ޒަވީގެ ޖަވާބު ލިބުމުން މާއިޝާ ތެދުވެފައި ބުދެއްހެން އަތެއް ތަނެއް ނުގުނޑުވާ ގޮސް ދަބަސްތައް ކައިރިއަށް ހުއްޓުނެވެ. އޭނާ ފޯނު ދަބަހަށް ލައިފައި އެނބުރުނުއިރު މޫދުގައި މަޖާ ނަގަމުން ދިޔަ އެންމެން އޭނާއަށް ގޮވައެވެ. އެމީހުންގެ ގޮވުމަށް އިޖާބަ ދޭން ވެގެން އޭނާ އެދިމާއަށް ގޮސް ވަކި ހިސާބަކުން ހުއްޓުނެވެ. ދެން ކުއްލިއަކަށް ދުއްވައިގެންފައި ގޮސް ލޮނުގަނޑު ތެރެއަށް ޖެހިގެންފިއެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އެންމެ ފަހަރަކުވެސް ބޯހިއްލައި ނުލައި ފީނާލައިފައި އޭނާ ދިޔައީ އެންމެން ފަހަނައަޅާފައި ދުރަށެވެ. ބޭރަށެވެ. ވަކި ހިސާބަކުން ނޭވާ ހުސްވެގެން މައްޗަށް އަރަން ބޭނުންވި ވަގުތު ފައި އަކުނިވަޔަށް ދަމައިގަނެގެން މުޅިކުއްޖާ ހުރިގޮތަށް ދިޔައީ އަޑިއަށެވެ. ހުރިހާ އަޑުތަކެއް ކެނޑި އެކަނި ބަން އަޑެއް ކަންފަތުގައި ހަރުލައިގެން ދިޔަ އެވަގުތު ސަލާމަތަށް އެދި އޭނާ ތެޅުންވެސް ހުއްޓާލީއެވެ. އޭރު ހިތް ބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. އެއީ އެސޫރަ އަންނާނެއެވެ. ފެންގަނޑު ތެރޭން އޭނާ ސަލާމަތް ކޮށްދިން ގޮތަށް މިލޮނުގަނޑު ތެރޭންވެސް އޭނާ ސަލާމަތް ކޮށްދޭނެއެވެ. ލޮލުން ދިލަ ނެގިއިރު އޭނާ އޮތީ ދުރު ބަލަހައްޓައިގެންނެވެ. އެކަމަކު އޭނާ ހީކުރި ގޮތާއި ޙިލާފަށް މޫނު މައްޗަށް އަނދިރިވެ މަންޒަރު ގެއްލުނުއިރުވެސް އަލުން އެސޫޫރައެއް ނުފެނުނެވެ.
"މާއިޝާ! މާއިޝާ ދަރިފުޅާ...!" މާއިޝާއަށް ހޭވެރިކަންވީ ގޮނޑުދޮށުގައި އޭނާ ބާއްވައި އެންމެން ވަށާލައިގެން ތިބެފައި މަލީހް އޭނާގެ ބަނޑަށް ފިތައި ލޮނުތައް ނެރެނިކޮށެވެ. އަނގައިން ދެފަހަރަކު ލޮނު ބޭރުވީފަހުން ކެއްސައިގެންފައި އޭނާއަށް ތެދުވަން އުޅެނިކޮށް މަލީހް އެހީވެގެން ނަގައި ބެއިންދިއެވެ. "ކިހިނެތް ހާލު؟ ކިހިނެތްވީ؟ ކިހިނެތް ގެނބުނީ؟" ކުރިމަތީ އެންމެން ތިބެފައި އެއްއަޑުން އެކި ސުވާލުތައް ކުރުމުން މާއިޝާ ބަލައިލިއިރު ކޮންމެ ލޮލެއްގައި ވީ ސުވާލުމާކު ތަކެވެ. "މިގަޑީގަ ދެން އެކަކުވެސް އިހަށް ސުވާލު ނުކުރޭ. މާއިޝާ ހިނގާ ގެއަށް ގޮސް ފެންވަރާލާ ހަދައިގެން އަރާމު ކުރަން." މާއިޝާ ދޭނެ ޖަވާބެއް ނޭނގިގެން އިންދާ މަލީހް އޭނާގެ މުލައްދަނޑީގައި ހިފާފައި ކޮޅަށް ނަގައިފިއެވެ. މާއިޝާ އެސުވާލުތަކުން ސަލާމަތް ވާން ބޭނުންވެފައި ހުރިވަރުން ބޯ ޖަހާލިއެވެ. އެއަށްފަހު އެންމެން ގެނަ އެއްޗެހި އެއްތަން ކުރަން އުޅުނުއިރު އޭނާ ގޮސް އިނީ ތަންކޮޅެއް އެއްގަމުގައި ހުރި ހޮޅުއަށްޓެއްގައި އިށީންދެލައިގެންނެވެ. އެއަށްފަހު ގިނައިރެއް ނުވެ އެންމެން ޕިކަޕްގައި ގެއާއި ދިމާއަށް ދާން މިސްރާބު ޖަހައިފިއެވެ.
