"އާޝީ ދިޔަ ޒަވީގެ ބައްޕަ ކައިރިއަށް. އަދި އޭނާ ބޭނުންވާ ގޮތްވެސް ހާމަ ކުރި. އެކަމަކު ޒުހައިރުގެ ފަރާތުން އާޝީ ބޭނުންވި ފަދަ ޖަވާބެއް ހޯދަން އެހާ ފަސޭހައެއް ނުވި. އެޖަވާބު ޒުހައިރުގެ ދުލުން ބޭރު ކުރުވަން އާޝީ ކުރި އަހަރެން ހިތަށްވެސް ނާރުވާފަދަ މޮޔަކަމެއް." ލައިލް ގޮސް ސޯފާގައި އިށީންދެފައި ވާހަކަދައްކަން ފެށިއެވެ. އެވަގުތު ޒަވީވެސް އަލުން އިށީންދެފައި ފޮތް މޭޒުމަތީ ބާއްވައިލަމުން ލައިލްގެ ވާހަކައަށް ސަމާލުވިއެވެ. "އާޝީ މަސައްކަތް ކުރީ އޭނާގެ ދެފައި ކަކުލާއި ހަމައިން ބުރިކޮށްލަން." ލައިލްގެ ޖަވާބު އަހާފައި ޒަވީއަށް ބާރު ބާރަށް ކީކޭހޭ އަހައިލެވުނެވެ. ކަންފަތަށް އިވުނު ވާހަކަ އާއިމެދު އޭނާއަށް އިތުބާރު ނުކުރެވުނީ އެވެ. އިންސާނަކު މަރމޭންއަކަށްޓަކައި އަމިއްލަ ދެފައި ޤުރުބާން ކުރަން މަސައްކަތް ކޮށްފާނެ ހެއްޔެވެ؟
"ތެދެއް މީ. އަހަންނަކަށް ނޭނގެ އޭނަގެ ހިތަށް އެހިޔާލު އައި ގޮތެއްވެސް. އަހަރެން އެރޭ އާޝީގެ އިންތިޒާރުގައި ހުއްޓާ އަހަރެންނާ ބައްދަލު ކުރަން ދިޔައީ ޒުހައިރު އަމިއްލައަށް. ޒުހައިރު ބުނީ އާޝީ ދެކަކުލުގައި ބޭސް އަޅައިގެން ނުހިނގިފައި އޮތް ވާހަކަ. ޒުހައިރު ނޫނެކޭ ބުނުމުން އާޝީ ހަމަ ކުއްލިއަކަށް ހުރެފަ ބުނި ކަމަށް ވަނީ އޭނައަށް ދެފައި ނެތް މަހްލޫޤަކާއި އެކު އުޅެވޭނެ ގޮތެއް ނެތިއްޔާ ޚުދު އޭނާގެ ދެފައިވެސް ބޭނުން ނުވާކަމަށް. ދެން ފެނުނީ ވަޅިން ދެފައި ބުރިކޮށްލަން އުޅުނުތަން. ޒުހައިރުއަށް އެ ބިރުވެރި މަންޒަރު ފެނިގެން އާއެކޭ ނުބުނެ އިތުރަށް ކެތް ނުވީ.މަސައްކަތް ފެށީ އެރޭ. ޒުހައިރު ވަކިވެގެން ދިޔައީ ދަންވަރު އަހަރެންނާއި ބައްދަލުކުރަން ވަޢުދުވެފައި. އޭނަ އެނބުރި އައީ ސާމާނު ހިފައިގެން. ޚުުދު އޭނާއަކަށްވެސް އޭރު ނޭނގެ މަސައްކަތް ކާމިޔާބު ވާނެކަމެއް. އެއީ ޒުހައިރުގެވެސް އެފަދަ ފުރަތަމަ ތަޖުރިބާ. ވާނެ ގޮތެއް ނޭނގުނަސް އޭނާ އެކަމާއި ކުރިމަތި ލީ އާޝީ އެދުނު ހަމައެކަނި އެދުމަށް ވީތީ." ލައިލްގެ ވާހަކަ އެހިސާބަށް ދިޔައިރު އޭނާގެ ލޮލަށް އެރޭގެ މަންޒަރު ސިފަވަމުން އައެވެ.
