"ޒަވީ. އަހަރެން ބޭނުން ޒަވީގެ އެހީ." ޒަވީ އަރްސަލާންއަށް ހަމަލަ ދޭން އަތުޖެހޭ ހިސާބުގައި އެއްޗެއް ހުރިތޯ ހޯދައިލިތަނާ އަރްސަލާން ތަންކޮޅެއް ދުރުގައި ހުއްޓިފައި ބުނެލިއެވެ. މެހެރީންއަށް އަދި ކުރިއަށްވުރެވެސް ބޮޑަށް ލޯ ބޮޑުކޮށްލެވުނެވެ. އަރްސަލާން އެހާވަރުގެ ނުރައްކަލަކާއި ކުރިމަތިލާން އެތައްޔާރުވީ ކިހިނެތް ހެއްޔެވެ؟ "މީ މާއިޝާއާ ގުޅިފައި ހުރި ކަމެއް. އަހަރެން މިއައީ އަހަރެން ހޯދަން ބޭނުންވާ މީހަކު ހުރި ތަނެއް ދެނެގަނެ އެތަނަކަށް ދާން ޒަވީގެ އެހީއަށް އެދިގެން. ޒަވީ ކައިލީން ހޯދި ގޮތަށް ޒަވީއަށް އޭނަ ހޯދާކަށްވެސް މާ އުދަނގޫވާނެ ހެނެއް ހިއެއްނުވޭ." އަރްސަލާންގެ ޖުމްލަ ނިންމާލައިފައި ހަށަން ބަނދެލިއެވެ. އިރުކޮޅެއް ވީއިރު މާހައުލު އޮތީ މަރުފަދަ ހިމޭންކަން ވެރިވެފައެވެ. އަރްސަލާންއާ ޒަވީ އަނގައިން ނުބުނެ އެކަކު އަނެކަކަށް ބަލަން ތިބިއިރު އެސިކުނޑި ތަކުގައި ދައުރު ކުރަމުން ދިޔައީ ކޮންފަދަ ހިޔާލުތަކެއް ކަމެއް ނޭނގެއެވެ. މެހެރީން ދާދި ކައިރީގައި ލޯ ބޮޑުކޮށްގެން ހުރެ ދެފަހަރު ދެމީހުންގެ މޫނަށް ބަލަމުން ދިޔައެވެ. އެއްކޮޅުން ޒަވީ އަރްސަލާންއަށް ހަމަލަ ދީފާނެތީ އޭނާ ޖެހިލުންވިއެވެ. އެހެން ވެއްޖެއްޔާ ބަދަލުގައި އަރްސަލާން ރުޅި އައިސްގެން ޒަވީގެ ފުރާނަ ނެރެލަަފާނެއެވެ.
"ކާކު އެމީހަކީ؟" މެހެރީން ހީކުރި ގޮތާއި ޚިލާފަށް ޒަވީ ވާހަކަދައްކަން ފެށީ އަރްސަލާން ކުރިން ދެއްކި ވާހަކައާ ގުޅުވާފައެވެ. "ލައިލް އެއީ އަހަރުމެންގެ ތެރޭގައި އޭނާއަށް ކިޔާ ނަމަކީ. އެކަމަކު އިންސާނުންގެ ތެރޭގައި އޭނަ ބޭނުން ކުރާ ނަމެއް ނޭނގެ." އަރްސަލާން ހަށަން މޮހާލައިފައި ގޮސް އެންމެ ކައިރިން ހުޅުވާފައި ހުރި ކުޑަދޮރު ކައިރިއަށް ހުއްޓިފައި ކިޔާލިއެވެ. "ޒަވީ ކައިރިއަށް އަހަރެން މިއައި އައުމުގައި މައިގަނޑު ތިން ސަބަބެއް ވޭ. އެއް ސަބަބަކީ މާއިޝާ. އަހަރެންނަށް އިނގޭ ޒަވީ މާއިޝާއަށް ދެރަގޮތެއް ވާން ދޫކޮށް ނުލާނެކަން. އަނެއް ސަބަބަކީ އަހަރުމެންގެ ދަރިފަސްކޮޅުގެ ހަޤީޤަތް ލޮލުން ދެކެ އެކަން ޤަބޫލު