ޖަވާބު ދިނުމުގެ ބަދަލުގައި މެހެރީން ކުއްލި އަކަށް އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލުމުން ނާޔަލް ހުރީ ވާން އުޅޭ ގޮތެއް ލަފާކޮށްލަން ނޭނގިފައެވެ. އެވަގުތު އޭނާ ޝޮކް ކޮށްލާފައި މެހެރީން ކުޑަކޮށް ކޮރާލި ގޮތަށް ބޮސްދިނީ ތުންފަތުގައެވެ. ދެން ހަމަ އެސިކުންތުގައި ދުރަށްވެސް ޖެހިލައިފިއެވެ. "މިހާރު ދެން ކީކޭ ބުނާނީ؟" ނާޔަލް ބުދެއްހެން ހުއްޓާ މެހެރީން ތުންފަތަށް ވެރިކޮށްލި މަލާމާތުގެ ހިނިތުންވުން ގެއްލި ލޮލަށް ހައިރާންކަން ވެރިވީ ނާޔަލްވެސް އޭނާގެ މޫނުގައި ހިފާލައި ކައިރިކޮށްލީމައެވެ. ދެން އޭނާއަށް ވާނުވާ އެނގުނު އިރު ދެމީހުންނަށްވެސް ތިބެވުނީ ނޭވާ ހަމައަކަށް އަޅުވާށެވެ. އިރުކޮޅަކުން މާއިޝާ ގޮވާލިއަޑަށް ނާޔަލް ގޮސް ބޭރަށް ނިކުމެ ދޮރު ލައްޕާލި އަޑާއެކު މެހެރީންއަށް ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. ދެއަތުން ބޮލުގައި ތަޅައިގެންފައި އޭނާ ގޮސް ވެއްޓިގަތީ އެނދަށެވެ. ޖަޒުބާތުގައި ހުރެ ކުރާ ކަމެއްގެ ރަނގަޅު ނުބައި މިއިހްސާސް ވަނީ އެކަމެއް ވެ ނިމުނީމައެވެ. 

"އަހަރެން ކީއް މި ކުރީ؟ އެވަރު ކަމެއް ކުރަން ކިހިނެތް އަހަރެންނަށް ހިތްވަރު ލިބުނީ؟ ނާޔަލް އަކީ ހަމައެކަނި އިޝީގެ މީހެއް. މާކުރިއްސުރެ އަހަރެންގެ ހިތުގައި ނާޔަލް އޮތަސް އިޝީއާ ނާޔަލްގެ ކައިވެނި ހަމަޖެހުނު ހިސާބުން ފެށިގެން ނާޔަލް އެއީ އަހަރެންގެ ބޭބެ. މިވަގުތަށް އިޝީ އަރްސަލާންގެ ސްޕެލްގައި ޖެހި ދުނިޔެ އޮޅިފަ ހުއްޓަސް އޭނަ ރައިޓް މައިންޑަށް އައިސް އަރްސަލާން އެކީ މުސްތަޤްބަލެއް ނެތްކަން އެނގޭ ހިސާބުން ބޭނުންވާނީ ނާޔަލް. ނާޔަލް އެއީ އިޝީގެ ބެކްއަޕް. އަދި ނާޔަލްވެސް ލޯބިވަނީ އިޝީދެކެ. އޭނަ ދެންމެ ކުރިކަމެއް ވިއްޔާ އެކުރީ ފިރިހެނަކަށް ވީތީ. އަދި ކުރި ޗެލެންޖުން ދެރަ ލިބިނުގަންނަން. ދެން އަހަރެން ކިހިނެތް ހަދާނީ؟ މަޢާފަށް އެދޭކަށްވެސް ނުކެރޭނެ. އަލުން ނާޔަލް ކުރިމައްޗަށް ދާކަށްވެސް ނުކެރޭނެ. އައެމް ސްކްރޫޑް." މެހެރީން އަމިއްލަ ނަފްސް ކުށްވެރި ކޮށްގެން ރޮމުން އެކަނިމާއެކަނި ވާހަކަދެއްކިއެވެ.

ނާޔަލް ނިކުތްއިރު މާއިޝާ ހުރީ އޭނާގެ ފޯނު ދިއްކޮށްލައިގެންނެވެ. "ރިހާން؟" ސްކްރީނުގައި އޮތް ނަން ފެނުމުން ނާޔަލް އުފާވެރި ގޮތަކަށް ހިނިތުންވެލާފައި އަވަހަށް ފޯނުގައި ހިފާ ނަގައިގެން ދޮރާއި ދިމާއަށް ދިޔައެވެ. "އިޝީ. އައެމް ސޮރީ. އަހަރެން ދާން ޖެހިއްޖެ." ނާޔަލް އިރުކޮޅަކު ވާހަކަ ދައްކާލައިފައި އެނބުރި މާއިޝާއަށް އިއްވާލިއެވެ. އެވަގުތު މާއިޝާ ބޯ ޖަހާލުމުން އޭނާ ނިކުމެގެން ދިޔައީ ދެން ބައްދަލުވާނެ އިރެއްވެސް ބުނެނުލައެވެ. ހީވީ ރިހާންގެ އެފޯނަކީ އޭނާ ފިލަން ބޭނުންވެފައިވާ ހުއްޓާ ލިބުނު ރަނުގެ ފުރުސަތެއް ހެންނެވެ. 