"އިޝީ ކޯއްޗެކޭ ހިތަށް އަރައިގެން ކުރި ކަމެއް އެއީ؟" މެހެރީން ސުވާލު ކުރީ ގެއަށް ދެވުނީމައެވެ. އޭރު މާއިޝާ ކުރިން ފެންވަރައިގެން ނިކުމެ އިސްތަށިގަނޑުވެސް ނުހިއްކާ އެނދުގައި އޮށޯވެލައިގެން ބޭރު ބަލަން އޮތެވެ. މާއިޝާ ޖަވާބެއް ނުދިނުމުން މެހެރީން ތުވާލި ގަނޑާއެކު އައިސް ކައިރިއަށް ހުއްޓުނެވެ. "ކިރިޔާ ކަމެއް ވާއިރަށްއަހަރެންނަށް ނަސޭހަތް ދޭ ވަރުވެއެއްނު. އެކަމަކު އަހަރެންނަށް ހަމަ ވިސްނާ ވިސްނާ ނޭނގުނު އިޝީ ސުސައިޑް އެޓެމްޓެއް ކުރާވަރުގެ ކޮންކަމެއްކަން ދިމާވީ....މެހެރީން ވާހަކަދައްކަ ދައްކާ ހުއްޓާ މާއިޝާ އޮތް ގޮތަށް އޮވެ ދުރުބަލަމުން ކޮންމެވެސް އެއްޗެއް ބުންޏެވެ. މެހެރީންއަށް އެބުނި އެއްޗެއް ސާފު ނުވެގެން ދެއްކި ވާހަކަ މެދުކަނޑާލައިފައި ކީކޭހޭ އަހާލައިފިއެވެ. "ޒަވީ ބުނި ވާހަކަ ގަބޫލު ނުކުރެވިގެން މިއުޅެނީ. އަހަންނަށް އިނގޭ އެއްޗަކީ އޭނަ އަހަރެން ސަލާމަތް ކޮށްދިންކަން." މާއިޝާ ޖަވާބު ދީފައި މެހެރީންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. މެހެރީން ސުވާލުމާކު ޖެހިފައިވާ މޫނަކާއެކު ކުރިއަށްވުރެ ކައިރިވެލާފައި އެނދުގެ މަގަތުގައި އިށީނެވެ. އޭނާއަށް އަދިވެސް މާއިޝާ އެކިޔާ އެއްޗެއް މުޅިއަކުން ދޭހައެއް ނުވެއެވެ. "އެދުވަހު އަހަރެން ފެންގަނޑަށް ވެއްޓިގެން އަހަރެންގެ އުނަގަނޑުގައި ދެއަތުން ހިފާފައި މައްޗަށް ނެގި މީހަކީ އޭނަ. އޭނަ ބޭނުން ނަމަ އެދުވަހުވެސް އެޓޭކް ކުރެވުނީހެއްނު..." މައިޝާ ތެދުވެ އިށީންވަގުތު މެހެރީން ބޮލުގައިި ދެއަތުން ހިފާލައިފައި ސާބަހޭ ބުނެލިއެވެ. "އަހަންނަށް އަދި ކިރިޔާ ތި ކިޔާ އެއްޗެއް މިއެނގުނީ. ޒަވީ އެހެން ބުނީމަ އެކަމުގެ ތެދު ދޮގު ބަލަންތަ ކަނޑާ ހަމައަށް ދާން މަސައްކަތް ކުރީ؟ ހަމަ އަސްލުވެސް މޮޔަވެފަ ތިހުރީ. އިޝީއަށް ކިހިނެތްތަ އެނގެނީ ޒަވީ އެބުނި މީހާކަމެއް އެދުވަހު ފެންގަނޑުން ފެނުނީ؟" މެހެރީން ތެދުވެގެން ޑްރެސިންޓޭބަލް ކުރިމައްޗަށް ހުއްޓުނުތަނާ އެތާ އޮތް ފޯން ވައިބްރޭޓް ވެގެން ނެގިއެވެ. ކޮއްކޮގެ ސަމާލުކަން އެހެން ދިމާއަކަށް ހުއްޓުނުތަން ފެނިގެން މާއިޝާ ކައިރީގައި އޮތް ކަންނޭލުގައި ބައްދާލައިގެން ލޯ މަރައިލިއެވެ. އޭނާ ޖަވާބު ދިނީ ހިތުންނެވެ. އެއީ އެކަކުކަން ޔަޤީންކޮށްދިނީ ދެމީހުންނަށްވެސް ފާހަގަވި ފެހި ދެލޯ ކަމުގައެވެ.
