"އަހަރެން ވާހަކައެއް ބުނަން ބޭނުން." މާއިޝާ ވާހަކަދެއްކުމުން ނާޔަލް ހުރި ހިސާބަށް ހުއްޓުނެވެ. "އަހަރެންވެސް." ނާޔަލްވެސް އިއްވާލިއެވެ. "އަހަރެން ލޯބިވަނީ އެހެން މީހަކު ދެކެ." އެވަގުތު މާއިޝާ އިއްވާލިއެވެ. "އަހަރެންނަށް އިޝީއަށް ޗީޓް ކުރެވިއްޖެ." ނާޔަލް އިރުކޮޅަކަށް ހުއްޓުން އަރައިފައި ދެން ކުއްލިއަކަށް ބުނެލިއެވެ. އެވަގުތު އެއަޑު އިވިގެން އޭނާ ފަދައިން މާއިޝާވެސް ހައިރާންވެ ލޯ ބޮޑުކޮށްލިއެވެ. މާއިޝާ ބަލަން ހުއްޓާ ނާޔަލްގެ ލޮލުން ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. ނާޔަލްއަށް ކުރެވުނު ކުށާމެދު އޭނާ ހިތާމަ ކުރާކަން އެނގެނީ އެގޮތަށް ކުރިމަތީ ފައުޅު ކުރީމައެވެ. ނޫންނަމަ އެކަން ސިއްރުވެސް ކުރެވުނީހެވެ.
"ކީއްވެ މިހާރު ހަމަ ކުއްލިއަކަށް ތިވާހަކަ ތިބުނީ؟" މާއިޝާ ސުވާލު ކުރުމުން ނާޔަލް އިސްޖަހާލައިފިއެވެ. "އިތުރަށް އަހަރެމެން ދެމެދުގަ އެއްވެސް ސީކްރެޓްއެއް ނުބާއްވަން ވެގެން. އަދި އަހަރެން ކުރި ކުށަށް މަޢާފަށް އެދެންވެގެން. އައެމް ސޮރީ." ނާޔަލް ޖަވާބުދިނެެވެ. "ޔަރ އައެމް ސޮރީ ޓޫ." މާއިޝާގެ އަޑަށް ކުއްލި ބާރެއް އައިކަން އިހްސާސް ވެގެން ނާޔަލް ބަލައިލިއިރު ލޮލުގައި ހުރީ ރުޅިވެރި ކަމެވެ. "ކީއްވެ އިޝީ މަޢާފަށް ތިއެދެނީ؟ އެހެން މީހަކުދެކެ ލޯބިވެވުނީމަ އެކަމަށްތަ؟" ނާޔަލް ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ގޮސް މާއިޝާގެ ކުރިމައްޗަށް ހުއްޓުނެވެ. "އެކަން އަހަރެން ކުޑަކޮށްވެސް ރިގްރެޓްއެއް ނުކުރަން. އޭގެ ބަދަލުގައި އަހަރެން ރިގްރެޓް ކުރަނީ އަހަންނަށް ނާޔަލްއަށް ޓްރަސްޓް ކުރެވުނީމަ. ނާޔަލްގެ ލޯއްބަށް ޓްރަސްޓް ކޮށްފަ އަހަރެންނަށް މިކައިވެނި ކުރެވުނީމަ. އަހަރެން އުންމީދު ކޮށްގެން މިހުރީ ކައިވެންޏަށް ފަހު އަހަންނަށް އަނެއްކާވެސް ނާޔަލްދެކެ ލޯބި ވެވިދާނެ ކަމަށް. އެކަމަކު މިހާރު އަހަރެން ބޭނުމެއް ނޫން ނާޔަލްއާ އެއްރޫމެއް ޝެއަރ ކުރާކަށްވެސް.ގެޓް އައުޓް އޮފް ހިއަރ!" މާއިޝާ ވާހަކަދައްކަމުން ގޮސް ފަހު ޖުމްލަ ބުނިއިރު އަޑުގާ ނެތްތަަނަށް ހަޅޭތްލަވައިގަތެވެ. އެވަގުތު ނާޔަލް ބަހެއް ނުބުނެ އަނެއްފަރާތަށް އެނބުރިފައި ގޮސް ބޭރަށް ނިކުމެ ދޮރު ޖަހާލުމުން ލައިގެން ހުރި އެބޮޑު ހެދުމާއެކު މާއިޝާ ތިރިވެ ބަންޑުން އޮށޯވެލީ ޓައިލްސް މަތީގައެވެ.
