ޚަބަރު ހުސްވެފައި އޮންނަތާ އެތައް އިރެއް ފަހުން މާއިޝާއަށް ހޭވެރިކަން ވީއިރު ކޮނޑުގައި އަދިވެސް ރިހެއެވެ. އޭނާ ހިތްވަރު ކޮށްފައި އެސްފިޔަތައް ދުރު ކޮށްލިއިރު ތަންކޮޅެއް ދުރުގައި ފުރަގަސްދީގެން މީހަކު ހުރިކަން ފާހަގަވިއެވެ. ބަލަން އޮތްވައި އެމީހަކު އެނބުރިލުމުން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަވަހަށް ތެދުވަން ހިތަށް އެރި ނަމަވެސް އަތްފައިގެ ހަރަކާތެއް ނެތެވެ. އިސާހިތަކު ކަރުނައިން ލޯ ފުސްވެގެން ދިޔައިރު ކައިލީން އައިސް މަގަތުގައި އިށީންދެއްޖެއެވެ. ކުރިއާ ޚިލާފަށް ކައިލީން އިނީ ހަށިގަނޑަށް ފޭރާން ލައި އިސްތަށިގަނޑުވެސް ފަހަތަށް އައްސާލައިގެންނެވެ. ލޮލުގެ ފެހިކުލަ އަރްސަލާންގެ ލޮލަށްވުރެ ކުލަ މަޑުކަން މާއިޝާއަށް ފާހަގަ ކުރެވުނީ އެވަގުތެވެ. ކައިލީންގެ އަސްލު ނޭނގި އެމޫނަށް ބަލާލައިފި އެއްެވެސް ފިރިހެނަކު އެސޫރައަށްޓަކައި ފިދާ ނުވެ ނުދާނެކަން ކަށަވަރެވެ. ވީއިރު އަރްސަލާންއަށް ވަކި ތަފާތު ގޮތެއް ވާނެ ހެއްޔެވެ؟ އަމުދުން ކައިލީން އެއީ އަރްސަލާންއާ ހުރިހާ ގޮތަކުންވެސް އެންމެ އެކަށީގެންވާ އޭނާއާ އެއް ދަރިފަސްކޮޅަކުން އައިސްފައިވާ މަހްލޫޤެކެވެ. ހިތުގައި ހިނގާލި ހިޔާލު ތަކުން މާއިޝާގެ އެސްފިޔަތައް ނުކުޅަދާނަ ވެގެން ކަރުނަ ފައިބައިގަތެވެ. އެވަގުތު އެހަށިގަނޑުން ހީބިހި ނަގައިލީ ކައިލީން ކުއްލިއަކަށް އޭނާގެ ކަރުނަތައް ފުހެލަދިނީމައެވެ. 

"ހޭލެވުނީތަ؟ އަހަރެންނަށް އަދި އަމިއްލަ ތައާރަފެއް ނުދެވޭ ދޯ. މީ ކައިލީން. އަރްސަލާންގެ ބައިވެރިޔާ." ކައިލީން ހެވިލާފައި އިނދެގެން ބުނެލި ވާހަކައިން މާއިޝާގެ މޫނުން ތަރި ބުރާލިއެވެ. ކުރިމަތިން ހާމަވާން އަދި އޮތަސް އަރްސަލާންވެސް އެގޮތަށް ސީދާ ބަހުން ބުނެފައެއް ނެތެވެ. އެހެންވީމާ އޭނާ ބިރުން އުޅުނު ކަންތައް މިވީ ހަމަ ތެދަކަށެވެ. އަރްސަލާންއާ ކައިލީންގެ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫނެވެ.

