މެހެރީން ދެވަނަ ފަހަރަށް ވާހަކަދެއްކި އިރު އަޑު ދިޔައީ ކުރެހިގެންނެވެ. ނާޔަލްއަށް އެކަން ފާހަގަ ވެގެން ގޮވައިލަން ބޭނުންވެފައި އިންދާ މެހެރީން މިފަހަރުވެސް ދޮރު ހުުޅުވާލައިފައި ނިކުމެގެން ދިޔައީއެވެ. ތުންފަތުގައި ދަތް އަޅާލުމާއެކު ނާޔަލްއަށް މުށްކަވާފައި މޭގައި މަޑުމަޑުން ދެފަހަރަކު ޖަހާލެވުނެވެ. އަޖައިބެއްފަދަ އުދާސްކަމެއް ލިބި ބުނެދޭން ނޭނގޭ މަޑު ރިހުމެއް ހިތުގައި އުފެދިއްޖެއެވެ.
*****
ހެނދުނު ސަޔަށް އެންމެން މޭޒު ދޮށަށް ޖަމާވި ގަޑީގައި ފައިސަލް ފެށީ ކައިވެނީގެ ވާހަކައެވެ. ނަބީލާގެ ރުހުން ލިބުމުން ތާރީހެއް ކަނޑައެޅުމާމެދު މަޝްވަރާތައް ކުރިއަށް ދިޔައެވެ. "މެހެރް ބޭނުން ވަނީ ކޮން ދުވަހަކުން މެރީ ކުރަން؟ މިބުނީ ހާއްސަ ތާރީހެއް އެބައިންތަ؟" ދެކެވުނު ވާހަކައިގެ ތެރޭން ޒަވީ މެހެރީންގެ ހިޔާލު ހޯދައިލި އެވެ. "އަންނަ އަހަރުގެ ދުވަހެއް ހަމަޖައްސަންވީ އެއްނު." މެހެރީންއަށްވުރެ ކުރިން އާފިޔާ ބުނެލިއެވެ. "ނޫން. އޭރުން މާލަސްވާނެ. އަހަރެން ބޭނުމީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން." މަންމަގެ ޖަވާބު އަހާފައި މެހެރީންގެ އަނގައިން ނިކުތެވެ. އެއަޑަށް އެންމެންގެ ސަމާލުކަން މެހެރީންގެ މޫނަށް ހުއްޓުނެވެ. މެހެރީން އުލާއި ސަމުސަލުން ބިސްގަނޑުގެ އެތިކޮޅުތައް ވަކި ކުރަން އިނދެފައި އެންމެން ހިމޭންވިހެން ހީވެގެން ބަލައިލާފައި ކަންބޮޑުވިއެވެ. "އަހަންނަކަށް ނޭނގެ މެހެރް އަހަރެންނާ މެރީ ކުރަން ތިހާ ކެތްމަދުވެފަ އިންކަމެއް." ޒަވީ ހިނި އައިއްސައި މެހެރީންއާ ދިމާކޮށްލުމާއެކު އެންމެން އޭނާއާއި އެއްބައިވެފައި ހީގަތެވެ. މެހެރީންއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނީ ދެނެވެ. އޭނާ ހަމަޖެހިލާފައި ޖޫސްތަށި ނެގިއިރު ނާޔަލް ބަލާހެން ހީވެގެން އެދިމާއަށް މޫނު އަނބުރާލެވުނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ނާޔަލް މޭޒުގައި ދެއުޅަބޮށި ވިއްދާލައިގެން ގުޅުވާލެވިފައި އޮތް ދެއަތްތިލައިގައި ދަތްދޮޅި ޖައްސާލައިގެން އިނީ ސީދާ އޭނާގެ މޫނަށް ކަޅި ހުއްޓާލައިގެންނެެވެ. ނާޔަލްއަށް އޭނާ އާމެދު ޝައްކުވީ ނޫންކަމެއްވެސް ނޭނގެއެވެ. މެހެރީން އެވަގުތު ފަރުވާކުޑަ ގޮތަކަށް އިސްޖަހާލައިފައި ކެއުމާއިގެ ކުރިއަށް ދިޔައެވެ.
