށައިގެން އޭނާއަށް ހުއްޓިފައިވާ ލޯތަކަށެވެ. އެމީހުން އިންސާނުންގެ ސިފައިގައި ތިއްބެއް ކަމަކު ލޮލުގައި ވަނީ ބަނޑުގައި ކަމެވެ. ހީވަނީ ދެންމެ ދެންމެ އައިސް އަރައިގެންފާނެހެންނެވެ. 

"ބޭކާރު ވާހަކަ ހުއްޓާލައިފަ ދައްކަން އައި ވާހަކައާއިގެން ކުރިއަށް ދާން ވީނު." އާރާ ހިނިގަނޑު މައިތިރި ކުރި ގޮތަށް ސީރިއަސްވެލައިލިއެވެ. ލައިލް އެވަގުތު އާރާގެ މޫނުން ނަޒަރު ވަކިކޮށްލާފައި ލޯހިންގައިލީ ވަށައިގެން ތިބި އޭނާގެ ދަރިކޮޅުގެ މީހުންނަށެވެ. "އަހަރެން މިއައީ ކަލޭމެން އެނބުރި ދިއުމަށް ތިކުރާ މަސައްކަތުގައި އެއްބާރުލުން ދޭން." ލައިލް އެންމެނަށް އިއްވަން ބާރަށް ގޮވާލިއެވެ. އެޖުމްލަ ނިމުމާއެކު އަނެއްކާވެސް އިވުނީ އެންމެން ހަޅޭތްލަވައި އަޑުގަދަ ކޮށްގެން އަޑެވެ. އެމީހުންގެ އެދެކޮޅުވެރި ބަހުރުވައިގެ ސަބަބު ވިސްނޭތީ ލައިލް ހުރީ ހަމަޖެހިލާފައެވެ. ކަންބޮޑުވެފައި ހުރީ އާރާއެވެ. ލައިލްއާއެކު އައި ޒުވާނާ އެއީ ސިހުރު ފަންޑިތަ ދަންނަ މީހަކިަށް ވާނަމަ އޭނާއަށް ނުރައްކާ އޮތީއެވެ. 

"ކީއްވެ އަހަރެމެން ކަލޭގެ ބަސް ޤަބޫލު ކުރަންވީ؟ ކަލޭ ތީ އަމިއްލަ އެދުމާއިހެދި އަހަރެމެން އެންމެންގެ ފުރާނަ އާއި ކުޅެލި މީހާ." އިރުކޮޅެއްނުވެ ކަސިއަސް ފުންމައިގެންފައި އައިސް އޭނާގެ މޭގައި ޖެހީނުން ބިންމައްޗަށް ވައްޓާލައި ނުތެދުވެވޭނެހެން ބާއްވާފައި ސުވާލު ކުރިއެވެ. ޒަވީ ހުރީ ބިރުން ގުޑިލަންވެސް ނުކެރިފައެވެ. "އަހަރެން އަލުން މިތާ ހުރުމުގެ ބޭނުން ނެތީމަ. އަހަރެންގެ ލޯބިވެރިޔާ މިހާރު ދުނިޔޭގައި ނެތީމަ." ލައިލް ދިން ޖަވާބުން އެންމެބޮޑު ހައިރާންކަމެއް ލިބުނީ ޒަވީއަށެވެ. އޭނާ ދެލޯ ބޮޑުކޮށްފައި ލައިލްއަށް ބަލަން ފެށިއެވެ. "މިވާހަކަ ކުރިން ނުބުނެވުނީތީ މާފުކުރޭ ޒަވީ. އަހަރެން މިއަދު ގެއިން ނިކުތީ މެޝިން ތަކުން ކަރަންޓް ދުއްވާލައިފަ. އާޝީ މިހާރު ދުނިޔެއަކު ނެތް." ލައިލްގެ ނަޒަރު ޒަވީއަށް ހުއްޓާލަމުން އޮޅުންފިލުވައިދިނެވެ. އެވަގުތު ޒަވީގެ ލޯ ފެންކަޅި ވެގެން ދިއުމާއެކު އޭނާއަށް މޫނު އަނބުރާލެވުނީ އަނެއްފަރާތަށެވެ. "އެހެންވިއްޔާ ކަލެއަށް އެނގޭތަ އަހަރެމެންގެ ތެރެއިން ކެހިދޭ މީހުންނަށް އޮންނަ އަދަބު." ކަސިއަސް ދޫ ދީފައި އަނެއްކާވެސް ބާރުކޮށްލި ގޮތުން ހީވީ މޭފޫއަޅުވާލަފާނެހެންނެވެ. "އެނގޭ. އެކަމަކު ފުރަތަމަ އެކަން ވާން އޮތީވެސް އަހަރެމެނަށް އެނބުރިދެވިގެނެއްނު. ކަލޭމެންގެ އެހީތެރިޔާ އެއުޅެނީ އެހީވާކަށް ނޫން. އަހަރެމެން އެންމެންގެ ދުވަސް ދުއްވާލަން. އާރާ އެއުޅެނީ އަހަރެންގެ ބަަދަލު އަހަރެމެން އެންމެންގެ ކިބައިން ހިފަން." ލައިލްގެ ޖަވާބު ދިނުމުން ކަސިއަސް އޭނާ ދޫކޮށްލައިފައި ތެދުވުމުމުން އޭނާ ގައިން ވެލި ފޮޅަމުން ކަސިއަސް ފަހަތުން ތެދުވެ ހިންދެމިލިއެވެ. ކަސިއަސް އެވަގުތު އާރާގެ މޫނަށް ބަލަން ފެށުމުން އާރާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ފަހަތުގައި ލައިލް ހިތްހަމަ ޖެހިފައި ހުއްޓާ އޭނާ ސިއްސުވާލައިފައި ބައްޕަ އޭނާގެ ބައިވެރިންނަށް ގަދަ އަޑުން އެންގީ އޭނާ ހައްޔަރުކޮށް އެތަނުން ދުރަށް ގެންދިއުމަށެވެ. ލައިލް އެވަގުތު ހަޅޭތްލަވައިގެންފައި ސަލާމަތްވާން ގޮތެއް ވިސްނަންވާއިރަށް ހަފަރާތުން އެންމެން އައިސް އޭނާ ވަށާލައިފައި ހިފާ ހައްޔަރުކޮށްފިއެވެ.

