"އަހަރެން ބޭނުމީ ހަމައެކަނި އަރްސަލާން. އަރްސަލާން ކިތަންމެ ނުރުހުނަސް އަހަރެންނަކަށް ނެތް އަރްސަލާންއާ ދުރުގަ ހުރެވޭކަށް. އަހަރެން އުފާވާނީ ހަމައެކަނި އަރްސަލާންގެ ލޯބި ލިބިގެން." މާއިޝާ ޖުމްލަތައް ބޭރުކޮށްލައިފައި ދެފައި ތިރިއަށް އެލުވާލަން އުޅެނިކޮށް އަރްސަލާން އަތް ދުރަށް ލުމުން އެދެފައި އެލުވާލައިފައި ކައިރިއަށް ޖެހިލިއެވެ. އެވަގުތު އަރްސަލާން ދުރު ފަރާތަށް މޫނު އަނބުރާލުމުން މާއިޝާ ހިތްވަރުކޮށްފައި އަރްސަލާންގެ ދަތްދޮޅީގައި ހިފާ މަގަތަށް އަނބުރާލިއެވެ.
"އަރްސަލާން. އަހަރެން ހަނދާން އެބަހުރި ހުރިހާ ވާހަކައެއް. ހަނދާން އެބަހުރި އަހަރެންނާ އަހަރެންގެ ގާތްމީހުންނަކީ އަރްސަލާންއާއި އަރްސަލާންގެ ބައިވެރިންގެ ކާނާއޭ ބުނި ހަނދާން. އެކަމަކު އަހަރެން ޖެހިލުމެއް ނުވޭ. ކުޑަކޮށްވެސް ބިރެއް ނުގަނޭ އަރްސަލާން އަހަންނަށް ގެއްލުން ދީފާނެތީއެއް. އަހަރެން ބިރުގަންނަނީ އަރްސަލާން އަހަރެން ދޫކޮށްފަ ހިނގައިދާނެތީ. އަހަންނަށް އަރްސަލާން ގެއްލިދާނެތީ އެންމެ ބިރުގަންނަނީ. އެއަށްފަހު ދެން އަލުން ލޮލަށް ނުފެނިދާނެތީ އަހަރެން ދެރަވަނީ. އަހަރެން ނޭދޭނަން ކައިލީން ފަރާތުން ބަދަލު ހިފާކަށް. އަރްސަލާންއަށް އޭނާ މުހިންމުވަރު އަހަރެންނަށް އެނގޭ. އަދި އަހަރެމެން ސަޒާ ނުދިނަސް އޭނައަށްވެސް އޭނަ ކުރިކަމެއްގެ ބަދަލު ކޮންމެވެސް ދުވަހަކުން ފެންނާނެ.. އަހަރެން ހަމައެކަނި މިއެދެނީ އަރްސަލާން އަހަރެން ދޫކޮށްފައި ނުދިއުމަށް. ޕްލީޒް ޕްލީޒް ބުނޭ އާއެކޭ. ދެވަނަ ފަހަރަށް ރިޖެކްޓް ކޮށްފިއްޔާ އަހަރެން މަރު...." މާއިޝާގެ ފަހު ޖުމްލަ ފުރިހަމަނުވީ އަރްސަލާން ކުއްލިއަކަށް އެތުންފަތުގައި ޝަހާދަތް އިނގިލި އަޅާ ހުއްޓުވީމައެވެ.
" އަހަރެން މަރުވެދާނެ..." މާއިޝާ އެވަރުންވެސް ޖުމްލަ ފުރިހަމަކޮށްލިއެވެ. އެވަގުތު އޭނާ އުންމީދުވެސް ނުކޮށް ހުއްޓާ އަރްސަލާން ހެދި ނެހެދިއެއް ނޭނގި އެބާރުގަދަ ދެއަތުން އޭނާ ވަށާލައި މެޔާލައި ފިއްތާލައިފިއެވެ. މާއިޝާ އުފަލުން ލޯމަރާލިވަގުތު އޭނާއަށް އިހްސާސްވީ އަރްސަލާން އޭނާ އަތްދަނޑިމައްޗަށް އުފުލާލައިގެން ތެދުވިކަމެވެ. ދެން ކުއްލިއަކަށް ލޯ ހުޅުވާލިއިރު އަރްސަލާން ގޮސް ކޮޓަރީގެ ދޮރުން ވަދެއްޖެއެވެ. މާއިޝާގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ދެނެވެ. އަރްސަލާން އޭނާ ގާތްކޮށްލީ އެހެން ބޭނުމަކުއެވެ. އެވަގުތު އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަރްސަލާން "ޝޫޝ ކިޔާލައިފައި އެނދުގައި ބާއްވައި ރަޖާ ލައިދިން ގޮތަށް ދަނީއޭ ކިޔާފައި ކުޑަދޮރުން ބޭރަށް ފުންމާލައިފިއެވެ. މާއިޝާ ގަބޫލު ނުކުރެވިފައި ތެދުވެ ބެލިއިރު ވާރޭވެސް ހުއްޓައިފިއެވެ. މިފަހަރު އަނެއްކާވެސް އަރްސަލާން އެދިޔައީ އޭނާގެ އާދޭހުގައި ކޮޅުފައިން ޖަހާފައެވެ. "އައި ވޯނަ ހޭޓް ހިމް." މާއިޝާ ތުންކޮޅު އޫކޮށްފައި އެނދަށް ވެއްޓިގަތެވެ.