"މެހެރް އަހަރެން ރޫމަށް ގެންގޮސްދޭންވީނު." އިރުކޮޅަކުން އެންމެން ނިމިގެން ތެދުވަން ފެށިތަނާ ނާޔަލް ބުނެލިއެވެ. މެހެރީންއަށް ބަލައިލެވުނީ މަންމަ އާއި ބައްޕަގެ މޫނަށެވެ. އެމީހުން ތިއްބާ ނާޔަލްއަށް ދެކޮޅު ހަދައިފިއްޔާ އެދެމެދުގައި އޮތް ހީނަރު ގުޅުން ފަޅާއަރައިފާނެއެވެ. "އޯކޭ." މެހެރީން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފައި ނާޔަލް އިން ގޮނޑީގެ ދެމުއްގަނޑުގައި ހިފާ އަނބުރާލައިފައި ކުރިއަށް ދުއްވަމުން އެތަނުން ނިކުންނަން ދިޔައެވެ. ސިޑިއާ ހަމައިން ނާޔަލް ތެދުވެފައި މެހެރީންގެ ކޮނޑަށް އަތްވައްޓާލުމުން ހިތް ތެޅެން ފެށީ އެންމެ ބާރު މިނުގައެވެ. އޭނާ މެހެރީންގެ އެހީގައި އެއްފައި އަޅަމުން ސިޑިން އެރިއިރު ދެމީހުންވެސް ތިބީ ވަރުބަލި ވެފައެވެ. "އަޅެ ނާޔަލް އެހީއަށް އެދެން އަހަރެން ނޫން މީހަކު ނުފެނުނީތަ؟" ކޮޓަރިއާ ދިމާއަށް ދަމުން މެހެރީން ވާހަކަދެއްކިއިރު ނޭވާ ހުރީ ކުރުވެފައެވެ. އޭނާގެ ނިއްކުރީގައި މުތީތަކެއްހެން ދާތިކި ވިދަނީއެވެ. އަނެއްކޮޅުން ނާޔަލްގެ ބީހުމުން އެތެރެހަށީގައި ހީވަނީ ކަރަންޓްގެ ރާޅެއް ދުވެ ދުވެ ހުރިހެންނެވެ.
"އެހެން މީހަކާއި މެހެރްއާ އެއްގޮތް ވާނީ ކިހިނެތް؟" ނާޔަލް ދިނީ މާނައިން ފުރިގެންވާ ޖަވާބެކެވެ. މެހެރީން އެމޫނަށް ބަލައިލާފައިވެސް ރުޅިގަދަވެގެން އެއްޗެއް ނުބުންޏެވެ. އޭނާ ނާޔަލް އުނަގަނޑުގައި ހިފައިގެން ހުރި އަތް ނޫން އަނެއް އަތުން ތަޅުގައި ހިފާ އަނބުރާލައިފައި ވަދެގެން ދާން ފެށުމާއެކު ނާޔަލްގެ ހުސްކޮށް އޮތް އަތުން ދޮރުފަތް ކޮށްޕާލައިފައި ލެއްޕިއެވެ. މެހެރީން އެވަގުތުވެސް ނާޔަލް މޫނަށް ބަލާލައިފައި "ކޮޅަށް ނުހުރެވުނަސް މަޑުން ނުހުންނާށޭ" ބުނާހެން ދެފަރާތަށް ބޯ ހޫރައިލިއެވެ. "ވަޓް؟" މެހެރީންގެ ހިތުގައި އޮތް އެއްޗެއް އޮޅުން ފިލުވަން ނާޔަލް ބޭނުންވިއެވެ. "ނާޔަލް ދުވަހަކުވެސް ބަދަލެއް ނުވާނެ. އަޅެ އެދޮރު ލައްޕަން ޖެހޭތަ ކޮންމެހެން. ހީވަނީ އަހަރުމެން މިތަނަށް މިއައީ އަނެއްކާވެސް ސިއްރު ކަމެއް ކުރަންހެން." މެހެރީން ކަޅި އަޅާލައިފައި ޖަވާބުދިނެވެ. އެނދާއި ހަމައަށް ދެވުމުން އޭނާ ނާޔަލް އެނދުގައި ބައިންދާފައި އެނބުރިލަން އުޅެނިކޮށް