މެންދުރު ބްރޭކް ގަޑި ލިބުމުން ޒަވީ އައެވެ. "ޒަވީ ކީއްކުރަން އައީ؟ ގުޅާލި ނަމަ އަހަރެންނަށް ހޮސްޕިޓަލަށް ދެވުނީހޭ." މާއިޝާ ސޯފާގައި ލެޕްޓޮޕް ހިފައިގެން ކުރެހުންތަކަށް ބަލަން އިނދެފައި ވާހަކަދެއްކިއެވެ. "ކިހިނެތްވީ؟ މިގަޑީގަ ބިޒީތަ؟ އެހެންވިއްޔާ އަހަރެން ނިމިގެން އަތުވެދާނަން." ޒަވީ މާއިޝާގެ ކައިރިއަށް ދަމުން މެހެރީން ފެނޭތޯ ގޭގެ އެތަން މިތަނަށް ލޯ ހިންގައިލިއެވެ. "ނޫނޭ. އަހަރެން ބިޒީ ވެގެނެއް ނޫން. އެކަމަކު ޒަވީއަށް އުދަނގޫ ނުޖައްސަން. އަހަރެން ގެއިން ބޭސްއަޅާނީއޭ ބުނިއިރު ހިއެއް ނުކުރަމޭ ސްޓިޗް ކުރަން ޖެހިދާނެއެކޭ. އެހެން ނަމަ އަހަރެން ފުރަތަމަވެސް ހޮސްޕިޓަލަށް ދިޔައީހީ." މާއިޝާ ލެޕްޓޮޕް ލައްޕާލައިފައި ވާހަކަދެއްކިއެވެ. ޒަވީ އެއީ ކަމެއް ނޫނޭ ބުނެ ލުއި ހިނިގަނޑެއް ޖަހާލައިފައި މެހެރީން ގޭގައި ނެތީތޯ އަހާލިތަނާ މެހެރީން ދޮރު ހުޅުވާލައިފައި ނިކުތެވެ. "އަހަ. ހަމަ ޑެވިލްގެ ނަންގަތީ ޑެވިލް އައީ." ޒަވީ މެހެރީންއާ ސަމާސަ ކޮށްލަންވެގެން ބުނެލިއެވެ. އެވަގުތު އޭނާގެ ޖުމްލަ ނިމޭއިރަށް މެހެރީން ޅަކުއްޖެއްހެން ތުންދަމާފައި ދުވެ ގޮސް ބަދިގެއަށް ވަދެއްޖެއެވެ. 

"އަޅާނުލާ. މިއަދު އިރު އެރިގޮތް ކަމު ނުގޮސްގެން އެއުޅެނީ." މާއިޝާ ޒަވީ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ވާހަކައެއް ބުނެލާފައި ތެދުވެގެން ކޮޓަރިއާ ދިމާއަށް ދާން ފެށުމުން ޒަވީވެސް ފަހަތުން ހިނގައިގަތެވެ.

"އިނގޭތަ މެހެރް ބުނި އެއްޗެއް؟ ޒަވީ ޑްރެސިން ކުރިއިރު ވަރަށް ހޮޓްއޭ..." ކައިރިން ފެންނަމުން ދިޔަ ޒަވީގެ މޫނަށް ބަލަން އިނދެފައި މާއިޝާ އިއްވާލިއެވެ. އެވާހަކަ އަހާފައި ޒަވީ އެއްމިޔަކަނުން ހިނިތުންވެލީއިރު ހިތްގައިމުކަން މާއިޝާ އަމިއްލައަށްވެސް ގަބޫލު ކުރިއެވެ. ސުވާލަކީ އޭނާގެ ކޮއްކޮއަށް ޒަވީ ކަމުނުދާންވީ ސަބަބެވެ. "ދެން ކޮންއިރަކުން އޭނަ ކައިރީ ބުނަނީ؟" މާއިޝާ އިތުރު ސުވާލެއް ކޮށްލައިފައި ފާރުގަނޑުން ދިލަ ނަގައިގަނެގެން އައުޗްއޭ ކިޔާލެވުނެވެ. "ސޮރީ..." ޒަވީ އަވަހަށް މަޢާފަށް އެދިފައި މާއިޝާ ކުރި ސުވާލަށް ޖަވާބު ދޭކަށްވެސް ހަނދާނެއް ނެތެވެ. އޭނާ ބެލީ މާއިޝާގެ ރިހުން ކުޑަވާނެކަން ކުރިއަށް ގެންދިއުމަށެވެ. އެހިސާބުން މާއިޝާވެސް އިނީ ޒަވީގެ މޫނުން ނަޒަރު ވަކި ކޮށްލާފައި އުދަނގުލުން ނަމަވެސް ކޮނޑަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކުން ޒަވީ ނިންމާފައި އަތުގައި ހުރި އަންގި ބާލައި ޑަސްބިނަށް ވައްޓާލުމާއެކު ދާންވެގެން ތެދުވިއެވެ. 