ފަތިސް ވެގެން އައިއިރު ކޮޓަރިތެރެ ހީވަނީ ފިނިކަމުން އެހެން ކަމެއް ހެންނެވެ. ގައިމަތީ އޮތް ރަޖާ ތިރިއަށް ގޮސް ފިނިވެގެން މެހެރީންއަށް ހޭލެވުނެވެ. ލޯ ހުޅުވައިލާފައި އޭނާ އަނެއްކާ ލޯ މަރައިލީ ލޮލަށް ފެނުނު މަންޒަރު ޤަބޫލު ނުކުރެވިގެން އުޅުނު މީހަކު ފަދައިންނެވެ. އޭނާއާއި ޖެހިފިތިގެން ނިދާލައިފައި އެއޮތީ ނާޔަލްއެވެ. އަދި ރޭ ހިނގި ކަންތައްތަކަކީ ފަހަރެއްގައިވެސް ހުވަފެނެއް ނޫނެވެ. އެކަމާއި އުފާ ކުރަންވީ ކަމެއް ނޫނީ ދެރަވާންވީ ކަމެއް މެހެރީން އަކަށް ނުވިސްނުނެވެ. ނާޔަލްގެ އެއަމަލު ތަކުގެ ފަަހަތުގައި ވަނީ އޭނާއަށްޓަކައި ހިތުން ދެވިފައިވާ ހާއްސަކަމެއް ކަން ނޫނީ އެއީ އެއްވެސް މާނައެއް ނެތް ވަގުތުކޮޅެއްކަން އެނގޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ އަދި ނާޔަލްގެ ހިތުގައި އެއްޗެއް އޮތަސް މާއިޝާއަށް ކެހި ދީގެން އޭނާއަށް ފަޚުރުވެރި ވެވޭނެ ހަނި ދާއިރެއްވެސް އެބައޮތް ހެއްޔެވެ؟ މަސްހުނި އަސަރުތަކުން ލޮލަށް ޖަމާވި ކަރުނަތަކާއެކު އޭނާ ބަލަން އޮތްވާ ނާޔަލް ލޯ ހުޅުވައިލާފައި މެހެރީން ފެނިގެން ފުންމައިގެން ތެދުވިއެވެ. ދެވަނަ ފަހަރަށް ބަލައިވެސް ނުލާ ގަޑިއަށް ނަޒަރެއް ދީފައި ނާޔަލް ތިރިއަށް ފައިބައިގެން ހޯދަން ފެށީ ޓައިލްސް މައްޗަށް އުކިފައި ހުރި އަންނައުނު ތަކެވެ. "ގުޑްމޯނިން." މެހެރީން ކަރުނަތައް އޮއްބާލައިފައި ކުޑަކޮށް މައްޗަށް ޖެހިލައި ބާލީހުގައި ލެނގިލަމުން އިއްވާލިއެވެ. "މެހެރް ކޮބާ އަހަރެންގެ ޓީޝާޓް؟" ނާޔަލް އެވަރުންވެސް މެހެރީންގެ ވާހަކައަށް ސަމާލުކަމެއް ނުދެއެވެ. އޭނާ ޖިންސް ކޮށްޕާލައިގެން ތިރި ހޯދަ ހޯދާފައި ޓީޝާޓް ފެނިގެން ނަގައި ބޮލަށް މަހާލައިފައި އަވަހަށް ދޮރުން ބޭރަށް ދެމިގަތެވެ. އެވަގުތު ކުރިމަތީ ހުރި އަނެއް ކޮޓަރީގެ ދޮރު ހުޅުވާލައިފައި މާއިޝާ ނިކުތްތަން ފެނިގެން ނާޔަލްގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ބަލާކަށް ނުހުރެ އޭނާ އަނެއްކާވެސް ދެމިގަތީ ހުރި ހިސާބުން އެތެރެއަށެވެ.