ނާޔަލް އޭނާގެ އަތުގައި ހިފައިފިއެވެ. އެނބުރި ބަލައިލުމުން އެދެލޮލުން މެހެރީންއަށް ފެނުނީ ބަޔާން ކުރަން ދަތި އަސަރެކެވެ. "މިތަނަށް އައިސް ވަންއިރު މެހެރް ތިބުނި ކަހަލަ އެއްވެސް މަޤްސަދެއް ނެތް. އެކަމަކު މެހެރް ދެންމެ ތިބުނި ވާހަކަ އަހައިފައި ނިންމައިފިން." ނާޔަލް ހަތަރުކަޅި ހަމަކޮށްލައިގެން އިނދެފައި ބުނެލިއެވެ. "ކޯއްޗެއް؟" އެވަގުތު މެހެރީން އަހައިލި ސުވާލު ނުނިމެނީސް ނާޔަލް އޭނާ އަތަށް ކުއްލިއަކަށް ޖަހާފައި ކައިރިއަށް ދަމައިގަތީނުން އެނދުގައި ބައިންދައިފިއެވެ. ވާންމިއުޅެނީ ކީއްކަން ލަފާކޮށްލާނެ ވަގުތުކޮޅެއްވެސް ނުދީ ނާޔަލް ދެއަތުން ހިފައިލީ މެހެރީންގެ މޫނުގައެވެ. ދެވަނަ ސިކުންތުގައި ނާޔަލް އޭނާގެ ތުންފަތުގައި ބޮސްދިނުމުން މެހެރީންއަށް ކުރެވުނު ކަމަކީ ލޯމަރައިލުމެވެ. އޭގެ ސިކުންތުކޮޅެއް ފަހުން ނާޔަލް ދުރަށް ޖެހިލުމުން އެދެލޮަށް ބަލަން މެހެރީން އިނީ ވަށައިގެންވި އެހެން ހުރިހާ ކަމެއް ހަނދާން ނެތިފައި އިން ކުއްޖަކު ފަދައިންނެވެ.
"މެހެރް. އައެމް ވޯނިން ޔޫ. ވަޓް އައެމް އެބައުޓް ޓު ސޭ އިޒް ޑެޑް އިންސޭން. އަހަންނަކަށްވެސް ނޭނގެ އަހަރެން މިހެން މިބުނަނީ ކީއްވެކަމެއް. ބަޓް މެހެރް، ޕްލީޒް ޑޯން މެރީ ހިމް!...ޕްލީޒް..!" ނާޔަލްގެ ޖުމްލަތައް ނިމުނުއިރު އެދެލޮލުން ކަރުނައިގެ އަސަރު ފައުޅުވާން ހުއްޓެވެ. ބަަލަން އިނދެފައި މެހެރީން މަޑުމަޑުން ނާޔަލްގެ ދެއަތުގައި ހިފާ ފިތާލައިފައި ތިރިކޮށްލިއެވެ. އެނދުން ތެދުވެފައި ކުރިމައްޗަށް ހުއްޓިލުމުން ނާޔަލް މޫނު އުފުލާލައިގެން ބަލަން އިނީ މެހެރީން ބުނަން އެއުޅޭ އެއްޗެއް އަހަން ކެތްމަދުވެފައެވެ. އެވަގުތު މެހެރީން އަތް ދަމާލިތަން ފެނިފައި އަނެއް ސިކުންތުގައި ކޯތާފަތް މަތިން ދިލަ އަރައިގެން ދިޔައެވެ. "މެހެރް؟" ތަދުވި ތަނުގައި އަތް އަޅާލަމުން ޤަބޫލު ނުކުރެވިގެން ނާޔަލްއަށް ގޮވާލެވުނެވެ. "އާ. މީ މެހެރީން. ނާޔަލްގެ ޓޯއިއެއް ނޫން." މެހެރީން ކުޑަކޮށް ގުދުވެލައިފައި އަޑަށް ބާރުލަމުން ޖަވާބުދިނެވެ. އެޖަވާބު އަހާފައި ރައްދު ދޭނެ ބަސްތަކެއް ހިތަށް ނައިސްގެން ނާޔަލް އިންދާ މެހެރީން އޭނާ އެކަނިކޮށްލާފައި ނިކުމެގެން ގޮސް ލޯމަތިން ގެއްލުނެެވެ.