"ކި.. ކީއްކުރަން މިތަނަށް ތިއައީ؟" މާއިޝާ ހިތްވަރު ކޮށްފައި ވާހަކަދެއްކިއެވެ. ބަލަން އޮތްވައި ކައިލީން އޭނާގެ އަތްތިލައިގައި ހިފާ އުފުލާލައިގެން ބަލަން ފެށި ގޮތުން ހީވީ ދެންމެ ދެންމެ ދަތް އަޅައިފާނެ ހެންނެވެ. "އަހަރެންނަކަށް ނުވިސްނުނު." ކައިލީން އެއަތުން ނަޒަރު ވަކިކޮށްލައި މާއިޝާގެ މޫނަށް ހުއްޓާލި ވަގުތު މާއިޝާ އަވަހަށް ކޮންކަމެއްހޭ އަހާލައިފިއެވެ. އޭނާއަށް ފާހަގަ ވީ ކައިލީންގެ މޫނުން ފައުޅުވާން ހުރި ސީރިއަސްކަމެވެ. ކައިލީންއަށް ނުވިސްނިގެން އެއުޅެނީ ކޯއްޗެއް ހެއްޔެވެ؟ "އަހަރެންނަށް ކަލޭގެ މިއަތްތިލަ ފެނުނީމަ ކަލޭގެ ހަށިގަނޑުގެ ވަސް ޖެހުނީމަ އަހަރެންގެ ބަނޑުހައި ހޫނުކަން އެއްހާސް ގުނައަށް އިތުރު ވަނީ. އެކަމަކު އަރްސަލާން... އަހަރެންކަށް ނުވިސްނުނު އަރްސަލާންއަށް ކަލޭގެ ކިބައިން ފެނުނީ ކޯއްޗެއް ކަމެއް. އަހަރެންގެ މުޅި ހަޔާތް މި އިންސާނުންގެ ތެރޭގައި އުޅުނުއިރު ދުވަހަކުވެސް އެއިން މީހަކާމެދު ހަމްދަރްދީއެއް ކުލުނެއް، އޯގާތެރިކަމެއް އަދި ގާތްކަމެއްވެސް ނުއުފެދޭ. ދެން ކިހިނެތް އެހާ ކުރު މުއްދަތެއް ތެރޭގައި އަރްސަލާން ކަލެއަށް އެހާ ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކަލޭ ރައްކާތެރި ކުރަން އެއުޅެނީ؟" ކައިލީންގެ ސުވާލަށް ދޭނެ ޖަވާބެއް މާއިޝާއަކަށް ނޭނގުނެވެ. އޭނާ ހައިރާންކަމާއެކު ބަލަން އޮތްވައި ކައިލީން ތެދުވެގެން ކުޑަދޮރާއި ދިމާއަށް ދާން ފެށުމުން އެހައިރާންކަން ދެގުނައަށް އިތުރުވިއެވެ. ކައިލީން އެތަނަށް އައީ އޭނާ މަރާލާކަށް ނޫން ހެއްޔެވެ؟

"ތިއައީ އަހަރެން މަރާލާކަށް ނޫންތަ؟" މާއިޝާގެ ހިތުގައި އޮތް ޖުމްލަ އެންމެ ފަހުން ދުލާއި ހަމައަށް ނައިސް ސަލާމަތެއް ނުވިއެވެ. ހަތަރެސްފަޔަށް އަމިއްލަ ބާރު ލިބުނުކަން އިހްސާސްވެގެން އޭނާ ތެދުވެ އިށީންތަނާ ކައިލީން ހުއްޓިފައި އެނބުރި ބަލައިލިއެވެ. "ނޫނޭ. އަހަރެން މިއައީ ވަކިވުމުގެ ކުރީން ވަދާޢު ކިޔަން. ހީވާގޮތުން އަދި އަރްސަލާންވެސް އަންނާނެ." ކައިލީން ނުލަފާ ގޮތަކަށް ހެވިލާފައި ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި އަނެއްކާވެސް އެނބުރި ބަލައިލިއެވެ. މިފަހަރު އޭނާ ހުރީ ކުރިއަށްވުރެ ސީރިއަސް ވެފައެވެ. "އަރްސަލާން އަހަރެންނާއެކު ދާން އެއްބަސްވީ ކަލެއާ ކަލޭގެ ގާތް މީހުނަށް ގެއްލުމެއް ނުދީ ދޫކޮށްލާ ގޮތަށް. އަދި އެހެންނޫނަސް އަރްސަލާންގެ "ބަލިފައި" ސަލާމަތުން ބަހައްޓައިގެން އަހަރެންނަށް އޮތީ ފައިދާ." ކައިލީން ފަހު ބަސް އިއްވާފައި ވިދުވަރެއްހެން ބޭރަށް ދެމިގަތެވެ. އެވަގުތު މާއިޝާގެ ލޯ އަނެއްކާވެސް ފުރިގެން އައީ ތާޒާ ކަރުނައިންނެވެ. އޭނާ އެހާ ވަރަށް އާދޭސް ކުރިފަހުންވެސް އަރްސަލާން އޭނާގެ ލޯބި ޤަބޫލު ނުކުރީ ކައިލީންއަށް އެހިތުން މަޤާމެއް ދެވިފައި އޮތީމައި ހެއްޔެވެ؟ ދެން އެހެންވީއިރު ކައިލީން ބުނިހެން މިހާ ދުވަހު އޭނާ ރައްކާތެރި ކުރަން އަރްސަލާން މަސައްކަތް ކުރި ސަބަބަކީ ކޮބައި ހެއްޔެވެ؟ އެވަރުގެ އަހައްމިއްޔަތުކަމެއް އޭނާއަށް ދިންނަމަ ދޫކޮށްލައިފައި ދާކަށް ނުކެރޭނެއެވެ.