ނާޔަލް ފުން ނޭވައެއް ދޫކޮށްލައި ނިކަން މަޑުން ދޮރު ލައްޕާފައި އެނބުރުނުއިރު މެހެރީން އިނީ ދެއަތުން މޫނު ފޮރުވާލައިގެންނެވެ. ކައިރިއަށް ގޮސް ހުއްޓުމާއެކު އޭނާގެ ހިތް ތެޅިގަތީ މެހެރީންގެ ހިމޭން ރުއިމުގެ އަޑު އަހާފައެވެ. "އައެމް ސޮރީ. ޑިޑް އައި ހާޓް ޔޫ؟" ނާޔަލް ހާސްކަމާއެކު ސުވާލު ކުރިއެވެ. އެއަޑަށް މެހެރީން ތެޅިގަނެފައި އަތް ތިރިކޮށްލިއިރު ކޯތާފަތުގައި ކަރުނަތައް ހަރުލާފައި ހުއްޓެވެ. "ނޫން. ނޫން. އެހެނެއް ނޫން." މެހެރީން އަވަސް އަވަހަށް ކަރުނަ ފުހެލާފައި ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ނާޔަލް ބަލަން ހުރެފައި ކުރިއަށް ފިޔަވަޅެއް އަޅާލައި މަގަތުގައި އިށީންދެލުމުން މެހެރީން ގައިމަތީ އޮތް ބެޑްޝީޓް އަދިވެސް މައްޗަށް ޖައްސާލައިފައި އިސް އޮބައިލިއެވެ. އެވަގުތު އެދެމެދަށް ވެރިވި ހަމަ ހިމޭންކަން ފޫދުއްވާލަން ބޭނުން ކުރާނެ ލަފްޒެއް އެކަކުގެ ދުލަކަށްވެސް ނައެވެ.
ބަދިގެއަށް ވަދެވުނުއިރު އަދި ރަނގަޅަކަށް ލޮލެއް ނުހުޅުވެއެވެ. އާ ފުރެމުން ފްރިޖާއި ދިމާއަށް ގޮސް މާއިޝާ މަތަވީ ފްރިޖްގައި ޖެހިފައެވެ. އެވަގުތު އޭނާ ދެއަތުން މޫނު ފުހެލާފައި ފެންފުޅިއެއް ނަގައިގެން ގޮސް މޭޒު ދޮށުގައި އިށީންދެއްޖެއެވެ. މާއިޝާ ތައްޓަކަށް ފެންފޮދެއް އަޅައިގެން ބޯން އިންދާ މަލީހް އައެވެ. "ކާކު މިއޮތް ފަތިހާ މިގެއަށް އައިސް އެއުޅެނީ؟" މަލީހު އެތާހުރި ހުސްގޮނޑިއެއްގައި އަތް އަޅުވާލައިގެން ހުރެ ފަސްއެނބުރި ދޮރަށް ނަޒަރެއް ދީފައި އަހާލިއެވެ. އެވަގުތު ދުރުން ދޮރު ޖަހާލިއަޑު މާއިޝާއަށްވެސް އިވުނެވެ. "ނޭނގެ ބައްޕާ. މެހެރް ގާތު އަހާބަލަ. އޭނަ ކުރީ ދުވަހަކު ކީ ޒޫނާމެން ގެންނަ ވާހަކަ ކޮޓަރިއަށް ނިދަން. އެތަނުން ކުއްޖަކު ނޫންތަ އެއީ؟" މާއިޝާ ހުސްތަށި މޭޒުމައްޗަށް ދޫކޮށްލައިފައި ބައްޕަގެ މޫނަށް ބަލައިލިއެވެ. "އެދެކުދީން ކުރި ކުއްޖެއް ނޫން އެއީ. ކޮންމެވެސް ފިރިހެނެއް. ބައްޕަވެސް އައިސް މިތަނަށް ވަންފަހުން ފިޔަވަޅުގެ އަޑު އިވިގެން ބަލާލިއިރު ހުރީ ދޮރާއި ހިސާބުގަ. ފުރަގަސްދީގެން ހުރީމަ ނޭނގުނު ކާކުކަމެއް." ވާހަކަދެއްކިއިރު ބައްޕަގެ އަޑަށް ނުތަނަސްކަމެއް ވެރިވިކަން އިހްސާސްވެފައި މާއިޝާއަށްވެސް ވިސްނާލެވުނެވެ. އަނެއްކާ ބައްޕަ އެވިސްނަނީ ރަނގަޅަށް ހެއްޔެވެ؟ މެހެރް ގެއަށް ފިރިހެނަކު ގެނައީ ކަމަށް ވެދާނެ ބާވައެވެ؟ މާއިޝާ އިތުރަށް އެއްޗެއް ނުބުނެ އިނދެފައި ބައްޕަ ނިކުމެގެން ދިއުމުން ތެދުވެގެން ގޮސް މެހެރީންގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ފަނޑު އަލީގެ ތެރެއިން ތަރުތީބު ގެއްލިފައިވާ ނިދާ އެނދު އޭނާގެ ލޮލުގައި އަޅައިގަތެވެ. މި ވިސްނެނީ އަނެއްކާ ގޯސްކޮށް ނޫންބާވައޭ ހިތަށް އަރައިގެން ނިޔަފަތި ހަފަން ފަށާފައި އޭނާ އެނބުރި އައީ އަނެއްކާވެސް އަމިއްލަ ކޮޓަރިއަށެވެ. ޝައްކު ކުރިކަން އެނގިއްޖެއްޔާ މެހެރީން އޭނާ ރޮލުން ކާލަފާނެއެވެ.
