"ޒަވިއަން؟" މާއިޝާ ކަންބޮޑުވެފައިވާ އަޑަކުން ބާރު ބާރަށް ބުނެލިއެވެ. ދެން ބައްތިއާއެކު އަވަހަށް ކައިރިވެފައި ޒަވިއަންގެ ދެއަތް މޮހާލަދީފި އެވެ.
*****
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަސައްކަތް ފެށިގެން ކުރިއަށް ދިޔައިރު މޫސުން ވީ ހައްތަހާ ގޯހެވެ. ޒަވީއަށް ފެނުނީ އޭނާއަށް ލައިލް ކިޔައިދިން ގޮތަށް އާރާ ފޮތިގާތަކެއް ގެނެސްގެން ކޮންމެވެސް އެއްޗެއް ކިޔަވާފައި ރޮނދި އޮޅަމުން ދިޔަތަނެވެ. އޭރު ކަސިއަސްގެ ބައިވެރިން އެއް ބޮނޑިއަކަށް އެއްވެފައި ތިބީ ތަންކޮޅެއް ދުރުގައެވެ. އެއިން ކޮންމެ ލޮލެއްގައި ވަނީ އެނބުރި ދިއުމުގެ އެދުމެވެ ދެރައީ އާރާ އޭނާގެ މުޅި އުމުރު ހޭދަކޮށްގެން އެފަދަ ކަމެއް އުނގެނި ދަސްކުރުމުގެ ފަހަތުގައި އަމިއްލަ އެދުމެއް އޮތް ކަމާއިމެދު އެމީހުން ވިސްނާނުލި ކަމެވެ. ކަސިއަސްވެސް އަމިއްލަ ދަރިފުޅަށްވުރެ ތެދު ކުރީ ނުދަންނަ މީހެއްގެ ބަހެވެ. އަދި އެއީ އޭނާ އަރްސަލާން ފެންގަނޑަށް ދޫކޮށްލައިފައި ލައިލް ހޯދަން މާލެ ދިއުމުން އޭނާ ހައްޔަރުކޮށްގެން މިހާ ދުވަހު އަނިޔާ ދިން އަންހެންކުއްޖާއެވެ. އާރާ ކަސިއަސްއަށްވެސް ކިޔައިދިނީ މާއިޝާއަށް ކިޔައިދިން ދޮގު ވާހަކައެވެ. އެއީ ލައިލް ފުރަތަމަ ލޯބިވި އަންހެންކުއްޖަކީ އެއީ ކަމެވެ. އަދި މިހާރު އޭނާ ކުރަމުން އެދާ މަސައްކަތަކީ ލައިލް އޭނާގެ ބައިވެރިންނާއެކު އިންސާނުން ކައިރިއަށް ނާދެވޭ ހިސާބަށް ފޮނުވާލުމުގެ މަސައްކަތެވެ. ހަޤީޤަތަކީ އާރާ އޭނާގެ މުޅި އުމުރު ލައިލް ހާޞިލް ކުރުމުގެ އެދުން ހިތުގައި އޮތް ކަމެވެ. ކަސިއަސް ލައިލް ހޯދަމުން އޭނާ ފެންނަ ހިސާބަށް ދިއުން އެއީ ލިބުނު ފުރުސަތެއް ކަމުގައި އޭނާ ދެކުނެވެ. ބައްޕަ ހޯދަން ލައިލް އަންނާނެ ކަމުގެ އުންމީދުގައި އޭނާ ކަސިއަސް ހައްޔަރުކޮށްގެން އެތައް އަހަރެއް ވަންދެން އަނިޔާ ދިން ފަހުން އެއުންމީދު ފަނޑުވެ އޭގެ މައްޗަށް ދެކޮޅުވެރިކަން ކުރި ހޯދީއެވެ. ބޭނުމަކަށް ވީ ލައިލްގެ ލޯބި ނުލިބުމުން ލައިލް ދުނިޔެއިން ނައްތާލުމެވެ. ނަފްރަތަކީ އޭގެ ކުރިން ލޯބި އޮތް ހިތެއްގައި އުފެދޭ އެއްޗެއް ކަމުގައި މީހުން ބުނެއުޅޭ ފަދައިން އާރާގެ ލޯބިވެސް ނަފްރަތުގެ ސިފަ އިޚުތިޔާރު ކުރީއެވެ.
