މެހެރީން ކުރަން ރާވައިފައި ހުރި ކަންތައް ތަކުގެ ވާހަކަ ފަށައިގެން އޭނާ އެވާހަކައާ ބައިވެރިވެގެން އިންދާ ނާޔަލް ވާހަކަދައްކަން ފެށީ އަރްސަލާންއާ މުޚާތަބު ކޮށްފައެވެ. އެއްލި ކަޅިއަކުން މާއިޝާއަށް އެތަން ފެނިގެން ޖެހިލުންވިއެވެ. ދެކެވޭ ވާހަކައަކުން އަރްސަލާންގެ އާދަޔާ ޚިލާފުކަން ނާޔަލްއަށް ފާހަގަ ވާކަށް ބޭނުމެއް ނޫނެވެ. އޭނާ އެންމެ އަޖައިބުވީ އަރްސަލާންވެސް ނާޔަލްއަށް ރައްދު ދޭން ފެށީމައެވެ. އެކަމަކު އެމޫނުން ކުޑަވެސް ނުތަނަވަސްކަމެއް ފައުޅެއް ނުވެއެވެ. އޭގެ ބަދަލުގައި އަރްސަލާން އިނީ ހަމަޖެހިލާފައެވެ. ހީވާގޮތުން ޖެހިލުންވާން ޖެހޭނެ މީހަކީ ނާޔަލްއެވެ. އެއީ އަރްސަލާން ބޭނުމިއްޔާ ސިކުންތެއްގެ ތެރޭގައި އޭނާގެ މުށުތެރެއަށް ނާޔަލްގެ ފުރާނަ ލުމަކީ އެއްވެސް ކަމެއް ނޫނެވެ.
"ނާޔަލް...!" މާއިޝާއަށް ނީނދެވިގެން ގޮވާލެވުނެވެ. "ކެން ވީ ޓޯކް؟" އެންމެންގެ ލޯތައް އެމޫނަށް ހުއްޓުނު ނަމަވެސް މާއިޝާ ކަންބޮޑުވީ އަރްސަލާން ބަލައިލި ގޮތުންނެވެ. އޭނާ ކޮޅަށް ތެދުވިތަނާ މެހެރީން ތެދުވެ އިށީންދެފައި ކޮށްޓާލުމުން ބަލައިލިއިރު އިނީ ފާޑަަކަށް މޫނު ހަދައިގެންނެވެ. "އިޝީ ޕްލީޒް. ނޮޓް އަގެއިން...!" މެހެރީން އެކަނި މާއިޝާއަށް އިވޭވަރަށް ބުނެލިއެވެ. ކޮއްކޮ އެބުނި އެއްޗެއްގެ މާނަ އެނގުނު ނަމަވެސް މާއިޝާ ހިނގައިގަތީ ކުރިއަށެވެ. ނާޔަލް ފަހަތުން އަންނާނެ ގޮތަށް އޭނާ ގޮސް ދުރުގައި ހުރި ރުކެއްގެ ނިވަލަށް ވަދެ ބުރަކަށި ޖައްސާލައިގެން ހުއްޓުނެވެ.