"ޒަވީ...." ޒަވީ ހިނގައިގަތްތަނާ މާއިޝާ ގޮވާލުމުން އެނބުރި ބަލައިލިއެވެ. މާއިޝާ ތުންތަޅުވާލި ގޮތުން ހީވީ ކޮންމެވެސް ބޮޑު ވާހަކައެއް ބުނަން އުޅުނު ހެންނެވެ. "ތޭންކްސް." މާއިޝާ އެންމެފަހުން އިއްވާލީ ހިތުގައި އޮތް ވާހަކަ ނޫން އެހެން އެއްޗެކެވެ. "މައި ޕްލެޝަރ." ޒަވީ ހެވިލާފައި ނިކުމެގެން ދިއުމުން މާއިޝާ އަނެއް އަތުން ނިއްކުރީގައި ތަޅާލިއެވެ.

"އަހަރެން މިހުރީ ރެޑީ ވެގެން. ޒަވީ ދާއިރު އަހަރެން ތިގެއަށް ވައްޓާލަ ދީފަ ހޮސްޕިޓަލަށް ދާން ވާނީ." ޒަވީ ދޮރު ހުޅުވާލައިފައި ނިކުތްއިރު މެހެރީން ސޯފާގައި އިނދެފައި ކޮޅަށް ތެދުވެ ކޮނޑުގައި އަތް ދަބަސް އަޅުވާލިއެވެ. ކަކުލާއި ހަމައަށް ހުރި ހުދާއި ކަޅުގެ ހެދުން ކޮޅަކާއެކު ހުދު ލޭސް ޖެކެޓް ކޮޅެއްގައި ހުރިއިރު ކޮނޑަށްވުރެ ކުޑަތަންކޮޅެއް ތިރިއަށް މިހާރު ދިގުވެފައި އޮތް އިސްތަށިގަނޑު އޮތީ ދައްޗަކުން ހައްޔަރުކޮށްފައެވެ. އެވަރުންވެސް ނިއްކުރީގެ ދެފަރާތުން ކުރު އިސްތަށިތައް ކޯތާފަތާއި ދިމާއަށް ފައިބާފައި އޮތެވެ. "ހޫމ. އަހަރެންވެސް އަދި ގެއަށް ވަދެލާފަ ހޮސްޕިޓަލަށް ދާނީ." ޒަވީގެ ނަޒަރު މެހެރީންއަށް ހުއްޓިފައި ހިނދުކޮޅެއް ވީ ފަހުން އޭނާ ގަދަކަމުން އަމިއްލަ ނަފްސް ކޮންޓްރޯގެ ދަށަށް ގެނެއްސައި ބާރު ބާރަށް ދޮރާއި ދިމާއަށް ދާން ފެށުމުން މެހެރީންވެސް ފަހަތުން އަޅުވާލިއެވެ. 

އިރު އޮއްސި އަނދިރި ވީ އިރު މެހެރީން އެނބުރި އައިސް ކޮޓަރީގައި އިނީ ވާހަކަ ފޮތެއް ހުޅުވާލައިގެންނެވެ. އޭނާ މުޅި ދުވަހު ގެއާއި ދުރުގައި އުޅެފައި އައިސް އަދިވެސް ދައްތަ ކުރިމައްޗަށް ދާން އުދަނގޫވިއެވެ. އެކަމަކު މާއިޝާ އައިސް ވަނުމުން ދެން ނިކުމެގެން ދާކަށް ނުކެރުނެވެ. "ކޮންކަމަކާ ރުޅިއައިސްގެން ތިއުޅެނީ؟" މާއިޝާ އައިސް ޑްރެސިން ޓޭބަލް ގޮނޑި ދަމާލައިގެން އިށީންދެފައި އެހިއެވެ. މެހެރީން ފޮތަށް ބަލަން އިނދެގެން ޖަވާބު ދިނީ ރުޅިއެއް ނާދެއޭ ކިޔައިފައެވެ. "މެހެރް ބުނެބަލަ! އަހަރެންގެ މަޤާމުގަ މެހެރް ހުރިނަމަ ކިހިނެތް ކަންތައް ކުރާނީ؟ މެހެރް ވިސްނާލަބަލަ. ނާޔަލް ގެ ކިބައިގައި އަހަރެން އެދޭ ހުރިހާ ސިފައެއް އެބަހުރި. ހީ އިޒް ޕަރފެކްޓް. އެކަމަކު އަރްސަލާން... އޭނަ އަހަރެންދެކެ ލޯބިވާކަމެއް ނޭނގޭ. ޔަޤީނުންވެސް އޭނަ އަހަރެންގެ ލޯބި ޤަބޫލެއް ނުކުރި. އޭނަޔާއެކު އަހަރެންނަށް މުސްތަޤްބަލެއް އޮތްކަމެއް ނޭނގެ. އޭނައަކީ އަހަރެން ކަހަލަ އިންސާނެއް ނޫން. އޭނަގެ މީހަކާ ހެދި އަހަރެންގެ އާއިލާ ފޫނުބެއްދޭފަދަ އަނިޔާއެއް ލިބިފަ އެބަހުރި...." މާއިޝާ ވާހަކަ ދައްކަން ހުއްޓާ މެހެރީން ނިކަން ބާރަށް ފޮތް ލައްޕާލުމުން މެދުކަނޑާލައިފައި އެމޫނަށް ބަލައިލިއެވެ. 

