"އަހަރެންނާ އަރްސަލާންގެ މިހާރުގެ މަޤްސަދު އެކައްޗަކަށް ނުވާނެ. އަރްސަލާންއާ ޚިލާފަށް މިހާރު އަހަރެންގެ މިސްރާބަކީ އަހަރެން އެނބުރި އައިތަން." ލައިލް ދިނީ އަނެއްކާވެސް ޒަވީ ހައިރާންކޮށްލި ޖަވާބެކެވެ. "ދެން އާޝީ؟" އޭނާއަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ. "ސިކުނޑި މަރުވެފައި އޮންނަތާ ތޭވީސް އަހަރު ވަންދެން އިންތިޒާރު ކުރި ފަހުން މިހާރު އަހަރެންނަށް ޔަޤީންވެއްޖެ. ދެން އާޝީއެއް ނުތެދުވާނެ." ލައިލް އަނެއްކާވެސް ފުން ނޭވައެއް ބޭރުކޮށްލިއެވެ.
ދުރުން އަޑުތަކެއް އިވެން ފެށުމުން ނެތް ހިއްވަރާއެކުވެސް މާއިޝާ އެސްފިޔަތައް ދުރު ކޮށްލިއެވެ. އޭނާ ފެނުނީ ހަވާ އެރުވުމުގެ ހަރަކާތްތަކަކާއި ގުޅިގެން އަލިކޮށްލާފައި އޮތް އުދަރެހެވެ. ފުރާނަ ދިއުމުގެ ކުރިން ފެންނާނެ އެންމެ ރީތި މަންޒަރު ކަމަށް ދެކިގެން ހިތްހަމަ ޖައްސާލަން ގަސްތުކޮށްގެން އޮތްވާ މަތީގައި އަކުރު ތަކުން 2015 އަޅާލެވުނުތަން ފެނިފައި ފުރިގެން ދިޔަ ލޯކުރިމަތީގައި އެހެން ހަނދާންތަކެއް އާވެގެން އައެވެ. އެއީ 2013ވަނަ އަހަރު ނިމިގެން އާ އަހަރު ފާހަގަ ކުރުން އޮތް ރެއެވެ.
*****
އެތައް މޭލެއް ދުރަށް ފެތުރިފައި އޮތް ދޮންވެލިގަނޑު މަތީ ނަގަހައްޓާފައިވާ ބޮޑު މާކުއީގައި ޕާޓީއެއް ފެށިގެން ކުރިއަށް ދަނީއެވެ. ބޮކިފަތިތަކާއި ރަތާއި ހުދުގެ ފުއްޕާހަން ތަކުން އެމާކުއީ ޒީނަތްތެރި ކުރެވިފައިވެއެވެ. މީރު ކާނާގެ ކުޅުދިޔާވާ ފަދަ ވަހާއި މެހުމާނުންގެ ހުނުމާއި ސަކަރާތް ޖެހުން އެކުވެގެން މާހައުލު އޮތީ އުފާވެރިކަމުން ފުރިފައެވެ. ދެޖިންސްގެ އަންހެން ކުދިން ރަތާއި ކަޅުން ހެދުން އަޅައި ނަލަވެގެން ޕާޓީގެ މިއުފަލުގައި ބައިވެރިވަނީއެވެ. އެކަމަކު އެ އެންމެންނާއި ޚިލާފަށް މާއިޝާ ހިނގަމުން ދިޔައީ އެމާހައުލާއި ދުރަށެވެ. ލައިގެން ހުރި ރަތް މެކްސީގެ ފަސްބައި އެއްފަރާތުން ކޮށި ކޮށްލައިގެން އަނެއް އަތުން އަރައިގެން ހުރި ފައިވާން ނަގައިގެން އޭނާ ދިޔައީ ރާޅު ބޮސްދެމުން ދިޔަ ތެތް ފަސްގަނޑު މަތިންނެވެ. އޭރު ނަލަ ވައިރޯޅިތައް އައިސް ވިހުރާލައިފައި އޮތް އިސްތަށިގަނޑާއި ސަމާސަ ކޮށްލާފައި ދޮން ދޮން ކޯތާފަތާއި ސަމާސަ ކޮށްލައެވެ. ބާރަ ޖެހުމުން ހަވާ އެރުމުގެ ހަރަކާތްތައް ފެށުނީ އޭނާ ގޮސް ފައިވާން ދޫކޮށްލައިފައި ކަނޑާއި ދިމާއަށް ބަލަން ހުއްޓައެވެ.
