މާއިޝާ ބަލަން އިނދެފައި މޫނު ކައިރިކޮށްލުމުން އަރްސަލާން ކުއްލިއަކަށް އޭނާގެ ކޮނޑުގައި ހިފާ ދުރުކޮށްލިއެވެ. "އިޓްސް އޯކޭ... އައެމް އޯކޭ ވިތް އިޓް..." މާއިޝާ މިފަހަރުވެސް އަރްސަލާންގެ ނުތަނަވަސްކަން ދުރުކޮށްދިނެވެ. ދެން އޭނާއަށް އަރްސަލާން އަތުތެރެއަށް ވަދެވުނީ ކިހިނެތް ކަމެއްވެސް ނޭނގި އޮވެވުނީ އެބާރުގަދަ އަތުތެރޭ ހައްޔަރުވެފައެވެ. އެހަށިގަނޑުގެ ހޫނުން މާއިޝާގެ ހަމުގައި އާވި ނަގާލިއެވެ. އެޖިސްމުގެ މީރުވަހުން ހިއްސުތައް ހޭލައްވައިލި އެވެ. އެވަގުތު އޭނާ ކެތްމަދު ކޮށްލާފައި އަރްސަލާން ކަންތައް ކުރީ މުޅިން އިދިކޮޅަށެވެ. ދެކޮނޑުގައި ހިފާ ދުރުކޮށްލާފައި ތެދުވެގެން ގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. މާއިޝާ ރަކިވެފައި އިސްޖަހައިގެން އިރުކޮޅެއް ވަންދެން އިނެވެ. އެއަށްފަހު އަރްސަލާން އެއްޗެއް ނުބުނުމުން ތެދުވެގެން ގޮސް ކައިރިއަށް ހުއްޓިލިއިރު އެމޫނުން ފުން ވިސްނުމެއްގެ އަސަރު ފެންނަން ހުއްޓެވެ.
"ވަޓްސް ރޯންގް؟" މާއިޝާ ނިކަން މަޑުމައިތިރިކޮށް އަހާލިއެވެ. "އަހަރެން މާއިޝާ ބޭނުމީ ހަމައެކަނި އަހަރެންގެ މީހެއްގެ ގޮތުގައި." އަރްސަލާން ބޭރު ބަލަން ހުރެގެން ޖަވާބުދިނެވެ. ވީ ގޮތް އެނގުމުން މާއިޝާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި ފޯނު ރިންގްވާން ފެށުމުން އެދިމާއަށް ދިޔައެވެ. ބަލައިލިއިރު ސްކްރީނުގައި އޮތީ ނާޔަލްގެ ނަމެވެ. މާއިޝާ ދެފިކުރެއްގައި ހުރެގެން ފޯނު އަތަށް ނަގާފައި ބަލަން ހުއްޓާ ފޯނު ކެނޑުނެވެ. އެފޯނު ކުރިންވެސް އޮތް ތާގައި ބާއްވާފައި އެނބުރުނުއިރު އަރްސަލާން ކޮޓަރިން ނިކުމެގެން ދަނީއެވެ. މާއިޝާ އެކަނިމާއެކަނި އެނދުގައި އިނދެގެން އަރްސަލާން ބުނި ވާހަކައާ މެދު ފުންކޮށް ވިސްނައިލިއެވެ. ދުލުން ބުނެލަން ފަސޭހައެއް ކަމަކު ނާޔަލްއާ ވަކި ވުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ފުރަތަމަ ކަމަކަށް އޭނާ ތެދުވަން ޖެހޭނީ މަންމަ އާއި ދޮންބައްޕައާ ދެކޮޅަށެވެ. އަނެއްކޮޅުން ބައްޕަ ބުނާނެ އެއްޗެއްވެސް އެނގެނީއެއް ނޫނެވެ. ދެން ހުރީ ނާޔަލްއެވެ. ނާޔަލް އަދި އެހެން އަންހެންކުއްޖަކާ އެކު ގުޅުމެއް ހިންގިއަސް އޭނާއަށްވެސް ކަންތައް ކުރެވިފައި ވަނީ ވަކި ރަނގަޅަކަށޭ ބުނެވޭކަށް ނެތެވެ. ނާޔަލްއަށް އޭނާ ދިނީ ކުޅޭ ބުދަކަށްވެސް މީހަކު ދޭނެ ފަދަ ދަރަޖައެކެވެ. އެހާ ދުވަހު ކައިވެނި ލަސްކުރަން ގަދަ އަޅާފައި ހަމަ ހިތަށް އެރުމާއެކު ކައިވެނި އަވަސްވެސް ކުރީއެވެ. ދެން ހަމަ ނާޔަލްއަށް ކުރެވުނު އެންމެ ކުށަކާ ހެދިއޭ ކިޔާފައި ވަރިވެސް ނާޔަލް ބޮލުގައި އެޅުވުން އެއީ އިންސާފެއް ނޫނެވެ. އެކަންވެސް ކުރަން އެއުޅެނީ ޚުދު އޭނާ ބޭނުންވެގެންނެވެ. އޭނާއަށް އަރްސަލާންގެ އާބަސް ލިބުމުންނެވެ.