ލޯމަރާލުމުން މަޑުމަޑު ފިނިފެންމާ ފިޔަތަކުގެ ވަސް ނޭފަތުގައި ހަރުލިއެވެ. އޭރު ކޮޓަރި ތެރޭ ދިއްލާފައި ހުރި އުއްބައްތި ތަކުގެ އަލި ވަށައިގެން ފެތުރިފައި އޮތެވެ. ބެލްކަންޏަށް ނިކުމެވޭ ގޮތަށް ދޮރުފަތް ކަހާލައިފައި ހުރުމުން ވައިރޯޅީގެ އަސަރުވެސް ކޮޓަރިތެރެއަށް ކުރަމުން ދިޔައެވެ. ކޮންމެ ވައިރޯޅިއަކާއެކު ތިރީގައި ދޫލަ އަޅާފައި އޮތް ފިނިފެންމާ ފިޔަތައް އިރު އިރުކޮޅާ އުދުހިގެން ފަރާތް ފަރާތަށް ދެއެވެ. އުއްބައްތި ތަކުގެ ހުޅުކޮޅުތައް ނަށާލައިފައި އަނެއް ވައިރޯޅި އަންނަން ދެން ހިމޭންކަން އިޚުތިޔާރު ކުރެއެވެ. މާއިޝާ އެހެން އޮތްއިރު އޭނާގެ ހަނދާއި ގުޅިގެން ދިޔައީ އަރްސަލާންއެވެ. އެންމެ ފުރަތަމަ އޭނާއަށް އަރްސަލާންގެ ފެހި ދެލޯ ފާހަގަވި ދުވަހެވެ. އަޑި ނޭނގޭ ފެންގަނޑެއްގެ ތެރޭން އޭނާއަށް އަރްސަލާންގެ ރީތި މޫނު ފެނުނު ދުވަހަކީ ފުރަތަމަ ފަހަރަށް އެހިތް ލޯއްބަށްޓަކައި ވިންދު ޖަހާލި ދުވަހެވެ. އެއަށްފަހު އޭނާ އަރްސަލާންއާ ރަސްމީ ކޮށް ބައްދަލު ވީ އެއް ދުވަހެއްގެ އިރު އޮއްސުނު ވަގުތެއްގައެވެ. ގަސްތަކުގެ ތެރޭން ނިކުމެގެން އައިސް ކުރިމައްޗަށް ހުއްޓުނު ހިސާބުން އެސްފިޔަ ޖަހާލަން ނޭނގި ހުއްޓާ ލޮލުން ކަރުނަ އައިއިރު ޚުދު އަރްސަލާންވެސް އެތޫނު ދެލޮލުން ބެލީ އެކަނި އޭނާގެ މޫނަށެވެ. މާއިޝާ އެހިޔާލުގައި އޮވެ ހިނިތުން ވެލީއިރު ނިކަން ބާރު ވައިރޯޅި އައިސް ދޮރުން ވައްދާލައިފައި ފިނިފެންމާ ފިޔަތައް އެތަން މިތަނަށް އުދުއްސާލި ގޮތަށް އެތައް ބައިވަރު އުއްބައްތި ތަކެއްގެ ހުޅުކޮޅުތައްވެސް މަރާލައިފިއެވެ. އޭރު ބޭރުތެރޭ ވައިގަދަވެ ތޫފާން އަންނަން އުޅޭ ކަމުގެ އަލާމާތްތައް ދައްކަނީއެވެ. ތަރިތައް ވިދަމުން ދިޔަ އުޑުމަތި ކަޅު ވިލާތަކުން ފުރި ވާރޭ ވެހެން ތައްޔާރު ވީއެވެ. މިއިން ކަމެއްގެ ޚަބަރެއްވެސް ނުވެ އޮވެގެން މާއިޝާ ދިޔައީ އަދިވެސް އޭނާގެ ހިޔާލީ ދުނިޔޭގައި ކުރިއަށެވެ.