"ތިހުރިހާ އެއްޗެއް ތިކިޔައިދެނީ އަހަރެންނަށްތަ؟ ނޫނީ އަމިއްލަ ނަފްސަށްތަ؟" މެހެރީންގެ މޫނުގައި ހުރީ މަލާމާތުގެ ކުލައެވެ. "ނޭނގެ. އަހަރެންނަކަށް ނޭނގެ ހަދާނެ ގޮތެއް. އަހަރެން ވަރަށް ވިސްނާފައި އަހަރެން ނިންމީ ނާޔަލްއާ އެއްކޮށް އުޅުނިއްޔާއޭ އަހަރެންނަށް ރަނގަޅު ވާނީ. އަދި އަރްސަލާންވެސް ބޭނުން ވަނީ އެގޮތޭ. އެކަމަކު އަހަރެން.... މެހެރް އަހަރެންނަކަށް ނޭނގެ ހަދާނެ ގޮތެއް. އަހަރެން ވިސްނާލީމަ އަހަރެންނަށް އަރްސަލާން ޗޫސް ނުކުރާނެ ކިތަންމެ ރީޒަންއެއް ފެނޭ.. އެކަމަކު އަހަރެންގެ ހިތް... އަހަރެން ހިތްހަމައެއް ނުޖެހޭ. އަހަރެންގެ ހިތަށް ތަދުވޭ އަރްސަލާން ހަނދާންވެފަ. އެންމެ އިރުކޮޅަކަށްވެސް އޭނަގެ ހަނދާން ހިތަށް ނާންނަގޮތެއް ނުހެދުނު..." ކޮއްކޮގެ ކުރިމަތީ އަމިއްލަ އިހްސާސްތައް ފޮރުވުމުގެ ބޭނުމެއް ނެތްކަން އެނގިގެން މާއިޝާ ވާހަކަދައްކަން ފަށާފައި އިރުކޮޅަކުން އިނީ ލޮލުން ކަރުނަ އައިއްސައެވެ. "ސީރިއަސް ކޮށް މިބުނަނީ. އަހަރެން މީ މިވަގުތު އިޝީއަށް ރިލޭޝަންޝިޕް އެޑްވައިސް ދޭން އެކަށީގެންވާ އެންމެ ފަހު މީހާ." މެހެރީން ބަލަން އިނދެލާފައި ފޮތް އެތަނަށް ދޫކޮށްލުމަށްފަހު ތެދުވެގެން އައިސް މާއިޝާގެ ކުރިމައްޗަށް ހުއްޓުނެވެ. އެވަގުތު މާއިޝާ މޫނު އުފުލާލައި ހަތަރުކަޅި ހަމަކޮށްލިއިރު އެލޮލުގައި އާދޭހުގެ އަސަރު ވިއެވެ. މެހެރީންއަށް ވިސްނުނެވެ. އޭނާ ބޭނުން ނުވިއަސް މާއިޝާއަށް ލަފައެއް ދޭން ހުރީ ހަމަ އޭނާއެވެ.

"ޒަވީ އަކީ ވަރަށް ރަނގަޅު މީހެއްނު. ޒަވީ ވިސްނާ ގޮތަށް ވިސްނާފަ ޖަވާބު ދެންތަ؟" މެހެރީން ކުޑަކޮށް ހިނިތުންވެފައި މާއިޝާގެ ކައިރީ ކުޑަކަކޫ ޖަހާލައި ދެކަކުލުގައި ހިފަހައްޓާލިއެވެ. ލޮލުން ކަރުނަ ތިއްކެއް ވެއްޓުމުން ފުހެލާފައި މާއިޝާ ބޯޖަހާލީ ކޮއްކޮގެ ޖަވާބަކަށް އެދިގެން އިން މީހަކު ފަދައިންނެވެ. "ތި ހޯދަނީ މުޅިންވެސް ދެކޮޅަށް ހުރި ރީޒަންތަކެއްނު. ދެކޮޅަށް ހަންޑްރެޑް ރީޒަން އޮތަސް. އަރްސަލާންއާ އެއްކޮޅަށް އެންމެ ރީޒަންއެއް ފެނިއްޖެއްޔާ އެ ނިމުނީ.... ޖަސްޓް ފައިންޑް ވަން!" މެހެރީންގެ ޖުމްލަ ނިމުމުން މާއިޝާ ބަލަން އިނދެފައި އަނެއްކާވެސް ބޯ ޖަހާލިއެވެ. "އަހަރެން ކިޔައިދެންތަ؟... ޔޫ އާ އިން ލަވް ވިތް ހިމް." މެހެރީން އިތުރަށް ފަށައިގެން ކުރިއަށް ދާން ފެށުމުން މާއިޝާ އިނީ ކަނުލައި އަހާށެވެ. "އިޝީއަށް ހީވަނީ އިޝީ ނާޔަލްދެކެ ލޯބިވާހެން. ވެދާނެ އެއީ ތެދެއްކަމަށްވެސް. އެކަމަކު އިޝީ އަރްސަލާންދެކެ މާބޮޑަށް ލޯބިވޭ. އިޝީއަށް އަރްސަލާންދެކެ ލޯބިވެވުނީ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން. އަރްސަލާންއާ ބައްދަލު ކުރަން އިޝީ ކެތްމަދު ވޭ. ބައްދަލުވީމަ އެކްސައިޓްވޭ. އުފަލުން ހިތް ފޮޅޭ. އަބަދު އެމޫނަށް ބެލިއަސް ބަލާ ފޫހިނުވޭ. ދުރުން ފެނުނަސް ހިތްހަމަ ޖެހޭ. ދެމީހުން ގުޅިއްޖެއްޔާ މުސްތަޤްބަލް އޮތް ގޮތެއް ނޭނގުނަސް މުސްތަޤްބަލުގެ ހުވަފެން ދެކެވޭ. އެންމެ ހާއްސަ ކަމަކަށް.. އަރްސަލާންއާ އެކު އިޝީ އުފާވެރިކަން އިހްސާސް ކުރެވޭ." މެހެރީންގެ ވާހަކަކޮޅު ނިމުނުއިރު އޭނާގެ ހިތަށްވެސް ފުން އަސަރެއް ކޮށްފައި ހުރިކަން ދޭހަކޮށް ދިނީ ލޮލުގައި ގިނަވެފައި ހުރި ކަރުނަތަކެވެ. މާއިޝާ އެންމެ ހައިރާންވީ މެހެރީން އެއްވެސް ތަޖުރިބާ ނެތް ކުއްޖަކު ތަޖުރިބާކާރެއް ފަދައިން ވާހަކަދެއްކީމައެވެ. 