"ކަލޭ ބޭނުމިއްޔާ އަމިއްލަ ސަލާމަތް ހޯދޭނެ ގޮތެއް އެބައޮތް. އެއީ އަހަރެން މިފަށާ މަސައްކަތުގައި އެހީތެރިވުން." ޒަވީ ހަދާނެ ގޮތް ހުސްވެފައި ހުއްޓާ އާރާ ޒަވީއަށް ބުނެލިއެވެ.
****

މޫސުން އެއްވާނެއްގައި އޮވެފައި ދެން ދިޔައީ ކަރަންޓެވެ. އެއީ ރަނގަޅު ވަގުތު ކަމުގައި ބުނެ ފިލައިގެން ދާން އުޅުމުން ނާޔަލް މެހެރީން ހިފެހެއްޓީ މޫސުން ރަނގަޅު ވުމުން ނޫނީ އޭނާ އެއަތުން ދޫކޮށްނުލާނެ ކަމަށް ބުނެފައެވެ. "ނާޔަލް ޕްލީޒް. ބައްޕަ އަތުވެދާނެ. ބައްޕަ އަންނަ އިރަށް އެންމެނަށް އިނގޭނެ އަހަރެން ހޮސްޕިޓަލުން ފިލިކަން. އެހިސާބުން އެންމެން އަހަރެން ހޯދަން ފަށާނެ." މެހެރީން ގޮތް ހުސްވެފައި ވާހަކަދެއްކިއެވެ. އަނދިރި ކަމުން ނާޔަލް މޫނަށް އަރައި ފޭބި ކުލައެއް އޭނާއަކަށް ނުފެނުނެވެ. "އަހަރެން މިބުނީނު މިއަތުން ދުލެއް ނުކުރާނަމޭ. މެހެރް ބައްޕައަށް ފެނިދާނެތީ ތިހާ ބިރުގަންނަންޏާ ހިނގާ އަހަރެން ރޫމަށް. އޭރުން އެކަކުވެސް ޝައްެކެއް ނުުކުރާނެ." ނާޔަލް ރައްދު ދީފައި މެހެރީންގެ ޖަވާބު އަންނަ ގޮތެއްވެސް ނުބަލައި ހިނގައިގެންފިއެވެ. ދެބަސް ވެގެން އަދި އެއަށްވުރެ ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަމަށްޓަކައި މެހެރީން ހަނު ހުންނަން ގަސްތުކުރިއެވެ. އަނދިރީގައި ދެމީހުން ކޮރިޑޯ ކަޑައްތުކޮށްފައި ގޮސް ނާޔަލް ކޮޓަރި ދޮރު ހުޅުވާލައިފައި ވަން ހިސާބުން ނާޔަލް އެއަތުން ދޫކޮށްލިއެވެ. މެހެރީންއަށް ކުރެވުނު ކަމަމީ އަތުގައި ނާޔަލް ހިފެހެއްޓި ހިސާބުގައި އަނެއް އަތުން ފިރުމައިލުމެވެ. މިއަދަށްފަހު އެއަތުގެ ބީހުންވެސް އޭނާއަށް ދެން އިހްސާސް ކުރެވޭނެ ކަމެއް ނޭނގެއޭ ހިތަށް އަރައި ލޯ ފެންކަޅިވިއެވެ. އޭނާ އެހުރި ގޮތަށް ހުއްޓާ ނާޔަލް އަސާގެ އެހީގައި ގޮސް ވަތްގަނޑެއް ހުޅުވައިގެން އުއްބައްތި ނަގައި ދިއްލައިފިއެވެ. އޭގެ ރަތް އަލީން ކޮޓަރިތެރެ ފުރިގެން ދިއުމުން މެހެރީން ގޮސް އިށީންދެލީ އެނދު ކޮޅުގައި ހުސް ތަން ދޫކޮށްފައި ބަހައްޓާފައި ހުރި ސޯފާގައެވެ.