ނަމާދުކޮށް އަވަދި ވެގެން ގަޑި ބަލާލިއިރު އިރުއެރުމާއި ދެމެދު އަދިވެސް ވަގުތު ކޮޅެއް އެބައޮތެވެ. މާއިޝާ އެނދަށް ވެއްޓިގަނެގެން އަރްސަލާން ހަނދާން ކުރަން އޮތްވާ ކުއްލި ހިޔާލެއް އައިސްގެން ތެދުވެފައި ލިޔާ މޭޒު ކައިރީ އިށީންދެއްޖެއެވެ. ދެން ފެނުނީ ފަންސޫރު ނަގާފައި ހުދު ކަރުދާހުގައި އާ ޑިޒައިނެއް ކުރަހަން ފެށިތަނެވެ. އިރު އެރިއިރު އޭނާ އިނީ ހިނިތުންވެފައި ކުރެހި ޑިޒައިނަށް ކަޅި ހުއްޓާލައިގެންނެވެ. އެއީ ފެންގަނޑެއްގެ އެއްފަރާތުން އަނެއްފަރާތަށް ހުރަސް ކުރެވޭނެހެން އަޅާފައިވާ ކުޑަ ކުޑަ ރީތި ފާލަމެއްގެ ޑިޒައިނެވެ.
"ގުޑްމޯނިން." މާއިޝާ މަސައްކަތް ނިންމާލައިފައި ނިކުތްއިރު މެހެރީން ބަދިގޭގައި ކޮފީ ތަށްޓެއް ބޯން އިންދާ ފެނިގެން ގޮވާލިއެވެ. "މޯނިން." މެހެރީން ޖަވާބު ދިންއިރު ބަލަން އިނީ އަތުގައި ހުރި ކޮފީ ޖޯޑުގެ އެތެރެއަށެވެ. "ހާދަ މޫޑު ގޯސްހެން ހީވެއޭ. ބޭޑް މޯނިންއެއްތަ މީ؟" މާއިޝާ ނޫންކަމަށް ހެދިފައި ސުވާލު ކޮށްލިއެވެ. އޭނާ ޖޯޑަކަށް ކޮފީ އަޅައިގެން އައިސް އިށީންދެލީ މެހެރީން ކުރިމަތީގައެވެ. "ބައްޕަ ބުނި ފަތިހު ކޮންމެވެސް މީހަކު ގެއިން ނިކުންނަނިކޮށް ފެނުނު ވާހަކަ." މެހެރީން ޖަވާބު ނުދިނުމުން މާއިޝާ ދެން ބުނި ޖުމްލަ އަހާފައި ސިއްސައިގެން ގޮސް އެމޫނަށް ބަލަން ފެށިއެވެ. "ބައްޕަ ބުނިތަ އެއީ ކާކުކަން؟" ސުވާލު ކުރިއިރު މެހެރީންގެ ހިތް ހީވަނީ ބޭރަށް ފުންމާލަފާނެ ހެންނެވެ. އޭނާއަށް އެންމެ އުދަނގޫވީ މާއިޝާ އެހާ ހަމަޖެހިލާފައި އިނީމައެވެ. ހަޤީޤަތް އެނގޭނަމަ މާއިޝާ އޭނާގެ މޫނަށް ބަލައިވެސް ނުލާނެއެވެ. "ތިއެއްނު ބައްޕައަށްވެސް ނޭނގުނީ. އެކަމަކު ބައްޕައަށް މިރަށު މީހަކު ނޭނގުނީމަ އަހަރެން ވަރަށް ހައިރާންވެއްޖެ." މާއިޝާ ދިން ޖަވާބު އަހާފައި މެހެރީންގެ ހިތް މައިތިރިވިއެވެ. "އެއީ އެވަރު ކަމެއް ނޫން." މެހެރީން ބެލީ މޫނުގެ ކުލަ ރަނގަޅު ކުރެވޭތޯއެވެ. "މެހެރް ތީ ކޮންކަހަލަ ކުއްޖެއް؟ ކީއްވެ އެއީ އެވަރު ކަމަކަށް ނުވާނީ؟ މެހެރް ކައިރީ އަހަރެން ކިތައްފަހަރު ބުނަން ޖެހޭނީ ތިހެން ނޫޅޭށޭ. ތީ އަންހެންކުއްޖެކޭ. އެވަރު ހަނދާންކޮށްބަލަ. ދެރަ ގޮތެއް ވެއްޖެއްޔާ ކިހިނެތް ހަދާނީ؟ މެހެރް އިންނަން ކަމުދާ މީހަކު ދިމާނުވަންޏާ އިހަށް ކެތްކޮށްގެން ހުރެބަލަ އެކަހަލަ މީހަކު ފެންނަންދެން. ތިގޮތަށް ފެންނަހާ ފިރިހެނަކާ ރަތްޓެހިވެގެން އުޅޭނެ ކަމެއް ނެތް." މާއިޝާ މަންމައެއްހެން ނަސޭހަތް ދޭން ފެށުމުން މެހެރީން އަޑުއަހަން އިނދެފައި ބުނެލި އެއްޗެއް ސާފު ނުވެގެން ކީކޭހޭ އަހައިލިއެވެ.