"ކޮބާ ޕްލޭންއަކީ؟" މީހުންގަނޑުގެ ތެރޭގައި ދެމީހުން ތިބެފައި ކައިލީން ސުވާލު ކުރީ އަރްސަލާންއާ މުޚާތަބު ކޮށެވެ. ކައިލީން އައިސް ބައިވެރިވުމުގެ ކުރީން އަރްސަލާން އެތަނަށް ވަނީ އެންމެން ލައިލް ހައްޔަރުކޮށްފައި އަންނަނިކޮށް އެތަނުންނެވެ. "އާރާ މަސައްކަތް ފުރިހަމަ ކުރިޔަ ނުދީ އޭނާގެ ކުރިމައްޗަށް ޖެހިގަނެ އޭނާ މިދުނިޔެއިން ނައްތާލުން." އަރްސަލާން ފިކުރެއްނެތް މީހަކު ފަދައިން ޖަވާބުދިނެވެ. އެޖަވާބު އިވިގެން ކައިލީން ބަލައިލީ އަޖައިބުވެފައެވެ. އޭނާ މީގެ ވަގުތު ތަކެއް ކުރިން އެވަރަށް ދެބަސްވެ ވާހަކަ ދެއްކީމައިވެސް އަރްސަލާންގެ ނިންމުން ބަދަލެއް ނުވިއެވެ. އަދި ކުރަން އެއުޅެނީވެސް އެއްވެސް ވިސްނުންތެރި ކަމެއްނެތި ނިންމި ކަމެކެވެ. "އެނގޭދޯ އޭރުން އެންމެން އަރްސަލާންއާ ދިމާކޮށްލާނެކަން. އަރްސަލާން ބޭނުންވިއަސް އަމިއްލަ ފުރާނަ ސަލާމަތެއް ނުުކުރެވޭނެ. އަހަރެންގެ އެކަނި އެހީއަކުން ނިމެން އޮތް ކަމެއް ނޫން މީ. ޤަބޫލު ކުރޭ އަރްސަލާން. އަރްސަލާންގެ މަރަކީ މާއިޝާގެވެސް މަރު. އޭނަ ސަލާމަތް ކުރަން އެދެންޏާ އަރްސަލާން ޖެހޭނީ ދިރިހުންނަން. ގޮތެއް ފެންނަންދެން ވަގުތީ ގޮތުން ނަމަވެސް އަހަރުމެންނާއެކު އަރްސަލާން ދާން ހިނގާ." ކައިލީން އަދިވެސް އެއްފަހަރު އަރްސަލާންއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. ހަތަރުކަޅި ބައްދަލުވިއިރު ކައިލީންގެ ލޯ ހުރީ ފެންކަޅިވެފައެވެ. އެކަމަކު އަރްސަލާންގެ ލޮލުގައިވީ ސާބިތުކަމެވެ. "އަހަރެންނާމެދު ނުވިސްނާ އަހަރެން ބުނިގޮތަށް ކަންތައް ކޮށްދީ!" އަރްސަލާން ފަހުބަސް އިއްވާލިއެވެ. އޭނާ މާއިޝާއަށް ވީ ވަޢުދު ފުއްދުމަށްޓަކައި އާރާ ހުއްޓުވުން މަޖުބޫރެވެ. ދެވަނަ ފަހަރަށް މާއިޝާ ދޫކޮށްލާފައި ދިއުމެއް ނެތެވެ.
އާރާގެ އިރުޝާދުގެ މަތިން ގާތައް އުރަފަށާއި ހިސާބަށް ފައްތަން ދިޔައީ ޒަވީއެވެ. އޭނާ އެނބުރި އައިއިރު އާރާ ހުރީ އަލިފާން ރޯކުރާށެވެ. އާރާ އަތުގައި ހުރި އިތުރު ފޮތިގާތައް ބަހައްޓައިގެން ކައިރީ ހުރި ފެން ހަމަކުން ބޯތަށްޓެއްހާ ފެން ނަގައި ފުމެލާފައި ވައިގެތެރެއަށް އުކާލުމާއެކު ދުރުން ވިދާލި ވިދުވަރުން ރޭގަނޑު ދުވާލަށް ހަދައިލިފަދަ ވަގުތުކޮޅެއް އައެވެ. ދެން ނިކަން ބާރަށް ގުގުރައިގެންފައި ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. އެންމެން އަޖައިބުވީ އެވާރެއިން އަލިފާންގަނޑަށް އަސަރެއް ނުކުރީމައެވެ. އަރްސަލާން އެވަގުތު ކައިލީންއަށް ލޮލުން އިޝާރާތް ކޮށްލާފައި އާރާ އާއި ދިމާއަށް ދާން މީހުންގަނޑު ފަޅާފައި ނިކުންނަނިކޮށް އެންމެން އަޖައިބު ކޮށްލާފައި އާރާގެ ކުރިމައްޗަށް ޖެހިގަތްތަން ފެނުނީ ލައިލްއެވެ. އަރްސަލާން ސިކުންތަކަށް ފަސްޖެހިލާފައި ދެވަނަ ވިސްނުމަކަށް ގޮސް ލައިލްގެ ފަހަތުން އޭނާގެ ކަރުގައި ހިފާލަމުން އާރާ ކޮށްޕާލީ އެދިމާއަށް އައި ކައިލީން އަތުތެރެއަށެވެ.