"ޔަޤީނުންވެސް އެއް ރީޒަންއަށްވުރެ ގިނަ ވެއްޖެ ދޯ." މެހެރީން ހަމަ ކުއްލިއަކަށް މޫނުގެ ކުލަ ބަދަލުކޮށްލާފައި ތެދުވެ ހިނިގަނޑެއް ޖަހާލިއެވެ. މާއިޝާ އެއްޗެއް ބުނަން ވާއިރަށް އޭނާ ފުރަގަސްދީފައި ގޮސް އެނދަށް ބަންޑުން ވެއްޓިގަނެގެން ހުޅުވައިލީ ކިޔަން ގެންގުޅުނު ފޮތެވެ. މާއިޝާ ކޮއްކޮގެ ހަރަކާތްތަކަށް ބަލަން އިނދެފައި ތެދުވެގެން ދޮރާއި ދިމާއަށް ދިޔައިރު ކޮއްކޮ ދެއްކި ވާހަކަ ތަކާމެދު ފުންކޮށް ވިސްނުނެވެ.

"ދެން އަހަރެން ނާޔަލްއަށް ހަދާނީ ކިހިނެތް؟" މާއިޝާ ތަޅުގައި ހިފާފައި އެނބުރި ސުވާލު ކުރިއެވެ. "އެންމެ ފުރަތަމަ ބަލާބަ އަރްސަލާންގެ ޖަވާބު ބަދަލު ކުރެވޭތޯ. ޓްރައިއެއް ދިނުމަކީ އެއްވެސް ހާލެއްގައި ގޯހެއް ނޫން. ވޯކް ނުކޮށްފިއްޔާ ދެވަނަ އޮޕްޝަންއަކަށް އަބަދުވެސް ނާޔަލް ހުންނާނެ. އަދި އިޝީ ނުޖެހޭ ނާޔަލްއަށް އެއްވެސްކަމެއް އަންގާކަށްވެސް. އާފްޓަރ އޯލް، ނާޔަލް އެއީ އިޝީގެ ބެކްއަޕްއެއްނު." މެހެރީން ދިން ޖަވާބު އަހާފައި މާއިޝާ އިތުރަށް އެތާ މަޑުކުރާ ހިތެއް ނުވިއެވެ. އެވަގުތު އޭނާ ނިކުމެ ދޮރު ލައްޕާލުމުން މެހެރީން ފޮތް އަތުން ދޫކޮށްލައިފައި މޫނު ހަރައިލީ ބާލީހަށެވެ. މާއިޝާ ކޮންމެ ގޮތަކަށް ނިންމިއަސް ނާޔަލް އަކީ އޭނާއަށް ލިބެން ނެތް ނަސީބެކެވެ.

ބާރަޖަހަން ކައިރިވެފައި ހުއްޓާ މެހެރީން ލޮލަށް ނިދި ނައިސްގެން ނިކުތްއިރު މަލީހު މަސައްކަތް ނިންމާފައި އައިސް ގެއަށް ވަންނަނީއެވެ. ނިދަން ވީމައި ދޮރު ލައްޕާށޭ ކިޔާފައި އޭނާ މަޑުނުކޮށް ގޮސް ވަނީ ކޮޓަރިއަށެވެ. މެހެރީން ހަމަޖެހުމުގެ ނޭވައެއް ލައިފައި ސޯފާގައި ދިގު ދިގަށް އޮށޯވެ އޮތްވާ ދޮރުން މީހަކު ވަން އަޑަށް އެދިމާއަށް ބަލައިލާފައި ފުންމައިގެން ތެދުވެވުނެވެ. "ނާޔަލް؟" މެހެރީންއަށް ބުނެލެވުނެވެ. މެހެރީން ފެނުމުން އިސްޖަހައިލާފައި ނާޔަލް ކައިރިއަށް އަންނަމުން މާއިޝާގެ ކޮޓަރި ދޮރަށް ކަޅިއެއް އެއްލިއެވެ. "އިޝީ ނިދާފަ ކަންނޭނގެ." މެހެރީން ސޯފާއިން ތިރިއަށް ދެފައި އެލުވައިލާފައި ލައިގެން އިން ސޯޓުކޮޅު ކުރުވެ ފުރަތަމަ ފަހަރަށް ކަންބޮޑުވިއެވެ. ނާޔަލް އައިސް ހުއްޓެން ވާއިރަށް އޭނާ ކުޝަންއެއް ނަަގައި ދެފައިމަތީ ބާއްވައިލިއެވެ. 