******
ފާލަން ކޮޅާއި ދިމާ ލޮނުގަނޑުތެރޭން ލައިލް ބޯ ހިއްލާލިއިރު އޭނާއަށް ފެނުނީ ދުރުން ފަސްގަނޑު މަތިން ހިނގާފައި އައި ޒުހައިރު އާއި އޭނާގެ ބައިވެރިޔާއެވެ. ފެންނަ ފެނުމަށް ޒުހައިރު އާއި އެއް އުމުރެއްގެ މީހެކެވެ. އެމީހުން އަތުގައި ހުރި ތިން ފެންހަމާއި އެކު އަދި ބަރު ފޮށިގަނޑެއް ހުއްޓެވެ. ލައިލް ބަލަން އޮވެފައި އެމީހުން ވެލިގަނޑު މަތީ އެތަކެތި ބަހައްޓައިގެން އެހިސާބަށް ހުއްޓުމުން އޭނާ ފިނާލައިފައި ގޮސް ތިލަ ހިސާބުގައި ބަލަން އޮތެވެ. ފެން ހަންތައް ބަހައްޓާފައި އެމީހުން އެތަނުން ހޭރިި ފަށުން ދަރު ހޮވައިގެން ގެނެސް އެތާގައި އަލިފާންގަނޑެއް ރޯ ކުރިއެވެ. ދެން ގޮނޑު ދޮށުން ފޮތިގަލުގެ ތިން ހަތަރު ގާބުރި ގެނެސް ފާޑަކު ރޮދިތަކެއް އޮޅާފައި ޒުހައިރުގެ ބައިވެރިޔާ އެތަކެތި ގެންގޮސް ފާލަންކޮޅަށް ލޮނުގަނޑު ތެރެއަށް ވައްޓާލި ހިސާބުން ލޮނުގަނޑު އާދަޔާ ޅިލާފަށް ހޫނުވާން ފެށިހެން ލައިލްއަށް ހީވިއެވެ. އޭނާ އަދިވެސް ބަލަން އޮތްވާ ޒުހައިރުމެންގެ ދެމީހުން ދެން ކުރަން ފެށި ކަމަކީ ފޮށިގަނޑުން ނެތި ތިން ބޯތައްޓަށް ތިން ހަމުން ފެން އަޅައި ތިން ބޮޅެއްގައި ބެހެއްޓީއެވެ. ފެނުގެ ވައްތަރު ފާހަގަ ކުރަން ނޫންކަމެއްވެސް ނޭނގެއެވެ. އެމީހުން ބޮޅުތައް ތަފާތު ވާނެހެން ކޮންމެ ބޮޅެއްގައި ވަކި ކުލައެއްގެ ފޮތިކޮޅެއް ބޭއްވިއެވެ. އެހިސާބުން ބައިވެރިޔާ އަލިފާންގަނޑު ކައިރީ ބައިންދާފައި އޭނާއަށް މުޚާތަބުކޮށް ޒުހައިރު ދެއްކި ވާހަކަ ކޮޅަކަށް ފަހު އޭނާ އިތުރު ގާކޮޅުތަކެއް ހޮވައި ކުރީ ފަހަރުހެން ރޮދި އޮޅާފައި އެއެއްޗެހި ގެންގޮސް އަލިފާންގަނޑަށް އަޅައިލުމުން އަލިފާންގަނޑު އަނދައިގަތީ އަޑު ކިޔާފައެވެ. ލައިލްގެ ހިތަށް ބިރުވެރިކަން ވަދެ އޭނާ ކުރިއަށްވުރެ ބޮޑަށް ލޮނުގަނޑު ތެރޭ ފޮރުވިގެން އޮތްވާ ޒުހައިރު އެތަނުން ތިން ބޯތަށި ހިފައިގެން ދެން އައީ ސީދާ އޭނާ އާއި ދިމާއަށެވެ. ތުންތަޅުވަން ފެށި ގޮތުން އެއްޗެއް ކިޔާހެން ހީވިއެއް ކަމަކު އެކިޔާ އެއްޗެއް ސާފެއް ނުވިއެވެ. ޒުހައިރު ދެބޯތަށި ތިރީގައި ބައިންދާފައި އަނެއް ބޯ ތަށި ހިފައިގެން މޫދަށް އެރެން ފެށުމުން ލައިލް ކުރާނެ ކަމެއް ނޭނގިފައި އޮތްވާ މަޑުން އޮތުމަށް އަމުރުކޮށްފައި އެބޯތަށީގައި ހުރިއްޔާ ހުރި ފެނެއް އޭނާގެ ބޮލަށް އަޅާލައިފިއެވެ. އެވަގުތު އޭނާގެ ހަށިގަނޑުން އާވި ނަގައިގަތުމާއެކު އަޑުގާ ނެތްތަނަށް ހަޅޭތްލަވައިގަނެވުނެވެ. ޒުހައިރު ފަރުވާތެރި ކަމާއެކު ބަލަން ހުރެފައި އަނެއް ދެ ބޯތަށިވެސް ގެނެސް ހަމަ އެގޮތަށް ކަންތައް ކޮށްފިއެވެ. އެކަމަކު ކުރީ ފަހަރުހެން ދިލައެއް ނުނަގައެވެ. ދެން ޒުހައިރު ފަހަތަށް ޖެހި ބަލަން ހުރެގެން ދިހައަކާއި ހަމައަށް ގުނާލާހައި އިރުކޮޅެއްގެ ތެރޭ ލައިލްގެ އުނަގަނޑުން ތިރިއަށް ތޫނު ތަދެއް ވާން ފަށައި އޭނާގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. އޭނާ އެވޭނަށް ކެތް ނުވެގެން ހަޅޭތްލަވަމުން ލޮނުގަނޑު ތެރޭ ތެޅިފޮޅެން ފެށުމުން މުޅި ހިސާބުގަނޑަށް ފޮނު އަރާލައިފައި ހުއްޓެވެ. ޒުހައިރު އޭރުވެސް ޝައުޤުވެރިވެފައި އެމަންޒަރު ބަލަން ހުރުމުން އޭނާ އެތަދު ހުއްޓުވާށޭ ކިޔައިގެންވެސް ހަޅޭތްލެވިއެވެ. ދުރުގައި އިން ޒުހައިރުގެ ބައިވެރިޔާ ދެލޯ ބޮޑުކޮށްގެން އެތަން ބަލަން ހުއްޓެވެ.
ފަނަރަ ވަރަކަށް މިނިޓް ވީ ފަހުން ލައިލް ވަރުބަލިވެގެން ތެޅުން ހުއްޓާލިއިރަށް ތަދުވެސް ފިލަން ފެށިހެން ހީވިއެވެ. އެވަގުތު އޭނާއަށް އިހްސާސްވީ ފިލަމުން ދިޔަ ތަދާއެކު އޭނާގެ ހަށިގަނޑުވެސް ލޮނުގަނޑު ތެރޭ އަޑިއަށް ދާން ފެށި ކަމެވެ. މައްޗަށް އަރަން ކުރި މަސައްކަތުން އެކަން ކާމިޔާބު ނުބުމުން ހައިރާންވެ އިތުރަށް ބިރުގަތެވެ. އިސާހިތަކު ފައިޖެހޭހާ ތިލަ މޫދަށް އޭނާ އަޑިއަށް ގޮސް ނޭވާ ހުސްވިއެވެ. ދެން ކުއްލިއަކަށް ޒުހައިރު އޭނާގެ ބޮލުގައި ހިފާ ލޮނުގަނޑުން ނެގުމާއެކު ފުންމައިގެން ތެދުވެފައި ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ދާދި ކައިރީގައި ހުރި ޒުހައިރުއަށްވުރެ އޭނާ އިސްކޮޅުން ދިގުކަން އިހްސާސްވީ އެވަގުތުއެވެ. ވިސްނާލެވުނު އިރު އޭނާއަށް މިހުރެވުނީ ކޮޅަށެވެ. ލައިލްއަށް އެވަގުތު ލޯބޮޑުކޮށްފައި ބަލައިލެވުނީ ޒުހައިރުއަށެވެ. ޒުހައިރު އެއްޗެއް ނުބުނެ އުފާވެރި ގޮތަކަށް ބޯ ޖަހާލުމުން އޭނާ އިސްޖަހާލައި ބަލައިލިއިރު ހަނދުވަރު އަލީގައި ސާފު ލޮނުގަނޑު ތެރޭން ފެންނަން ހުރީ އޭނާގެ ދެފައިތިލައެވެ. ލިބުނު އުފަލުގައި ހީގަތުމާއެކު ދުރުން އައި ރާޅާއެކު އޭނާއަށް ހަށިގަނޑު ހިފަހައްޓަން ނޭނގިގެން އަނެއްކާ ވެސް ޖެހުނީ ލޮނުގަނޑު ތެރެއަށެވެ. މިފަހަރު ހަމަޖެހުމާއެކު އަވަހަށް ތެދުވެފައި އަލަށް ހިނގަން ދަސްކުރާ ކުޑަ ކުއްޖަކުހެން ނިކަން ބަލައިގެން ފިޔަވަޅު އަޅަމުން ގޮސް ވެލިގަނޑު މައްޗަށް ހުއްޓެން އެނގުނެވެ.