މާއިޝާ ހިމޭންވެފައި އިންދާ ނާޔަލް ދެވަނަ ފަހަރަށް ގުޅިއަޑަށް ހިޔާލުތައް ވިއްސިވިހާލި ވިއެވެ. އޭނާ ފޯނަށް ޖަވާބު ނުދޭންވެގެން ކޮޓަރިން ނިކުތްއިރު އަރްސަލާން މާ ހަރުކޮށް ނިކުމެގެން ދާތަން ފެނިގެން ފަހަތުން ހިނގައިގަތެވެ. އޭނާ ލިވިން އޭރިއާ ހުރަސްކޮށްފައި ގޮސް ބޭރަށް ނިކުމެލީއިރު އަރްސަލާން ފެނުނީ ދުރުގައި ހުރި ރުއްތަކު ތެރެއަށް ވަދެ ނިވާވަނި ކޮށެވެ. މާއިޝާ ވިސްނައިލާފައި ނުހުއްޓި ކުރިއަށް ދާން ފެށިއެވެ. ހިތް ބާރު ބާރަށް ތެޅެން ފެށިއިރު އަތްފައިވެސް ފިނިވެލައިފިއެވެ. ވަކި ހިސާބަކުން ދެފަޔަށް ހުއްޓުން އެރީ އަރްސަލާންގެ ކުރިމަތީ ކައިލީން ހުއްޓާ ފެނިގެންނެވެ. އެވަގުތު ކައިލީން އޭނާ ހުރި ދިމާއަށް ބަލައިލަން އުޅުނުހެން ހީވެގެން އަވަހަށް ކައިރީގައި ހުރި ރުކުގެ ފުރަގަހަށް ވަދެ ފިލިއެވެ. ދެން އޭނާ ހުރީ އެދެމީހުންގެ ވާހަކަ އަޑުއިވޭތޯ ކަންފަތް ކޮޅަށް ޖަހައިގެންނެވެ.
"ތިގޮތަށް ކިހާ ދުވަހަކު އަރްސަލާން އަމިއްލަ ނަފްސަށް އަނިޔާ ކުރާނީ؟ ކިތަންމެ ދުވަހަކު ހުއްޓަސް ހަޤީޤަތް ބަދަލެއް ނުވާނެ. އިންސާނުން އަހަރުމެންގެ ކާނާއަށް ވުމަކީ އެއީ އަރްސަލާންގެ ކުށެއް ނޫނޭ. އެއީ ފެށުނީއްސުރެ އެކަން އޮތް ގޮތް. ތަފާތަކީ މީގެ ކުރިން އަހަރެމެން ހަމައެކަނި ކަނޑުގައި އުޅުނުކަން. އަދި އަހަރުމެން ހަމައެކަނި ޝިކާރަ ކުރީވެސް އެކަނޑަށް ޣަރަޤުވެގެން ދާ މީހުންނާ އެކަނޑުގައި ދުއްވާފައި ދިޔަ އުޅަނދު ތަކުގައި ތިބި މީހުންނަށް ވީކަން." ކައިލީން ބުނެލި ވާހަކަ އިވިފައި މާއިޝާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. އެވަގުތު ކޮޅަށް ހުންނަން އުދަނގޫވެގެން އޭނާއަށް ދެއަތުން ބާރުކޮށްލެވުނީ ކައިރީ ހުރި ރުކުގައެވެ. "ކިހިނެތް އަހަރެން ހޯދީ؟" މާއިޝާ އަރްސަލާން ބުނާ އެއްޗެއް އަޑުއަހަން ބޭނުންވެފައި ހުއްޓާ ބުނެލި އަޑު އިވުނެވެ. "އަރްސަލާން އަހަންނާމެދު ދެކެނީ ތިހާ ނާޤާބިލް ފަރާތެއްގެ ގޮތުގައިކަން އެނގުނީމަ ކުޑަކޮށް ހިތަށް ތަދުވެއްޖެ." ކައިލީން ދެވަނަ ފަހަރަށް ވާހަކަދެއްކީ ހިނިގަނޑަކާ އެކުގައެވެ. އިތުރަށް ނުހުރެވޭނެހެން ހީވެގެން މާއިޝާ ނިކަން ސިއްރުން ނޭވާ ދޫކޮށްލިއެވެ. "ކައިލީން މިތަނަށް ތިއައީ އަހަރެންގެ އަސްލު ހަނދާން ކޮށްދޭން ކަމަށް ވަންޏާ ތީ ބޭކާރު ކަމެއް. އަހަންނަށް މާއިޝާ ފެނުނު ދުވަހުން ފެށިގެން އަހަރެންގެ ބާކީ އޮތް ދިރިއުޅުން އިންސާނެއްގެ ގޮތުގައި އުޅެން ނިންމައިފިން. ކައިލީން އަކަށްވެސް ދެން އަހަރެންގެ ނިންމުން ބަދަލެއް ނުކުރެވޭނެ." އަރްސަލާންގެ އަޑުގައި ސާބިތުކަން ވިއެވެ. މާއިޝާގެ ހިތަށް ހިސާބެއްގެ ލުއެއް ލިބި ހިތާއި ދިމާލުގައި ފިރުމާލެވުނެވެ.