ހިތުގައި ސުވާލު ގިނަވީ ވަރަކަށް ކަރުނަތައްވެސް ވީ އިތުރެވެ. ވަކިވުމުގެ ހިޔާލު ހިތަށް ތަދު ކުރަމުން ދިޔައިރު ޖަވާބު ނެތް ސުވާލު ތަކުގެ އުދަނގޫ އެހާ ބޮޑެވެ. މާއިޝާ އަނެއްކާވެސް އެނދަށް އަރައި ކަރުނަ އޮއްސަން އޮތްވައި އިރު އޮއްސި، ވަށައިގެން އަނދިރިކަން އައިސް ވަށާލި ފަހުން ކުޑަދޮރު ކައިރިން މީހެއްގެ ހިލަން ވީހެން ހީވިއެވެ. ލޯ މަރައިގެން އޮވެފައި ލޯ ހުޅުވާލިއިރު އަނދިރީގެ ތެރޭގައި މީހަކު ހުރެފައި ބާރު ބާރަށް ގޮސް ގަސްތަކުތެރެއަށް ވަންތަން ފެނުނެވެ. މާއިޝާ ތެދުވެގެން ދުވެފައި ގޮސް ކުޑަދޮރު ކައިރީ ބޭރު ބަލަން ހުރެ މިނިޓެއް ވީއިރު ދެވަނަ ފަހަރަށް އެމީހެއްގެ ޚަބަރެއް ނުވިއެވެ. އޭނާ ވިސްނައިލާފައި ހަމަ ކުއްލިއަކަށް އެތާ ހުރި ގޮނޑި ކައިރިކޮށްލައިގެން ގޮނޑިއަށް ކޮޅަށް އަރައި ކުޑަދޮރު މަތިން ބޭރަށް ފުންމާލައިފިއެވެ. ކޮޓަރިއަށް މީހަކު ވަންތޯ އެނބުރި ބަލައިލާފައި ގޮސް ގަސްތަކުގެ ކުރިމަތީ ހުއްޓި ހުރެގެން ދެފަހަރުމަތީން ނިކަން މަޑުން އަރްސަލާންއޭ ކިޔާ ގޮވާލިއެވެ. 

"އަރްސަލާން. އަހަރެން މިއުޅެނީ ނާޔަލް ކައިރީ އިންނަން އަހަން. އަހަރެން މިއުޅެނީ މިރަށް ދޫކޮށްފަ ދާން." އަރްސަލާންގެ ޖަވާބެއް ނައުމުން މާއިޝާ ފެށިއެވެ. އޭނާގެ ޖުމްލަ ނިމޭއިރަށް އަރްސަލާން އެންމެ ކައިރީ ހުރި ގަސްތަކު ތެރެއިން ދެމިގަނެގެން އައިސް ކުރިމަތީ ހުއްޓިލުމުން އޭނާ ސިއްސައިގެން ގޮސް ހަޅޭތްލަވައި ނުގަނެވުނީ ކިރިޔާއެވެ. އަވަހަށް ދެއަތުން އަނގަމަތީ ނިވާކޮށް ބާރަށް ހިފަހައްޓާލެވުނެވެ. "މަރުހަބާ." އަރްސަލާން ބުނެލިއެވެ. މާއިޝާގެ ކަންފަތަށް އިތުބާރު ނުކުރެވިގެން ކީކޭ އަހާލެވުނެވެ. "އަހަރެން މިބުނީ ކުރަން ތިއުޅޭ ކައިވެންޏަށް މަރުހަބާ އޭ. ދެން އަހަރެންނަށްވެސް ހަމަޖެހިގެން އަހަރެން އައި ތަނަށް އެނބުރި ދެވިދާނެ." އަރްސަލާން ތަކުރާރު ކޮށްލިއެވެ. ހިނދު ކޮޅަކަށް މާއިޝާގެ ބަސް ހުސްވެ ބަލަން ހުރެވުނެވެ. ހިތަށް ތަދުވި ވަރުން ރޮއިގަންނަން ބޭނުންވިއެވެ. 