"ޒަވީ...!!" އަރްސަލާން ޒަވީގެ ނަން ކިޔާލި ގޮތުން އެންމެން ހޯބޯ ލަވައިގެންފައި ޒަވީއަށް ނަޒަރު ހުއްޓާލިއެވެ. "އަހަރެންނަށް އިނގޭ ލައިލް މަރުވެއްޖެނަމަ ޒަވީވެސް މަރުވާނެކަން. އެކަމަކު އެއީ އަހަރެން ބޭނުން ގޮތެއް ނޫން. އަހަރެން ހަމައެކަނި މިއެދެނީ އަހަރެންގެ މިދެފައި ދާއިމީ އެއްޗަކަށް ހަދަން. އެހެން އެއަށްފަހު އެހެން އެންމެން އެނބުރި އައިތަނަށް ފޮނުވާލަން." އަރްސަލާން ޒަވީއާ މުޚާތަބުކޮށް ހަރުއަޑުން އިއްވި ބަސްތަކުން އެންމެ ރުޅިގަދަވިތަން ފެނުނީ ކަސިއަސްއެވެ. އޭނާ ބާރު ހަޅޭކަކާއެކު ޒަވީއާ ދިމާކޮށްލަން އަންނަން ފެށުމުން ކައިލީން ހުރެފައި ބުނެލީ ޒަވީގެ ގައިގައި އިނގިލި ކުރި ޖައްސާލިއަސް އާރާ މަރާލާނެ ވާހަކައެވެ. އެހިސާބުން އެނބުރި ދިއުމުގެ އުންމީދު ހުވަފެނަކަށް ވެފައި އެންމެން ނިމިގެން ދިޔައީއެވެ. ކަސިއަސް އެބަހުން ހުއްޓުނުތަން ފެނިގެން އަރްސަލާންއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
"ކީއްވެ އަދިވެސް ތި ހުންނަނީ؟ ކަލެއަށް ކަލޭގެ ފުރާނަ ލޯބި ނޫނީތަ ޒަވީ. އަވަސްކުރޭ. ކަލޭގެ ބައްޕަ ލައިލް އިންސާނަކަށް ހެދިހެން ކަލޭ މިއަދު އަހަރެން އިންސާނަކަށް ހަދައިދީ!" ޒަވީ ސިކުނޑި ސުމަކަށް ގޮއްސައިވާ މީހަކު ފަދައިން ހުއްޓިފައި ހުރުމުން އަރްސަލާން ގޮވައިލިއެވެ. "ހަނދާން ނައްތާލާ އަރްސަލާން. އަހަރެން މިބުނަނީ އެކަކަށްވެސް ނޭނގި އޮތް ހަޤީޤަތް. އަހަރެންވެސް މިހާ ދުވަހު އުޅުނީ އިންސާނެއްގެ ގޮތުގައެއް ނޫން. ޒުހައިރުގެ އާތަޖުރިބާއިން އަހަންނަށްވެސް ލިބުނީ އެހެން އެންމެންނަށް ލިބުނު ކަހަލަ ދެފައި. އެއީ ލޮނުގައި ޖެހުމުން ނިގުލަކަށް ބަދަލުވާ ދެފައި." ލައިލް ފުރަތަމަ ފަހަރަށް އެންމެންނަށް އޭނާގެ ސިއްެރު ބުނެދިނެވެ. އާރާ އެއަޑަށް ބާރު ހިނިގަނޑެއް ޖަހައިލުމުން އޭނާ އަނދައިގަތެވެ. "މިއަދު ކާމިޔާބު ލިބޭނީ ހަމައެކަނި އަހަރެންނަށް. ކަލޭމެންގެ މުޅި ދަރިފަސްކޮޅު ނިމިގެންދާން ދެން އޮތީ މަދު ސިކުންތު ކޮޅެއް. ކަލޭމެންގެ ބާރެއް ލިބިފައި ހުއްޓަސް ސިކުނޑީގައި ތެތްކަމެއް ނެތީމަ ވާނީ މިހެން. މީގެ ތޭވީސް އަހަރު ކުރިން ޒުހައިރުވެސް ލައިލްއަށް ކެހިދިނީ މިގޮތަށް. ލައިލް އެދުނު ކަލޭމެން ސަލާމަތް ކުރަން. އެކަމަކު އޭނަ ކަންތައް ކުރީ އޭނަ ހިތަށް އެރި ގޮތަށް. މިއަދު އަހަރެން ޒުހައިރުގެ ހާދިސާ ތަކުރާރު މިކުރަނީ ފަޚުރުވެރިކަމާއެކު. " އާރާ ޔަޤީން ކަމާއެު ޖުމްލަ ނިންމާފައި ކައިލީން ހިފަހައްޓައިގެން ހުއްޓާ އަތުގައި ހުރި ފޮތިގާތައް އަލިފާންގަނޑަށް ހޫރާލުމާއެކު ހުޅުގަނޑު އެންމެން އާޝޯހު ކޮށްލާފައި މައްޗަށް އަރައިގަތް ވަގުތު ޒަވީ ނޫން އެންމެން ނޭވާ ނުލެވިގެން ތެޅެމުން ބިންމައްޗަށް އެޅެން ފެށިއެވެ. އެއްބަޔަކު މޫދާއި ދިމާއަށް މިސްރާބު ޖަހާފައި ވަކި ހިސާބަކަށް ދެވުމުން ވިއްސައިގެން ގޮސް ޖެހުނީ މާދުރަށެވެ. އަރްސަލާން ބަލައިލިއިރު ރާޅު ބީހޭ ހިސާބުން ނެއްޓޭއިރު ފަސްގަނޑު ދިގު ދިގަށް ފެހި ރޮގެއްހެން ދިއްލިފައި އޮތެވެ. އޭނާ ބަލަ ބަލާ ހުއްޓާ ވެއްޓިފައި އޮތް މީހުންގެ ދެފައި ނިގުލަށް ބަދަލުވަމުން އައެވެ. ކައިލީން ތިރިއަށް ވެއްޓުނީ އޭނާ ބަަލަން ހުއްޓައެވެ. ސިކުންތެއް ނުވެ އޭނާއަށްވެސް ކޮޅަށް ނުހުރެވިގެން ތިރިއަށް ގޮސް ފަސްގަނޑުގައި ޖެހުނެވެ.
