ޒަވިއަން އޭނާގެ އަނގަމަތީ އަތް އަޅާފައި އިތުރަށް ވާހަކަ ދެއްކިޔަ ނުދީ ހުއްޓުވިއެވެ. އިތުރަށް ނުދައްކާނަމޭ ބުނާ ފަދަ ގޮތަކަށް އޭނާ ބޯ ޖަހައިލުމުން ޒަވިއަން އަތް ތިރިކޮށްލާފައި ކުއްލިއަކަށް އޭނާ އަތްދަނޑި މައްޗަށް އުފުލާލައިފިއެވެ. މާއިޝާ ސިއްސައިގެން ދިޔަ ނަމަވެސް އަނގައިން އަޑު ބޭރުވިޔަ ނުދީ ދެތުންފަތް ޖައްސާ ބާރު ކޮށްލިއެވެ. ދެން ފެނުނީ ޒަވިއަން ފޭލި ގޭގެ ފޮތިގަނޑު ހިއްލާލައިފައި އޭނާ ގޮވައިގެން ނިކުމެ އެތާ އޮތް ގަސްތަކު ތެރެއަށް ވަންތަނެވެ.
"ޒަވިއަން! ކުޑަމިނުން އަހަރެން މިގެންދަނީ ކޮންތާކަށްކަން ބުނެދެވިދާނެތަ؟" ޒަވިއަންގެ އަތުތެރޭ ގިނައިރު އޮންނަން އުދަނގޫ ވެގެން މާއިޝާއަށް އަހައިލެވުނެވެ. އަނދިރީގެ ތެރޭގައި ހިޔަންޏެއްހެން ފެންނައިރުވެސް ރީތިކަމުން ޒަވިއަންއަށް އަންހެން ކުދިން ހިތް ކިޔާނެއެވެ. ޖެހިފިތިގެން އޮތްއިރު އެހަށިގަނޑުގެ ހޫނުކަން ހިއްސުތަކާއި ކުޅެލަން އުޅެފާނެތީ މާއިޝާ ޖެހިލުންވިއެވެ. ޒަވިއަން ޖަވާބު ނުދިނުމުން އަދި އިތުރަށް އުދަނގޫވިއެވެ. މިބައިމީހުންނަށް ވާހަކަ ދެއްކުން އެހާ ބޮޑު ކަމަކަށް ވަނީ ކީއްވެ ހެއްޔެވެ؟ ވާހަކަ ނުދައްކައި ދުނިޔޭގައި އުޅެވޭނެ ހެއްޔެވެ؟ މާއިޝާ އަނގައަށް ގޮތެއް ހަދައިިލިތަނާ ޒަވިއަން ކުއްލިއަކަށް ބަލައިލި ގޮތުން ހީވީ އޭނާގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ބަލައިިލި ހެންނެވެ. ވަގުތުން މާއިޝާގެ ކުލަ ބަދަލުވިއެވެ. އޭނާ ނޫންކަމަށް ހެދިފައި ލޯމަރައިލި ގޮތަށް މޫނު ޖެހީ ޒަވިއަންގެ ކޮނޑުގައެވެ. އިރުކޮޅެއް ފަހުން ކަންފަތުގައި ހަރުލީ އަނެއްކާވެސް ރާޅުގެ އަޑެވެ. މާއިޝާ ލޯ ހުޅުވައިލާފައި ބަލައިލަން ވާއިރަށް ޒަވިއަން އޭނާ ތިރީގައި ބެހެއްޓިއެވެ. ވަށައިގެން ހޯދާލިއިރު އެއީ ގޮނޑު ދޮށެވެ. އެކަމަކު ކުރިން އޭނާ އުޅުނު ސަރަހައްދެއް ނޫނެވެ. އެކަން އެނގެނީ ދުރު ދުރަށް ދާންދެން ފޭލިގެއެއް ފެންނަން ނެތީމައެވެ.