ޒަވީ ޖިންސާއެކު ހުސްގަޔާ ހަދާލައިގެން ފާޚާނާއިން ނިކުތްއިރު އޭނާއަށް ފުރަގަސްދީގެން މެހެރީން އެނދުގައި އިންދާ ފެނުމުން ހައިރާންކަމެއް ލިބުނެވެ. "މެހެރް؟" އޭނާ ކައިރިއަށް ދަމުން ގޮވައިލިއެވެ. އެއަޑަށް މެހެރީން އެނބުރި ބަލައިލާފައި ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ޒަވީއަށް ފާހަގަވީ މެހެރީންގެ ލޮލަށް ގިނަވެފައިވާ ކަރުނަތަކެވެ. "މެހެރް...ކިހިނެތްވީ؟ ބުނެބަލަ ކިހިނެތްވީ؟" ޒަވީ ގޮސް ކައިރިއަށް ހުއްޓުމުން މެހެރީން އެއްއަތުން މޫނު ފޮރުވާލައިފައި ތުން ފިއްތާލި ގޮތުން ޒަވީގެ ހިތަށް އަސަރު ކުރިއެވެ. އޭނާ ގަދަކަމުން މެހެރީންގެ އަތް ނައްޓުވާފައި އެއް އަތުން ކޯތާފަތުގައި ހިފާލައިގެން އެމޫނަށް ބަލަން ހުއްޓެވެ. "ޒަވީ އަހަރެންދެކެ ލޯބިވަނީ ކިހާ ވަރަކަށް؟" މެހެރީން ޒަވީގެ އަތުގައި ދެއަތުން ހިފާލަމުން އަސަރުން ފުރިގެންވާ އަޑަކުން އަހައިިއެވެ. "ކީއްވެ ތިހެން ތިއެހީ؟" ޒަވީ ސީރިއަސްވިއެވެ. "ޖަސްޓް އާންސަ ދިސް. ބުނެބަލަ އަހަރެންގެ ޕާސްޓްގަ ކިތަންމެ ގޯސްކަމެއް ކުރެވިފައި އޮތަސް ޒަވީ އެކަން ހަނދާން ނައްތާލައިފަ އަހަރެންނާ ގުޅޭނަންތަ؟" މެހެރީންގެ ޖަވާބު އިވިފައި ޒަވީ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މެހެރީން އެސުވާލު ކޮށްލިއިރު ކުޑަކުއްޖެއްހާ މައުސޫމެވެ.
"ޓެލްމީ ޔޫ ޑިޑް ނޮޓް ކިލް އެނީވަން. ޑިޑް ޔޫ؟" ޒަވީ މަޖާވެފައި އަހައިލިއެވެ. އެސުވާލުން މެހެރީން ގާތަށްވެސް ކުޑަކޮށް ހިނި އައެވެ. "އޮފްކޯސް އައި ޑިޑިންޓް. އެނޫން ހުރިހާ ކަމަކަށް މަޢާފު ކުރާނަންތަ؟" މެހެރީން އަދިވެސް ބޭނުންވީ ޒަވީގެ ޖަވާބެވެ. "އަނެކާގެ ހުރިހާ އުނިކަމަކާ އޭނާގެ ޕާސްޓާއި ޕްރެޒެންޓާވެސް އެކްސެޕްޓް ކުރުމެއްނު ހަޤީޤީ ލޯއްބަކީ." ޒަވީގެ ޖަވާބުން މެހެރީންއަށް ކަރުނަތައް އިތުރަށް އޮބަހައްޓައެއް ނުލެވުނެވެ. ދެލޯ ފުރިގެން ކަރުނަތައް ފައިބައިގަތުމާއެކު އޭނާ ކުއްލިއަކަށް ޒަވީގެ ގައިގައި އޮޅުލައިގެންފިއެވެ. މެހެރީންގެ މިކުއްލި ހަރަކާތުން ޒަވީގެ ތުންފަތަށް އަނެއްކާވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ދެއަތުން މެހެރީން ވަށާލައި ގަޔާލައި ފިއްތާލިއެވެ.