"...އަމް.. އަހަރެން އަސްލު މިއައީ މެހެރްއާއި ބައްދަލު ކޮށްލަން." ނާޔަލް އަޅައަޅައިގަނެފައި އިއްވާލިއެވެ. އޭނާ އިށީންދެލީ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގައެވެ. އިރުކޮޅެއްގެ ހިމޭން ކަމަށްފަހު ސޮރީއޭ ބުނެ އިއްވާލެވުނީ ދެމީހުންނަށް އެއްއަޑަކުން އެއްފަހަރާއެވެ. އެވަގުތު ދެމީހުންނަށް ހީގަނެވިއްޖެއެވެ. މެހެރީންއަށްވުރެ ކުރިން ނާޔަލް ހިނިގަނޑު މައިތިރިކޮށްފައި އިރުކޮޅަކު އެމޫނަށް ބަލަން އިނެވެ. މެހެރީންއަށް އެކަން އެނގިގެން ކުއްލިއަކަށް އަނގަމަތީ އަތް އަޅާފައި ކޮންޓްރޯލް ކުރިއެވެ. "އެހެންވީމަ މެހެރް ޖެހޭނެ އަދިވެސް އަހަރެންނަށް ޖަވާބު ދޭން. ކްލިއަރލީ، އިޓް ވޮޒަންޓް އެން އާންސަރ." މެހެރީންގެ ސަމާލުކަން ލިބުމުން ނާޔަލް ފެށިއެވެ. މެހެރީންއަށް އެވަގުތު ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ. އޭނާގެ އެއަމަލަކީ ހަމައެކަނި ކުރި ކެލެންޖެއް ނޫނީ ކޮށްލި މަޖަލެއްކަން ނާޔަލް ބަލައިލަގަތީއެވެ. "ޖަވާބުގަ ބުނެލަން އޮތީ އަހަރެން ދުވަހަކުވެސް ނާޔަލްއަށް ނަފްރަތެއް ނުކުރަން." މެހެރީން އިސްއުފުލާލައި ނާޔަލްއާ ހަތަރުކަޅި ހަމަކޮށްލުމުން އެމޫނަށް ވެރިވި ހައިރާންކަން އެންމެ ރަނގަޅަށް ފާހަގަވިއެވެ. "ދެން އެހެންވިއްޔާ އަހަރެންދެކެ ލައިކް ވޭތަ؟" ނާޔަލް އެއިންގޮތަށް އިނދެ އަހާލިއެވެ. މެހެރީންގެ ކުލަ ކުރިއަށް ވުރެ ފަނޑުވިއެވެ. އެކަމަކު އޭނާ އިނީ އިސްޖަހައިނުލާން ހުވާކޮށްގެންނެވެ. ކޮންމެ ފަދަ ސުވާލަކާ ކުރިމަތިލާން ޖެހުނަސް ބިރެއްނެތި ޖަވާބު ދޭން ތައްޔާރަށެވެ. ނާޔަލްއަށް އެހާ ފައުޅުގައި ސުވާލުކުރަން ކެރެންޏާ އޭނާއަށްވެސް ޖަވާބު ދޭން ކެރޭނެއެވެ. 

"ޔެސް. އައި ލައިކް ޔޫ.." މެހެރީން ޖަވާބުދިނެވެ. "ސިންސް ވެން؟" ނާޔަލް އަނެއް ސުވާލު ހުށައަޅާލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން އިން ގޮތުން ހީވަނީ ޕުލުސް އޮފީހެއްގައި ސުވާލު ކުރަން ވައްދާފައި ތިބި ކުށްވެރިއަކާ ފުލުހަކާ ހެންނެވެ.
"ހަނދާން ނެތް. ހަނދާންނެތް ކޮންއިރަކުން ފެށިގެން ކަމެއް. އެކަމަކު ފުރަތަމަ ހަނދާން ހުންނަން ފެށިއިރުއްސުރެ ލައިކް ވޭ." މެހެރީން ސާފު ބަހުން ކިޔައިދިނެވެ. 
މެހެރީންގެ ޖަވާބަށްފަހު ދެ ބުދުހެން ހިމޭންކަމުގައި ތިބި ދެމީހުންގެ ހަށިގަނޑަށް ހަރަކާތް އައީ ފުރާޅަށް އޮހިގަތް ވާރޭގެ އަޑާއި ހެދިއެވެ. މެހެރީން ކުއްލިއަކަށް ތެދުވެގެން ގޮސް ހުޅުވާފައި ހުރި ކުޑަދޮރުތައް ލައްޕަން ފެށުމުން ނާޔަލް އެދިމާއަށް ބަލަން އިނދެފައި ފޯނު ނަގައިގެން ކުޅެން ފެށިއެވެ. "ނާޔަލް ހިނގާފައިތަ އައީ؟ ކިހިނެތް ހަދާނީ ގެއަށް ދާން؟ މިގަޑީ ހިއެއްނުވޭ ޓެކްސީއެއް ލިބޭނެ ހެނެއް. މިހާރު ބާރަ ޖެހީ." މެހެރީން އެނބުރި ގޮސް ނާޔަލް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކިއެވެ. 