ތިންވަނަ ފަހަރަށް އޭނާ އަރްސަލާންއާ ބައްދަލު ކުރަން ފަތިހުގެ ފިނީގައި ފެންގަނޑަކަށް ފުންމާލި ދުވަސް އެއީ އަރްސަލާން އަމިއްލަ ތައާރަފް ދިން ދުވަހެވެ. އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. ދައްކާ ވާހަކަ ދެނެގަންނަން މަސައްކަތް ކުރަމުން އަނގައަށް ބަލަން އަރްސަލާން ހުރިއިރު އެހާ ސީރިއަސް ޝަހްސިއްޔަތާއެކުވެސް ފެނުނީ ހާދަ ކިއުޓް ކޮށެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. އަރްސަލާން ފުރަތަމަ ފަހަރަށް އޭނާގެ ހަޤީޤީ ކުލަވެސް ދައްކައިލީ އެ ފިނި ފަތިހެވެ. ކުޑަ ހިނދުކޮޅަކަށް އޭނާ ބިރުގަނެފައި އަލުން އަނެއްކާވެސް އަރްސަލާންގެ ކައިރިއަށް ދާން ހިތް އެދި ރޯން ފެށިއެވެ. އެކަމަކު ދެން ދިމާވީ އޭނާގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި އެއް ހާދިސާއެވެ. އެއީ ޒުހައިރު ބޭގެ މަރެވެ.
"ކައިލީން..." ޒުހައިރުބޭ ނިމި ދިޔަ ގޮތް ހަނދާންވެ ލޮލުން ކަރުނަ ފޭދެން ފެށިތަނާ އޭނާ ކުއްލިއަކަށް ކައިލީން ހަނދާންވިއެވެ. މެރިފައިވާ އެސްފިޔަތައް ފޫދުއްވާލައިފައި ނިކުންނަމުން ދިޔަ ކަރުނަތައް އިތުރުވީ އެހިސާބުންނެވެ. އޭނާގެ ހަނދާނާއި ގުޅިގެން ދިޔައީ ކައިލީންއަށްޓަކައި އަރްސަލާން އޭނާ ދޫކޮށްލި ވަގުތެވެ. ކައިލީންއާ އެކުގައިވުމަށްޓަކައި އަރްސަލާން އޭނާއަށް ވަދާޢު ކީ ރެއެވެ. އަރްސަލާންއަށްޓަކައި އޭނާ ހުރީ ކައިލީންގެ ސަބަބުން އޭނާގެ އާއިލާއަށް ދިމާވި ހިތާމަވެސް ހަނދާން ނައްތާލާ ގޮތަށެވެ. އެކަމަކު އަރްސަލާންއަށް އެވަރުންވެސް އޭނާ ލޯބިވާވަރެއް ވަޒަނެއް ނުކުރެވުނެވެ. އޭނާ އަރްސަލާންދެކެ ލޯބިވާ ވާހަކަ އާއި އެހެން