ވަޔާއެކު އައި އިސްތަށިކޮޅެއް މޫނަށް ނިވާ އެޅުމުން އެއިސްތަށިކޮޅު އެއްފަރާތް ކޮށްލާފައި ސުވާލު ކުރަން ބެލިއިރު ޒަވިއަންއެއް ނެތެވެ. މާއިޝާ ތެޅިގަނެފައި އެނބުރުނުއިރު ރާޅުޖަހާ ހިސާބުގައި އޮތީ އޭނާ އެރަށަށް އައި ބޮއްކުރައެވެ. ބަލާކަށް ނުހުރެ މާއިޝާ ދުވެފައި ގޮސް ބޮއްކުރައަށް އަރައި އިށީނުމާއެކު ބޮއްކުރާ ބޭރަށް ދާން ފެށީ އަމިއްލަ ޒާތުގައެވެ. "ޒަވިއަން!" މާއިޝާ ގުދުވެ ފެންގަނޑު ތެރެއަށް ބަލަން އޮވެގެން ގޮވާލިއެވެ. ދެވަނަ ސިކުންތުގައި ޒަވިއަން ކުއްލިއަކަށް ލޮނުގަނޑު ތެރޭން ބޯހިއްލައިލި ގޮތުން އޭނާ ސިއްސައިގެންގޮސް ފަހަތަށް ޖެހިގަނެވުނެވެ. ކުރީ ފަހަރުހެން އަނެއްކޮޅުން މޫދަށް ނުވެއްޓެނީސް ޒަވިއަން އޭނާ އަތުގައި ހިފާ ދަމައިގަތެވެ. އެކަމަކު އޭގެ ނަތީޖާއެއްގެ ގޮތުން އޭނާ އައިސް ޖެހުނީ އަނެއްކާވެސް ޒަވިއަންގެ ކައިރިއަށެވެ. މާއިޝާ ބިރުން ދެލޯ ތަގުޅި ކޮށްލައިގެން އޮވެފައި ހުޅުވާލިއިރު އޭނާއަށް ފެނުނީ ޒަވިއަންގެ ދެލޮލެވެ. އަދި އޭނާގެ ނޭފަތް ހުރީ ޒަވިއަންގެ ނޭފަތުގައި ޖެހިފައެވެ. މާއިޝާ އެވަގުތު ގުޑިނުލެވިފައި ލޯބޮޑުކޮށްގެން އޮތްވާ މޫނު ދުރުކޮށްލީ ޒަވިއަންއެވެ.
"މިފަޅުން ނިކުތުމަށްފަހު މާއިޝާގެ ސަލާމަތް އޮތީ އަމިއްލަ އަތުގައި." ޒަވިއަން ކުއްލިއަކަށް އިއްވައިލިއެވެ. "ވަޓް؟....." ތެދުވެ އިށީންދެފައި ޒަވިއަންގެ ޖުމްލަ އިވިގެން މާއިޝާއަށް ބާރުބާރަށް އަހައިލެވުނެވެ. "އަހަރެންނަށް މާއިޝާއަށް ވެދެވެން އޮތް އެންމެ ބޮޑު އެހީއަކީ މިފަޅުން ބޭރުކޮށް ދިނުން. އެހިސާބުން ދެން އަހަރެންގެ ދަރިފަސްކޮޅުގެ އެއްވެސް ބާރެއް މާއިޝާއަކަށް ނުފޯރާނެ. މީގެ އަހަރުތަކެއް ކުރިން ހިނގި ހާދިސާއަށްފަހު އަހަރެމެން އުޅެނީ ހަމައެކަނި ފަޅުގައި، ކަނޑަށް ވަނުމުގެ ހުއްދައެއް އަދި ބާރެއްވެސް އަހަރެމެންގެ ނެތް. މާފުކުރޭ އެކަމަކު އަހަރެންނަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ މީ." ޒަވިއަން އިތުރަށް ތަފްޞީލު ކޮށްލައިދިނެވެ. އެކަމަކު މާއިޝާއަށް އެވާހަކަ މާ ހަމަޖެހޭ އެއްޗަކަށް ނުވިއެވެ. އެއީ ހަޤީޤަތް ކަމުގައި ވަންޏާ ޒަވިއަން މާލެއިން އޭނާ މިރަށަށް ގެނައީ ކިހިނެތް ހެއްޔެވެ؟ އަދި ކައިލީންއާ އަރްސަލާން ގަމުން މާލެއަށް ފޯރީ ކޮން ގޮތަކުން ހެއްޔެވެ؟
"ކަނޑާއި ހަމައިން ދެން އަހަރުމެންވެސް ބޭނުން ކުރަނީ އެހެން އިންސާނުންވެސް ބޭނުން ކުރާ ވަސީލަތްތައް." ޒަވިއަން މިފަހަރުވެސް މާއިޝާ ނުބުނަނީސް ސުވާލަށް ޖަވާބު ދިނެވެ. ޒަވިއަންއަށް އޭނާގެ ހިތުގެ އަޑު އިވޭކަން މާއިޝާއަށް ޔަޤީންވީ އެހިސާބުންނެވެ. "ދެން އެހެންވިއްޔާ ކުރިން ތިބުނި ވާހަކަ އަދިވެސް ހަމައެއް ނުޖެހެއެއްނު. ޒަވިއަން