ނާޔަލްގެ ދެވަނަ ފޯނު އައީ އެރޭގެ ވަގުތެއްގައެވެ. މާއިޝާ ނަމާދުކޮށްގެން ނިކުމެ ކާމޭޒުމަތި ތައްޔާރު ކުރަން އުޅެނިކޮށް ވައިބްރޭޓް ވެގެން ޖީބުން ނެގިއިރު ނާޔަލްއެވެ. "އިޝީ މާލެ އަންނަން އުޅޭ..!" ފޯނު ކަންފަތުގައި ޖެހުމާއެކު ނާޔަލް ފުރަތަމަވެސް ބުންޏެވެ. "ކީއްކުރަން މާލެ ދަނީ. ހަތަރު ދަމު ދެފައި ދަމާފަ ގޭގަ އޮވެ ނިދަންތަ؟" މާއިޝާވެސް ދުލެއް ނުކުރެއެވެ. އޭނާ އެންމެ ހިތްހަމަ ނުޖެހުނީ އޭނާ ނުބުނަނީސް އެވާހަކަތައް ނާޔަލް ކަންފަތަށް ފޯރާތީއެވެ. "އޭރުން ޔަޤީނުންވެސް ކޮންމެ ފަހަރަކު ދަމާފަ ފެންގަނޑަކުން ނަގާކަށް ނުޖެހޭނެއެއްނު.....އިޝީ އައެމް ވޮރީޑް. އަހަންނަށް މަސައްކަތެއް ނުކުރެވޭ އިޝީއާމެދު ވިސްނާފަ. ކައިރީގަ ހުންނަންޏާ އެޓްލީސްޓް ވާނުވާ ބެލޭނެއެއްނު." ނާޔަލް ރުންކުރުވެފައި ފެށިއަސް ވާހަކަ ނިމުނުއިރު އަޑުުގައި ހުރީ ކަންބޮޑުވުމެވެ. "މިފަހަރު އަހަރެން އެހާ އަވަހަށް ދާ ހިޔާލެއް ނުކުރަން..." މާއިޝާ ނިންމީ އެހިސާބުން ނާޔަލްއަށް ގެސްޓް ހައުސްގެ ވާހަކަ ކިޔައިދޭށެވެ. "ވަޓް ޑޫ ޔޫ މީން؟"ސުވާލު ކޮށްލިއިރު ނާޔަލްގެ އަޑަށް ކުރީގެ ހަރުކަށިކަން ހިސާބަކަށް ވެރިވިއެވެ.
"ނާޔަލް. އަހަރެން މިއުޅެނީ ބައްޕައަށް ލިބިފަ އޮތް ބިމެއްގައި ގެސްޓް ހައުސްއެއް އިމާރާތް ކުރަން." މާއިޝާގެ ޖުމްލަ ނިމުނުއިރު ނާޔަލް ބާރު ބާރަށް "ވަޓް"އޭ ކިޔާލައިފިއެވެ. "ތި އިވުނީ ހަމަ އެންމެ ރަނގަޅަށް. އަހަރެން މިފަހަރު މިރަށުން ދާނީ މިޕްރޮޖެކްޓް ނިންމާފަ. ނާޔަލް އެގޮތް ބޭނުން ނުވިއަސް އަހަރެން މިފަހަރު ހުއްޓައެއް ނުލާނަން. މިކަމުގައި އަހަރެންނާއެކު އަހަރެންގެ ބައްޕަ އެބަހުރި. އަހަރެންނާ ބައްޕަގެ އަތުގައި ހުރި ފައިސާގެ އިތުރަށް އިންވެސްޓް ކުރަން އެންމެ މީހަކު ލިބޭއިރަށް އަހަރެމެން މަސައްކަތް ފަށާނަން." މާއިޝާއަށް ލިބިފައި ހުރި ޖޯޝުގައި ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލި ފަހުން ނާޔަލް އިރުކޮޅަކު ހިމޭނުން ހުއްޓެވެ. މާއިޝާ އިތުރަށް ވާހަކަ ދައްކަން އެވަގުތު ބޭނުން ނެތުމުން ބާއްވަނީއޭ ބުނެ ކަނޑާލިއިރުވެސް ނާޔަލް ދެން އަނގައަކުން ނުބުނެއެވެ. އެކަމަކު ބޮލުގައި އޮތް ބަރުން ބޮޑުބައެއް ނެތިގެން ދިޔަކަހަލަ ލުއި ކަމެއް މާއިޝާއަށް އިހްސާސް ކުރެވުނެވެ. ނާޔަލް ކައިރީ ބުނެވިއްޖެއެވެ. އެދިޔައީ އެންމެ އުދަނގޫ ޕާޓެވެ. ދޮންބައްޕަ އާއި މަންމަ ރުއްސަން ގައިމުވެސް ނާޔަލްއަށްވުރެ ފަސޭހަ ވާނެއެވެ.