"ހަމަ އަސްލުވެސް ދަނީތަ؟" މާއިޝާ ބޭނުންވީ އަރްސަލާން ބުނާ އެއްޗެއް ބަލާށެވެ. އެވަގުތު އަރްސަލާން ހޫމ އަޅުވާލިއެވެ. "ދެން އަހަރެން ކިހިނެތް ހަދާނީ؟" މާއިޝާގެ އަޑު ކުރެހުނެވެ. "ކުރިން ތިބުނީއެއްނު ކައިވެނީގެ ވާހަކަ. އަހަރެން ނުޖެހޭ މިހެން ބުނާކަށްވެސް. އެކަމަކު ތިގޮތަށް އެހީތީ ބުނެފާނަން. އަހަރެންނާ ބައްދަލު ވުމުގެ ކުރީންވެސް ރާވާފައި އޮތް ގޮތަށް ދިރިއުޅުން ކުރިއަށް ގެންދޭ." އަރްސަލާން ޖަވާބު ދިންއިރު ކުޑަވެސް މަޑުޖެހުމެއް އެއަޑަކު ނުވިއެވެ. މާއިޝާއަށް ޤަބޫލު ކުރަން ދަތިވެގެން އަނެއްކާވެސް އިރުކޮޅަކަށް ހިމޭންކަން އިޚުތިޔާރު ކުރެވުނެވެ. އެހުރިހާ ވާހަކައެއް އެދައްކަނީ ހަމަ އަރްސަލާން ކަމަށް ޤަބޫލު ކުރާ ހިތެއް އޭނާ ނުވިއެވެ. މީ ފެންނަ ނުބައި ހުވަފެނަކަށް ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

"ދެން ކީއްވެ އަރްސަލާން އަހަރެން ރައްކާތެރި ކުރަން މަސައްކަތް ކުރީ؟" ލޮލަށް ބޮނޑިވާން ފެށި ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން މާއިޝާ އަހާލިއެވެ. "ތީ މާއިޝާގެ ކުށްހީއެއް. އަހަރެންނެއް ނޫން މާއިޝާ ރައްކާތެރި ކުރަން މަސައްކަތް ކުރި މީހަކީ. އޭގެ ބަދަލުގައި މާއިޝާ އަހަރެން ރައްކާތެރި ކުރަން މަސައްކަތް ކުރީ." އަރްސަލާން ސާބިތު ކަމާއެކު ބުނެލިއެވެ. "ދޮގެއް. ކަނޑައެޅިގެން ދޮގެއް ތީ. ކައިލީންގެ ނުރައްކަލެއް ދިމާވެދާނެތީއޭ ބުނެ އަރްސަލާން ކުރީ ރޭ އައީމެއްނު. ރޭގަނޑު އެތައް ދަމެއް ފާއިތުވަންދެން ބޭބީ ސިޓް ކުރަން އެއިން އިނުމަކީ ދެން އެހެން ކޮންކަމެއް؟" މާއިޝާ އަޑަށް ބާރު ލައިފައި ދެކޮޅު ހެދިއެވެ. "މާއިޝާއަށް ކިހިނެތް އެނގެނީ އެއީ އަހަރެން ހެދި ދޮގެއް ނޫންކަމެއް؟" އަރްސަލާން ފުރަތަމަ ފަހަރަށް އެހާ ތަފާތު ވާހަކައެއް ބުނެލިއިރުވެސް އަޑުގައި ހުރީ ސީރިއަސްކަމެވެ. "އަހަންނަށް ކިހިނެތް އެނގެނީ އަރްސަލާން މިހާރު ތިދައްކަނީ ހުސް ދޮގު ވާހަކަ ނޫންކަމެއް؟" މާއިޝާވެސް މިފަހަރު ދޫ ކުރާކަށް ނުހަދައެވެ. އަރްސަލާންއަށް ބަހުސް ކުރެވެންޏާ އޭނާއަށްވެސް ކުރެވޭނެއެވެ. 

"ދެން މިހާރު ތިއައީ އެހެންވިއްޔާ ކައިލީން ފަދައިން ވަދާޢި ސަލާން ކުރަންތަ؟" މާއިޝާގެ ލޮލުގައި ހުރި ކަރުނަތަކާއެކުވެސް އޭނާ ރުޅި އައެވެ. "ރަނގަޅު. ދެން ބައްދަލު ނުވާނެތީ މާއިޝާ ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާ ކުރަން މިއައީ. ބާއްޖަވެރި ދިރިއުޅުމަކަށް އެދެން." އަރްސަލާން ޖުމްލަ ނިންމާފައި ވަގުތުން ފަސްއެނބުރި ހިނގައިގަތެވެ. 

އަރްސަލާން ގޮސް ގެއްލުނު ދިމާއަށް ބަލަހައްޓައިގެން މާއިޝާ ހުރީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. އޭނާ އެތަނުން ދުރަށް ދިޔައީ ދެފައިކޮޅުން ވާގި ދޫވާން ފެށީމައެވެ. އޭރު ހުރިހާ ކަރުނައެއް ފައިބައި އިތުރަށް އަންނާނެ ކަރުނައެއް އެލޮލަކު ނެތެވެ. މަރުވެފައިވާ މައްޔިތެއްހެން ހިނގާލައިފައި ގޮސް ގެއަށް ވަންއިރު ނާޔަލް ސިޓިންރޫމްގައި އިނދެފައި އޭނާ ފެނިގެން ފުންމައިގެން ތެދުވިއެވެ.