"އެއޮތް މަޖާ ޕާޓީ ދޫކޮށްލައިފަ އައިސް އެކަނި ކީއްތި ކުރަނީ؟" ފަހަތުން ފިރިހެނަކު ވާހަކަދެއްކި އަޑަށް މާއިޝާ ސިހިފައި އެނބުރި ބަލައިލިއިރު ނާޔަލް ހިނިތުންވެފައި ހުއްޓެވެ. "އަހަންނަށްވެސް ހަމަ ތިސުވާލު ކުރެވިދާނެ." މާއިޝާ ބީރަތްޓެހި ރާގަކަށް ޖަވާބު ދީފައި އަނެއްކާވެސް އެނބުރި ބަލަން ފެށީ އުޑާއި ދިމާއަށެވެ. ނާޔަލް ކިޔަވާ ނިމިގެން އައިސް ހަފްތާއެއް ވީއިރު އެދެމީހުންގެ މެދުގައި މާ ބޮޑު އެކުވެރިކަމެއް ނެތެވެ. އެއް ގެއެއްގައި އުޅުނަސް މަދު ފަހަރަކު ނޫނީ ޗުއްޓީއަށްވެސް ނާންނަ ޒުވާނާ ނިމިގެންވެސް ރާއްޖޭގައި އުޅެން އަންނާނެ ކަމަށް އެކަކުވެސް ހިއެއް ނުކުރެއެވެ. "ސަޅި." ނާޔަލް ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ރަތް އަލީގައި ފައުޅުވި މާއިޝާގެ ރީތި މޫނަށް ބަލަމުން ބުނެލިއެވެ. "ފަޔަރ ވޯކްސް." މާއިޝާ އެއަޑަށް މޫނު އަނބުރާލުމުން އޭނާ ނޫން ކަމަށް ހެދިފައި މޫނު އުފުލައިލީ މައްޗަށެވެ.
"އަހަރެން ދަނީ." ނާޔަލް ހުރުމުން އެތާ މަޑުނުކުރަން ވެގެން މާއިޝާ ގުދުވެފައި ފައިވާން އަތަށް ނަގަމުން އަންގާލިއެވެ. "ކޮންތާކަށް؟" ނާޔަލް ސުވާލު ކުރުމުން އޭނާ އެމޫނަށް ބަލައި ނުލައި އައި ކޮޅަށޭ ބުނެފައި ދާން ފެށުމުން ނާޔަލް އިހަށް ހުރި ގޮތަށް ހުރީއެވެ.