ކުރި މީހަކަށް ޒަވީ ވާތީ." ކުރިއަށް ވާނެ ގޮތާއި ޒަވީގެ ފަރާތުން ލިބިދާނެ ގެއްލުމަކަށް ނުބަލައި އަރްސަލާން އަމިއްލަ ހަޤީޤަތްވެސް ޒަވީ ކުރިމަތީ ހާމަކޮށްލިއެވެ. އެފެހި ދެލޯ ފެނުނީއްސުރެ ޒަވީގެ ހިތުގައި އުފެދިފައި އޮތް ޝައްކު ޔަޤީނަށް ބަދަލު ކޮށްލިއެވެ. މެހެރީން އޭރުވެސް އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރީ ކޮފީ ބަންޑުންވެފައި އޮތް ޓައިލްސްމަތި ސާފު ކުރަންދާންވެސް ނުކެރިފައެވެ. އެދެމީހުން ކަމެއް ފަށައިފިނަމަ އޭނާއަށް ނުހުއްޓުވޭނެކަން އެނގޭއިރުވެސް ލޯމަތިން ގެއްލޭކަށް ހިތެއް ނުރުހުނެވެ.
"މިހުރިހާ އަހަރު އަހަރެން އުޅުނީ އެކަނިމާއެކަނި. އެކަމަކު ބައްޕަ އެންމެ ފަހު ފަހަރަށް އަހަރެން ދޫކޮށްފަ ދިއުމުގެ ކުރިން ލައިލްއާ ބެހޭ ވަރަށް މުހިންމު މައުލޫމާތެއް އަހަރެންނަށް އިއްވި. ލައިލްގެ ބަލިފަޔަކީ ވާރޭ ފެން. އޭނަ އިންސާނެއްގެ ސިފައިގައި ހުރުމަށްޓަކައި ބާރު ދޭ އެއްޗަކަށް ވަނީ ވާރޭފެން. ވަކި ގަވާއިދެއް އެނގިފައި ނެތަސް އަހަރެމެންގެ ނަސީބު ރަނގަޅިއްޔާ އެންމެ އަވަހަށް ވެހޭ ވާރޭގައި ލައިލް ބޭރުން ފެންނާނެ ކަމަށް މިބަލަނީ." އަރްސަލާން ވަކި ހިސާބަކުން ވާހަކަ މިސްރާބު ބަދަލުކޮށްލާފައި ކިޔައިދިނެވެ. ޒަވީއަށް ނޭނގުނީ އަރްސަލާންއަށް އޭނާއާ މެދު އެވަރުގެ ޔަޤީންކަމެއް އުފެދުނު ގޮތެވެ. އަރްސަލާން އެބުނާ އަންހެންކުއްޖާ އޭނާ ހޯދީ އޭނާގެ ހުރި ހުނަރެއްގެ ސަބަބަކުން ނޫނެވެ. އޭނާ އެކަން ކުރީ ލޮލަށް ފެނުނު ކަންތައް ތަކަށްފަހު އެތައް ދުވަހެއް ވަންދެން ބައްޕައަށް ހަމަލާ ދިން ހިސާބު ފާލަން ދޮށަށް ފާރަލައިގެންނެވެ. "އެކަމަކު އަރްސަލާންއަށް ނުވި ކަމެއް އަހަރެން ކުރާނީ ކިހިނެތް؟ މި އޮތް ބޮޑު ތަނުން އަހަރެން ކިހިނެތް ލިބުނާ މީހަކު ހޯދާނީ؟" ޒަވީ ހުރީ އަދިވެސް ސުވާލުމާކު ތަކެއްގެ ތެރޭގައެވެ. އެވަގުތު އަރްސަލާން އެނބުރި ބަލައިލާފައި ނިއްކުރީ އަތް ހާކައިލި ގޮތުން އަދިވެސް ބޮޑު ވާހަކައެއް ބުނަން އުޅޭހެން ހީވިއެވެ. މެހެރީންއަށް ނޭވާ ހިފަހައްޓާލެވުނީ އެތަން ފެނިފައެވެ.