"ލައިލް!" އަރްސަލާންއަށް ކައިރީގައި އޮތް ލައިލް ފެނިގެން ގޮވާލެވުނެވެ. ދެބެން އެކަކު އަނެކަކަށް މަޢާފަށް އެދި ހިތް ސާފުކުރީ ލޮލުގެ ބަސްމޮށުންތެރި ކަމާއެކުގައެވެ. އެވަގުތު ދުރުން މީހަކު ދުވެފައި އަންނަ އަޑު އިވިގެން އަރްސަލާން ބޯ ހިއްލައިލާފައި ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ މާއިޝާއެވެ. އާރާވެސް ކަންބޮޑުވެފައި މާއިޝާ ހިފަހައްޓަން އެދިމާއަށް ދުއްވައިގަތެވެ. ލައިލް ތެޅިފޮޅޭތަން ފެނުމުން ލައިލް ސަލާމަތް ކުރަން ހަދާނެ ގޮތެއް ނޭނގިގެން ޒަވީ ގޮސް އަލިފާންގަނޑަށް ފަސްޖަހައި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފެށިއެވެ. އާރާ މާއިޝާ ހުއްޓުވަން ދުވެ ދުވެ އޮތްވާ އޭނާ ވެއްޓި ޖެހުނީ ކޮންމެވެސް މީހަކު ދެފައިގައި ހިފެހެއްޓީމައެވެ. އެނބުރި ބަލައިލިއިރު ލައިލްއެވެ. "ދޫކުރޭ މަގޭ ފައިން. ހަމަ މިހާރު ދޫކުރޭ!" އާރާ ކޮޅުފައިން ޒަވީގެ ދެއަތުގައި ތަޅަމުން ގޮވިއެވެ. އެކަމަކު ލައިލް ހުރީ ފުރާނަ ނިކުތުމުގެ ކުރިން އަތަށް ދުލެއް ދޭ ގޮތަކަށް ނޫނެވެ.
"އަވަސްކުރޭ! އަވަހަށް ދޭ މޫދަށް!" މާއިޝާ، އާރާ ފޮތިގާ އަތުރައިގެން ހަދާފައި އޮތް ފެހި ރޮގުގައި ފައިން ޖަހާ ގާތައް ބުރުއްސާލުމުން މެދުން މީހަކަށް ދެވޭވަރަށްކުލަ ކެނޑުމުން ގޮވައިލިއެވެ. އެންމެ ކައިރީގައި އޮތް މަރމޭން ދެމެމުން ލޮނުގަނޑާއި ދިމާއަށް ގޮސް ގޮއްސައި ހުއްޓުމުން މާއިޝާ އެމީހާގެ އަތުގައި ހިފާ ދަމަމުން ގެންގޮސް ލޮނުގަނޑުގައި އަތް ބީހޭއިރަށް އަލުން ފުރާނަ އެޅުނުހެން ނިކަން ހަލުވިކޮށް ލޮނުގަނޑުތެރެއަށް ޖެހިގަނެފައި ރާސް އަޅާފައި ގޮސް ގެއްލުނެވެ. "އެންމެން އަވަހަށް ހިނގާ. އޭނަ އަންގަނީ އުރަފަށުގެ ބިތްދޮށަށް ދެވުމުން ލޮނުގަނޑުގައި ހޫނުކަމެއް ނެތް ކަމަށް." ޒަވިއަން ފުން ނޭވާތަކެއް ލަމުން އެންމެންނަށް އިއްވަން ގޮވާލިއެވެ. ދެން ފެނުނީ ކޮންމެ މީހަކުވެސް މޫދާއި ދިމާއަށް ފިރުކެން ފެށި ތަނެވެ. މާއިޝާ ރޮގުގެ ހުރިހާ ދިމާއަކުން ގާތައް ބުރުއްސައި ރޮގު އެކީ ނެތިކޮށްލާފައި އައިސް ކުޑަ ކަކޫ ޖަހައިލީ އަރްސަލާންގެ ކައިރީގައެވެ. އޭރު އޭނާ ނޫން އެހެން އެންމެން މޫދާއި ދިމާއަށް ފިރުކިފައި ދަނީއެވެ.