"ނާޔަލް....އަމް...." އިރުކޮޅަކުން ނާޔަލް ތެދުވެގެން ގޮސް ސުވާލު ކޮށްލުމުން އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ނާޔަލްއާ އަރްސަލާން ވާހަކަ ދެކެވުނަ ނުދޭން ދުރަށް ގެންދިޔައެއް ކަމަކު އޭގެ ފަހުން ދައްކާނެ ވާހަކަ އޮތީ ނުރޭވިއެވެ. "އޯކޭ... ނައު އައެމް ކިއުރިއަސް." މާއިޝާއަށް ވާހަކަ ކުރިއަށް ނުގެންދެވިގެން އިސްޖަހާލި ގޮތް ފެނިފައި ނާޔަލްއަށް ބުމަ އަރުވާލެވުނެވެ. މާއިޝާގެ މިސިފަ އޭނާ ކުރިން ދެކެފައެއް ނުވެއެވެ. ކުޑަކޮށް ހިނި އައިސްގެން އޭނާ ރުކުގައި އަތް ވިއްދާލައިފައި ކައިރިން އެމޫނަށް ބަލައިލިއެވެ. ނުތަނަވަސްވެފައި ހުންނައިރު އަދި މާ ލޯބިހެން ހީވެއެވެ. އެއްޗެއް ނުބުނެފިނަމަ ނާޔަލް މުޅިން ގޯސް މާނައެއް ނަގައިފާނެތީ މާއިޝާ ބިރުގަތީ އެވަގުތުއެވެ. އެކަމަކު ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ އެގޮތަށް އެންމެން ތެރޭ ތިއްބާ ގޮވައިގެން ގެނެސް ވަކިވުމުގެ ވާހަކަ ދައްކައިފިއްޔާ ހީވާނީ އެހެން ގޮތެކެވެ. ދެން ބުނަން އޮތީ އަރްސަލާންގެ ވާހަކައެވެ. މެހެރީންއާ އަރްސަލާން އަދި ސީރިއަސް ނޫނަސް އެހެންވެއޭ ކިޔާފައި އޭނާ ސާފު ބަހުން އަރްސަލާންއާ ގުޅުން ބަދަހި ނުކުރަން ބުނެފިއްޔާވެސް ނާޔަލް ޝައްކު ކޮށްފާނެއެވެ. އެމީހުންގެ ކަމަކާ އޭނާ މާބޮޑަށް އިންޓްރެސް ދައްކައިގެން އުޅެނީއޭ ހިތަށް އަރައިފާނެއެވެ.
"ސްޕިޓް އިޓް ބޭބީ!" މާއިޝާ ވިސްނަން ހުއްޓާ ނާޔަލް އަނެއް އަތްވެސް ރުކުގައި ވިއްދާލުމުން އެދެއަތުތެރޭ އޭނާ ރަނގަޅަށް ހައްޔަރުވިއެވެ. ސަލާމަތްވާން އުޅުނު ވަގުތު ނާޔަލް ހައްތަހާ ބޮޑަށް މޫނު ކައިރިކޮށްލުމުން އެދެމެދުގައި އޮތީ އެންމެ ހަރަކާތެއް ކޮށްލިއަސް ނެތިގެންދާނެ ހަނި ތަންކޮޅެކެވެ. މާއިޝާއަށް ބިރުން ލޯމަރައިލައިފައި އެކުރެވުނީ އަދި ކިހާ މޮޔަކަމެއްކަން ވިސްނިގެން އަނެއްކާ ހުޅުވާލިއިރު ނާޔަލް އެހުރި ގޮތަށް ހުރެދާނެއޭ ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. އެކަމަކު ލޯ ހުޅުވާލުމުން އޭނާގެ މޫނަށް ހައިރާންކަން ގެނުވީ ނާޔަލް ދެއަތް ތިރިކޮށްލައިގެން ހުރީމައެވެ. އޭނާއަށް ފާހަގަވީ ނާޔަލްގެ މޫޑު ކުއްލިއަކަށް ބަދަލުވެފައި ހުރި ކަމެވެ. މަދު ސިކުންތު ކޮޅެއް ކުރިން ދެކުނު ލާނެތްކަން ނެތި، ހުރީ ސީރިއަސްވެފައެވެ.
"އިޝީ. އަހަރެން އިޝީގެ ރުހުމާ ނުލައި އެއްވެސް ކަމެއް ޚާޞިލެއް ނުކުރާނަން. އައި ޕްރޮމިސް." ނާޔަލް ބުނެލި ވާހަކައިން މާއިޝާ ސިހުނެވެ. އޭނާ ބަލާލިއިރު އެރީތި ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުރިހެން ހީވިއެވެ. އޭނާއަށް އުޅެވުނު ގޮތުން ނާޔަލްގެ އިހްސާސްތަކަށް އަނިޔާ ދެވުނެއްކަމަކު ކަންތައް އެވީ ރަނގަޅަށް ކަމުގައި މާއިޝާއަށް ޤަބޫލު ކުރެވުނެވެ. އޭރުން ނާޔަލް ދެން ދުވަހަކުވެސް އޭނާގެ ހުއްދައަކާ ނުލާ ކައިރިއެއް ނުވާނެއެވެ. އެވަގުތު ނާޔަލް އިތުރަށް މަޑުނުކޮށް އެނބުރި އައިކޮޅަށް ގޮސް ނިވާވުމުން މާއިޝާ ދިޔައިރު އަރްސަލާން އޮތީ އެކަންޏެވެ. މާއިޝާ ދެކޮޅު ހޯދާލައިފައި ޖެހިގެން ހުރި ގޮނޑީގައި އޮށޯތެވެ.