"އަރްސަލާންގެ ބައްޕަ ބުންޏަސް ބަދަލެއް ނުކުރާނަންތަ؟" ކައިލީން ދެން ސުވާލުކޮށްލީ ސީރިއަސް އަޑަކުންނެވެ. ނުފެނުނަސް އެދެމެދުގައި އޮތް މާހައުލު ސީރިއަސްވެގެން ދިޔަކަން މާއިޝާއަށް އިހްސާސްވިއެވެ. އެކަން ޔަޤީންވީ އަރްސަލާން ހާސްކަމާއެކު ބައްޕަ ފެނުނީ ކޮންތާކުންތޯ އެހީމައެވެ. މާއިޝާ ދެވަނަ ފަހަރަށްވެސް ނޭވާ ހިފަހައްޓާލައިފައި ކައިލީން ބުނާ އެއްޗެއް އަހަން ހުއްޓެވެ. "ބުނެވިދާނެ. އެކަމަކު އޭގެ ބަދަލުގައި އަހަރެންނަށް އޮތީ ކޮން ފައިދާއެއް؟" ކައިލީން ވަރަށް ސިކުނޑި ތަނަވަހެވެ. އޭނާ ހުރީ ފައިދާއަކައި ނުލައި ކުޑަވެސް އެއްޗެއް އެހެން މީހަކަށް ނުދޭން ނިންމައިގެންނެވެ. "ކޯއްޗެއް ބޭނުމީ؟" އަރްސަލާން ސުވާލު ކޮށްލިއިރު އަޑުގައިވީ ބުނި ކޮންމެ އެއްޗެއް ދޭނެ ކަމުގެ ޔަޤީންކަމެވެ. މާއިޝާ ބިރުގަތީ އެހިސާބުންނެވެ. ކައިލީން ކޮންމެފަދަ ކަމަކަށްވެސް އެދިފާނެއެވެ.
"އަރްސަލާން! ނޫން. އޭނަ ދައްކާ ވާހަކަ ޤަބޫލު ނުކުރޭ!" މާއިޝާ ކުއްލިއަކަށް ރުކުގެ ފުރަގަހުން ނިކުމެ ވާހަކަދެއްކި އަޑަށް ދުރުގައިތިބި ދެމީހުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އެވަގުތު އަރްސަލާން ހައިރާންވެފައި މާއިޝާ ކައިރިއަށް ދާތަން ބަލަން ފެށިއިރު ކައިލީން މާއިޝާގެ މިހިތްވަރު ދެކެފައި ނުލަފާ ގޮތަކަށް ހެވިލައި ބުމަ އަރުވާލިއެވެ. "ގޯހެއް ނޫން މާއިޝާ މަލީހް. ކުޑަ ކުޑަ އިންސާނަކާ ބަލާފައި ވަރަށް ހިތްވަރުގަދަ." މާއިޝާ ގޮސް ހުއްޓުނު ވަގުތު ކައިލީން ބުނެލިއެވެ. އަރްސަލާން އެވަގުތު އަވަހަށް މާއިޝާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ކައިލީން އެދެމީހުންނަށް ވަކިވަކިން ބަލާލައިފައި ފުރަގަސްދިންތަން ފެނުނެވެ. ދެން އައިސް މޫނުގައި ބީހިލީ ވައިރޯޅިއެކެވެ. ދެވަނަ ސިކުންތުގައި ކައިލީންގެ ލަކުނުވެސް އެތާގައި ފެންނަން ނެތެވެ. "ރަނގަޅުތަ؟" މާއިޝާ ހައިރާންވެފައި ހުއްޓާ އަރްސަލާން އޭނާގެ ދަތްދޮޅިދަށަށް ޝަހާދަތް އިނގިލި ލައްވާފައި ކުޑަކޮށް އުފުލައިލަމުން އަހާލިއެވެ. ބޯ ޖަހާލައިފައި މާއިޝާ މޫނު ފޮރުވައިލީ އަރްސަލާންގެ މޭގައެވެ. އިރުކޮޅެއް ނުވެ ހަށިގަނޑުގައި ބީހެން ފެށީ އިންޒާރެއްނެތި އައި ވާރޭ ތިކިތަކެވެ. މާއިޝާ އަރްސަލާންއާ ދުރަށް ޖެހިލާފައި މަތި ބަލައިލިއިރު ތަރިތައް ފެންނަން އޮތް އުޑުމަތި ކަޅު ވިލާތަކުން ބައްދާލައިފިއެވެ.