"އިޝީ ކޮންތާކުން ތިއައީ؟ އަހަރެން ވަރަށް ގުޅައިފިން. ކުރިން ބުނި ގަޑިއަށް ނާދެވުނީ ދިމާވި ކަމަކުން." ނާޔަލް ހަމަޖެހޭ ގޮތް ދައްކަމުން ވާހަކަ ހަމަޖައްސާލިއެވެ. "ހިނގާ މެރީ ކުރަން." މާއިޝާ ގޮސް ހުއްޓިފައި ކުއްލިއަކަށް ބުނެލައިފިއެވެ. އެވަގުތު ނާޔަލް އިތުރަށް ބުނަން އުޅުނު ވާހަކަ ހުއްޓާލައިފައި ހައިރާންވެގެން އެމޫނަށް ބަލަން ފެށިއެވެ. ބަދިގޭގައި ހުރި މެހެރީންއަށް އިވިގެން އޭނާވެސް ތެޅިގަނެފައި ނިކުމެ އެދެމީހުންނަށް ބަލަން ހުއްޓެވެ. "މިހާރު އަހަރެންގެ މަސައްކަތްވެސް ނިމުނީ. ދެން ބާކީ ހުރި ކަންކަމަކީ އަހަރެން ނެތަސް ކުރިއަށްދާނެ ކަންކަން. އަހަރެން ހަމައެކަނި ޖެހޭނީ ވާނުވާ ބަލަން. މާލޭގަ ހުއްޓަސް އެކަން ކުރެވޭނެ. އަހަރެން ކުރިންވެސް ބުނީމެއްނު މިޕްރޮޖެކްޓް ނިމުނީމައޭ ކައިވެންޏާ ދިމާއަށް ދާނީ. ނައު އިޓްސް ޓައިމް. ލެޓްސް ގޯ ބެކް އެން ލެޓްސް ގެޓް މެރީޑް." މާއިޝާ ނާޔަލްގެ ލޮލާ ލޯ ސީދާ ކޮށްލައި އެދެއަތުގައި ހިފާލުމުން ނާޔަލްއަށް އިތުރަށް ދެކޮޅު ހަދާނެ ހިތްވަރެއް ނުލިބުނެވެ. ރަތްވެފައިވާ މާއިޝާގެ ދެލޯވެސް އެވަގުތު ނާޔަލްއަށް މަޖުބޫރު ކުރީ އެ އެދުމާއި އެއްކޮޅު ވުމަށެވެ. 

"ޔެސް. ލެޓްސް ޑޫ އިޓް." ނާޔަލް ހިނިތުންވެލިއެވެ. އެވަގުތު ދުރުން އަޑުފަތްގަނޑެއް އިވިގެން ބަލާލިއިރު މެހެރީން އަތުގައި ހުރި ބިއްލޫރި ތަށި އޮތީ ވެއްޓި ތެޅިފައެވެ. އެކަމަކު ދެމީހުން ބަލާލިއިރަށް އޭނާ އެމޫނުގެ ނުތަނަވަސްކަން ހިނިތުން ވުމަކަށް ބަދަލު ކޮށްލިއެވެ. 

ދެދުވަސް ފާއިތުވެ ތިންވަނައަށް ވީ ދުވަހު ހެނދުނު އެމީހުން ތިބީ މާލޭގައެވެ. ގެއަށް އައިސް ވަދެވުމާއެކު މަލީހު ނޫނީ ދެން ތިބި ތިން މީހުން އެކި ދިމާއަށް ގޮސް ގެއްލުނެވެ. މަލީހު، އާފިޔާ އާއި ފައިސަލްގެ ކައިރީ ސޯފާގައި އިނދެގެން ކައިވެންޏާ ބެހޭ ގޮތުން އެދެމަފިރީން ފައުޅު ކުރަމުން ދިޔަ ހިޔާލުތައް އަޑުއަހަމުން ސައިތައްޓަކަށް އިންސާފު ކުރަމުން ދިޔައެވެ. ގެއަށް ވަނީއްސުރެ އޭނާގެ ހައިރާން ކަމާއި އެންމެ ބޮޑަށް ގުޅިފައިވީ ގޭގެ ތަނަވަސްކަމާއި ރީތި ކަމެވެ. ބަލާލި ކޮންމެ ދިމާއަކުން އަގުބޮޑު ފަރުނީޗަރާއި ގޭގެ ހައިބަތު އިތުރުކޮށްދޭ އެހެން އެއްޗެއްސެވެ.