"އަހަރެން މާލެ އައީ މީހަކު ހޯދަން." މާއިޝާ އެކައްޗެއްވެސް ނުބުނަނީސް އަރްސަލާން ކުއްލިއަކަށް އިއްވާލިއެވެ. އެވަގުތު މާއިޝާ ސިހިފައި މޫނު އަނބުރާލިއިރު އަރްސަލާން އޮތީ ބަލަހައްޓައިގެންނެވެ. "އޭނާއަކީ އަހަރެން ކަހަލަ މީހެއް. އަހަރެންގެ ދަރިކޮޅުން އައިސް ހުރި މީހެއް. އެކަމަކު އޭނަ އިންސާނުންގެ ތެރޭގައި އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެ. އަހަރެންގެ ހަޔާތުގެ ބާކީ އޮތްބައި އިންސާނެއްގެ ގޮތުގައި އިޝީ ކައިރީ ހުންނަން އަހަރެން ބޭނުންވަނީ އޭނަގެ އެހީ." އަރްސަލާން އިތުރަށް ތަފްޞީލް ކޮށްދިނެވެ. "ކާކު އަރްސަލާންއަށް ތިމީހެއްގެ މައުލޫމާތު ދިނީ؟ ކައިލީންތަ؟" މާއިޝާ އިތުރަށް އޮޅުން ފިލުވަން ވެގެން އެހިއެވެ. "އަހަރެންގެ ބައްޕަ ބުނީ. ބައްޕަ އަހަރެން އެފެންގަނޑަށް ދޫކޮށްލާފަ ދިޔައީ އޭނަ ހޯދަން. ފެންގަނޑާއި ހަމައަށް އަހަރެން ދިއުމުގެ ކުރީގެ ވާހަކަ އަކީ ދިގު ވާހަކައެއް. އެހެންވެ އެވާހަކަ މިގަޑީގައި މުހިންމެއް ނޫން. އެކަމަކު ބައްޕަ އަނބުރާ ނައުމުން އަހަރެންނަށް އެނގުނު ބައްޕަވެސް އެހެން މީހުންނެކޭ އެއްފަދައިން އަހަރެންނާ ވަކިވެގެން ދިޔައީކަން. މިހާ ދުވަސް ވަންދެން އަހަރެން ދިރިއުޅުނީ ވަކި މަޤްސަދެއް ނެތި. މީގެ ކުރިން އޭނާ ހޯދަން އަހަރެން މަސައްކަތް ނުކުރީ އެހެންވެ. އެކަމަކު މިއަދު އަހަރެންނަށް އަހަރެންގެ މަޤްސަދު ލިބިއްޖެ." އަރްސަލާންގެ ވާހަކަ ނިންމާލަމުން އެރީތި ލޮލުން ބަލައިލި ގޮތުން މާއިޝާގެ ހިތް ފުރިގެން އައެވެ. އިސާހިތަކު ލޮލަށް ކަރުނަ ގިނަވެ އެސްފިޔަތަކުން ފުރޭނިގެންފިއެވެ.
އަރްސަލާން ތިރިއަށް ދެފައި އެލުވާލައިފައި ކުޑަކޮށް ގުދުވެލައިގެން އުނގުމަތީ އޮތް މާއިޝާގެ އަތުގައި ހިފާލި ވަގުތު އިތުރަށް ކެތް ކުރަން އުދަނގޫވިއެވެ. މާއިޝާ ބޭނުންވީ ވަގުތުން އަރްސަލާންގެ އަތުތެރެއަށް ވަންނާށެވެ. އެރީތި މޫނުގައި ބޮސްދީގައި އެމޭގައި މޫނު ފޮރުވައިލާށެވެ. އެކަމަކު ހިތުގެ އެދުމާ ދެކޮޅު ހަދަން ޖެހެނީ ކިތައް ފަހަރު ހެއްޔެވެ؟ "ނާޔަލްއަށް ފެނިދާނެ." މާއިޝާ އަރްސަލާން ސަމާލުކަމަށް ގެންނަމުން ލޯ ފުހެލާފައި ތެދުވިއެވެ. އޭރު މެހެރީން ނިކުމެގެން އަންނަތަން ފެނުނީ ބީޗްވިލާ އެތެރެއިންނެވެ.