އެނބުރި ގޮސް މާކުއީ ހުރި ސަރަހައްދުން މޭޒެއް ހޯދައިގެން އިށީންތަނާ މެހެރީން އޭނާ ފެނިގެން އައިސް ކުރިމައްޗަށް ހުއްޓިފައި މަންމަ ހޯދާ ވާހަކަ ބުނެލިއެވެ. މެހެރީން ލައިގެން ހުރި ހުރު ކުލައިގެ ރަތް ކުލައިގެ މިޑީ އެހަށިގަނޑަށް ފިޓްވެފައި ހުރިއިރު ސްޓައިލް ކޮށްލާފައި އޮތް އިސްތަށިގަނޑު އެއްފަރާތުން ކޮނޑުމައްޗަށް ވައްޓާލައިފައި އޮތުމުން ދޮން ދޮން ބުރަކަށީގެ ބޮޑުބައެއް އޮތީ ހާމައަށެވެ. މާއިޝާ އާއި ޚިލާފަށް އޭނާ ބޭނުން ކޮށްފައި ހުރި އަލިމަހުގެ ހާރާއި ކަންފަތުމުދީގެ ސަބަބުން ރީތިކަން އިތުރުވެފައި ވެއެވެ. ތުންފަތުން އަދި ހީވަނީ ލޭތިކި ޖަހާހެންނެވެ. ކޮއްކޮ ފަރާތުން މަންމަ ހުރި ތަނެއް އޮޅުން ފިލުވައިގެން ގޮސް އެމީހުންގެ ތިބޭ ބީޗް ވިލާ ކުރިމައްޗަށް ހުއްޓުނުތަނާ މަންމަ އާއި ބައްޕަ އެތެރެއިން ވާހަކަަދައްކާ އަޑު އިވިގެން އޭނާ އެތެރެއަށް ވަނެވެ. އެވަގުތު އެމީހުންނަށް އޭނާ ފެނިގެން މަންމަ އައިސް އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބައިންދާފައި ދެމީހުން އިށީންދެލީ ދެފަރާތުގައެވެ. މަންމަމެންގެ މި ގާތްކަން މާއިޝާގެ ހައިރާންކަމާއި ގުޅިގެން ދިއުމުން ސުވާލު ނުކޮށެއް ނީނދެވުނެވެ. އޭނާ އެތަނަށް ގެނައީ ކީއްކުރަންތޯ އެހުމުން މަންމަ ފެށީ ފާޑެއްގެ ތަޤްރީރެކެވެ. ކޮއްކޮ އާއި އޭނާ ޅައުމުރުގައި ބައްޕަ އާއި ވަކިކޮށްލައިފައި ގެނައީއްސުރެ ފައިސަލް އެމީހުންގެ ބައްޕައެއްގެ ރޯލު ކުޅުމުގައި ކުޑަވެސް އުނިކަމެއް ނުގެންނަ ވާހަކަ ފަށައިގެން ދާން ފެށުމުން މާއިޝާ އެކަން ހުއްޓުވަން ވެގެން މަންމަ ބޭނުންވާ ކަމެއް ސާފު ބަހުން ބުނުމަށް އެދުނެވެ.
"ޓްރަސްޓް މީ މަންމާ. އަހަރެން ޤަބޫލު ކުރަން ބައްޕަ އަހަރުމެން ބެލީ އުފަން ބައްޕައަކުވެސް ނުބަލާނެހާ ރަނގަޅަށްކަން. މަންމަ ނުޖެހޭނެ ކަމަކަށް އެދެން ބޭނުންވާ ކޮންމެ ފަަހަރަކު އެކަން ހަނދާން ކޮށްދޭކަށް. ބުނޭ އަހަރެން ކީއްކޮށްދޭންވީ؟ ކޮންމެ ކަމެއް ބުންޏަސް އަހަރެންގެ އަނގައިން "އާނ " ނޫން އެއްޗެއް ނުނިކުންނާނެ." މާއިޝާ ކޮޅަށް ތެދުވެ ދެތިންފިޔަވަޅެއް އަޅާފައި އެމީޙުންނާއި ކުރިމަތިވާ ގޮތަށް އެނބުރެމުން ވާހަކަދެއްކިއެވެ. ޖަވާބު ދޭންވެގެން އާފިޔާ ބަލައިލީ ފައިސަލް މޫނަށެވެ.