"ވާރޭ ފެނުގަ ޖެހުނީމަ އަރްސަލާންގެ ހަށިގަނޑު ބަދަލު ނުވަނީ ކީއްވެ؟" މާއިޝާ ކުރިއްސުރެ އޮޅުން ފިލުވަން ބޭނުންވެފައި ހުރި ސުވާލު ހުށައަޅާލިއެވެ. "އަހަރެންގެ ހަށިގަނޑު ބަދަލު ވަނީ ލޮނުފެނުގައި. އިޝީއަށް ނޭނގުނަސް އަހަރެން އުޅުނު ފެންގަނޑުގައި ވަރަށް ބޮޑަށް ލޮނުގައި އަސަރު ހުރި." އަރްސަލާން ޖަވާބު ދިން އަޑަށް އޭނާ އިސްއުފުލާލިއިރު ވާރޭ ތެރެއިން އެރީތި ދެލޯ ފެނުނީ ކުރިއަށްވުރެވެސް ފުރިހަމަކޮށެވެ. އަދި ފެންތިކިތައް އަރްސަލާންގެ ފަން އިސްތަށިގަނޑު ތެންމަމުން އޮމާން މޫނާއި ޖިސްމުގައި ބޮސްދޭން ފެށުމުން ވާރޭ ތިކިތަކުގައި އަލިފާން ހިފައިދާނެތީ މާއިޝާ ފުރަތަމަ ފަހަރަށް ބިރުގަތެވެ. އެސްފިޔަޖަހާލަން ހަނދާން ނެތިފައި ހުރެގެން ނޭނގުމުގެ ތެރޭގައި މާއިޝާގެ ދެއަތް އުފުލި އަރްސަލާންގެ ގަމީހުގެ މޭމަތީ ހިފާ ބޮނޑިކޮށްލެވުނެވެ. "އިޝީ...ޤަބޫލު ކުރޭ! އިޝީ ބޭނުމެއް ނުވޭ މިއަށްވުރެ ކުރިއަށް ދާކަށް..." އަރްސަލާން އިސްޖަހާލައިފައި ވާހަކަދެއްކި ވަގުތު މާއިޝާ "ޝްޝްޝް" ކިޔާލައިފައި ތުންފަތުގައި ޝަހާދަތް އިނގިލި އެޅިއެވެ. ނަތީޖާ ނުރައްކާވެދާނެ ކަމުގެ ރަތް ސިގްނަލް ސިކުނޑި ދިން ނަމަވެސް އަރްސަލާންއަށް މާއިޝާ ދުރަށް ގެންދިއުމުގައި ކާމިޔާބެއް ނުހޯދުނެވެ. ވިސްނައިނުލެވި އުޅެނިކޮށް ފެނުނީ މާއިޝާ ކޮރައިލިތަނެވެ. އެވަގުތު އޭނާ މާއިޝާ ދުރުކޮށްލަން އަތް އުފުލައިލިއިރު މާ ލަސްވެއްޖެއެވެ
އެހިސާބުން އެދެއަތް ތިރިކޮށްލުމުގެ ބަދަލުގައި މާއިޝާގެ ބުރަކަށީގައި ވަށާލައި ގެނެސް ހިރިނުލެވޭނެހާ ބާރަށް ގައިގައި ޖައްސާ ފިއްތާލެވުނެވެ. ލޯ މަރައިލުމުން ކުރިމަތިން ގެއްލުނު މަންޒަރު ފަދައިން އަމިއްލަ ނަފްސަށް އޮތް ކޮންޓްރޯލްވެސް އަރްސަލާން އަތުން ދޫވެގެން ދިޔައެވެ. ދެން އޭނާއަށް ހޭވެރިކަން ވީއިރު މާއިޝާ ދެއަތްތިލައިން އޭނާގެ ބުރަކަށީ ތަޅަނީއެވެ. އޭރު އަނގައިގައި ލީ ލޭ ރަހައެވެ. ލޯ ހުޅުވައިލުމާއެކު ހީވީ ހުވަފެނަކުން ހޭލެވުނުހެންނެވެ. އަދި މާއިޝާގެ ބިރު ގަނެފައިވާ ދެލޯ ފެނިފައި އޭނާއަށް އެހަށިގަނޑުން އަތް ދޫކޮށްލެވުނު ގޮތުން މާއިޝާއަށް ކުއްލިއަކަށް ހަށިގަނޑު ބެލެންސް ނުކުރެވިގެން ވެލިގަނޑު މައްޗަށް ވެއްޓި ޖެހިއްޖެއެވެ. ހަށިގަނޑު ތުރު ތުރު އަޅަމުން ދިޔައިރު މާއިޝާ ބަލަން އިނީ ދާދި ކައިރީ ހުއްޓިލައިގެން ހުރި އަޖައިބުން ފުރިގެންވި ސޫރައަށެވެ. އަރްސަލާން ކަންބޮޑުވެ ދެލޯ ބޮޑުވެފައި ހުރިއިރުވެސް އޭނާގެ އަނގައިގެ ދެފަރާތުން ދިގުކޮށް އޫކޮށް ހުރި ތޫނު ދަތްތައް ހުރީ ފެންނާށެވެ. އަދި އަނގައިން ވަށައިގެން ހޭކިފައި ހުރީ ޚުދު މާއިޝާގެ ލެޔެވެ.