"ދެން އަދި ކުރިއަށް އޮތީ ބޮޑު މަސައްކަތް. އެއީ ތިދެފައި ދާއިމީ އެއްޗަކަށް ހަދަން ކުރަން އޮތް މަސައްކަތް. އަދި އެއީ ކަލޭމެންގެ ކިބައިން އަހަރުމެންގެ އާއިލާ ސަލާމަތް ކުރަންވެސް ކުރަން ޖެހޭ ކަންތައް." ޒުހައިރު އެނބުރި ގޮސް އޭނާގެ ބައިވެރިޔާ ކައިރިއަށް ހުއްޓިފައި ބުނެލިއެވެ. ލައިލް އެއަޑު އިވިގެން ސިއްސައިގެން ގޮސް ބަލައިލާފައި އޭގެ މާނައަކީ ކޮބައިތޯ ބަލައިލުމުން ޒުހައިރު އިޝާރާތް ކުރީ މޫދަށެވެ. ލައިލް އެދިމާއަށް ބަލައިލުމުން އޭނާގެ ދެލޯ ބޮޑުވެ ފަހަތަށް ޖެހެވުނެވެ. ލޮނުގަނޑު ތެރެއިން އެއްގަމަށް އަރަން ފެށީ ހުސް އޭނާގެ ދަރިކޮޅުގެ މީހުންނެވެ. އެއިން ކޮންމެ މީހަކު ރާޅުޖަހާ ހިސާބަށް ނިގުލާއެކު ދެމެމުން އައިސް ފަސްގަނޑުގައި ޖެހޭއިރަށް ނިގޫ ދެފަޔަށް ބަދަލުވެގެން ކޮޅަށް ތެދުވެއެވެ. އަދި އެމީހުންތަކަށް ޒުހައިރު އާއި އޭނާގެ ބައިވެރިޔާ ފެނިގެން އަނގަ ފުޅާކޮށް ދެލޯ ދިއްލާފައި އަންނަން ފެށީ ދެއަތް ދިއްކުރަމުންނެވެ. އެވަގުތު ޒުހައިރު ހަމަޖެހިލާފައި ހުރެގެން ކައިރީ ހުރި އަލިފާންގަނޑުން ނެގި ދަރުބުރިއެއް ތިރީގައި ޖެއްސުމާއެކު ތިރީގައި އޮތް ގާތަކުގައި އަލިފާންގަނޑު ހުޅުފަޅާ އަނދައިގެންފައި ގޮސް އެމީހުންނާ ހަމަވުމާއެކު އެންމެން ހަޅޭތްފަޅޭތް ޖަހައިގެންފައި ގޮސް ޖެހިގެންނަން ފެށީ މޫދަށެވެ. ލައިލްއަށް އެތަން ފެނިގެން ބާރަށް ހަޅޭއްލަވައިގެންފައި އެދިމާއަށް ދާން އުޅުނު ވަގުތު އޭނާ ހުރި ތަނުގެ ވަށައިގެން ބޮޅެއްހެން ހަމަ އެގޮތަށް އަލިފާން ރޯވިއެވެ. ޒުހައިރު އެތަން ތައްޔާރު ކޮށްފައި ހުރީ ދެންމެ އައިހެއް ނޫނެވެ. އޭނާ ހުރީ މާކުރިއްސުރެ އެހުރިހާ ކަމަކަށް ތައްޔާރުވެފައެވެ.