"ޒަވީއަށް ނޭނގޭ އެއް ވާހަކަ އަހަރެން އަދި ބުނެފާނަން. އަހަރެންނާ އަހަރެންގެ ދަރިފަސްކޮޅުގެ ހަޤީޤަތް އެނގޭ އިތުރު މީހަކު އުޅުނު. އެއީ... ޒަވީގެ ބައްޕަ." އަރްސަލާންގެ ވާހަކައިން އެތަނުގައި ބޮމެއް ގޮވި ކަހަލައެވެ. ޒަވީއަށް އެވާހަކަ އިވިގެން ދެފަރާތަށް ބޯ ހޫރަމުން ފަހަތަށް ގޮސް ސޯފާގައި ފައިން ޖެހިފައި އިށީންދެވުނުއިރު މެހެރީން އަނގަމަތީ ދެއަތް އަޅައިގެން ހުއްޓެވެ. "ތެދު ތެދަށް ބުނަންޏާ ޒަވީގެ ބައްޕަވެސް ހިމެނުނީ ލައިލްއަށް އެހީވި މީހުންގެ ތެރޭން. އޭރު ޒުހައިރު އަކަށްވެސް ނޭނގެ ކަމުގެ ހުރި ނުރައްކަލެއް. ޚުދު ތިމާގެ ނިމުމުގެ ސަބަބަކަށް އޭނާ އަމިއްލަ އަތުން އިންސާނެއްގެ ސިފަ ޖެއްސި މަހްލޫޤަކު ވެދާނެ ކަމަކަށް." އަރްސަލާން އެދެމީހުން ކުލަ އޮއްސިފައިވާ މޫނުތަކަށް ބަލާފައި ކިޔައިދިނެވެ. "ތި ނުވާނެ ތެދަކަށް. އަހަރެންގެ ބައްޕައަކީ ހަމައެކަނި....އެއީ ހަމައެކަނި...." ޒަވީ ބާރުލައިފައި ފެށި ޖުމްލަ ވަކި ހިސާބަކުން މެދުކެނޑިފައި ދެން ފަށައިގެންވެސް ނިމުމަކާ ހަމައަކަށް ނުދިޔައެވެ. ދެން ފެނުނީ ކުއްލިއަކަށް ޒަވީ ފުންމައިގެން ތެދުވެފައި ގޮސް އަރްސަލާންގެ ކަރުގައި ހިފިތަނެވެ.