"އިރުކޮޅަކު ބަލާލައިފަ ނުހުއްޓިއްޔާ އަހަރެން މިތާގަ އޮވެދާނަން." ނާޔަލް ފިކުރެއްނެތް މީހަކު ފަދައިން ޖަވާބު ދިނެވެ. މެހެރީންއަށް އިތުރަށް އެތާ އިންނަން ނުކެރިގެން ކޮފީއެއް ހަދާށޭ ކިޔާފައި ގޮސް ވަނީ ބަދިގެއަށެވެ. ލައިޓް ދިއްލާލައިފައި ވަދެ އޭނާ ފުރަތަމަވެސް ދޫކޮށްލީ ފުން ނޭވައެކެވެ. ހީވީ އެހުރިހާއިރު ނާޔަލް ކުރިމަތީ ނޭވާ ނުލައި އިނދެފައި އާދެވުނު ހެންނެވެ. އެކަމަކު ނާޔަލް ކައިރީ ހަޤީޤަތް ބުނެވުމުން ހިތަށް އަޖައިބެއްފަދަ ހަމަޖެހުމެއް ލިބިއްޖެއެވެ. މިހާރު އެވީ ގޮތުން ނާޔަލްއަށްވެސް އޭނާއާ ދުރުން އުޅެން އެނގޭނެއެވެ. އަދި އޭނާ އަމަލުތައް ބަހައްޓާ ގޮތާ ބެހޭ ގޮތުން ސުވާލު އުފައްދާކަށްވެސް ނުޖެހޭނެއެވެ.

"އަދިވެސް ނޫޅޭ ދޯ ވާރޭ ހުއްޓާކަށް." މެހެރީން ދެ ޖޯޑަށް ކޮފީ އަޅަން ހުއްޓާ ކައިރިން ފިޔަވަޅުގެ އަޑު އިވިގެން ވާހަކަ ދެއްކިއެވެ. ތަބަކަކަށް ލުމުގެ ބަދަލުގައި އޭނާ ދެއަތުން ދެ ޖޯޑުގައި ހިފާފައި އެނބުރި ލުމާއެކު ކުރިމަތިން އަރްސަލާން ފެނިގެން ސިއްސައިގެން ގޮސް ތެޅިގަނެވިފައި ދެތަށީ ހުރި ހޫނު ކޮފީ އަތަށާއި އެއްކޮށް ބަންޑުންވިއެވެ. ތަދުވެގެން ލޮލުން ކަރުނަ އައި އިރުވެސް އަޑު ބޭރު ވިޔަ ނުދޭން ދެތުންފަތް ޖައްސާ ބާރުކޮށްލާފައި ނާޔަލްއަށް އިވިދާނެތީވެ ޖޯޑުވެސް ދޫކޮށެއް ނުލިއެވެ. "ކޮބާ މާއިޝާ؟" އެވަގުތު މެހެރީން އަދި އިތުރަށް އަޖައިބު ވީ އަރްސަލާން ވާހަކަދެއްކި ތަން ފެނިފައެވެ. މާއިޝާ ފަރާތުން އެކަން އޮޅުންފިލާފައި އޮތަސް އޭނާ ކުރިމަތީ އަރްސަލާން އެގޮތަށް ވާހަކަ އެދެއްކީ ފުރަތަމަ ފަހަރަށެވެ. 

"އަރްސަލާން ކީއްކުރަނީ؟ ކިހިނެތް މިތަނަށް ވަނީ؟" މެހެރީން އަވަހަށް ދެޖޯޑު މޭޒުމައްޗަށް ލައިފައި ސިންކު ކައިރިއަށް ޖެހިލައި ފެންއިސްކުރާ އަތް ދިމާ ކުރިއެވެ. ޖަވާބުގައި އަރްސަލާން ދައްކާލީ ހުޅުވާފައި ހުރި ކުޑަދޮރެވެ. އޭނާ ފުރަގަސްދީގެން ހުއްޓާ އަރްސަލާން އެތަނަށް ވަނީ ކުޑަދޮރުންނެވެ. "މިވަގުތަށް އަހަރެން ބޭނުމީ މާއިޝާ ހުރީ ހެޔޮހާލުގައި ކަން އެނގެން. ބޭރުގައި އިން މީހާ އެތަނުން ދުރަށް ނުލިއްޔާ އަހަރެން އެކޮޓަރިއަށް ވަންނާނީ އޭނަ ކުރިމަތިން ގޮސް." މެހެރީން އަތް ދޮވެލާފައި ފެންހިއްކާލަން މަޑުކޮށްލި ވަގުތުކޮޅު އަރްސަލާން ދިނީ ފާޑެއްގެ އިންޒާރެކެވެ. "އައްދޭ. ހަމަ ހުރިގޮތަށް ހުރި ކޮންޓްރޯލް ފްރީކްއެއް ދޯ. މަޑުކުރޭ މިތާ. އަހަރެން އޭނަ ރޫމަށް ގެންދާނަން." މެހެރީން ކަންބޮޑުވެފައި، ބުނި ގޮތަށް ކަންތައް ކޮށްދޭން އެއްބަސްވިއިރު އެއަށްވުރެ ބޮޑު ކަމަކަށް ވީ ނާޔަލް ކޮޓަރިއަށް ގެންދާނެ ގޮތެކެވެ. އެކަމަކު އަރްސަލާންގެ އެހުރި އަމުރުވެރި ބީރަތްޓެހި ގޮތަކުން އޭނާއަށް އެކަމަށްވެސް އެއްބަސްވެވިއްޖެއެވެ. މާއިޝާ ކިޔައިދިން ވާހަކަތަކަށްފަހު އޭނާ މިހާރު އަރްސަލާންދެކެ ބިރުވެސް ގަންނަން ފަށައިފިއެވެ. ދެކޮޅު ހަދައިފިއްޔާ އަރްސަލާން އޭނާ މަރާލާކަށްވެސް ފަހަކަށް ނުޖެހޭނެއޭ ހިތަށް އެރިއެވެ.