"އަރްސަލާން! އަރްސަލާން ލޯ ހުޅުވަބަލަ!" މާއިޝާ އަރްސަލާންގެ ބޮލުގައި ދެއަތުން ހިފާ ނަގައި އުނގުގައި ބާއްވަމުން ވާހަކަދެއްކިއިރު ލޮލުން ކަރުނަ އަތުވެއްޖެއެވެ. "އަރްސަލާން ޕްލީޒް އަހަރެން ބުނާގޮތް ހަދައިގެން އެމީހުންނާއެކު ދޭ. އަރްސަލާން މަރުވެއްޖެއްޔާ އަހަރެންގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެ. ކަށްވަޅުގައިވެސް އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވޭނީ. އެހެންނޫނަސް އަހަރެން ބޭނުމެއް ނޫން އަދި މިހާ އަވަހަށް ނިމިގެން ދާކަށް. އަހަރެން ބޭނުމީ ދިރިހުންނަން. އަހަރެން ބޭނުމީ އަހަރެމެން ދެމީހުންގެ ލޯބީގެ ހަނދާނުގައި އުފާވެރި ހަޔާތެއް ވޭތުކުރަން." މާއިޝާ ރޮއި ރޮއިފައި އާދޭސް ކުރަން ފެށުމުން އަރްސަލާން ދަތިގޮތަކަށް ލޯ ހުޅުވައިލިއެވެ. އެދެލޮލުން ކަރުނަ އަންނަތަން ފެނުމުން މާއިޝާގެ ހިތް ގެނބިގެން ދިޔައެވެ. "އަހަންނަށް އިތުބާރު ކުރޭ އަރްސަލާން. އަހަރެންގެ މިޤުރުބާނީގެ އަގު އަހަރެން ހޯދާނަން. އިރާދަ ކުރެއްވިއްޔާ އަދި ކޮންމެސް ދުވަހަކުން އަހަރެންނާ އަރްސަލާން ބައްދަލުވާނެ. ދާނަން ދޯ އެމީހުންނާއެކު. އަހަރެންގެ އެދުން ފުއްދަދޭނަން ދޯ!" މާއިޝާ އާދޭސްކޮށްކޮށްފައި ސުވާލު ކުރުމުން އަރްސަލާން ހަމައެކަނި ބޯ ޖަހައިލިއެވެ. މާއިޝާ އެވަގުތު ވީ އުފަލުން އަރްސަލާންގެ މޫނުގެ އެތަން މިތާ ބޮސްދީފައި މޭގައި ޖައްސާލިއެވެ. އެމޫނު ދުރުކޮށްލައިފައި އޭނާ އެނބުރި ބަލައިލީ ޒަވީ ކޮބައިތޯއެވެ. އަރްސަލާންގެ ހާލަތަށް ބަލާފައި އޭނާއަށް ވިސްނުނީ އެކަނި ލޮނުގަނޑާއި ހިސާބަށް ނުދެވޭނެ ކަމެވެ.
މާއިޝާ ބަލައިލިއިރު މުޅި ހިސާބުގައިވެސް ކޮޅަށް ހުރި މީހަކު ނެތެވެ. ބާރު ބާރަށް ހިތް ތެޅިގަތުމާއެކު މޭގައި ފިރުމާލައިފައި ކޮޅަށް ތެދުވެވުނެވެ. އެވަގުތު އޭނާއަށް ފެނުނީ ޒަވީ ދުރުގައި ވެއްޓިފައި އޮތްވައެވެ. ވެހުނު ވާރެއިން ދޮވެވުނު ފަހުންވެސް ލައިގެން ހުރި ޓީޝާޓް ކަރާއި ހިސާބު ލެއިން ކަޅިވެފައި އޮތީ ބޮލުން ފޭބި ލެއިންނެވެ.
"ނޫން. ނޫން." މާއިޝާ ބާރުބާރަށް ހަޅޭތްލަވައިގެންފައި ގޮސް ޒަވީ ކައިރީ ކުޑަކަކޫ ޖަހައިލިއެވެ. "ޒަވީ. ކިހިނެތްވީކަމެއް މީ؟" މާއިޝާ ރޮމުން ޒަވީގެ މޫނުގައި ހިފާ ހަލުވާލުމާއެކު ޒަވީ ކިޔައިލީ ލައިލްގެ ނަމެވެ. އޭނާ އަވަހަށް އެނބުރިފައި ބަލައިލިއިރު ޒަވީ އާއި އާރާ ޖެހި ޖެހިގެން އޮތީ ލެއިން ތަތްތެޅިފައެވެ. ކައިރީގައި ދެމީހުން އެކަކު އަނެކަކަށް ހަމަލަދޭން ބޭނުންކުރި ބޮޑު ދެ ގާބުރި އޮތެވެ. މޫދާއި ދިމާއަށް ފިރުކިފައި ދިޔަ އެހެން އެންމެންގެ ވޭނީ ކުކުރުމުގެ އަޑުން އޭނާއަށް އާރާމެންގެ އަޑު ވަކި ކުރަން ނޭނގުނީއެވެ. "ޒަވީ އަހަރެން ކިހިނެތް ހަދަންވީ؟" މާއިޝާ ގޮތް ހުސްވެފައި އަހާލިއެވެ. "މާލަސްވެއްޖެ." ޒަވީ ފުން ނޭވައެއް ދޫކޮށްލިއެވެ. މާއިޝާ ކުރިއަށްވުރެ ބާރަށް ރޮއިގެންފައި ތެދުވަން އުޅެނިކޮށް ޒަވީ އޭނާގެ އަތުގައި ހިފެހެއްޓުމުން ބަލައިލިއިރު ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރަނީއެވެ.