"މެހެރް. އަހަރެން ކަމެއް ކުރިއްޔާ ރުޅި އަންނާނަންތަ؟" ޒަވީ އިރުކޮޅަކުން އަހައިލިއެވެ. "ކޮންކަމެއް؟" މެހެރީން ދުރަށް ޖެހިލައިފައި ޒަވީގެ މޫނަށް ބަލަން ސުވާލު އުފެދިފައި ހުއްޓެވެ. "މީ އަހަރެން މެހެރް ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ކުރަން ކެތްމަދުވެފައި ހުރި ކަމެއް." ޒަވީގެ ޖުމްލަ ނިންމާލައިފައި މެހެރީންގެ މޫނުގައި ދެއަތުން ހިފާލައި އެތުންފަތަށް ކަޅި ހުއްޓާލުމުން މެހެރީންއަށް ޒަވީގެ މަޤްސަދު ވިސްނުނެވެ. އެވަގުތު އޭނާ ލޯމަރައިލުމުން ޒަވީއަށް މެހެރީންގެ ޖަވާބު ލިބުނެވެ. ބަަލަން ހުރެލައިފައި ޒަވީ އެދެމެދުގައި އޮތް ދުރުމިން ނެތިކޮށްލައި ފުރަތަމަ ފަހަރަށް އެރީތި ތުންފަތުގެ މީރުކަން ލިބިގަތެވެ. އިރުކޮޅަކުން ޒަވީ މޫނު ދުރުކޮށްލުމުން ލޯ ހުޅުވައިލެވުނީ ދެމީހުންނަށް އެއްފަހަރާއެވެ. ހަތަރުކަޅި ހަމަވެފައި ޒަވީގެ ލޮލުގެ މަސްތުގައި މެހެރީން ޖެހޭކަށް ގިނައިރެއް ނުނެގިއެވެ. އޭނާ ބަލާކަށް ނުހުރެ އެ މޫނުގައި ދެއަތުން ހިފައި ކުއްލިއަކަށް ތިރިކޮށްލުމާއެކު ދެމީހުންމެ ހީވީ ފެނަށް ދަހިވެފައި ތިއްބާ ފެންފޮދެއް ފެނިގެން އުޅުނު ދެމީހުންހެންނެވެ. މޫނު ދުރުކޮށްނުލައި ހުރެގެން ޒަވީ މެހެރީންގެ އުނަގަނޑު ވަށާލައި އެހަށިގަނޑު ބިމުން ހިއްލައިލުމުން މެހެރީން ޒަވީގެ ފޫޅާއި ހަމައިގައި ފަހަތަށް ވާގޮތަށް ދެފައި އަޅުވާލައި އޭނާގެ އުރުގައި ހަމަޖެހިލައިފިއެވެ. ޒަވީ އެވަގުތު ލޯ ހުޅުވާލައިފައި އެނދު ހުރި ހިސާބެއް ބަލާލުމަށްފަހު ދެފިޔަވަޅެއް ކުރިއަށް އަޅައިލުމާއެކު އޭނާ ދަށަށް ވާގޮތަށް އެނދަށް ވެއްޓިގަތެވެ.
ޒަވީ ގޮސް އެނދުގައި ޖެހުމާއެކު މެހެރީންއަށް ދެފައި ދެފަރާތަށް ލައިގެން އިނދެވުނީ ޒަވީގެ ބަނޑުގައެވެ. ހިނދުކޮޅަކަށް ބޯ ހިއްލާލައިފައި އޭނާ ފުން ނޭވާތަކެއް ލަމުން އަމިއްލަ ނަފްސް ހަމައަަކަށް އަޅުވަން ވެގެން ހާމަވެފައި އޮތް ޒަވީގެ މޭމަތީ ދެއަތް ވިއްދާލުމާއެކު ޒަވީ އެދެއަތް ދޭތެރެއިން އޭނާގެ މޫނަށް އަތް ފޯރުވާލައި ތިރިއަށް ފައިބާފައި އޮތް އިސްތަށިތައް ކަންފަތް ދަށަށް ލައްވާލަދިނެވެ.