"ނާޔަލް...." މެހެރީން ނިކުމެ ގޮވާލުމުން ނާޔަލް ބަލައިލާފައި އަނެއްކާ އިސްޖަހައި ކުޅެން ފެށީ ފޯނާއެވެ. މެހެރީންއަށް ބުނާނެ އެއްޗެއް ނޭނގިގެން ތުންފަތުގައި ދަތް އަޅާލައިފައި ގޮސް ކުއްލިއަކަށް ނާޔަލް އަތުގައި ހިފާ ކޮޅަށް ނަގައިފިއެވެ. އެވަގުތު ނާޔަލް ފާޑަކަށް ބަލައިލުމުން މޭގަނޑު ފިނިވެގެން ދިޔައެވެ. އެވަރުންވެސް އޭނާ ހިތުގެ ހާލު މޫނުން ނުދައްކަން ވެގެން ހަމަޖެހިލާފައި ނާޔަލް ގޮވައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. 

"އިހަށް މަޑުކޮށްބަލަ! ކީއްކުރަން އަހަރެން ކޮޓަރިއަށް ތިގެންދަނީ؟" ދޮރާއި ހަމައިން ނާޔަލް ކުއްލިއަކަށް ހުއްޓިފައި ނިކަން ތޫނު ނަޒަރަކުން އެމޫނަށް ބަލަން ފެށިއެވެ. ނާޔަލް ކުރިމަތީ ދޮގު ހަދަން މެހެރީން އެވަގުތު ނުކުޅެދުނެވެ. އަނެއްކޮޅުން އަރްސަލާން ހުރީ ނާޔަލްގެ ފުރަގަހުގައި ބަދިގެ ދޮރުމަތީގައެވެ. މެހެރީން ހަދާނެ ގޮތެއް ނޭނގިގެން ދެލޯ މަރާ ތަގުޅި ކޮށްލާފައި ހުޅުވައިލީ ކޮންމެ ކަމެއް ކޮށްގެންވެސް އެވަގުތު ނާޔަލް އެކޮޓަރިއަށް ވައްދަން ނިންމައިގެންނެވެ. ނާޔަލްގެ ތޫނު ނަޒަރު ދެކެ ޖެހިލުންވުމެއް ނެތި އެއަތުން ދޫކޮށްނުލައި ހުރެގެން ކޮޓަރީގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ދެމިގަތީއެވެ. 

"ވަޓް ދަ ހެލް؟" މެހެރީން ދޮރުލައްޕާލައިފައި ނާޔަލް ފުރަގަސްދީ ތަންކޮޅަށް ދިޔަތަނާ ނާޔަލް ބުނެލި އަޑު އިވުނެވެ. އެވަގުތަށް ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރާލި ހެންނެވެ. އެކަމަކު ލޭ އޮހޮރުނަސް އޭނާ މިފަހަރު ފަހަކަށް ނުޖެހޭނެއެވެ. މެހެރީން އެނބުރި ބަލާލިއިރު ނާޔަލް އަނެއްފަރާތަށް އެނބުރިފައި ނިކުންނަން ވެގެން ދޮރާއި ކައިރިވެލީއެވެ. އަދި މިހާރު އޭނާ ދޮރު ހުޅުވާލައިފިއްޔާ އަރްސަލާން އެކޮޓަރި ހުރަސްކުރާތަން އެންމެ ރަނގަޅަށް ފެންނާނެއެވެ. "ނާޔަލް...!' ނާޔަލް ހުއްޓުވަން ބޭނުންވި ވަރުން މެހެރީންއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. ނާޔަލް އެނބުރި ބަލައިލުމާއެކު އޭނާ ވިސްނާކަށް ނުހަދާ ކުއްލިއަކަށް މަތިން ލައިގެން ހުރި ޓީޝާޓް ބާލައި ތިރިއަށް ދޫކޮށްލައިފިއެވެ.

ކޮމެންޓް 0