މީހަކާއި އެކީ އުފަލެއް ނެތް ވާހަކަ އެބުނި ބުނުމަކީ، އަރްސަލާން ކަހަލަ ތަފާތު މަހްލޫޤަކާއި އެކު އުޅެން އޭނާ ލޯބިވާ އެންމެން ދޫކޮށްލަން އެއްބަސްވީކަން އަރްސަލާންއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ އަރްސަލާންގެ ލޯއްބަށްޓަކައި އޭނާ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލަން އެއްބަސްވީ ގޮތަށް އަރްސަލާންއަށް ކުޑަމިންވަރެއްގެ ރިސްކެއް ނަގަން ނުކެރުނީ ކީއްވެ ހެއްޔެވެ؟
ވިސްނި ވަރަކަށް ހިތަށް ތަދުވުން ނޫންކަމެއް ނުވާނެއެވެ. އޭނާ ކޮންމެ ގޮތަކަށް ވިސްނިއަސް އަރްސަލާން އެދިޔައީ އޭނާގެ ކުރިއަށް ކައިލީން އިސްކޮށްފައެވެ. އޭނާ ރައްކާތެރި ކުރާށޭ ބުނި ބުނުމަކީ ހަޤީޤަތެއް ނޫނެވެ. ހަޤީޤަތަކީ އަރްސަލާން ކައިލީންއާ އެކުގައިވާން ބޭނުންވި ކަމެވެ. ކައިލީންގެ ފަރާތުން އޮޅުން ފިލުވަން ހުރި ކަންތައްތަކާ އެކުވެސް އެންމެ ކުރިއަށް އިސްވެ އޮތް ސަބަބަކީ އެއީއެވެ. ހަޔާތުގައި ފުރަތަަމަ ފަހަރަށް އޭނާ ހިތާއި ފުރާނައިން އެހެން ފަރާތަކަށް އެނދުނު ހިނދު ތަޤްދީރު އޭނާއާ ދުޝްމަނު ވީއެވެ. އަދި މިހާރު މިވީ ކިހިނެތް ހެއްޔެެވެ؟ އަރްސަލާންއަށްފަހު ނާޔަލްވެސް އޭނާއަށް ބޭވަފާ ވީއެވެ. ކެތްތެރިކަން ކޮޅުން ލުމުން މާއިޝާއަށް ގިސްލެވެން ފެށުނެވެ. ބޭނުން ނުވިއަސް ދެތުންފަތް ޖައްސާ ބާރުކޮށްގެނެއް ނޯވެވުނެވެ. އެދެތުންފަތް ތުރު ތުރު ލާން ފެށުމާއެކު ގިސްލުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރުނީއެވެ. އެކަމަކު އެގޮތުގައި ގިނައިރު ވީ ވަރަަކަށް ހިތަށް ފަސޭހަ ވަމުން އަންނަކަން އިހްސާސްވިއެވެ. ރޯލުމުން ހިތުގެ އުދާސްގަނޑު ބޭރުވީއެވެ.