"މެހެރް. މިހިސާބުން ދެން އިހަށް ނިންމާލަންވީ ކަންނޭނގެ..." ޒަވީ އަދިވެސް ހައިހޫނުކަން ހުރި ދެލޮލުން ބަލަން އޮވެފައި ވާހަކަދެއްކިއެވެ. "ރަނގަޅު ހިޔާލެއް." އެވަގުތު ޖަވާބު އައީ ކުޑަދޮރާއި ދިމާއިންނެވެ. މެހެރީންއާ ޒަވީ ސިހިފައި އެދިމާއަށް ބަލައިލިއިރު އަރްސަލާން ހަށަން ބަނދެލައިގެން ހުރީ ކުޑަދޮރު ކައިރީ ފާރުގައި ލައްގަނެލައިގެންނެވެ. "އަރްސަލާން؟" މެހެރީން އެނަން ކިޔާލައިފައި އަވަހަށް ޒަވީގެ ގައިމަތިން ފައިބައިގެން އެނދުގައި އިށީންދެލިއެވެ. ލަދުން އޭރު މޫނު ހީވަނީ ލޭކޮޅެއް ހެންނެވެ. "ޒަވީ އަހަރެން ފަހުން އަންނާނަން." މެހެރީން އެނދުން ފުންމާލައިގެން އަވަހަށް ދޮރާއި ދިމާއަށް ދިޔައެވެ. "ފަހުން އަދި ބައްދަލުވާނެ ކަަމަށް ހީކުރަން. އަމިއްލަ ސިއްހަތަށް ކުރިއަށްވުރެ ހާއްސަ ސަމާލުކަމެއް ބަހައްޓަން ހަނދާން ކުރާތި." އޭނާ ގޮސް ދޮރާއި ހަމަވިތަނާ އަރްސަލާން ބުނި އެއްޗަކުން ދެފައި ހީވީ ބިމުގައި ތަތްލިހެންނެވެ. އެވަގުތު އޭނާ ބިރެއް ފެނިގެން ބަަލައިިލި މީހަކުހެން އެނބުރި އަރްސަލާންގެ މޫނަށް ބަލައިލިއެވެ. އަރްސަލާން ވިހަ ގޮތަކަށް ބަލަން ހުރެފައި ފާރާއި ދުރަށް ޖެހިލައިގެން ގޮސް ޒަވީ ކުރިމައްޗަށް ހުއްޓުމުން އޭނާ މޭގައި އަތް އަޅައި ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އެކޮޓަރިން ބޭރަށް ދެމިގަތެވެ.
"ޝިޓް ޝިޓް ޝިޓް.... ކިހިނެތް އަރްސަލާންއަށް އެނގުނީ؟" މެހެރީން ނިއްކުރީގައި އަތުން ތަޅާލައިފައި އަމިއްލަ ހިތާއި ސުވާލު ކުރިއެވެ. "ވެދާނެ އެހެން އެބުނީ ކޮންމެވެސް އެހެން މާނައެއްގައި ކަމަށްވެސް." މެހެރީން އަމިއްލަ ހިތް ހަމަޖައްސައިދޭން ވެގެން އިތުރަށް ބުނެލިއެވެ.
"މިހާރު ކީއްކުރަން އަރްސަލާން ތިއައީ؟ މިއަދު ވާރެއެއްވެސް ނުވެހެއެއްނު." ޒަވީ ތެދުވެގެން ގޮސް އަލަމާރިން ގަމީހެއް ނަަގައި ދެއަތް ކޮށްޕާލުމަށްފަހު ގޮށް އަޅުވަމުން އެހިއެވެ. އޭނާ ބަލާލިއިރު އަރްސަލާން ކޮންމެވެސް އެއްޗެއް ދެނެގަންނަން އުޅޭ މީހަކު ފަދައިން އެތަން މިތަނަށް ލޯ ހިންގަނީއެވެ. އަނެއްކާ އޭނާއަށް ލައިލް އެތަނަށް އައިކަމާމެދު ޝައްކުވީބާއޭ ހިތަށް އެރުމުން ޒަވީ ކަންބޮޑުވިއެވެ. "އަރްސަލާން އަދިވެސް ނުބުނަމެއްނު އެމީހަކު ހޯދުމަށްފަހު ދެން އަހަރެން ކުރަން ޖެހޭ ކަމެއް. އަދި އެކުރާ ކަމެއްގެ ސަބަބުން އަހަރެންގެ އަމިއްލަ ފުރާނައަށް ގެއްލުން ހުރިކަން ނުވަތަ ނެތްކަންވެސް އަހަރެން ބޭނުން ބަލަން." ޒަވީ ސާބިތު ކަމާއެކު ވާހަކަދެއްކިއެވެ. އެވާހަކަ އަހައިގެން އަރްސަލާން ހުއްޓިފައި ބަަލައިލިއިރު މޫނުގައި ހުރީ ސީރިއަސް ކުލައެވެ. "ލައިލްއާ ޒަވީ ބައްދަލުވެއްޖެ ދޯ. އެހެންނޫންނަމަ ތިގޮތަށް އަމިއްލަ ފުރާނައަށް ހުރި ނެތް ނުރައްކަލާމެދު ވިސްނާކަށް ނޭނގޭނެ." އަރްސަލާން ޔަޤީންކަމާއެކު ބުނެލި ގޮތުން ޒަވީއަށް ދޮގެއް ނުހެދުނެވެ. "ރަނގަޅަށް ތިބުނީ. އޭނަ އައި އަހަރެންނާ ބައްދަލު ކުރަން. އަދި އަހަރެންނަށް މިހާރު އެނގިއްޖެ އަހަރެން ފުރަތަމަ ރައްކާތެރިކުރަން ޖެހޭ މީހަކީ ކާކުކަންވެސް." ޒަވީ ޖަވާބުދިނެވެ.