"މެހެރް.... މެހެރް ކައިރީ ބުނޭ އަހަރެން ފަހު ވަގުތާއި ހަމައަށް.... މެހެރްދެކެ ލޯބިވިއޭ. ބުނޭ.. ބުނޭ މެހެރް ލޯބިވާ މީހާއާއެކު އުފާވެރި ހަޔާތަކަށް އަހަރެން... އެދޭ ވާހަކަ." ޒަވީ ފުން ނޭވާތަކެއް ލަމުން ފަހު ޖުމްލަތައް ބުނެފައި ލޯ މަރާލިއިރު ލޮލުން ކަރުނަތިއްކެއް ވެއްޓި ކަންފަތު ވޮށީގެ ތެރެއަށް ރޮގުދެމިގެން ދިޔައެވެ. މާއިޝާ ގުދުވެ ޒަވީގެ ނިތުގައި ބޮސްދީފައި ތެދުވެގެން ގޮސް އަނެއްކާ އިށީންދެލީ އަރްސަލާން ކައިރީގައެވެ. އެވަގުތު އޭނާގެ ހިތް ފުންމަ ފުންމައިގެން ދިޔައީ އަރްސަލާންގެ ހަށިގަނޑު ފިނިކަމުންނެވެ. އަވަހަށް ހިތާއި ދިމާލުގައި ކަންފަތް ޖަހާލިއިރު ވިންދު ޖަހާހެނެއްވެސް ހިއެއްނުވެއެވެ. މާއިޝާ ބާރަށް ރޮމުން އަރްސަލާންގެ ދެފައިގައި ހިފާ މޫދާއި ދިމާއަށް ގެންދަން ފެށިއެވެ. މޫދާއި ހަމައަށް އަރްސަލާން ގެންދިޔައިރު މިއަދު ފުރަތަމަ ފަހަރަށް ވަރުބަލި ކަމެއްވެސް އިހްސާސެއް ނުކުރެވުނެވެ. އޭނާގެ ހިތް އަނެއްކާވެސް ގެނބިގެން ދިޔައީ މޫދު ލޮނުން އަރްސަލާންގެ ދެފައި ތެމުމަށްފަހުވެސް ހަރަކާތެއް ނައީތީއެވެ. އެވަރުން އުންމީދު ކަނޑާލާކަށް ބޭނުމެއް ނުވިއެވެ. އޭނާ އެދެފައިން ދޫކޮށްނުލައި ފަހަތަށް ފަހަތަށް ގޮސް އުނަގަނޑާއި ހަމައަށް ލޮނުގަނޑު އެރުމުން އަރްސަލާންގެ ދެފައިން ދޫކޮށްލުމާއެކު އެހަށިގަނޑު އަޑިއަށް ގޮސް ޖެހިފައި ސިކުންތުކޮޅެއް ފަހުން ކޮންމެވެސް މީހަކު ކޮނޑުގައި އަތްލުމުން ރޮއިގަތުމާއި ހީގަތުމާއި އައީ އެކުއެކީގައެވެ. އެކަމަކު އެނބުރި ބަލައިލުމުން މޫނަށް މާޔޫސްކަން ވެރިވެގެން ދިޔައެވެ. ލޮނުގަނޑު ތެރޭން ބޯ ހިއްލާލައިގެން އޮތީ އަރްސަލާންއެއް ނޫނެވެ. އެއީ ކަސިއަސްއެވެ.
"މާއިޝާ! އަހަރެން މިއަދު އަހަރެންގެ ދެދަރީންގެ ލޯއްބާމެދު ފަޚުރުވެރިވަން. އޭރު އަހަރެންނަށް ނުވިސްނުނީ. ދެރައީ އަހަރެން މަޢާފަށް އެދެން ލައިލް ދުނިޔޭގައި ނެތީމަ." ކަސިއަސް ލޯއްބާއެކު ބުނެލިއެވެ. ކަސިއަސްގެ އެޖުމްލައިން މާއިޝާ އަޅައިގަތީ އެކަނި ލައިލްގެ ނަން ބުނީމައެވެ. "ދެރަނުވޭ. އަރްސަލާން އަދި މަރެއް ނުވޭ. އެކަމަކު އޭނަ މިހާރު އެއޮތީ ލޯ ހުޅުވާލެވޭފަދަ ހާލަތެއްގައެއް ނޫން. މާއިޝާ އަހަރެންނަށް އިތުބާރު ކުރޭ. އަހަރެން އަރްސަލާން ގެންދިއުމަށްފަހު އޭނައަށް ޝިފާ ހޯދާނަން. އެޔަޤީންކަން އަހަރެން ދެން. އަދި އަހަރެން ބުނެދޭނަން ފަހު ވަގުތު މާއިޝާގެ ސަބަބުން އަރްސަލާންގެ ފުރާނަ ސަލާމަތް ވި ގޮތުގެ ވާހަކަ." ކަސިއަސް މާއިޝާގެ އެންމެބޮޑު ބިރު ފިލުވައިދިނެވެ. ކަރުނަތައް ދިރުވާލައިފައި މާއިޝާ ހިނިތުންވެލިއިރު ކަސިއަސްގެ ކައިރިން ލޮނުގަނޑު މައްޗަށް އަރްސަލާންގެ ހަށިގަނޑު މައްޗަށް އެރިއެވެ. "އަހަރެން އަބަދުވެސް ލޯބިވާނަން." މާއިޝާ އެވަގުތު ލޮނުގަނޑު ތެރޭ ކުޑަކަކޫ ޖަހައިފައި އަރްސަލާންގެ މޫނުގައި ދެއަތުން ހިފައިލި ގޮތަށް ތުންފަތުގައި ބޮސްދީފައި ބޯ ހިއްލައިލިއެވެ. ކަސިއަސް އެހަށިގަނޑާއެކު ކަނޑާއި ދިމާއަށް ގޮސް ގެއްލުމުން އޭނާ މޫދުން އަރައިގެން ދިޔައިރު ވެލިގަނޑުމަތީ ތިން ހަށިގަނޑު ނޫނީ ނެތެވެ. އޭނާ ގޮސް ޒަވީ ކައިރީ އިށީންދެލިތަނާ ތަންކޮޅެއް ދުރުގައި އޮތް އާރާ ކެއްސައިލުމުން އަވަހަށް ބަލާލިއިރު އަނގައިން ލޭތައް ނިކުތީއެވެ. އާރާ އަދިވެސް މަރުނުވާކަން އެނގުމުން މާއިޝާ ގޮސް އާރާގެ ކުރިމައްޗަށް ހުއްޓި ކޮޅު ފައިން ޖަހަން ތައްޔާރު ވެލިތަނާ އާރާ ލޯ ހުޅުވައިލިއެވެ.