"ޒަވީ. ދޫކޮށްލާ. ދޫކޮށްލާށޭ." އެވަގުތު މެހެރީން ހަޅޭތްލަވައިގެންފައި ގޮސް އެދެމީހުން ދުރު ކުރަންވެގެން ޒަވީގެ އަތުގައި ހިފާފައި އާދޭސް ކުރިއެވެ. "ޒަވީ ޕްލީޒް އަހަންނަށްޓަކައި...." މެހެރީން ކުރި އާދޭހުން ޒަވީއަށް ބަދަލެއް ނައުމުން އެންމެފަހުން ބުނެލިއެވެ. އެއަޑަށް ޒަވީ ސިހިފައި އެމޫނަށް ބަލަން ފެށީ މާބޮޑަށް ހައިރާންވެފައެވެ. "ޔެސް ޒަވީ. އަހަރެން ބޭނުމެއް ނޫން ޒަވީ އަހަންނަށް ގެއްލޭކަށް. ކާކު އޭރުން އަހަރެންދެކެ ތިހާ ލޯބިވާނީ؟" މެހެރީން އަސަރާއެކު އެޖުމްލަ ބުނެލިއިރު ލޮލުގައި ކަރުނަ ވިދަން ފެށިއެވެ. އެމަންޒަރު ފެނުމުން ޒަވީގެ އަތުންވެސް އިސާހިތަކު ބާރު ދޫވެ ތިރިއަށް އެލުވާލެވިއްޖެއެވެ. އޭނާ އަދިވެސް ޤަބޫލު ނުކުރެވިގެން އުޅޭހެން އެސްފިޔަ ޖަހާނުލާ މެހެރީން މޫނަށް ބަލަން ހުއްޓެވެ. އަރްސަލާން އެވަގުތު ފަހަތަށް ޖެހިލުމުން މެހެރީން އައިސް ޒަވީ ކުރިމައްޗަށް ހުއްޓިފައި އިސްޖަހާލި ގޮތަށް ހިފަހައްޓާލީ ޒަވީގެ ދެއަތުގައެވެ. މެހެރީން އެދެއަތްތިލަ މައްޗަށް ހިއްލާލައި ޒަވީގެ މެއާ ހަމައިގައި ތަތްކޮށްލަމުން އެމޫނަށް ނަޒަރު ހުއްޓާލިއެވެ.
"ޒަވީ... މިއެއް ނޫން އަހަރެން މިވާހަކަ ބުނަން ގަސްތުކޮށްގެން ހުރި ގޮތަކީ. އެކަމަކު މީހުން ބުނެއެއްނު އެއްވެސް ކަމަކަށް އެންމެ ރަނގަޅު ވަގުތެއް ނާންނާނެއޭ، ލިބޭ ވަގުތުގެ ބޭނުން ހިފައިގެން އެއީ އެންމެ ރަނގަޅު ވަގުތަށް ހަދާށޭ ޖެހޭނީ، ސޯ ލެޓްސް މޭކް ދިސް އަވަރ ޕަރފެކްޓް މޯމެންޓް. ޒަވީ އަހަރެން ބޭނުން ޒަވީ އަހަރެންގެ ހަޔާތަށް ގެންނަން. އަހަރެން އެދެނީ ޒަވީގެ ލޯބި މެދުކެނޑުމެއްނެތި އަބަދުގެ އަބަދަށް އަހަރެންނަށް ލިބެން. ބޭބީ އައި ވޯނަ މެރީ ޔޫ..." މެހެރީންގެ ވާހަކަތައް ނިމުމާއެކު ލޮލުން ވެއްޓުނު ކަރުނަ ތިކި މަޑުމަޑުން ފިރުކެމުން ދަތްދޮޅިން ލަނބާލިއިރު ޒަވީ އަދި ހުރީ ހުއްޓިފައެވެ. "އަހަރެންވެސް..." ޖަވާބު ލިބުނީ އަދި އޭގެ އިރުކޮޅަކުންނެވެ. އެވަގުތު މެހެރީންއަށް ލިބުނު އުފަލުގައި އަރްސަލާންއަށްވެސް ނުބަލާ ކުއްލިއަކަށް ކޮރާލައިފައި ޒަވީގެ ކޯތާފަތުގައި ބޮސްދިނެވެ. މެހެރީން ދުރަށް ޖެހިލާފައި ދެމީހުން ބަލަން ތިއްބާ މިފަހަރު އެމީހުންގެ ސަމާލުކަން އެކަކު އަނެކާ އާއި އެއްފަރާތް ކުރުވީ ވެހެން ފެށީ ވާރޭގެ އަޑުންނެވެ.