ހިޔާލުތަކުން ސިކުނޑި އެއްފަރާތް ވީއިރު މާހައުލު ކުރިއަށްވުރެ ފިނިވެފައި އޮތްކަން އިހްސާސް ވެއްޖެއެވެ. މާއިޝާ ލޯ ހުޅުވާލިއިރު އެތާގައި އަލިކަމެއް ނެތެވެ. ވަންނަ ކޮންމެ ވައިރޯޅިއަކާއެކު އުއްބައްތިތައް ނިވެމުން ގޮސް އޭރު ހުރިހާ އުއްބައްތިއެއް ނިވި އެތާގައި ރަސްކަން ކުރަމުން ދިޔައީ ކަނު އަނދިރި ކަމެވެ. މާއިޝާ ތިރީގައި ދެއަތް ވިއްދާފައި ތެދުވެ އިށީންއިރު ބެލްކަންޏާ ދިމާއިން ތަންކޮޅަކަށް އަލިކަމެއް ފޭދިފައި ހުއްޓާ ފެނުނެވެ. ވާރޭ ތިކިތައް ފުރާޅު މައްޗަށް އޮހިގަތީ އޭނާ އެހެން އިންދައެވެ. އެވަގުތު މާއިޝާ ދޮރު ލައްޕަން ދާން ވެގެން ތެދުވެފައި ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ހެދުމަށް އެރިފައި އަރި އަޅާލިއެވެ. ނަމަވެސް ވެއްޓުނަ ނުދީ ސަލާމަތް ވާން އެނގުނެވެ. ދެވަނަ ފަހަރަށް އޭނާ ހިނގައިގަތީ އެއްފަރާތުން ހެދުމުގެ ފަސްބައިގައި ހިފާ ކުޑަކޮށް ކޮށި ކޮށްލައިގެންނެވެ. އެކަމަކު ގޮސް ހަމަ ދޮރު ކައިރީ ހުއްޓެވުމާއެކު ހެދުމުން އަތް ދޫކޮށްލައި އަނގަމަތީ ދެއަތް އަޅާލެވިއްޖެއެވެ. ދުރު ދުރަށް ދާންދެން ދިއްލާ އަޅާފައި އޮތް އިމާރާތްތައް އެކީ އެކަށް އަނދިރިވެގެން ނިވިގެން ދިޔައީ ކުލަބޮކި ފައްޗަކުން ކަރަންޓް ދިއުމުން ބަރިއަކަށް ނިވިގެންދާ ހެންނެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެތް ހެއްޔެވެ؟
"ކާކު؟" ކަރަންޓް ގޮސް އަނދިރި ވެގެން މެހެރީން ތެޅިގަނެފައި އިން ތަނުން ތެދުވި ވަގުތު ދުރުން އަޑުފަތްގަނޑެއް އިވިގެން ބާރަށް ގޮވާލެވުނެވެ. އޭނާ ނުނިދިގެން އައިސް އިނީ އެގޭ މީހުން ޕިއާނޯ ކުޅެން އައިސް އިންނަ ބޮޑު ކޮޓަރީގައެވެ. އެތާގައި ބަހައްޓާފައި ހުންނަ ހިތްގައިމު ޕިއާނޯގެ އިތުރަށްވެސް ސޯފާތައް ހުރެއެވެ. މެހެރީން އައިސްކްރީމް ތަށްޓެއް އުނގަށް ލައިގެން އެތާ ރޯން އިންނަތާ އިރުކޮޅެއް ފަހުން ކަރަންޓް އެދިޔައީ ހަމަ ކުއްލިއަކަށެވެ. "ކާކު ހޭ؟" ޖަވާބެއް ނައުމުން މެހެރީން ކުރިއަށްވުރެ ބާރު ލައިފައި ގޮވާލިއެވެ. "އަހަރެން." އެވަގުތު ނާޔަލް ޖަވާބު ދިން އަޑުއައެވެ. މެހެރީންއަށް ފުރަތަމަ "އޯހ" އޭ ކިޔާލެވުނެވެ. "އަލަތު ފިރިމީހާ މިވަގުތު އޮންނަން ޖެހޭނީ އަލަތު އަނބިމީހާ ކައިރީގަ." މެހެރީން ރޮއިފަ ހުރިކަން އެނގިދާނެތީ ނޭފަތް ދަމާލައިފައި އަޑު ހަމަޖައްސާލައިގެން އިއްވާލިއެވެ. "އެން ޔޫ އާ ސަޕޯސް ޓު ބީ އިން ބެޑް ނައު." ނާޔަލްވެސް ރައްދު ދިނެވެ. "ކޮންމެހެން އަހަރެންގެ ލައިން ސްޓީލް ކުރާނެ ކަމެއް ނެތް. ނާޔަލް މިތާ ކީއްކުރަނީ؟ ކޮބާ އިޝީ؟" މެހެރީން އޮޅުންފިލުވަން ބޭނުންވިއެވެ. "އިޝީ ރޫމްގަ." ނާޔަލް ޖީބުން ފޯނު ނަގައި ދިއްލާފައި އޭގެ އަލީގައި ދޮރު ކައިރިއަށް ވެއްޓިފައި އޮތް ބޮޑު މަސްނޫއީ ގަސް ކޮޅަށް ނެގިއެވެ. އޭނާ އައިސް މެހެރީން އިން ސޯފާގެ އަނެއްކޮޅުގައި އިށީންދެ ފޯނު އަތްގަނޑު މަތީ އަލިވާނެހެން ބާއްވާފައި ލެނގޭ ބަޔަށް ކަނދުރާގެ ހުރިހާ ބާރެއް ދޫކޮށްލުމުން މެހެރީން ބަލަން އިނދެގެން މޫނުން އެއްޗެއް ދޭހަ ވޭތޯ ބެލިއެވެ.