"މެހެރް އަހަރެން ވާހަކައެއް ބުނިއްޔާ ޤަބޫލު ކުރާނަންތަ؟" ނާޔަލް އެނބުރި އައިސް ކައިރިއަށް ހުއްޓިފައި އެހިއެވެ. "ބުނާ ވާހަކައެއްގެ ގޮތުން އެނގޭނީ." މެހެރީން އިނީ އިސްޖަހާލައިގެންނެވެ. ރަތްއަލީގައި އެމޫނު ފެންނަ ގޮތުން ނާޔަލްއަށް ބަލަން ހުރެވުނެވެ. "އައި ތިންކް އައެމް ފޯލިން ފޮ ޔޫ." ނާޔަލްގެ ޖުމްލަ ނިމޭއިރަށް މެހެރީން ސިއްސައިގެން ގޮއްސައި އިސްއުފުލައިލިއެވެ. "ދެން އިޝީ އެނބުރި އައީމަ ކިހިނެތް ހަދަނީ؟ އިޝީ އެނބުރި އައިސް މަޢާފަށް އެދިފަ އަލުން ނާޔަލްއާ އެކު އުޅެން އެދެފިއްޔާ ނާޔަލްގެ ޖަވާބަކަށް ވާނީ ކީކޭ؟" މެހެރީން އިރުކޮޅަކު ބަލަން އިނދެފައި ސުވާލު ކޮށްލިއެވެ. ނާޔަލް ޖަވާބެއް ނުދީ ހުރެފައި އެއް އަތުން މޫނު ފުހެލި ގޮތުން އޭނާއަށް ވިސްނުނެވެ. ދެން އޭނާ ތެދުވެގެން ހިނގައިގަތްއިރު ނާޔަލްއަށްވެސް ދެން ހުއްޓުވުނު ކަމަކަށް ނުވިއެވެ. ނާޔަލް އަތުގައި ހިފާއިރަށް ބާރަކަށް ވިއްސާލުމުން ހިފަހައްޓައެއް ނުލެވުނެވެ. ބަލަން ހުއްޓައި މެހެރީން ފެނުނީ ދިޔަ ގޮތަށް ގޮސް އަނދިރީގެ ތެރެއަށް ގެއްލުނު ތަނެވެ.