"އަރްސަލާން....!!" އަރްސަލާން ކުއްލިއަކަށް ފަސްދިން ވަގުތު މާއިޝާ ބާރު ބާރަށް ގޮވާލުމުން ފިޔަވަޅު ތަކަށް ހުއްޓުމެއް އައެވެ. އެކަމަކު ދެވަނަ ފަހަރަށް އެމޫނަށް ބަލައިލުމުގެ ބަދަލުގައި އަނެއްކާވެސް ހިނގައިގަތީއެވެ. މޫނުގައި ބީހިލި އިތުރު ވައިރޯޅިއެއް ފަދައިން އަރްސަލާން ގޮސް ލޯމަތިން ގެއްލުމުން މާއިޝާ އަނގަމަތީ އަތް ހާކައިލައިފައި ނަގާ ބަލައިލިއިރު އަތުގައިވެސް ތާޒާ ލޭތަކެވެ. އޭނާ ބަލަން އިންދައި ސިކުންތު ކޮޅެއްގެ ތެރޭގައި ވާރޭ ތިކިތައް ބޮސްދީފައި ލޭތައް ދޮވެ ސާފު ކޮށްލުމާއެކު ޅަކުއްޖެއްހެން ރޮއިގެންފައި ބޯ އަޅައިލީ މެއާއި ހަމައިން ނެގި ދެކަކުލުގައެވެ.
މެހެރީން އައިޕެޑް ހިފައިގެން އެނދުގައި އޮތްވާ ވާރޭ އޮއްސާލުމުން ތެދުވެގެން ގޮސް ދޮރުތައް ލައްޕާފައި އެނބުރި ނުލެވި އުޅެނިކޮށް ދޮރުފަތުގައި މީހަކު ޓަކި ޖަހާލިއެވެ. މާއިޝާ އުޅެނިކޮށް އަރްސަލާން އެކޮޓަރިއަށް އަތުވެދާނެހެން ހީނުވާތީ އޭނާއަށް ވީ ހައިރާންކުރުވަނިވި ކަމަށެވެ. މެހެރީން އަނގައަށް ގޮތެއް ހަދާލައިފައި ގޮސް ދޮރު ހުޅުވާލައިފައި ނާޔަލް ފެނިގެން ލޯ ބޮޑުކޮށްލެވުނެވެ. ތެމިފައިވާ އިސްތަށިގަނޑާއި ޓީޝާޓަށް ބަލައިލުމުން ނާޔަލް އައީ ވާރޭގައިކަން އެނގުނެވެ. "ކޮބާ އެމީހުން؟" ނާޔަލްގެ މޫނުގައި ހުރީ މާ ހަމަޖެހޭ ކުލައެއް ނޫނެވެ. އޭނާ އެކޮޓަރިއަށް ލޯ ހިންގާލައިފައި މެހެރީންއަށް ނަޒަރު ހުއްޓައިލިއެވެ. "އެމީހުންނޭ ތިބުނީ؟" މެހެރީން ހުރީ ހައިރާންވެފައެވެ. ނާޔަލްއަށް މާއިޝާގެ ލޯބިވެރިޔަކީ އަރްސަލާންކަން އެނގުނީބާއޭ ހިތަށް އެރިއެވެ. "އަރްސަލާންއާ މާއިޝާ؟" ނާޔަލް ކުރިއަށްވުރެ އަޑަށް ބާރު ލައިފައި ބުނެލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މެހެރީންއަށް "އޯހ" އޭ ކިޔާލެވުނު ގޮތުން ނާޔަލް ސިހިފައި ނިކަން ފުންކޮށް އެމޫނަށް ބަލައިލިއެވެ. މެހެރީންގެ މޫނުގެ ކުލަވަރަށް ބަލާފައި އޭނާއަށް ޔަޤީންވިއެވެ. އެދެމީހުންގެ ގުޅުމުގެ އަސްލު އެއީ މެހެރީންއަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ.
"ވާއު މެހެރް. ލޯޔަލް ކޮއްކޮއެއްގެ ޕަރފެކްޓް އެގްޒާމްޕްލް އެއް ތީ." ނާޔަލް މަލާމާތް ކޮށްލިއެވެ. މެހެރީން ކުރެވުނު ކަމަކަކީ ލޯ ބޮޑުކޮށްލުމެވެ. ނާޔަލް އެދެމީހުންގެ ސިއްރު އެނގުނު ކަމާމެދު އޭނާއަށް އަދިވެސް ސަތޭކަ އިންސައްތަ ޔަޤީންނުވާތީ އެއްޗެއް ބުނަން ފަސްޖެހިފައި ހުރެވުނީއެވެ. "މެހެރް ކިހިނެތް މިހާ ބޮޑު ސިއްރެއް އެނގިހުރެ އަހަންނަށް ސިއްރު ކުރީ؟ އަރްސަލާން އެއީ ބޯއިފްރެންޑޭ ކިޔައިގެން ކީއްވެ ދޮގު ހެދީ؟ މެހެރްގެ ހިތުގައި އަހަންނަށްޓަކައި ފީލިންގްސްތަކެއް ވެއޭ ކިޔައިގެން އެދެއްކީވެސް ދޮގުވާހަކަ އަކީތަ؟ މެހެރްގެ ހިތުން އަހަރެންނަށް އެދުނު ނަމަ ކިހިނެތް އަހަރެންގެ ލޯބި އަހަރެންނަށް ގެއްލޭންދެން ބަލަން ހުރީ؟ މެހެރް އަހަންނަށް ހެޔޮއެދޭނަމަ ތިގޮތަށް ކަންތައް ކުރާނެތަ؟" ނާޔަލް ބަލަން ހުރެލާފައި ދޮރު ލައްޕަން އެނބުރުނު ގޮތަށް އަނެއްކާ ދެވަނަފަހަރަށްވެސް އެނބުރިފައި ވާހަކަދެއްކިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލައިފައި ބަލައިލިއިރު މެހެރީންގެ ލޮލުގައި ކަރުނަ ވިދަނީއެވެ. "އިޓްސް ނޮޓް ފެއަރ." ދެވަނަ ސިކުންތުގައި މެހެރީން ވާހަކަދެއްކި އަޑަށް ނާޔަލް ބަލައިލިއެވެ. ނާޔަލްއަކަށް ނުބުނެވޭނެ ތިހެނެއް. ތީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް. ތިހުރިހާ އެއްޗެއް ކީއިރު އެންމެފަހަރަކުވެސް ވިސްނާލިންތަ ތިކިޔޭ އެއްޗެއް؟ އަހަރެންގެ ތިގެއަށް ފުރަތަމަ ދިޔައީއްސުރެ އަހަރެން ހުވަފެން ދެކުނީ ނާޔަލްގެ ބައިވެރިއަކަށް ވުމަށް. އެކަމަކު އަހަރެން އެކަމަށް އެދުނުތަ؟ އެއްފަހަރުވެސް މަސައްކަތް ކުރިތަ ނާޔަލްގެ ދިރިއުޅުމަށް ވެރިވެގަންނަން؟ އެހެން ހުއްޓާ ނާޔަލްއާ އިޝީގެ ކައިވެނި ހަމަޖެހުނީ. އެކަމަކު ދެންވެސް އަހަރެން ތިދެމީހުންގެ ގުޅުން ބަދަހިވާތަން ބަލަން ހުރީ އަހަރެން ނާޔަލްގެ އުފަލަށް އެދޭތީ. ދެން މިއަދު އިޝީ އެހެން މީހަކު ދެކެ ލޯބިވާން ފެށީމަ އަހަރެންގެ ބޮލުގަ ބްލޭމް އަޅުވާނެ ކަމެއް ނެތް. އާ. އިޝީއަށް އިޝީ ބޭނުންވާފަދަ މީހަކު ފެނުނީމަ އަހަރެން މިހުރީ އޭނާއަށްޓަކައި އުފަލުން. އެކަމަކު އެހެނެކޭ ކިޔާފައި އަހަރެންނަށް ނާޔަލްއަށް ނުލިބޭނެ. ދެން ކޮބާ އަހަރެން ތިދެމީހުން ދުރުކުރުމުގެ ބޭނުމަކީ؟" މެހެރީން ވާހަކަތައް ނިންމާލައިފައި އައިސް ހުއްޓުން އަރާފައި ހުރި ނާޔަލްގެ މޫނުމައްޗަށް ދޮރުޖަހާލިއެވެ. އެތައް ދުވަހަކަށް ފަހު ހިތުގެ އުދާސްގަނޑު އެގޮތަށް ބޭރުކޮށްލަން ލިބުމުން ރޫޚަށް ލުއިވިއެވެ.