އެރޭ މާއިޝާ މަސައްކަތުގައި މޭޒު ދޮށުގައި އިންދާ މަންމަ ގުޅިއެވެ. ފޯން ރިންގް ވާން ފެށުމުން ގެނެސް ދިނީ މެހެރީންއެވެ. މާއިޝާ ފޯނުގައި ހިފުމުން މެހެރީން ގޮސް އެނދުގައި އިނީ ލެޕުން ފިލްމެއް ބަލާށެވެ. މާއިޝާ ގޮނޑީގައި ހަމަޖެހިލާފައި ހަލޯއޭ ބުނެލިހާއިރުން ވާހަކަ ދެއްކީ ދޮންބައްޕަ އާއި މަންމައާ ދެމީހުން ވެގެންނެވެ. ފޯނު ސްޕީކަރަށް ލައިގެން ކަންނޭނގެއެވެ. އޭނާ އެމީހުން ސުވާލު ކުރަން ފެށުމުން މިއަދު ދިމާވި ކަންތައް ވީ އެންމެ ކުޑަ ގޮތަކަށް ކިޔައިދީގެން ހިތްހަމަޖައްސައި ދިނެވެ. ދޮންބައްޕަ އޭނާ އިމާރާތް ކުރަން އުޅޭ ގެސްޓް ހައުސްއާ ބެހޭ ގޮތުން ސުވާލު ކުރީ ދެނެވެ. ނާޔަލްގެ ފުށުން އެނގުނީކަން ޔަޤީންވެފައި މާއިޝާވެސް ސާފު ބަހުން އޭނާ ބޭނުންވާ ގޮތް އެމީހުންނަށް ކިޔައިދިނެވެ. ދެން ކުއްލިއަކަށް އިވުނީ ނާޔަލް "އިޝީ" އޭ ކިޔާ ގޮވާލި އަޑެވެ. މާއިޝާއަށް ތެޅިގަނެފައި ނާޔަލްގެ ނަން ކިޔާލެވުނެވެ. ދޮންބައްޕަ އާއި މަންމަ ހީވަނީ ނާޔަލްއަށް ފުރުސަތު ދޭންވެގެން ހިމޭންވިހެންނެވެ.
"އިޝީ އަހަރެން ވާހަކައެއް ބުނަން ބޭނުން." ނާޔަލްގެ އަޑު ދެން އިވުނީ ކުރިއަށްވުރެ ކައިރިންނެވެ. މާއިޝާ އެއްޗެއް ނުބުނި ނަމަވެސް އަޑުއަހަން ސަމާލުވެ އިނެވެ. އޭނާ ހާސްވީ އެހެން މީހުން ބައިތިއްބައިގެން ނާޔަލް ކުރަން އެއުޅޭ ކަމެއް ނޭނގިގެންނެވެ ފަހަރުގައި އެމީހުން ތިބުމުން އެމީހުންގެ ބާރުގައި އޭނާގެ މަސައްކަތަށް ހުރަސް އަޅަން މަސައްކަތް ކޮށްފާނެއޭ ހިތަށް އެރުމުން ނިކަން ޖެހިލުންވެއްޖެއެވެ.
"އަހަރެން ނިންމައިފިން އިޝީގެ ގެސްޓްހައުސް ޕްރޮޖެކްޓަށް އިންވެސްޓް ކުރާގޮތަށް." ނާޔަލް ބުނެލީ މާއިޝާއަށް އަޑު އިވިދާނެ ކަމަށް ކުޑަކޮށްވެސް ހީނުުވި ވާހަކައެކެވެ. ވަގުތުން އޭނާއަށް ލޯ ބޮޑުކޮށްލެވުނެވެ. "ޔެސް އިޝީ. އައި ވޯނަ ހެލްޕް. އަހަރެން އިޝީގެ މަސައްކަތާ ދެކޮޅު ހެދީ އިޝީގެ ޓެލެންޓާމެދު ޝައްކު ކުރާތީއެއް ނޫން. ކައިވެންޏަށްފަހު އިޝީ ލައްވާ އެއްވެސް ކަމެއް ކުރުވަން ބޭނުން ނުވާތީ. އެކަމަކު ދިސް ވަންސް... އަހަރެން އިޝީގެ މަސައްކަތުގައި އެއްބާރުލުން ދޭން މިހުރީ ތައްޔާރަށް." ނާޔަލްގެ ވާހަކަ ނިމުނުއިރު މާއިޝާގެ ލޯ ފެންކަޅިވިއެވެ. އޭނާ އުފަލުން އެތައް ބައިވަރު އެއްޗެއް ބުނަން ބޭނުންވެ ހުރެވެސް ދުލުން ކިޔާލެވުނީ ހަމައެކަނި "ތެންކިއު ނާޔަލް." މިހެންނެވެ.
ޖެހިގެން އައި ދުވަހު ހެނދުނުގެ ފްލައިޓުން މާއިޝާ ފޮނުވަން އެންގި ހުރިހާ އެއްޗެއް ހަމައަށް ލިބުނެވެ. އޭނާ ކުރަހަން ގެންގުޅޭ ސާމާނު އަޅާފައިވާ ފޮށްޓާއެކު ޕޯޓްފޯލިއޯ މަންމަ ފޮނުވައިދިނެވެ. މާއިޝާގެ މަސައްކަތް ރަސްމީކޮށް ފެށުނީ އަދި އެހިސާބުންނެވެ. އޭނާ އެއްޗެހި ލިބުނީއްސުރެ މަސައްކަތުގައި ގެއްލިފައި އުޅުނުއިރު އަނެއްކޮޅުން މެހެރީން ހިނދުކޮޅަކަށްވެސް ގޭގައި މައިތިރިއެއް ނުވެއެވެ. އެރަށުގައި ހޭދަވި މަދު ދުވަސްކޮޅު ހޯދި އެކުވެރިންނާއެކު އަބަދުވެސް ކޮންމެވެސް މަޖަލެއް ނެގުމުގައި އޭނާ އަވަދި ނެތި އުޅެއެވެ. ހަވީރު ޒަވީ ހުސްވުމުން އަދި ޒަވީވެސް ދޫކޮށެއް ނުލައެވެ. ފޫހިވަނީއޭ ކިޔައިގެން ޒަވީ ފަހަތުގައި ސައިކަލު ދުއްވާލަން މެހެރީން ދިޔައިރު މާއިޝާ ތައްޔާރު ވަމުން ދިޔައީ ބައްޕަ ގަސްކަނޑަން ހަވާލު ކުރި މީހުންގެ މަސައްކަތް ހަވީރު އޮންނަ ވާހަކަ ބުނުމުން އެކަން ދާ ގޮތް ބަލައިލާށެވެ.
ޓެކްސީ ޑްރައިވަރު ކައިރީ ގިނައިރެއް ނުވެ އެނބުރި އަންނާނެ ވާހަކަ ބުނެފައި މާއިޝާ ގަސްތަކު ތެރެއަށް ވަދެގެން ދާން ފެށުމުން ހިތް ތެޅެން ފެށީ އޭގެ އެންމެ ބާރު މިނުގައެވެ. ހަވީރުގެ އެގަޑީގައިވެސް ގަސް ބޯވެ އެތަން ފެންނަނީ އަނދިރިކޮށެވެ. މިހާރު އިރު އޮއްސޭކަށް ގިނައިރެއްވެސް ނެތެވެ. އެކަމަކު އޭނާ ބޭނުންވާ ތަނަށް ނިކުމެވުނުއިރު ކޮށާފައިވާ ގަސްތަކާ ހުރެ މުޅި ސަރަހައްދު އޮތީ އަލިވެފައެވެ. އޭނާ ގޮސް ހުއްޓުނުތަން ދެކެފައި މަސައްކަތް ނިމިގެން ފެންބޯން ތިބި ދެ ފިރިހެނުން ކޮޅަށް ތެދުވިއެވެ. "މީ މާއިޝާ. މަލީހްގެ ދަރިފުޅު." އެމީހުން ސުވާލުގެ ނަޒަރަކުން ބަަލަން ފެށުމުން މާއިޝާ އަމިއްލަ ތައާރަފް ދިނެވެ. އެދެމީހުން ހިނިތުންވުމާއެކު ބޯ ޖަހާލައިފައި މަސައްކަތުގައި ބޭނުން ކުރި ސާމާނު އެއްކުރަން ފެށިއެވެ. ބިމަށް ކަނޑާ އަޅާލައިފައިވާ ގޮފިތަކުގެ އެއްފަރާތުން މާއިޝާ އެތެރެއަށް ވަދެގެން ގޮސް މަޑުކޮށްލީ ކުރީ ދުވަހުވެސް މަޑުކުރި ހިސާބުގައެވެ. އޭނާ ތިރީގައި އުޑަފައިން އިށީންދެ އިނދެގެން ފެންގަނޑު ތެރެއަށް އެއްއަތް ކޮށްޕާލައިގެން ކުޅެން ފެށިއެވެ. އިރުކޮޅެއް ފަހުން އެއްކަހަލަ ދެމީހުން ދާވާހަކަ އަންގާލައިފައި މާއިޝާ ބޯ ޖަހާލުމުން އެތަނުން ނިކުމެގެން ދިޔައެވެ. އެކަމަކު މާއިޝާ އަދިވެސް އެތަނުން ދުރަށްދާ ހިޔާލެއް ނުކުރެއެވެ. އޭނާ އެހެން އިނދެގެން ވާހަކަދައްކަން ފެށީ އަމިއްލަ ނަފްސާއެވެ.
