ދޮރުފަތުގައި މީހަކު ޓަކި ޖަހަން ފެށުމުން އަރްސަލާންއަށް ސިހުމެއް ލިބުނެވެ. އޭނާ ބާރު ބާރަށް ގޮސް ދޮރު ކައިރިއަށް ހުއްޓިފައި ހުޅުވާލިއިރު މާއިޝާ ހުރީ ދަބަހެއް ކޮނޑުގައި އަޅުވާލައިގެންނެވެ. "ކިހިނެތް އަހަރެން އުޅޭތަން ހޯދީ؟" އަރްސަލާން ހައިރާންކަމާއެކު ސުވާލު ކޮށްލި ވަގުތު މާއިޝާ ހިނިތުންވެލިއެވެ. "އަރްސަލާން އަހަންނާމެދު ދެކެނީ ތިހާ ނާޤާބިލްކޮށް ކަން އެނގުނީމަ ކުޑަކޮށް ހިތަށް ތަދުވެއްޖެ" އޭނާ ކައިލީން ކުރިން ބުނެފައިވާ ތަންކޮޅެއް ނަކަލު ކޮށްލާފައި ޖަވާބު ދިނެވެ. އެއަށްފަހު އަރްސަލާން ހުއްދަ ނުދެނީސް އެތެރެއަށް ވަދެފައި ފަހަތުން ދޮރު ލައްޕާލައިފިއެވެ.
"އޯކޭ އިޝީ. މޭކް ޔޯސެލްފް ހޯމް." އަރްސަލާން އެއްޗެއް ނުބުނެ ބަލަން ހުރުމުން މާއިޝާ ހެވިލާފައި އަރްސަލާން ބުނަން އޮތް ތަންކޮޅު އަމިއްލައަށް ބުނެލިއެވެ. އެވަގުތު އޭނާ ކުރިއަށް ދާންވެގެން އަޅައިލި ފިޔަވަޅާއެކު އަރްސަލާން އޭނާގެ އަތުގައި ހިފާ ކުއްލިއެއް ޖަހާފައި ގެންގޮސް ދޮރުފަތުގައި ތަތްކޮށްލައިފިއެވެ. "މާފުކުރޭ. އިޝީ މިތަނަށް ވަންނާކަށް އަހަރެންގެ ހުއްދައެއް ނެތް." ދެވަނަ ފަހަރަށް އެތެރެއަށް ވަނަ ނުދޭން މާއިޝާގެ ދެފަރާތުން ދޮރުގައި އަތްވިއްދާފައި ތިރީގައި އޮތް އަތުންތަޅުގައި ހިފާ އަނބުރާލަމުން އަރްސަލާން ބުނެލިއެވެ. "ވޯހ.. ޔޫ ލުކް ސްކޭރީ...." އެވަގުތު އަރްސަލާން މޫނު ކައިރިކޮށްލާފައި ކަޅި އަޅައިލި ގޮތުން މާއިޝާ ބިރުގަތް ކަމަށް ހެދިފައި ބުނެލިއެވެ. ދެވަނަ ސިކުންތުގައި އަރްސަލާން ނުވިސްނާ ހުއްޓާ ތުންފަތުގައި ލުއިކޮށް ބޮސްދީފައި ސިއްސުވާލިއެވެ. އަމާން ދިން މީހަކު ފަދައިން އަވަހަށް ދެއަތް މައްޗަށް ނަގާފައި އަރްސަލާން ފަހަތަށް ޖެހިލުމުން މާއިޝާ ބޭނުންވިގޮތް ވެގެން ބާރަކަށް ހީގެންފައި އެތެރެއަށް ދުއްވައިގަތެވެ. އަރްސަލާން ބަލަން ހުރެލާފައި މާއިޝާ ގޮސް ގެއްލުމުން ދޮރުލައްޕާ ތަޅުލިއިރު ފުރަތަމަ ފަހަރަށް އެތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެލައިފައި ފިލިއެވެ.