"ބައްޕަ ނިންމައިފިން ދަރިފުޅާ ނާޔަލް ކައިވެނި ކުރުވަން." ފައިސަލްގެ ޖަވާބު އަހާފައި މާއިޝާގެ މެއަށް ފިނި ފެންއެއްޗެއް އޮއްސާލިހެން ހީވިއެވެ. " ނާޔަލްއަށްވުރެ ރަނގަޅު ރަނގަޅު ދަރިފުޅާ ގުޅޭ މީހަކު ނުފެންނާނެ. އޭނަ އާއި ގުޅުމުން ދަރިފުޅު ނުޖެހޭނެ މަންމަމެން ދޫކޮށްފައި ދާކަށްވެސް." މާއިޝާ ޖަވާބު ނުދީ ހުންނަން ފެށުމުން އާފިޔާ ފައިސަލްގެ ވާހަކައަށް ބާރުދީފައި އިތުރު ކޮށްލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މާއިޝާއަށް އެވަގުތު އިސްޖަހާލެވުނީއެވެ. ފައިސަލް ކުރިމަތީ އޭނާއަށް ނޫނެކޭ ބުނުމުގެ ހިތްވަރެއް ނުލިބުނެވެ. އެކަމަކު އާއެކޭ ބުނެ އެއްބަސް ވާކަށްވެސް ބޭނުމެއް ނޫނެވެ. ނާޔަލް އާއި އޭނާ އެކަކު އަނެކަކާއި އެހާ ގުޅުމެއް ނޯންނައިރު ކައިވެންޏާ ހަމައަށް ދާނީ ކިހިނެތް ހެއްޔެވެ؟ "މިހާރު ކޮންމެހެން ކައިވެނި ކުރާކަށް ނުޖެހޭ. ދެކުދިން އެކަކު އަނެކަކަށް ދަސްކުރަން ވަގުތު ލިބޭނެ. އެއަށްފަހު ތިދެކުދިންނަށް ކައިވެނި ކުރަން ފެނުނީމަ އެހިސާބަށް ދާނީ." އާފިޔާ ދެން ވާހަކަދެއްކި ގޮތުން ހީވީ މާއިޝާގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ވާހަކަދެއްކި ހެންނެވެ. މާއިޝާ މަޑުމަޑުން ބޯ ޖަހާލައިފައި އެތާ މަޑުކުރުމުގެ ބަދަލުގައި އަނެއްކާވެސް ނިކުމެގެން ހިނގައިގަތީ އެތަނުން ދުރަށް ދާށެވެ.
"މަންމަ ކީކޭތަ ކީ؟" މާއިޝާ އެނބުރި ދަނިކޮށް ނާޔަލް އަންނަތަން ފެނިގެން އޭނާ ފިލަން ގޮސް ވަނީ އަނެއްކާވެސް މާކުއީ ތެރެއަށެވެ. ކޮކްޓެއިލް ތަށްޓެއް ނަގައިގެން ބޮމުން ގޮސް އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުއްޓާ މެހެރީން ވާހަކަދައްކާ އަޑު އިވުނީ ދާދި ކައިރިންނެވެ. އޭނާގެ އެކުވެރިން މެހެރީންއާ ދިމާ ކުރަމުން ދިޔައީ މެހެރީން ލޯބި ހުށައަޅަން އުޅުނު ފިރިހެންކުއްޖާ ކޮބައިހޭ ކިޔާފައެވެ. މެހެރީން އެވަގުތު ޖަވާބު ދިން އަޑު އިވުނީ ގިނައިރެއް ނުވެ އޭނާ އެކަން ކާމިޔާބު ކުރާނެ ކަމަށް ބުނެފައެވެ.
"އިޝީ މިހާރު އައީތަ؟ ކޮބާ މަންމަމެން ކޮން ވާހަކައެއް ދެއްކީ؟"މެހެރީންއަށް މާއިޝާ ފެނިގެން އައިސް ސުވާލު ކުރަން ފެށިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ދެފަރާތަށް ބޯ ހޫރައިލީ ބޮޑު ކަމެއް ނޫނޭ ބުނާފަދަ ގޮތަކަށެވެ. އޭނާ އެކަކު ކައިރީވެސް އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. މެހެރީން ދަނީއޭ ކިޔާފައި އެހެން ދިމާއަކަށް ވަދެގެން ދިއުމުން މާއިޝާ ދެން ހުރީ އަނެއްކާވެސް އެކަންޏެވެ. އޭނާ ޕާޓީ ތެރޭގައި ހަރަކާތްތެރި ވަމުން ދިޔަ މީހުންގެ ކުރާ ކަންކަމަށް ބަލަން ހުރެގެން ކޮކްޓެއިލް ތަށިން އިރު އިރުކޮޅާ އެތިފޮދެއް ރަހަ ބަލައިލައެވެ.