އަހަރެން ގެންނަން މާލެ ދިޔަ ގޮތަށް އަހަރެން މިބޮއްކުރާގަނޑުގައި އިންދާ އެމީހުން ބޯޓެއްގައި އަހަރެން ފަހަތުން އަތުވެދާނެއެއްނު." މާއިޝާ ހާސްކަމާއެކު ރަށާއި ދިމާއަށް ބަލައިލަމުން ރައްދު ދިނެވެ. އެކަމަކު ޒަވިއަން މޫނަށް އެވާހަކައިން ބަދަލެއް ނާދެއެވެ. އޭނާ ހަމަޖެހިލައިގެން އޮވެ ބޮއްކުރާ ކަނޑާއި ދިމާއަށް ޖަހަމުން ކުރިއަށް ދިޔައެވެ. މާއިޝާ ބަަލަން އިނދެލައިފައި ކުނބުގައި ބޯ ޖައްސާލައިގެން ދިގު ދިގަށް އޮށޯވެ ހަމަޖެހިލިއެވެ. އޭރު ވައިރޯޅިތައް އޭނާގެ މޫނާއި ހަށިގަނޑުގައި ބީހެމުން އުފާ ހޯދައިދެމުން ދިޔައެވެ. ހިމޭނުން އޮތްއިރު އޭނާއަށް އަދިވެސް ސުވާލަކަށް ވީ އެރަށުން ބޭރުވާން މިހާ ފަސޭހަ ވީ ގޮތެވެ. ޒަވިއަން ކުރިން ބުނި ގޮތުން ވިއްޔާ އޭނާ ރައްކާތެރި ކުރަން އެރަށުގައި އުޅޭ ހުރިހާ މީހުންނަށް އޮތީ އަމުރު ނެރެފައެވެ. އަދި އާރާ އާއި ކަސިއަސްވެސް އެރަށުގައި އުޅެނިކޮށް އެއިން މީހަކަށް ޝައްކެއްވެސް ނުވެ އޭނާ ގޮވައިގެން ޒަވިއަން މިހާ ހިސާބަށް އައީ ކިހިނެތް ހެއްޔެވެ؟ މާއިޝާ އަމިއްލައަށް ވިސްނަން އޮވެފައި ސުވާލު ކުރަން ވެގެން މޫނު އަނބުރާލުމުން ޒަވިއަން ބަަލަން އޮތް ގޮތުން ދުލާއި ހަމައަށް ގެނައުމުގެ ބޭނުމެއް ނެތްކަން އެނގުނެވެ.
"މާއިޝާ ތީ އެންމެ ފުރަތަމަ އަހަރެންގެ ޒިންމާއެއް. އަހަރެންގެ އަތްދަށުން ވީއްލިގެން ނޫނީ އެހެން މީހުންގެ ބާރެއް އަދި ވިސްނުމެއްވެސް މާއިޝާއާ ހަމައަކަށް ނުފޯރާނެ. މާއިޝާއާމެދު އެމީހުން އަހަރެންނަށް އިތުބާރު ކުރޭ." ޒަވިއަން ބަަލަން އޮވެފައި ޖަވާބުދިނެވެ. އެވަގުތު މާއިޝާއަށް ޤަބޫލު ކުރަން ދަތިވެފައި ބަލަން އޮވެވުނެވެ. އެހުރިހާ މީޙުންގެ އިތުބާރުގައި ކޮޅުފައިން ޖަހާފައި ޒަވިއަން އޭނާ ސަލާމަތަށް އެދުނު ސަބަބާމެދު އޭނާގެ ހިތް ބޭކަރާރުވިއެވެ. އަނބުރާ ދިއުމަށްފަހު ޒަވިއަންގެ ކެހިވެރިކަން އެނގުމުން އެރަށުން އޭނާއަށް ބައްދަލުވާނެ ކަންތައްތައް އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ. "ޒަވިއަން ކީއްވެ އަހަރެން ތި އެހީވެދެނީ؟ އެމީހުންނަށް އެނގުނީމަ ޒަވިއަންއަށް އޮންނާނީ ދެން ކޮން އަދަބެއް؟" މާއިޝާ ކެތްމަދުވެފައި އެހިއެވެ. ޒަވިއަން އެވަގުތު ޖަވާބެއް ނުދީ ލޮނުގަނޑު ތެރެއަށް ދެމިގަތުމުން އޭނާ ބަލައިލިއިރު އަޑިން ގުރާފެހި ކުލައިން ދިއްލިފައި އޮތް ރޮގެއް ފާހަގަވާން އޮތެވެ. ޒަވިއަން ބުނިހެން މަރމޭންއެއްގެ ގޮތުގައި އޭނާއަށް އުޅެވޭނެ ހިސާބު ވަކިކޮށްދޭ ހިސާބަކީ އެއީ ކަންނޭނގެއެވެ. ބަލަ ބަލާ އިންދާ އެރޮނގަށްވުރެ ބޮއްކުރާ ބިތްދޮަށަށް އައުމުން ކުރިމަތިން ފެންނަން އޮތް ރަށްވެސް ދުންފިނީގެ ތެރެއަށް ވަންހަނާ ވެގެން ހިނގައްޖެއެވެ.