މާއިޝާ ދަމުން ބަދިގެއާ ހަމައިން ހުއްޓި އެތެރެއަށް ކަޅިއެއް އެއްލާފައި އަރްސަލާންއަށް ވުރެ ކުރިން ގޮސް އެޕާޓްމެންޓްގައި ހުރި ދެކޮޓަރީން ކުރެ ކޮޓަރިއަކަށް ވަދެއްޖެއެވެ. ބަލާބެލުމަށް ހަމަ އާދައިގެ ރީތި ކޮޓަރިއެކެވެ. ފަރުނީޗަރތައްވެސް ހަމައަށް ހުއްޓެވެ. އެއީ އަރްސަލާންގެ ކޮޓަރިތޯ ބަލަންވެގެން އަލަމާރި ހުޅުވާލިއިރު ކޮނޑުގައި އަޅުވާފައި ހުރި އަތްދިގު ޓީޝާޓްތައް ފެނިފައި އެކަން ޔަޤީންވިއެވެ. މުޅިންވެސް އަނދިރި ކުލަ ތަކުގެ އަންނައުނެވެ. ކަޅާއި ވަޅުފެހި އަދި ކަނޑު ނޫ ފަދަ ކުލަތަކެވެ. ބައެއް އެއްޗެހީގައި އަގު ޖަހާފައި ހުރި ކަރުދާސްކޮޅުތައްވެސް ނުނައްޓައި ހުއްޓެވެ. އަރްސަލާން ޝޮޕިންއަށް ގޮސް އުުޅުނުއިރު އެތާ އުޅުނު އަންހެންކުދިންނަށް ވާނެގޮތް ހިތަށް އަރާފައި އަމިއްލައަށްވެސް ހެވުނެވެ. އޭނާ އަލަމާރި ކައިރިން ދުރަށް ޖެހިފައި ގޮސް ދޮރުފޮތިތައް ކަހާލުމުން ބިއްލޫރި ގޮޅިޖަހާފައިވާ ބިތްގަނޑުގެ އަނެއްފަރާތުގައި އޮތީ ފެހި ވެޔޮތަކުން ފަޅުފިލާފައި އޮތް ބެލްކަންޏެވެ. ބިންގަނޑުގައި ހައްދާފައި ހުންނަ ކާޕެޓްހެން ބެލްކަނި ފުރޭންދެން ފެތުރިފައި އޮތް ފެހި ވެޔޮތައް ރެއިލިންގައިވެސް އޮޅާލައިގެން ތިރިއަށް އެލިފައި އޮތެވެ. އަދި މިވެޔޮގަނޑުގެ އެކި ހިސާބުގައި ހުދު ކުލައިގެ އެތައް ސަތޭކަ ކުދި މާތަކެއް ފޮޅިފައި ވެއެވެ. އެއީ އޭނާއަށް އަރްސަލާން ހޯދަން އެނގުނުގޮތެވެ. މަގުމަތިން އަރްސަލާން ފެނުނު ދިމާ މަތީގައި ހުރި ބެލްކަނިން ތިރިއަށް އެލިފައި އޮތް ވެޔޮތަކާއި އޭގައި ފޮޅިފައި ހުރި ކުދި މާތައް އޭނާ ކުރިން ދުށީ ހަމައެކަނި ގަމުގައި އަރްސަލާން އުޅުނު ފެންގަނޑު ކައިރިންނެވެ.