އަނެއްފަރާތުގައި ނާޔަލް ހުރެފައި ނިކުންނަން ދިޔައިރު މެހެރީން ދެއްކި ވާހަކަތައް ތަކުރާރު ވެގެން ސިކުނޑީގައި ގުގުމަން ފެށިއެވެ. މެހެރީންގެ ކަރުނައިން ފުރިފައިވި ދެލޯ ފެނިފައި މިއަދު ފުރަތަމަ ފަހަރަށް ހިތަށް ތަދުވެލީ ކީއްވެ ކަމެއް ނޭނގުނެވެ. ކުރިއަށް ދިޔަ ވަރަކަށް މެހެރީންގެ ވާހަކަތަކާމެދު އޭނާއަށް އެއްބަސް ވެވުނެވެ. މެހެރީންގެ ބޮލުގައި އޭނާ އެޅުވީ އެއްވެސް ހާލެއްގައި ރަނގަޅު އިލްޒާމެއް ނޫނެވެ. މާއިޝާ އޭނާ މަތިން ފޫހިވީ މެހެރީންގެ ކުށަކުން ނޫނެވެ.
މާއިޝާ އެމީހުން ތިބޭ ބީޗް ވިލާއަށް އެނބުރި އައިސް ވަންއިރު މީހެއްގެ ހިލަމެއް ނުވެއެވެ. އަދިވެސް ލޭ މަނާ ނުވާތީ އޭނާ ފްރިޖުން އައިސްކިއުބެއް ނަގައި އަނގައަށް ލައިގެން އައިސް ހެދުން ބަދަލު ކުރަން އުޅުނުއިރު ދެން ކުރާނެ ކަންތައް ސިކުނޑީގައި ރާވައިލިއެވެ. ހިކި ހެދުން ލައިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓި ތުންފަތް ދުރުކޮށްގެން ހަލާކުވެފައި ހުރިތަންތަން ބެލިއެވެ. ނަސީބަކުން އެއްވެސް ތަންކޮޅަކުން ފުންކޮށެއް ނެތެވެ. އޭނާ ހަމަޖެހުމުގެ ނޭވައެއް ލައިފައި ފޯނު ނަގައިގެން ނިކަން ދިގު މެސެޖެއް ލިޔެފައި ޑްރާފްޓް ކޮށްލީ ވަގުތު ޖެހުނީމައި ފޮނުވާ ގޮތަށެވެ. އެއަށްފަހު ދެން ފެށީ ދަބަހަށް އެއްޗެހި އަޅާށެވެ. ވިއްސާރައިގައި ކޮޓަރިތަކުގައި ތިބި އެހެން މީހުން ފަދައިން އޭނާވެސް ނިދޭތޯ ލޯމަރައިލިއެވެ. އަރްސަލާން ނާންނާނެކަން ކަނޑައެޅިގެން ޔަޤީންވާއިރުވެސް އިރުއިރުކޮޅާ ލޯ ހުޅުވާލައިފައި ބަލާލެވެއެވެ. އެގޮތުގައި ފަތިސް ވީ ފަހުން ތެދުވެ، ރޭވި ގޮތަށް ދަބަސް ހިފައިގެން ނިކުމެއްޖެއެވެ.