"ލައިލް ހިތާމަ ނުކުރޭ. މީ ހަމަ އަހަރެން ލައިލްއާ އާޝީއަށްޓަކައި ކުރާ ކަމެއް. އެމީހުން ދުނިޔޭގައި ތިބެގެން ތިދެމީހުން އުފަލުގައި އުޅުނަކަ ނުދޭނެ. އެހެންވެ އަހަރެންގެ އާއިލާއަށްޓަކައިވެސް އަހަރެންނަށް މަޖުބޫރު މިކަން ކުރަން. މިއަދަށް ފަހު ދުނިޔޭގައި ހުންނާނީ ހަމައެކަނި ލައިލް. އަދި ލައިލްވެސް ހުންނާނީ އިންސާނެއްގެ ގޮތުގައި. ދެފައިން ހިނގާ އުޅޭ މީހެއްގެ ގޮތުގައި." ޒުހައިރު ރަހުމެއް ނެތް އަޑަކުން ވާހަކަދެއްކިއެވެ. އެވަގުތު ލައިލްއަށް އަނެއްކާވެސް ބަލައިލެވުނީ ހަޅޭތްލަވަމުން ދިޔަ އޭނާގެ ދަރިކޮޅުގެ މީހުންނަށެވެ. މޫދުން އެރުނު މީހުންނާއި މޫދުގައި ތިބި އެންމެންވެސް އޭނާއަށް ފެނުނީ މިނިޓްކޮޅެއް ތެރޭ ނޭވާ ހުސްވެ ފެންގަނޑު މައްޗަށް އަަރަން ފެށި ތަނެވެ. އޭރު ފާލަމާއި އަދި އޭގެ ދުރުން އުރަފަށާއި ހަމައިން ފެހިކުލައިގެ އައްޔަކުން ކަނޑުމަތި ރޮނގެއްހެން ދިއްލިފައި އޮތެވެ. ގޮތް ހުސްވެގެން އޭނާ ބަލަން ހުއްޓާ އޭނާގެ އާއިލާ ނިމިގެން އެދަނީ ލޯ ކުރިމަތީގައެވެ. އެވަގުތު އޭނާވެސް އެމީހުންނާއެކު ނިމިގެންދާން އެދިމާއަށް ދުއްވައިގަންނަން އެއްފަހަރު ސިކުނޑިއަށް އެރިއެވެ. އެކަމަކު އޭނާގެ ދެފަޔަށް ބާރު ނުލިބުނީ އާޝީ ހަނދާންވެފައެވެ. އާޝީ އޭނާއަށްޓަކައި އަމިއްލަ ދެފައި ޤުރުބާން ކުރަން ތައްޔާރު ވީއިރު އޭނާއަށް އަމިއްލަ އާއިލާއިން ޤުރުބާން ނުވެވޭނީ ކީއްވެ ހެއްޔެވެ؟ އޭނާ ދެން އަނބުރާ ހިނގައްޖެނަމަ އާޝީއަށް އެކަން އެނގިގެން ދުނިޔެއިން ނިމިގެން ހިނގައްޖެނަމަ އޭނާއަށް ދުވަހެއްގެ ކޮޅުންވެސް އަމިއްލަ ނަފްސަށް މަޢާފު ދެވިދާނެ ހެއްޔެވެ؟
ވިސްނަން ލައިލް ހުރިއިރު އެތައް ބަޔަކު އަދިވެސް މޫދުން އަރައިގެން ޒުހައިރުއާ ހަމަލާދޭން އައެވެ. އެމީހުންގެ ފުރާނަ ނެތިގެން ދިޔަޔަސް ދެވޭ ހަމަލާއަކުން ޒުހައިރުއަށް އަނިޔާއެއް ދޭން އެދިގެންނެވެ. އެކަމަކު އެއިން ކޮންމެ މީހަކުމެ ވަކި ހިސާބަކަށް އާދެވޭއިރަށް އަލިފާންގަނޑުގެ ހޫނާއި އޭގެ ވޭނަށް ކެތް ނުވެގެން ވެއްޓެނީއެވެ. ލައިލް ބަލަން ހުއްޓައި ފެންނަ އޮތް ހިސާބު އެކީ ފުރާނަ ނެތް މަސްގަނޑު ތަކުން ފުރުނެވެ. މަރުވެފައިވާ އެމީހުންގެ މަސްގަނޑުތައް ގޮނޑުދޮަށަށް ލައްގާފައި ހުރިއިރު ހީވަނީ ހަމަ އިންސާނުންތަކެއް ހެންނެވެ. ދިރުމެއް ހުރި އެކަކުވެސް ފެންނަން ނެތުމުން ޒުހައިރު އާއި އޭނާގެ ބައިވެރިޔާ ވެގެން އެމަސްގަނޑުތައް އެއްކޮށް ފުންޏަކަށް ޖަހާފައި ރޯކޮށްލީ އަނެއްކާވެސް ލައިލް ކުރިމަތީގައެވެ. އޭނާ އެމަންޒަރު ނުބަލަން ފުރަގަސްދީގެން ހުރީއެވެ.