އިރުކޮޅަކުން ފިޔަވަޅުގެ އަޑު އިވިގެން މާއިޝާ ބަލައިލިއިރު އަރްސަލާން ހަށަން ބަނދެލައިގެން ހުރީ ދޮރުކަނީގައި ލެނގިލައިގެންނެވެ. ކުރިމަތީ ފެންނަން އޮތް މަންޒަރަށްވުރެވެސް މާއިޝާއަށް އެވަގުތު ރީތިވީ އަރްސަލާން ހުއްޓިލައިގެން ހުރި ގޮތެވެ. ބަލަން ހުރިގޮތުން ނޫންކަމެއްވެސް ނޭނގެއެވެ. ލޮލުގެ ކުލަ ހުރީ ލައިގެން ހުރި ގަދަފެހި ކުލައިގެ ޓީޝާޓް ފަދައިން ގަދަކޮށެވެ. ފަންއިސްތަށިކޮޅު ހާވާލެވިފައެވެ. އަބަދު އެއްވަރެއްގައި ތުނިކޮށް ހުންނަ ތުނބުޅިއާ މަތިމަހުން ފިރިހެންވަންތަކަން ދައްކައެވެ. "ޑޭމް.. ހައު ކެން ޔޫ ބީ ސޯ ޑިވައިންލީ ބިއުޓިފުލް؟" މާއިޝާ ހިތާއި ހިތުން ކިޔައިލިއެވެ. އަރްސަލާން އެއަޑު އިވުނީ ނޫންކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ފެނުނީ ހަށަން މޮހާލައިފައި ބުމަ ގޮށް ޖަހާލިތަނެވެ. މާއިޝާ އަވަހަށް ނޫންކަމަށް ހެދިފައި ދޮރު ހުޅުވާލައިގެން ބެލްކަންޏަށް ނިކުމެއްޖެއެވެ. މަލެއް ފިސްވެދާނެތީ ނިކަން ބަލައިގެން ގޮސް ރެއިލިން ކައިރިއަށް ހުއްޓިފައި އެންމެ ކައިރިން އަތުޖެހޭ ހިސާބުން މަލެއް ބިނދެލިއެވެ. ވަސް ބަލާލަން ނޭފަތުގައި ޖައްސާލިއިރު އަރްސަލާންގެ ހަށިގަނޑުން ދުވާ މީރުވަސް ފަދައިން އޭގައިވެސް ދުވަނީ އަޖައިބެއްފަދަ ވަހެކެވެ. "ތެދެއް ބުނަންތަ؟ މީ އަހަރެން އަރްސަލާން ހޯދި ގޮތަކީ. މިވެޔޮތަކާއި މި މާ." އަރްސަލާން އައިސް ކުޑަ ތަންކޮޅެއް ދުރުގައި ހުއްޓުނުތަނާ މާއިޝާ ބުނެލިއެވެ. އޭނާ މޫނު އަނބުރާލިއިރު އިއްތިފާޤުން އަރްސަލާންވެސް އެމޫނަށް ބަލައިލީއެވެ. އެއާއެކު ހަމަ އެހާ އަވަހަށް އަނެއްފަރާތަށްވެސް އަނބުރާލިއެވެ.
"އަރްސަލާން. އެދުވަހު އަރްސަލާން ފުރަތަމަ ފަހަރަށް އަހަންނާމެދު ފީލްވާގޮތް ބުނެފައި މިގުޅުމާއިގެން ދެވޭނެ އެންމެ ކުރިއަކަށް ދާން އެއްބަސްވީ ފަދައިން އަހަރެންވެސް އެދުވަހު އަމިއްލަ ނަފްސަށް ވަޢުދުވިން. އޭގެ މާނައަކީ ދިމާވި ކުޑަ ކަމަކާ ހުރެ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ފިލުމެއް ނޫން. އަހަންނަށް އިނގޭ ދިރިއުޅުމަކީ ފަސޭހަ އެއްޗެއް ނޫންކަން. އެކަކަށްވެސް ހުރިހާ އެއްޗެއް ނުލިބޭނެ. އަހަންނަށް ފަސޭހަ ދިރިއުޅުމެއް ލިބުނުއިރު އަހަރެން ބޭނުންވިފަދަ ލޯއްބެއް އޭރު ނުލިބުނު. ދެން މިއަދު އަހަރެންނަށް އަހަރެންގެ ލޯބި ފެނުނުއިރު އެލޯބި އަހަރެންގެ ހަޔާތުގެ ބަޔަކަށް ހަދަން