ބިރުވެރިކަން މާއިޝާގެ ހިތް ވަށައިލީ އެހިސާބުންނެވެ. ކުޑަ ކުޑަ ބޮއްކުރާ ގަނޑެއްގައި ކޮން ހިސާބެއްކަން ނޭނގޭ މާކަނޑުގައި އޭނާ އިނީ އެކަނިކަން ހަނދާންވީ ދެނެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނޭގޭއިރު ކަންފަތުގައި ޖެހޭ ވަޔާއި ކަނޑުގެ ރާޅުގެ އަޑު ނޫނީ ނެތެވެ. އަދި ކުރިއަށް އޮތް ފަސް ވަރަކަށް މިނިޓް ތެރޭވެސް އަންނަ ބޮޑު ރާޅަކާއެކު ބޮއްކުރާ ބަންޑުން ޖަހާލައިފިނަމަ އެހިސާބުން އޭނާގެ ދިރިއުޅުމުގައި ސިއްކަ ޖެހުނީއެވެ. ނުބައި ހިޔާލުތަކުން ހިތަށް އަސަރު ކުރިވަރުން މާއިޝާއަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ލޮލުން ކަރުނަ ފައިބަން ފެށުމާއެކު އިސާހިތަކު ބާރަށް ރޮވިއްޖެއެވެ.
"މާއިޝާ...!" އިރުކޮޅަކުން މާއިޝާގެ ކަންފަތުގައި ހަރުލީ އަނެއްކާވެސް ޒަވިއަންގެ އަޑެވެ. އެވަގުތު އޭނާގެ ރުއިން މެދުކެނޑިއްޖެއެވެ. މޫނުން ދެއަތް ނަގާފައި އޭނާ ވަށައިގެން ހޯދައިލި ނަމަވެސް އަނދިރީގެ ތެރެއިން އެއްޗެއް ފާހަގައެއް ނުވިއެވެ. ޒަވިއަން ގޮވައިލި އަޑު އިވުނީ އަނެއްކާވެސް އެވަގުތުއެވެ. "މާއިޝާ. ހިތްވަރު ކުރޭ. ހިތްވަރުކޮށްގެން ނޫނީ މާއިޝާއަށް ސަލާމަތެއް ނެތް." ޒަވިއަންގެ ވާހަކަ އޭނާގެ ކަންފަތުގައި ހަރުލީ ފުރަގަހުގައި ހުރެ ބުނެލުމުން އިވޭހާ ސާފުކޮށެވެ. "ޒަވިއަން ކޮންތާކު ތިހުރީ؟" ރޮވިފައިވާ އަޑަކުން މާއިޝާ އަހައިލިއެވެ. "އަހަރެން މިހުރީ އަހަރެން ހުންނަންވީ ތާނގައި. މާފުކުރޭ. އެކަމަކު އަހަރެން ކުރިން ބުނިހެން އަހަރެންނަށް އިތުރަށް ކުރިއަކަށް ނުދެވޭނެ." ޒަވިއަންގެ ޖަވާބު އައުމުން މާއިޝާ ލޮލުން ކަރުނަތައް އޮހިގަތް ނަމަވެސް އިތުރަށް އަޑު ބޭރުވިއަ ނުދޭން އަނގަމަތީ އަތް އަޅައި ބާރުކޮށްލިއެވެ. ޒަވިއަން އިތުރަށް ބުނާ ކޮންމެ ވާހަކައެއް އެހުމަށްޓަކައި އޭނާ ކަންފަތް ކޮަޅަށް ޖަހައިލިއެވެ.