މެހެރީން ހެނދުނު ހޭލައިގެން ނިކުތްއިރު އަވި އަރައިފިއެވެ. ރޭ އެހާ ބޯކޮށް ވާރޭ ވެހިފައި މިއަދު ކުއްލިއަކަށް އަވި ދިއްލައިލާނެ ކަމަށް އޭނާ ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ. ނާޔަލް ނިކުމެގެން ދިއުމުން އެރުޅީގައި ނުވެސް ކައިގެން އޮވެގެން ނިދުމުން ހައިވެގެން ހުރީ ހަލާކުވާވަރުވެފައެވެ. އޭނާ ކާއެއްޗެހި ގެނުވައިގެން ނާސްތާ ކުރަން އިނދެފައި ގަޑި ބަލައިލަން ވެގެން ފޯނު ނެގިއިރު މާއިޝާގެ މެސެޖެއް އޮތެވެ. އަނގައިގައި އޮތް ޗިޕްސްކޮޅު ދިރުވާލައިފައި ޖޫސްތަށިން ކަރު ތެންމާލުމަށްފަހު އޭނާ މެސެޖް ކިޔަން ސޯފާގައި ހަމަޖެހިލީ ދިގު މެސެޖެއްވީމައެވެ. މެސެޖް ހުޅުވާލިއިރު މާއިޝާ ލިޔެފައި އޮތީ މިހެންނެވެ.
"އެހެން އެކަކަށް ނުވިސްނުނަސް މެހެރްއަށް ވިސްނޭނެކަމަށް އަހަރެން އުންމީދު ކުރަން. އަހަރެން މިގޮތަށް ކަންތައް މިކުރީ ހާސްފަހަރު ވިސްނާފައި. އަހަރެންނަށް އެނގޭ އެކަކުވެސް ނާޔަލްއާ އަހަރެން ވަކިވާން ގަބޫލެއް ނުވާނެކަން. އެކަމަކު އަހަރެންނަށް އެނގޭ އެއްޗަކީ ކިތަންމެ ދުވަހަކު އެކުގައި އުޅުނަސް އަހަރެންނަށް ނާޔަލްދެކެ ލޯބި ނުވެވޭނެކަން. އަހަރެންނަށް އުފާވެރިކަން އޮތީ ހަމައެކަނި އަރްސަލާންގެ ބައިވެރިއެއްގެ ގޮތުގައި ހުރެގެން. އެހެންވެ އަހަރެން މިދަނީ އަރްސަލާން ކައިރިއަށް. އަދި އަހަރެން ހުންނާނީ އުފަލުން. މެހެރް މަންމަމެނަށް ވިސްނައިދޭތި. އެމީހުން ކައިރީ ބުނެދޭތި އަހަރެން އަރްސަލާންދެކެ ލޯބިވާވަރު. އަހަންނަށް ޔަޤީން މަންމަމެނަށްވެސް އަހަރެންގެ އުފަލަކީ މީކަން ގަބޫލު ކުރެވުނު ދުވަހަކުން އަހަންނަށްޓަކައި އުފާކުރާނެކަން. ނާޔަލް ކައިރީ ބުނެދޭތި އަހަރެން ހޯދަން މަސައްކަތް ނުކުރުމަށް. އިރާދަކުރެއްވިއްޔާ ލަސްނުވެ އަހަރެން އޭނައާއި ބައްދަލު ކުރާނީ ކޯޓުން."
ލިއުންކޮޅު ކިޔާ ނިމުނުއިރު މެހެރީން ތެދުވެ ހުރީ ކޮޅަށެވެ. މާއިޝާ އަރްސަލާންދެކެ ކިތަންމެ ލޯބިވިއަސް އެގޮތަށް ކަންތައް ކޮށްފާނެ ކަމާމެދު އޭނާއަށް ކުޑަކޮށްވެސް ހިޔާލު ކުރެވިފައެއް ނެތެވެ.
******
ދޮރުފަތުގައި މީހަކު ޓަކި ޖަހަން ފެށުމުން އަރްސަލާންއަށް ސިހުމެއް ލިބުނެވެ. އޭނާ ބާރު ބާރަށް ގޮސް ދޮރު ކައިރިއަށް ހުއްޓިފައި ހުޅުވާލިއިރު މާއިޝާ ހުރީ ދަބަހެއް ކޮނޑުގައި އަޅުވާލައިގެންނެވެ. "ކިހިނެތް އަހަރެން އުޅޭތަން ހޯދީ؟" އަރްސަލާން ހައިރާންކަމާއެކު ސުވާލު ކޮށްލި ވަގުތު މާއިޝާ ހިނިތުންވެލިއެވެ. "އަރްސަލާން އަހަންނާމެދު ދެކެނީ ތިހާ ނާޤާބިލްކޮށް ކަން އެނގުނީމަ ކުޑަކޮށް ހިތަށް ތަދުވެއްޖެ" އޭނާ ކައިލީން ކުރިން ބުނެފައިވާ ތަންކޮޅެއް ނަކަލު ކޮށްލާފައި ޖަވާބު ދިނެވެ. އެއަށްފަހު އަރްސަލާން ހުއްދަ ނުދެނީސް އެތެރެއަށް ވަދެފައި ފަހަތުން ދޮރު ލައްޕާލައިފިއެވެ.