އާއިލާއާއި ދަންނަ އެންމެންނާއި ވަކިވާން ޖެހުމަކީ އެންމެ ކައިރީގައިވާ ކަމެއް. އަހަރެން ބުނަން މިއުޅެނީ ނާޔަލްއާ އަރްސަލާން ދެމީހުން ހުއްޓާ ދެމީހުން ތެރެއިން އަހަރެން އަރްސަލާން ޗޫސްކުރީ އެއަށްފަހު ދެން ކުރިމަތިވެދާނެ ހުރިހާ ކަމަކަށްވެސް ތައްޔާރުވެ ހުރެއޭ." ވާހަކައިގެ ވަކި ހިސާބަކުން ޖަޒުބާތީ ވެގެން މާއިޝާގެ އަޑަށް ބަދަލުއައެވެ. އެކަމަކު އޭނާ ނިންމާލީ ބުނަން އޮތް ހުރިހާ އެއްޗެއް ހާމަކޮށްފައެވެ. ދެކެވުނު ވާހަކައިން ހިތަށް އަނިޔާވިއެއް ކަމަކު އަރްސަލާންގެ މޫނުގެ ކުލައިން ދޭން ބޭނުންވި މެސެޖް ފޯރުކޮށްދެވިއްޖެކަން އެނގުމުން ހިތަށް ލުއި ވިއެވެ. ދެއްކި ވާހަތަކާއި އެއްބަސްވިކަން އަރްސަލާން އެންގީ އަމަލުންނެވެ. އޭނާ އައިސް ކައިރިވެލާފައި މާއިޝާގެ ކޮނޑާއި ހަމައިން ހިފަހައްޓައި ގާތްކޮށްލިއެވެ. އެވަގުތު މާއިޝާ އެމޫނަށް ބަލާލައި ހިނިތުންވެލައިފައި އަރްސަލާން ފަދައިން ތިރިބަލަން ފެށިއެވެ.
"ކީކޭ ތިބުނީ މާއިޝާއެއް ނާދެއޭ؟ ދެން ކޮބާ އޭނަ؟ ކޮންތާކަށް ދިޔައީ؟" އެނބުރި މާލެ އައިސް ގެއަށް ވަދެފައި މާއިޝާއާއި ބެހޭ ގޮތުން ސުވާލުކޮށްލުމުން ދިން ޖަވާބު އަހާފައި އާފިޔާ ފުންމައިގެން ތެދުވިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މެހެރީންއަށް ބަލައިލެވުނީ ނާޔަލް އަށެވެ. ނާޔަލް އިސްޖަހައިގެން ހުރީ ކުށެއް ކޮށްގެން ޝަރީއަތަށް ގެންގޮއްސައި ހުރި ކުށްވެރިއެއް ފަދައިންނެވެ. ފައިސަލްވެސް އެވަގުތު ބޯން އިން ކޮފީ ޖޯޑު މޭޒުމަތީ ބަހައްޓާފައި ތެދުވެ ދެޒުވާނުންގެ މޫނުގައިވާ ކުލަވަރު ދިރާސާ ކުރެވޭތޯ ބަލަން ފެށިއެވެ. "އަހަންނަކަށް ނޭނގެ މަންމާ. އަހަންނަށްވެސް އިޝީ ފޮނުވި މެސެޖްއެއް ލިބުނީ." މަންމަގެ ރުޅިވެރި ދެލޯ ދެކެފައި ބިރުން ހުރެގެން މެހެރީން ޖަވާބުދިނެވެ. އަރްސަލާންގެ ވާހަކަ ބުނެފިއްޔާ މާއިޝާއެކޭ އެއްފަދައިން އޭނާއަށްވެސް މަންމަ އަޒާބު ދައްކާނެކަން އޭނާއަށް އެނގެއެވެ. އޭނާއަށް އެނގިހުރެ މަންމަ މެނަށް ނޭންގީތީ އެކަން ކުށްވެރި ކުރާނެއެވެ. "ނާޔަލް ކީއްވެ އެއްޗެކޭ ނުބުނެ ތިހުންނަނީ؟ މެހެރީން އެބުނަނީ ތެދެއްތަ؟" ފައިސަލް ކުރިއަށް ޖެހިލާފައި ނާޔަލް ކޮނޑުގައި ހިފައިލުމުން ނާޔަލް އިސްއުފުލާލައިފައި ބޯ ޖަހައިލިއެވެ. ފައިސަލް އަޖައިބުވެ ބުނާނެ އެއްޗެއް ނޭނގިގެން ނިއްކުރީގައި އަތް ހާކާލައިފައި ދެކޮޅަށް ހިނގަން ފެށިއެވެ.