ޒަވީ އަވަހަށް މެހެރީންއާ ދުރަށް ޖެހިލާފައި ހޯދާލިއިރު އަރްސަލާން ހަށަން ބަނދެލައިގެން ހުރީ ކުޑަދޮރު ކައިރީގައެވެ. "ވާރެއަކީ އެންމެން ލޯބިކުރާ އެއްޗެއް. ދެން ކިހިނެތް އަހަރެން ވާރޭގަ ތެމޭ އެންމެ މީހެއް ހޯދާނީ؟" ޒަވީ ގޮސް އަރްސަލާންއާ އެއް ހަމައިގައި ދޮރުގެ އަނެއް ކޮޅުގައި ހުއްޓިފައި ބުނެލިއެވެ. "އަހަރެން މިމަސައްކަތް ޒަވީއާ ހަވާލު ކުރި ތިންވަނަ ސަބަބު ތީގެ ޖަވާބަކީ. އެއީ ޒަވީގެ ބައްޕަ ލައިލް ކޮންޓްރޯލް ކުރިހެން އޭނަ ކޮންޓްރޯލް ކުރުމުގެ ބާރު ޒަވީއަށްވެސް ލިބިފައި ވާތީ. ޒަވީ ހީކުރީ ޒަވީގެ ހަށިގަނޑަށް ކައިލީން ދިން ޒަޚަމް ހަމަހުރެލާފަ ފަސޭހަވީއޭތަ؟ އެއީ އެއްނޫން އެކަން ވީ ގޮތަކީ. އަހަރެމެންގެ ތެރެއިން މީހަކު ޒަޚަމެއް ދީފި އިންސާނަކު މަރުން ސަލާމަތް ވާނެ އޮތީ އެންމެ ގޮތެއް. ޒަވީ ސަލާމަތް ވެފަ ތިހުރީ ޒަވީގެ ބައްޕަގެ ބާރުން. ބައްޕަގެ ކޮންޓްރޯލްގެ ދަށުގައި ހުރި އަހަރެމެން ކަހަލަ މަހްލޫޤެއްގެ ބާރުން." އަރްސަލާންގެ ވާހަކަތަކުން ޒަވީގެ ހައިރާންކަން ވީ ހައްތަހާ އިތުރެވެ. އޭނާއަށް މިހާރު ހިޔާލާއި ހަޤީޤަތް ވަކި ނުވާ ހިސާބަކަށް ކަންތައް ދިޔައީ އެވެ.
އެންމެ ފުރަތަމަ ކައިލީން ފެނުނު ދުވަސް އެއީ މުޅި ހަޔާތުގައި އައި އެންމެ އާދަޔާ ޚިލާފު ބުއްދި ޤަބޫލު ނުކުރާ ދުވަހުގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ. އެކަމަކު މި އިވޭ ވާހަކަތަކުން އެދުވަސް އެއީ އެކައްޗަކަށްވެސް މިހާރު ނުވެއެވެ. އަނެއްކޮޅުން އަރްސަލާންގެ ވާހަކަތަކުގައި ތެދެއް ވާނަމަ ބައްޕަ އެފަދަ ވާހަކައެއް ނުދެއްކީ ކީއްވެ ހެއްޔެވެ؟ ނިޔާވި ދުވަހު ބައްޕައަށް ވާހަކަ ނުދެއްކިގެން ހަމައެކަނި ބުނެދެވުނީ ކައިލީންގެ ސިފަތައް ހުރިގޮތުގެ ވާހަކައެވެ. އެދުވަހު އެހާދިސާ ދިމާނުވިނަމަ ބައްޕަ އަދިވެސް ހުންނާނީ ހުރިހާ ކަމެއް ސިއްރުކޮށްގެން ބާއެވެ.
"ބީ ސޭފް." ޒަވީ އަރްސަލާންއާއެކު ނިކުމެގެން ދާން ފެށުމުން މެހެރީން ގޮވާލިއެވެ. އެވަގުތު ޒަވީ އެނބުރި ހިނިތުންވުމެއް ހަދިޔާކޮށްލައިފައި ނިކުމެގެން ދިޔައިރު މެހެރީން ހުރީ ހިތާއި ދިމާލުގައި އަތް އަޅާލައިގެންނެވެ. އަރްސަލާންގެ ގިނަ ވާހަކަތައް ޤަބޫލު ކުރަން ދަތިވިއަސް ޒަވީ އެދިޔައީ މާއިޝާގެ ސަލާމަތަށްޓަކައެވެ. ފާއިތުވެދާ ކޮންމެ މިނިޓަކީ މާއިޝާގެ ފުރާނައަށް އޮތް ނުރައްކަލެއް ކަމުގައި އަރްސަލާން ބުނުމުންނެވެ.