"ޝީ ހޭޓްސް މީ." އިރުކޮޅަކުން ނާޔަލް ބުނެލިއެވެ. އެއަޑަށް މެހެރީން އަނގައަށް ގޮތެއް ހަދާލައިފައި ސިއްސައިގެން ގޮސް އަނެއްކާ ނާޔަލް މޫނަށް ބަލާލައިފިއެވެ. "ވެއިޓް.... ވަޓް؟ ކީއްވެ އިޝީ ހޭޓް ކުރަންވީ؟ ނާޔަލް އިޝީ ކައިރީ ބުނީތަ؟ ގޯޑް.... އަޅެ ނާޔަލް މޮޔަވީތަ؟" މެހެރީން ވާހަކަދައްކަމުން އައިސްކްރީމް ތަށި އެދެމެދުގައި ބަހައްޓާފައި ފުންމައިގެން ތެދުވިއިރު ނިއްކުރިން ދާ ހިލިއްޖެއެވެ. މެހެރީން އެހާ ބޮޑަށް ހާސްވިތަން ފެނިފައި ނާޔަލް ބުރަކަށި ތެދުކޮށްލައިގެން އެމޫނަށް ބަލައިލިއެވެ. އަމިއްލަ ހިތް ވޭނުން ފުރިފައި އޮތަސް އެހެން މީހަކަށް ތަކްލީފް ލިބޭތަން ބަލާ ހިތެއް ނުވިއެވެ. "ރިލޭކްސް. އަހަރެން މީ ތި ދެބެން ހީކުރާ ކަހަލަ ގޯސް މީހެއް ނޫނޭ. އަހަރެން އިޝީ ކައިރީ ހަމައެކަނި ބުނީ ޗީޓް ކުރި ވާހަކަ. އަހަންނާ ބައިވެރިވީ ކާކު ކަމެއް ނުބުނަން." ނާޔަލް މެހެރީންގެ އަތުގައި ހިފާ ދެވަނަ ފަހަރަށް ބައިންދުމުން އަނެއްކާ އައިސްކްރީމް ތަށި އުނގަށް ލައިގެން ކާން ފެށިއެވެ. ނާޔަލް ބަލަން އިނދެލާފައި މެހެރީން ސަމުސަލެއް ނެގި ވަގުތު އެއަތާއެކު ސަމުސަލުގައި ހިފަހައްޓާފައި އެދިމާއަށް ގުދުވެގެން އޭތިކޮޅު ކާލިއެވެ. "ކީއްވެތަ ކަރަންޓް އެދިޔައީ؟" ނާޔަލް އަނެއްކާވެސް ސޯފާގައި ހަމަޖެހިލިއެވެ. ނޭނގެއޭ ބުނެލި ފަދަ ގޮތަކަށް ކޮނޑު އަރުވާލައިފައި މެހެރީން އެއްޗެއް ނުބުނެއެވެ. އޭނާ އިރުކޮޅެއް ކޮށްލާފައި އަދިވެސް ކަރަންޓް ނައީތީ އުއްބައްތި ބަލައޭ ކިޔާފައި ތެދުވެގެން ދިއުމުން ނާޔަލް އެކަނިމާއެކަނި އިނެވެ.