"ތިޔަ ބުނާ މެސެޖެއް ދައްކަބަލަ!" އިރުކޮޅަކުން ފައިސަލް ހުއްޓިފައި ބުނި ވާހަކައަކުން މެހެރީން މޫނުން ތަރި ބުރާލިއެވެ. އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ ނާޔަލްއަށެވެ. ނާޔަލް އަދިވެސް އިސްޖަހައިގެން ކޮޅަށް ހުއްޓެވެ. މެހެރީން ގަދަކަމުން ހިންދިރުވާލައިފައި އެމެސެޖް ހޯދުމަށްފަހު ފައިސަލް އަތަށް ދިނެވެ. އެވަގުތު އާފިޔާވެސް ކައިރިވެލައިފައި ފައިސަލްއާއެކު އެމެސެޖް ކިޔަން ފެށިއެވެ. މެހެރީން އެދެމީހުންގެ މޫނަށް ބަލާލައިފައި ނިކަން މަޑުމަޑުން ފަހަރަކު ފިޔަވަޅެއް ފަހަތަށް ޖެހެމުން ޖެހެމުން ތަންކޮޅަކަށް ދެވުނުތަނާ އެމީހުން މެސެޖް ކިޔާނިމިގެން އިސްއުފުލައިލުމުން ހުއްޓެވުނެވެ. އެވަގުތު އާފިޔާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅެނިކޮށް ފައިސަލް އާފިޔާ އަތުގައި ހިފާ ހިމޭން ކުރުވައިފިއެވެ. ރުޅިއާ ހާސްކަން އެކުވެގެން މިލާފައިވާ މޫނު ދެއަތުން ފޮރުވާލުމަށްފަހު އާފިޔާ އިށީންދެލީ ސޯފާގައެވެ. "ކާކު މިވާހަކަ މިއަށްވުރެ ތަފްޞީލްކޮށްދޭނީ؟... ނާޔަލް ބުނެބަލަ ކިހާ ދުވަހެއްވެއްޖެ މިކަމެއް ހިނގާތާ؟" ފައިސަލް ދެމީހުންނަށް މުޚާތަބުކޮށްފައި އެކަކުވެސް އިސްވެ އަނގައިން ނުބުނުމުން ނާޔަލްއަށް ބުނެލިއެވެ. މެހެރީން ފުން ނޭވައެއް ދޫކޮށްލައިފައި ނާޔަލް ބުނާ އެއްޗެއް އަޑުއަހަން ހުއްޓެވެ.
ނާޔަލްގެ ވާހަކައިން އަދި ނިމުނީއެއް ނޫނެވެ. ގަމުގައި އަރްސަލާންއާ މާއިޝާ ބައްދަލުވި ފުރަތަމަ ދުވަހުން ފެށިގެން ވީ ގޮތް މެހެރީންއަށް ކިޔައިދޭން ޖެހުނެވެ. އަރްސަލާންގެ އަސްލު ވަންހަނާ ކޮށްފައި ބޭއްވުމަށްޓަކައި އޭނާއަށް އެތައް ދޮގެއް ހަދަން ޖެހުނެވެ. އެދެމީހުންގެ ފުރަތަމަ ބައްދަވުމާއި އެކަން ކުރިއަށް ދާން ފެށި ގޮތުގެ ހުރިހާ ހާދިސާއެއްވެސް އޭނާ ކިޔައިދިނީ ހަދައިގެންނެވެ. މެހެރީން ހީކުރި ގޮތަށް އާފިޔާގެ ހުރިހާ ރުޅިއެއް އަމާޒުވީ އޭނާއަށެވެ. ފައިސަލް ހުއްޓުވަން މަސައްކަތް ކޮށްކޮށް ހުއްޓާވެސް އޭނާގެ މޫނުގައި މަންމަ ޖެހިއެވެ. މިއަދު މާއިޝާ، ކައިވެނީގެ މާތް ގުޅުން ކުޅޭ ކުޅިވަރަށް ހަދައިގެން އެއުޅެނީ އޭނާގެވެސް ކުށުން ކަމުގައި އާފިޔާ ބުންޏެވެ. އަދި އޭނާ މާއިޝާއަށް ހެޔޮއެދޭނަމަ އަރްސަލާންއާ މާއިޝާގެ ގުޅުން މިހިސާބަށް ނައިސް ހުއްޓުވީސް ކަމަށްބުނެ އެތައް އެއްޗެއް ކިޔެވެ. މަންމަ ކީ އެއްޗެއްސަށްވުރެ ބޮޑަށް މެހެރީން ދެރަވީ މަންމަ ޖެހީމައެވެ. މީގެ ކުރިން ދުވަހަކު ނުކުރި ކަމެއް މަންމަ، ނާޔަލްއާ ފައިސަލް ކުރިމަތީ ކުރުމުން އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ފުރުސަތު ލިބުމުން ހުއްޓިވެސް ނުލައި އޭނާ އައީ ކޮޓަރިއަށެވެ. ބަންޑުން އެނދަށް ވެއްޓިގަނެގެން އޮތްއިރު މަންމަގެ ވިހަ ޖުމްލަތައް ކަންފަތުގައި ގުގުމިއެވެ. އެއިން ބައެއް ވާހަކަތައް އޭނާއަށް ޤަބޫލުވެސް ކުރެވުނެވެ. އޭނާ ނާޔަލްގެ ބޭނުމުގައި ދައްތަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށް ނުލިނަމަ މިއަދު ދައްތަ ހުންނާނީ އުފަލުންނެވެ. އެކަމަކު އެދުވަހު އޭނާ އަމިއްލަ ނަފްސް އިސްކުރީތީ ދައްތަ މިއަދު އެހުރީ މުޅި ދިރިއުޅުން، އިންސާނުންގެ މަސްކައި އުޅޭ ނުބައި މަހުލޫޤަކަށް ދީގެންނެވެ. އަރްސަލާންގެ ބޮލަށް ސަވާރުވެގެން އެއުޅެނީ ކުޑަ ހިނދުކޮޅެއްގެ ލޯއްބެއް ނޫންކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ ހައިހޫނު ކަމުގައި ކެތްނުވާ ހިސާބަކަށް ދާ ވަގުތެއް އައިސް އެލޯބި ހަނދާން ނައްތާލައިފައި އަރްސަލާން މާއިޝާ ހަފައި ކުދިކޮށް ނުލާނެ ކަމެއް އެބަ އެނގޭ ހެއްޔެވެ؟ އެނގި އެނގިހުރެ އަރްސަލާންއާ މާއިޝާ ގުޅެން ދޫކޮށްލަން ހެޔޮވާނީވެސް ކިހިނެތް ހެއްޔެވެ؟
ހަފްތާއެއް ފާއިތުވެގެން ދިޔައިރު މާއިޝާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ގުޅާއިރު ފޯނު ރިންގްވިއަސް ޖަވާބެއް ނުދެއެވެ. ކައިވެންޏަށްފަހު އަނބިމީހާ ލޯބިވެރިޔާ ގޮވައިގެން ފިލި ޚަބަރު މީހުންނަށް އެނގިގެން ލިބިދާނެ ހުތުރު ނަމަކަށްޓަކައި އެންމެން އަދި ތިބީ އަނގަ ބަންދުކޮށްގެންނެވެ. އެކަން ސިއްރު ކުރަން އެންމެ ބޮޑަށް ބާރު އެޅީ ނާޔަލްއެވެ. އޭނާ ވަކި ގޮތަކަށް ނިންމާނީ އެއްފަހަރު ނަމަވެސް މާއިޝާ އާއި