"އަހަރެން ބުނީ އަހަރެން އިންނަން ބޭނުން މީހާ އަހަރެންނަށް އެނގެއޭ. އެކަމަކު އޮތް މައްސަލައަކީ އަހަރެން ކިތަންމެ ބޭނުންވިއަސް އަހަރެންނަށް އޭނައާ އިނދެވެން ނެތްކަން." މެހެރީން ތަކުރާރު ކޮށްލިއެވެ. މާއިޝާ ހިމޭންވެފައި ބަލައިލިއިރު ކޮއްކޮގެ މޫނުން ފެނުނީ ސީރިއަސްކަމެވެ. އެކަމަކު މެހެރީން އެހެން އެބުނީ މަޖަލަކަށް ނޫންކަމަށް އޭނާ ގަބޫލު ކުރާ ހިތެއް ނުވިއެވެ.
"ނިކަން އަހަރެން ކައިރީވެސް ބުނެބަލަ ތި މީހެއްގެ ނަން. އަހަރެން އެމީހަކު ހޯދަދޭން މަސައްކަތް ކޮށްފާނަން." މާއިޝާ ޝައުޤުވެރިވެފައި ބުނެލިއެވެ. "އަހަރެން ބޭނުމީ އަރްސަލާންއޭ ބުނެފިއްޔާ އިޝީއަށް ކެރިދާނެތަ އަހަންނަށް އަރްސަލާން ދޭން؟" ސީރިއަސް ގޮތަކަށް ބަލަން އިނދެފައި މެހެރީން ހާމަކޮށްލިއެވެ. އޭނާ ބޭނުންވީ މާއިޝާގެ ހިތުން ހާއްސަކަމެއް ދެވިފައިވާ އެކަކުވެސް އެހެން މީހަކަށްޓަކައި ޤުރުބާން ކުރަން ތައްޔާރަށް ހުރީ ކިހާ މިންވަރަކަށް ތޯ ބަލައިލާށެވެ. އޭނާއަށް ފެނުނީ އަރްސަލާންގެ ނަން ބުނި ހިސާބުން މާއިޝާގެ ކުލަ ފަނޑުވެ އަދި ކުރިއަށްވުރެވެސް ސީރިއަސްވިތަނެވެ. " މި ދިނީ. ހީޒް އޯލް ޔުއަރސް." އިރުކޮޅަކުން މާއިޝާ އަޑަށް ބާރުލައިފައި އިއްވާލިއެވެ.
"ވަޓް؟" މިފަހަރު ހައިރާންކަން ލިބުނީ މެހެރީން އަށެވެ. އޭނާ ޖޯޑުގައި ތުން ޖެހި ގޮތަށް ކޮފީ ޖޯޑު ބަންޑުން ނުވެ ސަލާމަތް ކުރެވުނީ ކިރިޔާއެވެ. "އަދި އެއްފަހަރު ބުނެބަލަ ތިބުނި އެއްޗެއް." މެހެރީން ޖޯޑު ބަހައްޓާފައި މަޑުމަޑުން ހެމުން ވާހަކަދެއްކިއެވެ. "ރަނގަޅަށޭ ތި އިވުނީ. އަރްސަލާން އަކީ މިއަދުން ފެށިގެން މެހެރްގެ މީހެއް. ދޭ އޭނައާ ޑޭޓް ކުރަން. އެން ގުޑް ލަކް ވިތް އިޓް." މާއިޝާ ޖުމްލަ ނިންމާފައި އަނެއްފަރާތަށް މޫނު އަނބުރާލި ގޮތުން އޭނާ އަރްސަލާންދެކެ ހިތްހަމަ ނުޖެހިފައި ހުރީކަން މެހެރީންއަށް ވިސްނުނެވެ.