"އިޝީ އަޅެ ބުނެބަލަ، އަހަރެން ކީއް މިކުރަނީ މިތަނަށް އައިސް؟ އެތާ ރޫމުގަވެސް އެއިނީ ފޫހިގަނޑެއް، ހަނީމޫނަށް އައިސްވެސް އޭނަ އެއިންނަނީ ވޯކް ޖައްސައިގެން. ދެން ކުރިމަތީ މިއިންނެވީ ދި ފެއިމަސް ވަން ވުމަން މޭން. އިޝީ ނޫން މީހަކާ އަނގައިން ބުނުންވެސް އޭނާއަށް މަނާ. ގޯޑް... އަހަރެން ހުވާ ފޫހިން މަރުވާނެ އިތުރަށް އެއްދުވަހު އުޅެން ޖެހުނަސް." މެހެރީން އައިސް އެދެމީހުން ކައިރިއަށް ހުއްޓި ހަށަން ބަނދެލަމުން ވާހަކަދެއްކިއެވެ. "ހިނގާ އެހެންވިއްޔާ އަހަރުމެން ތިންމީހުން އެކީ ގޮސް މަޖާކަމެއް ކޮށްލަން." ނާޔަލް މަސައްކަތުގައި އުޅޭ ވާހަކަ ބުނުމުން މާއިޝާ ހިޔާލެއް ދިނެވެ. މެހެރީން އެހިޔާލަށް ތާއީދު ކުރުމުން ތިން މީހުން ހިނގައިގަތެވެ.
ނާޔަލް މަސައްކަތް ނިންމާފައި ކުޑަކޮށް ނިދާލަން ވަން މީހާއަށް ހޭލެވުނީ އިރު އޮއްސެން ކައިރިވެފައި ހުއްޓައެވެ. ކޮޓަރިން ނިކުތްއިރު އަދިވެސް މާއިޝާގެ ޚަބަރެއް ނުވާތީ ވީތަނެއް ބަލާލަން ފޯނު ނެގިއިރު މެސެޖެއް އޮތެވެ. ހުޅުވާލި އިރު މާއިޝާ ލިޔެފައި އޮތީ އޭނާ މެހެރީންއާ އަރްސަލާންއާއެކު އެމީހުން ތިބޭ ތަނަށް ބަދަލުވި ވާހަކައެވެ. މެސެޖް ކިޔާލައިފައި އޭނާއަށް މުށުތެރޭ ފޯނު ބާރުކޮށްލެވުނެވެ. މާއިޝާ އަމިއްލަ ނަފްސާމެދު ނުވިސްނިއަސް އޭނާއާމެދު ވިސްނާލިއްޔާ ވާނީ ކީއް ހެއްޔެވެ؟ މެހެރީންއާ އަރްސަލާން އުޅެނިކޮށް އެގޮތަށް އޭނާ އާއި ދެތަނަކަށް ބަދަލު ވުމުން އެދެމީހުންނަށް އެމީހުންގެ ހީނަރުވެފައިވާ ގުޅުން ކިހާ ރަނގަޅަށް އެނގޭނެ ހެއްޔެވެ؟ އަރްސަލާން އަދި ކޮންމެ ގޮތަކަށް ދެކުނަސް އޭނާއަށް މައްސަލައަކަށް ނުވާނެއެވެ. އެކަމަކު މެހެރީންއަށް ކުރި ލިބޭ ފަދަ ވިސްނުމެއް އެސިކުނޑިއަށް އަރާކަށް ބޭނުމެއް ނޫނެވެ. ގަމުގައި ހިނގި ކަމެއް ވިއްޔާ ހިނގީ މެހެރީންގެ ސަބަބުންނެވެ. އެކަމަކު މެހެރީން އެއީ އޭނާގެ ލޯއްބެއް ނޫނެވެ. އޭނާ ދިރިއުޅުން ހޭދަ ކުރަން ބޭނުމީ މާއިޝާގެ ފިރިއެއްގެ ގޮތުގައެވެ.