ދޮރުމަތީގައި މިނިޓްކޮޅެއް ވެލީއިރު ވަޔާއެކު އައި ވާރޭ ތިކިތައް މާއިޝާގެ މޫނު ތެންމާލިއެވެ. ވާރޭގެ ތެރެއަށް ނިކުންނަން އޭނާ ބޭނުންވީ އެފެންތިކި ތަކުން ކުރުވި ފިނީގެ ސަބަބުންނެވެ. ފިކުރެއް ނެތް ޅަކުއްޖެއް ހެން އެބޮޑު ހެދުމާއެކު އޭނާ ހިނގާލައިފައި ގޮސް ރެއިލިން ކައިރިއަށް ހުއްޓި އުޑާއި ދިމާއަށް މޫނު އުފުލާލައިގެން އިރުކޮޅަކު ހުއްޓެވެ. ޖެހިލުންވާ ގޮތްވީ ކުއްލިއަކަށް ގުގުރަން ފެށީމައެވެ. އެނބުރި އަންނަން ވެގެން ރެއިލިންގައި އަޅުވާލެވިފައި އޮތް ދެއަތް އެލުވާލުމާއެކު ވިދާލި ވިދުވަރުން މުޅިތަން އަލިވެގެން ދިޔައިރު ތިރީގައި ގޯތިތެރޭގައި ހުރިއްޔާ ހުރި ގަހެއްގެ ދަށްވެސް އަލިވެގެން ދިޔަތަން ފެނުނެވެ. އެއައްޔަކީ ދެން އިވޭނެ ގުގުރީގެ ކުރިން ލިބޭ އިންޒާރެއްކަން އިނގޭތީ މާއިޝާ ބޭނުންވީ އޭގެ ކުރިން ކޮޓަރި ތެރެއަށް ދެމިގަނެވޭތޯއެވެ. އެކަމަކު ފަސްއެނބުރި ފިޔަވަޅެއް އަޅާލައިފައި އޭނާ އަނެއްކާވެސް ހުއްޓިއްޖެއެވެ. ދާދި ދެންމެ ވިދުވަރުގެ އަލީން ގޯތިތެރެ އަލިވެގެން ދިޔައިރު ގެއާ ވަކިން ވަށައިގެން ވައިވަންނަ ގޮތަށް މަތި ހިޔާކޮށް ހަދާފައި ހުންނަ ތަންކޮޅުގައި މީހަކު ހުއްޓާ ފެނުނު ކަމުގައި އޭނާގެ ހިތް ބުނެލީ ކީއްވެ ކަމެއް ނޭނގުނެވެ. އެއީ ގިނަ އަދަދަކަށް މާމެލާމެލި ހައްދައި ނިކަން ހިތްފަސޭހަ ކޮށް ހަދާފައި ހުންނަ ތަނެކެވެ. ގެއިން ނިކުމެގެން އެއް ފަރާތުން ހިޔާކޮށްފައި އޮންނަ މަގަކުން ގޮސް އެތަނަށް ވަދެވެއެވެ. "އަރްސަލާން؟" މާއިޝާގެ ހިތަށް އެރި އެއްޗަކުން އަވަހަށް ރެއިލިންއާ ދިމާއަށް އެނބުރެވުނެވެ. އެވަގުތު ބޯމަތިން ޖަހާލި ގުގުރީގެ އަޑު ގަދަކަމުން މުޅި ގެވެސް ގުޑައިގެން ދިޔަހެންހީވިއެވެ. ކަންފަތުގައި އަތް އަޅަން އުޅެފައިވެސް މާއިޝާ ހުރި ގޮތަށް ހުރީއެވެ.