އެންމެން ލައިލް ހައްޔަރު ކޮށްގެން ގެނެސް ބޭއްވީ އަނދިރި ގުދަނެއް ކަހަލަ ގަސްތަކެއްގެ ތެރޭގައި އައްސައިފައެވެ. އެމީހުން ނިކުމެގެން ގޮސް ފިޔަވަޅު ތަކުގެ އަޑު ކެނޑުމުން އޭނާ ސަލާމަތް ވާންވެގެން ދެއަތަށް ވާންކޮށް އެއް ގޮތެއް ނުވެގެން އެންމެ ފަހުން ހިނދުކޮޅަކަށް ހުއްޓައިލިއެވެ. އިރުކޮޅަކުން ކަންފަތުގައި ޖެހުނީ ދާދި ކައިރިން މީހަކު ނޭވާލާ އަޑެވެ. ލައިލް ސުވާލު އުފެދިފައި ޔަޤީން ކުރަންވެގެން ކަންފަތް ކޮޅަށް ޖަހައިލިއެވެ. ބަލަން ހުއްޓާ ދާދި ކަިއިރިން ފެހި ދެލޯ ފައުޅުވީ އެވަގުތުއެވެ. "ކާކު؟" ލައިލް އަހައިލިއެވެ. "ޒަވިއަން." ޒަވިއަން ޖަވާބުދިނެވެ. އެހިސާބުން ދެމީހުން އެކަކު އަނެކަކަށް ކިޔައިދިނީ އެތަނުގައި ހުންނަން ޖެހުނު ގޮތެވެ. ލައިލްއަށް ދިމާވި ގޮތަކީ އޭނާގެ އާއިލާގެ އިތުބާރު ގެއްލުވާލެވުމެވެ. އޭގެ ބަދަލުގައި ޒަވިއަން އެތާ އޮންނަން ޖެހުނީމާއިޝާ ފަރާތުން އޭނާއަށް އާރާގެ ނުބައިކަމުގެ ޚަބަރު ލިބިގެން ބައިވެރިންނަށް އެކަން ވިސްނައިދޭން މަސައްކަތް ކުރުމުން ނިކުތް ނަތީޖާއެއްގެ ގޮތުގައެވެ. އެމީހުން އާރާގެ ބަސް އަހައިގެން އޭނާއަށް އަނިޔާކޮށް ގެނެސް އައްސާފައި ބެހެއްޓީއެވެ. އޭގެ ކުރިން އޭނާ މާއިޝާ ސަލާމަތް ކުރަން ރަށުގެ އަނެއްފަރާތުގައި ހުޅުޖަހައި އެންމެންގެ ސަމާލުކަމަށް އެކަން ގެނުވާފައި މާއިޝާ ފުރުވާލި މައްސަލާގައި އެމީހުން ތިބީވެސް އޭނާގެ މަތިން އިތުބާރު ކަނޑާލައިގެންނެވެ. ދެމީހުން އެއް ވިސްނުމެއްގައި އާރާގެ ފަރާތުން އެމީހުންގެ ބައިވެރިން ސަލާމަތް ކުރާނެ ގޮތަކާމެދު މަޝްވަރާތައް ކުރަނިކޮށް ދުރުން ފިޔަވަޅުގެ އަޑު އިވެން ފެށިއެވެ. ފަހަރަކަށްވުރެ ފަހަރެއް އެފިޔަވަޅު ކައިރިވަމުން އަންނަން ފެށުމުން އެއީ ހިނގާފައި އަންނަ އެންމެ މީހަކުކަން އެނގުނެވެ. 

"މާއިޝާ؟" ޒަވިއަން ހުރެފައި އިރުކޮޅަކުން ބުނެލިއެވެ. ލައިލްއަށް ފެނުނީ ޒަވިއަންގެ ލޮލަށް ވެރިވި ނުތަނަވަސްކަމެވެ. އޭގެ އިރުކޮޅެއް ފަހުން މާއިޝާގެ ފިޔަވަޅުގެ އަޑު އެންމެން ކައިރިން އިވުމުން ޒަވިއަން އެނަމުން ގޮވާލުމުން ކުއްލިއަކަށް ފިޔަވަޅު ހުއްޓިފައި އިރުކޮޅެއް ވަންދެން އެއްވެސް އަޑެއް ނީވި ހުއްޓެވެ. ދެން ކުއްލިއަކަށް ގަސްތައް ދުރުކޮށްލި އަޑާއެކު ބައްތިއެއްގެ އަލިކޮޅު އެދެމީހުންގެ މޫނަށް އެޅިގެން ލޯމަރައިލެވުނެވެ. "ޒަވިއަން؟" މާއިޝާ ކަންބޮޑުވެފައިވާ އަޑަކުން ބާރު ބާރަށް ބުނެލިއެވެ. ދެން ބައްތިއާއެކު އަވަހަށް ކައިރިވެފައި ޒަވިއަންގެ ދެއަތް މޮހާލަދީފިއެވެ. 

ކޮމެންޓް 0