*****
"އެރޭ އަހަރެން ޔަޤީންކޮށްގެން ހުރީ އަހަރެން މީ އަހަރެމެންގެ ފަހު މީހާކަމަށް. އާޝީގެ ދެފައި ރަނގަޅު ވުމުން ދެން އަހަރުމެން އައީ މާލެއަށް. އޭގެ ދުވަސްކޮޅެއް ފަހުން އަހަރެންނަށް އެނގުނީ އަހަރެންނަށް އައި ބަދަލަކީ އެދެފައި އެކަނިކަން. އަހަރެންގެ އެހެން ހުރިހާ ބާރެއް ހުރީ ހަމަ ކުރީގެ ގޮތަށް. އެހިސާބުން އަހަރެންނަށް ޝައްކުވި. އެއީ އިންސާނުންނަކީ އިތުރު ބާރެއް ނުހުންނަ ބަޔަކަށް ވީމަ. އަހަރެންގެ ޝައްކު ޔަޤީންނަށް ބަދަލުވީ އާޝީ ގޮވައިގެން މޫދަށް ދިޔަ ދުވަހެއްގައި." ލައިލްގެ ވާހަކަ ނިންމާފައި ތެދުވިއިރު ޒަވީ އަދިވެސް އިނީ ސުވާލު އުފެދިފައެވެ. "އެދުވަހު އަހަރެންނަށް އެނގުނީ އަހަރެންނަކީ އަދިވެސް މަރމޭންއެއް ކަން. ޒުހައިރުގެ މަސައްކަތުން އަހަރެންނަށް މިދެފައި ލިބުނީ ހިކި ފަސްތާގައި އުޅެން. އެކަމަކު ލޮނުގައި ޖެހުމުން އަހަރެންނަކީ ކުރީގެވެސް ލައިލް. އަދި ވާރޭ ފެނުގެ ތެމުމުން އަހަރެންނަށް އަހަރެންގެ ނަފްސް ކޮންޓްރޯލް ކުރަން ފަސޭހަ ވޭ. އިންސާނުންގެ މަހާއި ދުރުގައި އުޅެން ބާރު ލިބޭ. އެއީ އަހަރެން އިންސާނެއްގެ ގޮތުގައި މީހުންގެ ލޯމަތީ އުޅެން ބާރު ދޭ އެއްޗަކީ." ލައިލް އިތުރަށް އޮޅުންފިލުވައިދިނެވެ. އެހިސާބުން ޒަވީގެ ހިތުގައި އުފެދުނު ސުވާލަކީ އެރޭ އެންމެން ނިމިގެން ދިޔައިރު އަރްސަލާން އާއި ދެން ތިބި މީހުން ސަލާމަތްވީ ގޮތެވެ.