ބާރަށް ގުގުރާއިރު ކަންފަތުގައި އަތް އަޅަން ނުވާނެ ކަމަށް މީހުން ބުނެއެވެ. ދެން ހަމަ އަޑު ކަނޑައިގެން ދިއުމާއެކު އޭނާ ކޮޓަރިތެރެއަށް ދެމިގަނެފައި ފާރުގައި އަތް ކާއްތަމުން ގޮސް ކަބަޑެއް ތެރޭންއަލިފާން ފޮށްޓެއް ނަގައިގެން ސްޓޭންޑްގައި އިން އުއްބައްތި ރޯކޮށްލައިފިއެވެ. މާއިޝާ އިތުރަށް ސިކުންތެއްވެސް ގެއްލުވާ ނުލާ އެއް އަތުން ސްޓޭންޑް އަނެއް އަތުން ހެދުމުގެ ފަސްބައިގައި ހިފާ ކޮށި ކޮށްލައިގެން ކޮޓަރިން ނިކުމެފައި ދުވެލާފައި ގޮސް ކޮރިޑޯ ކަޑައްތު ކުރިއެވެ. ސިޑި ކައިރިއަށް ހުއްޓި ތިރި ބަލާލިއިރު ނޯކަރުންގެ ދެމީހަކު އުއްބައްތި ރޯކުރަން އުޅެއެވެ. މާއިޝާ ހޯދާލިއިރު ގޭގެ ބޮޑު މީހަކު ފެންނަން ނެތުމުން ހިތްހަމަ ޖެހުނެވެ. ދެފައި ތިލަ ތެމިފައި ހުރިކަން އިހްސާސް ވުމުން ތަންކޮޅެއް ދުރުގައި އޮތް ކާޕެޓް މައްޗަށް އަރައި ހިއްކާލިއެވެ. ދެން ނިކަން އަވަހަށް ހަރުފަތްތައް ގިރާކޮށްލައިފައި ފުރަގަސްދީގެން ތިބި ނޯކަރުންނަށް ނުފެނި އަނެއްކާވެސް ދުވެލާފައި ގޮސް ބޮޑު ދޮރު ހުޅުވާލައިފައި ނިކުމެއްޖެއެވެ. އޭނާ އުއްބައްތިއަށް ވާރޭގެ އަސަރު ކޮށްފާނެތީ ވިސްނައިގެން ގޮސް ހިޔާކޮށްފައި އޮންނަ މަގަށް އަރެމުން ދެފަޔަށް އަދި ލިބުނީ އާދަޔާ ޚިލާފު ބާރެކެވެ.
ކުރިއަށް ދިޔަ ވަރަކަށް މަތީގައި އެލުވާފައިވާ އުނބުގަނޑު ތަކުގައި ހެދި ވަށައިގެން ވެޔޮ އެލިފައިވާ ތަފާތު ވައްތަރުގެ މާވެޔޮ ތަކުގެ މާތައް ފޮޅި ތާޒާ ވެފައިވާ ތަން ފެނުނެވެ. މަގު އަދި ހިޔާވެފައި އޮތަސް ދެފަރާތުން ވާރޭ ވިއްސާތީ މާއިޝާއަށް ވިސްނަން ޖެހުނެވެ. އޭނާ އިރު އިރުކޮޅާ އުއްބައްތިއަށް ބަލައިލާފައިވެސް ދެން ބަލައިލަނީ މަގުގެ ކޮޅުން ވަދެވެން ހުރި ތަނަށެވެ.
"އަރްސަލާން....! މާއިޝާއަށް އެތަނަށް ވަދެވުމާއެކު ގޮވާލިއެވެ. އޭނާ ހެދުމުން އަތް ދޫކޮށްލައިފައި ވަށައިގެން އަލިކޮށްލިއިރު ދުރުގައި ހުރި ތަނބު ކައިރީ ފުރަގަސްދީގެން ހުރި މީހަކު ހުއްޓެވެ.