އެރުޅީގައި ހުރެގެން ނާޔަލް ދެން ވަނީ ފެންވަރާށެވެ. ހައިވެފައި ހުރުމުން ނިކުމެ ސައިބޯން ވެގެން ގޮސް މަޑުކޮށްލީ އިރުއޮއްސޭ މަންޒަރު ފެންނަ ގޮތަށް ހަދާފައި ހުރި ނިކަން ހިތްގައިމު ރެސްޓޯރެންޓެއްގައެވެ. ނާޔަލް އެކަނިމާއެކަނި މޭޒު ދޮށުގައި އިނދެފައި ވޭޓަރަށް ކޮފީއާއިއެކު ކްލަބް ސޭންޑްވިޗަކަށް އޯޑަރ ދިނުމަށްފަހު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އިންސްޓަގްރާމް ކޮށްލިއެވެ. މުޅި އެހިސާބުގައިވެސް މީހަކު ނެތުމުން އޭނާ އިނީ ހިތްހަމަޖެހިފައެވެ. އިރުކޮޅަކުން ވޭޓަރ އެއްޗެހި ގެނެސްދީފައި ދުރަށް ޖެހިލުމުން އޭނާ ކޮފީ ބޯން އިނދެފައި އެއްލި ކަޅިއަކުން ކައިރިވަމުން އައި އަންހެން ކުއްޖަކު ލޮލުގައި އަޅައިގަތެވެ. އޮރެންޖް ވެފައި އޮތް އުދަރެހާއި އެކުއްޖާ ހިނގާލައިފައި އައި ފަރި ހިނގުމުން މަންޒަރު އިތުރަށް ފުރިހަމަވިއެވެ. ވިހުރާލައިފައި އޮތް ނިކަން ރީތި ކަޅު އިސްތަށިގަނޑާއި ލޫޅާފަތި ހަށިގަނޑަށް ފިޓްވެފައި އޮތް ހުދު ހެދުމެކެވެ.
ދެމީހުންނަށް އެކަކު އަނެކެއްގެ މޫނުގެ ކުލަ އެނގޭވަރަށް އަންހެން ކުއްޖާ ކައިރިވުމުން ނާޔަލް އިސްޖަހާލިއެވެ. އިރުކޮޅަކުން އޭނާގެ ކަންފަތުގައި ހަރުލައިގެން ދިޔައީ ލޮނުގަނޑަށް ކޮންމެވެސް މީހަކު ޖެހިގެން އަޑެވެ. ނާޔަލް އަނެއްކާވެސް އަންހެން ކުއްޖާ އައިސް ހުއްޓުނު ދިމާއަށް ބަލާލުމުން ސިހުމެއް ލިބުނެވެ. އެތާ ވެލިގަނޑު މިހާރު އޮތީ ދާދި ދެންމެއަކު އަންހެންކުއްޖާ ލައިގެން ހުރި ހުދު ހެދުމެވެ. ނާޔަލް ހައިރާންވެފައި ލޮނުގަނޑު ތެރެއަށް ލޯ ހިންގާލިތަނާ އަންހެންކުއްޖާ ބޯ ހިއްލައިލީ ރަންވެފައި އޮތް ލޮނުގަނޑު ތެރޭންނެވެ. އަދި އޭނާގެ ދެލޯ ހުރީ ސީދާ ނާޔަލްއަށް ހުއްޓިފައެވެ. އަންހެން ކުއްޖެއްގެ ސަމާލުކަން ލިބިގެން ފުރަތަމަ ފަހަރަށް ނާޔަލް ކަންބޮޑުވި ވަގުތަކީ އެއީއެވެ. އޭނާ ބޭނުންވީ ވީ އެންމެ އަވަހަކަށް އެތަނުން ނިކުމެގެން ދާށެވެ. ޖޯޑުގައި ބާކީ ހުރި ބައި ހުސްކޮށްލުމަށްފަހު ބިލަށް ވީ ފައިސާ މޭޒުމަތީ ބާއްވާފައި އޭނާ އަވަހަށް ނިކުމެގެން އެނބުރި އައި ކޮޅަށް މިސްރާބު ޖެހިއެވެ.