މެހެރީން އެންމެ ކުރިން މަތީ ބުރިއަށް އެރި ކުއްޖާ ގޮސް ވަނީ ކޮޓަރިއަށެވެ. އަންނައުނު ކޮޅު ގަޔާއި ވަކި ކޮށްލައިގެން އޭނާ ގޮސް ފުރަތަމަވެސް ބިލިގާއަށް ފެން ފުރާލައިގެން އެއަށް އެރުނެވެ. ނާޔަލްއާ މާއިޝާގެ ކުރިއަށް އޮތް ކައިވެންޏަށް ވުރެވެސް ބޮޑަށް އޭނާގެ ހިތަށް އެވަގުތު އުދަނގޫ ކުރަމުން ދިޔައީ ޒަވީގެ ހިޔާލެވެ. އެމީހުން އަންނާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން ރޭގައި އެގޭގައި ބޭއްވި ހަފްލާގައި ހިނގާ ދިޔަ ހާދިސާ އޭނާގެ ހިތުން ފިލާ ގޮތެއް ނުވިއެވެ. އޭނާގެ ހިތް އޮތް ގޮތް ކުރިން ފައުޅު ކޮށްފައި އޮތްވާވެސް ޒަވީ ރޭގައި އޭނާއަށް ލޯބި ހުށަ އެޅީއެވެ. ކުއްލިއަކަށް އެމީހުން އަންނަ ވާހަކަ އިވިގެން މާބޮޑަށް ކަންބޮޑުވީ ވީ ނޫންކަމެއް ނޭނގެއެވެ. "މެހެރް ބުނީމެއްނު މެހެރް ލޯބިވަނީ މެހެރްއަށް ދުވަހަކުވެސް އެމީހަކާއެކު ދިރިއުޅުމެއް ލިބެން ނެތް މީހަކު ދެކެ އޭ. އެހެންވީމަ ވައި ޑޯންޓް ޔޫ ލެޓް ހިމް ގޯ؟ އޭނަ މަތިން ހަނދާން ނައްތާލައިފަ މެހެރްދެކެ ލޯބިވާ މީހަކާ ގުޅިއްޖެއްޔާ މުސްތަޤްބަލް އުފާވެރި ވާނެ. މެހެރް އައި ލަވް ޔޫ.... އެން އައި ވޯނަ ބީ ވިތް ޔޫ. އަޅެ އެންމެ ފަހަރަކު ނަމަވެސް ފިނި ހިތަކުން ވިސްނާލައިފަ އަހަރެންގެ ލޯބި ގަބޫލު ކޮށްބަލަ. އައި ޕްރޮމިސް، އަހަރެން ދުވަހަކުވެސް މެހެރްއަށް ދެރަ ގޮތެއް ނުހަދާނަން." މެހެރީން އަނގަ ލައްޕާ ބާރު ކޮށްގެން ފެންގަނޑު ތެރެއަށް ހަށިގަނޑު ދާން ދޫކޮށްލައިގެން އޮތްވާ ކަންފަތުގައި ޒަވީގެ ޖުމްލަތައް ތަކުރާރު ވާން ފެށިއެވެ. އިރުކޮޅަކުން ނޭވާ ހާސްވެގެން ކުއްލިއަކަށް ތެދުވެފައި ކުރިމަތިން ނާޔަލް ފެނިގެން އޭނާ ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ފޮނުގަނޑު ތެރޭގައި ހަށިގަނޑު ފޭރާން ކޮށްލެވުނެވެ.

"އަމިއްލައަށް މަރުވާންތަ ތިއުޅެނީ؟" ނާޔަލް ހަށަން ބަނދެލި ވަގުތު މެހެރީން ދެބުމަ ގޮށް ޖަހާލިއެވެ. "ނާޔަލް ކިހިނެތް މިތަނަށް ވަނީ؟" މެހެރީން ރުޅި އައިސްގެން ސުވާލު ކޮށްލިއިރު ނާޔަލް މޫނަށް ނުބަލަން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. "ތަޅުނުލައި ހުންނަންޏާ ވަދެވޭނެއެއްނު. ތިއުޅެނީ މިގޭ އުޅޭ ހުރިހާ ނޯކަރުންވެސް މޮޔަކޮށްލަންތަ؟ އަހަރެން ބަދަލުގަ އެތަނުން މީހަކު ވަންނަމަ ކިހިނެތް ވާނީ؟" ނާޔަލް މެހެރީން މޫނުން ނަޒަރު ވަކިކޮށްނުލައި ހުރެފައި ހަމައެގޮތަށް ދެބުމަ ކައިރިކޮށްލިއެވެ. މެހެރީންގެ ފަރުވާ ކުޑަކަމުން އޭނާ ހިތްހަމަ ނުޖެހުނެވެ. "ކަޓް ދި ކްރެޕް...!" މެހެރީން ބޭނުންވީ ނާޔަލް އައި މަޤްސަދު އޮޅުންފިލުވާށެވެ. އިތުރު ވާހަކައެއް ދައްކަންޏާ ދެމީހުންގެ ޒުވާބު ހޫނުވުން ނޫން ގޮތެއް ނުވާނެއެވެ. "އިޝީއާ އަހަރެންގެ ކައިވެނި ކުރެވޭން ދެން އަނގަ ލައްޕައިގެން ހުންނާތި! އެހެންނޫނީ މާރަނގަޅެއް ނުވާނެ." ނާޔަލްވެސް އެހިސާބުން ސީދާ މައުޟޫއަށް ދިޔައެވެ. އޭނާއަށް ފެނުނީ އެކައިވެނީގެ ވާހަކަ ބުނާއިރަށް މެހެރީންގެ ލޮލުން އަލިފާންކަނި ބުރާލި ތަނެވެ. ބޭނުން ފުދިއްޖެ ކަމަށް ނިންމާފައި އޭނާ އެތަނުން ނިކުމެގެން ދިޔައީ މެހެރީންއަށް އިތުރު ފުރުސަތެއް ނުދޭންވެގެންނެވެ. ނިކުންނަމުން އިތުރު މީހަކު ވަދެދާނެތީ ދޮރު ތަޅުލިއެވެ. 