"މިިހާރުވެސް ކަލެއަށްވުރެ އަހަރެންނަށް ލިބުނު ކާމިޔާބު ބޮޑު. އަހަރެން ނިމިގެން މިދަނީ އަހަރެން ލޯބިވި ލައިލްގެ އަތުތެރޭ އޮވެ. އެކަމަކު ކަލޭ ކައިރީ އަހަރެން ބުނެފާނަން ތެދެއް. އަރްސަލާންއާ އޭނާގެ ބައިވެރިން އެމީހުން އައިތަނަށް ދިއުމަށްފަހު އެމީހުން އުޅޭނީ މަސްމަހާމެހިހެން. އެމީހުން އިންސާނުންގެ މަހެއް ނުކާނެ. އަދި ކީއްތަ އެމީހުން ބިމުގައި ހޭދަކުރި ހުރިހާ ހަނދާނެއް އެމީހުންގެ ސިކުނޑިން ނެތިގެންދާނެ. ކަލޭގެ ލޯބިވެސް." އާރާގެ ވާހަކަ ނިންމާފައި ބާރުބާރަށް ހީގަތުމުން މާއިޝާ ގައިގާ ހުރި ބާރެއްލައިފައި އާރާގެ ބަނޑުގައި ކޮޅުފައިން ޖެހިއެވެ. އާރާ ވޭނީ އަޑަކުން ހަޅޭތްލަވައިގެންފައި ބޯ އެޅީ ލައިލްގެ މޭގައެވެ. ދެން ސިކުންތުކޮޅެއް ނުވެ ނޭވާލުން ހުއްޓިއްޖެއެވެ. މާއިޝާ އެނބުރި ގޮސް ޒަވީ ކައިރިއަށް ވެއްޓިގަތުމާއެކު ދުނިޔޭގައިވާ ހުރިހާ ކަރުނައެއް އޭނާގެ ލޮލުތެރެއަށް ޖަމާވެގެން އައި ކަހަލައެވެ. ޒަވީގެ ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށީ އޭނާ އެތާ އިންދައެވެ.
އެންމެންގެ މަރުގެ ޒިންމާ އެޅުނީ އާރާގެ ބޮލުގައެވެ. މަރުވުމަށްފަހު އިންސާނެއްހެން އޮތް ލައިލްއާއި އާޝީ ވަޅުލީ ޖެހި ޖެހިގެންނެވެ. ޒަވީގެ މަރުގެ ޚަބަރު ލިބިގެން މެހެރީންވެސް އެނބުރި އައެވެ. އޭރު އޭނާ ބަލިވެއިން ޚަބަރު ފައިސަލްގެ ފުށުން ގޭގައި އުޅޭ އެހެން އެންމެންގެ ކަންފަތާއި ހަމައަށް ފޯރައިފިއެވެ. އެންމެންވެސް ހީކުރީ މެހެރީންގެ ބަނޑުގައި އޮތީ ޒަވީގެ ދަރިއެއް ކަމަށެވެ. އެކަމަކު ނާޔަލް ފިޔަވައެވެ. އޭނާ ކުރި އާދޭހަށް މެހެރީން ދެކޮޅު ހެދީ އަރްސަލާން ވަކިވުމަށްފަހު މާއިޝާއަށް ބޭނުންވަނީ ނާޔަލްގެ ލޯބި ކަމަށް ބުނެފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން މާއިޝާ މައިންބަފައިންގެ ކުރިމަތީ އޭނާ ބޭނުންވާ ގޮތް ހާމަ ކުރިއެވެ. އެއީ ނާޔަލް އާއި އޭނަ ވަކިވާން ބޭނުންވާ ވާހަކައެވެ. ލިބުނު ފުރުސަތުގައި ނާޔަލްވެސް އޭނާގެ ހިތުގައި މެހެރީންއަށްޓަކައި އޮތް ލޯބި ހާމަކޮށް ބަނޑުގައި އޮތް ތުއްތު ދަރިފުޅުގެ ހަޤީޤަތް ބުނެދިނެވެ. މެހެރީން އާއި ނާޔަލް ހައިރާންކޮށްލައިފައި އެންމެ ފަސޭހައިން އެދެމީހުންގެ ގުޅުމަށް މަރުހަބާ ކީވެސް މާއިޝާއެވެ. ރުޅި އައިސް ގުޅުން ކަނޑާލުމުގެ ބަދަލުގައި މާއިޝާ ބުނެލީ މާޒީގެ ކުށްތައް ހަނދާންކޮށްގެން އުޅެގެން ދުވަހަކުވެސް ދިރިއުޅުމުގައި ކުރިއަށް ނުދެވޭނެ ކަމުގައެވެ. އަދި އޭނާވެސް މިހާރު ބޭނުންވަނީ މާޒީވި ހުރިހާ ކަމެއް ފަހަތަށް ޖައްސާލައިފައި އާ މަޤްސަދަކާއެކު ކުރިއަށްދާން ކަމުގައެވެ.