"އިޝީ!" އެވަރަކުން ފިލައިގެން އުޅެނިކޮށް ނާޔަލް ފެނުނީ އައިސް ކުރިމައްޗަށް ހުއްޓުނުތަނެވެ. މާއިޝާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފައި މީހަކު މައިކު ޓެސްޓް ކުރަން ނަންބަރު ތައް ކިޔާލި އަޑަށް ދުރުގައި ހުރި ސްޓޭޖް ކޮޅަށް ބަލާލިއިރު ދޮންބައްޕަ އާއި މަންމަ އެތާ ހުއްޓެވެ. އޭނާ މިވާން އުޅޭ ގޮތެއް ނޭނގިފައި ހުއްޓާ މައިކު ޓެސްޓް ކުރި މީހާ އެމައިކު ދިއްކޮށްލިތަން ފެނުނީ ފައިސަލްއަތަށެވެ. "އެމީހުން ކީކޭ ކިޔަން އެއުޅެނީ؟" މެހެރީންވެސް އައިސް މާއިޝާ އާއި ނާޔަލްގެ ކައިރިއަށް ހުއްޓިފައި ސްޓޭޖަށް ބަލަން ފެށިއެވެ.
"އައްސަލާމް އަލައިކުމް. ޕާޓީއަށް ވަޑައިގެން ދެއްވި ހުރިހާ ބޭފުޅުންނަށްވެސް އާ އަހަރުގެ ތަހުނިޔާ ފޮނުވަން." ފައިސަލް ވާހަކަފެށީ މިފަދަ ގޮތަކަށެވެ. އެހިސާބުން ދެން އޭނާ އެއުފާވެރި ޕާޓީގެ އުފާވެރިކަން ދެގުނަ ކޮށްލަން ޚަބަރެއް ދޭން ބޭނުން ވާހަކަ ބުނެލުމުން މާއިޝާގެ ހިތް ތެޅިގަތެވެ. ފައިސަލް އޭނާގެ ކުދިން ތިބި ތަނެއް ހޯދަމުން ނާޔަލްއަށް ގޮވާލި ވަގުތު އޭނާ އަތް އުފުލައި ހަނާ އަޅާލިއެވެ. ތިން ކުދިން އެއްތަނެއްގައި ތިބުމުން އޭނާ ހިނިތުންވުން ފުންވެގެން ދިޔައެވެ. "ފެށިގެން މިދިޔަ އާ އަހަރާއެކު އާއިލާއަށް އުފާވެރިކަން ދެގުނަ ކޮށްދިން ކަމެއްވެސް ވެއްޖެ. އެއީ އަޅުގަނޑުގެ ކޮއްކޮ ނާޔަލް އާއި އުފަންދަރިއެއްގެ ދަރަޖަ ދެވިފައިވާ މާއިޝާގެ ކައިވެނި ހަމަޖެހިގެން ދިއުން." ފައިސަލްގެ ޖުމްލަ ނިމުމާއެކު މީސްތަކުންގެ ތަރުހީބުގެ އަޑާއި ހަޅޭކުގެ އަޑު އައީ އެކުއެކީގައެވެ. އެވަގުތު ސްޕޮޓް ލައިޓް އެދެމީހުންނަށް އަޅުވާލެވިފައި ފައިސަލް އާއި އާފިޔާ ސިއްސައިގެން ދިޔައީ އެތާގައި މާއިޝާ ފެންނަން ނެތިގެންނެވެ. ދައްތަ އާއި ބޭބެގެ ކުލަވަރު ދެކިގެން މޫނު އަނބުރާލައިފައި ނާޔަލްވެސް ދިޔައީ ސިއްސައިގެންނެވެ. ދާދި ދެންމެއަކު އޭނާގެ ކައިރީގައި ހުރި ކުއްޖާ އެތަނުން ނިކުމެގެން ދިޔަ އިރެއްވެސް ނޭނގެއެވެ. އެވަގުތު އޭނާ މާއިޝާ ހޯދަން ވެގެން މީހުންގަނޑު ދުރު ކުރަމުން ހިނގައިގަތްއިރު މެހެރީން ގަނޑުވެފައި އެހުރި ގޮތަށް ހުއްޓެވެ.