"ކިހިނެތްވީ؟ އަރްސަލާން ކީއްކުރީ؟" މެހެރީން އަހާލިއެވެ. "މެހެރް ބުނީމެއްނު އޭނާއެކު އުޅެން އޭނަ ކައިރިއަށް ދާން އެންމެ ރީޒަންއެއް ފުދެއޭ. އެކަމަކު ކިތަންމެ ގިނަ ރީޒަންއެއް އަހަރެން ހޯދިއަސް އޭނަ ކޮންމެފަހަރަކު އަހަރެން ރިޖެކްޓް ކުރީމަ ކުރެވޭނެ ކަމަކީ ކޮބާ؟ އެހެންވެ އަހަރެން ނިންމައިފިން. އަހަރެން ދެން ނޫޅޭނަން އަރްސަލާން ފަހަތަކުން. މަ ބަލާނަމޭ އޭނަ ކިހާ ދުރުގަ ހުރޭތޯ. ކޮންމެހެން ދުރުން އުޅެން ބޭނުމިއްޔާ ޕްރޮޓެކްޓް ކުރާށޭ ކިޔާފަ ބަހަނާ ދައްކާކަށް ނުޖެހޭނެ..... އަހަރެން ހަމަ މިއަދު ނާޔަލްއަށް ޕްރޮޕޯސް ކުރާނަން." މާއިޝާ ދެބުމަ ކައިރިކޮށްލައި ޅަކުއްޖެއްހެން ހަށަން ބަނދެލައިގެން އިނދެ އެއްފައްޗަކަށް އަމުނާލިއެވެ. އެވަގުތު އޭނާ ފަހުން ބުނި ޖުމްލަ އަހާފައި މެހެރީން ކޮށި އަރައިފިއެވެ. ކެއްސަމުން އޭނާ ތެދުވެގެން ގޮސް ފެންފުޅިއެއް ނަގައި ދެކޯވަރު ބޯލާފައިފައި އެނބުރުނުއިރު މާއިޝާ ބަލަން އިނެވެ. "އިނގޭތަ މިހާރު އިޝީގެ ވާހަކަ ތި ހުރި ގޮތުން ވައްތަރީ ކާކާކަން؟" މެހެރީން ކުޑަކޮށް ހިނިއައިސް ހުރެ އަނގަމަތި ފުހެލާފައި އެހިއެވެ. މާއިޝާ އިންގޮތަށް އިނދެފައި އާއެކޭ ބުނެ ބޯ ޖަހާލީއެވެ. "ސަމްވަން، ހޫ އިޒް އިން ލަވް ވިތް އަރްސަލާން." މާއިޝާ ސީރިއަސްވެފައި އިންދާ މެހެރީން މަޖާވެފައި އެއްލޯ މަރައިލިއެވެ. އެއަޑު އަހައިގެން މާއިޝާ އަދި ކުރިއަށްވުރެ ބޮޑަށް މޫނު ކުނިކޮށްލިއެވެ.
ހެނދުނު ސައިބޯން ނައިސްގެން މާއިޝާ ގުޅާލިއިރު ނާޔަލް އޮތީ އެނދުގައެވެ. އޭނާއަށް އެކަން އެނގުނީ އަޑުގައި ނިދީގެ އަސަރު ހުރުމުންނެވެ. މެންދުރު އަންނާނެ ވާހަކަ ބުނުމުން އޭނާ ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަން ފެށިއެވެ. ހިތުގައި ރާވައިފައި އޮތީ މިފަހަރު ހަމަ ރަނގަޅަށްވެސް މަންޒަރު ކުލަކޮށް ބަލާލުމަށެވެ. އަރްސަލާން އިރު އިރު ކޮޅާ އައިސް ގޮސް އުޅޭ މީހަކަށް އޭނާ ކުރަން އުޅޭ އެހާ މުހިންމު ކަމެއް ނުފެނި ނުދާނެކަން ކަށަވަރެވެ. އަނެއްކޮޅުން މެހެރީން ހުރީ މާއިޝާގެ އަމަލުތަކާ ހެދި ހައިރާންވެފައެވެ. މާއިޝާ ހަމަ ރަނގަޅަށްވެސް ނާޔަލްއަށް ޕްރޮޕޯސް ކޮށްފާނެތޯ އޭނާ ހިތާއި ސުވާލު ކުރިއެވެ.