ބައްދަލުވި ދުވަހަކުން ކަމުގައި އޭނާ ބުންޏެވެ. އެދުވަހަކީ މާއިޝާ ވަރިއަށް އެދިގެން ކޯޓަށް އޭނާ ގެންދާ ދުވަސް ކަމަށްވިއަސް ރަނގަޅެވެ. އާއިލާ މީހުން އޭނާއާއި ގުޅިގެން މިފަދަ ހާސްކަމެއްގައި ތިބިއިރު އަނެއްކޮޅުން މާއިޝާ އެކޭ އުދުހިލާފައި އުޅޭ އުފާވެރި ދޫންޏެކޭ އެއްފަދައެވެ. އަރްސަލާންގެ އެޕާޓްމެންޓްގައި ދެމީހުން ދެކޮޓަރީގައި ނިދާ ހެދިއެއް ކަމަކު އެހެން ހުރިހާ ވަގުތެއް ހޭދަ ކުރަނީ އެކުގައެވެ. އެކަމަކު އަދިވެސް ވަކި ވަރަކަށްވުރެ ކައިރިވާން އަރްސަލާން ފަސްޖެހެއެވެ. ދެމީހުން އެކަކު އަނެކަކުގެ ކޮނޑަށް އަތްލައި ގަަޔާއި ކައިރިކޮށްލުމަށްވުރެ އިތުރަށް ކަމެއް ކުރަން އަރްސަލާން ތައްޔާރެއް ނޫނެވެ. ޚުދު މާއިޝާ ހުރީ އަރްސަލާންއާއެކު އަމިއްލަ ނަފްސަށްވެސް ވަގުތު ދީގެންނެވެ. ކުރީ ފަހަރުގެ ތަޖުރިބާ ހަނދާންވެފައި އިޚުތިޔާރަކާ ނުލައި އަދިވެސް ލޯލިތައް ކޮޅަށް ޖެހެއެވެ.
މާއިޝާއަށް ވަޒީފާ ލިބިގެން ގުޅީ ދެން ފެށުނު ހަފްތާގައެވެ. އޭރު އޭނާ އިނީ ހެނދުނު ތެދުވެ ކޮފީ މަގެއް ހިފާލައިގެން ޓީވީ ދޮށުގައެވެ. ފޮނިވެގެން އަވަހަށް އަރްސަލާންއަށް އެޚަބަރު ދޭންވެގެން ދުވެފައި ގޮސް އެކޮޓަރި ހުޅުވާލައިފައި ދެވަނަ ސިކުންތުގައި ރަކިވެގެން އެނބުރެވުނީ އަނެއްފަރާތަށެވެ. އަރްސަލާން އަލަމާރި ހުޅުވާލައިގެން އެކަނި ބޮކްސާކޮޅެއްގައި ހުރެފައި ދޮރުހުޅުވި އަޑަށް އެނބުރި ބަލައިލީއެވެ. "ސޮރީ. ސޮރީ. ސޮރީ." މާއިޝާ ދެލޯ ތަގުޅިކޮށްލަމުން އެއްފައްޗަކަށް އަމުނާލައިފައި ލޯ ހުޅުވާލިގޮތަށް ދުވެފައި ސިޓިންރޫމަށް ނިކުތެވެ. އިރުކޮޅަކުން އަރްސަލާން އައިސް އިށީންދެލީ ކުރިމަތީ ހުރި ސޯފާގައެވެ. "އަހަރެން ވަރަށް ކިއުރިއަސްވެފަ މިހުންނަނީ. އަރްސަލާން އެންމެ ފުރަތަމަ ފެންގަނޑުން އެރިއިރު ގައިމު ހުންނާނީ ތިހެން ޑްރެސްކޮށްފައެއް ނޫނެއްނު. ކިހިނެތްވީ އެދުވަހު ފުރަތަމަ؟" މާއިޝާ ސުވާލު ހުށައަޅާލައިފައި ދެއަތުން އަނގަމަތީ އަތް އަޅައިގެން ބަލަން ފެށީ ޓީވީއަށެވެ. "ކަނޑަށް ފެތޭ ބޯޓުތަކުގައި ތިބޭ މީހުން އަންނައުނު ލައިފަ ހުންނާތީ ކުރިންވެސް ދެކެން. އެހެންވެ ފެންގަނޑުން އަރާފަ ފުރަތަމަވެސް އެދުވަހު އުޅުނީ ގަޔަށްލާނެ އެއްޗެއް ލިބޭތޯ. ގެއެއްގެ ރޯނުގައި ހިއްކަން އަޅާފަ ހުރި ޓީޝާޓަކާއި ޖިންސެއް ފުރަތަމަ ލީ." އަރްސަލާން ޖަވާބުދިންއަޑަށް މާއިޝާ ބަލައިލިއެވެ. ފެންގަނޑު ކައިރިން އަރްސަލާން ހުސްފަޔާ ހުއްޓާވެސް އޭނާއަށް ކުރިން އޮތީ ފެނިފައެވެ. އެކަމަކު ފަހުން ހުންނަނީ އަބަދުވެސް ފައިވާނަކަށް ނޫނީ ބޫޓަކަށް އަރާލައިފައެވެ. އެކަމަކު އެހާ ސްޓައިލިޝް ކޮށް ސްމާޓްކޮށް ހެދުން އަޅަން އަރްސަލާން ދަސްކުރީ ކިހިނެތް ހެއްޔެވެ؟
"ކިހިނެތްވީ ކުރިން؟" މާއިޝާ އަމިއްލަ ހިޔާލުގައި އިންދާ އަރްސަލާން އަހައިލިއެވެ. "ޖޮބް ލިބުނީ. މާދަމާއިން ފެށިގެން ނިކުންނަންވީ." މާއިޝާ އަނެއްކާވެސް ފޮނިވެފައި ބާރުބާރަށް ޖަވާބުދިނެވެ.
ވަޒީފާއަށް ދިޔަ ފުރަތަމަ ދުވަހުވެސް އެތައް ބައެއްގެ ސަމާލުކަން މާއިޝާއަށް ލިބުނެވެ. އޭނާއާއި އެކުވެރިކަން އުފައްދަން މަސައްކަތް ކުރީ ހަމައެކަނި ފިރިހެން ކުދިންނެއް ނޫނެވެ. އަންހެން ކުދީންވެސް މެއެވެ. އެހުރިހާ އެންމެންގެ ތެރެއިންވެސް މާއިޝާ އެންމެ ގަޔާވި ކުއްޖަކަށް ވީ ހޫނާއެވެ. ހޫނާ ފެނުމުން އޭނާ މެހެރީން މަތިން ހަނދާންވިއެވެ. ފާއިތުވި ދުވަސްތަކުގައި ކޮއްކޮ ފޮނުވާފައިވާ މެސެޖްތައް މަތިން ހަނދާންވެގެން އެކަނި ވުމުން ފަހަރަކު މެސެޖެއް ކިޔަން ފެށުނެވެ. އެތަނުން ގިނަ މެސެޖް އޭނާ ހުޅުވާލައިފައި ބެހެއްޓީ ނުވެސް ކިޔައެވެ."އިޝީ. އައި މިސް ޔޫ." އެންމެ ފަހު މެސެޖްގައި މެހެރީން ލިޔެލާފައި އޮތީ ހަމައެކަނި އެހެންނެވެ. މާއިޝާ ވިސްނާލަން އިރުކޮޅަކު އިނދެފައި މެހެރީންއަށް ގުޅައިލިއެވެ. އެކަމަކު ކެނޑުނުއިރުވެސް މެހެރީން ފޯނެއް ނުނެގިއެވެ. އަދި ނުހޭލަނީކަމަށްވެސް ވެދާނެއެވެ. އަމިއްލަ ހިތަށް ވިސްނައިދީފައި ބްރޭކްއަށް ދާން ނިކުންނަން އުޅެނިކޮށް ރިސެޕްޝަނުގައި އިންނަ ކުއްޖާ ގުޅާފައި ބުނީ ފިރިހެނަކު އޭނާ ހޯދަން އައިސް ހުރި ވާހަކައެވެ. އެވަގުތު އެއީ ކާކުކަމާމެދު ސުވާލު އުފެދިފައި މާއިޝާގެ ގައިން ހީބިހި ނަގައިލިއެވެ.