"އިޝީ!" ނާޔަލްއަށް މާއިޝާ ފެނުނީ މީހުންތަކާއި ދުރަށް މޫދާއި ދިމާއަށް ދުވެފައި ދާތީއެވެ. އޭނާ އެނަމުން ގޮވާލި ނަމަވެސް މީހުންގެ އަޑުގަދަ ކަމުން މާއިޝާއާއި ހަމައަށް ފޯރާނެ ކަމާމެދު ޝައްކެވެ. ބަލާކަށް ނުހުރެ ނާޔަލްވެސް ދެން ދުއްވައިގަތީ މާއިޝާގެ ފަހަތުންނެވެ.
"އިޝީ ވެއިޓް! އިޝީ ކޮންތާކަށް ތިދަނީ؟" މީހުންތަކާއި ދުރަށް މާ ދުރަށް ދެވުނު ފަހުން މާއިޝާ ވަރުބަލިވެގެން ހުއްޓެން ބޭނުންވިއިރު ފަހަތުން ނާޔަލް ގޮވާ އަޑު އިވުނެވެ. ހުއްޓުމުގެ ބަދަލުގައި އޭނާ އެވަގުތު ހިތަށް އެރި އެއްޗަކުން ފައިވާން ބަހައްޓާފައި ހެދުންވެސް ހިއްލައިނުލައި މޫދަށް އެރިގެން ދާން ފެށިއެވެ. "މޮޔަ ނުވޭ އިޝީ. ހުއްޓޭ ހަމަ މިހާރު. ނުވާނެ ތިއަށްވުރެ ކުރިއަށް ގޮސްގެނެއް." އޭނާ ކަރުތާ ފެނަށް އެރިގެން ދިޔައިރު ނާޔަލް ގޮވާއަޑު އިވެއެވެ. ދެން އިރުކޮޅެއް ނުވެ ރާޅުގެ އޮއިގައި އޭނާއަށް ދެފައި ސާބިތު ނުކޮށްލެވިގެން ދެވުނީ ފައި ނުޖެހޭ ހިސާބަށެވެ. އަޑިއަށް ދާން ފެށުމުން ސަލާމަތް ވާންވެގެން ތެޅިގަނެވުނު ނަމަވެސް މަތީގައި އޮންނަން ނޭނގޭތީ ހަތްބޮކި ޖަހާފައި ދާން ފެށީ އަޑިއަށެވެ. އޭރު ނޭވާ ނުލެވިގެން މަރުވަނީ ކަމުގައި ޤަބޫލު ކުރެވުނެވެ.