"އަހަންނަކަށް ނޭނގެ މިކުރެވެނީ ކީއްކަމެއް. އަދި ކީއްވެގެން ކަމެއްވެސް. އެކަމަކު އަހަރެންނަށް ޔަޤީންވާ އެއްކަމެއް އެބައޮތް. އެއީ އޭނަ އަހަރެން ސަލާމަތް ކުރަން މަސައްކަތް ކުރިކަން. އަހަރެންނަށް ގެއްލުމެއް ނުދިންކަން. އަދި އަހަރެންގެ ފޯނުވެސް ރައްދު ކޮށްދިން. އެހުރިހާ ކަމަކާހެދި އައި ވޯނަ ތޭންކް ހިމް. އޭރުން ކަންނޭނގެ އަހަރެންގެ މި ނުތަނަވަސްކަން ފިލާނީ. އެއީ ކަންނޭނގެ އަހަރެންނަށް ވެގެން މިއުޅޭ ގޮތަކީ. ޔެސް. ޔެސް. މިހާރު އަހަރެންނަށް ޔަޤީންވެއްޖެ..." ދެކެވުނު ވާހަކައިގެތެރެއިން މާއިޝާ ހެވިލާފައި ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. މާހައުލު ކުރިއަށްވުރެ އަނދިރިވެފައި އޮތްކަން އޭނާއަށް އިހްސާސްވީ އެވަގުތުއެވެ. ޓެކްސީ މަތިން ހަނދާންވެފައި އޭނާ ބާރު ބާރަށް ގޮސް ގަސްތަކު ތެރެއިން ނިކުތެވެ. ޑްރައިވަރު އޭރު ސިގިރޭޓެއް ބޯލަން ގޮސް ހުރީ ތަންކޮޅެއް ދުރުގައެވެ. އޭނާއަށް މާއިޝާއަށް ފެނިގެން އަތުން މަޑުކުރާށޭ ބުނެ އަންގާލުމުން މާއިޝާ ބޯ ޖަހައިލާފައި ފަހަތަށް އަރައި އިށީންދެއްޖެއެވެ. އެހެން އިނދެ ފޯނާއި ކުޅެމުން އޭނާ އިސްއުފުލައިލީ ޑްރައިވަރ އައިސް ކާރަށް އަރައި ސްޓާޓް ކޮށްލީމައެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ޝައްކެއް ވެގެން ލޯގަނޑާއި ކުރިއަށްވުރެ މޫނު ކައިރިކޮށްލާފައި ދުރު ބަލައިލެވުނެވެ. އެވަގުތު މާއިޝާއަށް ފެނުނީ އަނދިރިކަން ވެރިވާން ފަށާފައިވާ ގަސްތަކުތެރޭގައި މަޑުކޮށްލައިގެން ހުރި މީހެކެވެ. އެއީ ހަމަ އެ ފެހި ދެލޮލެވެ. އޭނާ ފެންގަނޑު ތެރެއިން ދުށް ދެލޮލެވެ. މާއިޝާ ދެލޯ ބޮޑުވެފައި އިންދާ އެމަންޒަރު ފަހަތަށް ގޮސް ގެއްލުނު ފަހުން ކުއްލިއަކަށް ކާރު ހުއްޓާށޭ ބުނެލެވިއްޖެއެވެ. ޑްރައިވަރ އަވަހަށް ބުރަކި ޖައްސާފައި އެނބުރި ކިހިނެތްވީތޯ ސުވާލު ކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މާއިޝާ ދޮރުފަތް ހުޅުވާލައިފައި ނިކުމެ ހޯދަން ފެށީ ދުރެވެ. އެކަކުވެސް ނުފެނުނުމުން ދެން އަނެއްކާ ދުުއްވައިގެންފައި ގަސްތަކުތެރެއަށް ވަދެގެން ދިޔައީ ޑްރައިވަރ ފަހަތުން ނިކުމެ ހުރެގެން ގޮވަނިކޮށެވެ.