ފޯނު ބަލައިލާފައި ގޮސް ވަންނަ ދޮރުމަތީ ހުރި އުނދޯއްޔަށް އަރަން ގޮސް ކުއްލިއަކަށް ހުއްޓެވުނީ އަނެއްކާވެސް ސިއްސައިގެން ގޮހެވެ. ނާޔަލް އަޖައިބުވީ ދެންމެ މޫދުން ފެނުނު އަންހެންކުއްޖާ އެހާ އަވަހަށް އައިސް އޭނާއަށް ވުރެ ކުރިން އުނދޯލި ހެއްލަން އިނީމައެވެ.
"ކާކު ތީ؟" ނާޔަލް ހުރި ފިޔަވަޅު މައްޗަށް ހުއްޓިފައި ކުޑަކޮށް ބުމަ ގޮށް ޖަހާލިއެވެ. އެވަގުތު އަންހެން ކުއްޖާ ހިނިތުން ވެލީއިރު އޭނާގެ ފެހި ދެލޯ އާދަޔާ ޚިލާފަށް ވިދާލިހެން ނާޔަލްއަށް ހީވިއެވެ. އޭނާ ދެތިންފަހަރަކު އެސްފިޔަ ޖަހާލައިފައި އަލުން އެމޫނަށް ބަލައިލިއެވެ. ހަނދެއް ފަދަ ރީތި މޫނެކެވެ. ބަލާ ފޫހި ނުވާފަދަ ޒުވާން ކަމެވެ. "ބޭނުންތަ މާއިޝާ އަކީ ނާޔަލްގެ އެކަނި މީހަކަށް ހަދަން؟" ޖަވާބު ދިނުމުގެ ބަދަލުގައި އަންހެން ކުއްޖާ ކޮށްލި ސުވާލުން ނާޔަލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފުރަތަމަ އެކުއްޖާއަށް އޭނާއާއި މާއިޝާ އެނގުނީ ކިހިނެތް ހެއްޔެވެ؟ "ތީ އަހަރެންގެ އިޚުތިޔާރުގައި އޮތް ކަމެއް ވިއްޔާ ތިކަން ކުރަން ބޭނުން. އެކަމަކު އެކަން ކޮށްގެން ތިކުއްޖާއަށް އޮތީ ކޮން ފައިދާއެއް؟" ނާޔަލް ވިސްނަން ހުރެފައި ވާހަކަދެއްކިއެވެ. އޭނާ ބަލަން ހުއްޓާ އަންހެންކުއްޖާ ޖަހައިލީ ހިނިގަނޑެކެވެ. "ޤަބޫލު ކުރޭ، ނާޔަލްއަށް ވުރެ ބޮޑަށް އެކަމުން ފައިދާ އޮތީ އަހަރެންނަށް." އޭނާ ހިނިގަނޑު މައިތިރިކޮށްފައި ތަންކޮޅެއް ސީރިއަސް ވެލިއެވެ.
އިރު އޮއްސި އަނދިރިވުމުން ތިން މީހުން ބޭރުން އައިސް ވަދެ ވަދެ ހުރެފައި އަރްސަލާން ކުއްލިއަކަށް ހުއްޓިފައި އަތުގައި ހިފައިލުމުން މާއިޝާ ބަލައިލިއިރު ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މާއިޝާ ސުވާލު ކުރަން އުޅެފައި ފުރަތަަމަ މެހެރީން ގޮސް ކޮޓަރިއަށް ވަންނަންދެން މަޑުކޮށްލިއެވެ. "އަރްސަލާން. ކިހިނެތްވީ؟ ކަމެއް ގޯސްވީތަ؟" މާއިޝާ އަނެއް އަތުން އަރްސަލާންގެ ދަތްދޮޅީގައި ހިފާ އުފުލައިލުމުން ފާޑަކަށް ބަލަން ހުރެފައި އެނބުރުނީ އަނެއްފަރާތަށެވެ. ދެން ކޮންމެވެސް މީހަކު ހޯދަން އުޅޭހެން އެތަން މިތަނަށް ލޯ ހިންގާލައިފައި ކުރިއަށްވުރެ ބޮޑަށް އަތަށް ބާރު ކޮށްލައިގެން ބާރު ބާރަށް އެތެރެއަށް ވަދެގެން ދިޔައެވެ. އަރްސަލާންއާ އެއްވަރު ކުރަން ވެގެން މާއިޝާއަށް ޖެހުނީ ފަހަތުން ދުވާށެވެ. އެވަގުތު އަރްސަލާން ގޮސް ކޮޓަރި ދޮރު ހުޅުވާލައިފައި ވަދެ ފުރަތަމަވެސް ކަހާލައިފައި ހުރި ދޮރު ފޮތިތަކާއި ދިމާއަށް ދިޔައެވެ. މާއިޝާ ދޮރުމަތީ ބަލަން ހުރެފައި ވިންދު ޖަހާލި އަތުގެ ކުޑަ ހުޅުގައި ދެފަހަަރަކު ފިރުމާލިއެވެ. އަރްސަލާން ފޮތިގަނޑު ދަމާފައި އެނބުރި އަންނަން ވާއިރަށް އޭނާ އެނދުގެ މަގަތުގައި އިށީންދެ އިނެވެ.