"އަހަރެންނަށް ހީވަނީ ބައްޕަމެންގެ ތެރެއިން މަދު ބަޔަަކަށް ވިސްނިގެން އެމީހުން އެހެން ފަރާތްތަކުން އެރޭ ރަށުތެރެއަށް އެރީހެން. އެމީހުން މަރުނުވެ ހުރި ހަމައެކަނި ސަބަބަކަށް ވާނީ އެގޮތް. އެއީ އެރޭ ކަނޑުގެ އުރަފަށާއި ރާޅުޖަހާ ހިސާބާއި ދެމެދު ޒުހައިރު ހަދާފައި ހުރި ވަރުގަދަ އެތިފަހަރުގެ ބާރުން ލޮނުގަނޑުގައި ތިބި އެންމެން ފިހިގެން މަރުވެގެން ދިޔައީ. އަހަރެންނަށް އެނގިފައި އޮތް ގޮތުން މިހާރުވެސް ކަނޑުގައި އަހަރުމެންނަަކަށް ނޫޅެވޭ." ލައިލް ޒަވީގެ ހިތުގައި އޮތް ސުވާލު ދެނެގަނެގެން އެވާހަކަވެސް ކިޔައިދިނެވެ.
ޒަވީ އަމިއްލަ ހިޔާލުގައި އިންދާ ލައިލް އެތެރެއަށް ވަދެފައި ނިކުތްއިރު ކުރިން ގެންގުޅުނު ކަހަލަ އިތުރު ފޮތެއް ގެނައެވެ. "އަހަރެން ބުނީ އެފޮތުގައި އާޝީ ލިޔެފައި އޮތް މިންވަރުގެ ވާހަކަ. މީ އަހަރެން ކިޔައިދިން ވާހަކަތަށް ފަހު އެނގެން ޖެހޭ ބައެއް ވީމަ ކުރިން މީގެ ވާހަކަ ނުބުނީ." ޒަވީ ސުވާލުކޮށްފާނެތީ ލައިލް ކުރީ ބައިގައި ކިޔައިދީފައި ފޮތް ދިއްކޮށްލުމުން ޒަވީ އޭގައި ހިފިއެވެ. ދެން އޮތީ އާޝީ ކޯމާއެއްގައި އޮންނަން ޖެހުނު ގޮތެވެ.
****
ޒަވީ އެނބުރި އައިސް ގެއަށް ވަންއިރު އަނީސާ އާއި ފައިސަލް ސިޓިންރޫމްގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ތިބީ ކަންބޮޑުވެފައެވެ. އޭނާ އެތެރެއަށް ވަދެ ސުވާލެއް ނުކުރެވި އުޅެނިކޮށް ޑްރައިވަރު ދުވެފައި އައިސް ކާރު ނެރެ ތައްޔާރުވި ވާހަކަ ބުންޏެވެ. "ޒަވީ އާދޭބަަލަ މައްޗަށް. މެހެރީން އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންދަން މިއުޅެނީ." ފައިސަލް ހާސްކަމާއެކު ވާހަކަދެއްކިއެވެ. އޭނާ ބާރު ބާރަށް ސިޑިއާ ދިމާއަށް ދާން ފެށުމުން އަނީސާ އާއި ޒަވީވެސް އެކުގައި ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން ޒަވީ މެހެރީން އަތްދަނޑި މައްޗަށް އުފުލާލައިގެން ތިރިއަށް ބޭލުވިއިރު ނާޔަލްވެސް އަސައެއްގެ އެހީގައި ކޮޓަރިން ނިކުމެގެން އައިސް މަތީގައި ބަލަން ހުއްޓެވެ. ގޭގައި އެންމެން ދުވެ ދުވެފައި އުޅެނިކޮށް ފެނިގެން އޭނާ ސުވާލު ކޮށްލުމުން މެހެރީންއަށް ވީ ގޮތް އެނގުނު ހިސާބުން އޭނާގެ ހިތް އެންމެ ހިނދު ކޮޅަކަށްވެސް މައިތިރިއެއް ނުވެއެވެ. އެންމެ ހިތުގާ ޖެހުނީ މެހެރީން އެހާލުގައި އޮތް އިރުވެސް އެހީތެރި ކަމުގެ އަތެއް ފޯރުކޮށް ނުދެވޭނެތީއެވެ. ޒަވީގެ ބަދަލުގައި މެހެރީން އަތުތެރެއަށް ލައިގެން ދާން ޖެހޭނެ މީހަކީ ޚުދު އޭނާ ކަމުގައި ހިތް ބުނެލީ ކީއްވެ ކަމެއް ނޭނގުނެވެ.