"އަހަރެން މާއިޝާ ސަލާމަތް ކޮށްދޭން ނިންމީ އަރްސަލާންއަށްޓަކައި މާއިޝާގެ ހިތުގައި އޮތް ލޯބި ފެނިފައި. އިންސާނަކަށްވެ ހުރެ އަހަރެން ކަހަލަ މަހުލޫޤެއް ދެކެ ލޯބިވުމުގެ ހިތްވަރު މާއިޝާގެ ފުށުން ފެނިފައި އަހަރެން އެހީވާން ނިންމީ. އަހަރެން މުޅި އުމުރު އަހަރެން މިއުޅުނީ މިރަށުގައި. މިހާރު ކަސިއަސްއާ އެހެން ބައިވެރިންނަށް ފުރަތަމަ ފަހަރަށް އަލުން އެނބުރި ދިއުމަށް މަގެއް ފެނިގެން މަސައްކަތް ފެށިއަސް ކުރިއަށް ވާނެ ގޮތެއް އަދިވެސް އެނގެނީއެއް ނޫން. އެނބުރި ދެވޭނެ ކަމާމެދު ޔަޤީން ކަމެއް ނެތް. އަހަރެމެން ނިމިގެން ދާނީ މިރަށުގައި ހުރެ ނޫންކަމެއްވެސް ނޭނގެ. އެހެންވެ އަހަރެން ހިތާމައެއް ނުކުރަން އަހަރެންގެ މި ނިންމުމާ މެދަކުއެއް. އެނބުރިދާ ހިސާބުން އެމީހުން ބޭނުން ކޮންމެ އަދަބެއް އަހަރެން ހިތުން ރުހުމުން ލިބިގަންނާނަން. އެއީ މަރު ކަމުގައިވިއަސް. އޭގެ ބަދަލުގައި އަހަރެން އުފާކުރާނަން އަހަރެން ނިމި ދިއުމުގެ ކުރިން އަހަރެންނަށް މާއިޝާއާއި އަރްސަލާންއަށް ވެވުނު އެހީއާމެދު. އެކަމަކު މާއިޝާ އަހަރެންގެ މި މަސައްކަތުގެ އަގު އަދާކޮށްދޭން ވާނެ. މާއިޝާ ވާނެ އަމިއްލަ ސަލާމަތް ހޯދަން. މާއިޝާ ޖެހޭނެ އަރްސަލާންއާ ގުޅިގެން އުފާވެރި ހަޔާތެއް އުޅެން." ޒަވިއަންގެ ވާހަކަ ނިމި ހިމޭންކަން ފެތުރިފައި ހުންނަތާ މިނިޓެއްހާއިރު ފާއިތުވެ ދިއުމުން މާއިޝާއަށް އަނެއްކާވެސް ރޮވުނެވެ. އެކަމަކު އެގޮތުގައި ގިނައިރު ނުވަނީސް އޭނާ މިފަހަރު އެކަރުނަތައް ހުއްޓުވީ އަމިއްލައަށެވެ. ދެތުންފަތް ޖައްސާ ބާރުކޮށްލުމާއެކު ދެލޯ ފުހެލާފައި ގަދަކަމުން ހިނިތުންވެލިއެވެ. ޒަވިއަންގެ ޤުރުބާނީ އޭނާ ހުހަށް ދިޔަކަ ނުދޭނެއެވެ. އޭނާ ޖެހޭނީ ހިތްވަރު ގަދަވާށެވެ. އެކަމަކު ސަލާމަތް އެއީ އެހެން އިނދެގެން ލިބޭނެ އެއްޗެއް ނޫނެވެ.
ވިސްނައިލާފައި އެއްފަރާތުން ލޮނުގަނޑު ތެރެއަށް އަތްކޮށްޕާލައިގެން ބޮއްކުރާ ކުރިއަށް ޖަހަން އޮވެފައި އެއްލި ކަޅިއަކުން މަޅުތައް ދަށުގައި ފެންނަން އޮތް ފަލި އޭނާގެ ލޮލުގައި އަޅައިގަތެވެ. އަވަހަށް އެފަލި ނަގާފައި ދެން ބަލައިލީ ދުރު ދުރަށް ދާންދެން ރަށެއް ފެނޭތޯއެވެ. އޭނާ ފަރާތް ފަރާތް ހޯދަން އިންދާ އިރުކޮޅަކުން ލޮނުގަނޑު ރިހިކުރީ ހަނދުވަރުގެ އައްޔެވެ. ހައިރާންވެގެން މަތި ބަލައިލިއިރު މެދު އުޑުގައި ރަނިކަން ކުރަން ހަނދު ހުއްޓެވެ.