މާއިޝާ ހުއްޓުނީ ގަސްކަނޑާއި އަލިކޮށްފައިވާ ސަރަހައްދަށް ނިކުމެފައެވެ. މައި ނޭވާލަމުން އޭނާ ފުރަތަމަ ގުދުވެ ދެކަކުލުގައި ހިފަހައްޓާލިއެވެ. ދެން ހިންދެމިލާފައި ވަށައިގެން ނަޒަރު ހިންގާލިއިރު އެކަކުވެސް ނެތެވެ. އެކަމަކު ދެންމެ އޭނާއަށް ކުރެވުނީ ޝައްކެއް ނޫނެވެ. "ހެލޯ......!!!" މާއިޝާއަށް ގޮވާނެ އެއްޗެއް ނޭނގިގެން ދިގުލާފައި ގޮވާލިއެވެ. ޖަވާބެއް އާދޭތޯ ވިސްނަން ހުރެލާފައި ފެންގަނޑާއި ދިމާއަށް ދަނިކޮށް ފަހަތުން ފަތްތައް މުގުރިގެން ދިޔަ ކަހަލަ އަޑެއް އިވިގެން ކުއްލިއަކަށް އެނބުރި ބަލައިލެވުނެވެ. މާއިޝާ ބަލަން ހުއްޓާ ދެވަނަ ފަހަރަށްވެސް އަޑު އައެވެ. ކުރިމަތީ ހުރީ މަގޫގަސްތަކެއްގެ ފުރަގަހުންނެވެ. މާއިޝާ އެސްފިޔަވެސް ޖަހާނުލާން ހުއްޓާ ސިކުންތުކޮޅެއް ފަހުން އެގަސްތަކު ތެރެއިން ނިކުމެ އޭނާގެ ކުރިމައްޗަށް ހުއްޓުނީ ޒުވާން ފިރިހެނެކެވެ.
މެހެރީން އައިސް ކޮޓަރިއަށް ވަންއިރު މާއިޝާ އޮތީ އަނެއްކާވެސް އެނދުގައެވެ. އޭނާ ހިތާއި ހިތުން ދެންމެ ވީ ކަންތައް ސިކުނޑީގައި ރޯލް ކުރަމުން ދަނިކޮށް މެހެރީން ގޮވާލުމުން އެއަޑެއްވެސް ނީވުނެވެ. އޭނާއަށް ހޭވެރިކަން ވީ މެހެރީން ނިދާބޮކި ނިއްވާލައިފައި ހޮޅިބުރި ދިއްލާލީމައެވެ. ދެން ތެޅިގެންފައި ތެދުވެ އިށީންތަނާ މެހެރީން ގޮސް އެނދުގައި ހުސްކޮށް އަތް ތަނަށް ޖެހިގަތެވެ.
"މީ ކޮންކަމެއް؟" މެހެރީން އޮވެ އޮވެފައި މާއިޝާ ބޮލުގައި ހަރުލާފައި އޮތް ފަތްކޮޅެއް ނަގައި ދައްކާލަމުން ބުނެލިއެވެ. މާއިޝާ އެފަތްކޮޅުގައި ހިފާ ނިކަން ރަނގަޅަށް ބަލާލައިފައި މަޑުމަޑުން "ސޯ އިޓް ވޯޒް ރިއަލް." އޭ ބުނެލިއަޑަށް މެހެރީން އަނގަޔަށް ގޮތެއް ހަދައިލިއެވެ. "މެހެރް އައި ސޯ ހިމް. ހީ އިޒް ރިއަލް." މާއިޝާ ފަތްކޮޅު މުށުތެރޭ ބޮނޑިކޮށްގެން އިނދެ މަގަތަށް އެނބުރި ވާހަކަދެއްކިއެވެ. އެއަޑުގައި އުފާވެރިކަމާއި ޖޯޝު އޭގެ އިންތިހާއަށް އެކުލެވިގެން ދިޔައެވެ. މެހެރީން ބަލަން އޮވެގެން ކާކުހޭ ކިޔައި ސުވާލު ކުރަން ފެށުމުން އަނެއްކާވެސް އޭނާ އެރީތި ހަނދާނުގެ ތެރެއަށް ގެއްލިގެން ދިޔައެވެ.