"އިޝީއަށް އެނގޭދޯ ދެން ވާނެ ގޮތް؟" މާއިޝާ ލޯގަނޑު ކުރިމަތީ ހުއްޓާ މެހެރީން ވަދެފައި ދޮރު ކަނީގައި އަތް ވިއްދާލައިގެން ހުއްޓުނެވެ. މާއިޝާ ފުނާ އަޅަން ހުރެފައި އެއަޑު އިވިގެން އެނބުރި ބަލާލިއެވެ. "ނާޔަލް ކުރިންވެސް ޕްރޮޕޯސް ކޮށްފަ އޮތީ. އެފަހަރު ކައިވެންޏަކާ ހަމައަށް ނުދެވުނީ އިޝީ އާއެކޭ ނުބުނެގެން. އެކަމަކު މިފަހަރު އިޝީ ޕްރޮޕޯސް ކުރީމަ ތިކައިވެނި ނުކުރެވޭނެ އެއްގޮތެއްވެސް ނެތް. މަށަށް ހީވަނީ މާލެ ގޮސް ފަސްޓް ވީކްގަ ތިކައިވެނިހެން އޮންނާނީ." މެހެރީން މަސައްކަތް ކުރީ ކަމުގެ ހުރި ސީރިއަސްކަން މާއިޝާއަށް ވިސްނަދޭށެވެ. "އަހަންނަށް އިނގޭ." މާއިޝާ ވިސްނަން ހުރެފައި ޖަވާބު ދިންއިރު ކޮންމެ ގޮތެއްވިއަސް ހެވޭ ބުނެލި ކަހަލައެވެ. އޭނާ ފުނާ އަޅައި ނިމިގެން ލޯގަނޑަށް ކަޅިއެއް އެއްލިތަނާ މެހެރީންއަށް ފޯނެއް އައިސްގެން ބަލާލައިފައި ނިކަން އަވަހަށް ބޭރަށް ދެމިގަތެވެ. މާއިޝާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުއްޓާ ކޮނޑުގައި އާދަޔާ ޚިލާފަށް ރިހޭކަން އިހްސާސްވިއެވެ. އޭނާ ދެތުންފަތް ޖައްސާ ބާރު ކޮށްލައިފައި ގޮސް އެނދުގައި އިށީންދެލި ފަހުން އެރިހުން ވީ ފަހަރަކަށްވުރެ ފަހަރެއް ގަދައެވެ. އެންމެ ފަހުން ކެތް ނުވެގެން ހެދުމުގެ ޒިބު ތިރިކޮށް އެއްކޮނޑު ބާލައިފައި ބޭސްގަނޑު ނައްޓާލިއިރު ފާރުގަނޑު އޮތީ ދޮސްލައި ނުބައި ވެފައެވެ. ޒަވީއަށް ގުޅަންވީ އޭ ހިތަށް އަރާފައި ފޯނާއި ދިމާއަށް ދާންވެގެން ތެދުވެ ކުރިއަށް އެޅުނީ ދެފިޔަވަޅެވެ. ބޮލަށް އެނބުރުން އަރައި އިސާހިތަކު އޭނާ ޓައިލްސް މައްޗަށް ދެމިއްޖެއެވެ.
"ކީއްކުރަން ތިގުޅީ؟" ފޯނު ކަންފަތުގައި ޖަހާފައި މެހެރީން ގޮސް ވަނީ ކޮޓަރިއަށެވެ. މިއަދު ހަތަރު ދަމު ފެނި ނުލައި ހުރެފައި މާއިޝާއާ ބައްދަލު ކުރަން އޮތް ވަގުތު އޭނާއަށް ގުޅި ސަބަބާމެދު ހިތުގައި ސުވާލު އުފެދިއްޖެއެވެ. "މެހެރް ބުނިންތަ އިޝީ ކައިރީ އެއްވެސް އެއްޗެކޭ؟" އެކޮޅުން ނާޔަލްވެސް ކޮށްލީ ސުވާލެކެވެ. "އަހަރެން މޮޔަތަ އިޝީ ކަންފަތާއި ހަމައަށް އެކަހަލަ ވާހަކައެއް ގެންދަން." މެހެރީންއަށް ބުނެލެވުނެވެ. ހިނގަމުން ހިނގަމުން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި އަމިއްލަ ސޫރަ ފެނުނު ވަގުތު ލޯގަނޑު ތަޅައިލަން އޭނާ ހިތަށް އެރިއެވެ. ނާޔަލް ހީކުރީ އޭނާއަކީ ކޮންކަހަލަ މީހެއް ކަމަށް ހެއްޔެވެ؟ "ދެން އެހެންވިއްޔާ ކީއްކުރަން އޭނަ ކުއްލިއަކަށް އަހަރެންނާ މީޓް ކުރަން ބޭރަށް ގެންދަން އެއުޅެނީ؟" ނާޔަލް ހުރީ ކަންބޮޑުވެފައެވެ. އެކަން އޭނާގެ ވާހަކަ ދެއްކުމުގެ ރާގާއި އަޑުން ދޭހަ ކޮށްދެއެވެ. "އެހެންވެތަ ބިރުން ތިއުޅެނީ؟ އަހަރެން ހިއެއް ނުކުރަން ނާޔަލް އިޝީއަށް ބަސްޓް ވެދާނެތީ ތިހާ ބިރެއް ގަންނާނެ ކަމަކަށް. ގައިމު ރޭގަ އެކަހަލަ އެއްވެސް އަސަރެއް ނާޔަލް ފުށަކުން ނުދެކެން. މާނައަކީ ސިއްރުން ކުރެވެންޏާ ކޮންމެ މީހަކުވެސް އޯކޭ އޭ ދޯ..." މެހެރީންއަށް އަސަރު ކޮށްގެން އެއްފައްޗަކަށް އަމުނާލެވުނެވެ. މާއިޝާ ޕްރޮޕޯސް ކުރުމުގެ ވާހަކަ ދެއްކީއްސުރެ އޭނާއަށް ހަމަޖެހުމުގެ ނޭވައެއް އަދި މިއަދު ނުލެވެއެވެ. "މެހެރް ކީކޭ ތިކިޔަނީ؟ ތިގޮތަށް އެކިއުޒް ކުރުމުގެ އެއްވެސް ހައްޤެއް މެހެރްއަކަށް ނެތް. މެހެރް އެއްނު އެކަން ފެށި މީހަކީ. އަހަރެން އެއްފަހަރުވެސް ބުނިތަ އަހަރެން ކުރިމަތީ މެހެރް ނޭކެޑް ވާށޭ؟" ނާޔަލް ގާތަށްވެސް ރުޅި އަތުވެއްޖެއެވެ.
"އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ނާޔަލް ނުޖެހޭ އަހަރެންނާ ކްލޯސް ވާކަށް. ހުރިހާ ކަމެއް ވެ ނިމުނީމަ ދެން އެކަނި އަހަރެން ބޮލުގަ އިލްޒާމު އަޅުވާނެކަމެއް ނެތް. މިހާރު އެނގިއްޖެ ނާޔަލްގެ ހިތުން އަހަރެންނަށް އެއްވެސް ހާއްސަ ކަމެއް އޮވެގެން ނޫންކަން އެކަމެއް އެހިނގީ. މޮޔައީ އަހަރެން. އައި ގޭވް ޔޫ މައި ވާރޖިނިޓީ ގޯޑް ޑޭމް އިޓް." މެހެރީން ރުޅި އައިސްގެން ހަޅޭތްލަވައިގެންފައި ފޯން ކަނޑާލިއިރު ލޮލުން ކަރުނަ އަތުވެއްޖެއެވެ. ފޯނު އަތު ކޮޅަށް ހޫރާލައިފައި އޭނާ ވެއްޓިގަތީ އެނދަށެވެ. އިތުރަށް ދެން ބޭރަށް ނިކުންނަ ހިޔާލެއް އޭނާގެ ނެތެވެ. މާއިޝާ ތައްޔާރު ވެގެން ގޮސް ނާޔަލްއަށް ޕްރޮޕޯސް ކޮށްފާނެ ނޫން ހެއްޔެވެ؟
ޚަބަރު ހުސްވެފައި އޮންނަތާ އެތައް އިރެއް ފަހުން މާއިޝާއަށް ހޭވެރިކަން ވީއިރު ކޮނޑުގައި އަދިވެސް ރިހެއެވެ. އޭނާ ހިތްވަރު ކޮށްފައި އެސްފިޔަތައް ދުރު ކޮށްލިއިރު ތަންކޮޅެއް ދުރުގައި ފުރަގަސްދީގެން މީހަކު ހުރިކަން ފާހަގަވިއެވެ. އޭނާ ބަލަން އޮތްވައި އެމީހަކު އެނބުރިލުމުން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަވަހަށް ތެދުވަން ވެގެން ހިތަށް އެރި ނަމަވެސް އަތްފައިގެ ހަރަކާތެއް ނެތްކަން އެވަގުތު އެނގުނެވެ. އޭނާ ބަލަ ބަލައި އޮތްވައި ކަރުނައިން ލޯ ފުސްވެގެން ދިޔައިރު ކައިލީން އައިސް މަގަތުގައި އިށީންދެއްޖެއެވެ.