****
ފޯނު އަލީގައި ލައިލް ފެންނަން ހުރިއިރު ކުރިން ދެކޭ މޫނަކާއި ވައްތަރުހެން ޒަވީއަށް ހީވިއެވެ. ދިގު އިސްކޮޅާއި އެކަށީގެންވާ ވަރުގަދަ ހަށިގަނޑެކެވެ. ތުނިކޮށް ކޮށާފައި އޮތް އިސްތަށިގަނޑާއި ފްރެންޗް ތުނބުޅިއެކެވެ. ލައިގެން ހުރީ އަތްދިގު ހުދު ގަމީހަކާއި ނޫ ޖިންސެކެވެ. ލޮލުގައި ނަންބަރ އައިނު އޮތް އިރު ކަޅިވެސް ހުރީ ރާއްޖޭގައި އެންމެ ގިނަ މީހުން ހުންނަ ގޮތަށް ކަޅު ކުލައިގައެވެ. ބަލާ ބެލުމަށް އާދައިގެ އިންސާނުންނާއި ލައިލް ތަފާތު ވަނީ މީނި ސިފައެކޭ ބުނެވޭނެ އާދަޔާ ޚިލާފު އެއްވެސް ކަމެއް ނެތެވެ.
"ލައިލް؟" ޒަވީ ސުވާލު އުފެދިފައި ހުރެގެން އަހައިިލިއެވެ. "ހޫމ." ލައިލް ހުރީ ކަޅި ޖަހާނުލާ ބަލާށެވެ. އެކަމަކު ޒަވީއަށް އަދިވެސް ޔަޤީނެއް ނުވިއެވެ. "ކިހިނެތް މިތަނަށް އަންނަން އެނގުނީ؟" ޒަވީ އެނދުގައި އިށީންދެފައި އިތުރަށް އަހައިލިއެވެ. އެވަގުތު ލައިލް ހިނިތުންވުމެއް ދައްކާލައިފައި ޖީބަށް އަތް ޖަހާލި ގޮތަށް ގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. "ޒަވީ އަހަރެން ހޯދަން ދިޔައީ ކޮން ބޭނުމަކުތޯ ބަލަން މިއައީ." ލައިލްގެ ޖަވާބު އަހާފައި ޒަވީއަށް ތެޅިގަނެވުނެވެ. "އަހަރެން ގޮވިއަޑު އިވުނުތަ؟ އެހެންވިއްޔާ ކީއްވެ އަހަރެން ފެންނަ ހިސާބަށް ނައީ؟" ޒަވީ ސުވާލުކޮށްލުމުން ލައިލް އެނބުރި ބަލައިލާފައި ޖަވާބު ދިނީ އަރްސަލާން ކައިރީގައި ހުރީމައި ކަމަށެވެ. ލައިލް އެއީ އަރްސަލާން ކިޔައިދިން ލައިލްކަން ޔަޤީންވި ހިސާބުން ޒަވީގެ ނިއްކުރިން ދާ ހިއްލައިލިއެވެ. އެކަމަކު އޭނާ ޖެހިލުންވިކަން އަންގާކަށް ބޭނުމެއް ނުވިއެވެ. "ކިހިނެތް އަހަރެންގެ ބައްޕަ ދަންނަނީ؟" އަރްސަލާން ދެއްކި ވާހަކަތައް އެއީ ތެދެއްތޯ ބަަލަން ޒަވީ ނިންމިއެވެ. "އެއީ އަހަރެންގެ ސާހިބާ. ޒުހައިރުއަށްފަހު އަހަރެން ކިޔަމަން އަދާ ކުރަން ޖެހޭ މީހަކީ މިހާރު ތީ." އެވަގުތު ލައިލް ދިން ޖަވާބުން ޒަވީގެ ހައިރާންކަން އިތުރުވިއެވެ. ހިތްވެސް ތެޅިގަތީ ނިކަން ބާރަށެވެ. އަރްސަލާންގެ ވާހަކަތައް ތެދުވާތަން ފެނުމުން އޭނާ އަމިއްލަ ނަފްސްދެކެވެސް ޖެހިލުން ވާގޮތްވިއެވެ.