އޭގެ އިރުކޮޅަކުން މާއިޝާއަށް ހޭވެރިކަން ވީ ނާޔަލް އޭނާގެ ވެލިގަނޑު މަތީ ބާއްވައިގެން ބަނޑަށް ފިތައި ލޮނުތައް ނެރެނިކޮންނެވެ. ހޭވެރިކަން ވުމާއެކު ކެއްސައިގެންފައި ތެދުވެ އިށީންދެވުނެވެ. "ތޭންކް ގޯޑް. ތޭންކް ގޯޑް ޔޫ އާ އޯކޭ." ނާޔަލް ހަށިފުރާ ނޭވައެއްލާފައި ތެދުވެގެން ހިގައިގަތީ ދުރަށެވެ. "ސޮރީ ނާޔަލް." މާއިޝާ އަށް އެތަން ފެނިގެން ނާޔަލްއަށް އިއްވާލިއެވެ. "ޔޫ ޝުޑް ބީ." ނާޔަލް އެއަޑު އިވިގެން އެނބުރި ބަލައިލިއިރު ބުމަ ހުރީ ގޮށްޖެހިފައެވެ. އޭނާ ރުޅި އައިކަން އެނގިގެން މާއިޝާއަށް އިސްޖަހާލެވުނެވެ. ކަމަކާ ނުލާ އޭނާ ނާޔަލްއަށް އުދަނގޫ ޖެއްސީއެވެ. "އެނގޭތަ ދެންމެ މާއިޝާ މަރުވިނަމަ ވާނެ ގޮތް. ދާނީ ހަމަ ސީދާ ނަރަކައަށް." ނާޔަލް ވާހަކަދެއްކި ގޮތުން މާއިޝާ ހިތަށް އަަސަރު ކޮށްގެންލޮލުން ކަރުނަ އައެވެ. "ސޮރީ." އޭނާ ކަރުނަ ފުހެލިތަން ފެނިގެން ނާޔަލްވެސް ދެން ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. "އެންމެ ގޯސް ގޮތަށް ކަންތައް ކުރަން އަބަދުވެސް ފަސޭހަ ވާނެ. އެކަމަކު ރަނގަޅު ގޮތް ބޭނުމިއްޔާ ޖެހޭނީ ހިތްވަރާއެކު ކުރިމަތި ލާން." ނާޔަލް ދިއުމުގެ ހިޔާލު ބަދަލުކޮށްލައިފައި މާއިޝާގެ ކައިރީ އިށީންދެ ވާހަކަދެއްކިއެވެ. މާއިޝާ ބޯ ޖަހާލައިފައި ބަލަން އިނީ މޫދާއި ދިމާއަށެވެ. ދެމީހުން ބަހެއް ނުބުނެ އެދިމާއަށް ބަލަން އިންދާ މޫދުން ލެއްގިތަން ފެނުނީ އުގުރި ޖަހައި އެތެރެއަށް ފެން ނުވަންނާހެން ބަންދުކޮށްފައި އޮތް ފުޅިއެކެވެ. ދެމީހުން އެވަގުތު އެކަކު އަނެކަކަށް ބަލާލައިފައި އެކަކަށްވުރެ އަނެކަކު ކުރިން ފުޅި ނަގަންވެގެން ދުވެފައި ގޮސް ފުޅި އަތުވީ މާއިޝާއަށެވެ. "ތީގަ އެއްޗެއް ނުވެސް ނެތް ކަންނޭނގެ." ނާޔަލް ދެއުކުޅުގައި އަތް ވިދެލަމުން ހިނިގަނޑެއް ޖަހާލިއެވެ. މާއިޝާ އުނގުރި ނައްޓާލިއިރު ހުސްކޮށް އޮތުމުން އަނގައަށް ޖައްސާލި ވައްތަރާއެކު ދެމީހުން ހީގަތީ އެއްއަޑުންނެވެ. "އަހަންނަށް އިނގޭ ތީގެ މާނަ. ތީ ކަނޑު ރަސްގެފާނުގެ ދަރިފުޅު އިޝީއަށް ފޮނުވި ހުސް މެސެޖެއް. ދެރަ ނުވޭ އަދި އިރާދަކުރެއްވިއްޔާ ކަނޑުރަސްގެފާނުގެ ފިރިހެން ދަރިފުޅު އަންނާނެ އިޝީ ކުރިމައްޗަށް ވެސް." ނާޔަލް ދިމާކޮށްލުމުން މާއިޝާ ހީގެންފައި ނާޔަލް ގައިގައި ބޮނޑިއެއް އެޅިއެވެ.
"އިޝީ! އިޝީ!" މީހަކު ގޮވާއަޑަށް މާއިޝާއަށް ހިޔާލީ ދުނިޔެއިން ނިކުމެވިގެން ބަލާލިއިރު ބޮއްކުރާއަށް އަރައި އޭނާއާއި ދިމާއަށް ގުދުވެގެން އޮތީ ދެވަނަ ދެމީހެއް ނޫނެވެ. އެއީ އޭނާގެ އަރްސަލާންއެެވެ. ވަގުތުން ދެލޯ ފުރިގެން ކަރުނަ ފައިބައިގަތެވެ.