"ހާސްނުވޭ އަހަރެން ކުރަން މިއުޅެނީ ލައިލްއަށް ގެއްލުން ދޭކަށް ނޫން." އަރްސަލާންގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ ޒަވީ އަހައިލީ އެއީ ތެދެއްކަން ނޫނީ ދޮގެއްކަން އޭނާއަށް އެނގޭނީ ކިހިނެތް ކަމާއި މެދުގައެވެ. އެއަޑު އަހާފައި އަރްސަލާން ލުއި ހިނިގަނޑެއް ޖަހައިލުމުން ޒަވީ ހައިރާންވިއެވެ. މާއިޝާގެ ފުރާނަ ނުރައްކަލުގެ ތެރޭގައި އޮތްއިރުވެސް އަރްސަލާން އެހުރީ ހަމަ ޖެހިލާފައެވެ. "އެހެންވިއްޔާ ޒަވީ ބޭނުންވާނެތަ ޒަވީގެ ކޮއްކޮ ހަނާއަށް ނޫނީ ޒޫނާއަށް ގެއްލުން ދޭން؟" އަރްސަލާން އަހައިލީ އަޖައިބު ކުރުވާ ކަހަލަ ސުވާލެކެވެ. "ކޮބާ ތީގެ މާނައަކީ؟" ޒަވީ ހައިރާންވެފައި އެހިއެވެ. އަރްސަލާން ބަލަން ހުރެގެން ނިތްއަރުވައިލީ އަމިއްލައަށް ވިސްނައިގެން ދެނެގަންނާށޭ ބުނެލި ފަދަ ގޮތަކަށެވެ. "ތިހެން ބުނީމަ އަހަރެންގެ ހިތަށް އަންނަނީ އެންމެ ގޮތެއް. ލައިލްއަކީ އަރްސަލާންގެ ދަރިފަސްކޮޅުގެ މީހެއް ކަމަށް ވުމުން އަދި ތިބުނާހާ ގާތްކަމެއް އޮންނަ ކަމަކަށް ޤަބޫލެއް ނުކުރެވޭ." ޒަވީ ހުރީ އަދިވެސް ޔަޤީން ނުވެފައެވެ. "ލައިލް އަކީ އަހަރެންގެ ބޭބެ." އެވަގުތު އަރްސަލާން އިއްވާލި ޖަވާބު އަހާފައި ޒަވީގެ އަނގަ ހުޅުވުނެވެ. ލައިލް ފެނިގެން އެމޫނުން ދަންނަ ވައްތަރު ޖެހީ ކީއްވެކަން އަދި ކިރިޔާ އެނގުނީއެވެ.
"ބޭބެއަށް ވުމަކުން އަދި ޒަމާންވީ ދުޝްމަންކަން ނިމުމަކަށް އައީއެއް ނޫން ދޯ. އަހަރެން ޤަބޫލެއް ނުކުރަން އަރްސަލާން އަހަރެންނަށް ގެއްލުން ނުދީ ހުންނާނެ ކަމަކަށް." ދޮރު ހުޅުވުނު އަޑާއެކު ލައިލް ރައްދު ދިން އަޑު އިވިގެން ބަލައިލިއިރު ދޮރުން ވަންނަނީއެވެ. އެވަގުތު އަރްސަލާންއަށް އެއްވެސް ފުރުސަތެއް ނުދީ ލައިލް އަތުގައި ހުރި އެތެރެ ނޭނގޭ ފުޅިއަކުން އަތަށް ފެން ގޮށްޓެއް އަޅައި އަރްސަލާން މޫނަށް އުކާލުމާއެކު އޭނާ ތެޅިގަނެފައި ވެއްޓި ޓައިލްސްމަތީ ޖެހުމާއެކު އުނަގަނޑާއި ހަމައިން ތިރި ފެހި ނިގުލަކަށް ބަދަލުވެއްޖެއެވެ. ލޮލަށް ފެނުނު މަންޒަރުން ޒަވީއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އޭނާއަށް ކޮޅަށް ނުހުރެވިގެން ތިރިވެ ދެކަކޫ ޖަހައިލެވުނެވެ. އަރްސަލާންގެ ސިފަ ބަދަލުވުމާއެކު އޭނާގެ ދެލޯ ދިއްލި އަނގައިގެ ދެފަރާތުން ހުރިހާ ދިމާއަކުން ތޫނު ދަތްތަކެއް ނިކުމެ އަނގަ ފުރާލިއެވެ. އެވަގުތު ލައިލް އަތުގައި ހުރި ފެންފުޅި އެތާ ހުރި މޭޒުމަތީ ބަހައްޓާފައި އޭނާ އައިސް އަރްސަލާން އުފުއްލާލައިގެން ފާޚާނާއަށް ވަންނަން ދަމުން ފެންފުޅި ގެންދަން ޒަވީއަށް ގޮވިއެވެ.
ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން ތެޅިގަނެފައި ޒަވީ އެފެންފުޅި ހިފައިގެން ގޮސް ވަންއިރު އަރްސަލާން އޮތީ ބިިލިގާތެރެއަށް ލައިފައެވެ. އޭނާ ސަލާމަތް ވާންވެގެން ތެޅެމުން ދިޔައިރު ލައިލް ހުރީ ބާރަށް ހިފަހައްޓައިގެންނެވެ. ޒަވީ ގޮސް ވަނުމުން ބިލިގާއަށް ފެން އަޅަން އިސްކުރު ދޫކޮށްލާފައި ފުޅީގެ ބާކީބައިވެސް ބިލިގާތެރެއަށް އަޅައިލިއެވެ. ދެން ވަކި ހިސާބަކަށް ފެންގަނޑު އެރުމުން ލައިލް ތެދުވެ ޒަވީއާ ދެމީހުން ބޭރަށް ނިކުމެއްޖެއެވެ.
"މި ދޮރު ނުހުޅުވާ ބަހައްޓާ. އަދި މިރޭ އަހަރުމެން ޖެހޭނެ މަސައްކަތް ފަށަން. އަހަރެން އެބިލިގާ ތެރެއަށް އެޅި ލޮނުގެ އަސަރު މިރޭ ބާރަ ޖެހުމާއި ހަމައަށް ހުންނާނެ. އެއީ އާދައިގެ ލޮނެއް ނޫން." ލައިލް ކިޔައިދީފައި ދޮރާއި ދިމާއަށް ގޮސް ނިކުތުމުން ޒަވީއަށް އެތާ ހުންނަން ނުކެރިގެން ކޮޓަރި ތަޅުލާފައި ބޭރަށް ނިކުމެއްޖެއެވެ.
ބަނޑުހައި ހޫނުކަމާއި ވަރުބަލިކަން އެކުވެ ހަކަތަ ދެރަވެގެން ރޭގައި އޮށޯތް ގޮތަށް ނުހަނު ގަދަ ނިންޖަކުން ނިދާލައިފައި ހޭލެވުނުއިރު ލޮަލަށް އުދަނގޫ ކުރަމުން ދިޔައީ އިރުގެ އައްޔެވެ. އިރު ހުރި ހިސާބަށް ބަލައިލުމުން މިހާރު ގާތްގަނޑަކަށް ހެނދުނު ދިހައެއް ޖަހައިފާނެކަމަށް ލަފާ ކޮށްލެވުނެވެ. މާއިޝާ ތެދުވެ އިށީނުމުން އެނގުނީ އިނދެވުނީ ބޮއްކުރާގައި ނޫންކަމެވެ. ބަދަލުގައި ފައިދަށުގައި އޮތީ ދޮންވެލިގަނޑެވެ. ދުރު ދުރަށް ދާން ދެން ނަޒަރު ހިންގާލިއިރު ކުރިމަތީ އޮތީ އަނެއްކާވެސް ގަސްކަރަ ބޯ ރަށެކެވެ. އެހުރިހާ އުދަނގުލެއްގައި އުޅެފައި އަނެއްކާވެސް މިއާދެވުނީ ފައިބައިގެންދިޔަ ރަށަށް ކަންނޭނގެއޭ ހިތަށް އެރުމުން ލޮލުން ކަރުނަތައް އޮހިގަތެވެ.
"ހޭލެވުނީތަ؟" ކުއްލިއަކަށް ދާދި ކައިރިން މީހަކު ވާހަކަދެއްކި އަޑަށް މާއިޝާ އެދިމާއަށް މޫނު އަނބުރާލިއެވެ.