"އެހެންވިއްޔާ އަހަރެންގެ ބަނޑުގައި ލަކުނެއް ހުންނަކަން އެނގޭތަ؟" ޒަވީ ފިނިވެފައި ދެއަތުން އެނދުގައި ބާރަށް ހިފަހައްޓާލައިގެން އިނދެ ވާހަކަދެއްކިއެވެ. ލައިލް ޖަވާބު ދޭން އުޅުމުން އޭނާއަށް ނޭވާވެސް ހިފަހައްޓާލެވުނެވެ. "ލަކުނެއް ނޫން. އެއީ ޒަވީގެ މަރު." ލައިލް ޖަވާބު ދިނީވެސް އެންމެ ޖެހިލުންވާ ގޮތަށެވެ. "ކޮބާ ތީގެ މާނައަކީ؟" ސުވާލު ކުރި އިރު ޒަވީގެ އަޑަށްވެސް ބަދަލު އަތުވެއްޖެއެވެ. އޭނާގެ ނިއްކުރިން އިތުރަށް ދާތިކިތައް ވިދަން ފަށައިފިއެވެ. "ޒަވީގެ ރައްކާތެރިކަން ގުޅިފައި ވަނީ އަހަރެންނާ. އަހަރެން މިދުނިޔެ ދޫކޮށްފިނަމަ ޒަވީގެ މައްޗަށް އޮތް އަހަރެންގެ ހިމާޔަތުގެ އަތް ނެތުނީ. އެހިސާބުން ދެން އެކަކަށްވެސް ޒަވީ ސަލާމަތެއް ނުކުރެވޭނެ." ލައިލް ކިޔައިދިނެވެ. "ދެން އެހެންވިއްޔާ އަހަރެން ކިހިނެތް ހަދަންވީ؟" ހާސްވެގެން ޒަވީއަށް ބުނެލެވުނެވެ. އަރްސަލާންގެ މަޤްސަދާމެދުވެސް ވިސްނާލަން އޭނާއަށް އެނގުނީ އަދި ކިރިޔާއެވެ. މާއިޝާގެ ސަލަމަތާއި ގުޅިގެންނޭ ބުނެ އަރްސަލާން އެކުރާ ކަމަކުން ލައިލްއަށް ގެއްލުމެއް ވެއްޖެއްޔާ އެހިސާބުން އޭނާގެ ހަޔާތުގައިވެސް ނިމުމުގެ ސިއްކަ ޖެހުނީއެވެ. ކޮންމެ ގޮތެއް ވިއަސް ދެބެންގެ ދެދަރި ކުއްޖަކަށްވުރެ އަމިއްލަ ފުރާނަ އިސްވާނެއެވެ. ލައިލް ޖަވާބެއް ނުދިނުމުން ޒަވީ ބަލައިލިއިރު ތުންފަތުގައި ކުޅެލާ ކުޅެލާ ހުރީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނާގެ ހިތް އިތުރަށް ބިރުގަންނަވާލީ އެހިނިތުންވުމެވެ. ލައިލް އޭނާ ކައިރިން އެދޭނީ ކޮންފަދަ ކަމެއް ކަމެއް ލަފާކޮށްލާކަށް ނޭނގެއެވެ. އަދި ލައިލްގެ އެއްވެސް އެދުމަކާ އޭނާއަށް ދެކޮޅެއް ނުހެދޭނެއެވެ.
އިއްޔެ މެހެރީން ދިން ޖަވާބަށްފަހު ނާޔަލް އޮތީ ހެނދުނު ނުވެގެންނެވެ. އިތުރު ސަބަބަކާއި ލައިގެންނޭ ކިޔާފައި މެހެރީން ނިކުމެގެން ދިޔައީ އޭނާއަށް އެސަބަބު އިއްވަން އަދި ބޭނުން ނުވާކަށް ބުނެފައެވެ. އެހެން ހެދުމުން މުޅި ރޭ އޭނާ އޮތީ މެހެރީން ކައިރިން އެކަން އޮޅުން ފިލުވާހިތުން ކެތްމަދުވެފައެވެ. ފޯނަށްވެސް ގުޅިއެވެ. އެކަމަކު މެހެރީން ފޯން ނިއްވާލައިގެން އޮތުމުން ކުރެވޭނެ އޮންނާނެ ހެއްޔެވެ؟ ހެނދުނު ސައި ހިފައިގެން އައުމުން އޭނާ ކުޑަކޮށްވެސް ޖެހިލުންނުވެ އާފިޔާ ކައިރީ އެދުނީ މެހެރީން އޭނާ ކައިރިއަށް ފޮނުވުމަށެވެ. ދެން އިންތިޒާރު ކުރަން ފެށީ މެހެރީން އައިސް އެކޮޓަރިއަށް ވަންނާނެ ވަގުތަކަށެވެ.
"ވަދޭ!" ގިނައިރެއް ނުވެ ދޮރުފަތުގައި ޓަކި ޖަހާލި އަޑަށް ނާޔަލް ގޮވާލިއެވެ. އޭނާ ބަަލަން އިންދާ މެހެރީން ވަންތަން ފެނިގެން ހިތް ތެޅިލިއެވެ. ގަޔަށް ދޫ ޓީޝާޓް ކޮޅަކާއި ސޯޓެއްގައިވެސް މެހެރީން ފުރިހަމައެވެ. ފެނުގެ އަސަރު ހުރި އިސްތަށިގަނޑު އެއްފަރާތުން ގެނެސް ކުރިމައްޗަށް ވައްޓާލައިގެން އެއްއަތުން ކުޅެމުން އައިސް ކައިރިއަށް ހުއްޓުމުން މީރު ވަހުން ހިތް ފުރިގެން ބަންޑުންވިއެވެ. "ވަޓް؟" ނާޔަލް ޖަވާބެއް ނުދީ ބަލަން އިނުމުން މެހެރީން ބާރަށް އަހާލި ގޮތުން ސިހިފައި އިސްޖަހައިލިއެވެ.