ނާޔަލް އާއި މެހެރީން ކުށަށް އަދަބު ލިބިގަތުމަށްފަހު ކައިވެނި ކުރުމުން މާއިޝާ ބަދަލުވީ އޭނާގެ އުފަން ރަށަށެވެ. އޭނާގެ ލޯ ފުރިގެން އައީ އިމާރާތްކޮށް ނިމިފައިވާ ގެސްޓް ހައުސް ފެނިފައެވެ. އެތަނަށް އޭނާ ނަން ދިނީ އަރްސަލާން ،އިޝީގެ ނަމުން "އިޝްލާން" އެވެ. އެކުގައި ހަޔާތެއް ނުލިބުނަސް އެކުގައި ކިޔާލެވޭ އެއް ނަން ކަމުގައި ދެމީހުންގެ ނަން ވުންވެސް އެއީ ލިބުނު ފަޚުރެކެވެ.
*****
ރޭގަނޑެވެ. މަސައްކަތުގައި މޭޒުކައިރީ އިނދެފައި މާއިޝާ ތެދުވީ ފިނިވައިކޮޅެއް ހޯދައިލުމުގެ މަޤްސަދުގައެވެ. މިހާރުވެސް އެތައް ބަޔަކު ކޮޓަރި ހިފައިގެން ގަދަ ނިދީގައި ތިބި އިޝްލާންގެ ގޯތިތެރެއަށް އޭނާ ނިކުތްއިރު ހަނދުވަރުގެ އަލީން ގަސްތައް ހުރީ ފެންވެރިފައެވެ. މާއިޝާ އަތުގައި އޮތް ފޮތާއި ގަލަން ހިފައިގެން ހިނގަމުން ހިނގަމުން ގޮސް އެއްފަރާތުގައި އޮންނަ ފެހި ފެންގަނޑުގެ މަތިން ހިނގޭގޮތަށް ހަދާފައި އޮތް ފާލަންކޮޅު މައްޗަށް އަރައިގެން ގޮސް މެދާކަށް ހިސާބުން ހުއްޓުނެވެ. ތިރި ބަލައިލިއިރު ބުރުހަމަ ހަނދު ފެންނަން ހުރީ ފެންގަނޑުންނެވެ. އެވަގުތު ފިނި ވައިރޯޅިއެއް އައިސް އޭނާގެ މޫނުގައި ބީހިލައިފައި މިނިވަންވެފައި އޮތް އިސްތަށިގަނޑަށް ގޯނާ ކޮށްލިއެވެ. އޭނާ މަގުގެ ދެފަރާތުން ހިފަން އޮތް ހިލަ ރެއިލިންގައި ދެއަތް އަޅާލައިގެން ހުރެފައި ހިތަށް އައި ކުއްލި ހިޔާލަކުން ކަރުދާހުގައި އެއްޗެއް ކުރަހަން ފެށިއެވެ. ނިމުނުއިރު އެއީ މޫދުގައި އަޅާފައި ހުރި ގަނޑުވަރެއްފަދަ ގެއެކެވެ.
"ޔެސް. މީ ކުރިއަށް އޮތް އަހަރެންގެ އާ ޕްރޮޖެކްޓް. އަރްސަލާން! މިގެ ނިމެންވާއިރަށް އަހަންނާ އަރްސަލާން ބައްދަލު ވުމަށް އިރާދަކުރެއްވިއްޔާ އަނެއްކާވެސް އާ މަގެއް ފެންނާނެ." މާއިޝާ އަމިއްލައަށް ވާހަކަދެއްކިއެވެ. އޭނާ ދިރިހުރުން އެއީ އަރްސަލާން ހެޔޮހާލުގައި ހުރި ކަމުގެ ހެއްކަކަށް ވީ ފަދައިން އެއީވެސް ދެވަނަ ފަހަރަށް ބައްދަލުވުމަށް އެދި ކުރެވޭ އުންމީދެކެވެ. ވާނެ ގޮތް ނޭނގުނަސް އުންމީދަކީ ފަހު ވަގުތާއި ހަމައަށް ކުރެވިދާނެ އެއްޗެކެވެ. އަދި އެއުންމީދު ފުރިހަމަ ނުވިއަސް އޭނާ ހިތާމައެއް ނުކުރާނެއެވެ. ބަދަލުގައި ނިމިގެންދާނީ އޭނާ އަރްސަލާންގެ ދިރިހުރުމަށްޓަކައި އަމިއްލަ ލޯބި ޤުރުބާން ކުރި ކަމުގެ ފަޚުރުވެރިކަންމަތީގައެވެ.
(ނިމުނީ)