މެހެރީން ސިޓިންރޫމް ސާފުކޮށްފައި ސިޑިން އަރައިގެން ދިޔައިރު ނާޔަލް ކޮޓަރިއާ ދިމާއިން އަޑުފަތްގަނޑެއް އިވިގެން ދުއްވައިގަނެވުނެވެ. އޭނާ ގޮސް ދޮރު ހުޅުވާލިއިރު ސައިޑު ޓޭބަލް ކައިރީގައި ބިއްލޫރި ތަށްޓެއް ކުދިކުދިވެފައި އޮތެވެ. "ވަޓް ހެޕެން؟" ނާޔަލް ބަލައިލި ގޮތުން ނުތަނަވަސްވި ނަމަވެސް މެހެރީން އެކަން ނުދައްކައި އިސްޖަހާލައިފައި ގޮސް ބިއްލޫރި ހޮވަން އިށީންދެއްޖެއެވެ. "ފެންބޯން ވެގެން ތަށި ނަގަނިކޮށް ތެޅުނީ...ބީ ކެއަރފުލް..!" ނާޔަލް މެހެރީންގެ ހަރަކާތްތަކަށް ބަލަން އިނދެފައި މެހެރީން ނެގި ބިއްލޫރިކޮޅެއް އަތަށް ހެރިދާނެތީ ތަންކޮޅެއް ބާރުލައިފައި ބުނެލިއެވެ. ނާޔަލް ކުއްލިއަކަށް އަޑު ބާރުކޮށްލުމުން މެހެރީން ސިއްސައިގެން ގޮސް އެންމެފަހުން ބިއްލޫރިކޮޅު ހެރުނީ އަތަށެވެ. ވަގުތުން އޭނާ އައުޗް ކިޔާފައި އިނގިލި އަނގައަށްލައިގެން ލޭ މަނާކޮށްލިއެވެ.
"އައި ޓޯލްޑް ޔޫ ޓު ބީ ކެއަރފުލް. ދެންވެސް ތެދުވެބަލަ. މިގޭގައި އުޅޭނެ ތިކަން ކުރާނެ މީހުން. އަނެއްކާ ތިއަށްވުރެ ބޮޑަށް ހަލާކުވެއްޖެއްޔާ މާ ތަދުވާނެ." މެހެރީން ލޭމަނާ ވުމުން އަނެއްކާ މަސައްކަތް ފެށިތަން ދެކެފައި ނާޔަލް ހިތްހަމަ ނުޖެހިގެން ބާރަށް ވާހަކަދެއްކިއެވެ. އެއަޑަށް މެހެރީން މަސައްކަތް ހުއްޓާލައިފައި ނާޔަލް މޫނަށް ކަޅި ހުއްޓާލައިގެން އިރުކޮޅަކު ހިމޭނުން އިނެވެ. "ވަޓް؟" މެހެރީން ބަލަން އިންގޮތުން އެސިކުނޑީގައި އޮތް އެއްޗެއް ނޭނގިގެން ނާޔަލްއަށް އަހާލެވުނެވެ. "އެންމެ ތަދުވާނީ ފުރަތަމަ ކެނޑޭއިރު. ފަހުން ނުވާނެ އެހާ ތަދެއް. ލޭ އަންނާނެ. އެކަމަކު ކުރިން ވީވަރުގެ ވޭނެއް ނުލިބޭނެ." ކަޅި ޖަހާނުލާ އިނދެގެން މެހެރީން ބުނެލި ޖުމްލަ ތާކުގައި ފުން މާނައެއް އެކުލެވިގެން ދިޔައެވެ. ނާޔަލް އިނީ ހިނދުކޮޅަކަށް ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ އެމޫނަށް ބަލަން އުދަނގޫ ވެގެން ދުރު ބަލައިލުމުން މެހެރީން ބިއްލޫރިކޮޅުތައް ހޮވާ ނިމިގެން ތެދުވެފައި ގޮސް ބޭރަށް ނިކުތެވެ.