"އަހަރެން ބޭނުން މެހެރް އިއްޔެ ބުނި ސަބަބު އެނގެން. އަހަރެންނަށް ރޭގަ ނުވެސް ނިދުނު." ނާޔަލް އިތުރަށް އޮޅުވާލަން ނުހަދައި އިއްވައިލިއެވެ. މެހެރީންއަށް ވީ ގޮތަކީ ބުނާނެ އެއްޗެއް ނޭނގިގެން ބަލަން ހުރެވުނީއެވެ. ނާޔަލްއަށް އޭނާގެ ކަމަކާއި ގުޅިގެން ނިދި ނައި މީ ފުރަތަމަ ފަހަރެވެ. އަދި އެއީވެސް އޭނާގެ ކައިވެންޏާ ހެދިއެވެ."އައެމް ލެޓިން ޔޫ ގޯ." މެހެރީން އިސްތަށިގަނޑު އަނެއްފަރާތަށް ވައްޓާލުމަށްފަހު ފަރުވާ ކުޑަގޮތަކަށް ދުރު ބަލާލަމުން އިއްވާލިއެވެ. އެއަޑު އަހައިގެން ނާޔަލް އަނެއްކާ އެމޫނަށް ބަލަން ފެށިއެވެ. މެހެރީން އިތުރަށް ތަފްޞީލް ކޮށްދޭން ފެށިއިރު އަދިވެސް ހުރީ ދުރު ބަލާށެވެ. "އަހަރެންނަށް އަބަދުވެސް އެނގޭ ކޮންމެވެސް ހިސާބަކުން ނާޔަލް ހަނދާން ނައްތާލައިފަ އެހެން މީހަކާ ގުޅެން ޖެހޭނެ ކަން. އަދި އެވަގުތަކީ މީ. މިހާރު. އެއީ އަހަރެން މިކަން ކުރަން އުޅޭ އަނެއް ސަބަބަކީ." މެހެރީން ޖަވާބު ދީފައި ގިނައިރު މަޑުނުކުރަން ވެގެން ދިޔައިރު ނާޔަލް އިނީ ބަސްހުސްވެފައިވާ މީހަކު ފަދައިން ކަޅި ޖަހާނުލާ ބަލާށެވެ. މެހެރީންގެ ޖަވާބު އިވުމަށްފަހު އަދިވެސް އޭނާގެ ނިންމުން ބަދަލު ކުރުވަން ހިތް އެދުނީ ކީއްވެ ކަމެއް ނޭނގެއެވެ. އެވަގުތު މެހެރީން ގޮސް ދޮރާއި ހަމައިން ހުއްޓުނުތަން ފެނިގެން އޭނާ ސަމާލުވިއެވެ. ހީވާގޮތުން މެހެރީން އަދިވެސް އިތުރު ވާހަކައެއް ބުނަން ބޭނުން ވަނީއެވެ.
"އެން ޕްލީޒް ދުވަހަކުވެސް ހިތަށް ނާރުވާތި އަހަރެން ގިވް އަޕްކުރީއޭ. އަހަރެން ހަޤީޤަތް އެކްސެޕްޓް ކުރީ. ހަޤީޤަތަކީ ދުނިޔޭގައި ނުވާނެ ކިތަންމެ ކަމެއް ހުންނާނެކަން. އެތަނުން އެއް ކަންތައް އެއީ އަހަރެންނާ ނާޔަލް ގުޅުން." މެހެރީން ދެވަނަ ފަހަރަށް ވާހަކަދެއްކިއިރު އަޑު ދިޔައީ ކުރެހިގެންނެވެ. ނާޔަލްއަށް އެކަން ފާހަގަ ވެގެން ގޮވައިލަން ބޭނުންވެފައި އިންދާ މެހެރީން މިފަހަރުވެސް ދޮރު ހުުޅުވާލައިފައި ނިކުމެގެން ދިޔައީއެވެ. ތުންފަތުގައި ދަތް އަޅާލުމާއެކު ނާޔަލްއަށް މުށްކަވާފައި މޭގައި މަޑުމަޑުން ދެފަހަރަކު ޖަހާލެވުނެވެ. އަޖައިބެއްފަދަ އުދާސްކަމެއް ލިބި ބުނެދޭން ނޭނގޭ މަޑު ރިހުމެއް ހިތުގައި އުފެދިއްޖެއެވެ.