ހުރިހާ ކަމެއް ހަމަޖެހުނީ މާއިޝާ ބޭނުންވި ގޮތަށެވެ. އޭނާގެ އެދުމުގެ މަތީން ކައިވެނި ހަފްތާއެއްގެ ތެރޭގައި ކުރަން ހަމަޖެހުނު އިރު ކައިވެނީގެ ހަފްލާވެސް އޮތީ ހަމައެކަނި އާއިލާމީހުންނާއި އެންމެ ގާތް ރަތްޓެހިން އެކަނި ހިމަނާ ގޮތަށެވެ. ކުއްލިއަކަށް ހީވަނީ ހުރިހާ ބާރެއް އޭނާގެ އަތަށް ދޫކޮށްލައިގެން ނާޔަލް ހުރި ހެންނެވެ. ނާޔަލް ކަމަކާއި ފާޑު ކިޔާތީއެއްވެސް ނުފެނެއެވެ. އެހާ ކުރު މުއްދަތެއް އޮތްވާވެސް އޭނާ އަވަދިނެތި އުޅުނީ އޮފީހުގައެވެ. އަނެއްކޮޅުން މާއިޝާ ގިނަ ވަގުތު ހޭދަ ކުރަނީ ކޮޓަރީގައެވެ. މީހަކު އަހާލާއިރަށް އޭނާ ކުރާ ކަމަކަށް އޮންނަނީ ކުރެހުމެވެ. ޑިޒައިން ކުރުމެވެ. ނާޔަލްގެ ހުއްދަ ލިބުމުން މާއިޝާ ދެތިން ތާކަށް ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށައެޅިއެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ވަމުން ދިޔައީ އޭނާ ގަމަށް ދިއުމުގެ ކުރީން ހިތުގައި ރާވާފައި އޮތް ގޮތަށެވެ. އެކަމަކު ތަފާތަކީ މިހާރު އެހުރިހާ ކަމެއް ފުރިހަމަ ވަމުން ދިޔައިރުވެސް ހިތަށް ހަމަޖެހުމެއް ނެތް ކަމެވެ. 
********

ހަމަޖެހިފައި އޮތް ވަގުތަށް ކައިވެނި ކޮށްދޭ މީހުން އަތުވެއްޖެއެވެ. ހުދު ފޮތި އަޅައި ދެފަރާތުގައި ގޮނޑިޖަހާފައި ހުރި މޭޒު ދޮށަށް ދެއާއިލާގެ މީހުން ހަމަވީއިރު އެތާގައި މަދީ މާއިޝާ އެކަންޏެވެ. ދުރުގައި ހުރި އަންހެން ކުއްޖަކަށް އާފިޔާ އިޝާރާތް ކޮށްލުމުން އޭނާ ބޯޖަހާލައިފައި ނިކަން ހަރުކޮށް ސިޑިން އަރައިގެން ދިޔައެވެ. އިރުކޮޅަކުން ފިޔަވަޅުގެ އަޑު އިވިގެން އެންމެންގެ ލޯތައް އެދިމާއަށް ގޮސް ގަނޑުވީ ބަލައި ދިޔަ އަންހެންކުއްޖާގެ ކުރީގައި ހުރެގެން ތިރިއަށް ފައިބަމުން ދިޔަ މާއިޝާ ދެކިފައެވެ. ހުދުކުލައިގެ ކައިވެނި ހެދުމުގައި މާއިޝާގެ ފުރިހަމަކަން ފެނިފައި ކޮންމެ ހިތެއްމެ ތައުރީފުން ފުރިގެން އައެވެ. މާއިޝާ އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީނުމުން ނާޔަލްވެސް އަދި އެއްފަހަރު އެމޫނަށް ބަލައިލިއެވެ. މިއޮތް ހުރިހާ ދުވަހު އޭނާ ދެކުނު ހުވަފެން މިހާ ފަސޭހައިން ސީދާ ވާތަން ފެނުމުން ހަޤީޤަތަކަށްވުރެ ބޮޑަށް ވައްތަރީ ބިލާހަކާއެވެ. 