"އަރްސަލާން ކާކާ ފިލަން ތިއުޅެނީ؟ ބުނެބަލަ އަހަރެން ކައިރީ؟" މާއިޝާ އަރްސަލާން އެނބުރިލުމުން އަހާލިއެވެ. ޖަވާބެއް ނުދީ އަރްސަލާން އައިސް ކޮޅަށް ހުންނަން ފެށުމުން މާއިޝާ އަތް އެއްލާފައި އަރްސަލާންގެ ދެއަތުގައި ހިފާ ކައިރިއަށް ގެނެސް އެނދުގައި ބޭންދިއެވެ. "އަރްސަލާން ތި ބިރުގަންނަނީ އަހަރެންނަށް ގޮތެއް ވެދާނެތީތަ؟ އަހަރެން ބުނަންތަ ވާހަކައެއް. އަހަރެން އަމިއްލަ ރައްކާތެރިކަން ބޭނުންވަނީ އޭގެ ކުރިން އަރްސަލާންގެ އަމިއްލަ ރައްކާތެރިކަން ހޯދުމަށްފަހު." މާއިޝާ އަރްސަލާންގެ ނުތަަވަސްކަން ދުރުކޮށްދޭންވެގެން ވާހަކަ ދައްކަން ފަށާފައި އެމޫނުގައި ދެއަތުން ހިފައިލިއެވެ. "ޓްރަސްޓް މީ އަރްސަލާން. އަހަރެން ދުނިޔެ ބޭނުމީ އަރްސަލާންއާއެކު، ތީ އަހަރެން ހަޔާތުގެ ބާކީބައި އެމީހަކާ އެކު ހޭދަ ކުރަން ބޭނުން މީހަކީ. އެހެންވީމަ ފުރަތަމަ އަހަރެން ބޭނުން އަރްސަލާން ތި ނަގާ ރިސްކްތައް ނެގުން ހުއްޓާލަން. މި ޓްރިޕްވެސް މީ މުހިންމު އެއްޗެއް ނޫން. މިތަނުގައި އުޅެނިކޮށް އަރްސަލާން އެކްސްޕޯސް ވުމަށްވުރެ އަހަރެން އެކަނި ދޫކޮށްލިނަމަ މާ ރަނގަޅުވީސް..." މާއިޝާ ވާހަކަ ދައްކަ ދައްކާފައި ހުއްޓާލިއިރު އަރްސަލާންގެ ރީތި ލޮލުން ވިދަން ފެށި ކަރުނަތައް ފެނިފައި ހިތަށް އެތައް ގޮތެއް ވިއެވެ. އޭނާ ބަލަން އިނދެފައި މޫނު ކައިރިކޮށްލުމުން އަރްސަލާން ކުއްލިއަކަށް އޭނާގެ ކޮނޑުގައި ހިފާ ދުރުކޮށްލިއެވެ.
"އިޓްސް އޯކޭ... އައެމް އޯކޭ ވިތް އިޓް..." މާއިޝާ މިފަހަރުވެސް އަރްސަލާންގެ ނުތަނަވަސްކަން ދުރުކޮށްދިނެވެ. ދެން އޭނާއަށް އަރްސަލާން އަތުތެރެއަށް ވަދެވުނީ ކިހިނެތް ކަމެއްވެސް ނޭނގި އޮވެވުނީ އެބާރުގަދަ އަތުތެރޭ ހައްޔަރުވެފައެވެ.