އާރާގެ ބެލުމުގެ ދަށުގައި މާއިޝާ ހުރިއިރު އޭނާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމައްޗެއް ނުވެއެވެ. އާރާ ދެއްކި ފޭލި ގޭގައި އޭނާ ނިދަން އޮތީ ފިނިފިނި މަގޫ ފަތްތަކެއްގެ މަތީގައެވެ. ދަންވާއަތަށް އަޅާލުމުން ހީކަރުވައިގަންނަ ގޮތް ވެގެން ނިކުމެލީ ރޯކޮށްފައި ހުރި އަލިފާންގަނޑު ކައިރިއަށް ޖެހިލަން ކަމަށެވެ. މާއިޝާ ވެލިގަނޑުމަތީ އިށީންދެ އިނދެގެން ޖެހި ޖެހިގެން ބަރިއަކަށް ހުރި ފޭލިގެތަކަށް ބެލިއެވެ. އާރާ ކިޔައިދިން ގޮތުން އެއީ އަރްސަލާންގެ ބައްޕައާ އެމީހުންގެ ދަރިފަސްކޮޅުގެ އެހެން މީހުންގެ ފޭލިގެތަކެވެ. އަހަރުތަކެއް ކުރިން ލައިލް އިންސާނެއްގެ ސިފަ ޖެހެން ކުރި މަސައްކަތާއި ގިނަ ބަޔަކު ނުރުހުމުން އޭގެ ނަތީޖާއެއްގެ ގޮތުން ނެތި ދިޔަ ނަމަވެސް ސަލާމަތްވި މީހުންވެސް މަދެއް ނޫނެވެ. އެދުވަހުން ފެށިގެން އެމީހުން ދިރިއުޅެނީ އެފަޅު ރަށާއި އެރަށުގެ ފަޅު ތެރޭގައެވެ. ލައިލް ހޯދަން ނިކުތް މީހާ އަރްސަލާންގެ ބައްޕަ ކަސިއަސް އެމީހުންނާއި ހަމައަށް ފޯރަންދެން އެމީހުން ތިބީ އުންމީދު ކަނޑާލައިގެންނެވެ. އަދި މިއަދު އެމީހުންނާ އާރާ ބައްދަލު ވުމަށްފަހު މިހާރު އެމީހުންގެ މަޤްސަދަކީ ލައިލް އަހަރުތަކެއް ކުރިން ކުރި މަސައްކަތް ބާތިލުކޮށްލައި އަލުން އެމީހުން އެނބުރި އައި ތަނަށް ރުޖޫޢަ ވުމެވެ. އެމީހުން އެއީ ނުވެސް ނެތް ބައެއް ފަދައިން ކަނޑު އަޑީގައި އުޅުމެވެ.\
ކުއްލިއަކަށް ފުރަގަހުގައި ހުރި މަގޫ ގަސްތައް ހެލިގަތުމުން މާއިޝާ ސިއްސައިގެން ގޮސް ފުންމައިގެން ތެދުވިއެވެ. އޭނާ ބަލާލިއިރަށް ފެނުނީ ގަހުގައި އަލިފާން ހިފާފައި ހުއްޓައެވެ. ދެން ހަމަ ސިކުންތެއް ނުވެ އެއަލިފާންގަނޑު ނިވުނެވެ. އެކަމަކު ގަހަށް ގެއްލުމެއް ވެފައި ހުރި ހެނެއް ހިއެއް ނުވެއެވެ. މާއިޝާ ފިނިވެފައި އޮތް ދެއަތްތިލަ ގުޅުވާލައިގެން ހުއްޓާ ކޮންމެވެސް މީހަކު އައިސް ފަހަތުގައި ހުއްޓުނުހެން ހީވިއެވެ. އެނބުރި ބަލާލިއިރު ފިރިހެނަކު ހުއްޓެވެ. ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް ހުރި ސޯޓެއްގައި ހުސްގަޔާ ހުރުމުން ރީތި ހަށިގަނޑު އޮތީ ހާމައަށެވެ. މާއިޝާއަށް ފުރަތަމަވެސް ފާހަގަވީ ޒުވާނާގެ ބީރަތްޓެހި ބެލުމެވެ. ގޮށް ޖަހާލެވިފައި އޮތް ދެ ބުމައެވެ. އަދި އޮރެންޖް އަލީގައި ފައުޅުވާން ހުރި ފެހި ދެލޮލެވެ. "ޒަވިއަން؟" މާއިޝާ ޝައްކުގެ ނަޒަރަކުން ބަލަމުން މަޑުމަޑުން އަހާލިއެވެ. އެވަގުތު ޒަވިއަން ޖަވާބެއް ނުދީ ފުރަގަސްދީފައި ހިނގައިގަތުމުން މާއިޝާ އަނެއްކާ އަލިފާންގަނޑާއި ދިމާއަށް އެނބުރިލިތަނާ މަގޫ ގަސް ބުޑަށް ދޮންވެލިގަނޑު މައްޗަށް ވެއްޓިފައި އޮތް ކަށިގަނޑު ފެނިގެން ހުރިހާ ލޯލިތައް ޖެހުނީ ކޮޅަށެވެ. އެވަގުތު އަޑުގާނެތްތަނަށް ހަޅޭތްލަވައި ގަނެވުނުކަން އެނގުނެވެ. ދެވަނަ ސިކުންތުގައި ބާރުގަދަ އަތަކުން އޭނާގެ އަނގަމަތި ނިވާކޮށްލުމުން އަޑު ތާށިވެގެން ތެޅިގަނެވުނެވެ. އުނދަގުލުން މޫނު އަނބުރާލިއިރު ކައިރީގައި ހުރީ ދެންމެ ފުރަގަސްދީފައި ދިޔަ ޒުވާނާއެވެ. ޒަވިއަންއެވެ.
ބަހެއް ނުބުނެ ޒަވިއަން އެތޫނު ދެލޮލުން ބަލާލި ގޮތުން މާއިޝާ ބިރުން ލޯ ބޮޑުވެފައި ހުއްޓާ އަނެއް އަތުން އަމިއްލަ ތުންފަތުގައި ޖައްސާފައި "ޝްޝްޝް.." ކިޔާލިއެވެ. ޒަވިއަންގެ ބޭނުމަކީ އޭނާ އަޑު މަޑުކުރުވުން ކަން އެނގިގެން މާއިޝާ އެހުރިގޮތަށް ހުރެ ބޯ ޖަހާލިއެވެ. އެވަގުތު ޒަވިއަން އޭނާ ދޫކޮށްލައިފިއެވެ. މާއިޝާ ޖެހިލުންވެ ހުރެގެން ކަށިގަނޑަށް ރަނގަޅަށް ބަލާލިއިރު އިންސާނަކަށްވުރެ އޭތި ވައްތަރުވީ ކޮންމެވެސް ޖަނަވާރަކާއެވެ. ދެންމެ އެފެނުނު އަލިފާނަކީ ޒަވިއަން އޭތި އަންދާލުމުން ފެނުނު މަންޒަރެއްކަން ވިސްނިފައި މާއިޝާއަށް އެނބުރި ބަލައިލެވުނެވެ. ޒަވިއަން އެއީ އަރްސަލާންއަށްފަހު އޭނާ ނުރައްކަލުން ސަލާމަތްކޮށްދިން އެފަދަ ދެވަނަ މަރމޭންއެވެ.