"އަނބި ޤަބޫލު ކޮށްފިން." ނާޔަލްގެ އަޑު ކަންފަތުގައި ޖެހުމާއެކު މާއިޝާ ސިއްސައިގެން ގޮއްސައި ކޮޅަށް ތެދުވި ގޮތުން ހީވީ މިއޮތް ހުރިހާއިރު ހުވަފެނެއްގައި އުޅެފައި ހޭލިހެންނެވެ. އެވަގުތު އެންމެން ހައިރާންވެގެން ބަލަން ފެށުމުން އޭނާ އެކި މީހުންގެ މޫނަށް ވަކި ވަކިން ބަލާލައިފައި އަނެއްކާ އިށީންދެއްޖެއެވެ. ގާޟީއާއި ހެކިވެރީންނާއެކު ދެންތިބި އެންމެން ތެދުވެ މުބާރިކް ބާދީ ކިޔައި ސަލާމް ކުރިއިރުވެސް އޭނާ ދެން އަލުން ތެދުވާ ހިޔާލެއް ނުކުރިއެވެ. އަނެއްކޮޅުން ޕާޓީ ފެށި ވަކި ހިސާބަކަށް ދިޔަތަނާ އަލަތު ދެމަފިރީން ގެއްލިއްޖެއެވެ. މެހެރީން ހުރިހާ ވަގުތެއް ހެން މަންމަ ފަހަތުގައި އުޅެފައި ގޮސް އެކުވެރި ކުއްޖަކު ކައިރީ މަޑުކޮށްގެން ހުއްޓާ އަލަށް އައި މެހުމާނަކު އަލަތު ދެމަފިރީން ކޮބާހޭ އެހި އަޑަށް ހޯދާލެވުނެވެ. "އެމީހުންނަށް ކެތްނުވެގެން މިހާރު ރޫމަށް ދިޔައީ ކަންނޭނގެ." އެހެން ކުއްޖަކު ޖަވާބު ދީފައި ހިނިގަނޑެއް ޖަހާލުމުން މެހެރީންއަށް އެތަނުން ދުރަށް ދާން ހިނގައިގަނެވުނީއެވެ. 

މެހުމާނުން ކެއުމުގައި މަޝްއޫލުވެގެން ވެގެން އުޅުނު ވަގުތު ނާޔަލް ސިއްރު ސިއްރުން އެތަނުން ދުރަށް ޖެހިލައިގެން އައިސް ކޮޓަރިއަށް ވަންއިރު މާއިޝާ އިނީ އޭނާއަށްވުރެވެސް ކުރިން އައިސް ކޮޓަރީގައެވެ. ފުރަގަސްދީގެން އިން އިރު މާއިޝާގެ ބުރަކަށީގެ ބޮޑު ބަޔަކާއި މޫނުން އެއްފަޅި ނޫނީ ފެންނާކަށް ނެތެވެ. ނާޔަލް ތަޅުގައި ހިފާލައިގެން އިރުކޮޅަކު ހުރެފައި ކުރިއަށް ދާން ފެށިތަނާ މާއިޝާއަށް އަޑު އިވިގެން ކުއްލިއަކަށް އެނދުން ތެދުވެފައި އެނބުރުނެވެ. 

"އަހަރެން ވާހަކައެއް ބުނަން ބޭނުން." މާއިޝާ ވާހަކަދެއްކުމުން ނާޔަލް ހުރި ހިސާބަށް ހުއްޓުނެވެ. "އަހަރެންވެސް." ނާޔަލްވެސް އިއްވާލިއެވެ. "އަހަރެން ލޯބިވަނީ އެހެން މީހަކު ދެކެ." އެވަގުތު މާއިޝާ އިއްވާލިއެވެ. "އަހަރެންނަށް އިޝީއަށް ޗީޓް ކުރެވިއްޖެ." ނާޔަލް އިރުކޮޅަކަށް ހުއްޓުން އަރައިފައި ދެން ކުއްލިއަކަށް ބުނެލިއެވެ. އެވަގުތު އެއަޑު އިވިގެން އޭނާ ފަދައިން މާއިޝާވެސް ހައިރާންވެ ލޯ ބޮޑުކޮށްލިއެވެ.

ކޮމެންޓް 0