އެސްފިޔަޖަހާ ނުލައި ހުއްޓާ މާއިޝާގެ ލޮލުން އައީ ފެނެވެ. އެކަމަކު ކުރިމަތީ ހުރި ރީތި ސޫރަ ގެއްލިދާނެތީ އޭނާ އެސްފިޔަޖަހާލަން ބިރުގަތެވެ. އެންމެ ހެއުވަރުގެ ދިގު އިސްކޮޅާއި ބިޔަ ހަށިގަނޑުގެ ރީތިކަމަށް އޭނާގެ ހިތާއި ހިތުން ތައުރީފް ކޮށްލެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ލައިގެން ހުރި އަތްދިގު އަޅި ޓީޝާޓް މަތިންވެސް ހަށިގަނޑުގެ މަސްތައް ރީތިވާނެވަރު ލަފާކުރެވެއެވެ. ފަންފަން ކަޅު އިސްތަށިކޮޅެކެވެ. ވައިރޯޅިތަކުގެ އެހީގައި ތިރިއަށް ފައިބައި ނިއްކުރީގައި ބޮސްދޭތަން ފެނިގެން މާއިޝާގެ ހިތުގައި އުތުރިގަތީ އެހެން ކަހަލަ ހަސަދައެކެވެ. އަދި އެރީތި ބުމައިގެ ތިރީގައިވާ ގަދަފެހި ކުލައިގެ ދެލޯ އޭނާއަށް ހުއްޓާލައިފައި ހުރުމުން ހަތަރެސްފައި ދިޔައީ ފަހަރަަކަށްވުރެ ފަހަރެއް ފިނިވެގެންނެވެ. އެމޫނު ރަތްވެ ހަދާނެ ގޮތް ހުސްވިއިރުވެސް އެޒުވާނާ ކުޑަމިނުން ނަޒަރު ވަކިކޮށްލާވެސް ނޫޅުނެވެ. ހިމޭނުން ހުރެގެން އޭނާ ބަދަލުވީ ކުޑަވަގުތު ކޮޅެއްގެ މެހެރީން އަކަށެވެ. ހިތާއި ހިތުން އޭނާގެ ފުރިހަމަ މޫނާއި ހަށިގަނޑުގައިވާ ކޮންމެ ގުނަވަނަކަށް ފަރުވާވެ ބަލަމުން ތައުރީފް އޮއްސަމުން ދިޔައީ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލައިފައެވެ. އޭނާގެ މިސިފަ ޚުދު އޭނާވެސް ދުށީ އަލަށެވެ.
"އިޝީ.....!!" މެހެރީން ތެދުވެފައި ކޮނޑުގައި ހިފާ ތަޅުވައިގަތުމުން މާއިޝާ ހުވަފެނުން ހޭލެވުނު މީހަކު ފަދައިން ތެޅިގެންފައި ބަލާލިއެވެ. "އަހަރެން މިދައްކަނީ ފެންގަނޑުން ފެނުނު މީހާގެ ވާހަކަ. މެހެރް އަހަރެން އޭނަ ސިފަކޮށްދޭން ބުނާނީ މިހާތަނަށް ފެނުނު އެއީ... އެއީ... މެހެރް ހީޒް ދި މޯސްޓް ބިއުޓިފުލް މޭން." މާއިޝާ ބުނާނެ ގޮތެއް ނޭނގިގެން ވިސްނަ ވިސްނާފައި އުދަނގުލުންވެސް އެންމެފަހުން ހާމަކޮށްލިއެވެ. އެއަޑު އަހާފައި މެހެރީން އިނީ ދެލޯ ބޮޑުކޮށްގެން އަނގަމަތީ އަތް އަޅާލައިގެންނެވެ. "އިޝީ އަހަންނަށް ޔަޤީން އޭނަ ވަރަށް ރީތިވާނެކަން. އިޝީ ތީ ދުވަހަކުވެސް މީހަކު ރީތިވެގެން ތިގޮތަށް ވާހަކަދެއްކި ކުއްޖެއް ނޫން." މެހެރީން ދައްތަގެ ވާހަކައާއި އެއްބަސްވިއެވެ. "ދެން ކިހިނެތްވީ؟ އޭނަ ކީކޭ ބުނީ؟" އިރުކޮޅެއް ކޮށްލާފައި މެހެރީން އިތުރު ސުވާލުތައް ހުށަ އަޅާލިއެވެ.